6 Dec 2022

● 11 ވަނަ ބައި

އަހަރެން ބޯޖަހާލުމާއި އެކު އޭނާ ކުރިއަށްވުރެވެސް ކައިރިއަށް ޖެހިލިއެވެ. އަހަރެންގެ މޫނަށް ބަލަންހުރެފައި އޭނާއާއި އެކީ ދާން މަޑުކުރަން އެދުނެވެ. އޭނާ އެހާކައިރީގައި ހުރުމުން އަހަންނަށް އުދަގޫވިއެވެ. ނޫނެކޭ ބުނަން ބޯ ހޫރާލަމުން ހިގައިގަތީއެވެ.

"ޕުލީޒް!" އިޝާން ކުއްލިއަކަށް އަހަރެންގެ އަތުގައި ހިފިއެވެ. "ރާނިޔާ! އައި.. އައި..ވޯންޓު ޓޯކް ޓު ޔޫ!" އޭރު އޭނާގެ މޫނުމަތިން ފައުޅުވާން ހުރި އަސަރު ފެނިފައި އުފާވުމުގެ ބަދަލުގައި އަހަރެން އިތުރަށް ބިރުގަތެވެ.

އަހަރެން ބޯހޫރާލަމުން އަތް ފޮޅުވާލަން މަސައްކަތްކުރީމެވެ. މީހަކަށް ފެނިދާނެތީ ކަންބޮޑުވިއެވެ. އެވަރުންވެސް އޭނަ އަތުން ދުލެއްނުކުރިއެވެ.

"އިޝާން ދޫކުރޭ!" އަހަންނަށް އެހެންބުނެވުނީ ތަންކޮޅެއް ބާރަށެވެ.

އެޔާއިއެކު އޭނާ ދޫކޮއްލިއެވެ. އަހަރެން އަވަސްއަވަހަށް ހިގައިގަތްތަނާ އޭނާ ސޮރީއޭ ބުނިއަޑު އިވުނެވެ. އޭރު އަހަރެން ފެންކަޅިވެއްޖެއެވެ. އެންމެ ފިޔަވަޅެއް ކުރިއަށް އެޅިނަމަވެސް އޭނާގެ އަތުތެރެއަށް ވަދެވުނީސްއެވެ. އެދެއަތުން އަހަރެންނަށް ހިމާޔަތް ލިބޭނެކަން ހަމަ ޔަގީންވެއްޖެއެވެ. އެއީ އަހަރެންގެ ހިތް ބޭނުންވާގޮތެވެ. އެކަމަކު އެއީ އަހަރެންގެ ބެސްޓުފުރެންޑްގެ މީހެކެވެ. އަހަންނަށް އޭނާއާއި ކައިރިވުމުގެ އެއްވެސް ހައްގެއްނެތެވެ.

އެރެއަށްފަހު އިޝާންއާއި އަހަންނާއި ދުރުވިއެވެ. އޮފީސްތެރެއިން ފެނުމުން މާބޮޑަށް ވާހަކަ ދައްކާކަށް ނޫޅެއެވެ. އަހަރެންވެސް އޭނާއަށް ނުފެނި އުޅެވޭތޯ ބެލީމެވެ. އެކަމަކު އަހަންނަށް ކުރިއަށްވުރެ މާބޮޑަށް އުނދަގޫވާންފެށިއެވެ.

"އައި ވޯންޓު ޓޯކް ޓު ޔޫ!" އެއަޑު އަހަރެންގެ ކަންފަތަށް އިވޭތީއެވެ. އޭނާ ބުނަންއުޅުނީ ކޮންވާހަކައެއްތޯ ބަލާހިތްވަނީއެވެ. ކިތަންމެ ފަހަރަކު އޭނާގެ ކައިރިއަށް ގޮސް އެސުވާލު ކުރަންވެސް ހިތަށް އަރައެވެ. އެކަމަކުވެސް އަހަރެން ވިސްނާލަމެވެ. އޭނާގެ ހިތުގައިވާ އެއްޗެއް އަހަންނަށް އެގުނިއްޔާ ވަކި ކުރެވޭނީ ކޮންކަމެއްހެއްޔެވެ؟

