14 Mar 2023

● 39 ވަނަބައި

އަހަރެން އެނދުން ތެދުވެގެން ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓި ލޫވަރު ހުޅުވާލީމެވެ. އުޑުމަތި އޮތީ ބަނަކޮންނެވެ. އެއްވެސް ތަރިއެއް ފެންނާކަށް ނެތެވެ. އަހަންނަށް ކުރެވުނު ކަންތަކުން މާމަވެސް އަހަރެންދެކެ ރުޅިއައީ ހެއްޔެވެ؟

އަހަރެންގެ އަމިއްލަ ބާރެއް އޮތްނަމަ މިއަދު އިޝާން މަތިން ހަނދާން ނައްތާލީމުސް އޭވެސް ބައެއް ފަހަރަށް ހިތަށް އަރައެވެ. އެހެންނަމަވެސް އިޝާން އެއީ އަހަރެންގެ މައުސޫމް ހިތުގައި މާކުރީއްސުރެ ބިންވަޅު ކަނޑާނާގާފައިވާ ނަމެކެވެ. އަހަރެންގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަސްކޮޅު ގެނެސްދީފައި ވަނީ އޭނާއެވެ. އޭނާ ހިތުން ފިލުވާނެ ގޮތެއް އަހަންނަކަށް ނޭނގެއެވެ. ނުވިސްނުނެވެ. އިޝާންވާނީ ކޮންތާކުބާވައޭ އަހަރެންގެ ހިތަށް އަރައެވެ. އޭނާ އަބަދުވެސް އަހަރެން މަތިން ހަނދާން ކުރާނެކަން އަހަންނަށް ޔަގީނެވެ. އޭނާ ސިއްރުސިއްރުން ބުނެލާފައިވާ އަސަރުގަދަ ލޯބީގެ ބަސްތައް، އެނާގެ ހަނދާންތަކާއިއެކު އަހަރެންގެ ސިކުނޑިތެރޭގައި ގުގުމަމުން ދަނީ މަދެއްކޮށެއް ނޫނެވެ.

އަހަންނަށް ވަރަށް ގިނައިން ހުވަފެން ފެނެއެވެ. އެންމެގިނައިން ފެންނަނީ އަނދިރި ވަޅުގަނޑަކަށް ވެއްޓޭތީއެވެ. އެއިން އެދައްކައިދެނީ އަހަރެންގެ ހާލަތުކަން އަހަންނަށް އެނގެއެވެ. އަހަރެން މިވަނީ ފުންމިންނޭނގޭ އަނދިރި ވަޅުގަނޑަކަށް ވެއްޓިފައެވެ. އެރޭނެ ގޮތެއްނެތެވެ. ދެން އަހަންނަށް ފެންނަނީ ލަތީފު ވިއްސައިގެން ގޮސް ކަނޑަށް ވެއްޓޭ މަންޒަރެވެ. ބިޔަރާޅުތަކުގެ ތެރެއަށް ގެއްލޭތަނެވެ. ހަމަ ހޭލެވޭއިރަށް އެހަނދާންތައް ސިކުނޑިއަށް ވެރިވެ ގަނެއެވެ. ލަތީފު ގެނބެމުން ދިޔައިރު އަހަރެން އޮތީ ކޮންތާކުކަން ހަނދާން ވެފައި ހާސްވެއެވެ. ދާހިއްލާފޯވެ ޕެނިކް އެޓެކް ޖެހެއެވެ. ކިތަންމެ ރެއަކު އަހަންނަށް ނިދަން ނުކެރި އެނދުމަތީ ގުޅައަކަށް އިށީނދެގެން އެތައް އިރެއްވަންދެން އިނދެވެއެވެ. އަހަންނަށް މިލިބެނީ އަހަރެން ކުރި ކުށުގެ ސަޒާކަން ގަބޫލުކޮށް އެވޭންތަކާއި ކުރިމަތިލަމެވެ.

