18 Mar 2023

● 40 ވަނަބައި

"ތިޔަށް އޮތް ހައްލަކީ ދުޢާ!،....ކޮންމެ ނަމާދެއް ކޮށް ނިންމާފައިވެސް އިޙުލާސްތެރިކަމާއިއެކު ދުޢާ ދަންނަވާ!" އޭނާ ބުނެދިނެވެ. އަދި އޭނާގެ އަތުގައި ވަރަށް ރަނގަޅު ދުޢާ ފޮތެއް އޮންނާނެ ކަމަށާއި ދެން އަންނަ ފަހަރަކުން ގެނެސްދޭނަން ކަމުގައިވެސް ބުންޏެވެ.

ހުސޭނުއާއި އިތުރަށް ގުޅުން ބަދަހި ކުރަން ޝައުގުވެރިވެވުނީ އެދުވަހުއެވެ. އަހަރެން މިވެއްޓިފައިވާ އަނދިރި ވަޅުގަނޑުން އަރައިގަތުމަށް ކިރިޔާވެސް އެހީތެރިވެދެވޭނެ މީހަކީ އެއީކަން އަހަންނަށް ގަބޫލުކުރެވުނީއެވެ. އެކަމަކު އެދުވަހަށްފަހު އޭނާގެ ޚަބަރެއް ނުވެއެވެ.

ފިކުރު ކުރުމަކީ ބަނޑުގައިވާ ދަރިފުޅަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމެއް ކަމަށް އަހަރެންގެ ޑޮކްޓަރުވެސް ވަނީ ބުނެފައެވެ. އަހަރެން ވަރަށް ހިތްވަރު ކުރަމެވެ. އެކަމަކުވެސް އަހަރެން ދެރަވެއެވެ. އެކަނި އިދެ ރޮވެޔެއެވެ. މޫމިނާގެ ފިރިމީހާ މަޖްދީ އެމީހުންގެ ކުޑަ ދަރިފުޅު ގޮވައިގެން ސަކަރާތް ޖަހާ ހަދާ ތަން ފެނުމުން ދެރަވެއެވެ. އަހަރެންގެ ދަރިފުޅަށް ބައްޕައެއްގެ ލޯބި ދޭނި ކާކުހެއްޔެވެ؟

އެހެންނަމަވެސް އަހަރެން ކެތްތެރިވީމެވެ. ހުސޭނު ބުނިފަދައިން އިޚުލާސްތެރިކަމާއިއެކު ދުޢާ ކުރަން ފެށީމެވެ. އަހަންނަށް ލިބެން މިއުޅޭ ދަރިފުޅަކީ ހެޔޮލަފާ އުފާވެރި ކުއްޖެއްގެ ގޮތުގައި ބޮޑުވާނެގޮތް މެދުވެރިކޮށް ދެއްވުން އެދި ދަންނަވަން ފެށީމެވެ. ދުވަސް ކައިރިވާންވީ ވަރަކަށް އަހަރެންގެ ހިތް އަވަސްވަމުން ދިޔައެވެ. ދަރިފުޅާއި ބައްދަލު ކުރާހިތުން ކެތްމަދުވާން ފެށިއެވެ. ބަނޑަށް ހަތްމަސްވީ ތަނާ މުޅި ދެފައި ދުޅަވެގެން ފައިވާނަށް އަރަންވެސް އުނދަގޫވިއެވެ. އެހެންކަމުން އަހަންނަށް ޖެހުނީ ވަޒީފާއަށް ދިޔުންވެސް މެދު ކަނޑާލާށެވެ.

އެއްދުވަހަކު ގޭދޮށުގައި އުޅޭ ކަތްދައިދި އަހަރުމެން ގެއަށް އައިސް ބަނޑުގައި އަތްލާފައި ދެން މާ ގިނަދުވަހެއް ނުވެ ވިހާނެޔޭ ބުނެލިއެވެ. އޭނާ ބުނި ވާހަކަ ދިމާވިއެވެ. ޖުލައި ފަންސަވީސް ވަނަ ދުވަހުގެ ހަވީރު ހައެއްޖަހާ އިރުކޮޅެއްވީތަނާ އަހަރެންގެ ދަރިފުޅު އުފަންވިއެވެ. އޭރު އަހަރެންގެ ބަނޑަށްވީ އަށްމަހާ ދުވަސް ކޮޅެކެވެ. އެލޯބި ލޯބި ތުއްތު ދަރިފުޅު ފެނުމުން އަހަންނަށް އުފަލުން ރޮވުނެވެ. އަދި ﷲ އަށް ޙަމްދުކޮށް ހާސްފަށުން ޝުކުރުވެރިވީމެވެ. އިސާހިތަކު ލަތީފު މަތިން ހަނދާންވިއެވެ. އޭނާ ހުރިނަމަ ކިހާ އުފާވީސް ހެއްޔޭ އަހަރެންގެ ހިތަށް އެރިއެވެ. އެޔާއެކު އަހަރެން ދެރަވިއެވެ. އޭނާ އަހަރުމެންނާއި ވަކިވިފަހުން ހަތްމަސްވީއެވެ.

