އޭނަގެ އަމިއްލަ ހިތުގެ ސިއްރު ޔާނާއަށް އެނގެން އީމާ ބޭނުން ނުވެއެވެ. އެއީ އެއްވެސް އިންސާނަކާ އޭނަ ހިއްސާނުކުރާ ސިއްރެކެވެ. ޚުދު އަމިއްލަ ނަފްސަށް ވެސް ސިއްރުކުރެވޭތޯ އުޅޭ ސިއްރެކެވެ.
އެރޭ ފަތިސްވަންދެންވެސް އީމާ އުޅުނީ ނުނިދިގެންނެވެ. އިއާންއާ ދޭތެރޭ ވިސްނެނީ މާ ބޮޑަށެވެ.
އޭނަގެ ޙަޔާތުގައި ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ކަންތައްގަނޑު އޭނައަށް ކުރިމަތިކުރުވި މީހަކީ އިއާންއެވެ. ވާހަކަ ފޮތަކުން ފެނިގެން ނޫނީ މީހަކު ގަބޫލުނުކުރާ ކަހަލަ ފެންވަރަކަށް އޭނަގެ ޙަޔާތާއި ކުޅެލި މީހަކީ އިއާންއެވެ.
ފުރަތަމަކޮޅުގައި އޭނަގެ ހިތުގައި އިއާންއަށްޓަކައި އޮތީ ހަމަ އެކަނި ފޫއްސެކެވެ. އޭގެ ފަހުން ޝައުޤެކެވެ. އެ ޝައުޤު ރީތި އިހްސާސަކަށް ބަދަލުވެގެން ދިޔައީވެސް އިއާންގެ އެ ކުޅިގަނޑުތެރެއިންނެވެ. އިއާންއަށް ކީއްކުރަން ހެއްޔެވެ؟ ޚުދު އޭނަގެ އަމިއްލަ ނަފްސަށްވެސް ނޭނގި އޭނައަށް އިއާންގެ "އަވައިގަ" ޖެހި ނިމުނެވެ. އިއާންއާއި ދޭތެރޭ އުފެދުނު ޝައުޤާއި މަޖްބޫރެއްވެގެން ކުރެވެން އުޅުނު ކައިވެންޏަކީ ތިމާއަށް ހުރި އުފަލެއްކަމަށާއި ރަޙްމަތެއް ކަމަށް ކުޑަ ދުވަސްކޮޅަކަށްވިޔަސް އޭނައަށް ހީކުރެވުނެވެ.
އެކަމަކު އެ ހުވަފެނުން އިއާން އޭނަ ހޭލައްވާލީވެސް އެހާ އަނިޔާވެރިކޮށެވެ. ޝިއުނާ ބަލިވެއިންކަން އެނގުމާއެކު އިއާންމަތިން އޭނަގެ ހިތް ކެނޑުނެވެ. އާދަޔާއި ޚިލާފު ފޫއްސެއް އުފެދުނެވެ. ދުވަހަކުވެސް ދެނެއް އިއާންގެ އެ ހަގީގަތެއް ބަދަލު ނުވާނެކަން އޭނައަށް އެނގުނެވެ.
ތެދެކެވެ. އޭނައަށް މީހަކު ދިން ނަސޭޙަތުގެ ބަސް އަހައިގެން، އިއާން އާއި ޝިއުނާ ކައިވެނި ކުރި ތަނަށް އޭނަ ދިޔައެވެ. އެކަމަކު އެއީ ހަމަ އެކަނި އެކަމަށް އެދުނު މީހާގެ އެ ބަހަށް އިޙްތިރާމް ކުރުމުގެ ގޮތުންނެވެ. ދެވުނުކަންވެސް ނަސީބެވެ. އެއީ އޭނަގެ ހިތުން އިއާން ފޮހެލި ދުވަހެވެ. އެފަދަ ދަށުދަރަޖައަކަށް ވެއްޓިފަ ހުރި ފިރިހެނަކާއި އެއްވެސް ހައިސިއްޔަތަކުން ގުޅުމުގެ އެއްވެސް ޝައުޤެއް މިހާރަކު އޭނަގެ ނެތެވެ. ހިތް ކިތަންމެ މަޖްބޫރު ކުރިޔަސް ވެހެވެ. ސިކުނޑި ކިތަންމެ ވަރަކަށް ވިސްނައިދިނަސް ވެހެވެ.
