15 Sep 2020

ނޫރާގެ ގަލަމުން ކެލިގްރަފީގެ ނޫރާނީކަން!

ނޫރާ ކެލިގްރެފީގެ މަސައްކަތް ކުރާތާ ދެ އަހަރު ވެއްޖެ. މިހާރު އެންމެ ބޭނުންވަނީ ކެލިގްރެފީ ކިޔަވައިދޭ މުދައްރިސަކަށް ވުމަށް.

ނޫރާ ކެލިގްރެފީގެ މަސައްކަތް ކުރާތާ ދެ އަހަރު ވެއްޖެ. މިހާރު އެންމެ ބޭނުންވަނީ ކެލިގްރެފީ ކިޔަވައިދޭ މުދައްރިސަކަށް ވުމަށް.

By: Ifraz Ali

ދުބާއީގެ ކެލިގްރެފިސްޓެއް ކަމަށްވާ، ޑި އާލަމްގެ މަސައްކަތްތައް ބަލަމުން ގޮސް، ކެލިގްރެފީގެ ދުނިޔެއަށް ވަންނަން ނޫރަތު ރަޝީދު (ނޫރާ) ނެގީ ކުޑަ ދުވަސްކޮޅެކެވެ. އޭގެ ކުރިން ވެސް ކޮންމެސް ވަރަކަށް، އަމިއްލައަށް ކެލިގްރެފީގެ މަސައްކަތް ކުރި އެވެ. ޑި އާލަމްގެ މަސައްކަތްތައް ބަލައި، ދިރާސާކުރަމުން ދަނިކޮށް ނޫރާ އަށް ވަދެވުނީ، ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި ކެލިގްރެފިސްޓުންގެ މަސައްކަތްތައް ފެންނަ ބޮޑު ނެޓްވޯކަކަށެވެ. އެ ނެޓްވޯކްގެ ތެރެއިން، ކެލިގްރެފިސްޓެއްގެ އެދުމަށް ފުރަތަމަ ފަހަރަށް، އެކަމުގެ ކޯހެއް ފުރިހަމަ ކުރި އެވެ. އެއީ ކެލިގްރެފިސްޓެއްގެ ގޮތުގައި ނޫރާގެ އަސްލު ފެށުމެވެ.

ނޫރާގެ ކެލިގްރެފީގެ މަސައްކަތެއް.

ކެލިގްރެފިސްޓަކަށް ވުމުގެ ކުރިން ނޫރާ އެންމެ ފުރަތަމަ ފެށީ، އެކްލެރިކްސް އާއި ޕެއިންޓިން އާޓްވޯކްތަކުންނެވެ. އަދި ކްރާފްޓުގެ މަސައްކަތް ވެސް ކުރި އެވެ. ކްރާފްޓަށް ޝައުގުވެރިކަން އުފެދުނީ އޭނާގެ ބައްޕަގެ ފަރާތުންނެވެ. ނޫރާގެ ބައްޕަ އަކީ ކުރީގައި ސަރުކާރުން ބާއްވާ އަތްތެރިކަމުގެ މައުރަޒުތަކުގައި ބައިވެރިވެ ވަނަވަނަ ހޯދި މީހެކެވެ. އެހެންވެ، ބައްޕަ ކުރި މަސައްކަތްތައް އަބަދު ވެސް ބަލަމުން އައިސްފައި ވާތީ، އެކަމަށް ވެސް ޝައުގުވެރިކަން ހުރެ އެވެ.

View this post on Instagram

A post shared by Inks & Calligraphy (@noaras_gallery) on

ކެލިގްރެފީގެ މަސައްކަތައް، ނޫރާ އެއްކޮށް ހުސްވެލިތާ އަދި މިވީ ދެ އަހަރެވެ.

