By: Ifraz Ali
        
      
  
        
        ފުޓުބޯޅަ ކުޅުންތެރިން، އެތުލީޓުން، ލަވަކިޔުންތެރިން، ފިލްމު ސްޓާރުން އަދި އެހެން ވެސް ބައެއް ދާއިރާތަކުގެ އެންމެ އާންމު މޫނުތަކެވެ. މިފަހަރު ތަފާތަކީ، މި މޫނުތައް ދައްކާލާފައި ވަނީ ދިވެހި އާޓިސްޓެއްގެ "ސްކްރިބްލް އާޓް" ގެ ހުނަރުވެރި މަސައްކަތުން ވީމަ އެވެ. އިންސްޓަގްރާމްގައި މިއީ "ބޮހީމިއަން19" އެވެ. ކުޅަދާނަ ގްރެފިކް ޑިޒައިނަރެއްގެ އިތުރުން ހުނަރުން ފުރިފައިވާ ފުޓްބޯޅަ ކުޅުންތެރިޔެއް ވެސްމެ އެވެ. ނަމަކީ  އަބްދުﷲ ރައިހާނެވެ.
       
  
  
      
    
  
        
        ސްކްރިބްލް އާޓަށް ރައިހާން އެންމެ ފުރަތަމަ ޝައުގުވެރިވެ، އިންސްޕަޔާވީ އޭނާގެ އެކުވެރިޔާ ހަސަނު މި މީޑިއަމް ބޭނުންކޮށްގެން ކުރެހި ފުޓްބޯޅަ ކުޅުންތެރިއެއްގެ އާޓްވޯކެއް ފެނިގެންނެވެ. ހަސަނު ކުރެހީ ބްރެޒިލްގެ ފުޓްބޯޅަ ކުޅުންތެރިޔާ ނޭމާ އެވެ.
       
  
  
  
            
         ސްކްރެބުލް އާޓް ބޭނުންކޮށްގެން ރައިހާންގެ އެކުވެރިޔާ ހަސަނު ކުރެހި ނޭމާގެ ތަސްވީރު.
        
                  ސްކްރެބުލް އާޓް ބޭނުންކޮށްގެން ރައިހާންގެ އެކުވެރިޔާ ހަސަނު ކުރެހި ނޭމާގެ ތަސްވީރު.
              
      
  
  
        
        "އަދިވެސް އޮންނާނެ އޭތި ވޮލެޓުގައި. އެއީ އަސްލު ސްކްރިބްލް އާޓަށް ވަދެވުނު ގޮތް،" ހަސަނު އަތުން ކުރެހި، އެ ސްކްރިބްލް އާޓްވޯކްގެ ވާހަކަ ދައްކަމުން ރައިހާން ބުންޏެވެ.
       
  
  
  
        
        އާޓަށް މާ ބޮޑަށް ޝައުގުވެރިވެ، ރައިހާން ކުރަހަން ފެށީ، އޭނާގެ ގާތް އެކުވެރިއެއް ކަމުގައިވާ ކުރެހުންތެރިޔާ ޖަނާހުގެ މަސައްކަތް ފެނިގެންނެވެ. އޭގެ ކުރިން އޭނާ އަކީ ފުޓްބޯޅަ ކުޅުންތެރިއެކެވެ. ފުރަތަމަ ކުޅުނީ ދިވެހި ފުޓްބޯޅަ ކްލަބް، މާޒިޔާގެ ޔޫތު ޓީމަށެވެ. މާޒިޔާގެ ސީނިއާ ޓީމަށް ވެސް ކުޅެފައިވާ ރައިހާން އެންމެފަހުން ކުޅުނީ ގްރީން ސްޓްރީޓަށެވެ.
       
  
  
  
              
         
        ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ).
       
  
  
  
              
         
        ޓީވީ ޕްރެޒެންޓާ މޫސާ ވަސީމް އާއި ނަހޫ.
       
  
  
  
        
        "ކުޅެން އުޅެނިކޮށް ފަޔަށް އަނިޔާވެގެން، ފައި އޮޕަރޭޝަން ކޮށްގެން އުޅެނިކޮށް ފެންނަނީ ރައްޓެއްސަކު އެޑޯބް އިލަސްޓްރޭޓައިން ކުރަހާފައި ހުންނަތަން. އޭގެން ފުރަތަމަ ފެއްޓީ. އޭރު ދެން ވަކި ލާރިއަކަށް ވެސް ނޫން،" އޭގެ ކުރިން ވެސް އެހެން ބައެއް މީޑިއަމްތައް ބޭނުންކޮށްގެން އޭނާ ކުރަހަ އެވެ.
       
