އިޒާންގެ ވިހި ވަނަ އުފަންދުވަސް އައިއިރު އޭނަ ހުރީ އަހަރެން ކައިރީ ރަށުގައެވެ. އެދުވަހަށް ރިފުގާ އާއި އޭނާގެ މަންމަވެސް ރަށަށް އައެވެ. އުފަންދުވަސް ފާހަގަ ކުރުމަކީ ހުސޭނު ރުހޭ ކަމެއް ނޫންވީމާ އަހަރުމެން ބޭއްވީ އާއިލާ މީހުންނަށް ކުޑަ ކެއުމެކެވެ. އެކެއުމުގެ ތެރެއިން އެންމެނަށް ރިފުގާ ތަޢާރަފުކޮށްދީ އިޒާންގެ ކައިވެނީގެ ޚަބަރު ދިނީމެވެ.
ރިފުގާގެ މަންމަ، ޒާހިރާއަކީ ފުދޭ ވަރަކަށް ވާހަކަ ގިނަ އަންހެނެކެވެ. ޑައިވް ސެންޓަރަކީ އިޝާންއާއި ރިފުގާ ބައްޕައާއި ދެމީހުން ހިއްސާ ވެގެން ހަދައިގެން އުޅޭތަނެއްކަން އެނގުނީ އޭނާ ބުނެދިނީމައެވެ. އިޝާންގެ ރަނގަޅު ވާހަކަ ދައްކަމުންގޮސް ޝެރީންގެ ބޮޑާކަމާއި ކިބުރުވެރި ކަމުގެ ވާހަކައަށް މަޢުލޫއު ބަދަލުވެގެން ދިޔައެވެ.
"ޝެރީން ނާންނާނެ އަހަރުމެންގެއަށް ކާން ގޮވިއަސް!" އޭނާ ކިޔައިދިނެވެ. އަދި ފަރުމަހާ ގަރުދިޔަ ކަހަލަ އެއްޗެތި ނުކާވާހަކަ ދެއްކިއެވެ. އެއާއި ޚިލާފަށް އިޝާންގެ ކޮއްކޮ އިރާޝާމެން އަތުވެއްޖިއްޔާ ކަމަކަށް އޮންނާނީ މަސްބާނައިގެން އައިސް މަސްފިހެގެން ކެއުން ކަމުގައިވެސް ޒާހިރާ ކިޔައިދިނެވެ. އޭނާގެ ވާހަކައިން އަހަންނަށް ދޭހަވިގޮތުގައި އިޝާންގެ އާއިލާ މީހުންނަކާ ޝެރީންއަކާވެސް މާ ގުޅުން ރަނގަޅު ހެނެއް ހިޔެއްނުވެއެވެ.
ޝެރީން އޮސްޓުރޭލިޔާއަށް ބަދަލުވިކަންވެސް އޭނައަށް އެނގެއެވެ. އެތަނުން މާ ރަނގަޅު ވަޒީފާއެއް ލިބުނީ ކަމުގައިވެސް ޒާހިރާ ކިޔައިދިނެވެ. އަހަންނަށް ހަމަ އެކައްޗެއްވެސް ނޭނގޭކަމަށް ހެދިގެން އަޑުއަހަން އިނީމެވެ.
"އަހަރެންގެ ހިތަށްއަރާ އިޝާން އޭނާ ގޮވައިގެން އެއުޅެނީ ކިހިނެތްބާވައޭ؟..އެއީ ހަމަ އުޑާއި ބިމާ ކަހަލަ ތަފާތު ދެމީހުން!" ޒާހިރާ ވާހަކަ ދައްކަމުން ގެންދިޔައެވެ. ދެން އޭނާ ފެށީ އިފާގެ ވާހަކައެވެ.
"އެމަންޖެ ސިނގިރޭޓުވެސް ބޮއޭ.. ނޭނގެ އެހެން އެއްޗެހި ނުބޯކަމެއްވެސް!" ޒާހިރާ ވާހަކަ ދެއްކިއެވެ. އެހިސާބުން އަހަރެން ހިތްހަމަ ނުޖެހުނެވެ. އޭނާ އެނބުރި ދާގޮތަށް އަހަންނާއި ބެހޭގޮތުން ދައްކާނީ ކީކޭ ކިޔާފައި ބާވައޭ އެވަގުތު އަހަރެންގެ ހިތަށް ވަނެވެ.
