4 Feb 2023

● 28 ވަނަބައި

"އަހަންނަށް މައާފުކުރޭ އިޝާން!" އެޔާ އެކު އަހަރެން ބުނީމެވެ.

އެހިނދު އޭނާ ބަލާލިއެވެ. އެކަމަކު އެއްވެސް ޖަވޭބެއްނުދީ ކުރިއަށްދިޔައެވެ. އޭނާ އަހަންނަށް މަޢާފު ކުރަން ބޭނުންމެއް ނޫންކަން އެއިން ދޭހަވިއެވެ. އޭގެ ސަބަބުން ލިބުނުވޭން އަދި މާބޮޑުވިއެވެ.

ލަތީފުމެން އެނބުރި އައިރުވެސް އަހަންނަށް އިދެވުނީ ފެންކަޅިވެފައެވެ. ވީގޮތް ކިޔައިދިންއިރު ލޮލުން ކަރުނަ އަންނަން ފަށައިފިއެވެ. ގަސްތަކުގެތެރެއިން އިޝާން ނުކުތްތަން ފެނުމުން އަހަރެން އަވަސް އަވަހަށް ލޯ ފޮހެލީމެވެ. އޭނާ އައިސް ހުއްޓިފައި ނޭނގޭ ކަމަށް ހަދާފައި ކިހިނެތްވީތޯ އަހާލިއެވެ.

"ތޫނު ގާކޮޅަކަށް އެރިފައި ކަފައިގެން ގޮއްސަ އެހެރީ" ޖަވާބު ދިނީ އިރާޝާއެވެ.

އެހެންވިއްޔާ ޑޮކްޓަރަށް ދައްކައިގެން ބޭސް އަޅަންވާނެކަމުގައި އިޝާން ބުނެލިއެވެ. "ދުރަށް ހިނގާނެކަމެއްނެތް! ޑޮކްޓަރ ފޮނުވާނަން ތިކޮޓަރިއަށް!" އިޝާން ބުނެލިއެވެ.

ފައިކަފައިގެން ދިޔުން އެއީ ރަނގަޅަކަށްވީ ކަމެކޭ އަހަރެންގެ ހިތަށްއެރިއެވެ. ޑޮކްޓަރު އައިސް ބޭސް އަޅާދީފައި ނުހިގާ ރެސްޓުކުރާށޭ ބުންޏެވެ. ލަތީފު މެންދުރު ކައިނިންމައިގެން އައިއިރު އަހަންނަށް ކާއެއްޗެތި ގެނެސްދިނެވެ. އަދި އަހަރެން ކިޔާހިތްވާނެ ކަހަލަ ދެ ވާހަކަ ފޮތްވެސް ގެނެސްދިނެވެ. އޭގެ ތެރެއިން އެއްފޮތަކީ މަޝްހޫރު ލިޔުންތެރިޔާ ސިޑްނީ ޝެލްޑަންގެ 'ދި އަދަރސައިޑް އޮފް މިޑްނައިޓް' އެވެ. އެއީ އަހަރެން އަދި ނުކިޔާ ފޮތެކެވެ. އެހެންވެ ވަރަށް އުފާވިއެވެ.

އަހަރެންއަބަދުވެސް ވާހަކަފޮތް ކިޔަމެވެ. ވާހަކައިގެ ދުނިޔެއަށް ވަދެ،އޭގައި އުޅޭ މީހުންނާއިއެކު ވަގުތު ހޭދަކުރުމުން އަހަރެންގެ އަމިއްލަ މާޔޫސްކަމާއި ވަގުތުކޮޅަކަށް ނަމަވެސް ދުރުވެވެއެވެ. މެންދުރުފަހު ލަތީފު ސާރފު ކުރާށޭ ކިޔާފައި ދިޔުމުން އަހަރެން ވާހަކަ ފޮތްކިޔަން ފެށީމެވެ. އެތަށް އިރަކަށްފަހު އޭނާ އެނބުރި އައިއިރުވެސް އަހަރެން އޮތީ ފޮތްކިޔާށެވެ. މިއޮއްހާއިރު ހަމަ ވާހަކަ ކީތޯ ލަތީފު ސުވާލުކޮށްލިއެވެ.

"އާނ އަހަރެންބޭނުން ފުރުމުގެކުރިން މިފޮތް ނިންމަން!"

