13 Oct 2020

By: Ifraz Ali

މިއީ އެންމެ 10 އަހަރުގެ އައިޝަތު އަނާތު (އަނާ) އެވެ. ޖަމާލުއްދީން ސްކޫލްގެ ގްރޭޑް 4 ގައި ކިޔަވަމުން އަންނަ އަނާ އަކީ ހޭންޑް ކްރާފްޓްގެ ކުޑަކުޑަ ހުނަރުވެރިއެކެވެ. އާއިލާގެ އެހެން އެއްވެސް މީހެއްގެ ނެތް މި ހުނަރު، އަނާ ދަސްކުރީ އަމިއްލަ އަށެވެ. ޓީވީ އާއި ޔޫޓިއުބްވީ އޭނާގެ މުދައްރިސަށެވެ. ހޭންޑް ކްރާފްޓްގެ އެކި އެއްޗެހި ދަސްކުރަނީ އޭގެން ފެންނަ ވީޑިއޯތައް ބަލައިގެންނެވެ. އަދި އަމިއްލަ ހިޔާލަށް އަންނަ ބައެއް އެއްޗެހި ހަދާލުމަކީ އަނާ އަށް މާ ބޮޑު ކަމެއް ނޫނެވެ.

އަނާގެ ބައެއް ހޭންޑް ކްރާފްޓްސް.

"މަންމަ އާއި ބައްޕަ ހުންނަ ހުނަރެއް ނޫން އެއީ. އާއިލާގައި ވެސް އަނެއްހެން އެކަން ކުރާ މީހަކު ނޫޅޭ،" އަނާގެ މަންމަ އަކްރީމާ ބުންޏެވެ.

"މިހާރު އެކަމަކު ވަރަށް ބަލާނެ ޔޫޓިއުބް. އެ ވީޑިއޯތަކުން [ހޭންޑް ކްރާފްޓް ވީޑިއޯތަކުން] ފެންނަ އެއްޗެހި ހަދަން ބޭނުންވާ ވާހަކަ އަބަދު ދައްކާނީ،" އަކްރީމާ ބުންޏެވެ.

އަނާ އާއި އަނާގެ ދެބޭންގެ ދެދަރި ބޭބެއެއް ފޮޓޯއަކަށް ހުއްޓިގެން

ކަރުދާސް ބޭނުންކޮށްގެން އެކި ވައްތަރުގެ މާ ހަދަ އެވެ. މެގްނަމް ކައިފައި ބާކީވި ސްޓިކްތަކުން ހެދީ އެ މާތައް އަޅަން ވާސްއެކެވެ. އަދި ތަފާތު ވައްތަރުގެ ފްލޯރަލް ބޯޑުތަކާއި ގޭގެ އެކި ތަންތަނުގައި އެލުވާލައިފައި ބަހައްޓާނެ ރީތި އެއްޗެހި ވެސް ހަދަ އެވެ. އަދި މި ކަހަލަ އެކި އެއްޗެއްސެވެ.

އަނާގެ ތަފާތު ބައެއް އާޓްވޯކްސްތައް

އަނާ ހަދާފައި ހުރި ހެއާ ބޭންޑްތަކެއް.
ކަރުދާހައި ކްލޭ އަދި ބައެއް ކުޅޭ އެއްޗެހި ބޭނުންކޮށްގެން އަނާ ހެދި ޕްލޭހައުސްއެއް.
ބާކީވި ފޮތިކޮޅަކުން އަނާ ފެހި ބާލިސް އުރައެއް. އޭގެ އެތެރެއަށް ކަފަ އަޅާފައި.
ސްކޫލްގައި ރައްޓެހިންނާއެކު ޑަކް ޑަކް ގޫސް ކުޅޭތަން އަނާ ކުރަހާފައި.
ފޮއްޗާއި ކަފަ ބޭނުންކޮށްގެން އަނާ ތައްޔާރުކުރި ކުޑަ ސޯފާ އަކާއި އަދިވެސް އެހެން ބައެއް ކްރާފްޓްސް.
އަނާގެ ކުރެހުމެއް.

"ގޭގައި އޮންނަ ބާ ފޮތިކޮޅަކުން ވެސް އެއްޗެއް ހަދާފާނެ،" އަކްރީމާ ބުންޏެވެ.

"އަނެއްހެން އަގުބޮޑުކޮށް އެއްޗެހި ގަނެގެން އަހަރެމެން އަނާ ލައްވާ އެ ކަހަލަ އެއްޗެއްސެއް ނަހަދުވަން. ގޭ ތެރޭގައި މިހެން ބާކީވެފައި ނޫނީ ބާވެފައި ހުންނަ އެކި އެއްޗެހި ބޭނުންކޮށްގެން އަނާ ބޭނުން އެއްޗެއް ހަދާނެ،" ބައެއް ފަހަރު މި އެއްޗެހި ހަދާފައި ގޭގައި އުޅޭ މީހުނަށް ހަދިޔާއަކަށް ވެސް ދޭ ކަމަށް ބުންޏެވެ.

އަނާ އެންމެ ބޭނުންވަނީ ޔޫޓިއުބް ޗެނަލްއެއް ހަދައިގެން، އޭނާ ހޭންޑް ކްރާޓްސް އެއްޗެހި ހަދާ ވީޑިއޯތައް އެންމެނަށް ދައްކާލާށެވެ.

އަތްތެރި މަސައްކަތް އާޓިސްޓް

Popular