By: Aminath Ibrahim
އޮފީހުން ނިމިގެން އައިޝަތު ޝާނާ ގެއަށް ދާން ނިކުތް އިރު އޭނާގެ ލޯބިވެރިޔާ މުހައްމަދު ޝިނާން އުޅުނީ ބުރަކަށީގައި ގަދައަށް ރިއްސާތީ އެވެ. ކްލިނިކުން ބޭސްތަކެއް ނަގައިގެން ގޮސް ގެއަށް ވަދެ ކޮޓަރީ ދޮރު ހުޅުވައިލި އިރު ޝިނާން އޮތީ ކާޕެޓު މަތީގައި ބަންޑުން އޮށޯވެލައިގެންނެވެ. ޝާނާ ކޮޓަރިއަށް ވަދެފައި އަތުގައި ހުރި ބޭސްތައް ޝިނާނަށް ދިއްކޮށްލި އިރު އައިސްފައި ހުރި ގަދަ ރުޅީގައި މޫނުމަތި ފުފި ރަތްވެފަ އެވެ.
ސިކުންތެއް ނުވެ ހުތުރު ނަމަކުން ގޮވައިގަނެ ހަޅޭއްލަވައިގަތެވެ. ވެފައިހުރި ވަރުބައްޔާއެކު ޝިނާންގެ ރުޅިގަނޑު މަތަކުރަން ޝާނާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ކުއްލިއަކަށް ފުންމައިގެން ތެދުވެ، ރީތިވާ މޭޒު މަތީގައި ހުރި ސާމާނުތައް އަތުން ޖަހައި ބުރުއްސައިލި އެވެ. މޭޒުމަތީގައި އޮތް އޭނާގެ އައިނު ނަގައި ބިންދާލައި ހަމަ އެ ސިކުންތު ތެރޭގައި ކޮޓަރިން ނުކުމެ، ސިޓިންގްރޫމުގެ މޭޒުމަތީގައި ހުރި ބިއްލޫރި ފުޅިތަކެއް ވެސް ހޫރާލައި ތަޅައިލި އެވެ. އެޕާޓުމަންޓުގެ މައިދޮރު އެތެރެއިން ތަޅުލުމަށްފަހު ތަޅުދަނޑި ޖީބަށް ލި އެވެ. ފޯނު ނަގައިގެން ޝާނާގެ ބޭބެ އަށް ގުޅައި ހަޅޭއްލަވައިގަނެފައި ހުތުރު ބަހުން އޭނާ އަށް ފަތިވަރު ގޮވަން ފެށި އެވެ. އެއީ ރޯދަ މަހެއްގެ އަސުރު ވަގުތެވެ. އެ ދުވަހުގެ ބާކީ ބައި ވެސް ދިޔައީ އެހެންނެވެ.
މިކަހަލަ ކިތަންމެ ހާދިސާއެއް ކުރީގެ ލޯބިވެރިޔާއާ ރައްޓެހިވެގެން އުޅުނު ތިން އަހަރުގެ ތެރޭގައި ޝާނާ ތަޖުރިބާ ކުރި އެވެ. ބައިޕޯލާ ހުންނަ ލޯބިވެރިޔާއާ އެކު ދިރިއުޅުމެއް އުޅެވޭތޯ އެ ދުވަސްތަކުގައި އޭނާ ކުރި ހުރިހާ މަސައްކަތެއް ދިޔައީ ފަނު ފުލުންނެވެ.
"ގިނަ ފަހަރަށް ނުވެސް އެނގޭ އެހާ އޯކޭކޮށް ހުރެފައި ހަމަ ކުއްލިއަކަށް އިންތިހާ އަށް ރުޅި އަންނަނީ ކިހިނެއް، ކޮން ކަމެއް ވެގެން ކަމެއް ވެސް ބުނާކަށް. އެ ތިން އަހަރު އެއްކޮށް ދިޔައީ ބިރުވެރިކަމެއްގެ ތެރޭގައި. މޫޑު ބަދަލުވާނީ ކޮން ވަގުތަކު ކިހިނެއް ފިޔަވަޅު އެޅުނީމާ ކަމެއް އެނގޭނީކީ ނޫން،" މީގެ މީގެ ހަ އަހަރު ކުރިން ރައްޓެހިވި އޭނާގެ ކުރީގެ ލޯބިވެރިޔާގެ ވާހަކަ ޝާނާ ފަށައިގަތީ މިހެންނެވެ.
ކުދިކުދި ކަންކަމާ ހެދި ރުޅި އައިސްގެން، ގޭތެރޭގައި ހުންނަ އެއްޗެހިތައް ހަލާކުކޮށް އަޑުގައި ނެތް ކޮޅަށް ހަޅޭއްލަވަން ފަށައިގަންނަ އިރު ޝާނާ އަށް ހީވަނީ ފަޅި ސިކުންތެއްގެ ތެރޭގައި މުޅިން އެހެން މީހަކަށް ޝިނާން ބަދަލުވާ ހެންނެވެ. އޭނާގެ އަޑު ބަރުވެ މޫނުމަތީގެ އަމާންކަން ފިލައި ބިރުވެރި ސިފައަކަށް މީހާ ބަދަލުވާހެންނެވެ. އިރުކޮޅަކުން އަނެއްކާ މީހާ "ކޫލް" ވެ ހަމައަކަށް އެޅިލާއިރު ހީވާނީ ދުވަހަކު ކަމެއް ނުވެސް ވާ ހެންނެވެ. އުޅޭނީ އެހާ ލޯބިންނެވެ. އެހާ ރަނގަޅު ވާނެ އެވެ. ނުވަތަ އެއީ ޝާނާ އަށް ހީވާ ގޮތެވެ.
