21 Jan 2023

● 24 ވަނަބައި

ލަތީފުގެ ފަރާތުން އެންމެ ފުރިހަމަކޮށް ލޯތްބާއި، އަޅާލުމާއި ސަމާލުކަން އަހަންނަށް ލިބެމުންދާތީ ހިތުގެ އެންމެ ފުނުގައިވާ ރިހުން ކޮންމެވެސް ދުވަހަކުން ފަސޭހަ ވާނެކަމަށް އުއްމީދު ކުރެވެންފެށިއެވެ. ސިއްރު ސިއްރުން އެފިނިފެންމަލަށް ބަލަންއިނދެ ކަރުނައެޅުން ހުއްޓާލެވޭނެ ދުވަހަކަށްވެސް އިންތިޒާރު ކުރަން ފެށީމެވެ.

ސްކޫލުގެ އަހަރީ ކޮންސެޓު ބާއްވައި ނިމުނުއިރު އަހަރެން ހުރީ މުޅިން ވަރުބަލިވެފައެވެ. ނެށުން ދަސްކޮށްދިނުމުގެ އިތުރުން ވަރަށްގިނަ އައިޓަމްތަކުގައި ކުދިންގެ ހެދުން ފަރުމާ ކުރީވެސް އަހަރެންނެވެ. އަހަރެން ހެދުންތައް ކުރަހާފައިވާ ފޮތްނަގައިގެން ބަލަން އިނދެފައި ފެޝަން ޑިޒައިނިންގ ދަސްކުރަން ޝައުގުވެރިވަންތޯ ލަތީފު އަހާލިއެވެ.

"ކީއްވެ ތިހެންތިއެހީ؟" އަހަރެން އައިސް އޭނާކައިރީ އިށީނީމެވެ.

"އެއީ ރާނިޔާގެ އެޓެލެންޓް ހުރީމަ!" އޭނާ ޖަވާބުދިނެވެ. "ވަރަށް ރީތި ..ވަރަށް ކުރިއޭޓިވް!"

އަހަރެން ނޫނެކޭބުނަން ބޯ ހޫރާލީމެވެ. އަހަރެން ދެން އިތުރަކަށް އެއްވެސް އެއްޗެއް ކިޔަވަން ބޭނުންނޫން ކަމަށްބުނީމެވެ.

"މިހާރު ހުރެއޭ ގޭގައި ހުރެގެންވެސް ކިޔެވޭނެ ގޮތްތައް.... ޑިސްޓަންސް ލާރނިންގ" ލަތިފު ވާހަކަ ކުރިއަށް ގެންދިޔައެވެ. "ތި ހުނަރު އިތުރަށް ދަސްކުރަން ފެނޭ! "

"އެއްޗެއް އިތުރަށް ކިޔަވަންޏާ ކިޔަވަންވީ ޕޭރަންޓިންގް ކަންނޭގެ!" އަހަރެން ބުނެލީމެވެ. އެޔާއިއެކު އޭނާ އަހަންނަށް ބަލައިލިއެވެ. އަހަރެން އެބުނި އެއްޗެއް ދޭހައެއްނުވިކަން އެނގުނެވެ. އަހަރެން ހިނިތުންވެލީމެވެ.

"އަހަންނަށް ހީވަނީ ލަތީ ބައްޕައަކަށް ވާން ދަސްކުރަންވީ ހެންނޭ މިބުނީ.." އަހަރެން ތަފުސީލުކޮށްދިނީމެވެ.

"އޭ؟!" ވަގުތުން އޭނާ އުފަލުން ފޮޅުނެވެ. އަހަރެންގެ ގައިގައި ބައްދާލިއެވެ.

"ހީވަނީ.. އަދި ޔަގީނެއްނޫން އިގޭ!" އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.