ލަތީފު އެރަށުގައި މަޑުކުރަން ވިސްނާކަން އެނގުނީ އެހިސާބުންނެވެ. އޭނާ އަދި ދުވަސްކޮޅަކު މަޑުކޮށް ރަނގަޅަށް ވިންޑްސާރފު ކުރަން ދަސްކުރަން ބޭނުންވާހަކަ ބުންޏެވެ. އަދި އަހަރެންގެ ފައި ރަނގަޅު ވުމުން ނޫނީ ދެން މޫދަށްއެރި މަޖަލެއް ނުކުރެވޭނެ ނޫންހޭވެސް ބުނެލިއެވެ. އަހަރެން ހިތްހަމަ ނުޖެހުނެވެ. އެކަމެއް އޭނާއަކަށް ފާހަގައެއްނުކުރެވުނެވެ. އަހަރުމެން އައީ ތިންދުވަހަށެވެ. އިރާޝާމެން ދާއިރު މާލެދާގޮތަށެވެ.

"ދެން މިކަހަލަ ފުރުސަތެއް ނުލިބޭނެއޭ" ލަތީފު އަހަރެންގެ ގައިގަ ބައްދާލަމުން ބުނެލިއެވެ.

އަހަރެން މިރަށުގައި ހުންނަހިތެއް ނުވެޔޭ ބުނެފިއްޔާ އެއީ ކީއްވެތޯ އޭނާ އަހާނެކަން އަހަންނަށް ޔަގީނެވެ. އެ ސުވާލަށް ޖަވާބު ދެވޭކަށް ނެތެވެ. އެކަމަކު އިޝާން އެދުނު ގޮތަށް އަހަރެންގެ ފިރމީހާ ގޮވައިގެން އޭނާގެ ކުރިމަތިން ވީހާވެސް އަވަހަކަށް ދާން ބޭނުމެވެ. އަހަރެން ހަދާނީ ކިހިނެތް ހެއްޔެވެ؟

"އިރާ މެން ފުރާ ދެމީހުން އެކަނި ވީމައެއްނު އަސްލު ހަނީމޫން ހެދޭނީ..ތިފައިވެސް ރަނގަޅު ވީމާ .... ދެމީހުން އެކީ މޫދަށް އެރިލާ މޫދުގައި މަޖާކޮށްލާ........"

ލަތީފު ވާހަކަ ދައްކަމުން ދިޔަ އަޑު އަހަންއޮތް އިރު އަހަންނަށް އުދަގޫވާންފެށިއެވެ. ސިކުނޑި ފިތި ހާސްވާން ފެށިހެން ހީވިއެވެ. އެޔާއިއެކު ކުޑަކޮށް މޭނުބައި ކުރަންފެށި ހެންހީވިއެވެ.

" އަނެއްކާ ބަނޑުބޮޑު ކަންނޭގެ!" އަހަރެން ފެންކަޅިވިއެވެ. އެކަމަކު އަހަރެންގެ ފިރިމީހާ އަކަށް އެކަމެއް ފާހަގައެއްނުކުރެވުނެވެ. އޭނާ ފެށީހޭށެވެ.

"އަދި ދެތިން ދުވަސް މިތާގައި މަޑުކޮށްލިއަކަސް ނުވިހާނެދޯ" އޭނާ ބުނެލިއެވެ.

އަހަރެން ސީރިއަސްވީމެވެ. އަހަރެން ކުރި ޓެސްޓުގެ ނަތީޖާ އަވަހަށް ބަލަން ބޭނުންވާހަކަ ބުނީމެވެ. ހަގީގަތުގައިވެސް އެދަތުރު އައި ފަހުން އަހަރެންގެ މޭނުބައި ކުރުމެއް ނުކެނޑެއެވެ. މީހާ ވަކިވަރަކަށް ވުރެ ބޮޑަށް ސްޓްރެސް ވީމާ އެކަހަލަ ގޮތްގޮތް ވާވާހަކަ އަހަރެން އަޑުއަހަމެވެ. އަހަރެންގެ މޭނުބައި ކުރުމުގެ އަސްލަކީ އެއީ ކަން އަހަންނަށް އެނގެއެވެ.

ލަތީފު އަހަރެންގެ ބަނޑުގައި އަތް އުގުޅާލާފައި ކަންފަތް ޖަހާލިއެވެ.