ލޮލަށް ނިދި އައި ނަމަވެސް ލޯ ނުމެރިގެން، ނުނިދިގެން އުޅުނު އީމާގެ ވިސްނުން މިހިސާބަށް ދިޔައިރު ފަތިހު ފަސްގަޑި ފަންސާސް ވެއްޖެއެވެ. އިނދެވުނީ ބަދިގޭ މޭޒުދޮށުގައި ނޫޑުލްސްޕެކެޓެއް ހޫނު ފެނަށް އަޅައިގެން ކާށެވެ.
މުޅި ރޭ ޚަރާބު ވީއެވެ. ވަޒީފާއަކަށް ނުދާކަން ނަސީބެކެވެ. އެހެން ނޫންނަމަ މިއަދު ދާން ޖެހުނީހީ ނުނިދައެވެ.
އަމިއްލަ ނަފްސާއި ދޭތެރޭ އަމިއްލައަށް ވިސްނަމުން ވިސްނަމުން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާ ތަޅުލިއެވެ. ދެން ނިކަން ހަމަޖެހިލައިގެން އޮވެއްޖެއެވެ. ލޯމެރުމާއި ގަދަ ނިންޖަކުން ނިދުމާއި ދޭތެރޭ ނެގީ ދެތިން ސިކުންތެއްހާވަރެވެ.
***
ދެދުވަސްފަހެވެ. އެރިއިރާއެކު ރިޒްވީ ބޭނުންވީ އިއާން ކޮބައިތޯ ބަލާށެވެ.
"އޮންނާނެނު ނިދާފަ، އެހެން ވަކި ދާނެ ތަނެއް ނޯންނާނެނު މިހާރަކު." ނިދަން އޮތް އެނދުން ފައިބައި، މަހްމާ ފޮތީގެ މަޑު ފައިވާނަށް އަރައިގެން އާލިޔާ ހިނގައިގަތީ ފާހާނާއަށެވެ.
ތައްޔާރުވެލައިގެން ހެނދުނުގެ ސަޔަށް މޭޒުދޮށަށް ދިއުމުގެ ކުރިން އާލިޔާ ދިޔައީ އިއާންހޯދަން އިއާންގެ ކޮޓަރިއަށެވެ.
"ބައްޕަ ކީއްކުރަން މިހާ ހެނދުނާ އަހަރެން ހޯދަނީ، އިންފެކްޓް، ކީއްވެ އެއްވެސް ގޮތަކަށް ބައްޕަ އަހަރެން ހޯދަނީ؟" އެންމެ މަޑު ފިޔާތޮށިކުލައިގެ އުއިފޮތީގެ ގަމީހެއް ލައިގެން އަތުކުރި އޮޅާލަން މޫނުބަލާ ލޯގަނޑުކުރިމަތީ ހުރި އިއާން އޭނަގެ މަންމައާއި ކުރި ސުވާލަކީ މިއީއެވެ.
"ކީއްވެ ތިހެން ތި އަހަނީ؟ ޔޫ އާރ ހިޒް ބޯއި." ކުޑަ މޭޒުމަތީ ހުރި ލިޔުންތަކެއް ތަރުތީބުކޮށްލަން ހުރެފައި އާލިޔާ ޖަވާބު ދިނެވެ.
"އޯލްރައިޓް، އެކަމަކު އަހަރެން ހިއެއް ނުކުރަން ބައްޕަ ދުވަހަކުވެސް ދެން މި އިއާންއާއި ވާހަކައެއް ދައްކާނެ ކަމަކަށް." އިއާންގެ އެ ވާހަކަތައް ކިތަންމެ އާދައިގެ ގޮތަކަށް ދެއްކިނަމަވެސް އޭގެ މާނަ އާލިޔާއަށް ވިސްނެއެވެ.
"ދެން އެކަމަކު އެހެން އިއާންއެއް ނުލިބޭނެނު، އެހެންވެ ކަންނޭނގެއެއްނު އެ ގޮވަނީ." އިއާން ބަހައްޓާފައި ހުރި ލިޔުންތައް ބަލަމުން ، ބުއްދިވެރިކަމާއެކު އާލިޔާ ވާހަކަ ދައްކަމުން ދިޔައެވެ.
