ފުލައިޓަށް އަރާ ގޮނޑީގައި އިށީނުމުގެ ކުރިން އަހަރެން ބޭރުންލައިގެން އިން ކަޅު ހެދުން ބޭލީމެވެ. އެތެރެއިން ލައިގެން ހުރި ހަރުވާޅު ހެދުން ފެނިފައި ހާދަ ރީތި ހެދުމެކޭ އާތިފާ ބުނެލިއެވެ.
"ތީއޭ ހުސޭނު ބުނާވާހަކަ" އަހަރެން ބުނެލީމެވެ. "ރިތި ހެދުންލީމާ މީހުން ބަލާނެތީޔޯ ކަޅު ހެދުންލާން ޖެހެނީ" އަހަރެން ސިއްރު ސިއްރުން އާތިފާއަށް ކިޔައިދިނީމާ އޭނާ ހޭން ފެށިއެވެ. "މިނޫން ހެދުމެއް ނުވެސް ނެތް އަހަރެންގެ އަތަކު. މާލެގޮސް އެންމެ ކުރިން ޖެހޭނީ ހެދުން ފަހަން" އާތިފާއަށް ކިޔައިދިނީމެވެ.
ފުލައިޓް ނައްޓާލުމާއިއެކު އަހަރެން ހަމަ ޖެހިލީމެވެ. އެތައް އަހަރެއްގެ ހަނދާންތަކާއި ވަކިވެގެން އަނެއްކާވެސް އާމަންޒިލަކަށް މިސްރާބު ޖަހަން ޖެހުނީއެވެ. އަނެއްކާވެސް ހަޔާތުގެ އައު ބާބެއް ފަށާށެވެ. އަހަރެންގެ ދިރިއުޅުމުގެ މިސްރާބު ދެން ބަހައްޓާނެ ދިމާލެއް އެނގޭނީ މާލެ ދިޔުމަށް ފަހުގައެވެ. އެންމެ ފުރަތަމަ އޮތީ އިޝާން ހޯދުމެވެ. އެހެން ހުރިހާ ނިންމުމެއް ނިންމޭނީ އެއަށް ފަހުގައެވެ. އަހަރެން ލޯ މަރާލީމެވެ. ހަމަ އެޔާއިއެކު އަހަރެންގެ ޚިޔާލުތައް ވަކި ދިމާލަކަށް ދަތުރު ފެށިއެވެ.
ކުޑަދޮރުން ބޭރު ބަލަން އިންދާ ފުލައިޓް ގޮސް ރަންވޭއަށް ތިރިކޮށްލިއެވެ. ބަންލާފައި ފުރޮޅު ޖެހުނު އަޑަށް އަހަރެން ދިޔައީ ސިއްސައިގެންނެވެ. 'އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓު' ޖަހާފައި އިން ބޮޑު ނަންބޯޑު ފެނުނު ހިސާބުން އަހަރެން ހިތްހަމަ ޖެހުނެވެ. ހުސޭނުގެ ކިބައިން ސަލާމަތްވެގެން މާލެ އާދެވުނީކަން ޔަގީންވިއެވެ. ދެން އޮތީ ކޯޓަށް ގޮސްގެން ވަރިވުމެވެ. އަހަރެން މިއޮއްހާ ދުވަހު ހިތުތެރޭގައި ބޮނޑިކޮށްގެން ހުރި ހިތްދަތިކަން މަންމަމެން ކުރިމައްޗަށް ބަންޑުން ކޮށްލާނަމެވެ. އޭރުން ހުސޭނު ކައިރިން ވަރިވާން އެމީހުން އެހީތެރި ވެދޭނެކަން ހަމަ ޔަގީނެވެ. އަހަރެން އެވާހަކަ އިޒާން ކައިރީ ބުނާނީ ކިހިނެއްބާވައެވެ؟ އޭނާ ބުނާނީ ކީކޭ ހެއްޔެވެ؟.