އަހަރެންގެ މާޔޫސްކަންވެސް ދުވަހެއްދުވަހަކަށް އިތުރު ވަމުން ދިޔައެވެ. އަނެއްކާވެސް އެމާހައުލުން ދުރަށް ދިޔުމުގެ ޙިޔާލު ސިކުނޑި ތެރޭގައި އެނބުރެންފެށިއެވެ. އެކަމަކު މަންމަމެން އައިސް އުޅުނު އިރު އަހަންނަށް އޮތީ އޮފީސް ވަރަށް ކަމުދާ ވާހަކަ ބުނެވިފައެވެ. ދެން ރަށަށް ބަދަލުވާން ދައްކާނީ ކޮންބަހަނާއެއްބާވައެވެ؟

އަހަރެން ވިސްނަންފެށީމެވެ. އެހެންއޮފިހަކަށް ބަދަލުވާން ޙިޔާލު ކުރަންފެށީމެވެ. އެހެނަސް އަހަރެންގެ ހިތާއި ސިކުނޑި އެއްގަލަކަށް ނޭރިއެވެ. އެއީ އެންމެ ރަގަޅު ގޮތް ކަމުގައި ސިކުނޑި ބުނެދޭއިރު އަހަރެންގެ ހިތްބޭނުންވަނީ އިޝާން ފެންނަ ހިސާބުގައި އުޅޭށެވެ. އަހަރެންގެ ޙިޔާލީ ދުނިޔޭގައި އިޝާން އާއި އެކީ ދުވަސްތައް ހޭދަކުރާށެވެ.

އެ ހައިޖާނު ގަނޑުގެ ތެރޭގައި އަހަރެން ތާށިވެފައި ވަނިކޮށް އަދުލީ އަހަރެން ކައިރީ ރައްޓެހިވާން އެހުމުން އޭނާ ދެކެވެސް އަހަރެން ފޫހިވިއެވެ. އެހާހިސާބުން އޭނާޔާއި އޮތް ގުޅުންވެސް ގާތްގަޑަކަށް ނިމުމަކަށް އައެވެ. އަދުލީގެ ފޯނުކޯލް ތައް ހުއްޓުމަކަށްއައެވެ.

ޝެރީންގެ ސިޓީ އެއްލިބުނެވެ. އޭނާ ފުރައިގެން ދިޔަތާ ދެމަސްވާން ކައިރިވެފައި ވަނިކޮންނެވެ. އަހަރެންގެ ސިޓީގެ ތެރޭގައި އިޝާންއަށް އޮތް ސިޓީ އެއްވެސް އޮތެވެ. އެސިޓީ އޮތީ ފަތްޖަހާލާފައި ހީރަހެއް ޖަހާފައެވެ.

ޝެރީންގެ އަހަރެންމަތިން ވަރަށް ހަނދާންވާ ވާހަކަ ލިޔެފައި އޮތެވެ. އޭނާ ކިޔަވަން ދާން ފެށިވާހަކަ އާއި އޭނާ ހުންނަނީ އެތާގެ ފެމިލީއެއްގެ ކައިރީގައި ކަމަށްވެސް ލިޔެފައި އޮތެވެ. ސިޓީ ކިޔާނިމުނު އިރު އަހަންނަށް ޝެރީން މިސްވެއްޖެއެވެ. ސްކޫލުގައި އަހަރުމެން ދެމީހުން އެކީ އުޅުނު އުފާވެރި ދުވަސްތަކުގެ މަތިން ވަރަށް ބޮޑަށް ހަނދާންވާން ފެށިއެވެ.

އަނެއްދުވަހު އިޝާންއަށް އޮތް ސިޓީ ގެންގޮސް ދިނީމެވެ. އޭނާ އެއީ ކޯޗެއްތޯ އެހުމުން ޝެރީންގެ ސިޓީ އެކޭ ބުނެފައި މަޑުނުކޮށް އަހަރެން ދިޔައީއެވެ. އިޝާން އެސިޓީ ކިޔަން ނޫޅެ ވަތްގަޑު ތެރެއަށް ލީ މަންޒަރު އަހަރެން ދުށީމެވެ.

