29 Jul 2023

"ދެން ނޭނގެ މަންމާ!.. ކުރީ ރެއަކު އިޝާންބެވެސް ވަރަށް ސުވާލުކުރި!"

އަހަރެންގެ ދަރިފުޅު އެހެންބުނުމުން އަހަރެން ފިނިވެގެން ދިޔައެވެ. "ކޮންކަމަކާ ބެހޭގޮތުން؟" އަހަރެން އަހާލީމެވެ.

އިޝާން ސުވާލުކުރީ އޭނާގެ ބައްޕައާއި ބޭހޭ ގޮތުން ކަމަށް ވެއެވެ. ހުސޭނު ކިޔެވީ ކޮންތަނަކުން ކޮންއެއްޗެއްތޯ ސުވާލު ކުރިކަމަށް ވެއެވެ.

"އިޒް ބުނިން ބައްޕަ ކިޔެވީ ޕާކިސްތާނުންނޭ... ރަނގަޅަށް ދޯ މިބުނެވުނީ؟"

އަހަރެން އާނއެކޭ ބުނީމެވެ. އަދި އަހަންނާއި އިޒާންއާއި ދެމީހުން އެކަނިވި ވަގުތު އެއީ އަސްލު ބައްޕަ ނޫންކަމުގައި އެކަކު ކައިރިވެސް ނުބުނައްޗޭ ބުނީމެވެ.

އިޒާން މިހާކާ އިންނަން ޚިޔާލު ކުރާވާހަކަ އަހަރެންގެ މަންމަ ކައިރީ ދެއްކީ އެދެކުދިން ފުރައިގެން ދިޔަފަހުންނެވެ. އޭނާ އަދި މީހަކާ އިންނަވަރެއް ނުވޭނޫންހޭ މަންމަ އަށްވެސް ބުނެވުނެވެ.

އަހަރެން ހިތް ނުތަނަވަސްވާން ފެށުމުން އެންމެފަހުން ހުސޭނުއަށް ގުޅީމެވެ. ހުސޭނުގެ ޚިޔާލު މުޅިން ތަފާތެވެ. އޭނާ ދެކޭ ގޮތުގައި މިހާރުވެސް އެކަން ކުރަން ލަސްވެއްޖެއެވެ. ޝައިތޯނާގެ ވާހަކަ ފެށިއެވެ. ހުސޭނުއާއި ވާހަކަ ދައްކާލުމުން ވަކި ހިތްހަމަޖެހުމެއް ނުލިބުނެވެ.

ދެ ޚިޔާލުގައި ހުރެ އަހަރެން އިޝާންއަށް މެސެޖެއް ކޮށްލީމެވެ. ބިޒީ ނޫން ވަގުތަކުން ގުޅާލަ ދީފާނަންތޯ އަހާފައެވެ. އޭނާ ވަގުތުން އޯކޭއޭ ބުނެ ޖަވާބުދިނެވެ. އެހެންނަމަވެސް އިޝާންގެ ޚަބަރެއް އެރެއަކު ނުވިއެވެ. ހެނދުނު ހޭލާފައި ފޯނު ބަލާލިއިރު އޭނާގެ މިސްކޯލެއް ނެތް ތާނގައި މެސެޖެއްވެސް ނެތެވެ. އަނެއްކާވެސް އަހަރެން ދެރަވިއެވެ. މިދެމެދުގައި އުފެދިގެން އައި ގާތްގުޅުން ނިމުނީކަމަށް އަހަރެން ގަބޫލު ކުރާކަށް ބޭނުމެއް ނޫނެވެ. މެންދުރު އަހަރެން ފޯނު ބަލައިލިއިރު އިޝާންގެ މެސެޖެއް އޮތެވެ. ނުގުޅުނީތީ މައާފަށް އެދިފައެވެ. އަދި އަހަންނަށް ވަގުތުވީމާ ގުޅަން އެދިފައި އޮތެވެ. މެސެޖް ފެނުމާއެކު ކުރިން ހިތަށް އެރިހާ އެއްޗެތި ހަނދާން ނެތުނެވެ. ވަގުތުން އިޝާންއަށް ގުޅާލީމެވެ.