އަހަރެން ބަލިވެއިންކަން އެނގުމުން މަންމައާއި ބައްޕަވެސް ވަރަށް އުފާވިއެވެ. ގޭތެރެއަށް ހީވަނީ ކުޑަ ވަރެއްގެ އީދެއް އަންނާތީ އުޅޭހެންނެވެ. މީރުވާނެހެން ހީވާހާ އެއްޗެއް ހަދައިގެން ކާންދީ އެކިކަންކަން ފަށައިފިއެވެ. ސްކޫލުގެ ޓީޗަރުންވެސް ހީވީ އެހެންފަދަކަމެއްހެންނެވެ. ކުޑަކުޑަ ހެޑޭ އެއްލިބެނީއޭ ކިޔާފައި އަހަންނާއި ދިމާކުރަންފެށިއެވެ.

ބަނޑުބޮޑުކަން އެގުމުން އަހަރެންގެ ހަޔާތުން އަނެއްކާވެސް އާބާބެއް ފެށެނީކަން އަހަންނަށް ވިސްނުނެވެ. އެއްފަހަރާ އެތަކެއް އިހުސާސްތަކެއް އަހަރެންގެ ސިނކުޑި ތެރޭގައި ހިގަންފެށިއެވެ. އަހަރެން މަންމަޔަކަށް ވާތީ އުފާވިއެވެ. އެހެންނަމަވެސް ބައެއްފަހަރަށް ކަންބޮޑުވެސްވެއެވެ. ގޮތްނޭގޭ މާޔޫސްކަމެއް ހިތުތެރެއަށް ވެރިވެގަނެއެވެ. އެއްވެސް ސަބަބަބެއް ނެތި ދެރަވެސް ވެވެނިއެވެ. އެންމެން މާގިނަގިނައިން ކިހިނެތްތޯ ވަނީ އަހަންފެށީމާ ރުޅިވެސް އާދެވެއެވެ. އެކަމާ ލަތީފު ވަރަށް ކަންބޮޑުވާން ފެށިއެވެ. އެންމެފަހުން ގަދަކަމުން އަހަރެން ޑޮކްޓަރަށް ގެންދިޔައެވެ. ޑޮކްޓަރު ބަލާފައި ހުރިހާކަމެއްވެސް ރަނގަޅު ކަމުގައި ބުންޏެވެ. އަދި އެއީ އެއްގޮތަކަށްވެސް ކަންބޮޑުވާން ވީ ކަމެއްނޫން ކަމަށާއި އެއީ މާބަނޑުވުމުން ހަށިގަޑަށް އަންނަބަދަލާއި ގުޅިގެން ވާކަމެއްކަމަށް ޑޮކްޓަރު ބުންޏެވެ.

ބަނޑަށް ތިންމަސް ވީއިރު ދަރިފުޅަށް ކިޔާނެނަމަށް ދަންދެން ލަތިފު ނިންމައިފިއެވެ. ފިރިހެންކުއްޖެއް ވިއްޔާ ކިޔާނީ އިޒާން ކަމުގައި އޭނާ ބުންޏެވެ. އޭރު އިވާން ކޮއްކޮވެސް އެނދު މައްޗަށް އަރާ އަހަރުމެން ކައިރި އޮތެވެ. އެނަން އިވާން އާއި ގުޅޭނޫންހޭ ބުނެލިއެވެ. އިވާން ކޮއްކޮ ކައިރީ އޭނައާއެކު ކުޅޭނެ ކުއްޖެއް ގެންނަނީ ކަމުގައި އަހަރުމެން ބުނީމެވެ. އެކޮއްކޮ އޮތީ ދޮންތަ ބަނޑުގައި ކަމަށް ބުނުމުން އޭނާ ވަރަށް ހައިރާންވިއެވެ. އެކޮއްކޮ އަންނާނީ ކޮންދުވަހަކުންތޯ އަހަންފެށިއެވެ.

"ދެން އަންހެން ކުއްޖެއް ވިއްޔާޔޯ" އަހަރެން އަހާލީމެވެ.