އޭނާ ޝެރީން އާއި ދޭތެރޭ ދެކެނީ ކިހިނެތް ބާވައޭ އަހަރެންގެ ހިތަށް އަރަންފެށިއެވެ. ޙާއްސަކޮށް ޝެރީން ފުރަންއުޅެމުން އަހަރެންކައިރީ ދެއްކި ވާހަކަ ތަކަށްފަހު އިޝާން އެހާވަރުން ނޫޅޭހެން އަހަންނަށްވެސް ހީވާންފެށިއެވެ. އަހަރެން މިއީ އިޝާން ނަމަ ވަގުތުން އެސިޓީ ކިޔަންބޭނުންވާނެކަން ހަމަ ޔަގީނެވެ. ޝެރީން ދެކެ ލޯބިނުވާނަމަ އޭނާ އާއި ރައްޓެހިވެގެން އުޅެނީ ކީއްކުރަންހެއްޔެވެ؟ އަހަންނަކީ ޝެރީންގެ އެންމެ ގާތް އެކުވެރިޔާކަން އެނގި ހުރެ އަހަރެންގެ ހިތްތަޅުވަނީ ކީއްވެގެން ބާވައެވެ؟

އަހަރެންގެ ހިތުގައި އިޝާން އަށްޓަކާ މިވާ އިހުސާސްތައް ނުވާނަމަ އަހަރެންގެ ރަހުމަތްތެރިޔާގެ ހައްގުގައި އެސުވާލު ކުރީމުސްއެވެ. ޝެރީން ދެކެލޯބި ނުވަނީތޯ ސުވަލު ކުރީމުހެވެ. އަހަންނަށް ހިންދިރުވާލެވުނެވެ. އަނެއްކާވެސް އެއްކަލަ ނަމަނަމަތައް އަހަރެންގެ ސިކުނޑިއަށް ވެރިވެގަތެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އޮފީސް ދަތުރެއް ރޭވުނެވެ. ހުސްނީ ލިސްޓު ހިފައިގެން އަހަރެންނާއި ހަމައަށް އައިއިރު ވަރަށް ގިނަމީހުން ދަތުރުދާން ކަމަށް ސޮއެ ކޮއްފައި އޮތެވެ. އަހަރެން އެދަތުރުގައި ބައިވެރިވާކަށް ބޭނުމެއްނުވިއެވެ. އިޝާން އައި އަހަންނާ އަދިވެސް ކުރިން ގޮތަށް ގާތްކޮށް ވާހަކަ ދައްކައެއް ނޫޅެމެވެ. އެހެނަސް އެފަދަ މާހައުލަކުން އޭނާއާއި ކުރިމަތިލާން އަހަރެން ޖެހިލުންވީއެވެ.

އެދުވަހު އޮފީސް ނިމެންކައިރިވެފައި ވަނިކޮށް އިޝާންއައެވެ. އޭރު އެތާނގައި މުހުސިނު އާއި އަބްދުއްރަޝީދު ވެސް ތިއްބެއެވެ. އޭނާ އައި ގޮތަށް އައިސް ދިއްކޮށްލީ ޓިޕެކްސް ފުޅިއެވެ. އަދި ދަތުރުދާ މީހުންގެ ލިސްޓެވެ. "އޭ އެއްވެސް ގޮތެއްނޫން.. ދަތުރު ދާންވާނެ!" ސަމީރު ދޮރުންވަންނަމުން ގޮވާލިއެވެ. އެޔާއިއެކު އެތާނގައި ތިބި އެންމެންވެސް އެކަމަށް ތަރުހީބު ދިނެވެ. އެންމެފަހުން އަހަންނަށް ޖެހުނީ ދާމީހުންގެ ގޮޅީގައި ސޮއެކުރާށެވެ.

ހުކުރުދުވަހު އިރު ފެނުން ތޮޅެލިއިރު އަހަރުމެންތިބީ މާލެއިން ފުރައިގެން ފޭދޫފިނޮޅާއި ދިމާއަށް ދަތުރުކުރަމުން ދިޔަ ދޯންޏެއްގައެވެ. ސަމީރު އާއި އިޝާން އާއި އަދިވެސް އެހެންކުއްޖަކު ދޯނީގެ ދިރުނބާކޮޅުގައި އޮށޯވެލައިގެން ތިއްބެވެ. އަވިއައިނު އަޅައިގެން އޮތުމުން އޭނާ އެބަލަނީ ކޮންތާކަށް ކަމެއް ބުނެދޭކަށް ނޭގެއެވެ. އެކަމަކު އަހަރެން ބަލާލާ ކޮންމެފަހަރަކު އޭނާގެ ތުންފަތުން ހިނިތުންވުމުގެ އަސަރުފެންނަހެން އަހަންނަށް ހީވިއެވެ. އަހަރެން ކިތަންމެ ބޭނުންނޫނަސް އެދަތުރަށްޓަކައި ފޮނި އުއްމީދު ތަކެއް ކުރެވެންފެށީ އެހިސާބުންނެވެ. އޭނާ ދައްކަން ބޭނުންވީ ކޮންވާހަކަ އެއްތޯ އަހަން އަހަރެން ނިންމީމެވެ.