އެނާ ފޯނު ނަގާފައި ހަލޯ އޭ ބުނެލިގޮތުން އޭނާ އޮތީ ނިދާފަހެން ހީވިއެވެ. އަހަރެން އެހެންއަހާލީމެވެ.

"އާނ އެކަމު ދެން މި ހޭލީ" އިޝާން ޖަވާބު ދިނެވެ. އަދި ލައްކަ ޒަމާނަށްފަހު އަމިއްލަ ގޭގައި ވަރަށް ހަމަޖެހިލައިގެން ވަރަށް އަރާމުކޮށް ނިދާލެވުނުކަމަށް އޭނާ ބުންޏެވެ.

"އެހެންތަ!" އޭނާ އެބުނި އެއްޗެއް މާރަނގަޅަކަށް އަހަންނަކަށް ދޭހަ ނުވިއެއްކަމަކު އަހަރެން ބުނެލީމެވެ. އޭނާ ހުރީ މާލޭގައި ކަމަށާއި އަހަރެން މެސެޖް ކުރިއިރު އުޅުނީ ޝެރީންގެ އެއްޗެތި ޕެކް ކޮށްދޭން ކަމުގައި އޭނާ ބުނެދިނެވެ.

"ފުލައިޓް ޑިލޭވީ، ތިނެއްޖެހިފަހުން އެއަރޕޯޓުން އާދެވުނީ.. އެހެންވެ ނުގުޅީ" އިޝާން ކިޔައިދިނެވެ.

ޝެރީން ދިޔައީ އޮސްޓުރޭލިޔާއަށް ކަމުގައި އޭނާ ބުނެދިނެވެ.

"އޭނާގެ ޚިޔާލުހުރީ މިހާރު އަނެއްކާ މުޅިން އޮސްޓުރޭލިޔާއަށް ދިރިއުޅުން ބަދަލުކުރަން... ސަރުކާރުން ބޮޑު ޚަރަދު ކޮށްގެން ކިޔަވައިދިނީމައި އެންމެފަހުން އޭގެ ފައިދާ މިކުރަނީ ބޭރު ގައުމަކަށް!" އިޝާން ބުނެލިއެވެ.

އަހަންނަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މިއިވުނީ އަހަރެން ހީނުކުރާ ކަހަލަ ޚަބަރެކެވެ. އަހަރެންގެ ހިތް އަވަސްވިއެވެ. ކުރިންވެސް ޝެރީން ފުރައިގެން ދިޔުމުން ވީގޮތް ހަނދާން ވެފައެވެ.

"އެކަމަކު އެއީ ވައިފްއަށް ލިބޭ ކުރިއެރުމެންނު!" އަހަރެން ބުނެލީމެވެ.

"އޭނާ މިހާރުވެސް މޮޅޭ... އެހެންމީހުންގެ ހިތް ރަނގަޅު ކުރަން" އިޝާން ހީލާފައި އެހެން ބުނި އިރު އެއަޑު ގައި މަލާމާތުގެ ރާގެއް އެކުލެވިގެންވާހެން ހީވިއެވެ.

'ކީކޭ ތިބުނީ؟ އަހަރެން އޮޅުންފިލުވަން ބޭނުންވިއެވެ.

"އަޅާނުލާ... ދެން އެވާހަކަ ބާއްވާ! ފާތުން ގުޅަން ބުނީ ކަމަކުތަ؟" އިޝާން ވާހަކަ ބަދަލުކޮށްލީކަން އަހަންނަށް ވިސްނުނެވެ.

އަހަންނަށް ދިމާވެގެން އުޅޭ މައްސަލަ ކިޔައިދިނީމެވެ. އެކުދިން ރޭގަނޑު އެގޭގައި ވަރަށް ގިނައިން ތިބޭވާހަކަ އޭނާވެސް ބުންޏެވެ. އެކަމާ ރިފްގާގެ މަންމަ ހިތްހަމަ ނުޖެހިގެން އުޅުނުކަމެއް އޭނާއަކަށް އެނގިފައެއް ނެތެވެ. އިޒާން އަދި މީހަކާ އިނދެގެން ދިރިއުޅުމެއް ފަށާވަރެއް ނުވޭ ނޫންހޭ އަހަރެން ބުނެލީމެވެ.

