24 Jan 2023

● 25 ވަނަބައި

އަހަރެންބޭނުންވީ ހެންވޭރަށް ދާށެވެ. ލޮނުޒިޔާރަތްކޮޅު އަދިވެސް އޮންނަނީ ހަމައެހެންތޯ ބަލަންކަމުގައި ބުނަމުންނެވެ.

"ކޮބާތަ ރާނިޔާ މާލޭގައި އުޅުނު އިރުގެ ރައްޓެހިން؟ އެމީހުންނާއި ދިމާވާންވާނެ އެއްނު!" ހިގަމުންގޮސް މަޖީދީ މަގަށް ނުކުމެފައި ލަތީފު އަހާލިއެވެ. "މިބުނީ އެކްސްގެ ވާހަކައެއްނޫން އަނެއްކާ!" އޭނާ މަޖާވެލިއެވެ.

އަހަންނަށް ހުއްޓުންއެރިއެވެ. ބުނާނެއެއްޗެއް ނޭނގިފައި ހުއްޓާ އޭނާ ސޮރީއޭ އެއީ ސަމާސޭކަށް ބުނިއެއްޗެއް ކަމުގައި ބުންޏެވެ. އަހަރެން ގަދަކަމުން ހީގަތީމެވެ. މާލޭގައި އެކްސް އުޅެނީ އަހަރެންގެ އެކަނިތޯ ސުވާލުކުރަމުންނެވެ.

އަހަންނާއި އެންމެ އެއްކޮށް އުޅުނު ކުދިންވީ ރާއްޖެއިން ބޭރުގައި ކިޔަވަން ގޮސްކަމުގައި ބުނެ ޖަވާބު ދިނީމެވެ. އޭރު އަހަރެން ނުތަނަވަސްވާން ފަށައިފިއެވެ. ތިން އަހަރަކީ މީހެއްގެ ސިފައަށް މާބޮޑު ބަދަލުތަކެއް އަންނާނެހާ މުއްދަތެއް ނޫނެވެ. އަހަރެންގެ ބަދަލު އައިސްފައިވަނީ ހަމަ އެކަނި ލާ ހެދުމަށެވެ. އޭރުލީ ކުރު ހެނދުމާއި ، ޓޮޕައި ސްކާރޓުގެ ބަދަލުގައި މިހާރު ލަނީ ހަރުވާޅުހެދުމެވެ. ނާސިހާމެން މީހަކަށް ފެނިގެން އަހަންނަށް ގޮވައިލައިފިއްޔާ ދެންވާނީ ކިހިނެތްހެއްޔެވެ؟ އެހެންހިތަށް އެރުމާއިއެކު އަހަރެން ކަންބޮޑުވިއެވެ.

"ދެން ހިނގާ އަނބުރާލަމާ ވަރަށް ބަނޑުހައި ވެއްޖެ!" އަހަރެން ލަތިފުގެ އަތުގައި ހިފީމެވެ.

އޭރު އަހަރުމެންތިބީ މަޖީދީމަގުން ހެންވޭރު ދަނޑާއި ހިސާބުގައެވެ. ލަތީފު ނިންމީ ސޯސަން މަގުގައި ހުރިރެސްޓޯރެންޓަކަށް ކާންދާށެވެ. އެންމެ މީރު ނާސިގޮރޭން ހުންނާނީ އެތަނުގައޭ ކިޔާފައެވެ. އޭނާއެ ދިމާއަށްދާން އަނބުރާލިއެވެ. އަހަރެންގެ ގާތްރައްޓެހިންނެކޭ އެއްގޮތަށް އަހަރެންވެސް ކިޔަވަން ވިސްނަންވީ ނޫންހޭ ކިޔާފައި އަނެއްކާވެސް ލަތީފު އެވާހަކަ ފެށިއެވެ.

ހެދުން ފަރުމާ ކުރުމަކީ އަހަރެން ވަރަށް ކުރާހިތްވާކަމެއް ކަމަށާއި އެކަން ކިޔަވަންވިސްނާނަމޭ އަހަރެން ބުނީމެވެ.އެޔާއިއެކު ލަތީފު އުފާވެލާފައި ބޯޖަހާލިއެވެ. ކިޔަވަންޏާ ކިޔަވަންވީ މިހާރުކަމަށާއި ދަރިން ސެޓެއް ލިބުނީމާ އެކަމެއް ނުވާނެކަމަށް ބުނަމުންނެވެ. ލަތީފު ވާހަކައިގައި ގޮސް ކަނާއަތް ފަރާތުގައި އޮތް ގޯޅިއަޅަން އުޅުނެވެ.