އެކަމަކު އަހަރެންހީކުރި ގޮތާއި ޙިލާފަށް ދަތުރު ފެށުނީއްސުރެ އިޝާންއެއް އަހަންނަކާ އަޅާއެއްނުލައެވެ. ކައިރިއަށް ނުވެސް އާދެއެވެ. އެންމެން އެކީ ޕާރޓްނަޒް ކުޅުނު އިރުވެސް އޭނާ ޚިޔާރު ކުރީ އެހެން އަންހެންކުއްޖެކެވެ. މޫދަށް އެރުނު ގަޑީގައިވެސް މޫނު މައްޗެއް ހިފައިގެން އިޝާން އާއި ހުސްނީ ދިޔައީ މާފުނަށެވެ.

މެންދުރުކައި ނިމުނު އިރު އަހަރެން މުޅިންމާޔޫސްވެއްޖެއެވެ. އިޝާން އަހަރެން މުޅިން ދުރުކޮއްލީއޭ ހިތަށް އަރާފައި ދެރަވާންފެށިއެވެ. އަހަރެން އެކަނިވެލަން ބޭނުންވިއެވެ. ތަންކޮޅުއް ދުރުން ފެންނަން ހުރިޖޯލި ފައްޗަކާ ދިމާއަށް އަހަރެން މިސްރާބު ޖެހީމެވެ. އަހަރެން ހިގައިގަތް ތަން ފެނިގެން ހަފީޒާއާއި ސީނާވެސް ކޮންތާކަށް ހޭ ކިޔާފައި އަހަރެންގެ ފަހަތުން އައެވެ. އަހަރެން މާގިނައިން ކެވިއްޖެކަމަށް ބުނެ ޖޯލީގައިއޮށޯތީއެވެ. ހަފީޒާމެން ދައްކަމުން ގެންދިޔަ އެއްވެސް ވާހަކައަކަށް ސަމާލު ނުވެ ލޯމަރާލީމެވެ.

"މިތިބީ ކައިގެން ބަނޑުދަމަން" ސަމީރުގެ އަޑަށް އަހަރެން ލޯހުޅުވާލީމެވެ. އޭރު ސަމީރު އާއި އިޝާން އާއި ހުސްނީ އަހަރުމެންނާ ދިމާއަށް އާދެއެވެ.

" ދަތުރު އައިއްސަ ތިހެން ތިބޭ އެއްޗެއްނޫން. ހިގާ ބޮއްކުރާ ދުއްވަންދާން!" ހުސްނީ ބުނެލިއެވެ. ހަމައެޔާ އެކުހަފީޒާ ތެދުވިއެވެ. ވަރަށް މަޖާވާނެއޭ ކިޔާފައެވެ.

"ކަލޭމެންދޭ އަހަރެން މަޑުކޮށްލާނީ!" އަހަރެން ބުނެލީމެވެ.

އެންމެންގޮސް އޮބާލަންދެންބަލަން އަހަރެން އޮތީމެވެ. އެޖޯލީގައި އަހަރެން އޮތްތަން އިޝާންއަށް ހަމަނުފެންނަނީ ބާވައޭ ހިތަށްއެރިއެވެ. އެވަރުން އަހަރެން މިދަތުރު ގެނައުމުގެ ބޭނުމަކީ ކޮބައިބާވައެވެ؟.

އޭނާ ބޭނުންވީ އޭނާގެ ހިތުގައި އަހަންނަށް ވެސް އޮތީ ހަމަ އެހެންމީހުންނަށް ވެސް އޮންނަކަހަލަ ރައްޓެހިކަމެއްކަން އަހަންނަށް އަންގާދިނުން ހެއްޔެވެ؟ ނޫނެކެވެ. އޭނާ މިހާރު އެއަށްވުރެވެސް ބޮޑަށް އަހަރެން ދުރުކޮއްލައިފިއެވެ. އަހަރެންނަކީ އޭނާއަށް ނެތްމީހެކޭ އެއްފަދައެވެ. އަހަރެންގެ ކުށަކީ ކޮބައިބާވައެވެ؟

އެހެންހިތަށް އެރުމާ އެކު ލޮލުން ކަރުނަ ހިލުނެވެ. ލޯމަތީގައި އަތްބާއްވާލަމުން އަނެއްކާ ވެސް ލޯމަރާލީމެވެ. އަހަންނަށް މިދަތުރު ނާދެވުނުނަމަ ކިހާރަނގަޅުވީސްހޭ ހިތަށްއަރަންފެށިއެވެ.