އަހަރެން ބަލާ އައިސް ހުރީ ދޮންބޭބެއެވެ. ދޮންބޭބެ ފެނުމުން އަހަރެން އުފަލުން ފެންކަޅިވިއެވެ. ފެރީއަށް އެރިގޮތަށް ދޮންބޭބެ އާއި ރިޔާޒް ދޮންބެ އަނގަތަޅަމުން ގެންދިޔައެވެ. އަހަރެން އިނީ ހިތްއަވަސްވެފައެވެ. ހިތުތެރޭގައި އެކިއެކި ފާޑުފާޑުގެ މަސްހުނި ޝުއޫރުތައް އާވެ އާލާވާން ފެށިއެވެ. އަހަންނަށް މިފަހަރު މާލެއިން ލިބޭނީ އުފާވެރިކަން ހެއްޔެވެ؟
މާލެއައިސް ޓެކްސީއަށް އެރިތަނާ އިވާންކޮއްކޮ މެސެޖްކުރިއެވެ. މާލެ އާދެވުނުތޯ ބަލާށެވެ. އަހަރެން އާނއެކޭ ބުނުމުން އޭނާ ގުޅިއެވެ. އޭނާ ހުރީ މަންމަގޮވައިގެން ޑޮކްޓަރަށް ދައްކަން ގޮސް ކަމަށާއި ޑޮކްޓަރުން ބޭނުންވީ މަންމަ އެޑްމިޓް ކުރާށޭ ބުނުމުން އަހަރެން މުޅިން ހާސްވިއެވެ. މަންމައަށް ވީ ކިހިނެތްހެއްޔޭ އަހަންފެށީމެވެ.
"ހަކުރު މާބޮޑަށް މަތިވީ.." ދޮންބޭބެ އަހަރެން އަތުން ފޯނު އަތުލާފައި އިވާންކޮއްކޮއާއި ވާހަކަ ދައްކާ ނިންމާފައި ބުނެދިނެވެ. އޭރު އަހަރެން ފެންކަޅި ވެއްޖެއެވެ. އަހަރެންގެ މަންމަވެސް އަހަންނާއި ވަކިވަނީ ހެއްޔެވެ؟ އަހަރެން ބޭނުންވީ ސީދާ ހޮސްޕިޓަލަށް ދާށެވެ.
"ދެން ގެއަށްގޮސް އެއްޗެތި ބަހައްޓާ ހަދާފަ އެންނު ދާނީ!" ދޮންބޭބެ ޚިޔާލު ދިނެވެ. އަދި މަންމަގެ ހާލު އެހާ ސީރިއަސް ނޫންކަމަށާއި ޑޮކްޓަރުން އެބޭނުންވަނީ އޮބްޒަވޭޝަންގައި މަންމަ ބާއްވާލަން ކަމުގައި ބުނެދިނެވެ.
"އަދި ނުވެސް ދެކެމެންނު މަންމަމެން މިހާރު އުޅޭ އެޕާޓުމަންޓުވެސް!" ދޮންބޭބެ ބުނެލިއެވެ.
އެއީ ތެދެކެވެ. މަންމެންނާއި ދޮންބޭބެމެން މިހާރު އުޅެނީ އެއް ބިލްޑިންގެއްގައެވެ. މީގެ ދެއަހަރު ކުރިން އެތަނަށް ބަދަލުވީ ދުވަސްވަރު އަހަރެން މާލެ އަންނަހިތުން އުޅުނު ހަނދާން ވިއެވެ. އެތަނަށް އިރުއަރާ މަންޒަރު ފެންނަވާހަކަ އާއި ދޮންބެދައްތަ ގެންގުޅޭ ފޯނުން ފޮޓޯ ނަގާވާހަކަ އޭރު ކިޔާއިދޭނެއެވެ. އަހަރެންވެސް އެކަހަލަ ފޮޓޯ ނެގޭ ފޯނެއް ހޯދާހިތްވެގެން އެވާހަކަ ދެއްކުމުން އެމީހުން އަހަންނަށް ފޮނުވައިދިން ސްމާރޓް ފޯނު އަހަރެން ބޭނުންކުރަން ފެށީ މިދިޔަ އަހަރުއެވެ.