"އިޒްގެ ބަދަލުގައި އަހަރެން ދާންވީ ދޯ ތިރަށުގައި އުޅެން!" އިޝާން ސަމާސާ ކޮށްލިއެވެ.

"ކެރޭނެތަ؟" އަހަރެން ވަގުތުން އަހާލީމެވެ.

"ފާތުންނަށް އަހަރެން ތިގޭގައި ބަހައްޓަން ކެރެންޏާ އަހަންނަށް ދާން ކެރޭނެ!" އިޝާން މަޑުމަޑުން ޖަވާބު ދިނެވެ. އެއަޑުގައި ވަނީ މުޅިން އެހެންކަހަލަ އަސަރެއްހެން އަހަންނަށް ހީވިއެވެ. އަހަރެންގެ ހިތް އަވަސްވިއެވެ. އެހެންނަމަވެސް އަމިއްލަ ނަފްސް ކޮންޓުރޯލު ކުރެވޭތޯ ބެލީމެވެ.

"އޭރުން އިޝާންގެ ވައިފު އޯ؟" އަހަރެން ސުވާލު ކުރީމެވެ.

"މިބުނީއެންނު އޭނާ އެދިޔައީ އޮސްޓުރޭލިޔާއަށޭ... " އިޝާން ވަރަށް ފަރުވާ ކުޑަގޮތަކަށް ޖަވާބު ދިނެވެ. އެހިސާބުން އަހަންނަށް ކުޑަ ހިތްވަރެއް ލިބުނެވެ. ވަރަށް ޕާރސަނަލް ސުވާލެއް ކޮށްލަންތޯ އަހާލީމެވެ.

"ކިހާ ޕާރސަނަލްއެއް؟" އޭނާ ވަރަށް މަޖާވެލާފައި އަހާލިއެވެ.

"އުނހޫ އޯކޭ... އަޅާ ނުލާ" އަހަރެންގެ ޚިޔާލު ބަދަލުވިއެވެ. އެކަމަކު އިޝާން ކުރެއްނުކުރިއެވެ. ކޯޗެއްތޯ އަހަންބޭނުންވީ ބުނެބަލާށޭ ކިޔަންފެށިއެވެ. އެންމެ ފަހުން އަހަރެން އަހަންއުޅުނީ އެދެމީހުންގެ ގުޅުމުގެ ވާހަކަ ކަމުގައި ބުނީމެވެ.

"ޝެރީން އުޅެނީ ހޮސްޕިޓަލާވެސް އިނދެގެން.. ދެން އެހެންވީމާ ދެމީހުންގެ ގުޅުން ރަނގަޅުވާނެ ވަރު ވިސްނާ!" އިޝާން ހިނިގަނޑެއް ޖަހާލަމުން ވާހަކަ ދެއްކިއެވެ. ޖަވާބުގައި އަހަރެންވެސް ހުނީމެވެ. ޑޮކްޓަރުންނަކީ ވަރަށް ބުރަކޮށް އުޅޭ ބައެއްނޫންހޭ ބުނީމެވެ. އެހިސާބުން އޭނާ ސީރިއަސްވިއެވެ.

"އަސްލު އަހަރެން އުއްމީދު ކުރި ގޮތެއް ނޫން އޭނާ!.. އިފާވެސް ބޮޑަށް ހަލާކުވީ އެހެންވެޔޭ އަހަރެން ބުނާނީ" އިޝާން ކިޔައިދޭން ފެށިއެވެ. އޭނާ ކުރިންވެސް ބުނިހެން އޭނާއާއި ޝެރީންއާއި ޓިއުނު ދިމާ ނުވާކަމަށް ބުނެލިއެވެ.

