6 Jun 2023

އިޒާން މަންމަ - 2016

(ތިން މަސް ފަސް)

ފިނިފެންމާ ގަހުގައި މަލެއް ނުކުންނަން އުޅޭތަން ފެނުމުން އަހަރެންގެ ހިތަށް އުފާވެރިކަން ގެނުވިއެވެ. އެއީ އަހަރުމެން މިގެއަށް އައިއިރު މަރުވާން ކައިރިވެފައިއިން ކުޑަކުޑަ ހޯލި ކޮޅެކެވެ. އަހަރެންގެ މަސައްކަތުން އެގަހުގައި އާ ކުރިޖަހާ ހެދި ބޮޑުވިތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެހެންނަމަވެސް މީގެ ކުރިން އެގަހުން މަލެއް ނުކުންނަން އުޅޭ ކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދެއިރު ދެދަޅައަށް ގަސްތަކަށް ފެންދެމުން ގޮސް އެ ގަސް ކައިރިއަށް ހުއްޓި ހުރެ ވާހަކަ ދައްކަމެވެ. އެއީ ރަތް ފިނިފެންމާ ގަހެއްކަން އެނގުނު ހިސާބުން އަހަންނަށް އެ ގަސް ޚާއްސަވީއެވެ. އުފާވެރި ޚަބަރެއް ގެނުވަން މެނުވީ ގަހުގައި މަލެއް ނުފޮޅެއްޗޭ އަހަރެން ބުނަމެވެ. އެހެންކަމުން އެގަހުގައި މަލެއް ނުކުތްތަން ފެނުމުން އަހަރެންގެ ހިތް އަވަސްވީ އެވެ. ލިބެންއުޅެނީ ކޮންކަހަލަ ޚަބަރެއްތޯ ބަލަން ކެތް މަދުވެވެން ފެށީއެވެ.

***

ސޯޅަ އަހަރަށް ފަހު އަނެއްކާވެސް އަހަރެން އައްޑޫއަށް ދިރިއުޅުން ބަދަލުކޮށްލީ މީގެ ތިންމަސް ކުރިންނެވެ. މިފަހަރު އަހަރުމެން އައީ މަންމަގެ އާއިލާގެ މީހުންގެ ގާތަށް ފޭދޫއަށެވެ. އަހަރުމެން ދިރިއުޅެނީ ދޮންބޭބެގެ ގޭގައެވެ. އެއީ ވަރަށް ލޯބި ލޯބި ކުޑަކުޑަ ގެއެކެވެ. ދޮރާށިން ފެށިގެން ގޭތެރެއަށް ދާން ހަތަރެސްކަން ގާ އަތުރާފައިވާ މަގެއް އޮތެވެ. ގޯތި ތެރޭގައި ވަނީ އެކި ފާޑުފާޑުގެ ގަސްތަކެވެ. ދޮރުމަތީގައި ހުރީ ބޮޑު ޖަންބުގަހެކެވެ. އަހަރުމެން އައި އިރު އެގަހުގައި މާ އަޅާފައި އޮތީމާ މުޅިން ބިންމަތީ ހީވީ ފިޔާތޮށި ކުލައިގެ ދޫލައެއް އަޅާފައި އޮތް ހެންނެނެވެ.

އަހަރެން ގެއަށް ވައިގޮތަށް ވަދެ، ފެންޑާމަތީގައި ހުރި އުނދޯލީގައި އިށީނދެ ހެއްލާލުމާއިއެކު އަހަރެންގެ ހިތަށް މުޅިން އާ އުފާވެރި ކަމުގެ ރޫހެއް ވެރިވެގަތެވެ. އާނއެކެވެ. މާޒީ އެއްކޮށް ހަނދާން ނައްތާލާފައި މުޅިން އައު ދިރިއުޅުމަކާއިގެން ކުރިއަށްދާން މިއީ ހަމަ އެންމެ އެކަށީގެން ވާ މާހައުލެވެ.