ކޮންމެއަކަސް އަހަންނަށް ހީވާގޮތަކަށް ތައުބާވީމެވެ. އެކަމަށް ނިޔަތްގަނެ ދެރަކުއަތް ނަމާދެއްކުރީއެވެ. އެއަށް ފަހު އަހަރެންގެ ދީނީ އަގީދާ ވަރުގަދަކުރީމެވެ. ކޮންމެ ދުވަހަކު ޤުރުއާން ކިޔަވަން ފެށީމެވެ. ބަރާބަރަށް ގަޑިއަށް ނަމާދު ކުރަންފެށީމެވެ. އަދި ކޮންމެ ނަމާދަކަށްފަހު ފާފަ ފުއްސެވުން އެދި ދުޢާކުރަން ފެށީމެވެ. އެވަގުތުތަކުގައި އަހަރެން އިޝާންއަށްޓަކައި ވެސް ހަމަ އެމޭރުމުން ދުޢާ ކުރަމެވެ. އަދި އަހަރެންގެ ފިރިމީހާގެ ފުރާނައަށް ހެޔޮ ރަޙުމަތް ލެއްވުމަށް ވެސް އެދެމެވެ.

އަހަރެންގެ ސިކުނޑިއަށް ވެރިވާ އެޚިޔާލުތައް ހަނދާން ނައްތާލަން ވަރަށް މަސައްކަތް ކުރަމެވެ. ޑރ. އަޝޯކް ބުނެދީފައިވާ ގޮތަށް އުފާވެރި ހަނދާނެއް ނުވަތަ 'ހެޕީ ޕުލޭސް' އަކަށް ސިކުނޑި ފޮނުވާލަން މަސައްކަތް ކުރަމެވެ. ލޯމަރައިގެން އިނދެ އުފާވެރި މާހައުލަކަށް އަހަރެން ގެންދެވޭތޯ މަސައްކަތް ކުރަމެވެ. އެކަމަކު އަހަރެންގެ ކޮންމެ އުފާވެރި ހަނދާނެއްވެސް ގުޅިފައިވަނީ އިޝާންއާއެވެ. ރީތި ގޮނޑުދޮށެއް ޚިޔާލަށް ގެނަޔަސް އެތަނަށް އިޝާން އާދެއެވެ. ފޭދު ފިނޮޅެވެ. ރިސޯޓުގެ ހިރުދުގަސްތައް ހެދިފައިވާ ތަނުންވެސް ފެނުނީ ހަމަ އޭނާއެވެ. އެހިސާބުން އެ ޚިޔާލުތައް ހިތްދަތި ޚިޔާލުތަކަކަށް ބަދަލުވެގެން ދެއެވެ.

އަހަންނާއި ލަތީފުގެ ދިރިއުޅުމުންވެސް އުފާވެރި މަންޒަރެއް އަހަރެންގެ ހަނދާނަކަށް ހަމަ ނުގެނެވުނެވެ. އޭގެ ބަދަލުގައި އެނާގެ ހަނދާން އަހަރެންގެ ނަފްސު ކުށްވެރިކޮށްލައެވެ. އޭނާއަށް ބޭވަފާތެރި ވެވުނުކަން ހަނދާނަށް އާދެއެވެ. އަހަރެންގެ ޚިޔާލީ ދުނިޔޭގައިވެސް އޭނާއާއި ކުރިމަތިލާން ޖެހިލުންވިއެވެ.

އަހަރެންގެ ކުޑައިރުގެ ހަނދާންތަކުން ފެންނަންފަށަނީ ޝެރީންއެވެ. ބަންދު ދުވަސް ދުވަހު ދެމީހުން ސަލްޓަން ޕާކަށް ދާ މަންޒަރެވެ. ނުވަތަ އަޑު ޕާކަށްގޮސް ނާސިހާމެން އެންމެންނާއި އެކީ އަތުލަން ދުވާކުޅެ ހަދާ މަންޒަރެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި ޝެރީންއަކީ މިހުރިހާ ކަމެއްގެ ފެށުމެވެ.

އަހަރުމެންނަށް އެންމެ އުދަނގޫ ވަނީ އިވާންކޮއްކޮގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގޭތީއެވެ. އޭނާ ދޭތެރެއަކުން ލަތީބެ ކޮބައިތޯ އަހާނެއެވެ. ވީ މާލޭގައިކަމަށް ބުނުމުން އަންނަނީ ކޮންއިރަކުންތޯ އަހައެވެ. އެއްރެއަކު އިވާންކޮއްކޮ ބޭނުންވީ ފޯނުކުރާށެވެ. ނޫނެކޭ ބުނުމުން އޭނާ ބޮޑާހާކަން ފެށިއެވެ. ކޮންމެވެސް ދުވަހަކުން އޭނާއަށް ހަގީގަތް ކިޔައިދޭން ޖެހޭނެއެވެ. އެދުވަހަކުން އޭނާ ވަރަށް ދެރަވާނެއޭ އަހަރެންގެ ހިތަށް އަރައެވެ.