އަހަރެންގެ ދަރިފުޅަށްކީ އިޒާންއެވެ. އެއީ ކުރީފަހަރު ކުއްޖަކު ލިބެންއުޅުނު އިރު ލަތީފު ބުނިނަމެވެ. ދަރިފުޅު ގިނަ ވަގުތު ގެންގުޅެނީ އަހަރެންގެ މަންމައެވެ. އެމީހުންނަށް އަލަށް މާމަ ކާފަ ކިޔާނޭ ކުއްޖަކު ލިބުމުން މަންމައާއި ބައްޕަ ތިބެނީ އެކަމާ ވަރަށް އުފާވެފައެވެ. އިވާން ކޮއްކޮވެސް ކުޑަކުޑަ ބޮޑުބޭބެ އަކަށްވީއެވެ. އޭނާ ވެސް ހުންނަނީ ވަރަށް އުފާވެފައެވެ. އިވާން ކޮއްކޮ އޭރުވެސް ދޭތެރެއަކުން ލަތީބެ އަންނާނީ ކޮންއިރަކުން ތޯ ސުވާލު ކުރެއެވެ.

ވިހައިގެން ހޮސްޕިޓަލުގައި އޮތް އިރު އަހަރެންގެ ކުރީގެ ހުރިހާ ރައްޓެހިން މަތިން ވަކިވަކިން ހަނދާން ވިއެވެ. ޝެރީން ކިޔަވާނިމިގެން އަތުވެދާނެ ބާވައޭ ހިތަށްއެރިއެވެ. އިޝާން ވާނީ ކޮންތާކު ބާވައޭ އޭނާ އަހަރެންގެ މަތިން ހަނދާންކުރާނީތޯ ނުވަތަ އެފޮޓޯ ދެއްކި ސްޕޭން ކުއްޖާއާ އެކު އުފަލުގައި އުޅެނީބާވައޭ ހިތަށް އަރައެވެ. އަހަރެންނަށް ކުއްޖަކު ލިބުނުކަން އެނގިއްޖިއްޔާ އިޝާން ބުނާނީ ކީކޭ ބާވައޭ ވެސްހިތަށް އެރިއެވެ. އޭނާއާއި ގުޅުން ކަޑާލުން އެއީ އަހަންނަށް ނިންމުނު ނުރަނގަޅު ނިންމުމެކޭ ވެސް ބައެއް ފަހަރު ހިތަށް އަރައެވެ. އެހެންނޫންނަމަ މިއަދު އޭނާ އަހަރެންގެ ކައިރީ ހުރީސް ކަންނޭނގެއެވެ.