އެގޮތަށް ފިކުރުތަކުގެތެރެއަށް ގެއްލިފައި އަހަރެން އޮއްވާ ކޮންމެވެސް މީހަކު ޖޯލީގައި އިށީންހެން ހީވެގެން ބަލައިލިއިރު އެއީ އިޝާންއެވެ. އަހަރެން އިށީނދެގެންއިން ޖޯއްޔާ ދެމެދަށް ދެޖޯލި ދޫކޮށްފައި އޭނާއިށީނީދެގެން އިނެވެ. އޭނާ ފެނުމުން އަހަރެން އުފަލެއްނުވިއެވެ. ހިތުގެ ހިގުމަކަށްވެސް އެއްވެސް ބަދަލެއްނައެވެ. އަހަރެން އޮތީ އެއަށްވުރެ މާބޮޑަށް ދެރަވެފައެވެ.

"ކިހިނެއް ވެފަ ތިއޮތީ؟" އޭނާ އަހާލިއެވެ.

"ކަމެއްނުވޭ" އަހަރެން މަޑުމަޑުން ބުނެލީމެވެ.

ބޮއްކުރާ ދުއްވަން ނުދިޔައީ ކީއްވެތޯ އޭނާ އެއްސެވެ. އަހަންނަށް އުދަގޫވާންފެށިއެވެ. އަހަންނަށް ކުރަމުންދާ އަސަރުތަށް އޭނާ އަށް ފެނިދާނެތީ އަނެއްފަރާތްބަލަން ފެށީމެވެ.

"ނޭނގޭ ރަނގަޅަށް ފަތާކަށް" އަހަރެން ބުނެދިނީމެވެ.

އެޔާ އެކު އޭނާ ތެދުވެގެން އައިސް އަހަންނާއި ޖެހިގެން ހުރި ޖޯލީގައި އިށީނެވެ. "އިޝާން ހުއްޓަކާ ރީނާ ގެނބުނަކަނުދޭނަން!" އޭނާ ބުނެލިއެވެ.

އޭނާ އަހަންނަށް 'ރީނާ' އޭ ކިޔުމުން އުދަގޫވި އެއްކަމަކު އެކަން މަނާކުރާނެ ހިތްވަރެއްވެސް އަހަންނަކަށް ނުލިބުނެވެ. ގެބިގެން މަރުވިޔަސް މިއަށްވުރެ މާރަނގަޅުވާނެޔޭ އެވަގުތު ހިތަށް އެރިއެވެ.

"އަހަރެން ވާހަކައެއް އަހައިފިއްޔާ ތެދަށް ބުނާނަންތަ؟" އިރުކޮޅަކަށްފަހު އިޝާން ވާހަކަ ދެއްކިއެވެ. އަހަރެންގެހިތުގެހިގުން އަވަސްވިއެވެ. ވާހަކަދައްކަން އުދަގޫވިއެވެ.

'ރީނާ!..". އޭނާ އަނެއްކާވެސް މަޑުމަޑުން އަހަރެންގެ ނަންއެގޮތަށް ކިޔައިލިއެވެ. އޭނާ ހިންދިރުވާލިތަން ފެނުނެވެ.

" އަހަންނާ މެދު......" އެހެންބުނެފައި ހުއްޓައިލިއެވެ. އޭރު އަހަރެން ފިނިވާންފަށއިފިއެވެ. ހިތުގެތެޅުން ހަމައިންނެއްޓުނުކަން އިހުސާސް ކުރެވެންފަށައިފިއެވެ. "ރާނިޔާ ގެހިތުގައި އަހަންނަށް ދެވިފައިވަނީ ކޮންމަގާމެއް؟" އިޝާން ފުންނޭވާއެއް ދޫކޮއްލަމުން ސުވާލުކޮށްލިއެވެ.

އަހަރެން ސިހުނެވެ. އޭނާ އެހެންއަހާފާނެ ކަމަކަށް ފަހަރެއްގައި ވެސް ހިތަކަށް ނާރައެވެ.