އަހަރެންގެ ނާއުއްމީދު ވެފައިވާ ހިތަށް ކިރިޔާވެސް ފިނިކަމެއްލިބުނީ ބަނޑުގައިވާ ދަރިފުޅުގެ ހިތުގެ ހިނގުން އަޑު އިއްވި ދުވަހުއެވެ. އެވަގުތު އަހަރެން އުފާވިއެވެ. އެދަރިފުޅަށްޓަކައި ދިރިއުޅެން ބޭނުންވިއެވެ. އެދުވަހު ޑޮކްޓަރ އަހަންނާއި ދިމާލަށް ހިނިތުންވެލާފައި ބޭބީގެ ހުރިހާކަމެއްވެސް ރަނގަޅު ކަމުގައި ބުންޏެވެ. އަދި އޯގަސްޓުމަހު ދެވަނަ ދުވަހަކީ އެދަރިފުޅު ދުނިޔޭގެ އަލިކަން ދޭކޭނެކަމަށް ލަފާ ކުރާދުވަސް ކަމުގައިވެސް ބުނެދިނެވެ.

ޑޮކްޓަރުގެ ހުއްދައާއިއެކު އަލުން ވަޒީފާއަށް ނުކުންނަން ނިންމީމެވެ. އޭރު އަހަރެންގެ ބަނޑަށް ހަތަރުމަސް ވެއްޖެއެވެ. އެކަމަކު އަހަންނަށް އެ ސްކޫލު ތެރޭގައި ކުޑައިރުކޮޅަކުވެސް ހިފަހައްޓާނުލެވުނެވެ. ސްކޫލަށް ވަތްތަނުން ދޮރުމަތީ ލަތީފު ހުއްޓާ އަހަރެންގެ ހިތަށް ފެނުނީއެވެ. އޭނާގެ އާދައިގެ މަތިން ހިނިތުންވެލަމުން އެންމެނަށް މަރުހަބާ ކިޔަމުން ގެންދާ މަންޒަރެވެ. އެހިސާބުން އަހަރެން ހާސްވެ، މިހާ ތުރުތުރުއަޅާ ދާހިއްލާ ދެފައިކޮޅުން ވާގިދޫވެ އެހުރިހާކަމެއް ވާންފެށިއެވެ. އެންމެފަހުން ބައްޕަ ދުރުވެ އަހަރެން ގެއަށް ގެންދެވީއެވެ. ގެޔަށް އައިސް މާގިނައިރެއް ނުވަނީސް އަހަރެން ހަމައަކަށް އެޅިއްޖެއެވެ. އަހަންނަށް އެނގުނު އެއްޗަކީ އެ ސްކޫލް، އެދަރިވަރުން އަދި އެ މާހައުލަށް ކުރިމަތިލާހާ ހިތްވަރެއް އަހަރެންގެ ކިބައަކު ނެތްކަމެވެ.

އަހަރެން ވަޒީފާއަށް ނުގޮސް ގޭގައި ހުންނަން ވިސްނީމެވެ. އެކަމަކު މަންމައާއި ބައްޕަ އެކަމާ ދެކޮޅު ހެދިއެވެ. އަހަރެންގެ ބޮންޑު ހަމަނުވާ ވާހަކަ ދެއްކިއެވެ. އެހެންނޫނަސް މީހުންގެ ތެރެއަށް ނުނިކުމެ އެކަނި މާއެކަނި ގޭތެރޭގައި އިންނާކަށް އެމީހުން އެއްބަހެއް ނުވިއެވެ. އެންމެފަހުން ގޭކައިރީގައި ހުރި ކުޑަ ސްކޫލަކަށް އަހަރެންގެ ވަޒީފާ ބަދަލުކުރީއެވެ.