ރިފުގާގެ ކައިވެނި ހެދުން ދޭނީ އަހަރެން ކަމުގައި ބުނީމެވެ. އަދި އެންމެ ކަމުދާކަހަލަ ޑިޒައިނެއް ދައްކާށޭ ކިޔާފައި އަހަރެންގެ އަތުގައިވާ ނަމޫނާތައް އެކުދިންނަށް ދެއްކީމެވެ. އަހަރެން ފަހާފައިވާ ވެޑިން ޑުރެސްތަކުގެ ފޮޓޯވެސް އެމީހުންނަށް ދެއްކީމެވެ. ޒާހިރާ އަހަރެންގެ މަސައްކަތަށް ވަރަށް ތަޢުރީފުކޮށްފައި ތިޔަ މަސައްކަތް ކުރަން މާލެ ބަދަލުވާށޭ ކިޔާފައި ޚިޔާލު ދިނެވެ.
" އޭރުން މާ މަޝްހޫރު ވާނެ! މާ ގިނަ ލާރިވެސް ހޯދޭނެ!" އޭނާ ބުނެލިއެވެ.
އަހަރެން ހިނިތުންވެލީމެވެ. އަދި އަހަންނަށް ތޮއްޖެހިފައިވާ މާލެއަށްވުރެ މި މާހައުލު މާ ހިތްގައިމު ކަމުގައި ބުނެ ޖަވާބު ދިނީމެވެ.
***
ސެޕްޓެމްބަރު މަސް ފެށެންވީއިރު ރިފުގާގެ ހެދުމުގެ ބޮޑުބައި ނިންމާލެވިއްޖެއެވެ. ދެން އޮތީ އޭނާ ހުރިތާކަށް ގޮސްގެން ހެދުން ހެޔޮވަރު ކޮށްފައި ނިންމަން ޖެހޭބައެވެ. އަހަރެން ބޭނުންވީ ކައިވެނީގެ ދެތިން ދުވަސްކުރިން މާފުއްޓަށް ދާށެވެ. އެހެންކަމުން އަހަރެން މަންމަ ގޮވައިގެން މާލެއައިސް މާލޭގައި މަންމަ ބައިންދާފައި އެރަށަށް ދިޔައީމެވެ.
މާފުށި އެއީ ރާއްޖޭގެ މީހުން އުޅޭރަށަކަށްވުރެ ބޮޑަށް ރިސޯޓަކާއި ވައްތަރު ރަށެކެވެ. މުޅި ރަށުގައި އުސް އިމާރާތްތައް ގެސްޓު ހޮޓާ ތަކުގެ ގޮތުގައި ފެންނަން ހުއްޓެވެ. ރަށުތެރެއިން ގިނައިން ފެންނަނީ ބޭރުމީހުންނެވެ.
އަހަރެންގޮވައިގެން އިޒާން އެންމެ ފުރަތަމަވެސް ދިޔައީ ރިފުގާމެންގެ ގެއަށެވެ. އެގޭގައި ފަހާފޮއްޓާއި އެއްޗެތި ބެހެއްޓާފައި މެންދުރުކައިގެން ދެންދިޔައީ އަހަރެން ހުންނަން ހަމަޖެހިފައިވާ ގެސްޓު ހައުސްއަށެވެ. އެއީ ރަށުގެ އިރުމަތީ ފަރާތުގައި ގޯޅި އެއްގެ ކަންމަތީގައި ހުރި ގެސްޓުހައުސް އެކެވެ. ކޮޓަރިއަށް ވަދެފައި ކުޑަދޮރުގެ ފޮތިގަނޑު ކަހާލާފައި ބޭރު ބަލައިލީމެވެ. ބޮޑު މަގުގެ އަނެއްފަރާތުން ފެންނަންއޮތީ މޫދެވެ.