"ދެން!" އަހަރެން ހިތްހަމަ ނުޖެހިގެން އޭނާ ދުރަށްލާން މަސައްކަތް ކުރީމެވެ.

"ހާސްނުވެބަލަ! ނަތީޖާ ބެލިދާނެޔޭ މިތާނގައި ހުރެގެންވެސް!" އޭނާ ތެދުވަމުން ބުނެލިއެވެ. އަދި ވޮލީ ކުޅެންގޮސްފައި އަންނާމޭ ކިޔާފައި ނުކުމެގެން ދިޔައީއެވެ.

ފުރަތަމަ ފަހަރަށް އަހަރެން، އަހަރެންގެ ފިރިމީހާ ދެކެ ފޫހިވާންފެށިއެވެ. މިހިތަށް ކުރަމުންދާ އަސަރު ނޭނގުނުކަމަށްޓަކައެވެ. އަހަންނަށް އިޝާން ކުރިމަތީ ، މި ހިތްދަތިކަންމަތީ މަޑުކުރަން މަޖުބޫރު ކުރުވާތީއެވެ. އަހަރެން މާޔޫސްވެގެން ގޮސް ހަނދާނެ ގޮތް ހުސްވިއެވެ. ކިޔަން އޮތް ވާހަކަފޮތުގެ ޖުމްލަތައް ދެފަހަރަށް ކިޔުންމުންވެސް އޭގައި އެބުނާ އެއްޗެއް ދޭހަ ނުވާވަރަށް ބޯހާސްވާން ފެށުމުން ފޮތް ބޭއްވީއެވެ. ކޮފީތައްޓެއް ހިފައިގެން ބޭރަށް ނުކުމެ އިށީނީއެވެ.

އެއީ ދިޔަވަރު ހިކިވަގުތެކެވެ. މޫދުގެ ތަންތަން ކޮޅުން ގާތަށްވެސް ފެންނަން ހުއްޓެވެ. މެންދުރު އަހަރުމެން މޫދަށް އެރުނުއިރު ބޮޑެތި ރާޅު ބިންދަމުން ދިޔަ ފަރުމަތީގައި އެއްވެސް ރާޅެއްވެސް ނެތެވެ. އަހަރެންގެ އެދިމާލަށް ނަޒަރު ހުއްޓާލައިގެން އިނީމެވެ.

ލަތީފު އެނބުރި އައިއިރު އޭނާއާއި އެކީ އިޝާންގެ މަންމައާއި ބައްޕަ އަދި އިރާޝާވެސް އައެވެ. އަހަރެން އެތާ ބޭރުގައި އިންތަން ފެނުނީމާ ލަތީފު ކަންބޮޑުވިއެވެ. ނުހިނގަން ޑޮކްޓަރު ބުންޏެން ނޫންހޭ ބުނެލިއެވެ.

"އެމަންޖެ އެކަނި ބައިންދާފައި ލަތީފު ތިއުޅެނީ .. އޭނާ ކިހާ ފޫހިވާނެ!" އިޝާންގެ މަންމަ ބުނެލިއެވެ.

"ލަތީ ފޫހިވެގެން ކޮޓަރި ތެރޭ އެނބުރެން ފެށީމާ އަޅުގަނޑު މާ ބޮލަށް އުނދަގޫވާނެ!" އަހަރެން އެހެންބުނުމުން އެންމެން ހޭންފެށިއެވެ. ލަތީފު ނުތަނަވަސްވިއެވެ. އަހަރެން ކޮޓަރީގައި އިންނަން ޖެހުނީމާ ވަރަށް ސްޓްރެސް ބޮޑުވެފައޭ އޭނީ ކިޔާފައި މާލެދާން ކުސްތެޅި ވާހަކަވެސް އޭނާ ކިޔައިދިނުމުން އަހަރެން ވަރަށް ހިތްހަމަ ނުޖެހުނެވެ.

އަހަރެންގެފައި ރަނގަޅުވީމާ މޫދަށް އެރި މަޖާކޮށްލާ ހަދަން ތިބޭށޭ އިޝާންގެ ބައްޕަ ބުނުއްވީ އެހިސާބުންނެވެ.