"މީ ފިރިހެނެއް.. އަހަންނަށް ޔަގީން" ލަތީފު ޔަގީންކަމާއި އެކު ވާހަކަ ދެއްކިއެވެ. "އަންހެން ނަމެއް ނިންމާނީ ރާނިޔާ!" އޭނާ ވަރަށް ލޯބިން ބަނޑުގައި ފިރުމާލާފައި ބުނެލިއެވެ.

އަހަރެން ބަލިވެއިނީއްސުރެ ކޮންމެ ދުވަހަކު ހޭލާފައ އަހަރެންގެ ބަޑުގައި ފިރުމާ ވަހަކަ ދެއްކުމަކީ ލަތީފުގެ އާދައެކެވެ. ބައެއްފަހަރަށް ބަނޑުގައި ކަންފަތް ޖަހައިގެންއޮވެ ވާހަކަ ދައްކާވެސްހަދައެވެ.

"ދެން ތެދުވަމާ ހިގާ، ހެޑުމާސްޓަރު ގަޑިޖެހިގެން ސްކޫލަށް ދިޔައީމަ މާ ރީއްޗެއް ނުވާނެ އެއްނު" އެއްދުވަހަކު އަހަރެން ބުނީމެވެ.

"އަދި މަޑުކޮއްލާ.. ފަސް މިނެޓް" ލަތީފު އެދުނެވެ. އޭނާ އަހަރެންގެ ބަނޑުގައި ފިރުމާލިއެވެ. އަހަރެން ގަދަކަމުން ހިނިތުންވެލީމެވެ. އެދުވަހު އަހަރެންގެ ބަނޑަށް ކޮންމެވެސް އިތުރު ގޮތެއްވާހެން ހީވިއެވެ. އެކަމަކު އެވާހަކަ ބުނާކަށް ބޭނުމެއް ނުވިއެވެ. ދުވަހަކީ އަހަރެން އީ. އެސް. ޓެސްޓެއް ނަގަން ބުނެފައިވާ ދުވަހެއްކަމުން އަހަރެން ކޮންމެހެންވެސް ސްކޫލުއަށް ދާން ބޭނުމެވެ. ބަނޑަށް ތަދުވެޔޭ ބުނެފިއްޔާ ސްކޫލަށް ދިޔަޔަކަ ނުދޭނެކަން ޔަގީނެވެ.

މެންދުރު ވީއިރުވެސް އެރިހުން ރަނގަޅުވާގޮތެއް ނުވިއެވެ. މަޑުމަޑުން ތަދު ބޮޑުވާކަން އިހުސާސް ކުރެވުނެވެ. ގެއަށް އައިސް ރަގަޅަކަށް ނުވެސް ކެވުނެވެ. ބޭނުންވީ އޮށޯންނާށެވެ. ހަވީރު ވުމުން އަހަންނަށް ކެތްނުވެގެން އެންމެފަހުން ބަނޑަށް ތަދުވާ ވާހަކަބުނީމައި ވަގުތުން ހޮސްޕިޓަލަށް ގެންދިޔައެވެ. ޑޮކްޓަރު ބަލާފައި އެޑްމިޓުކުރިއެވެ. އެހެންނަމަވެސް ވީކަމެއްނެތެވެ. އަހަރެންގެ ބަނޑުގައި އުފެދެމެން އައި އަހަރުމެންގެ ލޯބީގެ ނިޝާން އަހަރުމެންނާވަކިވިއެވެ.

އަހަރެންވަރަށް ދެރަވިއެވެ. ބަނޑަށް ތަދުވަން ފެށުމާއެކު ހޮސްޕަޓަލަށް ނުދެވުނީތީ އެކަމާ ދެރަވެގެން އެވާހަކަ ދެއްކީމެވެ. އެދަރިފުޅު އެވަކިވީ އަހަރެންނާ ހުރެކަމަށް ބުނެ ވަރަށްރުއީމެވެ. ލަތީފު ކައިރީ މާއާފަށް އެދުނީމެވެ.