ކެލިގްރެފީގެ ދާއިރާ އިން ކިޔަވަނީ

"ފުރަތަމަ ފެށީ ތުލުތު އިން. ތުލުތު އަކީ އާންމުކޮށް ޤުރުއާނުގައި މި ހުންނަ ފޮންޓް. ތުލުތުގެ މާސްޓަރިން ކޯހެއް ފުރަތަމަ ހެދީ. އޭތި ނިންމައިފައި މިހާރު މި ކިޔަވަނީ ކޫފިކްގެ މާސްޓަރިން ކޯހެއް. އެއީ އެންމެ ފުރަތަމަ އަރަބި ލިޔެ އުޅުނު ގޮތަށް ލިޔުން. އެއީ 7 ވަނަ ގަރުނުން ފަށައިގެން ބޭނުންކުރާ ފޮންޓެއް،" މި ކޯސް ނިންމާފައި އަނެއްކާ ވެސް ކެލިގްރެފީގެ އެހެން ކޯހެއް ހެދުމަށް ނޫރާ ގަސްތުކުރެ އެވެ.

ނޫރާގެ ކެލިގްރެފީގެ ބައެއް މަސައްކަތްތައް.

"އާންމުކޮށް މީހުން ބުނެ އުޅެނީ ކެލިގްރެފިސްޓަކަށް ނުވެވޭނޭ، ތުލުތު ނޭނގެންޏާ. ތުލުތު ދަސްކޮށްފައޭ ފަސޭހަ ވާނީ އެހެން އެއްޗެހި ދަސްކުރަން،" ނޫރާ ބުނީ ކެލިގްރެފީގައި އެންމެ ޗެލެންޖިން އެކައްޗަކަށް ވެސް ވާނީ ތުލުތު ދަސްކުރުން ކަމަށެވެ.

ކެލިގްރެފީގެ މަސައްކަތް ފެށިއިރު، މީގެ ތިއަރީ ބައިތައް މާ ބޮޑަށް ނޫރާއަކަށް ނޭނގޭ އެވެ. މިއީ ކިހާ ބޮޑު އަދި ބުރަ މަސައްކަތެއް ކަން އޭނާއަށް ވިސްނެން ފެށީ ކޯސްތައް ހަދަމުންދިޔައިރު އެވެ.

ނޫރާގެ ކެލިގްރެފީގެ ބައެއް މަސައްކަތްތައް.

"އާޓިސްޓިކް ޓެލެންޓް ހުރިއްޔާ ބަލައިގެން ކޮންމެ މީހަކަށް ވެސް ކުރާހާލައިފައި ކުލަ ޖައްސާލަވެދާނެ، އެ އިންނަ ގޮތަށް. އެ ކަހަލަ ގޮތަކަށް އޭރު އެކަން ކުރީ، އަސްލު އިންނަޖެހޭ ގޮތަކަށް ނޫން،" ކުރިން ހެދުނު ގޯސްތައް މިހާރު ރަނގަޅުކުރަން ވަރަށް ބޮޑަށް އެނގިއްޖެ ކަމަށް ބުންޏެވެ.

ނޫރާ މިހާރު ކިޔަވަނީ ބަހުރެއިންގެ ޝާހީ އާއިލާގެ ކެލިގްރެފިސްޓެއް ކަމަށްވާ، ހަސަން ޔޫސުފް ސަލްމާން ޒުހައިރްގެ ގާތުންނެވެ. އެއީ ކޫފިކް މާސްޓަރިން ކޯހެކެވެ. އޮންލައިންކޮށް ކިޔަވައިދޭ މި ކޯހުގެ ކުލާސްތައް އޮންނަނީ، ނޫރާ މިހާރު ދިރިއުޅޭ މެލޭޝިއާގެ ގަޑިން ދަންވަރު 1:30 ގަ އެވެ.

View this post on Instagram

A post shared by Inks & Calligraphy (@noaras_gallery) on

ނޫރާ ކިޔަވަން ވަގުތު ހޯދަނީ އޭނާގެ ތިން ކުދިން ވެސް ބަލަމުންނެވެ.