  
  
  
        
        "ކުލައިން ކުރަހަން ފެށިއިރުގައި ކުރެހީ މަންޒަރުތަކެއް، ހަމަ ޖަނާހު އެ ކުރަހާ ގޮތަށް. އޭނަ ކުރަހާއިރު، ހަމަ ބަލަން އިންނަނީ،" އޭނާގެ އާއިލާގައި ވެސް ކުރަހަން މޮޅު މީހުން އުޅޭ ކަމަށް ރައިހާން ބުންޏެވެ. އަދި އެ ޝައުގުވެރިކަން އެހާ ބޮޑުވި ސަބަބަކީ އެއީ ކަމަށް ވެދާނޭ ބުންޏެވެ.
       
  
  
  
              
         
        "ޕީކީ ބްލައިންޑާސް" ގެ ލީޑް ކެރެކްޓާ، ޝެލްބީ.
       
  
  
  
              
         
        ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ ކީޕަރު ލިޒް.
       
  
  
  
        
        ހޮބީއެއްގެ ގޮތުގައި ރައިހާން ކުރަމުން އައި ސްކްރިބްލް އާޓްވޯކްތަކަށް މާ ބޮޑު ތަރުހީބެއް ލިބި، ވައިގަހިފީ މިދިޔަ ލޮކްޑައުން ތެރޭގަ އެވެ.
       
  
  
  
        
        "ރައްޓެހިން ވެސް ކުރަހާދޭން ބުނޭ މިހާރު. ބޯޅަ ކުޅެފައި އައިސް، ކުރަހާ، އިލަސްޓްރޭޓްކޮށް، ދެން ގްރެފިކް ޑިޒައިންގެ ކަންތައްތައް ކޮށްލަނީ،" ރައްޓެހިންނާއި އާއިލާގެ ފަރާތުން ލިބޭ ހިތްވަރުގެ ވާހަކަ ދައްކަމުން ރައިހާން، އޭނާގެ އާންމު ދުވަހެއް ދާ ގޮތަށް ކިޔައިދިނެވެ.
       
  
  
  
              
         
        ބެޑްމިންޓަން ކުޅުންތެރިން ކަމަށްވާ ނަބާ އަބްދުލް ރައްޒާގު އާއި ނަބީ އަބްދުލް ރައްޒާގު.
       
  
  
  
              
         
        ދުވުންތެރިޔާ ނުޖޫމް ހަސަން.
       
  
  
  
        
        "ކީކޭ ބުނާނީ، ބަލާލައިރު ވަރަށް 'މެސީ'ކޮށް ހުންނާނީ. ކައިރިން ބަލާއިރު ހީވާނީ ވަރަށް ހަޑިހަޑި އެއްޗެކޭ، އެކަމަކު އޭތި ޒޫމް އައުޓްކޮށްފައި ބަލަލާއިރު، ބިގް ޕިކްޗާ ވަރަށް ރީތިވާނެ،" ރައިހާން ބުންޏެވެ.
       
  
  
  
        
        "އަދި ހަމަ މި ދަސްކުރަނީ، މިއީ އަދި ފެށުމެއް. އަދި އެއް ގޮތަކަށް ވެސް ގަބޫލެއް ނުކުރަން، ސީދާ އާޓިސްޓެއް ކަމަކަށް. އެ ހިސާބަށް ދިއުން އޮތީ،" އަބަދު ވެސް މަސައްކަތް ކުރަނީ އޭނާ ކުރާ ކޮންމެ ކަމަކުން ވެސް ތަފާތެއް ދެއްކޭތޯ ކަމަށް ބުންޏެވެ.
       
  
  
  
              
         
        ކޮވިޑް-19ގައި ފްރޮންޓްލައިންގައި މަސައްކަތް ކުރި މީހުނަށް ހާއްސަ.
       
  
  
  
        
        ރައިހާންގެ އާޓްވޯކްތައް ދައްކާލަން ހަދާފައިވާ އިންސްޓަ އެކައުންޓަށް ދީފައިވާ ނަން "ބޮހީމިއަން19" ވެސް ވަރަށް ހާއްސަ އެވެ. އާޓާއި ފުޓްބޯޅާއާ ގުޅުވާލާފައިވާ ނަމެކެވެ. މި ނަމުގައިވާ "19" އަކީ ރައިހާންއަށް އެންމެ ކަމުދާ އެއް ފުޓްބޯޅަ ކުޅުންތެރިޔާ ލިއޯނަލް މެސީގެ ކުރީގެ ޖާޒީ ނަންބަރެވެ.