"އަބަދު ހިތަށް އަރަނީ މިވަގުތުގެ މޫޑު ހުންނާނީ ކިހިނެއް ބާއޭ. މިސާލަކަށް ޝިނާން އައިސް ގޭގެ ތަޅުގައި ހިފާ އަޑު އިވޭ ގޮތުން، ނޫނީ ވަދެފަ ބޫޓު ބާލާ ގޮތުން ވެސް އަހަންނަށް އޭރު އެނގޭ ބުނަން އެ ދުވަސް ދާނެ ގޮތް،" ޝާނާ ކިޔައިދިނެވެ.
ޝިނާން ގެ މިޒާޖަށް އަންނަ ބަދަލުތަކާއި ހަރަކާތްތައް ބައިޕޯލާގެ އަލާމާތްތަކާ ދިމާވެ އެވެ. ކުއްލިކުއްލި އަށް މޫޑު ޓްރިގާވުމާއި، ހުއްޓާނުލައި އެއްޗެހި ގޮވުމާއި، ރުޅި އަސްގެން "މޮޔަ" ވުމާއި، ރުޅި އަންނަ ގަޑީގައި ކިޔޭ ނުކިޔޭ ނުވަތަ އަމިއްލަ އަށް ކުރެވޭ ކަންކަން ވަޒަން ނުކުރެވުމާއި، އަމިއްލަ ހިޔާލުގައި އެނބުރޭ ކަންކަން ހަގީގަތެއް ކަމަށް ހަދައިގެން ރުޅި އައުން ކަހަލަ ކިތަންމެ ކަމެއް ޝިނާންގެ ފަރާތުން ޝާނާ އަށް ފެނެ އެވެ. މިއީ ބައިޕޯލާ ހުންނަ މީހެއްގެ ފަރާތުން ފެންނާނެ ފަދަ އަލާމާތްތަކެކެވެ.
"ޝިނާންގެ ވާހަކަ ސައިކޮލޮޖިސްޓަކަށް ކިޔައިދިނުމުން މި ހުރިހާ އެއްޗެއް ކިޔައިދިން. ވަރަށް މަސައްކަތް ކުރިން އޭނައަށް ވިސްނައިދީގެން ތެރެޕީ އަށް ފޮނުވަން ވެސް. އެކަމަކު މައްސަލައެއް އުޅޭކަމަށް އޭނަ އަށް ގަބޫލު ނުކުރެވޭނަމަ އެއްބަހެއް ނުވާނެ. ބޮޑަށް ރުޅި އަންނާނީ. ޝިނާނަށް ވީ އެހެން،" ޝާނާ ބުންޏެވެ.
މީހެއްގެ މިޒާޖަށް މިފަދަ ބަދަލުތަކެއް އަންނަ ނަމަ އެއީ ބައިޕޯލާ ތޯ ދެނެގަންނަން އެންމެ ފަސޭހަ އަނެއް ގޮތަކީ އެމީހެއްގެ މާޒީގައި އެފަދަ ނަފްސާނީ ކަމަކަށް މަގުފަހިވެދާނެ ފަދަ ކަމެއް ވެފައި ހުރިތޯ ބެލުމެވެ. ފުރާވަރުގައި، މޫޑު ޑިސްއޯޑާ ތަހައްމަލުކުރާ ކުދިންނަށް ބޮޑުވެގެން ވެސް ޖަޒުބާތުތައް ހިފަހައްޓަން އުނދަގޫވެ އެވެ.
މޫޑު ޑިސްއޯޑާ ހުންނަ ކުދިންގެ ފަރާތުން ފެންނަ އަލާމާތްތަކުގެ ތެރޭގައި އާދަޔާހިލާފަށް އެކަނިވެރިކަން ހިޔާރުކުރުމާއި، މަޖަލުގެ ގޮތުގައި މީހުންނާއި ތަންތަނާއި ތަކެއްޗަށް ގެއްލުން ދިނުމާއި، ނަސްފަށް އަނިޔާކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި ސްކޫލު ތެރޭގައި ބަސް ނާހައި އުޅުމާއި އޭގެ ސަބަބުން ކިޔެވުމަށް މާ ބޮޑަށް ދަށްވުން ފަދަ ކަންކަން ހިމެނެ އެވެ.
މިގޮތަށް ބެއްޔަސް ޝިނާންގެ ކިބައިގައި ނަފްސާނީ ކަމެއް ހުރެދާނެކަން ޝާނާއަށް ގަބޫލުކުރެވުނެވެ.