"ތި ދެކުދިން ބޭނުންދުވަހެއް ވަންދެން ތިބެންވީ" އޭ ބުނުއްވުމުން ލަތީފު އުފަލުން ހީވީ އެހެންފަދަ ކަމެއްހެނެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ ބޭބޭ! އޭނާ ހިނިއައިސްފަ ބުނެލިއެވެ. އަދި އޭނާ ވިންޑުސާރފު ކުރަން ދަސްވިވާހަކަ އާއި ދެން ބޭނުމީ ޑައިވިން ދަސްކުރަން ކަމަށް ބުނެލުމުން އަހަރެންގެ ކަންބޮޑުވުން އެތަށް ގުނައަކަށް އިތުރުވެގެން ދިޔައެވެ.

އެމީހުންވެސް ރިސޯޓުގައި އެއްދުވަސް އިތުރަށް ތިބެންނިންމި ވާހަކަ އިރާޝާ ބުންޏެވެ. އެއީ ހޮނިހިރު ދުވަހުގެ ރެއަކީ ބޭންޑު ކުޅޭރޭވީމާ ކަމަށްވެސް އޭނާ ބުންޏެވެ. އެވަގުތު އިޝާން ކުރިގައި ބޭންޑުއެއް ހަދައިގެން ރިސޯޓް މިއުޒިކް ކުޅުނުކަމަށް އަހަންނަށް ލަތީފު އޮޅުންފިލުވައި ދިނެވެ. އަހަރެން މާބޮޑު ވާހަކަ އެއްނުދައްކާ އެމީހުންގެ ވާހަކަ އަޑު އަހަންއިނީއެވެ.

އެރޭ އަހަރުމެން ދެމީހުން ކެއީ ރޫމް ސާރވިސްއަށް އޯޑަރ ކޮށްގެންނެވެ. އެޙިޔާލު ދިނީ އިޝާންގެ މަންމައެވެ. ރޭގަނޑު އަހަރެން އެކަނި ބައިންދާފަ ކޮންމެހެން ކާން ދާނެކަމެއް ނެތޭ ބުނަމުންނެވެ. ކެއުން ވަރަށް ފުރިހަމައެވެ. އުއްބައްތީގެ އަލީގައި ކޮޓަރި ބޭރުފެންޑާގައި ދެމިހުން ކާން ތިބިއިރު ހީވީ ހަމަ ހަނީމޫންއަށް އައިސް އުޅޭ ދެމަފިރިންހެންނެވެ. ލަތިފު އިނީ ވަރަށް ހިތްހަމަޖެހި އުފާވެފައެވެ. އަހަންނަށްވެސް އެމާހައުލު ކަމުދިޔައެވެ. އެހެންނަމަވެސް ސިކުނޑީގައި އެނބުރޭ އެންމެ ޙިޔާލެއްގެ ސަބަބުން އަހަންނަށް އުފާވުމާ ގާތަށްވެސް ނާދެވުނެވެ.

އަނެއްދުވަސް ވީއިރު ފައިގެ ތަދުކުޑަވެއްޖެއެވެ. މެންދުރު ބޭސް ބަދަލުކޮށް ނިންމައިގެން ކާންވެސް ދިޔައީމެވެ. އެތަނުން އިޝާން ފެނުނެވެ. އެހެންނަމަވެސް އޭނާ އަހަރެން ފެންނަކަމަކަށް ނަހަދައެވެ. ޑޮކްޓަރު ކައިރިއަށް ދިޔައިންތޯ އެހީވެސް ލަތީފު ކައިރީގައެވެ.

ކައިނިންމައިގެން އެނބުރި ކޮޓަރިއަށް ގޮސް ދުވަހުގެ ބާކީބައި އަހަރެން ހޭދަކުރީ ވާހަކައިގެ ދުނިޔޭގައެވެ. އަހަރެން ކިޔަމުން ގެންދިޔަ ވާހަކައިގަ އުޅޭ މީހުންނާއި އެކީ އެމީހުންގެ އުފަލާއި ހިތާމައިގައި ބައިވެރިވަމުން ގެންދިޔައީ އަހަރެންގެ އަމިއްލަ އިހުސާސްތަކާ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ދުރުވެވޭތޯއެވެ.