"ހިނގާ މިހެން ހުރިގޮތަށްދާން؟" އަހަރެން ޚިޔާލުދިނީމެވެ.

އެގޯޅިންލާފައި ސޯސަންމަގަށް ދަންޏާ ދެވޭނީ އިޝާންމެންގޭ ކުރިމަތިންކަން އަހަންނަށް އެނގެއެވެ. އަހަންނަށް އެވަރަކުން ލަތީފުކައިރީ ހެންވޭރަށް ހިނގާށޭ ބުނެވުނީ މަގުމަތިން އޭނާ ފެނޭތޯ ކަންނޭގެއެވެ. އެހެންނަމަވެސް އޭނާއާއި ދިމާވެދާނެޔޭ ހިތަށް އެރުމާއިއެކު ކުއްލިއަކަށް އަހަރެން ފިނިވިއެވެ.

"މިގޯޅިން ދާނީ.. ގެއަކަށް ވަދެލާފަ.." ލަތީފު ބުނެލިއެވެ. " އެކަންމަތިގައި އެހެރީ އަހަރެން މާލޭގައި އުޅުނު ގެ... ވެޑިން އަށް އައެއްނުން އިޝާން. އެމީހުންގެގެ" އޭނާ އަތުން އިޝާރާތްކޮއްފައި އޮޅުންފިލުވައިދިނެވެ. ވަގުތުން އަހަންނަށް ހުއްޓުންއެރިއެވެ. އޭނާ އެގެއަށް ވަންނަން އުޅެފާނެއެކޭ އަހަރެންގެ ހިތަކަށް ނާރައެވެ.

"ނޫންދެން މިހާރަކު ނޫން. އެހެން ދުވަހަކުން އަންނާނީ" އަހަރެން އަޑު ކޮންޓުރޯލް ކުރަން މަސައްކަތްކުރީމެވެ.

"މާ ގިނައިރު ތަކެއްވާކަށް ނޫނޭ... އަހަރެން ބޭނުމީ މަގޭ އަންހެނުން ދައްކާލަން... އިޝާންގެ ފަރާތުން އަހަރެން މީހަކާ އިންކަން އެނގިފައި އޮންނާނީ މިހާރު" އަހަރެންނަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ.

ބިންގަޑު ކަޑައިގެން ގޮސްގެން އަހަރެން ހުރިދިމާލަށް އަޑިއަށް ދާނެ ނަމައޭ ހިތަށްއެރިއެވެ. އެކަމަކުވެސް މާބޮޑަށް ގަދަ ދައްކައިގެން ލަތީފުއަށް ޝައްކެއްވާކަށްވެސް ބޭނުމެއްނޫނެވެ. އޭނާގެ ފަހަތުން ހިގަންފެށީމެވެ. އަހަރެން ހުރީ އެވަގުތު އިޝާން ގޭގައި ނޫޅޭތޯ ދުޢާ ކޮށްލަ ކޮށްލައެވެ. އެގޭތެރެއަށް ވަދެ ލަތީފު ސަލާމް ގޮވާލިއިރު އަހަރެންގެ މޭ ބާރަށް ތެޅެމުންދެއެވެ.

އިޝާންގެ މަންމައަށް އިވިފައިއޮތީ ލަތީފުގެ މަންމަ ނިޔާވި ޚަބަރު އެކަންޏެވެ. އޭނާ މީހަކާ އިންކަމެއް އަދި އިޝާން އެކައިވެންޏަށް ދިޔަކަމެއް ވެސް ބުނެފައެއްނެތެވެ. އެކަމާ އިޝާންގެ މަންމަ ހައިރާންވިއެވެ.

"ތިވާނީ އަވަދި ނެތިއުޅެން ޖެހުމުން ހަނދާން ނެތުނީކަމަށް!" އެތަނަށް ފެތުރިގެން ދިޔަ ނުތަނަވަސްކަން ފިލުވާލަމުން ލަތީފު ބުނެލިއެވެ.