އެއެޕާރޓުމެންޓު ހުރީ އާރޓިފިޝަލް ބީޗް ކައިރީގައެވެ. ބެލްކަންޏަށް ނުކުތީމާ ބުރިޖްގެ މަސައްކަތް ކުރާތަން ފެންނަން އޮތެވެ. އެކަމަކު އެތަން ބަލާކަށް މަޑެއްނުކުރަމެވެ. އަހަރެން ބޭނުންވީ ވީހާވެސް އަވަހަކަށް މަންމަ ކައިރިއަށް ދާށެވެ.
އަހަރެން ދިޔައިރު މަންމަކައިރީގައި އިވާން ކޮއްކޮއާއި ދޮންބެދައްތަ ތިއްބެވެ. މަންމަ ހޮސްޕިޓަލު އެނދުގައި އޮތްތަން ފެނުމާއިއެކު މަންމަ ގައިގަ ބައްދައިގަނެފައި އަހަންނަށް ރޮއެގަނެވުނެވެ. މިއޮއްހާ ދުވަހުގެ ހިތްދަތި އިހުސާސްތައް އަހަރެންގެ އެންމެ ލޯބިވާ މީހުންގެ ކުރިމައްޗަށް ހިފެހެއްޓުމެއްނެތި ބަންޑުންވާން ފެށިއެވެ.
"ދަރިފުޅާ ނުރޮއޭ... ދަރިފުޅު ތިހެން ރޯތަން ފެނުނީމާ މަންމަ ވަރަށް ދެރަވޭ" އެހެން ބުނި އިރު މަންމައަށްވެސް ރޮވިއްޖެއެވެ. އޭރު އިވާން ކޮއްކޮއާއި ދޮންބޭބެއާއި ދެމީހުން އައިސް އަހަރެން ކައިރީ ތިހެން ހެދީމާ މަންމަ ކަންބޮޑުވާނެއޭ ކިޔާތާ އިރުކޮޅެއްވެއްޖެއެވެ. އަހަރެން އަވަހަށް ލޯފޮހެލާފައި މަންމަ ހަމަޔަކަށް އަޅުވަން މަސައްކަތް ފެށީމެވެ.
"މާބޮޑު ކަމެއްނުވޭ.. މަންމަގެ ހަކުރު މާމަތިވީ!" މަންމައަށް ވީގޮތް އިވާންކޮއްކޮ ކިޔައިދިނެވެ. އަދި ޑޮކްޓަރ ބޭނުންވީ މޮނީޓަރުކުރަން އެއްދުވަހު ބާއްވަންކަމަށްވެސް އިވާންކޮއްކޮ ބުނެދިނެވެ.
"ބަލިމީހުން ބެލުމުގެ ވަރަށް ތަޖުރިބާ ހުންނާނެ މިހާރު" އަހަރެން ބުނީމެވެ. އަދި ދެން މަންމަކައިރީ އިންނާނީ އަހަރެން ކަމުގައި ބުނީމެވެ.
"މަންމަ މާބޮޑަށް ފިކުރުކުރަނީ ދޮންތައާއި ދޭތެރޭ!" އިވާންކޮއްކޮ އެހެންބުނުމުން ދޮންބޭބެވެސް އެއީ ތެދެކޭ ބުނެލިއެވެ.