ދުރުން، މާދުރުން ފެންނަން އޮތް ގަދަނޫކުލައިގެ ކަނޑާއި ދިމާލަށް އަހަރެން ނަޒަރުހުއްޓާލީމެވެ. އޭނާއަށް އަހަރެންދޭނީ ކޮންޖަވާބެއް ހެއްޔެވެ؟ އޭނާގެ މަގުސަދަކީ އަހަރެންގެ ކެތްތެރިކަން އިމްތިހާނު ކުރުންބާވައެވެ.؟ ނުވަތަ އަހަރެން ބޭޒާރު ކޮށްލުން ހެއްޔެވެ؟ އަހަރެންގެ ދެލޯފުސް ވާންފެށިއެވެ. އަވަސްއަވަހަށް އެސްފިޔަޖަހާ ކަރުނަތައް އޮއްބަން މަސައްކަތް ކުރީމެވެ.

"ކީއްވެ ޖަވާބު ނުދިނީ؟" އިޝާން ބުނެލިއަޑުއިވުނެވެ. ހަމަ އެޔާއެކު އޭނާގެއަތް، އަހަރެން ޖޯލި ދަނޑީގައި ހިފަހައްޓައިގެން އިން އަތްމަތީބާއްވާލިއެވެ. އަދި މަޑުމަޑުން ފިރުމާލިއެވެ. އަހަރެން އަތްދަމައިގަންނަން ބޭނުންވިއެވެ. އެހެންނަމަވެސް އެ މެސެޖް އަތާހަމައަކަށް ނުދިޔައެވެ.

"އޭތް! މިކޮޅުބަލާލަބަލަ!" އަހަރެންގެ މޫނު އޭނާއާއި ދިމާއަށް އަނބުރައިލުމަށް ދަތްދޮޅީގައި އެފިނި އިނގިލިތައް ޖައްސައިލިއެވެ. އަހަރެން ދެލޯމެރީމެވެ. އެވަގުތު އޭނާއާ ހަތަރު ކަޅިހަމަ ކުރަން ކުޅަދާނަ ނުވެގެންނެވެ.

"އަހަންނަށް ހީވޭ ރާނިޔާ އަހަރެންދެކެ ލޯބިވާހެން.." އިޝާން ގެއަޑުއިވުނެވެ.

އަހަރެންގެ ލޯހުވުނެވެ. 'ދާށެވެ! މިތަނުން ދުރަށް ދާށެވެ' އަހަރެންގެ ޟަމީރު އަހަންނަށް އަމުރު ކުރިހިނދު ޖޯލިން ތެދުވެގެން ދުއްވައިގަތީމެވެ.

އިޝާން މަޑުކޮއްބަލާށޭ ބުނުމުން އެއަށްވުރެ ބާރަށް ކުރިއަށް ދާންފެށީމެވެ. ހޭޅިފަށުގައި ހެދިފައިވާ މަގޫގަސްތަކުގެތެރެއިން ލާފައި ގޮނޑު ދޮށަށް ނުކުމެވުނެވެ. ކުރިމަތިން ފެންނަންއޮތީ ގަލުން ފުރިފައިވާ މޫދެވެ. ދެންއޮތީ ފުންމިންނޭނގޭ ކަނޑެވެ. އިޝާންއާދުރަށް ދާނީ ވަކި ކޮންތާކަށް ހެއްޔެވެ؟ އަހަންނަށް އޭނާއަށް ފިލޭނެ ހަމަ އެއްވެސްގޮތެއް ނެތީބާވައެވެ؟

"ރީނާ! " ފުރަގަހުން އެއަޑުއިވުމުން މޫދާއި ދިމާލަށް ދުއްވައިގަނެވުނެވެ. އޭނާގެ އަތުނުވާން މޫދަށް އެރި ފަތައިގަތީމެވެ. ނަމަވެސް ކުޑަތަންކޮޅަކަށް ދެވުނުތަނާ މާފުނަށް ދެވިއްޖެކަން ވިސްނުނެވެ. ފައިޖެއްސޭތޯ ބެލިވަގުތު މަޑުމަޑު އެއްޗެއްގައި ޖެހުމުން ހަޅޭއްލަވައި ގަނެވުނެވެ.

-- ނުނިމޭ --

◀ މި ވާހަކައިގެ އާ ބައެއް ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހަކު ގެނެސްދޭނެ

ދިގު ވާހަކަ ވާހަކަ: ދޭނުހޭ ގެންގޮސް ވަޔާއޭ

Popular