"ނޫން ރާނިޔާ! އެދަރިފުޅު ވަކިވީ ރާނިޔާގެ ކުށަކުންނެއްނޫން!.. ދިރި ހުރުމާއި މަރުވުން މީއީ އަހަރުމެންގެ ބާރުފޯރާ ހިސާބަށް ވުރެ މާމަތިން ވާކަންކަން ދޯ..." އޭނާ އަހަރެންނަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. "އެކަމަކު އަހަރެންގެ ފަރުވާކުޑަ ކަމުން...."

"ނޫން ތިޔަހެން ނުވިސްނާ." ލަތީފުގެ އިތުރުން އަހަރެންގެ މަންމަޔާއި ބައްޕަވެސް އެކަން އަހަންނަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

އަނެއްކާވެސް ހިތްދަތި ދުވަސްކޮޅެއް ތަހައްމަލު ކުރަން ޖެހުނީއެވެ. އެންމެ ދެރަވަނީ އިވާންކޮއްކޮއަށް ދޭނެ ޖަވާބެއް އަހަރުމެން އެކަކަށްވެސް ނުވިސްނުނީތީއެވެ. އެކޮއްކޮ އަންނަނީ ކޮންއިރަކުންތޯ ސުވާލު ކުރާވަރުންނެވެ.

"އަދި މަޑުކުރޭ... ވަރަށް އަވަހަށް ކޮއްކޮ އަންނާނެއޭ!" ކޮންމެފަހަރަކުވެސް ލަތީފު ޖަވާބުދޭނެއެވެ.

އޭގެފަހުން ދުވަސް ތައްވޭތުވަމުންދެއެވެ. ކޮންމެ މަހަކުވެސް ވަކިދުވަހަކު އަހަރުމެންގެ އުއްމީދު ފެނަށް ވެގެންދެއެވެ. އަހަރެން ޑޮކްޓަރަށް ދެއްކީމެވެ. ބަލިވެ އިނުމަށް ހުރަސްއަޅާނެފަދަ އެއްވެސް ކަމެއް ނުފެންނަކަމަށް ޑޮކްޓަރު ބުންޏެވެ. ލަތީފު މާލެދާން ނިންމީ އެހިސާބުންނެވެ.

"މާލެ އަށޭ!... ލަތީ އަހަރެން މާލެއަކަށް ނުދާނަން!" އަހަންނަށް ބުނެލެވުނެވެ. "އޭރުން ސްކޫލޯ؟" އަހަންނަށް މާބޮޑަށް ތެޅިގަނެވުނުކަން ވިސްނުމުން އަވަހަށްއިތުރު ކޮށްލީމެވެ.

"ބަލަ މާދަން ފުރާވާހަކަ އެއްނޫނޭ މިބުނީ... ބޮޑު ޗުއްޓީގައޭ!" ލަތީފު ބުނެލިއެވެ.

އޭރު އެއީ ސެޕްޓެންބަރު މަހެވެ. ޑިސެންބަރު އައުމުގެ ކުރިން އަހަރެން ބަނޑުބޮޑު ވޭތޯ ދުޢާ ކުރަންފެށީމެވެ. އެހެނަސް ކާމިޔާބެއް ނުވިއެވެ. ލަތީފު ދެން އެވާހަކަ ދެއްކި ދުވަހުވެސް އަހަރެން އޭނާގެ ޚިޔާލު ބަދަލުވޭތޯ މަސައްކަތްކުރީމެވެ. މާލެ ދިޔުމުގެ ބަދަލުގައި ދޮންބޭބެމެން ކައިރިއަށް އިންޑިޔާއަށް ދަމާ ހިނގާށޭ ބުނީމެވެ. އެޔާއެކު އޭނާ އަހަންނަށް ވިސްނައިދިނެވެ. އިންޑިޔާއަށް ދާވަރަށް އަދި ފައިސާ އެކެއް ނުކުރެވޭ ކަމުގައި ބުންޏެވެ. އަހަރެންގެ މައިންބަފައިންގެ ޚަރަދުގައި އެވަރުކަމެއް ކުރަން ދާންބޭނުން ނުވާކަމަށް ބުންޏެވެ.