"ޝެރީންއާއި އިނުން އެއީ އަހަންނަށް ކުރެވުނު ..... ކީކޭ ބުނާނީ.... އަސްލު ވިސްނާ ނުލާ ކުރެވުނު ކަމެއް!" އިޝާން ބުނެލިއެވެ. އަދި އޭނާއާއި އެކީގައި ދިރިއުޅުނީ އިފާއަށްޓަކައި ކަމުގައިވެސް އޭނާ ބުންޏެވެ. އެކަމު މިހާރުދެން އިފާވެސް އެހެރީ ބޮޑުވެފައި ކަމަށާއި ޝެރީން އޮސްޓުރޭލިޔާ ނޫނީ އެމެރިކާގައިވެސް ދިރިއުޅެން ދިޔަޔަސް އޭނާގެ ފަރުވާލެއް ނެތްކަމުގައި ބުނެލިއެވެ.

"އަހަރެންގެ ހުރިހާވެސް އުއްމީދަކީ އިފާއަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުން... އެހެންވެ މިހާރުވެސް އެހާ ބުރަކޮށް މަސައްކަތް މިކުރަނީ... އަހަރެން ނެތްދުވަހަކުންވެސް އޭނާއަށް ހަމަޖެހިލައިގެން ދިރިއުޅެވޭވަރު ވީމާ އެނިމުނީ" އޭނާ އެންމެ ކުރިންވެސް އަހަރެންގެ ކައިރީ ދެއްކި ވާހަކަ ތަކުރާރު ކޮށްލިއެވެ.

އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ދިރިއުޅުމަކީ އިމްތިހާނެއް ކަމުގައި ބުނީމެވެ. އެމީހަކު ބޭނުންވާގޮތަށް ދިރިއުޅުމުގެ ހުރިހާ ކަމެއް ފުރިހަމަ ވެގެން ދުނިޔޭގައި އުޅުނު މީހަކު ދައްކަބަލާށޭ ބުނީމެވެ.

"އާނ ތީ ތެދުވާހަކައެއް.. ކޮންމެމީހަކުވެސް ހިތްހަމަ ނުޖެހުމާއި ..ފިކުރު ކުރާކަންތައް ހުންނާނެދޯ" އޭނާ ބުންޏެވެ.

"އަދި ކިޔައިދީފާނަން ވަރަށް ބޮޑު ވާހަކައެއް!" މިދޭތެރެއިން އޭނާ އަހަންނާއި ދުރުވިތަންކޮޅު އަލުން ގާތްކުރަން އަހަރެންގެ ހިތްއެދުނެވެ. ހުސޭނުގެ ދެވަނަ އަންބަކާ ކުދިން ތިބޭ ވާހަކަ އަހަރެން ކިޔައިދިނީމެވެ. އިޝާން "އޭނ" އޭ ބުނެލިގޮތުން އޭނާއަށް އެއަޑު އިވުމުން ކުއްލި ސިހުމެއް ލިބުނުކަން އަހަންނަށް އެނގުނެވެ.

"އިޒާން އަކީ މިރަކަލް ބޭބީ އެކޭ އަހަރެން ބުނާނީ..އޭގެ ފަހުން އިތުރު ކުއްޖަކު ނުލިބުނު" ހުސޭނު އެހެންމީހަކާ އިން ސަބަބު އަހަރެން ބުނެދިނީމެވެ. އޭނާގެ ލޭ ހިނގާ ކުއްޖަކު ބޭނުންވެގެންނޭ އަހަންނަށް ނުބުނެވުނީ ހަމަ ކިރިޔާއެވެ. އެހިސާބުން އަހަރެން ބިރުގަތެވެ. މާގިނަ ވާހަކަ ދައްކަން ހަދައިގެން ކޮންމެވެސް އެއްޗެއް ފަޅާ އަރާފާނެއޭ ހިތަށް އެރިއެވެ. އެއަނބި އުޅެނީ އެހެން ރަށެއްގައި ކަމަށާއި އެހެންކަމުން މާބޮޑަކަށް އެކަމެއް އިހުސާސެއް ނުވާކަމަށް ބުނެފައި އެވާހަކަ ނިންމާލީމެވެ.

"ފާތުންވެސް އަސްލު ލޯތްބަކުންނޫން ދޯ ، ދެން ދިރިއުޅެނީ!" އިޝާން ބުނެލިއެވެ.