ދުވަސް ކޮޅެއްވިއިރު އަހަރެން ހަމަ އަކަށް އެޅެންފަށައިފިއެވެ. މަންމަވެސް މުޅިން ގަދަވެ ގޭތެރޭގެ މަސައްކަތްކޮށް އުޅެންފެށިއެވެ. މަންމަގެ އެއްބަނޑު މީހުންނާއިއެކު ވަގުތު ހޭދަކުރަން ލިބުމުން މަންމަވެސް ވަރަށް ހިތްހަމަޖެހިފައި ހުންނަކަން އަހަންނަށް ފާހަގަ ކުރެވުނެވެ. ދެ ބޮޑުދައިތަގެ ގެ ހުންނަނީ ގޯޅިތެރެއަށް ވާގޮތަށް ހަމަ ޖެހިޖެހިގެންނެވެ. އެހެންކަމުން ކޮންމެދުވަހަކުވެސް އެންމެން ދިމާވެ އެކުގައި ވަގުތު ހޭދަ ކުރަމުއެވެ. އެންމެން އެކީގައި ހަވީރު ސައި ބުއިމުގައެވެ. އިރުއޮއްސޭ ގަޑިއަށް ސަންސެޓް ބީޗަށް ހިނގާލަން ދިއުމުގައެވެ.

ހުސޭނު ނައިސްގެން މަންމަ އެވާހަކަ ދައްކަން ފެށިއެވެ. ގޭގެ ބަގީޗާ ރަނގަޅު ކުރަން އެންމެ މޮޅުވާނީ އޭނާ ކަމުގައި މަންމަ ބުންޏެވެ. އޭނާގެ ދެވަނަ އަންބެއް ހުންނަ ވާހަކަ މަންމަ ގާތުބުނީ އެދުވަހުއެވެ. މަންމައަށް ކުއްލި ސިހުމެއް ލިބުނެވެ. ހައްޖުން އައި ހިސާބުން ދެން ކަންވީ ގޮތް އަހަރެން ކިޔައިދީ ނިމުނު އިރު މަންމަ އިނީ ކަންބޮޑުވެފައެވެ.

"މަންމަ ކޮންކަމަކާ ތި ކަންބޮޑުވަނީ؟ އަހަންނެއް ނުވޭ ދެރައެއް އެއްގޮތަކަށްވެސް!"

އެއީ އަހަރެންގެ ތަގްދީރުގެ ނިޔާކަމުގައި އަހަރެން ގަބޫލުކުރާ ވާހަކަ ބުނީމެވެ. އެޔާއިއެކު މަންމަ އަހަރެންގެ ގައިގަ ފިރުމާލިއެވެ. "ދަރިފުޅު ވަރަށް ހިތްވަރުގަދަ އިނގޭ...މަންމަ ވަރަށް އުފާވެއްޖެ"

އަހަރެން ހީލީމެވެ. އަހަރެންގެ ހިތްވަރު ގަދަކަމާއިމެދު އަހަރެން އަމިއްލެއަށް ވެސް މިހާރު ފަޚުރު ވެރިވަމެވެ. ޓީ .ވީ އިން އިޝާންގެ ލަވައެއް ފެނުނަސް ދުވެފިލާ ރައްކާވާން ނޫޅެ އެލަވަ ބަލަން އިންނަން ކެރެއެވެ. އިޝާން އެއް އަހަންނަށް ދުވަހަކުވެސް ނުލިބޭނެކަން ގަބޫލުކުރެވުނު ހިސާބުން އެ ހަނދާންތަކާއި، އެޔާއި އެކުވެގެން ހިތުގައި އުފެދޭ ރިހުންވެސް މަޑުވަމުން މަޑުވަމުން ނެތެން ދާން ފަށައިފިކަން މިހާރު އިހުސާސް ކުރެވެއެވެ.