"އަހަރެންގެ އަންހެނުންނަށް ޚަރަދު ކުރާނީ އަހަރެން ދޯ" ލަތީފު ނިންމައިލިއެވެ.

އޭރު އަހަރެން އިނީ ވަރަށް ބޮޑަށް ހިތްނުތަނަވަސް ވެފައެވެ. އަހަންނަކަށް ދޭނެ ޖަވާބެއް، ދައްކާނެ އިތުރު ބަހަނާއެއް ނުވިސްނުނެވެ.

"އޯކޭ ފުރަތަމަ ހިނގާ މާލެއަށް! މާލެއިން ޑޮކްޓަރު ބުނާ އެއްޗަކުން އިންޑިޔާއަށް ދާން ނިންމާނީ!" އެންމެފަހުން ލަތީފު ހުށަހެޅިއެވެ. އެނިންމުމަށް އަހަރެންގެ މަންމައާއި ބައްޕަވެސް ތާއީދުކުރިއެވެ. އެންމެފަހުން ސްކޫލުގެ ރިޕޯޓުދީ ނިންމާފައި ގެއަށް އައިސް އަހަންނަށް ޖެހުނީ މާލެދާން އެއްޗެހި ޕެކްކުރާށެވެ. އެންމެ ފަހުވަގުތުވެސް އަހަރެން ލަތީފުގެ ޚިޔާލު ބަދަލުވޭތޯ މަސައްކަތް ކުރީމެވެ. މާލެ ދިޔުމުގެ ކުރިން ޑޮކްޓަރަށް ދައްކާލަން ހިނގާށޭ އަހަރެން ބުނީމެވެ. އެކަމަކު އޭރު އޭނާ މާލެދާން ޓިކެޓްވެސް ނަގާނިމިއްޖެއެވެ.

އަހަރެން ކަންބޮޑުވާން ފެށިއެވެ. މޭތެޅި ހިތްބިރުގަންނަ ގޮތްވިއެވެ . އެވަގުތު އަހަރެންގެ ހިތުގައި ހިނގަމުންދާ އިހުސާސްތައް އަހަރެންގެ ފިރމީހާއަށް އެނގޭނެނަމަ އޭނާގެ ނިންމުން ބަދަލު ކުރާނެބާވައެވެ؟. އަހަރެންނަށް މާޔޫސްކަމުގެ ނޭވާއެއްލެވުނެވެ. އަހަރެން އެވާހަކަތައް އޭނާއަށް ކިޔައިދޭނީ ކިހިނެތް ހެއްޔެވެ؟ އިޝާންއާއި އޭނާއާއި އޮތް ގުޅުން އެގުނު ހިސާބުން އެވާހަކައަށް އަހަރެންގެ ދޫ ވަނީ ބަންދުވެފައެވެ.

"އެންމެރަގަޅު.. ޑޮކްޓަރަށް ދައްކާނިމޭހައި އަވަހަކަށް އެނބުރި މިކޮޅަށް އަންނަންވާނެ" އެންމެފަހުން އަހަރެންގެ ޝަރުތު ހުށަހެޅީމެވެ. ދެންއޮތީ މާލެގޮސް އެއިން މީހަކާ ދިމާނުވެ އެނބުރި އާދެވޭނެ ގޮތަކާއި މެދު ޙިޔާލު ކުރުމޭ އަހަރެންގެ ހިތަށްއެރިއެވެ.

