17 Feb 2020

By: Ifraz Ali

ޒަމާނީ ބޮޑުބެރުގެ، ފުރަތަމަ ރަސްގެފާނު، އިބްރާހިމް މަމްދޫހް (މަންޑޭ)، އެ ގްރޫޕަކަށް ނިސްބަތްވާ ހަރުބީގެ ފެށުން އޮތީ ޓީވީއެމުން ގެނެސްދިން ބޮޑުބެރު ޗެލެންޖުގެ ވެސް މާ ކުރިންނެވެ. އެކަމަކު 2010 ވަނަ އަހަރު ގެނެސްދިން އެ މުބާރާތުން ރަން ވަނައާ އެކު އަޑު ގަދަވި އެވެ. ހާއްސަކޮށް، މަންޑޭގެ ހިތްގައިމު އަޑެވެ. ހަރުބީގެ ލީޑު ވޯކަލިޓްސް، މަންޑޭ އަކީ އެ ފަހަރު މުބާރާތުގެ ރަން އަޑު ވެސް މެ އެވެ. އޭގެ ފަހުން މިހާރު ދިހަވަރަކަށް އަހަރުވީއިރު، އޭނާ ނުފެނި ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

ފޮޓޯގްރެފީ: ނަވިން ސައީދު | މޭކަޕް އެންޑް ސްޓައިލިން: ރިޒްނާ އަހްމަދު | ވޯޑްރޮބް: ޗެޕްސް

މިހާރު ފެނުން މަދު ނަމަވެސް މަންޑޭގެ އަޑު އަދިވެސް ވަރަށް ގަދަ އެވެ. އެހެންވެ މަންޑޭ ހުރި ތަނެއް ބަލައި، އޭނާ ނުފެނި މިދިޔަ ދުވަސްތަކުގައި އުޅުނު ހިސާބު ހޯދީމެވެ. "ދޯ" ގެ މި މޭކްއޯވާގައި މި ގެނެސްދެނީ މަންޑޭ ބޮޑުބެރު ފެށި ހިސާބުން، މިއަދު މި މަންޑޭއާ ހަމައަށް، އޭނާގެ ކެރިއަރުގައި ދިމާވި އެކި ކަންކަމުގެ ވާހަކަތަކެވެ.

އިބްރާހިމް މަމްދޫހް (މަންޑޭ) ގެ މޭކްއޯވާ އިންޓަވިއު. -- ވީޑިއޯ: މާސްކޭ ސްޓޫޑިއޯ | އެޑިޓިން: އަފްޝީން ނަސީރް

މިފަހަރު ވެސް ހަމަ ފޮޓޯގްރާފަރު ނަވިން ސައީދު އާއި މޭކަޕް އާޓިސްޓް ރިޒްނާ އަހްމަދުގެ ކޮލެބްއާ އެކު އަހަރެމެން، ޗެޕްސްގެ ކޮސްޓިއުމްގައި މަންޑޭގެ ތަފާތު ދެ ލުކެއް ރެޑީ ކުރީމެވެ.

ފޮޓޯގްރެފީ: ނަވިން ސައީދު | މޭކަޕް އެންޑް ސްޓައިލިން: ރިޒްނާ އަހްމަދު | ވޯޑްރޮބް: ޗެޕްސް

ބޮޑުބެރުގެ ކުރިން ވެސް ސަގާފީ އެކިއެކި ކުޅިވަރުތަކާއި މިއުޒިކަށް މަންޑޭގެ ޝައުގުވެރިކަން ހުއްޓެވެ. އެ ޝައުގުވެރިކަން ފުރަތަމަ އުފެދުނީ އުފަން ރަށް، ރ.ރަސްމާދޫގައި އުޅުނުއިރު، އޭނާގެ ބޭބެގެ ފަރާތުންނެވެ. އޭރު އޭނާ އަށް ވާނީ އަށެއްކަ އަހަރެވެ. މަންޑޭގެ ބޭބެ އަކީ އޭރު ބޯޓުދަތުރުކުރަން އުޅުނު މީހެކެވެ. ބޭރުން އަންނަ ކޮންމެ ފަހަރަކު މިއުޒިކް ކުޅޭ އެކި ކަހަލަ ސާމާނު ގެނެސްދެ އެވެ.

މަންޑޭ މާލެ އަށް ބަދަލުވީ އޭނާގެ އުމުރުން 13 އަހަރުގަ އެވެ. އެއީ އިތުރަށް ކިޔަވަންވެގެންނެވެ. އޭނާ ކިޔެވީ ކުރީގެ އަމީރް އަހްމަދު ސްކޫލުންނެވެ. ހަރުބީ ބޮޑުބެރު ގްރޫޕް އުފަންވީ އެ ތަނުންނެވެ. އެއީ 2005 ގައި ކަމަށް މަންޑޭ ބުންޏެވެ. އޭރު އެކީގައި ކިޔެވި ކުދިންނާ އެކު ހެދި ގްރޫޕެކެވެ. ސްކޫލް ނިންމުމުން ވެސް ހަމަ އެ ގްރޫޕް އޮތް ގޮތަށް އޮތެވެ.