ވިހޭތާ މާގިނަ ދުވަސް ނުވަނީސް އަނެއްކާވެސް އެހުވަފެންތައް ފެންނަންފެށިއެވެ. ހަމަ އެއްގޮތަކަށެވެ. ލަތީފު ގެނބޭތަނެވެ. އަހަރެން ވަޅުގަޑަކަށް ވެއްޓެނިކޮންނެވެ. ކޮންމެ ރެއަކުވެސް އަހަންނަށް ހޭލެވޭއިރު އޮންނަނީ ބިރުންގޮސް ދާހިއްލާފައެވެ. އެހަނދާންތައް ދާދި ދެންމެ ވީކަމެއްހެން ހިތުތެރޭގައި އާވެ އާލާވެފައެވެ. އަހަރެން ކަންބޮޑުވާން ފެށިއެވެ. އެހުވަފެންތައް ނުފެންނާނީ ކިހިނެތް ހެދިއްޔާ ބާވައޭ ހިތަށް އަރަންފެށިއެވެ. އަނެއްކާވެސް އަހަރެން މާޔޫސްވެ، އަހަރެންގެ ނަފްސާނީ ބަލިމަޑުކަން އިތުރުވެގެން ދިޔައެވެ. އަހަރެން ކާހިތެއްނުވެއެވެ. ފެންވަރާ ރީތިވާ ހިތެއްވެސް ނުވެއެވެ. ބޭނުންވަނީ އަބަދު އޮށޯވެގެން އޮންނާށެވެ. އެހެންއޮވެގެން ވިސްނެނީ އަހަރެންގެ ބަދުނަސީބުވެރިކަމާއި މެދުގައެވެ. އަހަންނަށް އިޒާން ގެންގުޅެން އެނގޭނެބާވައޭ ވެސް ހިތަށް އަރައެވެ. އެކަނިމާއެކަނި އޭނާ ހެޔޮގޮތުގައި ބޮޑުކުރާނީ ކިހިނެއްހެއްޔެވެ؟

އަހަރެން ދުނިޔެމަތިން ފޫހިވާންފެށިއެވެ. އަހަރެން މިދުނިޔޭގައި އުޅުމުގެ އެއްވެސް ބޭނުމެއްނެތޭ ބައެއްފަހަރު ހިތަށް އަރައެވެ. އަހަރެން ނެތަސް އަހަރެންގެ މަންމައާއި ބައްޕަ އިޒާންއަށް ލޯބި ދީގެން ގެންގުޅޭނެކަން އަހަންނަށް ހަމަ ޔަގީނެވެ. އެއްދުވަހު އަހަންނަށް ހޭވެރިކަންވީ މަންމަ އައިސް އިޒާން އެނދުން ނެގުމުންނެވެ. އެސޮރު ރޮއެ ރޮއެ ގިސްލެވުނުއިރުވެސް އަހަންނަށް ރޭކާނުލިއެވެ.

"ދަރިފުޅު ތިއުޅެނީ އެސޮރު މަރުނުވެގެންތަ؟" މަންމަ ރުޅިއައިސްގެން ބުންޏެވެ.

އެހިސާބުން އަހަރެން ވިސްނާލީމެވެ. ދެރަވިއެވެ. ބިރުގަންނަން ފެށިއެވެ. އަހަރެންގެ ދަރިފުޅު އަހަންނާއި ވަކިވެދާކަށް އަހަރެން ނޭދެމެވެ. އެރޭ އަހަންނަށް ހުވަފެނުން ފެނުނީ ލަތީފުއެވެ. އިޒާން ނިދާފައި އޮއްވާ އޭނާ އާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓައެވެ. ހޭލެވުމާއި އެކު އަހަރެން ކަންބޮޑުވިއެވެ. އަހަރެންގެ ހިތަށް އަރާ ފައިބަމުންދާ އެއްޗެތި އޭނާއަށް އެނގޭނެހެއްޔެވެ؟

"މާފު ކުރޭ ލަތީ! އަހަރެން މިދަރިފުޅަށް ނިކަމެތިކަން ލިބޭނެ ފަދަ އެއްކަމެއްވެސް ނުކުރާނަން!" އަހަރެން ހިތާއި ހިތުން ވާހަކަ ދެއްކީމެވެ.

އަނެއްކާވެސް އާ ހިތްވަރަކާއިއެކު ދިރިއުޅެން ނިންމީމެވެ. އަހަރެން ބޭނުންވީ ވަޒީފާއަށް ނުނިކުމެ، އިޒާން ތަންކޮޅެއް ބޮޑުވަންދެން ގޭގައި މަޑުކުރާށެވެ. އެކަމަކު މަންމަމެން އެކަމާ ދެކޮޅު ހެދިއެވެ. މަންމަ އަދި މިހުރީ ގަދަވެ ސަލާމަތުން ކަމަށާއި މަންމައަށް އެސޮރު ބެލޭނެކަމުގައި މަންމަ ބުންޏެވެ. އެހެންކަމުން ހިތާއި ދެކޮޅަށް ނަމަވެސް އަހަންނަށް ޖެހުނީ ސްކޫލަށް ނުކުންނާށެވެ.