"އަދި ކިރިޔާއެއްނުން ހަނީމޫން މިދެވެނީ!" މާލެއަށް ދާން ފުލައިޓު ނައްޓާލުމާ އެކު މަޑުމަޑުން ކަންފަތް ދޮށުގައި ލަތީފު ބުނެލިއެވެ. އަހަރެން ގަދަކަމުން ހިނިތުންވެލީމެވެ.

އެއީ ވަރަށް ސާފު ދުވަހެކެވެ. ރާއްޖޭގެ އެކި ރަށްތަށް ހުރަސްކުރަމުން ފުލައިޓު މާލެއާއި ސިކުންތަކަށް ވުރެ ސިކުންތެއް ކައިރިވަމުން ދިޔައިރު އަހަރެން އިނީ ކުޑަދޮރުން ބޭރު ބަލަހައްޓައިގެންނެވެ. އޭރު އަހަރެންގެ ހަނދާނުގައި ވަނީ އެންމެފަހުން މާލެއިން އައްޑޫއަށް ކުރި ދަތުރެވެ. އެދުވަހުގެ ވޭނީ އިހުސާސްތަކެވެ. އަހަރެން ލޯ މަރާލީމެވެ. އެހަނދާންތައް ސިކުނޑީގެ އެންމެ ބިއްދޮށަށް ފޮނުވާލެވޭތޯ މަސައްކަތް ކުރަމުންނެވެ.

މާލޭގައި އަހަރުމެން ތިބީ ހަމަކުރިންވެސް އުޅުނު ގޭގައެވެ. ދޮންބޭބެ އާއި ދޮންބެދައްތަ ނެތުމުން ގޭތެރޭގެ މާހައުލުވެސް އެހާ ހިތްހަމައެއް ނުޖެހެއެވެ. އެގޭގައި އުޅެނީ ދޮންބެދައްތަ ގެރަށު ދެމީހުންނެވެ. އެއީ އަހަންނަށް ކުރިން ފެނިފައިވާ ބައެއްވެސް ނޫނެވެ.

އަހަރެން އުޅުނު ކޮޓަރިހުރީ ވަރަށް ބަދަލުކޮށްލާފައެވެ. ފާރުގައި ހިއްޕާފަ ހުރި ޕޯސްޓަރުތައް ނައްޓާލައި ކުލަލައި މުޅިން އާކޮށްލާފައެވެ. އަހަރެން މާލޭގައި ބަހައްޓާފައި ދިޔަހައި ފޮތްތަކާ އެހެންއެއްޗެހި އެއްކަނެއްގައި ހުރިބޮޑު ފޮށިގަޑެއްގައި ހުއްޓެވެ. ލަތީފު ކުރިމަތީ އެހާވާކަށް ބޭނުމެއްނުވިއެވެ.

އެކޮޓަރީގައި، އެނދުމަތީ އިށީނުމުން އަހަރެން މާޒީގެތެރެއަށް ގެނބުނެވެ. އިޝާންއާއެކު ހޭދަ ކޮށްފައިވާ އުފާވެރި ވަގުތުތައް ހަނދާންވާން ފެށިއެވެ. އެކޮޓަރީގައި ކުރެވުނު އުންމީދުތަކެވެ. ފޮނިފޮނި އިންތިޒާރުތަކާއި އިހުސާސްތަކެވެ. އަހަރެންގެ ހަޔާތަށް ގެނައި ބަދަލުތަކެވެ. އަހަރެންގެ ހިތުގެ އެންމެފުނުން ރިހުމެއްގެ ސިފައިގައި އެ އިހުސާސްތައް ތިލަވެގެން އައި ވަގުތު އަހަރެންގެ އަނގައިން ވޭނީ 'އާހް' އެއް ބޭރުވީ އެއްވެސް އިޚުތިޔާރަކާއި ނުލައެވެ.