"އޯކޭ." މަންމަ އާއި ދިމާލަށް އިއާން އެނބުރުނެވެ. މަންމަ އޭނައަށް ޖެއްސުމަށް ސަމާސާއެއް ކޮށްލީކަން އިއާންއަށް އެނގޭތީ އިއާންގާތަށް ހިނިއައެވެ.
"މި ހުރިހާ ލިޔުންތައް ނަގައިގެން ، އަނެއްކާ ކޮން ޕްލޭނެއްގަ އިއާން ތި އުޅެނީ." އިއާންގެ އެ މޭޒުމަތީގައި ހުރީ އިއާންގެ ތަޢުލީމީ ޙަޔާތުގައި ލިބިފައިހުރިހާ ސެޓްފިކެޓް ތަކެވެ. އެ ހުރިހާ ލިޔުންތައް އެއްތަނަކަށް ނަގައިގެން އިއާން އުޅުމުގެ މަޤްޞަދެއް އޮންނާނެކަމަށް އާލިޔާ ގަބޫލު ކުރިއެވެ.
"ޖޮބަކަށް ދާންކަމަށް މި ވިސްނަނީ، މިއަދު އެބައޮތް ދެ އިންޓަރވިއުއެއް." މަންމަކައިރިއަށް ގޮސް، ގެންދަންޖެހޭ ލިޔުންތައް ވަކި ސިޓީއުރައަކަށް ލައި، އަތްމަތީގައި ގެންގުޅޭ އޮފީސް ފައިލަށް ލުމަށްފަހު ޒިބު ދަމާލިއެވެ.
އިއާންގެ ފަރާތުން ލިބުނު އެ ޖަވާބުން އާލިޔާއަށް ހައިރާންކަމެއް ލިބުނެވެ. އޭނަގެ ދަރިފުޅުގެ ޙަޔާތުގައިވެސް ފުރަތަމަ ފަހަރަށް އެ އުޅެނީ ވަޒީފާއަކަށް ދާށެވެ. އަދި އެވެސް އަމިއްލައަށް ފެނިގެންނެވެ. ހާދަ ބޮޑު ބަދަލެކޭ އާލިޔާގެ ހިތަށް އެރިއެވެ.
"ވަރަށް ރަނގަޅު ވިސްނުމެއް ތިއީ، މަންމަ ވަރަށް އުފާވާނެ ދަރިފުޅު ވަޒީފާއަކަށް ދަންޏާ، އެކަމަކު ދިއުމުގެ ކުރިން ބައްޕަ ބުނާ އެއްޗެއްވެސް އަޑުއަހާފަ ދައްޗޭ އިނގޭ." ހަގީގަތުގައިވެސް އާލިޔާއަށް އުފަލެއް ލިބުނެވެ. އިއާންއަކީ ބުނެބުނެވެސް ވަޒީފާއަށް ދާކަށް އެއްބަސްނުވި ކުއްޖެކެވެ.
ދެމައިން އެކުގައި ކޮޓަރިން ނުކުމެގެން އައިއިރު ސިޓިންރޫމް ސޯފާގައި ރިޒްވީ އިނެވެ. އިއާން ފެނުމުން ހިފައިގެން އިން އައިޕެޑް ބާއްވާފައި ގޮނޑީގައި ހަމަޖެހިލިއެވެ.
"ބައްޕަ ގޮވީމަ މި އައީ" އަރިމަތީގައި ހުރި ސޯފާގައި އިށީނދެފައި އަދަބުވެރިކަމާއެކު އިއާން ބުނެލިއެވެ.
"އާނ، ބައްޕަ ގޮވީ ވަރަށް މުހިއްމު ވާހަކައެއް ދައްކާލަންވެގެން..." ދެމައިންގެ މޫނަށް ވަކިވަކިން ބަލަމުން ރިޒްވީ ވާހަކަ ދައްކަން ފެށިއެވެ.