އަހަންނާއި ހުސޭނުއާއި އޮތް ގުޅުންވެސް ގާތްގަޑަކަށް ނިމުމަކަށް އައީ ކަމުގައި އަހަރެން ގަބޫލު ކުރީމެވެ. އެރަށުން ފުރައިގެން އައި ފަހުން އޭނާއަކާ ވާހަކައެއް ނުދައްކަމެވެ. ދެދުވަހަކު އޭނާގެ މިސް ކޯލެއް ފެނުނުވެސް މެއެވެ. އެކަމަކު އަހަރެން އިތުރަށް އޭނާއާއި ދައްކާނެ ވާހަކައެއް ނެތީމާ ނުގުޅަމެވެ. އެހެންހުއްޓާ އޭނާއަށް ފިރިހެން ދަރިއެއް ލިބިގެން އެވާހަކަ ބުނަން ވެގެން އޭނާ އަހަންނަށް މެސެޖް ކުރީއެވެ. ހަނާ ވިހަން ގަމަށް ގެނައިކަން އޭރު އާސިމާގެ ފަރާތުން އަހަންނަށް އޮތީ އެނގިފައެވެ.

އަހަރެން 'މަރުހަބާ' ޖަހާލާފައި ޖަވާބު ފޮނުވާލީމެވެ. ހަމަ އެޔާއިއެކު އޭނާ ގުޅިއެވެ. އަހަރެން ރުޅިއައިސްފަ ހުރިކަމަށް ހީކޮށް ގުޅަން ނުކެރިފައި ހުރީ ކަމުގައި އެންމެ ފުރަތަމައިނުންވެސް ބުނެލިއެވެ.

"ނޫނޭ، ކޮންކަމަކާ އަހަރެން ރުޅިއަންނަންވީ؟"

އެހިސާބުން އޭނާއަށް ހިތްވަރު ލިބިގެން ވާހަކަ ދައްކަން ފެށިއެވެ. އޭނާ ގަމުގައި ހުރިވާހަކައެވެ. ގެއަށް ވަދެފައި އަހަރެން ނެތުމުން ވަރަށް ފަޅުކަން އިހުސާސް ކުރެވޭ ކަމަށެވެ. އޭނާ ފޯނު ބޭއްވީ ވަރަށް އަވަހަށް މިކޮޅަށް އަންނާނަން ކަމުގައި ބުނަމުންނެވެ.

އަހަރެން އެރަށުން ފުރައިގެން އައީ ވަރަށް ބޮޑެތި ރޭވުންތަކެއް ރާވާފައި ކަމުގައި ވިޔަސް، ފުރަތަމަ މަރުހަލާއިން އެ ޕުލޭނު ފެއިލު ވި ހިސާބުން ދެން އެކަމާއިގެން ކުރިއަށް ދާކަށް ނޫޅެމެވެ. އާސިމާ މިހާރުވެސް ދޭތެރެއަކުން ހުސޭނު ކައިރިން ވަރިވަނީ ކޮން އިރަކުން އަހާނެއެވެ. ތެދުތެދަށް ބުނަނީނަމަ ކޯޓަށް ގޮސްގެން އެސަކަރާތް ޖަހާހާ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. އެއީ މިހާރު އެހާ މުހިއްމު ކަމެއް ކަމަކަށް އަހަންނެއް ނުދެކެމެވެ. ހަގީގަތުގައި އަހަރެންގެ ކުރިމަތީގައި މިހާރު ހުސޭނުވެސް އިޝާންއަށް ވުރެ ރަނގަޅެވެ.