"މިހާރު ސަރުކާރުން ކެނޑިގެން ގޮސް ރިސޯޓުގައި ހުންނަނީ.. ވަރަށް ނާދޭ މާލެއަށް.. އިއްޔެ ގުޅާފައި އެއްޗެތިކީމައި މިއަދު އެބައުޅޭ އައިސް" ލަތީފު އިޝާން ކޮބައިތޯ އެހުމުން އޭނާގެ މަންމަ ޖަވާބުދިނެވެ. އެއަޑު އިވުމުން އަނެއްކާވެސް އަހަރެންގެހިތް އަވަސްވިއެވެ. އޭނާއަށް އަހަރެން ފެނުމުން ދެންވާނީ ކިހިނެތްބާވައޭ ހިތަށްއެރީއެވެ. އިޝާންގެ ކޮއްކޮ އިރާޝާ ވެސް ޗުއްޓީއަށް މާލެ އައިސް އުޅޭކަމަށާއި އޭނާދިޔައީ ޖެހިގެންހުރި މަރީ މެންގޭގައި ކަމަށްވެސް ބުނެދިނެވެ. އަދި އިރާޝާ ގެންނަން އެގެއަށް ގުޅަންވީ އޭ ބުނެލިއެވެ.

އެވަގުތު ލަތީފު ތެދުވިއެވެ. އޭނާ ބޭނުންވީ އިރާޝާއަށް ސަޕްރައިޒް އެއްދޭން އެގެއަށް ގޮސް އޭނާ ގެންނާށެވެ. ރާނިޔާ މަޑުކޮށްލާނީ ދޯއޭ އަހަންނާއި ދިމާއަށް ބުނެފައި އޭނާ ހިނގައިގަތެވެ. އަހަރެން ކަންބޮޑުވިއެވެ. އެހެންނަމަވެސް އަހަރެންނަށް އެކައްޗެއްވެސް ބުނާކަށް ނުކެރުނެވެ.

"ދެން މިރޭ މިގެއިން ކައިގެންދާން ވާނީ" އިޝާންގެ މަންމަ ބުނެލިއެވެ.

ލަތީފު ނުކުމެގެން ދިޔުމުން އަހަރުމެން ދެމިހުން އެކަނިވިއެވެ. އިޝާން ކޮބައިބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. އިޝާން އޭނާގެ މަންމައާއި ވައްތަރެވެ. އެއީ ދޮންދޮންކޮށް ހިމަ ތޮޅިކޮށް ހުރި އަންހެނެކެވެ. އޭގެތިން އަހަރު ކުރިން އޭނާގެ އުފަންދުވަހު އަހަރެން އެގެއަށް ގެނެސް މަންމަމެންނަށް ދައްކަން އުޅުނު ހަނދާންވިއެވެ. އަދި އެދުވަހު އެކަމަށް އެއްބަސް ނުވެވުނީތީ ޝުކުރުވެރި ވެވުނެވެ. އަހަރެން ރަށުގައި ކުރަނީ ކީއްތޯ ސުވާލުކުރިއަޑަށް އަހަރެން ކުޑަކޮށް ސިހުނެވެ. ކިޔަވައިދެނީ އޭ ބުނެވުނު އިރު އަޑު ތުރުތުރު އަޅައެވެ. ކީއްވެގެން ކަމެއް ނުވިސްނުނެވެ.

އެވަގުތު ފޯނު ވާންފެށުމުން އިޝާންގެމަންމަ ތެދުވެގެންދިޔައެވެ. އަހަރެން އެކަނިވުމުން ހަމަ ޖެހުމުގެ ނޭވާ އެއްލެވުނެވެ. ވަށައިގެން ހޯދައި ބަލައިލީމެވެ. ސިޓިންރޫމުގެ ވަކިހިސާބަކުން ތިރިފާރު ބުރިއެއްލާފައި ކާމޭޒު ބަހައްޓާފައި ހުރިތަން ވަކިކޮށްފައި ހުއްޓެވެ. އިޝާންގެ މަންމަ ފޯނުންވާހަކަ ދައްކަންހުރީ އެތާ ކައިރީގައެވެ.