"ދެން ނުދާނަން މަންމަ ދޫކޮށްލާފައެއް.. އަހަރެން ދެން ހުންނާނީ މަންމަ ކައިރީ" އެހެންބުނުމުން މަންމަ އުފާވިތަން އަހަންނަށް ފެނުނެވެ. ހުސޭނު ކޮބައިތޯ މަންމަ ސުވާލު ކުރިއެވެ. އެޔަށް ދޭނެ ޖަވާބެއް އަހަރެން ޖެހުނީ ވިސްނާލާށެވެ. އޭނާގެ އެހެން އަންބެއް ހުންނަކަމެއް އެއިން އެކަކަށްވެސް އަދިވެސް ނޭނގޭނެއެވެ. ހުސޭނު އަހަންނާއި ދޭތެރޭ ކަންތައް ކުރި ގޮތުގެ ވާހަކަ މަންމައަށް ކިޔައިދޭން ބޭނުންވިއެވެ. އެހެންނަމަވެސް މިއީ އެވަގުތާއި ހާލަތެއް ނޫންކަން އަހަންނަށް ވިސްނުނެވެ.
"މިއީ ހަމަ އިވާން ކޮއްކޮތަ؟" އަހަރެންގެ ކޮއްކޮއަށް ސަމާލުވެލީމެވެ. އަހަރެންގެ މަގްސަދަކަށްވީ އޭތާގެ މޫޑު ބަދަލުކޮށްލުމެވެ. އިވާންކޮއްކޮ ހުރީ ތުބުޅިވެސް ބަހައްޓާފައެވެ. "ކާކު ގަބޫލު ކުރާނީ މިއީ އަހަރެން އުރައިގެން ގެންގުޅު ކުއްޖެކޭ ބުނީމާ!" އަހަރެން އޭނާގެ ބުރަކަށީގައި ފިރުމަން ފެށީމެވެ. އޭނާ އަށްވެސް ބާވީސް އަހަރު ވީއެވެ. އޭނާ އަކީވެސް މިހާރު އެކައުންޓިން ދާއިރާއިން ކިޔަވައިގެން ވަޒީފާ އަދާކުރަމުން ދާ ޒުވާނެކެވެ. އިސާހިތަކު ތަނުގެ މާހައުލު އުފާވެރިކަމަށް ބަދަލުވެގެން ދިޔައެވެ. އެކި ވާހަކަ ދައްކަމުން ގޮސް އިޒާން ޑައިވް ކޮށްފައި ނަގާފައި ހުރީ ވީޑިއޯ އެއްވެސް އިވާން ކޮއްކޮ އަހަންނަށް ދެއްކިއެވެ. އަދި މަންމަ ރަނގަޅުވީމާ އެންމެން އެރަށަށް ދާން ހިނގާބަލާށޭ އޭނާ ބުނެލިއެވެ.
އިވާންކޮއްކޮ އާއި ދޮންބޭބެ މެން ދިޔުމުން އަހަރެން މަންމަކައިރީގައި އިން ގޮނޑީގައި އިށީދެ މަންމަ ގައިގާ ފިރުމާ ފިރުމާލަ އިނީމެވެ. މަންމައަށް މިހެން މިވީ ހަމަ އަހަންނާއި ހެދި ފިކުރުބޮޑުވެގެން ބާވައެވެ؟ މަންމައަށް ނިދުމުން އަހަރެން ބޭރަށް ނުކުތީމެވެ. ބޭނުންވީ މަންމަގެ ހާލު އޮޅުން ފިލުވާލަން އެ ވޯޑުގައި ތިބޭ ނަރުސް ކުދިންނާއި ވާހަކަ ދައްކާލާށެވެ. ތަންކޮޅަކަށް ދެވުނުތަނާ އެތާނގައި ހުރި މޮނީޓަރަށް ޑޮކްޓަރުންގެ ޑިއުޓީ ލިސްޓު އަރަމުން ދާތަން ފެނުނެވެ. ހިތުގެ ބަލިތަކުގެ ދަށުގައި ޑރ. އައިޝަތު ޝެރީން މިހެން ލިޔެފައި އޮތެވެ. އޭނާ ބަލަނީ މެންދުރުފަހު ދޭކުން ހަތަރަކަށް ކަމަށްވެސް އޭގާއި ލިޔެފައިއޮތެވެ. އޭރު ގަޑިން ދޭއް ޖަހަން ފަހަކަށް ވެއްޖެއެވެ. އަހަރެންގެ ޚިޔާލު ބަދަލުވެގެން ހިނގައިގަތީމެވެ.