އެރޭ މިއުޒިކު ކުޅޭތަނަށް އަހަރެން ދިޔައީ ހިތްއަވަސްވެފައި ހުރެގެންނެވެ. އިޝާން ލަވަކިޔާނެބާވައޭ ހިތަށް އެރިއެވެ. އަހަރެން ހޯދާލީމެވެ. އެތާކުން އިޝާންއެއް ނުފެނުނެވެ. އެބޭންޑުވެސް ކުޅެމުންގެންދަނީ "ވެއަރ ޑޫ ޔޫ ގޯ" ކިޔާ ވަރަށް މަޝްހޫރު ލަވައެކެވެ. ބައެއް ގެސްޓުން ނަށަމުން ގެންދިޔައިރު އަނެއްބައި ގެސްޓުން އަތްތިލަބަޑި ޖަހާ ފޯރިނަގަމުން ގެންދިޔައެވެ.

"ވެއަރ ޑޫ ޔޫ ގޯ ..މައި ލަވްލީ!" އަހަރެންވެސް އެންމެންނާއިއެކީ ލަވައިގަ ހިފާލާ އަތްޖަހާލާ ހަދަމުން ގެންދިޔައީމެވެ. އެހެން އިނދެފައި އެއްލުނު ކަޅިއަކުން އިޝާން އަހަންނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓާފެނުނެވެ. އެހިސާބުން އަހަރެން ހަމަ ހިމޭންވީމެވެ. އިރުކޮޅެއްނުވަނީސް އޭނާ އަހަރުމެންގެ ކައިރިއަށްއައެވެ. ލަތީފުއާއި ޖެހިގެން ހުރިގޮނޑީގައި އިށީންތަނާ އިޝާން ދެން މިހާރު އެއްގޮތަކަށްވެސް ލަވަ ނުކިޔަނީހޭ ލަތީފު އަހާލިއެވެ. މިއުޒިކް އަޑު ގަދަކަމުން އޭނާ ދިން ޖަވާބެއް އަހަންނަކަށް ނީވުނެވެ. އެކަމަކު އެލަވަ ނުނިމެނީސް އޭނާ ތެދުވެގެން ސްޓޭޖްއާއި ދިމާލަށް ދިޔައެވެ.

"އިޝާން އެއުޅެނީ ލަވަ އެއްކިޔަން...ވަރަށް ރީތިވާނެ އޭނާ ލަވަކިޔާލެއް!" ލަތީފު ބުނެދިނެވެ.

އިޝާން ސްޓޭޖަށް އެރުމާއިއެކު ތަރުހީބުގެ އަޑު ވަރަށް ގަދަވެގެންދިޔައެވެ. އޭނާ ސްޓޭޖަށް މިއެރީ ވަރަށް ޙާއްސަ ރިކްއެސްޓް އަކަށް ކަމުގައި އެންމެ ފުރަތަމަވެސް ބުންޏެވެ. އަދި އަހަރުމެންނާއި ދިމާލަށް އިޝާރަތްކުރަމުން އޭނާ ކިޔައިދޭ ލަވަޔަކީ އޭނާގެ ބޭބެ ލަތީފުއަށާއި އޭނާގެ އަންހެނުންނަށް ގެނެސްދޭ ލަވައެކޭ ބުނެލިއެވެ. އެޔާއިއެކު ލަތީފު އަޑުގެ ނެތްތަނަށް ތެންކިޔޫ އޭ ކިޔާ ހަޅޭއްލަވައިގަތެވެ. އެންމެން ބަލަންފެށުމުން އަހަރެން ލަދުގަތެވެ.

"ތިއީ ހެޑްމާސްޓަރުން އުޅޭ ގޮތެއްނޫން!" އަހަރެން މަޖާކޮށްލުމުގެ ގޮތުން ބުނީމެވެ.