ކުއްލިއަކަށް ލޮލުގައި އަޅައިގަތީ އަހަރެންގެ ކުރިމަތީހުރި ކުޑަމޭޒުމަތީ ނޫސްތަކުގެ ކައިރީ އޮތް ރިހިފަށެކެވެ. އަހަނަށް އެފަށް އަތަށް ނެގުނީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ. އާނއެކެވެ. އެއީ ހަމަ އެފަށެވެ. އަހަރެން އިޝާންއަށް ދިން އަހަރެންގެހިތެވެ. އެފަށް އޭނާގެ ކަރުގައި އަޅުވައިދިން މަންޒަރު ހިތަށް ފެނިގެންދިޔައެވެ. އަހަރެންނަށް އުދަގޫވާންފެށިއެވެ. ހިތުގެއެންމެފުނުން ރިހުމެއް އުފައްދައިލިކަން އިހުސާސް ކުރެވެންފެށިއެވެ.

އެތެރޭ ކޮޓަރިއެއްގެ ދޮރު ހުޅުވުނު އަޑާއެކު 'އިރާ ދޮންބެގެފަށް ދުށިންތަ؟' ބުނިއަޑަށް އަހަރެން ސިހުނެވެ. އެޔާއެކު އަހަރެންގެ އަތުން އެފަށް ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. އޭނާވެސް ކޮޓަރިން ނިކުތްގޮތަށް އަހަރެން ފެނުމާއެކު ހުއްޓުން އަރާފައި ހުރީއެވެ. އަހަރެން އަވަސް އަވަހަށް އެފަށްނަގާ ދިއްކޮށްލީ އިސްދަށަށް ޖަހައިލައިގެންހުރެއެވެ. ހިގާދިޔައީ މަދު ސިކުންތު ކޮޅެކެވެ. އިޝާން އައިސް އަހަރެން އަތުން އެފަށް ޖަހައިގަތް ވަގުތު ކޮންމެވެސް އެއްޗެއްބުނިވެސް މެއެވެ. އެކަމަކު އެވަގުތު ވަރަށް ބާރަށް ދޮރުހުޅުވާލަމުން އިޝާންގެ ކޮއްކޮ އާއި ލަތީފުވަނުމުން އެބުނި އެއްޗެއް އޮޅުމެއްނުފިލިއެވެ.

އޭނާ އެނބުރި ކޮޓަރިއާއި ދިމާލަށް ހިގައިގަތެވެ. އަހަރެން ހުއްޓުން އަރާފައި ހުއްޓާ އިރާޝާ އައިސް އަހަރެންގެ ގައިގައި ބައްދާލާފައި 'ކޮންގުރޭޖުލޭޝަން' އޭ ބުނެލަމުން އަހަރެން ކައިރީ އިށީނދެ ވާހަކަ ދައްކަން ފެށިއެވެ. އިޝާން ނުކުތީ އިރުކޮޅެއް ފަހުންނެވެ. އެވަގުތު އޭނާގެ ސެންޓުގެ ވަސް އަހަރެންގެ ނޭފަތުގައި ޖެހުމުން އެއްފަހަރާ އެތައްހާސް މަންޒަރެއް އަހަރެންގެ ސިކުނޑި ފުރާލިއެވެ. އެއީ އެއްދުވަސްކޮޅެއްގައި އަހަރެންގެ ނޭފަތުގައި އަބަދުހެން ހަރުލާފައި ހުރި މީރުވަހެކެވެ.

އިޝާން ފެނުމުން ލަތީފު ތެދުވެގެން އޭނާއާއި ދިމާއަށް ދިޔައެވެ. ދެމީހުން ކޮނޑާއި ކޮނޑު ޖައްސާ ސަލާމް ކޮށްލިއެވެ.

"ދަރިފުޅު ނުވެސް ބުނަމެއްނު ލަތީފު މީހަކާ އިންވާހަކައެއް؟"

އޭނާގެ މަންމަގެ ސުވާލަށް ޖަވާބު ނުދީ ކާމޭޒު ހުރިތަނާއި ދިމާލަށް ދިޔައެވެ. އޭރު އިޝާންއަށްވެސް އާދެވުނީ އެގިގެންނެއްނޫނޭ ކިޔާފައި ލަތީފު އެވާހަކަ ކިޔައިދޭން ފަށައިފިއެވެ. ފުރިޖު ހުޅުވާފައި ފެންފުޅިއެއް ނާގާ އަނގަޔަށް އެޅުމުގެ ކުރިން އެވާހަކަ ބުނި ކަމަށް އިޝާން، އޭނާގެ މަންމައާއި ދިމާލަށް ބުނެލިއަޑު އިވުނެވެ. ފެންބޮއެ ނިންމާފައި ވަރަށް އަވަހަށް ތާކަށް އެބަދާން ޖެހެއޭ ކިޔާފައި އޭނާ ނުކުމެންގެން ދިޔައީއެވެ.