ވިހެއުމުގެ ޗުއްޓީ ނިންމާފައި އަލުން ނުކުންނަން ވެގެން އާ ހެދުން ފެހިއިރު ފެހީ މުޅިންވެސް އަތްދިގުކޮށެވެ. ބުރުގާ އަޅާގޮތަށެވެ. އެންމެ ފުރަތަމަ ބުރުގާއަޅައިގެން ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓުމުން އަހަރެންނަށް ވެސް ހީވީ މުޅިން އެހެން މީހަކު ފެނުނުހެންނެވެ. އެވަގުތު އަހަރެން ހަނދާންވީ ހުސޭނު މަތިންނެވެ. "އާނ! މިހާރު ފާތުންނަކާއި ވައްތަރު" އަހަރެންނަށް ހިތާހިތުން ބުނެލެވުނެވެ. އޭނާ ދިޔައީ އަހަންނަށް ފޮތެއްވެސް ގެނެސްދޭނަމޭ ބުނެފައެވެ. އެކަމަކު އޭގެ ފަހުން ހަތަރުމަސް ވެގެން ދިޔައިރުވެސް އޭނާގެ ޚަބަރެއް ނުވެއެވެ. ރަނގަޅަށް ވިއްޔާ އޭނާ މިހާރު އަހަރެން މަތިން ހަނދާނެއްވެސް ނުހުންނާނެއޭ ހިތަށް އެރިއެވެ.

ސްކޫލަށް ނުކުންނަން ފެށިތާ ދުވަސްކޮޅެއް ފަހުން، އެއްދުވަހަކު މެންދުރު ފިހާރައިގެ އަށިމަތީގައި ހުސޭނު އިންދައި ފެނުނެވެ. އެއީ އޭނާކަން ޔަގީންވުމުން މަގުހުރަސްކޮށް އެފަޅިއަށްއެރީމެވެ. އެހިސާބަށް އަރާ ހަމަވެފައި އަހަރެން ހިނގުން މަޑުކޮށްލީމެވެ. އޭނާއަށް އަހަރެން ފެނުމުން ޔަގީނެއްނުވިއެވެ. އަހަންނާއި ދިމާލަށް ބަލާލާފައި އަޅާވެސް ނުލިއެވެ.

"ނޭނގުނު ދޯ" އަހަރެން ހީލީމެވެ.

އެޔާއިއެކު އޭނާ ފުންމައިގެން ތެދުވިއެވެ. އަހަންނާ ދިމާއަށް ވަރަށް ފަރުވާތެރިކަމާ އެކު ބަލަންފެށިއެވެ.

"އޭ ކޮބާ ބަނޑު؟" އޭނާ އަހާލިއެވެ.

"ގޭގައި......ދުވަސް ނުފުރެނީސް އެސޮރު ބޭނުންވެއްޖެ ނުކުންނަން!" އަހަރެން ބުނެދިނީމެވެ.

"ކިހާ ރީތި މިހާރު!" ހުސޭނު ބުނެލިއެވެ. އޭނާ އަހަންނާ ދިމާއަށް ބަލަންހުރިކަން އެނގުމުން އަހަރެން ލަދުގަންނަގޮތްވިއެވެ. އަހަރެން މަޑުމަޑުން ހިނގައިގަތީމެވެ. އޭނާ އަހަންނާއިއެކު އަންނަންފެށިއެވެ. އޭނާއައީ އިއްޔެ ކަމަށާއި ފިހާރަ ކައިރިއަށް އައިސްފައި އަހަރެން ކޮބައިބާވައޭ ހިތަށްއެރި ވާހަކަ އޭނާ ބުންޏެވެ. އަހަރެންނަށް ހިނިތުންވެލެވުނެވެ. އޭނާ އަހަރެން މަތިން ހަނދާން ހުރިކަން އެނގުނީމަ އުފާވިއެވެ.

" ދަރިފުޅަށް ކޮންނަމެއްތަކީ؟" ހުސޭނު ސުވާލުކުރިއެވެ.

"އިޒާން!.... އިޒާން ލަތީފު" އަހަރެން ބުނެދިނީމެވެ. އެޔާއެކު އޭނާހީލާފައި އަހަރެންނާއި ދިމާލަށް ބަލާލިގޮތުން ކިހިނެއްތޯވީ އަހަންނަށް އަހާލެވުނެވެ.