އެދުވަހަށްފަހު ހުސޭނު ދޭތެރެއަކުން އަހަންނަށް ގުޅަން ފެށިއެވެ. އަހަރެން ކައިރީ ހާލު ކިހިނެތްހޭ އަހާ ކޮންމެ ފަހަރަކު ވަރަށް ބަރާބަރު ކަމުގައި ބުނަމެވެ. އުފާވެރިކަމަކީ މީހާކު މެދުވެރިކޮށް ހޯދާ އެއްޗަކަށް ނަހަދާ އަމިއްލެއަށް ހޯދާ އެއްޗަކަށް އަހަރެން ހެދީމެވެ. ކުރީގެ ރައްޓެހިންނާއި ދިމާވެ ވާހަކަ ދައްކާލާ ވަގުތު ހޭދަކުރަމެވެ. އެންމެން ދިމާވެ ބޭރަށް ގޮސް ހީސަކަރާތް ޖަހާލާ ހަދަންފެށުމުން އަހަރެން ހަމައަކަށް އެޅި ދިރިއުޅުމާއިގެން ކުރިއަށް ދިޔުމުގެ ހިތްވަރު ލިބިއްޖެއެވެ. އާއެކެވެ. އަހަރެންގެ ދިރިއުޅުން ހަމަ އަސްލުގައިވެސް މިހާރު އުފާވެރިއެވެ. އަހަރެން ފަހަންވެސް ފަށައިފީމެވެ. އެހެންކަމުން ބޭކާރު ޚިޔާލުތަކުގެ ތެރޭގައި ގެބިގެން ދާކަށް ވަގުތެއްވެސް ނުވެއެވެ. އަހަރެންގެ މިހާރުގެ އަމާޒަކީ ރާއްޖެއަށް މަޝްހޫރު ޑިޒައިނަރަކަށް ވުމެވެ.

ހުސޭނު ނުވެސް ބުނެލާ ރަށަށް އައެވެ. ފެނުނީ ގެއަށް އައިސް ވައިންތަނެވެ. މިގެ އެނގުނީ ކިހިނެތްތޯ ސުވާލުކުރުމުން ބަނދަރުމަތިން މަޖްދީ އާއި ދިމާވެގެން ކާރުގައި ގެނެސް ދިނީކަމުގައި ބުންޏެވެ.

އަހަންނަކީ އޭނާގެ އަންބެއްކަމަކު އޭނާބުނާ ހުރިހާގޮތެއް ހަދައިގެން ހުންނާނެދުވަސް މާޒީވެ ގޮއްސިކަން އޭނާއަށް ވިސްނައި ދިނީމެވެ. ކަޅު ހެދުން ނުލާ އުޅޭތީ އެކަމާ ހިތްހަމަ ނުޖެހިގެން ވާހަކަ ދެއްކުމުން ދެންވެސް އޭނާގެ މީހުންނަށް ފެންނަ ހިސާބަކަށް ދަންޏާ ހުންނާނީ ކަޅު ހެދުމުގައި ކަމަށް ބުނީމެވެ. އެއީ އޭނާ އެންމެ ފުރަތަމަ ހެދުން ދީފާ ބުނިގޮތް ކަންވެސް ހަނދާން ކޮށްދިނީމެވެ.

ހުސޭނުގެ އާދައިގެ މަތިން މަޢާފަށް އެދި އާދޭސް ކުރިއެވެ. އަލުން ގުޅުން ބަދަހިކުރަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އަހަންނަކަށް އެއަކުން މާ ބޮޑު އަސަރެއް ނުކުރިއެވެ. ހަތް އަހަރު ދުވަހުގެ ތެރޭގައި މިދެމެދަށް ހުރަސްވެފައިވާ ފާރު އެއަށްވުރެ މާ ބޯފެވައި އުހެވެ. އެއްކޮޓަރީގައި ނިދިއަސް އަދިވެސް މިއީ ދެބީރައްޓެހިންނެވެ. އަހަރެން ބޭނުންވީ އެކަން އެގޮތަށް ދަމަހައްޓާށެވެ. އެންމެފަހުން ގޭ ފެންޑާ ގައި ބަހައްޓާނެ ޖޯލި ފައްޗެއް ހަދައިދީފައި ބިއްދޮށުގައިވާ ކެޔޮ ގަސްތައް ސާފުކޮށް އެތާނގައި ގަސް އިންދާދީފައި އޭނާ ފުރައިގެން ދިޔައީއެވެ.