އަހަރެން ބޭނުންވީ ވީހާވެސް އަވަހަށް އެގެއިން ނުކުންނާށެވެ. އެކަމަކުވެސް އެގެއިން ކައިގެންނޭ ދާންވާނީ ބުނެފައިވާތީ ލަތީފު ކައިރީ ދާން ހިނގާށޭ ބުނާކަށްވެސް ނުކެރުނެވެ. މާގިނައިރެއް ނުވަނީސް އިޝާންގެ ބައްޕަ ގެއަށް ދުރުވުމުން އެންމެން އެއްކޮށް ކާމޭޒު ދޮށުގައި އިށީނީއެވެ.

އަހަންނަކަށް ކެއުމަކާއި ގަޔާއެއްނުވެވުނެވެ. އެތާނގައި ދެކެވެމުންދިޔަ ވާހަކަ އަކަށްވެސް ސަމާލުކަން ދެވޭގޮތެއްނުވިއެވެ. ލަތީފު އައްޑޫގެ ވާހަކަ ކިޔައިދޭން ފެށިއެވެ. އޭނާގެ މަންމަ ބަލިވެއުޅުނު އިރު ރަށުމީހުން ކަންތައްކޮށްދިން ގޮތުގެ ވާހަކައެވެ. ދޭތެރެއަކުން އަހަންނާއި ދިމާލަށް ދޯ އޭ ބުނުމުން އަހަރެން އާއެކޭ ބުނަން ބޯޖަހާލިއަސް އަހަންނަށް އިދެވުނީ މުޅިން އެހެން ޚިޔާލުތަކެއްގެ ތެރެއަށް ގެއްލިފައެވެ. އިޝާން އެފަށް އަތުލަމުން އެބުނީ ކީކޭ ބާވައޭ ހިތަށް އަރާފައެވެ.

ދެން އަހަންނަށް ރޭކާލިއިރު އެމީހުންނާއި އެކު ރިސޯޓަށްދާން ލަތީފު އެއްބަސްވެ ނިމިއްޖެއެވެ. އަހަންނަކަށް އެވަގުތު އެއްޗެއް ބުނާކަށްނުކެރުނެވެ. އެހެންނަމަވެސް ގެއަށް އާދެވުމުން އަހަރެން ރިސޯޓަށް ނުދާން ބަހަނާ ދައްކަން މަސައްކަތް ކުރީމެވެ. މާލެއައީ ޑޮކްޓަރަށް ދައްކަންކަން ލަތީފުއަށް ހަނދާންކޮށްދިނީމެވެ. އެހެންނަމަވެސް ކާމިޔާބު ވާގޮތެއްނުވިއެވެ. ލަތީފު ދުށީއެއީ އަހަރުމެންދެމީހުން އަސްލު ހަނީމޫންހަދަން ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގައެވެ.

ޖެހިގެން އައިރޭ އަހަރެމެން ޑރ. ޔަގާނެގީ ކްލިނިކަށް ދެއްކީމެވެ. ޑޮކްޓަރު ލަފާދެއްވީ ޓެސްޓްތައް ހަދައިގެން އައިސް ދެއްކުމަށެވެ. ޓެސްޓަކީ ބަހަނާއަކަށް ހަދައިގެން އަނެއްކާވެސް ރިސޯޓު ދަތުރު ނުގޮސްވޭތޯ މަސައްކަތް ކުރީމެވެ.

"ކޮންމެވެސް އެއްޓެސްޓެއްގެ ނަތީޖާ ލިބޭނީ ތިންދުވަސް ފަހުންނޯ" ލަތީފު އޮޅުންފިލުވައިދިނެވެ.