"ހިނގާ ސައިބޯން، އެތަނުގަ ވާހަކަ ދައްކާނީ..." ޢިލްމާގެ ހުނަރުވެރި އަތުން ކާމޭޒަށް ސައިތައްޔާރުކޮށް ނިމުނުތަން ފެނިފައި ރިޒްވީ ތެދުވިއެވެ.
"ބައްޕަ މަޑުކޮށްލައިގެން ހުރީ އިއާން އަމިއްލައަށް މި ވާހަކަ ދައްކާނެ ކަމަށް، އެކަމަކު ދެން ހުންނަން ވެއްޖެނަމަ މާ ލަސްވެދާނެހެން ހީވަނީ، މިހާރު އިއާންވެސް ބޮޑުވެއްޖެ، އަމިއްލަ ޒިންމާ އަމިއްލައަށް ނަގަން މާ ލަސްވެސްވެއްޖެ...." ރިޒްވީ ދައްކަން އެ ފެށީ ކޮން ވާހަކައެއްކަމެއް އިއާން އަކަށް ނޭނގެއެވެ. ސުވާލުގެ ނަޒަރަކުން އިރުއިރުކޮޅާ މަންމައަށް ބަލާލެވެނީވެސް އިތުރު އެއްޗެއް ނުވިސްނޭތީއެވެ.
"ބައްޕަ މި ދައްކަނީ މާ ބޮޑު އަރަތެއްގެ ވާހަކއެއް ނޫން، އިއާން އަމިއްލަ ބިޒްނަސް ފަށަންވީއޭ މި ބުނަނީ." ވަރަށް ސާފު ޢިބާރާތުން އިއާންގެ ޙައިރާންކަން ރިޒްވީ ދުރުކޮށްދިނެވެ.
އިއާންއާއި ރިޒްވީގެ މޫނުމަތިން ފެންނަ ސީރިއަސްކަން ބަލަން އިން އާލިޔާގެ ހިތަށް ތަދެއްވިއެވެ. އަބަދުމެ ހިނިއައިއްސަ ތިބޭ ދެބަފައިންގެ މޫނުމަތިން ހިނިތުންވުމެއްގެ އަސަރު ނުފެންނަނީ އެތަކެއްމަސްދުވަހުއްސުރެންނެވެ. އިއާންގެ ކިބައިން ފެންނަ ވަރަށްވެސް ރިޒްވީގެ ކިބަޔަކުން ނުފެނެއެވެ. ރިޒްވީގެ ހުރިހާ ލާނެތް ސަމާސާތައްވެސް ހުއްޓުނުތާ އެތަކެއް ދުވަސްވެއްޖެއެވެ. އެއީ ހައްތާވެސް އިއާންގެ އިހުމާލުންކަން އެނގޭތީ އާލިޔާ އަދި އިތުރަށް ދެރަ ވިއެވެ.
"އެކަހަލަ ކަމަކާ ވިސްނާފަ އެބައޮތްތަ؟ ކޮންކަހަލަ މަސައްކަތެއް އިއާން ފަށަން ގަސްތުކުރަނީ؟" އަމިއްލަ ވިޔަފާރިއެއް ފަށަންވީއޭ ބުނީއްސުރެން އިސްޖެހިފައި އިން އިއާންއަށް އިނދެވުނީ ވަރަށް ދެރަވެފައެވެ. މީގެ ކުރިން އަބަދުމެ ބައްޕަ ބުނަނީ ޢާއިލީ ވިޔަފާރީގައި ބައިވެރި ވުމަށެވެ. އަމިއްލަ ވިޔަފާރިއެއްފަށަން އޭނައަށް ހުއްދަ ނުދިނީ ހަމަ އެ ބައްޕައެވެ. އެކަމަކު މިހާރު ބައްޕަ އެ އެދެނީ އަމިއްލައަށް ވިޔަފާރި ފެށުމަށެވެ. ބައްޕަ އަދިވެސް އޭނަ ބަލައިނުގަންނަ ކަމާއި އަދިވެސް ދުރުކަން އެބަހުރިކަން އިއާންއަށް އެ ވަރުން އެނގުނެވެ.