ލަވައިގެ މިއުޒިކް ފެނުމާއިއެކު އިރާޝާ 'ވޯވް! އޭ ކިޔާފައި ހަޅޭއްލަވައިގަތެވެ. އަހަންނަށް އެރާގަށް ސަމާލުވެވުނެވެ. އޭނާ ކިޔަންފެށީ ބުރަޔަން އެޑަމްސްގެ އެންމެ ރީތި ލަވަ 'ޕުލީޒް ފޮގިވް މީ" އެވެ. އެލަވައިގައި އިޝާން އެބުނަމުން ގެންދާ އެއްޗެއް މަންޒަރުތަކެއްގެ ސިފައިގައި އަހަންނަށް ފެންނަން ފެށިއެވެ. އެކި ދުވަސް ވަކިވަކިން ފިލްމެއްގެ މަންޒަރުތަކެއް ފަދައިން އަހަރެންނަށް ސޫރަވަމުން ދިޔައެވެ. އޭގެގަދަ އިހުސާސުން އަހަރެންގެ މުޅި މޭއަންދައިލިއެވެ. ހިތް ފުނޑުފުނޑު ކޮށްލާ މާޒީ އަހަރެންގެ ބޮލަށް ވެއްޓުނެވެ. ނަމަވެސް އަހަރެންގެ ނަސީބަކީ މީހުންނަށް ދައްކާނެ ކަރުނަ ފޭބުމަށް އަހަރެންގެ ހިތް ހުއްދަނުދިންކަމެވެ.

ލަވަ ނިންމާލުމުން އޮހިގަތް ތަރުހީބާއި އެކު 'ވަން މޯ" އޭ މީހުން ގޮވާ އަޑު އިވެންފެށިއެވެ. ލަތީފުއާއި އިރާޝާވެސް އެހެންގޮވަން ފެށިއެވެ. އަހަރެން ގަބުވެފައި އިންކަމެއް އެމީހުންނަކަށް ފާހަގަ އެއްނުކުރެވުނެވެ.

"ވަރަށް ސަޅި ދޯ" ލަތީފު އަހަންނާއި ދިމާލަށް ބުނެލިއެވެ. އަހަރެން އާއެކޭ ބުނަން ބޯޖަހާލީމެވެ.

"އޯލް ރައިޓް!" އިޝާން ވާހަކަ ދައްކަން ފެށުމުން އަޑުމަޑުވިއެވެ. އޭނާ ދިވެހި ލަވައެއް ކިޔާދޭނެ ވާހަކަ އިގިރޭސިބަހުން އިއުލާންކުރިއެވެ. އެހިސާބުން އަހަރެން ތުރުތުރުލާން ފަށައިފިއެވެ. އޭނާ ދެން ކިޔަންއެއުޅެނީ ކޮންލަވައެއް ބާވައޭ ހިތަށް އަރާފައެވެ. އެލަވައަކީ ކޮންފަދަ ތޫނު ޚަންޖަރަކަށް ވާނެބާއެވެ؟. އަހަރެންގެ ހިތްބިރުގަންނަން ފެށިއެވެ.

"ރީތި ނާޒުކު ލޯބިވާ ޔާރާހަޔާތުން ބީވުމުން..... ރޭތަކުން ނިންޖާ އަރާމާ، ގެއްލި ތެމެނީ ކަރުނަޔާ!"

އެލަވަ އޭނާ ފެށީ މެދުތެރެއިންނެވެ. އިވުނު އިބާރާތުން އަހަރެންގެ ހިތް ހަފަހަރަށް ގަތުލުވިއެވެ. އެ ބަސްތައް ތޫނު ދޮންދަނގަނޑެއްހެން ކަންފަތަށް ވަދެގެން ދިޔައެވެ. އަހަރެންގެ ދެކަންފަތާއި ހިއްސުތަކުގެ ކެތްތެރިކަން ކޮޅުންލިއެވެ. އެތަން އަނދިރިކަން އެއީ ވެސް ނަސީބެކެވެ. އެހެންނޫންނަމަ އަހަރެންނަށް ވެގެންދިޔަގޮތް އެހެންމީހުންނަށް ފެނުނީހެވެ.

"ދޭނުހޭ ގެންގޮސްވަޔާއޭ.. ހެޔޮދުއާ އާއި އެކު ސަލާމް..." އެއީ އަހަރެން އެލަވަ ހަދަން ފަށައިފައިވާ ގޮތެވެ. އޭނާ އެވަރުވެސް ހަނދާން ހުރިކަން އެނގުމުން އަހަރެން އަންތަރީސްވިއެވެ.

-- ނުނިމޭ --

◀ މި ވާހަކައިގެ އާ ބައެއް ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހަކު ގެނެސްދޭނެ

ދިގު ވާހަކަ ވާހަކަ: ދޭނުހޭ ގެންގޮސް ވަޔާއޭ

Popular