އެހެންވީމާ ތިންދުވަސް ވަދެން މާލޭގައި ކުރާނީ ކީއްތޯ އޭނާ ސުވާލުކުރިއެވެ. އެއީ ތެދެކެވެ. މާލެއައީސްސުރެ މާލެ ފޫއްސޭ ހޫނޭ ކިޔާ ޝަކުވާކުރަމުން މިއައީ އަހަންނެވެ. އެންމެފަހުން މާލެއައީ ދަތުރުދާން ތައްޔާރުވެގެނެއް ނޫނޭ ބުނީމެވެ. އެޔާއިއެކު އެކަމަށްވެސް ހައްލު ހޯދައިދިނެވެ. އަހަރެން ގޮވައިގެން ފިހާރައަށް ގޮސް މޫދަށް އެރެން ލާނެކަހަލަ ޓީ.ޝާޓާއި ޓައިޓް ގަނެދިނެވެ. ދެން އަހަންނަށް އިތުރަށް ދެއްކޭނެ ބަހަނާއެއް ވިސްނުމަކަށްނައެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނެވެ. މޫސުމް ރީތި ވައިމަޑު ދުވަހެކެވެ. މާލެ އަތޮޅު އެތެރެވަރީގެ ނޫކުލައިގެ ލޮނުގަނޑު ވީދައި ހުދުފޮނުއަރުވަމުން ދުއްވަމުން ދިޔަ ލާންޗުގައި އަހަރެން އިނީ މުޅިންގޮތް ހުސްވެފައެވެ. ރާޅުތައް އެވަރަށް ލާންޗު ހަލުވައި ގުޑުވައި ހެދުމުން ވެސް އަހަންނަށް އޭގެ އަސަރެއް ނުކުރިއެވެ. މުޅި މީހާވަނީ ހަރަކާތް ހުއްޓިފައެވެ. ހިތާއި ސިކުނޑީގައި ވަނީ އެހެން ދުނިޔެއެކެވެ. އަހަންނަށް އުޅެން ޖެހިފައި މިވަނީ ވަކީން އެހެން ދުނިޔެއެއްގައެވެ.

އެކަމަކު ލަތީފުގެ ހިތުން އަހަރެމެން މިއުޅެނީ އިޝާންގެ އާއިލާއާ އެކު 'އުފާވެރި' ދަތުރެއްގައި ބައިވެރިވެގެންނެވެ. ދަތުރު ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަހަރެންބޯ އަނބުރާ މޭނުބައިކުރާކަން އިހުސާސް ވިއެވެ. ދެލޯމަރާލީމެވެ. އެނުތަނަވަސްކަން ފޮރުވުމަށެވެ. މިފެންނަ ކަންތަކާ ކުރިމަތި ނުލުމަށެވެ.

ލަތީފުއަށް އެކަން ފާހަގަވިއެވެ. އޭނާ ސުވާލު ކުރަންފެށިއެވެ. އަހަރެން މޭނުބައިކުރަނީކަމުގައި ބުނިމެވެ. އަހަންނަކީ ކަނޑުމައްޗަށް އަރައިފިއްޔާ މިހެންވާ މީހެއްކަން އޮޅުންފިލުވައިދިނީމެވެ. އެހިސާބުން ނުހަނު ލޯތްބާއެކު އޭނާގެ ކޮނޑުގައި އަހަރެން ބޯއަޅާލައިގެން އޮންނަން ފުރުސަތުދިނެވެ. އަހަރެންދެރަވިއެވެ. އިތުރަށް ހިތްދަތިވިއެވެ. ހިނގަމުން މިދާ ކަންކަމުގެ ހަގީގަތް އަހަރެންގެ ފިރމީހާއަށް ބުނެދޭނީ ކިހިނެއް ހެއްޔެވެ؟

"އެއޮތީ އެރަށް" އެތައް އިރެއް ވީފަހުން އަހަރެން ބޯ ހިއްލައިލުމުން ލަތީފު ދައްކާލިއެވެ. އަހަރެން ކަޅިވެސް ޖަހާނުލައި އެދިމާއަށް ދިމާއަށް ބަލަން އިނީމެވެ. އިޝާންގެ ކުރިމައްޗަށް ގޮސް އަހަރެން ކިޔާނީ ކީކޭ ހެއްޔެވެ؟ އަހަރެން ފެނުމުން އޭނާ ހަދާނީ ކިހިނެއްބާވައެވެ؟ ދެންވާނީ ކިހިނެއްބާވައެވެ؟ އަހަރެންނަށް ފުންފުން ނޭވާއެއްލެވުނެވެ. ދިމާވެދާނެ ކޮންމެކަމަކާއި ވެސް ކުރިމަތިލާން އަހަރެން ތައްޔާރު ހެއްޔެވެ؟

◀ މި ވާހަކައިގެ އާ ބައެއް ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހަކު ގެނެސްދޭނެ

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ދޭނުހޭ ގެންގޮސް ވަޔާއޭ

Popular