"ތިވީ މަގޭ ދަރިއަކަށްތާއޭ މިހިތަށް އެރީ" ހުސޭނު ބުނެލިއެވެ. އަދި އޭނާގެ ފުރިހަމަ ނަމަކީ ހުސެއިން ލަތީފު ކަމުގައި ބުނެދިނެވެ. އަހަންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އިސްޖަހާލެވުނެވެ. އޭނާއަށް ލަތީފު ކިޔުން މިއީ ކޮންކަހަލަ އިއްތިފާގެއްބާވައެވެ؟

"އިޒާންގެ މާނައަކީ ކިޔަމަންތެރި..... އިރާދަކުރެއްވިއްޔާ ތިޔައީ ވަރަށް ބަސްއަހާ ކިޔަމަންތެރި ކުއްޖަކަށް ވާނެ!" އެނާ ބުނެދިނެވެ.

އޭރު ގެޔާހިސާބަށް ދެވިއްޖެއެވެ. އޭނާ ދަނީއޭ ކިޔާފައި އަނބުރާލިއެވެ. އަހަރެން ބޯޖަހާލީމެވެ. އަހަރެން އިތުރަށް އޭނާއާއި ވާހަކަ ދައްކަން ބޭނުންވިއެއްކަމަކު އެހިތްވަރެއް ނުލިބުނެވެ.

ޖެހިގެންއައި ދުވަހު އެނާ ބުނިފޮތް އަހަރެންނަށް ގެނެސްދިނެވެ. އެއީ އިނގިރޭސި ބަހުން ލިޔެފައިއޮތް ފޮތެކެވެ. އޭގައި ވަރަށް ރަނގަޅު ދުޢާތަކާއި އަދިވެސް ދީނީ ކަންކަމާއި ބެހޭ އެކި މަޢުލޫމާތު ހުންނާނެކަމަށް އޭނާ ބުންޏެވެ. އެހިސާބުން ވިހޭފަހުން އަހަރެންނަށް ދިމާވިގޮތްތަށް ކިޔައިދިނީމެވެ.

"ތިޔަށް ކިޔާ އިގިރޭސި ނަމެއް އޮވޭ.. މިހާރު ހަނދާނެއް ނެތް އެކަމު" އޭނާ ބުނެލިއެވެ. އަދި އެއީވަރަށް ގިނަ އަންހެނުންނަށް ވިހެއުމަށްފަހު ދިމާވާ ކަމެއްކަމުގައި ބުނެދިނެވެ. އެއީ ތެދެކެވެ. އަހަރެންގެ ޑޮކްޓަރުވެސް އެހެންބުންޏެވެ. އެޔަށް ކިޔާނަމެއް އެވަގުތު އަހަރެންގެ ހިތަކަށްވެސް ނަޔެވެ.

"ދުޢާ ކުރޭ ފާތުން... ގިނަގިނައިން ޒިކުރުކޮށް ދުޢާ ކުރަންވީ ހަމަ" ހުސޭނު ބުނެދިނެވެ. "މިދުނިޔެމަތީގައި ބޭނުންކުރަން އެއަށްވުރެ މޮޅު ހަތިޔާރެއް ނުއޮންނާނޭ!"

އޭގެފަހުން ކޮންމެ ދުވަހަކު މެންދުރު އަހަންނާއި ހުސޭނުއާއި ބައްދަލުވެއެވެ. އަހަރެން އަންނައިރު އޭނާ ފިހާރަ އަށި މަތީގައި އިނދެއެވެ. އެހިސާބުން ފެށިގެން ގެޔާއިހަމަޔަށް އަހަންނާއި ވާހަކަ ދައްކަމުން އާދެއެވެ. އޭނާ އަހަރެންގެ ދަރިފުޅާއި ބެހޭގޮތުން ސުވާލުކުރެއެވެ. ގެޔާއި ހަމައަށް އާދެވެންދެން އަހަންނަށް މުޅިންވެސް ދެއްކެނީ އަހަރެންގެ ދަރިފުޅާއި އިވާންކޮއްކޮގެ ވާހަކައެވެ. އަހަރެން އޭނާގެ ވާހަކަ މަންމަކައިރީ ބުނީމެވެ. އޭނާދިން ފޮތް ވެސް ދައްކާފައި އޭގައި ހުރިބައެއް ދުޢާތައް މަންމައަށް ކިޔައިދިނީމެވެ.

