23 Sep 2020

By: Ahmed Nadym

ކުޅަދާނަ މިއުޒިޝަން މުހައްމަދު ހާމީގެ ވާހަކަ އެންމެފަހުން "ދޯ" ގައި ގެނެސްދިންއިރު އޭނާގެ އަތުގައި އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ، ދެ ކިޑްނީ ފެއިލްވެ ފުރާނަ އަތްމައްޗަށް ލައިގެން އުޅެނިކޮށް އެންމެފަހުން އޭނާގެ ބައްޕަ ހަދިޔާކުރި ކިޑްނީ އެވެ. -- އޭގެ 15 އަހަރު ފަހުން މިއަދު ގެނެސްދޭ ހިތާމަވެރި ޚަބަރަކީ ހާމީ އަށް ބައްޕަ ދިން އެ ކިޑްނީ ވެސް އެންމެފަހުން ފެއިލްވެ އަނެއްކާވެސް ކިޑްނީއަކަށް އެދި އާދޭހުގެ އަތް ދިއްކޮށްގެން ހުންނަން ޖެހުމެވެ.

ފޯނުން މިއަދު ދިން ކުރު އިންޓަވިއުއެއްގައި ހާމީ ބުނީ އަނެއްކާވެސް ކިޑްނީ ފެއިލްވެފައިވާކަން އެނގުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު ކަމަށެވެ. އަދި ކުއްލިއަކަށް ތެޅިގަނެފައި ކިޑްނީއެއް ހޯދަން ނުކުންނަން ޖެހުނީ، ކިޑްނީއެއް ހަދިޔާކުރަން އެއްބަސްވެ ހުރިހާ ކަމަކަށް ތައްޔާރުވެފައި ވަނިކޮށް އެންމެފަހު ވަގުތު އެ މީހާގެ ހިޔާލު ބަދަލުވުމުންނެވެ.

"އެނގޭ މި ދުވަސް އަންނާނެކަން. އާންމުކޮށް 12 އަހަރު ފަހުން ބަދަލުކުރަން ޖެހޭނެ ކަމަށް ޑޮކްޓަރުން ވެސް ބުނަނީ. ނަމަވެސް އަޅުގަނޑަށް ފުރަތަމަ ލިބުނީ ބައްޕަގެ ކިޑްނީ ކަމަށް ވުމުން ބައްޕައެއްގެ ފަރާތުން ލިބޭ ކިޑްނީއެއްގެ އުމުރު އާންމުކޮށް ދިގުވާނެ. ނަމަވެސް ކިޑްނީ ޓްރާސްޕްލާޓްގެ އެ ޕްރޮސެސްގައި ދިމާވި ކަންތައްތަކަކާ ހެދި ވަރަށް ބަލިވެފަ އޮތީ،" މިއުޒިކްގެ އިތުރުން އާޓްގެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ހުނަރުވެރި ޒުވާނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކިޑްނީ ބަލިވާނެކަން އެނގޭތީ އޭނާ އާއި އާއިލާގެ މީހުން ދިޔައީ އެފަދަ ދުވަހަކަށް ތައްޔާރުވަމުންނެވެ. އަދި މިއަދު ކިޑްނީއެއް ހޯދަން އާންމުންގެ އެހީތެރިކަމަށް އެދެން މަޖުބޫރުވީ ކިޑްނީއެއް ހަދިޔާކުރަން އެއްބަސްވި މީހާ ފަހު ވަގުތު އެކަން ނުކުރަން ނިންމި ހިސާބުން ކަމަށެވެ.

"ކިޑްނީއެއް ބޭނުންވެގެން (ސޯޝަލް މީޑިއާގައި) ޖެހުމުގެ ކުރިން ލިބުނު ޑޯނާއެއް މިފަހުން. ދިވެއްސެއް. ހުރިހާ ކަމަކަށް އެއްބަސްވެ ޓެސްޓްތައް ހަދައި ޓްރާންސްޕްލާންޓަށް ތައްޔާރުވެފައި ވަނިކޮށް އެންމެ ފަހުވަގުތު އޭނަ ކިޑްނީ ނުދޭން ނިންމީ،" ހާމީ ކިޔައިދިނެވެ.

"އެއްވެސް މީހަކަށް މިކަމުގައި މަޖުބޫރެއް ނުކުރެވޭނެ އަޅުގަނޑަކަށް. ދަރުމަ އަށް ކޮށްދޭ ކަމެއްގެ ގޮތުގައި ކޮންމެ މީހެއްގެ ފަރާތުން ވެސް އެހީތެރިކަމަކަށް މި އެދެނީ."

ހާމީ ބުނީ ކިޑްނީއެއް ހޯދަން "އިއުލާނުޖެހުމުން" ބޭރުގެ ދެ މީހަކާއި ދިވެއްސަކު އެހީވާން އެދިފައިވާ ކަމަށެވެ. ނަމަވެސް އެމީހުންނާ ބްލަޑް ގްރޫޕް ދިމާނުވާތީ އަދިވެސް ޑޯނާއެއް ނެތެވެ.

"ފެމިލީ ތެރޭގައި ވެސް ބްލަޑް ގްރޫޕު ދިމާވާ މީހަކު ނެތް މިހާރަކު،" ހާމީ ބުންޏެވެ.

"އަޅުގަނޑު އުއްމީދުކުރަނީ އޭބީ ޕޮޒިޓިވް ނުވަތަ އޯ ޕޮޒިޓިވް ބްލަޑް ގްރޫޕްގެ ހިތްވަރު ގަދަ ކިޑްނީ ޑޯނާއެއް ކުރިއަށް ޖެހި އަޅުގަނޑަށް އެހީވެދޭނެ ކަމަށް. އަދި އެފަދަ އެއްވެސް ޑޯނާއެއް ހުރި ނަމަވެސް އަޅުގަނޑަށް ގުޅުއްވާ،" ހާމީގެ ސޯޝަލް މީޑިއާ އާދޭހުގައި އެދިފައިވަނީ މިހެންނެވެ.

އޭނާއާ ގުޅޭނެ ނަމްބަރަކީ 7600838 އެވެ.

"ސިއްހީ މައްސަލަތަކާ ހެދި މިހާރު އެއްވެސް މަސައްކަތެއް ވެސް ނުކޮށް އުޅޭތާ ދުވަސްތަކެއް ވެއްޖެ. ބޭރުން އެބަހުރި ޖޮބް އޮފާސްތައް ވެސް ލިބިފައި. އެކަމަކު ޑައިލަސިސް ހަދާ ނަމަ އެއްވެސް ކަމެއް ނުކުރެވޭނެތާ މިހާރަކު،" އާންމު މަސައްކަތް ހުއްޓާލާފައި ކިޑްނީއެއް ހޯދަން ނުކުމެ ހުރި ހާމީ ބުންޏެވެ.

ހާމީ އަކީ ވިޒާކްސް ސްޓޫޑިއޯގެ ނަމުގައި އަމިއްލަ ކުންފުންޏެއް އުފައްދައިގެން އާކިޓެކްޗާ އާއި އިންޓީރިއާ ޑިޒައިނިން އަދި ގްރެފިކް ޑިޒައިނިންގެ އިތުރުން ތްރީޑީ ވިޝުއަލައިޒޭޝަން ފަދަ ގިނަ ހިދުމަތްތަކެއް ދެމުން އަންނަ ޒުވާނެކެވެ.

ތިރީގައި މި އޮތީ ކުރިން "ދޯ" އޮންލައިން ގައި ޝާއިއުކުރި ހާމީގެ ވާހަކައެވެ.

ހިތުގެ ބަލި

Popular