އާ ވަޒީފާއަކަށް ނުކުމެ، އަހަންނާއި ލަތީފުގެ ގުޅުން ނުދެކޭ މުޅިން އާ މޫނުތަކަކާ ކުރިމަތިލާން އަހަންނަށް ފަސޭހަވިއެވެ. ތުއްތު ކުދިންނަށް ކިޔަވައިދިނުމާއި އެކުދިންނާއިއެކު ލަވަކިޔާ، ކުޅެ އުޅެން ފެށުމުން އަހަރެންގެ އުއްމީދު ކުރިވަރަށްވުރެ މާބޮޑަށް ހިތް ހަމަޖެހުންލިބެން ފެށިއެވެ. އެހެންނަމަވެސް ވިއްސާރަވީމާ އަދިވެސް އަހަރެން ވަރަށް ކަންބޮޑުވެއެވެ. ބިރުގަނެއެވެ. އެދުވަހުގެ ހަނދާންތައް ހަމަ ދެންމެ ވީކަމެއްހެން ސިކުނޑިތެރެއަށް ވެރިވެގަންނާތީއެވެ. ވިއްސާރަ ވެއްޖިއްޔާ އަހަރެން ސްކޫލަކަށް ނުދަމެވެ.

އެއްދުވަހު ސްކޫލުގައި ހުއްޓާ ވިސްސާރަ ނަގާ މުޅި ދުނިޔެމަތި ކަޅުކޮށްލިއެވެ. އެދުވަހު ގަޑި ނުނިމެނީސް އަހަރެން ގެއަށްދާން ނުކުތީމެވެ. އެކަމަކު އަހަންނަށް ދެވުނީ ކަންމަތީގައި ހުންނަ ފިހާރައާއި ހަމައަށެވެ. ވަރަށް ބޯކޮށްވާރޭ ވެހެންފެށިއެވެ. ދުރުން ގުގުރާލިއަޑު އިވުމާއެކު އަހަރެން ސިހުނެވެ. އަހަންނަށް ހުރެވުނީ ރިސޯޓްގައި ހެން ހީވާންފެށިއެވެ. އަހަރެން ލޯ މަރާލީމެވެ. ފުންކޮށް ނޭވާލާން މަސައްކަތްކުރީމެވެ. އޭރު އަހަރެން ހާސްވެ، މުޅިމީހާ ތުރުތުރު އަޅަންފެށިއެވެ.

އެވަގުތު ފިހާރަތެރެއިން މީހަކު ނުކުތެވެ. އޭނާއަށް އަހަރެން ހުރިގޮތް ފެނިފައި ކިހިނެތްވީތޯ ސުވާލުކުރިތަނާ އަނެއްކާވެސް ގުގުރާލިއެވެ. އެޔާއިއެކު އަހަރެންނަށް ބިރުގަންނަނީއޭ ބުނެވުނެވެ. އޭނާ އަހަރެން ކައިރީ ފިހާރައިގެ ތެރެއަށް ވަންނަން ވީނުންހޭ ބުންޏެވެ. އެތާ އެތެރެއަށް ވަނީމާ އިތުރަށް ހާސްވާނެކަން އަހަންނަށް އެނގެއެވެ. އެހެންކަމުން އަހަރެން ނޫނެކޭ ބުނީމެވެ. އަދި އޭނާ ގާތު އަހަރެންކައިރީ އޭތާ ބޭރުގައި މަޑުކޮށްލަ ދިނުމަށް އެދުނީމެވެ.

އެއީ ލ. އަތޮޅު މީހެކެވެ. އޭނާގެ ނަމަކީ ހުސެއިން ކަމުގައި ބުނެދިނެވެ. "މީހުން ކިޔާނީ ހުސޭނު!" އޭނާ ބުނެލިއެވެ. އަހަރެންވެސް މިއީ ރާނިޔާއޭ ބުނެ ތަޢާރަފުވީމެވެ. އެ ފިހާރަ ބޭރުގައި ހުރި އަށިމަތީގައި ބަހައްޓާފައި ހުރި ކުރުނބާ އިހަލާއި އެއްޗެތި ދުރުކޮށް އެތަނުން އަހަރެން އިށީންނަން ތަން ހަދައިދިނެވެ. އަހަރެން ކައިރީ ކުރުނބާ ބޯނަންތޯ އެއްސެވެ. އަހަރެން ނޫނެކޭ ބުނުމުން ފިހާރައިން އެއްވެސް އެއްޗެއް ބޭނުންތޯ ސުވާލުކުރިއެވެ. އަހަރެން އެއަށްވެސް ބޯހޫރާލީމެވެ. އަހަރެން އިނީ އެއްވެސް ކަމެއްކުރަން ކެރޭ ވަރަށް ވުރެ މާބޮޑަށް ބިރުގަނެފައެވެ. ވެހެމުން ދިޔަ ވާރެއާއި އެކީ ގުގުރުމުގެ އަޑުވެސް ފަހަރަކަށް ވުރެ ފަހަރެއް ގަދަވަމުން އަންނާތީއެވެ.