"ހަގީގީ ލޯތްބަކީ އެންމެ ފަހަރަކު ވެވޭނެ އެއްޗެއް! ބީވެގެން ކިތަންމެ ދުރަށް ދިޔަޔަސް، އަދި ކިތަންމެ ގިނަ ދުވަހެއް ވިޔަސް އެލޯބީގެ އަސަރެއް ތިމާގެ ހިތަކުން ނުފިލާނެ..ހިތުގެ އެންމެ ފުނުގައި، މަޑުމަޑު ރިހުމެއްގެ ސިފައިގައި އެލޯބި ދިރިހުންނާނެ! ކޮންމެ ވަގުތެއްގައިވެސް ކުޑަކުޑަ އިޝާރާތަކުންވެސް އެހަނދާންތައް ތިލަވެދާނެ، ހިތުގައި އަޅާވޭން ގަދަވެ މުޅިމީހާ އެ ހަނދާން ތަކުގެ ތެރެއަށް ޣަރަގު ވާން ފަށާފާނެ!" ލޯމަރާލާއިގެން އޮވެ އަހަރެންގެ ހިތުގެހާލު އޭނާއަށް ކިޔައިދެމުން ގެންދިޔައީމެވެ.

"އެ ލޯބި ބީވެދިޔުމުން އެފަދަ އެހެން ލޯތްބެއް ލިބޭތޯ އެންމެންވެސް މަސައްކަތް ފަށަނީ... އެކަމަކު އުމުރު ހުސްވަންދެން ހޯދިއަސް ނުފެންނާނެ.! ހަގީގަތަކީ އެމީހަކަށްޓަކައި މިދުނިޔޭގައި އެފަދަ އެހެން ލޯތްބެއް ލައްވާފައި ނުވާކަން"

"ލޯތްބަކީ ހިތަށް އެރުވީމަ ވާއެއްޗެކޭ ބުނީމެންނު؟" އޭނާގެ އަޑު އިވުނެވެ.

"އެއީކީ ހަގީގީ ލޯތްބެއްނޫން މައި ޑިއަރ.. ހަގީގީ ލޯބި ވެވޭނީ ހަމަ އެންމެ މީހެއްދެކެ، އެންމެ ފަހަރަކު"

"އެހެންދޯ!...މިހާރު އަހަރެންގެ ހިތަށް މިއަރަނީ...."

"....އިޝާންގެ ހަގީގީ ލޯބި ދޯ" އޭނާގެ ވާހަކަ މެދުކަނޑާލަމުން އަހަރެން ބުނެލީމެވެ.

"ދެންމެ ތި ކިޔައިދިން ބަސްތައްލައިގެން ހާދަ ރީތި ލަވައެއް ހެދޭނެޔޭ" އިރުކޮޅަކަށް ފަހު އޭނާ ހީލާފައި ބުނެލިއެވެ. އޭރު އަހަންނަށް އިނދެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ.

"ގަބޫލެއް ނުކުރަންތަ މިބުނި ވާހަކައެއް؟" އަހަރެން ސުވާލު ކޮށްލީމެވެ.

"ތިކަމާ ޖެހޭނީ ކުޑަކޮށް ވިސްނާލަން" އޭނާވެސް ބުނެލިއެވެ.

އެ ފޯނު ބޭއްވިއިރު އަހަރެން ހުރީ ވަރަށް އުފާވެފައެވެ. ކޮޓަރިން ނުކުމެވުނީ މަންމަގެ ކުރިމައްޗަށެވެ. މާ އުފާވެފައި ތިހިރީ ކޮންކަމަކާތޯ މަންމަ ސުވާލު ކުރިއެވެ.

"އެ ދެންމެ މި އާސިމާމެން ފޯނުކޮށްގެން އެމީހުންނާއި ސަކަރާތް ޖަހާފައި މި ނުކުތީ" އަހަރެން މަންމައަށް އޮޅުވާލީމެވެ.