އައި. ޖީ .އެމް އެޗް އަކީ އަހަރެން އެހާ ފަރިތަ ތަނެއް ނޫނެވެ. ޝެރީން އާއި ދިމާވެދާނެތީ ބިރުން ދަތުރު ވަރެއްގައި މާލެ އަންނަފަހަރަކުވެސް މި ހޮސްޕިޓަލަށް ނައިސް ވޭތޯ އަހަރެން އަބަދުވެސް ބަލަމެވެ. އެކަމަކު މިއަދު އަހަރެން ހަމަލޮލުން އޭނާ ދެކިލާހިތްވީއެވެ. އޭނާ އަކަށް އަހަންނެއް ނޭނގޭނެ ކަން ހަމަ ޔަގީނެވެ.
ޑޮކްޓަރުން ބާލާ ކޮޓަރި ތަކާއި ހަމައަށް ދެވުމުން ފަހަރަކު ނަންބޯޑެއް ކިޔަމުން ގޮސް ޝެރީންގެ ނަން ޖަހާފައިވާ ބޯޑު ފެނުމުން އެކޮޓަރި ކައިރިއަށް ދިޔައީމެވެ. އޭރު ދޭއްޖަހައިފިއެވެ. އެކޮޓަރި ކައިރީގައި އެންމެ ހުސް ގޮނޑިއެއްވެސް ނެތެވެ. އެތާނގައި ކޮޅަށް ހުރި އަންހެންކުއްޖެއް ކައިރީ ޑޮކްޓަރ އައިސްސި ތޯ އަހާލުމުން އޭނާ ނޫނެކޭ ބުނެ ބޯހޫރާލީއެވެ.
އެތާނގައި ހުންނަތާ އިރުކޮޅެއް ވީތަނާ ބޫޓެއްގެ ޓޮކްޓޮކް އަޑަށް އަހަންނަށް ބަލާލެވުނެވެ. އޭނާ ހުރީ ދަނބުކުލައިގެ ކުރުޓޮޕަކާއި ކަޅު ހަރުވާޅެއްލާފައެވެ. ތުންފަތުގައި ޖައްސާފައި ހުރި ރަތްކުލަ އެންމެ ތާޒާކޮށް ފާޅުވާން ހުއްޓެވެ. ކުރިން އަބަދު ކޮނޑާ ހަމައަށް ކޮށާލާފައި އޮންނަ އިސްތަށިގަނޑު އޮތީ ދިގުވެގެން ކޮނޑުން ތިރިއަށް ފައިބާފައެވެ. ކޮނޑުގައި ކަޅުކުލައިގެ ބޮޑު އަތްދަބަހެއް އަޅުވާފައި އޮތްއިރު ޑޮކްޓަރުންގެ ހުދު ކޯޓު އޮތީ ފަތްޖަހާލާފައި އަތުގައި އަޅުވާލާފައެވެ.
ޝެރީން ފެނުމާއިއެކު އަހަރެންގެ ހިތުތެރޭގައި މާޒީގެ އެތައް ހަނދާނެއް އެއްފަހަރާ ހުޅުވިގެން ދިޔައެވެ. އަހަރުމެން ދެމީހުން އުޅުނީ ކިހާ އެކީގައި ހެއްޔެވެ.؟ 'މައި ބެސްޓު ފުރެންޑް އިޒް ފާތުމަތު ރާނިޔާ' 'މައި ބެސްޓުފުރެންޑްސް ނޭމް އިޒް އައިޝަތު ޝެރީން' އަމީނިއްޔާ ސްކޫލު ގްރޭޑް ތިނެއްގައި އަހަރުމެން ދެމީހުން އެކަކު އަނެކަކާއި ބެހޭ ގޮތުން މަޒްމޫނު ލިޔުނު ހަނދާންވިއެވެ.