މިފަދަ ވަގުތު ތަކުގައި ކިޔަންޖެހޭ ތަސްބީހަ، ދުޢާ އެއްޗެތި އެނގޭތޯ އޭނާ ސުވާލުކުރިއެވެ. އަހަރެން އެޔަށްވެސް ނޫނެކޭ ބުނުމުން އޭނާ ކިޔައިދިނެވެ. އޭނާ ކީ އެއްޗެތި އަހަންނަށް ލިޔެދީފާނަންތޯ އެހީމެވެ. އޭނާ އާއެކޭ ބުނުމުން އަހަރެންގެ ނޯޓު ފޮތާއި ގަލަމެއް ދިއްކޮށްލީމެވެ.

"ފާތުމަތު ރާނިޔާ" ފޮތުގެ ބޭރުގައި ލިޔެފައިވާ ނަން ކިޔާލަމުން އޭނާ ޕިސްޕިސް ކަނޑާލިއެވެ. "އެއޮތް މާތް ރީތި ނަން އޮއްވައި ދޯ ރާނިޔާއޭ ތިބުނީ!" އޭނާ ބުނެލިއެވެ. އަހަންނަށް އޭނަ އެބުނި އެއްޗެއް ނުވިސްނުނެވެ. 'ފާތުމަތު... އަހަރެން ކިޔާނީ ފާތުން" އޭނަ ހިނިތުންވެލިއެވެ. އޭނާގެ ނަމްބަރު އައިނުނަގާ ގަމީހު ފަސްބައިގައި ފޮހެލުމަށްފަހު އެޅިއެވެ. އަދި އެފޮތުގެ ފަހަތުގައި ލިޔަންފެށިއެވެ.

އޭނާއާއި ދިމާއަށް ފަރުވާތެރި ކަމާއެކު ފުރަތަމަ ފަހަރަށް އަހަރެން ބަލައިލީމެވެ. އެއީ އިސްކޮޅުން އެހާ ދިގުމީހެއްނޫނެވެ. ލަތީފުއަށް ވުރެ ގައިގެ ކުލަ އައްޔެވެ. އެހެންނަމަވެސް އޭނާގެ ވަށް ތުބުޅީގެ ސަބަބުން އޭނާ ގެ އުމުރު ދެނެގަންނާކަށް ނޭގުނެވެ. އޭނާ ލިޔެނިންމާފައި ފޮތް އަހަރެން އަތަށް ދިއްކޮށްލަމުން ގުގުރާއިރުގަޔާއި ވިއްސާރަވެ ވައިގަދަވާ ހިނދު ކިޔާނެ ތަސްބީހާ ލިޔެދިންކަމުގައި ބުނެލިއެވެ. އަހަރެން ވަރަށް ޝުކުރުއަދާކުރީމެވެ.

"މަރުހަބާ! އަހަރެންގެ ފަރާތުން މީހަކަށް ކުޑަނަމަވެސް ހިތްހަމަ ޖެހުމެއް ހޯދައިދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް!" އޭނާ އަހަންނާއި ދިމާލަށް ބަލާލާފައި ހިނިތުންވެލިއެވެ. އޭނާ އަށް އަހަރެން މިއީ ކާކުކަން އެނގޭކަމުގައި ބުންޏެވެ.

"ދުނިޔެއަކީ އިމްތިހާނެއް! ކެތްތެރިވާން ދަސްކުރޭ!" އޭނާ ބުނެލިއެވެ.

މާގިނައިރެއް ނުވަނީސް ވާރޭ ތުނިކުރަންފެށިއެވެ. ވާރޭގައި ޖެހި ތަންތަނުގައި ތާށިވެފައި ތިބިމީހުން މަގުމައްޗަށް ނުކުންނަންފެށިއެވެ. އަހަރެންވެސް އޭނާ ކައިރީ ދަނީއޭ ބުނެލަމުން އެކަނި ދާން ކެރޭނެތޯ އޭނާ އެއްސެވެ. އަހަރެން އާނއެކޭ ބުންޏަސް ހިނގައިގަތީ ވަރަށް ޖެހިލުންވެ ހުރެއެވެ.