"ރައްޓެހިވުމުގެ ކުރިން ޝިނާން ގުޅަން ފެށީމަ، އަހަރެމެން ދެ މީހުންގެ ރައްޓެއްސެއް ތުރޫކޮށް ބެކްގްރައުންޑް ޗެކެއް ހެދިން. އެހާ ހިސާބުން އެނގުނީ ސްކޫލު ނިމުނު ފަހުން ޝިނާން މަސްތުވާތަކެތި ބޭނުންކޮށް އެއަށް ދެވިހިފިކަން. އެކަމަކު ފަހުން އެކަން މުޅިން ދޫކޮށް، ކްލީންކޮށް ހުންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށް އެ ކުއްޖާ ބުނީ،" ޝާނާ ބުންޏެވެ.
އެކަމަކު ޝާނާ ކިތަންމެ ވަރަކަށް މި ކަންކަން ވިސްނައިދޭން އުޅުނަސް ޝިނާނަށް އޭނާގެ މިޒާޖުގައި ގޯސް ސިފައެއް ހުރި ކަމަށް ގަބޫލެއް ނުކުރެވެ އެވެ. އަމުދުން ނަފްސާނީ ތެރެޕީ ހޯދަންޖެހޭ ވަރުގެ ކަމެއް ހުރިކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ.
ރައްޓެހިވެގެން އުޅުނަސް އިނދެގެން އުޅުނަސް، ބައިވެރިޔާގެ ކިބައިން ބައިޕޯލާގެ އަލާމާތް ފެންނަ ނަމަ ކުރިމަތީގައި އޮންނާނީ ދެ ގޮތެކެވެ. ފުރަތަމަ ގޮތަކީ އޭނާއަށް ވިސްނޭނެ ގޮތަކަށް އެކަން އޭނާގެ ސަމާލުކަމަށް ގެނެސްގެން ސައިކޯ ތެރަޕީ ހޯދައިގެން ހައްލު ހޯދުމެވެ. މި ގޮތަށް ވާހަކަ ދައްކައިގެން ދެމީހުންނަށް އެއް ގަލަކަށް އެރިއްޖެނަމަ ބައިޕޯލާ ހުންނަ މީހަކާ އެކު ވެސް އުފާވެރި ބަދަހި ގުޅުމެއް އުފެއްދިދާނެ އެވެ. އެކަމަކު ޓްރީޓްމަންޓަށް ބައިވެރިޔާ ދެކޮޅުހަދާނަމަ ވީހާވެސް އަވަހަށް އަމިއްލަ ރައްކާތެރިކަން ހޯދަން ވާނެ އެވެ. ބައިޕޯލާ މީހެއްގެ ފަރާތުން ބަހުގެ ހަމަލާ އާއި ނަފްސާނީ އަނިޔާގެ އިތުރުން އެންމެ ބިރުވެރި ހާލަތުގައި ޖިސްމާނީ އަނިޔާ ވެސް ލިބުމަކީ ގާތުގައި އޮތް ކަމެކެވެ.
"ތިން އަހަރު ވަންދެން ޝިނާންގެ އަމަލުތަކަށް ކެތް ކުރެވުނީ ދަރިފުޅާ ހެދި. ޝިނާން އާއި ރައްޓެހިވީ އިރު އަހަރެންގެ ދަރިފުޅު ވަރަށް ކުޑަ. އެހެންވީމަ ދަރިފުޅު ޝިނާން އާ ވަރަށް އަވަހަށް އެޓޭޗްވި. ކޮންމެ ގޮތަކަށް އުޅުނަސް އޭނަ ދަރިފުޅަށް ވަރަށް ރަނގަޅު،" ޝާނާ ބުންޏެވެ.
ނަމަވެސް ދުވަހެއް ދުވަހަކަށް ޝިނާންގެ އަމަލުތައް ގޯސްވެ، ހައްލު ނުވެވޭ ވަރަށް އޭނާގެ އަމަލުތައް ދާން ފެށުމުން ދުރަށް ދިއުން ނޫން ގޮތެއް ނެތްކަން ވިސްނުނު ކަމަށް ޝާނާ ބުންޏެވެ. ކަންކަން ބޮއްސުންލައިގެން ދާން ފެށުމުން އާއިލާ އާއި ރައްޓެހިންގެ އެހީ ހޯދައިގެން ޝިނާންއާ މުޅިން ދުރަށް ދިޔައީ ކަމަށް ވެސް ބުންޏެވެ.
"އެހާ ހިސާބަށް ކަންކަން ދިޔައިރު، ދަރިފުޅަށް ވެސް ޝިނާންގެ މޫޑަށް އަންނަ ބަދަލުތައް އެނގެން ފަށައިފި. އެހާ ހިސާބުން ހިތަށް އެރީ، އެފަދަ ގުޅުމެއްގައި ހުރެގެން ދަރިފުޅަށް ވާނެ ފައިދާއެއް ނެތްކަން. އެހެންވީމާ އަހަރެންގެ ނަސޭހަތަކީ ހައްލެއް ނުފެންނަ ނަމަ އެފަދަ އަނިޔާ ހިނދުކޮޅަކަށް ވެސް ބަރުދާސް ނުކުރުން."