16 Apr 2021

ބޮޑު ފޮޓޯއެއް!

ބޮޑު ފޮޓޯއެއް!

މިއީ "ޔާރާ ސިސްޓާސް" ކަމަށްވާ އައިޝަތު ރިޝްމީ އާއި މަރިޔަމް އައްޒަ، އެ ތަރިންގެ މިހާރުގެ ފިރިންނާއި ކުރީގެ ފިރިންނާ އެކުގައި، އެއް ފްރޭމެއްގައި ނަގާފައިވާ "ބޮޑު ފޮޓޯއެކެވެ". މިއީ ވަރަށް ގިނަ ވާހަކަ ކިޔައިދޭ ފޮޓޯއެކެވެ. -- މިއީ މިރޭ ބައިސްކޯފުން ފަށަން އުޅޭ ސެލެބްރިޓީ ޓޯކް ޝޯއެއް ކަމަށްވާ "ތުންތުން މަތިން" ގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯއެކެވެ.

މިއީ ވަރަށް ގިނަ މީހުން "ދޯ" ގައި ލިޔެދޭން ވެސް ކުރިން އެދުނު ވާހަކައެކެވެ.

ކުރިން އިނދެގެން އުޅުނު މީހުންނާ ރަނގަޅު ގުޅުމެއް ބާއްވާނީ ވަރަށް މަދު މީހެކެވެ. އެއީ ރާއްޖޭން ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ. ރިޝްމީ އާއި އައްޒަ އެ މީހުންގެ ކުރީގެ ބައިވެރިންނާ އަބަދު ވެސް ރަނގަޅު ގުޅުމެއް ބާއްވާކަން އެ މީހުންގެ ސޯޝަލް މީޑިއާ ބަލާ ފޭނުންނަށް ވެސް އެނގޭނެ އެވެ. އެ މީހުންގެ ދަރިން ގޮވައިގެން ވެސް އެކީގައި ތަންތަނަށް ގޮސް އުޅޭ ތަން ފެނެ އެވެ.

އެހެންވެ، މި ޝޯގައި މި ތަރިން އެކީގައި ފެންނައިރު، ދައްކާނެ ވާހަކަތަކަށް ލިބޭ ސަމާލުކަން ބޮޑުވާނެ އެވެ.

ކޮންމެ އެޕިސޯޑެއްގައި އަންނަނީ ތިން މެހުމާނުންނެވެ. އައްޒައާ އެކު އައްޒަގެ މިހާރުގެ ފިރިމީހާ އަބްދުﷲ މުއާޒް އާއި ކުރީގެ ފިރިމީހާ އިސްމާއިލް ޖުމައިހު (ޖުމާ) ފެންނާނެ އެވެ. އަދި ރިޝްމީއާ އެކު ރިޝްމީގެ މިހާރު ފިރިމީހާ ރަވީ ފާރޫގް އަދި ކުރީގެ ފިރިމީހާ އަހްމަދު އަޒްމީލް ފެންނާނެ އެވެ.

"ތުންތުން މަތިން" ގެ ޕްރޮޑިއުސަރު ނައީޝާ ނާޝިދު (ނާއި) ވެސް "ދޯ" އަށް ބުނީ މި ޝޯ އެހާ ހާއްސަ ވަނީ މީއަށް އަންނަ ތަރިން ޕެއާކޮށްފައިވާ ގޮތުން ކަމަށެވެ.

"މީގެ ކުރިން އަދި ހިއެއް ނުވޭ އެހެން ޝޯއެއްގައި މި ގޮތަށް ތަރިން ޕެއާކޮށްގެން ފެނިފައި ހުންނާހެން،" ނާއި ބުނެފައިވެ އެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ ސެލެބްރިޓީން ރަވީ ފާރޫގު އައިޝަތު ރިޝްމީ އެކްޓްރެސް މަރިޔަމް އައްޒަ

Popular