އަނެއްދުވަހު މެންދުރުވެސް އޭނާއާއި ފިހާރަކައިރިން ދިމާވިއެވެ. އެއީ ވަރަށް ގަދައަށް އަވި ދިއްލާލާފައި އޮތް ވަގުތެއްކަމުން އަހަރެން ހުރީ މުޅިން ދާހިތްލާފައެވެ. އެހިސާބަށް އަރާ ހަމަވުމުގެ ކުރިން އަހަރެންގެ މޫނުގައި ހުރިދާތައް ކުޑަރުމާލުން ފޮހެލީމެވެ.

"ހިތަށް މިއަރަނީ ކުޑަ ބޭނުންކުރެވޭނީ ހަމައެކަނި ވިއްސާރަ ވީމަ ބާވައޭ" އޭނާ ބުނެލިއެވެ. އަދި އަހަންނާއި އެކު އަންނަން ފެށިއެވެ. އެރޭ އޭނާ ފުރަނީކަމުގައި ބުނުމުން އޭނާ މިރަށަށް އަންނަނީ ކީއްކުރަންތޯ އަހަރެން ސުވާލުކުރީމެވެ.

"މާ ބޮޑުކަމަކު ނޫން.. ދޮންރަހާބެ ކައިރިއަށް އަންނަނީ، އެއީ ބައްޕަގެ ވަރަށް ގާތްރައްޓެއްސެއް!"

ދޮންރަހާ ބެއަކީ އަހަރެންވެސް އަޑުއަހާ ނަމެކެވެ. މުޅި އައްޑު އަތޮޅުގައި ހުރި އެންމެ މޮޅު ފަންޑިތަ ވެރިޔާއޭ ކިޔާތީ އިވެއެވެ.

"އޭނާ ކައިރިން ވަރަށް ގިނަ އެއްޗެތި ދަސްވޭ!" އޭނާ ކިޔައިދިނެވެ.

ކުއްލިއަކަށް އަހަރެން ނުތަނަވަސް ވިއެވެ. އޭނާ ކައިރިން ފަންޑިތަ ހަދަން ދަސްކުރަނީތޯ އަހާލެވުނެވެ. އަހަންނަށް ވީގޮތްފެނިފައި އޭނާއަށް ކުޑަކޮށް ހެވުނުހެން ހީވިއެވެ.

" އެއީ އެކަހަލަ ފަންޑިތަވެރިކަމެއްނޫން! ދޮންރަހާބެ ފަރުވާކޮށްދެނީ ޤުރުއާނާއި ސުންނަތުގެ ދުޢާތަކުން. އަދި ހަކީމީ ބޭސްވެރިކަމުގެ ތެރެއަށްވެސް ކިޔަވަނީ ހަމަ ޤުރުއާނުގެ އާޔަތްތަކާއި ދުޢާތައް. އޭނާ އަކީ ތިހީކުރާކަހަލަ ފަންޑިތަ ސިހުރު ހަދާ މީހެއްނޫން އިނގޭ!..އެކަމާ ބިރުނުގަނޭ!" ހުސޭނު އޮޅުންފިލުވައި ދިނެވެ.

"އެހެންވިއްޔާ ދޮންރަހާބެ ކުރެން އަހައިގެން ނަމަވެސް، އަހަންނަށް މިދިމާވެފައިވާ ކަންތަކުން އަރައިގަނެވޭނެ ގޮތެއް ބުނެދީބަލަ!"

"ތިޔަށް އޮތް ހައްލަކީ ދުޢާ!،....ކޮންމެ ނަމާދެއް ކޮށް ނިންމާފައިވެސް އިޙުލާސްތެރިކަމާއިއެކު ދުޢާ ދަންނަވާ!" އޭނާ ބުނެދިނެވެ. އަދި އޭނާގެ އަތުގައި ވަރަށް ރަނގަޅު ދުޢާ ފޮތެއް އޮންނާނެ ކަމަށާއި ދެން އަންނަ ފަހަރަކުން ގެނެސްދޭނަން ކަމުގައިވެސް ބުންޏެވެ.

-- ނުނިމޭ --

◀ މި ވާހަކައިގެ އާ ބައެއް ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހަކު ގެނެސްދޭނެ

ދިގު ވާހަކަ ވާހަކަ: ދޭނުހޭ ގެންގޮސް ވަޔާއޭ

Popular