23 Nov 2020

ކޮމީޑިއަން ވިރްދާސްގެ ޖޯކެއް: ފިލްމެއް ކުޅެވޭ ވަރަށް ބޮލީވުޑްގެ ތަރިން ރާއްޖޭގައި

ވީރް ބުނީ ކެމެރާއަކާއި ސްކްރިޕްޓެއް ފޮނުވައިފިއްޔާ އެ މީހުން އެނބުރި ދާނީ ފިލްމެއް ވެސް ހަދައިގެން ކަމަށް

ވީރް ބުނީ ކެމެރާއަކާއި ސްކްރިޕްޓެއް ފޮނުވައިފިއްޔާ އެ މީހުން އެނބުރި ދާނީ ފިލްމެއް ވެސް ހަދައިގެން ކަމަށް

By: Ifraz Ali

ބޮލީވުޑް ސްޓާރުންނަށް ރާއްޖެ ކަހަލަ ރީތި އެހެން މަންޒިލެއް ނެތްކަން މިހާރު ވަރަށް ސާފުކޮށް އެނގިއްޖެ އެވެ. މި މަހު އެކަނި ވެސް، ދިހަ ވަރަކަށް ބޮލީވުޑްގެ ތަރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރި އެވެ. މި ލިސްޓަށް މިއަދު އިތުރުވި ތަރިއަކީ ސޮނާކްޝީ ސިންހާ އެވެ. -- އިންޑިއާގެ އެކްޓަރު އަދި ކޮމީޑިއަން، ވީރް ދާސް މިކަމަށް ޖެހީ ޖޯކެކެވެ.

View this post on Instagram

A post shared by Sonakshi Sinha (@aslisona)

ސޮނާކްޝީ މިއަދު ރާއްޖެ އައިސް ކުރި ޕޯސްޓެއް.

ވީރް އިއްޔެ މެންދުރު ކުރި ޓުވީޓެއްގައި ބުނީ ފިލްމެއް ކުޅެވޭ ވަރަށް ރާއްޖޭގައި އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ މީހުން މި ވަގުތު އެބަ ތިބި ކަމަށެވެ.

"އެހެންވީމަ ކެމެރާއަކާއި ސްކްރިޕްޓެއް ފޮނުވައިފިއްޔާ އެ މީހުން އެނބުރި އަންނާނީ ފިލްމެއް ވެސް ހަދައިގެން،" އިންޑިއާގެ އިތުރުން އެމެރިކާ ސިނަމާގައި ވެސް މިހާރު މަސައްކަތް ކުރަމުން އަންނަ އެކްޓަރު، ވީރް ކުރި ޓުވީޓްގައި ލިޔެފައިވެ އެވެ.

ވީރް ދާސްގެ ޓުވީޓް.

މި ވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ތަރިންގެ ތެރޭގައި ސޮނާކްޝީގެ އިތުރުން ސާގިބް ސަލީމް އަދި ރަކުލް ޕްރީތު ސިންގް ފަދަ ތަރިން ހިމެނެ އެވެ. ފޮޓޯ ޝޫޓަކަށް ކެޓްރީނާ ކައިފް ވެސް މި މަހު ރާއްޖެ އައިސް އުޅުނެވެ. އެމީހުންގެ ފޮޓޯޝޫޓް އޮތީ ސޮނެވާ ފުށީގަ އެވެ. އިންޑިއާގެ އެކްޓްރެސް ކާޖަލް އަގަރްވާލާއި އޭނާގެ ފިރިމީހާ ގޯތަމް ކިޗްލޫ ހަނިމޫނަށް ރާއްޖެ އައީ ވެސް މި މަހު އެވެ.

View this post on Instagram

A post shared by Katrina Kaif (@katrinakaif)

ފޮޓޯޝޫޓްގެ ތެރެއިން ކެޓްރީނާ ކޮވިޑަށް ޓެސްޓުކުރަނީ.

އެކްޓަރު ޓައިގާ ޝްރޮފާއި އޭނާގެ ލޯބިވެރިޔާ ދިޝާ ޕަޓަނީ ވެސް މި މަހު ކުރީކޮޅު އައިސް އުޅުނެވެ. އެމީހުން ތިބީ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓްގަ އެވެ.

ކޮމީޑީއަންއެއްގެ ގޮތުގައި ވީރް އަށް އެންމެ ބޮޑު މަގުބޫލު ކަމެއް ލިބުނީ ނެޓްފްލިކްސް އިން ގެނެސްދިން އޭނާގެ އަމިއްލަ ސްޓޭންޑް އަޕް ކޮމެޑީ ޝޯ "ވީރް ދާސް: އެބްރޯޑް އަންޑަސްޓޭންޑިން" އިންނެވެ. ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކުގެ އިތުރުން އޭނާ ވަނީ އެމެރިކާގެ ޓީވީ ސީރީޒެއް ކަމަށްވާ "ވިސްކީ ކެވޭލިއާ" ގައި ވެސް ރޯލެއް ކުޅެފަ އެވެ.

View this post on Instagram

A post shared by Tiger Shroff (@tigerjackieshroff)

ޓައިގާ ޝްރޮފްގެ ޕޯސްޓެއް.

ތިރީސްފަހަކަށް ވުރެ ގިނަ ސްޓޭޖް ތަމްސީލާއި ސަތޭކައަށް ވުރެ ގިނަ ސްޓޭންޑް އަޕް ކޮމެޑީ ޝޯތަކާއި 18 ފިލްމާއި 8 ޓީވީ ޝޯއެއް ކުޅުނު ވީރް ވަނީ އިންޑިއާގެ ބައެއް ނޫސްތަކަށް ވެސް ކޮމެޑީ ކޮލަމްސްތައް ލިޔެފަ އެވެ.

ދިވެހިރާއްޖެ ބޮލީވުޑް ޗުއްޓީ ދުވަސްވަރު

Popular