"އަދި ނެތް ވިސްނާފައެއް، އެކަމަކު، މިއަދު އޮތް ދެ އިންޓަރވިއުއަކަށް ދާން މި ދަނީ؟" އިއާން އޭނަގެ ދުވަސް ކުރިޔަށް އޮތްގޮތް ބުނެދިނެވެ.
"އިންޓަރވިއު...ކޮން ކަހަލަ އިންޓަރވިއުއެއް؟" ރިޒްވީ އަންތަރީސް ވިއެވެ.
"މީރާގެ ޖޮބަކަށާއި ޓޫރިޒަމްގެ ޖޮބެއް...." ބައްޕަގެ ހިތް އޮތް ގޮތެއް އިއާންއަކަށް ނޭނގެއެވެ.
"ތިބުނަނީ އިއާން ޖޮބްއަށް ދާން ފަށަނީއޭތަ؟" ރިޒްވީއަށް ހަމަ ގަބޫލުކުރަން ދައްޗެވެ.
"ޔެސް..." އިއާން ޔަގީންކަން ދިނެވެ.
"ސަރުކާރު ޖޮބްތަކުން ލިބޭނީ ކަނޑައެޅޭ ކުޑަކުޑަ މުސާރައެއްކަން އިއާންއަށް އެނގޭ ދޯ؟" ރިޒްވީ އަދިވެސް އިތުރަށް އޮޅުން ފިލުވަމުން ދިޔައެވެ.
"ލައްބަ.. އެނގޭ " އިއާން އިނީ އޭނަގެ އަމިއްލަ އެ ނިންމުމާއި ދޭތެރޭ އުފާވެފައެވެ.
"އެކަމަކު ޖޮބަށް ދިޔަޔަސް ބައްޕަ ބޭނުން އިއާން ވިޔަފާރި ފަށަން، ތިހެން އަދާކުރާ ޖޮބަކީ ގެރެންޓީއެއް އޮންނާނެ އެއްޗެއް ނޫން، ބައްޕަ ބޭނުން އިއާން އަމިއްލަ ފައިމައްޗަށް ތެދުވަން، އިއާންގެ ކަރަންޓް އެކައުންޓަށް ހުންނާނެ އަށްލައްކަ ރުފިޔާ ޖަމާކޮށްފަ، ވީ އެންމެ އަވަހަކަށް ޕްރޮޕޯސަލްއެއް ރާވާފަ ބައްޕަ ކައިރިއަށް ގެންނަންވީ، ރޭވީމަ ބޯޑާއެކު މީޓިންއެއް ބައްޕަ ހަމަޖައްސައިދޭނަން..." ރިޒްވީގެ ޚިޔާލު ހުރި ގޮތުން އިއާން އިނީ ބަސް ހުސްވެފައެވެ. ބައްޕައަށް އޭނަ އަދާކުރަން އުޅޭ ވަޒީފާއާއި ދޭތެރޭ އެއްވެސް ޔަގީންކަމެއް ނެތެވެ. ނުވި ތާކަށް ކުޑަ މުއްދަތެއްގެ ތެރޭގައި ބިޒްނަސް ޕްރޮޕޯސަލްއެއް ހަދަންވެސް ބައްޕަ ބުނަނީއެވެ. އޭނައަށް އެ އަންނަނީ ކޮން ކަހަލަ ފިއްތުމެއް ބާވައޭ އިއާން ހިތަށް އެރިއެވެ.
"އޯކޭ، މަސައްކަތް ކުރާނަން." ކުރަން ބޭނުންވާ ކިތަންމެ ގިނަ ސުވާލެއް ހުރި ނަމަވެސް އިއާން އެއިން އެއްވެސް ސުވާލެއް އެވަގުތަކު ނުކުރެއެވެ. އޭގެ ބަދަލުގައި ކުރު ޢިބާރާތަކުން އިއާން އެއްބަސްވީއެވެ.
ހިތަށް އެރިހާ ވަގުތެއް ނުނެގޭނެ، އެއްމަސްތެރޭ އިއާން ވާނެ ޕްރޮޕޯސަލް ބައްޕައަށް ގެންނަން." ރޮށިކޮޅަކާއެކު، މަސްހުނިކޮޅެއް ނަގަނަގާއިން އިއާންގެ އަތަށް ހުއްޓުމެއްވެސް އައެވެ. ރިޒްވީ ހިފާފައި ހުރީ ހާދަ ބޮޑަކަށޭ އާލިޔާގެ ހިތަށްވެސް އެރިއެވެ.