"މި ފުރުސަތު ދެން ނުލިބޭނެތީ ހަމަ އެ ގަޑީގައި ކިޔަވަނީ. އެންމެ 11 ކުދިންނަށް އެ މުދައްރިސް ކުލާސް ނަގައިދެނީ،" ގިނަ ކޯސްތައް އޮންލައިންކޮށް ކިޔަވައިދޭތީ، މިއީ ކެލިގްރެފީ ދަސްކުރަން ބޭނުންވާ ކޮންމެ މީހަކަށް ވެސް ވަރަށް ފަސޭހަ ވާނެ ގޮތެއް ކަމަށް ނޫރާ ބުންޏެވެ.

ނޫރާގެ ކެލިގްރެފީގެ ބައެއް މަސައްކަތްތައް.

މި ކޯހުގެ އިތުރުން މިދިޔަ ފެބްރުއަރީ މަހުން ފަށައިގެން، ނޫރާ އަންނަނީ ސައުދީގެ ކެލިގްރެފިސްޓެއް ކަމަށްވާ، އަޒީޒް އަލް ރަޝަދީގެ ކޯހެއްގައި ވެސް ބައިވެރިވެ، ކިޔަވަމުންނެވެ. ސައުދީގެ މި ކެލިގްރެފިސްޓަކީ ކޮންޓެމްޕޮރަރީ މޮޑާން އާޓަށް ހާއްސަ ބޭފުޅެކެވެ.

އަންނަ އަހަރު އިސްލާމިކް ޖިއޮމެޓްރިކް އާޓް ދަސްކުރަން ވެސް ނޫރާ ހުރީ ހިތުލައިގެންނެވެ.

ނޫރާގެ ކެލިގްރެފީގެ ބައެއް މަސައްކަތްތައް.

މިއަހަރު އަންވެލިން ވިޝަންގައި ބައިވެރިވާނެ

ނޫރާގެ ކެލިގްރެފީގެ މަސައްކަތްތަކުގެ ތެރެއިން، އޭނާ އެންމެ ހިތްހަމަޖެހޭ މަސައްކަތަކަށްވީ އާޔަތުލް ކުރުސިއެކެވެ.

"އެ ކުރުސި އިންނާނީ ޓިއާ ޑްރޮޕް ޝޭޕަށް. އޭތި އެއީ ވަރަށް ޓައިމް ދީގެން ކުރި މަސައްކަތެއް. އަމިއްލަ، އޮރިޖިނަލް މަސައްކަތެއް ނޫން އެއީ. އެކަމަކު އޭތި އިންނާނީ އިމްޕްރޮވައިޒް ކޮށްލައިފައި، ބައެއް އަކުރުތަކުގެ ފޯމޭޝަން ވެސް ކުޑަކޮށް ބަދަލުކޮށްލައިފައި،" ނޫރާ ބޭނުންވާ ގޮތަށް އެ ކުރުސި ނިންމީ ތިން ފަހަރު ޓްރައިކޮށްގެންނެވެ.

View this post on Instagram

A post shared by Inks & Calligraphy (@noaras_gallery) on

ކެލިގްރެފީ އާޓް ބޭނުންކޮށްގެން ނޫރާ ލިޔުނު އާޔަތުލް ކުރުސި.

އަމިއްލަ، ކަސްޓަމައިޒްޑް އެއްޗެއް ލިޔާއިރު ވަރަށް ގިނަ ވަގުތު ހޭދަކުރަން ޖެހެ އެވެ. ގިނަ ފަހަރަށް އޭނާ ބޭނުންވާ ގޮތަށް އެއްޗެއް ލިޔަން އެތައް ޓްރައިއެއް ކުރަން ޖެހެ އެވެ. އަދި ކޮންމެ ދުވަހަކު ވެސް، ގިނަވެގެން ހަ ގަޑިއިރު، ކެލިގްރެފީ އާޓްގެ މަސައްކަތަކުގައި އޭނާ ހޭދަކުރެ އެވެ.