އަހަންނަށް އުފާ މި ވެވެނީ ކީއްވެގެންކަން ޚުދު އަހަންނަކަށްވެސް ނޭނގުނެވެ. އެރޭ ނިދަންވަދެ އޮވެ ވަރަށް ވިސްނީމެވެ. ޝެރީން ފުރައިގެން ދިޔަ ޚަބަރު ލިބުނީމާ ހެއްޔެވެ؟ އެދެމީހުންގެ ދެމެދުގައި އޮތް ގުޅުން ހީނަރުވެ ގޮސްފައިވާކަން ޔަގީންވީމަ ބާވައެވެ. ނޫނީ އަހަރެން ހީކުރި ގޮތާއި ޚިލާފަށް އިޝާން ޝެރީން ދެކެ އެއްއިރަކުވެސް ލޯބި ނުވާކަން ޔަގީންވީމާ ހެއްޔެވެ؟ ނޫނީ އަލުން އަހަންނާއި އިޝާން އާއި އޮތް ގުޅުން ގާތްކުރެވުނުހެން ހީވީމާ ހެއްޔެވެ؟ އަހަންނާއި ހުސޭނުއާއި އޮތް ގުޅުންވެސް އެންމެ ފަހުން އޭނާއަށް ކިޔައިދެވިއްޖެއެވެ. ކައިވެނީގައިވެސް ދެމީހުންނަށް މިއޮތީ ހަމަ އެއްގޮތެއް ދިމާވެފައި ތާއޭ އޭނާގެ ހިތަށް އަރާނެ ބާވައެވެ؟

އޭގެ ފަހުން އަނެއްކާވެސް ދޭތެރެއަކުން އިޝާން ގުޅަން ފެށިއެވެ. އޭނާއަށް މިދިޔަ ދުވަސްކޮޅު ނުގުޅުނީ އުޅެން ޖެހުނު ގޮތުން ކަމުގައި ބުނުމުން އަހަންނަށް ގަބޫލު ކުރެވުނެވެ.

"އަސްލު ވަރަށް މިސްވޭ އަހަރެންގެ ތެރަޕީ ސެޝަންތައް!" އޭނާ ބުނެލިއެވެ. އެހިސާބުން އަހަރެންގެ ހިތުގައިވާ އުއްމީދުގެ ހުޅުކޮޅު އަނެއްކާވެސް ބޮޑުވާން ފެށިކަން އިހުސާސް ކުރެވެންފެށިއެވެ.

***

ރިފުގާގެ މަންމަ އަހަންނަށް ފޯނު ކުރިއެވެ. އެމީހުން ބޭނުންވަނީ ވީހާވެސް އަވަހަކަށް އެދެކުދިންގެ ކައިވެނީ ހަމަ ޖައްސާށެވެ.

"އެ ދެކުދިންވެސް މިހާރު އެތިބީ ކިޔަވާ ނިމި ވަޒިފާގައި، އެހެންވިމާ ފަހުން ކައިވެނި ކުރަން ލަސްކުރަންވީ ސަބަބެއް އަހަންނަކަށް ނުވިސްނޭ" ރިފުގާގެ މަންމަ ޒާހިރާ އަހަންނަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

ކޮންމެއަކަސް ދެއާއިލާގެ މަޝްވަރާއަށް ފަހު އެއަހަރު ސެޕްޓެމްބަރ މަހު މާފުށީގައި އިޒާންގެ ކައިވެނި ޕާރޓީ ބާއްވާ ނިންމުނެވެ. އެހިސާބުން އަހަރެންގެ ހިތްއަވަސްވިއެވެ. އަހަންނަށް އިޝާން ގެ ކުރިމައްޗަށް ދިޔުމުގެ ފުރުސަތު ލިބޭނެތީއެވެ. މިހާރު އަހަރެން ބޭނުންވަނީ އަހަރެން މިއީ ކާކުކަން އޭނާއަށް އެނގޭށެވެ. ހުސޭނުގެ ދޮށީ އަންބަށް ވެގެން އިނުމަށްވުރެ އިޝާންގެ ހަގު އަންބަށް ވިއްޔާ މާ ރަނގަޅު ވާނެޔޭ އަހަރެންގެ ހިތް ބުނަންފެށިތާ ދުވަސްކޮޅެއް ވެއްޖެއެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ދޭނުހޭ ގެންގޮސް ވަޔާއޭ

Popular