"އޯކޭ." އިއާންގެ ބަސް ވަރަށް ކުރެވެ.
***
"ދެން ކިހިނެއް ހަދާނީ." ޔާނާ އިނީ ދެރަވެފައެވެ.
"ދެން ނެނގެ ހަދާނެ ގޮތެއް، ލޯން ހަމަނުޖެހެންޏާ ކޮންމެ ގޮތެއްވިޔަސް އަހަންނަކަށް ކިޔަވާކަށް ނުދެވޭނެކަން އެނގެނީ." މިދިޔަ އޯގަސްޓް މަހު އެޕްލައިކުރި ސްޓޫޑަންޓް ލޯން ލިބުނު ފަރާތްތައް އިޢުލާން ކުރުމުން ވަރަށް އުއްމީދާއެކު ލިސްޓް ބެލިއިރު އީމާ ނުހޮވޭކަން އެނގުމުން ވީ ދެރައިގަ އީމާ އިނީ ރޮވިފައެވެ.
"އެކަމަކު ދެން ކޮންމެވެސް ގޮތެއް އޮންނާނެނު އަދި، ބެންކްއިންވެސް ލޯން ދޫކުރެއެއްނު ދޯ މިހާރު ކިޔަވަން، ހިނގާ އެކަމާ އުޅެން." ޔާނާ ޚިޔާލު ދިނެވެ.
"ބައްޕައާއި ވާހަކަ ދައްކާލާފަ އެނގޭނީ..." އީމާ އިނީ އުއްމީދުކެނޑި ހިތް މަރުވެފައެވެ.
"ދެން އެހެންނޫނީ އޮތް ގޮތަކީ އަންނަ އަހަރު އަންނަންދެން މާލެއިން ކޯސް ހަދަން، ޖޮބަކަށް ދާންވީނު، ޖޮބަކަށް ދަމުން ކިޔަވާނީ، ދެން އަނެއްކާވެސް އަންނަ އަހަރު އެޕްލައިކުރާނީ ލޯނަށް، ހައު އެބައުޓް ދެޓް." ޔާނާއަކީ ރަނގަޅު އެކުވެރިއެކެވެ. އެކުވެރިޔާގެ ހިތްމަރުވެފައި އިން ވަގުތު، އެކިއެކި މަގު ދައްކައިގެންވެސް އެކުވެރިޔާގެ ހިތްހަމަޖައްސައިދެވޭތޯ ޔާނާ ބަލަމުން ދިޔައެވެ.
އީމާ ވަކި އެއްޗެއް ނުބުނެއެވެ. ލޯން ނުލިބެންޏާ ކޮންމެ ގޮތެއްވިޔަސް ވަޒީފާއެއް ހޯދަން ޖެހޭނެކަން އީމާއަށްވެސް ގަބޫލުކުރެވެއެވެ.
"އަހަރެން ބަލާލާނަން އިނގޭ އަހަރެމެން ތަނުގަ ހުސް ޕޯސްޓެއް އޮތްތޯ، ދެމީހުން އެއް އޮފީހަކަށް ދާންފެށީމަ ކިހާ މަޖާވާނެ ދޯ." ޔާނާ އަނެއްކާވެސް ބުންޏެވެ.
"ހޫމް..." ޔާނާ މިހާރު އުޅެނީ ޓޫރިޒަމް މިނިސްޓްރީގައެވެ. ދެމީހުން އެއްތަނެއްގައި މަސައްކަތް ކުރަންޏާ، އެބުނާހެން މަޖާވާނެއެވެ. އެކަމަކު އީމާ ބޭނުންވަނީ މިހާރު ކިޔަވަން ދާށެވެ. ރާއްޖެއިން ބޭރަށް ދާށެވެ. އިއާން އާއި ދުރަށް ވަރަށް ދުރަށް ދާށެވެ. އޭނަ ލޯނަށް އެޕްލައިކުރި އަސްލު މަގްޞަދަކީވެސް އެއީއެވެ. -- ނުނިމޭ --