***

ފިނިފެންމާ ފޮޅުނީ ބަރާބަރު ދެހަފްތާ އަށް ފަހުގައެވެ. އެދުވަހު އަހަރެންގެ ދަރިފުޅު ގުޅާފައި ދެދުވަހަކަށް ރަށަށް އަންނަ ވާހަކަ ބުނުމުން އެ އުފާވެރި ޚަބަރާ އެމަލާ ގުޅުވާލެވުނެވެ. އޭނާ ގެސްޓުން ގޮވައިގެން ފޯއްމުލަކަށް ދާންޖެހުނީއެވެ. އެދަތުރު ނިންމާފައި އެނބުރި ދަމުން ދެދުވަހަށް ރަށަށް އަންނަނީއެވެ.

އިޒާން ފޯއްމުލަކަށް އައިސްފައި އަހަންނަށް ގުޅާލާފައި އޭނާއާއި އެކީގައި ރައްޓެހި ކުއްޖަކު ގެނަޔަސް ހެޔޮތޯ އެއްސެވެ. އެއީ ދިވެހި އަންހެން ކުއްޖެއް ކަމަށާއި އޭނާ އައްޑޫ ބަލާލާ ހިތުން އުޅޭތީ ކަމަށް އިޒާން ބުންޏެވެ.

"އިޒް ނިދާފާނަން ސިޓިން ރޫމްގަ" އަހަރެންނަށް އެއްޗެއް ނުބުނެވެނީސް އޭނާ ބުނެލިއެވެ. އަހަރެން އެއްބަސްވިއަސް އަނެއްކާ މިއީ ކޮންކަހަލަ ކަމެއް ބާވައޭ އެވަގުތު ހިތަށް އެރިއެވެ.

އެކުދިންނަށް އާދެވުނީ އަނެއްދުވަހުގެ ހަވީރުއެވެ. އެއީ ހިމަތޮޅިކޮށް ހުރި ކުއްޖެކެވެ. މިޒަމާނާއި އެއްގޮތަށް އަތްފައިގަ ގަހަނާ އަޅާފައި ހުއްޓެވެ. އޭނާވެސް އިޒާން އެކޭ އެއްގޮތަށް އަވީގައި އުޅެ އުޅެ މުޅިން އަނދާފައެވެ.

" މީ އިފާ! މަގޭ ބެސްޓު ފުރެންޑު! " އިޒާން އޭނާ ތައާރަފު ކޮށްދިން ވަގުތު އެއަންހެންކުއްޖާ އައިގޮތަށް އައިސް އަހަރެންގެގައިގަ ބައްދާލިއެވެ.

"އިޒް މަންމާ ތެންކިޔު މިގޭގައި ބަހައްޓައި ދިނީތީ!"

މަންމަ ފެނުމުން މާމާ އޭ ކިޔާފައި ގޮސް މަންމަގައިގަވެސް ބައްދާލިއެވެ. އެހިސާބުން އެއީ ވަރަށް ހިތްހެޔޮ ކުއްޖެއް ހެން އަހަންނަށް ހީވިއެވެ.

ސައިބޮގެން އެކުދިން ދިޔައީ ފޯނަށް ލާރި އަޅަން ފިހާރައަށެވެ. އަހަރެންގަސްތަކަށް ފެންދޭން ނިކުތީއެވެ. ރަތްފިނިފެންމަލުގެ ފިޔަތަށް ފައިބަމުން ގޮސް ވަރަށް މަދުވެފައި ހުއްޓާ ފެނުނެވެ. ފެންޖަހަން ހުއްޓާ ފެންޑާމަތިން ފޯނެއް ރިންގު ވާއަޑު އިވެންފެށިއެވެ. އެއަށް މާބޮޑު ސަމާލު ކަމެއް ނުދީ ފެންޖަހާ ނިންމާލީމެވެ. ދެވަނަ ފަހަރަށް އެފޯނު ރިންގު ވާންފެށީމާ އަހަރެން ގޮސް ބަލާލީމެވެ. އުނދޯލިމަތީގައި އޮތީ އިފާގެ ފޯނެވެ. އަރަނީ 'ޑެޑް ކޯލިން' އެވެ. އިޒާން ބުނިގޮތުން ވިއްޔާ އެއީ އޭނާގެ ބޮޑުމީހާގެ ދަރިފުޅެވެ. އެފޯނަށް ޖަވާބު ދޭން ވީބާވައެވެ؟ ގޮތެއް ނުނިންމިގެން އުޅެނިކޮށް ފޯނު ކެނޑުނެވެ.