ފޮޓޯގްރެފީ: ނަވިން ސައީދު | މޭކަޕް އެންޑް ސްޓައިލިން: ރިޒްނާ އަހްމަދު | ވޯޑްރޮބް: ޗެޕްސް

"ހިތާނީތަކަށް ގޮސް ބެރުޖަހައިދިނިން 300ރ. އަށް އޭރު، ސައިދިނީމަ،" މަންޑޭ ބުންޏެވެ.

ބޮޑުބެރުގެ ތެރޭގައި އުޅެމުން، ސްކޫލް ނިންމާލައިފައި އޭރު މަންޑޭގެ އަސްލު ވަޒީފާގެ ގޮތުގައި އުޅުނޫ އާޓް ޓީޗަރަކަށެވެ. އަމީރް އަހްމަދު ސްކޫލްގެ ޕްރިންސިޕަލް ހަމްދޫން ހަމީދުގެ އެދުމަކަށް އެ ވަޒީފާ އަށް ނިކުމެ، ހަ އަހަރު އެ މަސައްކަތް ކުރި އެވެ. އެއީ ސްކޫލްގެ އާޓް ކްލަބްގައި އުޅުނުއިރު، ޕްރިންސިޕަލަށް އޭނާގެ ހުނަރު ފެނިގެން ދިން ފުރުސަތެކެވެ. މަންޑޭ އަށް "މަންޑޭ" ވެސް ކިޔުނީ ހަމަ އެ ދުވަސްވަރު އެވެ. އެ ނަމަކީ އޭނާ ކިޔަވައިދިން ދަރިވަރުން ފަސޭހައަކަށް ކިޔަން ފެށި ނަމެކެވެ.

ފޮޓޯގްރެފީ: ނަވިން ސައީދު | މޭކަޕް އެންޑް ސްޓައިލިން: ރިޒްނާ އަހްމަދު | ވޯޑްރޮބް: ޗެޕްސް

"ސްކޫލް ނިންމާފައި ބޭބެ އާއި ކޮއްކޮއާ އެކު ދެ ފިހާރައަކަށް ވެސް ކުރަހައިދިނިން،" އަދި ބައެއް ރައްޓެހިންގެ ގޭގެ ފާރުގައި ވެސް ކުރަހައިދީ، އިންޓީރިއާގެ މަސައްކަތް ވެސް އޭނާ ކުރި އެވެ.

އެ މަސައްކަތް ހުއްޓާލަން ޖެހުނީ މަންޑޭގެ އާއިލާއިން މާލޭގައި ފިހާރަތަކެއް ހުޅުވީމަ، އާއިލީ ވިޔަފާރީގެ ކަންކަމުގެ މާ ގިނަ ވަގުތު އުޅެން ޖެހުމުންނެވެ. ޓީޗާރުގެ ވަޒީފާ ވެސް ދޫކޮށްލައިފައި އޭނާ އެއްކޮށް ހުސްވީ އެކަމަށެވެ. އެކަމަކު އޭރު ވެސް ބޮޑުބެރު ގްރޫޕްގެ ކަންކަމަށް އޭނާ ވަގުތު ހުސްކުރެ އެވެ.

ފޮޓޯގްރެފީ: ނަވިން ސައީދު | މޭކަޕް އެންޑް ސްޓައިލިން: ރިޒްނާ އަހްމަދު | ވޯޑްރޮބް: ޗެޕްސް

އޭރު އެމީހުން ބޮޑުބެރު ޕްރެކްޓިސްކުރަނީ އެމީހުން ގްރޫޕް ކުއްޖެއްގެ ގޭގަ އެވެ. މަންޑޭ ބުނީ އޭރު އެންމެ އުނދަގޫވީ ގްރޫޕްގެ ކަންކަން ކުރަން ސައުންޑެއް، މައިކެއް، ބެރެއް އެއްޗެއް ގަންނަން ވެސް، އަތުގައި ފައިސާ ނެތުމުން ކަމަށެވެ. އޭރު އެމީހުން ބެރު ވެސް ގެންގުޅުނީ ކުއްޔަށް ހިފައިގެންނެވެ.

"100ރ. އަށް ކުއްޔަށް ބެރެއް ނަގައިފައި، 300ރ. އަށް މީހުންނަށް ބެރުޖަހައިދޭން ދިޔައީ. ތިން ބެރު ނަގަނީ ކޮންމެ ފަހަރަކު. އެހެންވީމަ އެ ލާރި އެއްކޮށް ދާނީތާ،" ލިބޭ ލާރިއަކަށް ވުރެ ބޮޑަށް އޭރު ގްރޫޕް އެންމެން ވެސް އެކަން ކުރީ ހިތްހަމަޖައްސާލަން ކަމަށް މަންޑޭ ބުންޏެވެ.