"އަންވެލިން ވިޝަންގައި މިއަހަރު ބައިވެރިވާތީވެ، އިންސްޓަގްރާމްގައި ބައެއް އެއްޗެހި ޕޯސްޓުކުރަން ފެށީ، އެކޮޅުން އެދިގެން. ވަކި އާޓްވޯކްތަކެއް ސެލެކްޓުކޮށްފައި، އެންމެ ފުރަތަމަ ސްޓާޓްއަށް ހެދި އެއްޗެހި މިހާރު ޕޯސްޓުކޮށްފައި އެ ހުރީ،" ކުރިން ކޮށްފައި ހުރި ބައެއް މަސައްކަތްތައް މިހާރު އޭނާގެ އިންސްޓަގްރާމުން ފެންނާނެ ކަމަށް ނޫރާ ބުންޏެވެ.

ނޫރަތު ރަޝީދު (ނޫރާ): ކެލިގްރެފީގެ މަސައްކަތް ކުރާތާ މިހާރު ދެ އަހަރު ވެއްޖެ.

މިއީ ނޫރާ އޭނާގެ މަސައްކަތްތައް އެގްޒިބިޓްކުރާ ފުރަތަމަ ފަހަރަށް ވެސް ވާނެ އެވެ.

"މިހާރު ކިޔަވަމުން މި ދާއިރު ހަދާ އެއްޗެއްސަކީ މިއަށް ވުރެ ތަންކޮޅެއް އެޑްވާންސް އެއްޗެހި، އެކަމަކު މި އެެއްޗެހި ޕޯސްޓުކުރެވޭނީ ކުލާސްތައް އެއްކޮށް ނިމުނީމަ،" ނޫރާ ބުންޏެވެ.

View this post on Instagram

A post shared by Inks & Calligraphy (@noaras_gallery) on

ހީކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް؛ ޝަގުވެރިވާ ކުދިންނަށް ބަހެއް!

"ދަސްކުރަމުން ކޮމިޝަން ވޯކްސް ލިބޭ ވަރަށް ގިނައިން. އިސްލާމިކް އާޓާއި ކެލިގްރެފީއަށް މީހުންގެ އިންސްޓްރެސްޓް ހީކުރި ވަރަށް ވުރެ ވެސް ބޮޑު،" ނޫރާ ބުންޏެވެ.

ނޫރާގެ ކެލިގްރެފީގެ ބައެއް މަސައްކަތްތައް.

ނޫރާ މިހާރު އެންމެ ބޭނުންވަނީ ކެލިގްރެފީގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް ކިޔަވައިދޭ މުދައްރިސަކަށް ވުމަށެވެ. މިހާރު ވެސް އޮންލައިންކޮށް ހަތަރު ކުއްޖަކަށް ކިޔަވައިދެ އެވެ. އަދި ކޯސްތައް ނިންމާލާފައި މިހާރަށް ވުރެ ފުޅާކޮށް، އެ މަސައްކަތް ކުރަން ނޫރާ ބޭނުންވެ އެވެ.

"މިހާރު ވެސް ވަރަށް ބައިވަރު ކުދިން ލިޔޭ، އެކަމަކު ބައެއް ފަހަރު މިހެން ބަލަލީމަ މި އެނގެނީ އެންމެ ރަނގަޅު ޓެކްނިކްސްތަކާއި އިކުއިޕްމަންޓްސް އަދި ބޭނުންނުކުރެވިކަން މި ހުންނަނީ. ރާއްޖޭގައި ވަރަށް އުނދަގޫވެދާނެ ސަޕްލައިސް ހޯދަން ވެސް،" އެކަމަކު ކޮންމެ ކުއްޖަކަށް ވެސް ބޭނުންވާ އެއްޗެހި އަމިއްލައަށް ހަދައިގެން ވެސް މިކަން ކުރެވިދާނެ ކަމަށް ނޫރާ ބުންޏެވެ.