އުނދޯލި ތަންކޮޅެއް ބާރަށް ހެއްލާލަންވެގެން އެފޯނު ބިށްދޮށަށް ޖައްސާލާނަމޭ ހިތާ އަތަށް ނެގީމެވެ. އޭގެ ސްކްރީންގައި އަތްޖެހި ފޯނު ހުޅުވުނު ވަގުތު އަހަންނަށް ފެނުނީ އިޝާންއެވެ.

"އޭނ؟" އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެފޮޓޯއަށް ބަލަހައްޓައިގެން އިންދާ ސްކްރީން ކަޅުވިއެވެ. ވަރަށް ޖެހިލުންވެ އިނދެ ދެވަނަފަހަރަށް ސްކްރީންގައި އަތްޖައްސާލީމެވެ. އިފާގެ ކޮނޑަށް އަތް އެއްލައިގެން ކެމެރާއާއި ދިމާލަށް ހިނިތުންވެފައި ބަލަން އެހުރީ ހަމަ އިޝާން ތޯ ޔަގީން ކުރާށެވެ.

އިފާގެ ބައްޕައަކީ؟.... ކުއްލިއަކަށް އަހަރެންގެ މޭ ބާރަށް ތެޅެން ފެށިއެވެ.

ވަރަށް ބާރަށް ދޮރާށި ހުޅުވާލުމާއިއެކު އަހަރެން ދިޔައީ ސިއްސައިގެނެވެ. އަވަސް އަވަހަށް އެފޯނު އުނދޯލި މަތީގައި ބޭއްވީމެވެ. އިޒާން ދުވަމުންވަނީ ގޭތެރެއަށެވެ. އިފާ ފަހަތުން ހެމުން ހެމުން ވަނެވެ. އަހަރެން ކިހިނެތްވީތޯ ސުވާލު ކުރުމުން އިޒާން ބަނޑު ކައްކައިގަނެގެން ދުވެފަ އައީ ކަމުގައި އިފާ ކިޔައިދިނެވެ.

އޭނާ އަހަރެން ކައިރީ އުނދޯލީގައި އިށީން އިރު އިނީ މާނޭވާލެވިފައެވެ. އަހަރެން ވަރަށް ފަރުވާތެރި ކަމާއި އެކު އޭނާއާއި ދިމާލަށް ބަލަން ފެށީމެވެ. އޭނާ ފޯނު ނަގާފައި މިގޭ ވައިފައި ޕާސްވޯޑަކީ ކޮބައިތޯ އެއްސެވެ. އެމީހުން ދިޔަ ފިހާރައިން ރީލޯޑް ނުކުރެވުނު ކަމުގައި ބުނަމުންނެވެ.

އަހަންނަކަށް ހިތަކުން އެޕާސްވޯޑެއް ނޭގެއެވެ. "ބޭނުންތަ ގުޅާލަން؟" އަހަރެންގެ ފޯނު އޭނާއަށް ދިއްކޮށްލީމެވެ. އިފާ އާއެކޭ ބުނަމުން، އޭނާގެ ފޯނު އުނދޯލި މަތީގައި ބާއްވާފައި އަހަރެންގެ ފޯނުގައި ހިފިއެވެ.

"އެއީތަ ބައްޕަ؟" އެ ފޯނުން ފެންނަން އިން ފޮޓޯއަށް އަހަރެން އިޝާރަތް ކޮށްލީމެވެ. "ޔެސް!" އޭނާ ބޯޖަހާލިއެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ދޭނުހޭ ގެންގޮސް ވަޔާއޭ

Popular