ފޮޓޯގްރެފީ: ނަވިން ސައީދު | މޭކަޕް އެންޑް ސްޓައިލިން: ރިޒްނާ އަހްމަދު | ވޯޑްރޮބް: ޗެޕްސް

އެހެން އުޅެނިކޮށް ޓީވީއެމުން ބޮޑުބެރު ޗެލެންޖު އިއުލާނުކޮށް ބައިވެރިވުމަށް ފުރުސަތު ހުޅުވާލި އެވެ. އެ ފަހަރުގެ މުބާރާތުގައި ބައިވެރިވި އެންމެ ޒުވާން ގްރޫޕަކަށްވީ ހަރުބީ އެވެ. އަދި އެމީހުން ބޮޑުބެރުޖަހަން ގެންގުޅު ތަފާތު ސްޓައިލްވީ ގިނަ ބަޔަކަށް ޝައުގުވެރިކަން އުފެދުނު ކަމަކަށެވެ.

ފޮޓޯގްރެފީ: ނަވިން ސައީދު | މޭކަޕް އެންޑް ސްޓައިލިން: ރިޒްނާ އަހްމަދު | ވޯޑްރޮބް: ޗެޕްސް

"ކުޑަކޮށް މިކަން ކުރާ ސްޓައިލް ވެސް ބަދަލުވީމަ، އުނަގަނޑު މަތީގައި ބެރު ބަހައްޓައިގެން، ކޮޅަށް ހުރެގެން އަހަރެމެން ޖެހީ. ކުރީގައި ވެއްޖެއްޔާ ސްޓޭންޑުގައި ބަހައްޓައިގެން ނުވަތަ އިށީނދެ ތިބެގެން ޖަހަނީ،" މަންޑޭ ގަބޫލުކުރަނީ ގިނަ ބަޔަކަށް ހަރުބީ ކަމުދިޔައީ އެ ތަފާތު ފެނިގެން ކަމަށެވެ. އަދި ބޮޑުބެރަކީ ދިވެހިން ލޭ ކެކޭ އެއްޗަކަށް ވެފައި، އެހާ ޒުވާން ބަޔަކު އެކަން ކުރަން ނިކުތީމަ އެވެ.

ބޮޑުބެރު ޗެލެންޖުން ލިބުނު މަޝްހޫރު ކަމާއެކު ހަރުބީ އިން މަހެއްގެ މައްޗަށް 22-24 ރޭ ހިތާނީތަކުގައި ޝޯ ދިނެވެ. އެމީހުންގެ އަމިއްލަ ސްޓޫޑިއޯއެއް ހަދައި، އެ ކަމަށް ބޭނުންވާ އެއްޗެހި ވެސް ހޯދީ އެ ޝޯތަކުން ލިބުނު ފައިސާއިންނެވެ.

ފޮޓޯގްރެފީ: ނަވިން ސައީދު | މޭކަޕް އެންޑް ސްޓައިލިން: ރިޒްނާ އަހްމަދު | ވޯޑްރޮބް: ޗެޕްސް

"މިހާރު ކުރިން ކުރާ ގޮތަކަށް ނުކުރެވޭ. އޭރު އަހަރެމެން އެންމެ ވެސް ސްކޫލް ނިންމާލި ގޮތަށް އަނެއްހެން ހުސްކޮށް ތިބެނީ. އެކަމަކު މިހާރު ގްރޫޕްގައި ތިބި ގިނަ މީހުން އަމިއްލަ ދިރިއުޅެމެއް ފަށައިގެން ބިޒީވެ، ކުރިން އެ ދިން ވަރަށް ވަގުތު ނުދެވިފަ އޮންނަނީ،" އެކަމަކު މިހާރު ވެސް ވަގުތުވީ ވަރަކުން އެންމެ ޝޯތަކަށް ދެ އެވެ.

މިހާރު ހަރުބީ ގިނައިން ޕާފޯމްކުރަނީ ރާއްޖޭއިން ބޭރުގަ އެވެ. ބޭރު ގައުމުތަކުގައި ރާއްޖެ ތަމްސީލު ކުރުމަށް މިހާރު 17 ފަހަރެއްގެ މަތިން ގޮސްފި އެވެ. ސަރުކާރާއި އަމިއްލަ މީހުންގެ އިވެންޓުތަކުގައި ވެސް އަދިވެސް ޕާފޯމްކުރެ އެވެ. އަދިވެސް ހަމަ ހިތާނީތަކަށް ޝޯ ދިނުމަށް ވެސް ދެ އެވެ.

ފޮޓޯގްރެފީ: ނަވިން ސައީދު | މޭކަޕް އެންޑް ސްޓައިލިން: ރިޒްނާ އަހްމަދު | ވޯޑްރޮބް: ޗެޕްސް

"ގްރޫޕްގެ ހުރިހާ ކުދިންގެ މަސައްކަތް މީ،" މިއަދާ ހަމައަށް ލިބުނު ކޮންމެ ކާމިޔާބިއެއް ލިބުނީ، ގްރޫޕް ހަމަ އޮތް ގޮތަށް އަދިވެސް އޮތީމަ ކަމަށް މަންޑޭ ބުންޏެވެ.

ބޮޑު ބެރު އިބްރާހިމް މަމްދޫހް (މަންޑޭ)

Popular