ބުރާސްފަތި ދުވަހު ހެނދުނު ބައްޕަ މާލެ ދުރުވުމުން އަހަރެން ހުސޭނު ގެއަށް އަންނަން ދަޢުވަތު ދިނީމެވެ. އެދުވަހު ހަވީރު ހުސޭނު އައިއިރު އިޒާން އޮތީހޭލައެވެ. އަހަރެންގެ މަންމައަށް އޭނާ ތަޢާރަފު ކޮށްދިނީމެވެ. އޭނާ އިޒާން އުރާލައިގެން ގޮނޑީގައި އިށީނެވެ. މާގިނައިރެއް ނުވަނީސް އިވާންކޮއްކޮވެސް އޭނާގެ ކުޑަ ކާރު ސެޓް ހިފައިގެން އައިސް ހުސޭނުއާއި އެކު ކުޅެން ބޭނުންވިއެވެ. އޭނާ ބިންމަތީ ދެފައި ވަށްކޮށްގެން އިށީނދެ އިވާން ކޮއްކޮއާއިއެކު ކާރު ދުއްވަންފެށިއެވެ.

"ޝުކުރިއްޔާ އައިކަމަށްޓަކާ!" އޭނާ ދާން ނުކުތުމުން އަހަރެން އޭނާއާ އެކު ދޮރާށި ދޮށަށް ދިޔައީމެވެ.

"ނޫން ޝުކުރު އަދާކުރަން ޖެހޭނީ އަހަރެން! ... އަހަރެންގެ ދަރިފުޅު ދެކޭހިތުން ކެތްމަދުވެފައި ހުންނަތާ ކިހާ ދުވަހެއް؟" އޭނާ އެހެންބުނެލާފައި ފަހަތް ބަލާވެސް ނުލާ ހިނގައިގަތެވެ. އޭނާ ގޮސް ގެއްލެންދެން ބަލަހައްޓައިގެން އަހަންނަށް ހުރެވުނެވެ. އޭނާ އިޒާނަށް ނިސްބަތްވާގޮތަށް ދަރިފުޅޭ އެބުނީ ކީއްވެގެންބާއެވެ؟

އެތެރެއަށް ވަތްގޮތަށް ވަދެ މަންމަކައިރީގައި އޭއީ ވަރަށް ރަނގަޅު ރައްޓެއްސެއްކަމަށް ބުނީ މަންމަ އެހެންއެއްޗެކޭ ހީކޮށްފާނެތީއެވެ. އަހަރެންގެ ހަޔާތަށް އިތުރު މީހަކު ދެން ގެންނާކަށް ނުވިސްނަމެވެ.

ހުސޭނު ފުރައިގެން ދިޔުމުގެ ކުރިން އަހަރެންގެ ފޯނު ނަމްބަރު ދީފާނަންތޯ އެއްސެވެ. އޭނާއަށް ނާދެވުނަސް އޭނާގެ ދަރިފުޅުގެ ހާލު ބަލާލެވޭނީ އޭރުންނެއް ނޫންހޭ ބުނެލިއެވެ.

ބައްޕަ އެނބުރި ރަށަށް ދުރުވެ ދެއްވި ޚަބަރަކުން އަހަރެން އަނެއްކާވެސް ހާސްކަމެއްގެ ތެރެއަށް ވެއްޓުނެވެ. ބައްޕަގެ ވަޒީފާ ބަދަލުވީއެވެ. އަހަރުމެން މާލެއަށް ދިރިއުޅުން ބަދަލު ކުރަން ޖެހުނީއެވެ.

" މާ ރަނގަޅެއްނު. އިވާންއަށް ވެސް މާލޭގައި ކިޔެވޭނެ އެންނު އޭރުން" މަންމަ އާއި ދިމާއަށް ބައްޕަ ބުނުއްވިއެވެ. އޭރު ބައްޕަ އިންނެވީ އިޒާން އުނގަށް ލައްވައިގެންނެވެ.

"މި ސޮރުވެސް ކިޔަވާނީ މާލެއިންނޭ ދޯ" ބައްޕަ އިޒާން އާއި މުޚާތަބު ކުރެއްވިއެވެ. -- ނުނިމޭ --

◀ މި ވާހަކައިގެ އާ ބައެއް ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހަކު ގެނެސްދޭނެ

ދިގު ވާހަކަ ވާހަކަ: ދޭނުހޭ ގެންގޮސް ވަޔާއޭ

Popular