View this post on Instagram

A post shared by Inks & Calligraphy (@noaras_gallery) on

"ފުރަތަމަ ނޫރާ ފެށިއިރުގައި ނުލިބޭ، ބެމްބޫ ގަލަމެއް ވެސް. އެހެންވެ، ޗޮޕްސްޓިކެއް ބޭނުންކޮށްގެން އަމިއްލައަށް ގަލަމެއް ހަދައިގެން އޭރުގައި ބޭނުންކުރީ. ހަމަ ޗޮޕްސްޓިކެއް ކާވްކޮށްގެން ހަމަ އޭގެ ޓިޕްއެއް ބޭނުންކޮށްގެން،" ކެލިގްރެފީގެ ފުރަތަމަ ދުވަސްކޮޅުގެ ހަނދާންތައް އާކުރަމުން ނޫރާ ބުންޏެވެ.

ނޫރާ ދެކޭ ގޮތުގައި ކެލިގްރެފީ އަކީ ވަރަށް ގިނައިން ޕްރެކްޓިސްކޮށްގެން ނޫނީ ރީއްޗަށް، ފުރިހަމައަށް ނުކުރެވޭނެ މަސައްކަތެކެވެ.

View this post on Instagram

A post shared by Inks & Calligraphy (@noaras_gallery) on

"ވަރަށް ލަސްލަހުން ލިޔެގެން ރީއްޗަށް ލިޔެވޭނީ. އަވަހަށް ލިޔަން ހަދައިގެން ވަރަށް އުނދަގޫވާނެ، އެ ބޭނުންވާ ގޮތަށް ވެސް ނެހެދޭނެ،" އެހެންވެ، މިކަން ކުރެވޭނީ ވަރަށް ކެތްތެރިވެގެން ކަމަށް ބުންޏެވެ.

"ޝައުގުވެރިކަން ހުންނަ ނަމަ ރަނގަޅު ޓެކްނިކްސްތައް ބޭނުންކުރަންވީ. އެހެން ނޫނީ އެކުރާ މަސައްކަތުގެ ރީތި ކަމެއް ނުފެންނާނެ. ބޭނުންކުރާ ގަލަމާއި ކަރުދާހާއި ހޯދައިގެން. ފުރަތަމަ ފަށަން ވާނީ ބޭސިކް އިން،" މުހިންމީ ގޫގުލް ބަލައިގެން އޭގައި އެ އިންނަ އިމޭޖެއް ރެޕްލިކޭޓްކޮށްގެން ލިޔުން ނޫން ކަމަށް ނޫރާ ބުންޏެވެ.

View this post on Instagram

A post shared by Inks & Calligraphy (@noaras_gallery) on

"މުހިންމު ކަމަކީ އެ އަކުރުތަކުގެ އެ ހުންނަ ޕޮޒިޝަންތަކާއި އެއްޗެހި ދަސްކޮށްގެން ލިޔުން، އޭގެ ރީތިކަން އަންނާނީ އޭރުން."

"މަންމަމެން ވަރަށް ފަހަރުވެރިވޭ، ރީއްޗަށް ލިޔާތަން ފެނިފައި. އެންމެން ވެސް ވަރަށް އުފާވޭ. ކޮންމެ ދުވަހަކު އަހާނެ ކޯއްޗެއްހޭ ލިޔުނީ، ދައްކާލަ ބަލާށޭ މިއަދުގެ މަސައްކަތް. ވަރަށް ގިނަ މީހުން އިންސްޕަޔާ ވެގެން މެސެޖު ވެސް ކުރޭ. އަދި ހީވެސް ނުކުރާ، ނުވެސް ދަންނަ މީހުން ވެސް،" މި މަސައްކަތުގައި ނޫރާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ގިނަ ބަޔަކު އޭނާ ކުރާ މަސައްކަތް ބަލައިގަތުމެވެ.

އާޓިސްޓް

Popular