"ރާނިޔާ!...ކިހިނެއްވެފައި ތީނީ؟ ހާދަ ވަރަކަށް ދާހިއްލަފަ؟" އަހަންނަށް ވަމުންދިޔަގޮތް ލަތީފުއަށް ފާހަގަކުރެވުނެވެ.

"އެހެންނުންވާނީ މިހާ ހަނި އެނދެއްގައި ދެމީހުން ތިބެންޖެހުނިމައި... އަނެއްކާ މާލެ އެހާ ހޫނު ގަދަ، .ތާޒާ ވައިކޮޅެއްވެސް ނުލިބޭ!" އަހަރެންގެ ނުތަނަވަސްކަން ބޭރުކޮށްލީމެވެ.

"ދެން ކިހިނެއްހެދޭނީ؟ ހިނގާ ވައިޖައްސާލަން ހިނގާލަން ނުކުންނަމާ؟" އޭނާ ހިޔާލުދިނެވެ.

އަހަރެން ބޭނުންވީ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަންދާށެވެ. އެކަން ނިންމާލާފައި އަވަހަށް އެނބުރި ރަށަށްދާށެވެ. ހޮސްޕިޓަލަށްދާން ތައްޔާރުވާނީ ކަމަށް ބުނެއަހަރެން ތެދުވީމެވެ.

ފާހާނާ ލޯގަނޑު ކައިރިއަށް ހުއްޓުމުން އަހަރެން ހަނދާންވީ ޝެރީން މަތިންނެވެ. އިޝާންއަކީ އޭނާގެ މީހެއްކަން އެގުނު ހިނދު އަހަރެން އައިސް ހުއްޓުނީ ހަމަ އެލޯގަނޑު ކުރިމައްޗަށެވެ. ޝެރީން އެންމެ ފަހުން އަތްދަމާފައި ކަންކަންށިމަތީ ޖެހި ހަނދާންވުމާއެކު ދިލަނަގާހެން ހީވާންފެށިއެވެ. އެ ހިސާބުން ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށްދާ ޙިޔާލު ދޫކޮއްލީމެވެ. ފަހަރެއްގައިވެސް އޭނާ އާއި އެތަނުން ދިމާވެދާނެތީ ބިރުގަތެވެ.

"ހޮސްޕިޓަލަކަށް ނޫން ދާނީ..ޔަގާނެގީ ކުލިނިކަށް" ނުކުމެފައި އަހަރެން ބުނީމެވެ.

އެތަނަށް ގުޅުމުން އެރޭގެ ނަމްބަރުތައް ހުސްވެފައިވާކަމަށް ބުންޏެވެ. ދެން އަހަރުމެން ނުކުތީ ހިނގާލާށެވެ. މަގުމައްޗަށް ނުކުމެފައި ކޮންކޮޅަކަށްތޯ ދާނީ ލަތީފު އެއްސެވެ. އަހަރެންބޭނުންވީ ލޮނުޒިޔާރަތް ކޮޅަށް ދާށެވެ. އެތަން އަދިވެސް އޮންނަނީ ހަމައެހެންތޯ ބަލައިލަން ހިތަށްއެރީއެވެ.

"ކޮބާތަ ރާނިޔާ މާލޭގައި އުޅުނު އިރުގެ ރައްޓެހިން؟ އެމީހުންނާއި ދިމާވާންވާނެ އެއްނު!" ހިގަމުންގޮސް މަޖީދީ މަގަށް ނުކުމެފައި އޭނާ އަހާލިއެވެ. "މިބުނީ އެކްސްގެ ވާހަކައެއްނޫން އިނގޭ އަނެއްކާ!" އޭނާ މަޖާވެލިއެވެ.

-- ނުނިމޭ --

◀ މި ވާހަކައިގެ އާ ބައެއް ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހަކު ގެނެސްދޭނެ

ދިގު ވާހަކަ ވާހަކަ: ދޭނުހޭ ގެންގޮސް ވަޔާއޭ

Popular