އޭނާ ދެކެ އަހަރެންގެ އާއިލާ އެންމެންވެސް ކިހާ ލޯބިވީ ހެއްޔެވެ؟ އިންޓަވަލަށް އަހަރުމެންގެއަށް އަންނަ ދުވަހަކު ވިއްޔާ އޭނާ ބޭނުންވާ ދޮންކޭލާ ހަކުރާ ރޮއްޓާ މަންމަ މޮޑެދޭނެއެވެ. ދޮންބޭބެ މާލެއަންނަމުން ގެންނަ ރީތި އަދި އަގު ބޮޑެތި ކުލަފޮށި ގަލަން ، ފަންސުރު އެއްޗެތި އަހަރެން އޭނާއަށް ދެނީ އުފަލުންނެވެ. އޭގެ އިތުރުންވެސް އަހަރެންގެ އަތުގައި ހުރި ކޮންމެއެއްޗެއްވެސް އޭނާ ބޭނުންވެގެން ބުނީމާ އަހަރެން ދެމެވެ. އަހަރެންނަށް ދޮންބޭބެ ގެނެސްދިން ބްރިކް ގޭމްވެސް އޭނާ ބޭނުންވީމާ ދިނީމެވެ. އޭނާއަށް އެންމެ ފުރަތަމަ އަތުކުރި ގަޑިއެއް ދިނީވެސް އަހަރެންގެ މަންމައާއި ބައްޕައެވެ. އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައެވެ.
އޭނާގެ އަތުން އަހަރެން ބޭނުންވީ ހަމަ އެންމެ އެއްޗެކެވެ. އޭގެ ޖަވާބުގައި އޭނާ އަހަރެންގެ ކަންކަށީގައި ޖަހާފައި ދެން ދުވަހަކުވެސް ދެކޭކަށް ބޭނުމެއް ނޫނޭ ބުނީއެވެ. އެހަނދާން ވުމުން އަހަންނަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ޅައިރުގެ އެ އުފާވެރި ދުވަސްތައް އަލުން އަނބުރާ ގެނެވޭނެ ނަމަ ކިހާ ރަނގަޅު ވާނެ ހެއްޔެވެ؟
އޭރު ޝެރީން އެކޮޓަރިއަށް ވަދެ، ކޮޓަރިކައިރީގައި ހުރި ބޯޑު ދިއްލި ނަމްބަރު އެކެއް އަރައިފިއެވެ. އެހިސާބު ގަނޑު ހަލަބޮލިވެ ގަތުމުން އަހަރެން އަނެއްކާވެސް މަންމަ އޮތް ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހީމެވެ.
އަހަރެން ވައިންއިރު މަންމަ އޮތީ ހޭލާއެވެ. މަންމަ ސުވާލު ކުރުމުން ހޮސްޕިޓަލު ތެރެ ބަލާލަން ހިނގާލީ ކަމުގައި ބުނަމުން މަންމަ ކައިރީ އިށީނީމެވެ. މަންމަކައިރީ އިން އިރުވެސް އަހަންނަށް ޝެރީން އާއި ދޭތެރޭ ވިސްނުނެވެ. އޭނާ އުޅެނީ ކޮންކަހަލަ ދިރިއުޅުމެއްބާވައޭ ހިތަށް އެރިއެވެ. އޭނާ ވަދެގެން އައިރު އޭނާގެ މޫނުމަތިން އެއްވެސް ހިނިތުންވުމުގެ އަސަރެއް ނުދެކެމެވެ. މީހުންނަށް ހިނިތުންވެލުމަކީ ޑޮކްޓަރުންގެ ގައިގަ ހުންނަން ޖެހޭ ސިފައެއް ނޫންހެއްޔެވެ؟ އޭނާގެ ކުރިމައްޗަށް އަރާފައި މިއީ ރީނާއޭ ބުނެފިއްޔާ އޭނާ ހަދާނީ ކިހިނެއްބާވައެވެ؟
-- ނުނިމޭ --
(0) ކޮމެންޓް
ކޮމެންޓް ލިބިއްޖެ! ޝުކުރިއްޔާ!