އިޝާން ކޮބައިބާވައެވެ؟ އޭނާއަށް އަހަރެން އައިކަން އެނގިދާނެ ބާވައެވެ؟ އޭނާ ކައިރީ އެދުވަހު އަހަރެން ދާ ވާހަކައެއް ނުބުނަމެވެ. އަހަންނަށް ފޯނު ބަލާލެވުނެވެ. އޭނާގެ ކޯލެއް ނުވަތަ މެސެޖެއްވެސް ނެތެވެ. އަހަރެން ނިންމީ އެއްޗެއް ނުބުނެ މަޑުކުރާށެވެ. އޭނާއަށް އެނގިގެން އަހަރެން ހޯދަން އަންނަނީ ކިހާ އިރަކުންތޯ ބަލާށެވެ.
ދަތުރު ވަރުބަލި ފިލުވާ އަރާމްކޮށްލުމަށް އަހަރެން އޮށޯވެލީމެވެ. އެހެންނަމަވެސް މާގިނަ އިރަކު އޮންނަހިތެއް ނުވިއެވެ. ތެދުވެ ފެންވަރާ ރީތިވެލައިގެން ބޭރަށް ނުކުތީއެވެ. އަހަރެން މިސްރާބު ޖެހީ އަތިރިމައްޗަށެވެ. އެފަރާތުގައި ރީތިރީތިކޮށް ހަދާފައިވާ ކެފޭތަކާއި ބުރިބުރިއަށް އަރަމުން އަންނަ އިމާރާތްތައް ފެންނަންހުއްޓެވެ. މަގުކޮޅުގައި ގަހެއްގެ ދަށުގައި ހުރި ޖޯލި ފައްޗެއް އަހަރެންގެ ލޮލުގައި އަޅައިގަތުމުން އެދިމާލަށް މިސްރާބު ޖެހީމެވެ.
އެތަނުގައި ހުރި ބޮޑު ހިރުނދުގަހުގައި އެލުވާފައި ހުރި ޖޯލިތަކުން ކަނޑައިގެން ނުގޮސް ހުރި ޖޯލީގައި އަހަރެން އޮށޯވެލީމެވެ. ދެފަރާތުން ސާފު އުޑާއި ނޫކަނޑު ފެންނަން އޮތެވެ. ޖެހެމުން ދާ މަޑުމަޑު ވައިރޯޅިއާއިއެކު އަހަރެންގެ ހިތަށް އުފާވެރިކަން ވެރިވާންފެށިއެވެ. މިއީ ވަރަށް ހިތްގައިމު މާހައުލެކޭ ހިތަށް ވަން ވަގުތު އަހަންނަށް އަމިއްލެއަށް ހިނިތުންވެލެވުނެވެ.
ފޯނު ވައިބްރޭޓު ވީމާ ބަލައިލިއިރު އިޝާންގެ މެސެޖެއް އައީއެވެ. އޭނާ އޮތީ އަހަރެން ކޮބައިތޯ އަހާފައެވެ. އަހަރެން އެޖޯލީގައި އޮވެގެން ފެންނަ މަންޒަރުގެ ފޮޓޮއެއް ނަގާފައި އޭނާއަށް ފޮނުވާލީމެވެ. ވަގުތުން އޭނާ ގުޅިއެވެ. އަހަރެން ހުރީ މިކޮޅުގައިކަން އެނގުމުން އޭނާ ވަރަށް އުފާވިހެން އަހަންނަށް ހީވިއެވެ. އޭނާ މިކޮޅަށް އެބަ އަންނަމޭ ބުނެފައި ފޯނު ބޭއްވިއެވެ.
އެހިސާބުން އަހަރެންގެ ހިތް އަވަސްވާންފެށިއެވެ.އޭނާ އަށް އަހަރެން ފެނުމުން އެނގިދާނެ ބާވައެވެ؟ އެކަމަކު އޭރުން ވާނީ ކިހިނެތްހެއްޔެވެ؟ ކުއްލިއަކަށް އަހަރެން ހާސްވިއެވެ. މިއީ އަސްލު ކާކުކަން އެނގޭ ހިސާބުން އޭނާ ބުނެފައިވާ ގޮތަށް އަހަންނާއި ގުޅުން ކަނޑާލަފާނެ ބާވައެވެ؟ އެތަނުން ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެ ފިލަން އަހަރެންގެ ހިތަށް އެރިއެވެ. އެކަމަކު، އަހަރެން މިއައީ އިޝާން އާއި މިހާރު މިއޮތް ގުޅުން މިއަށް ވުރެ ބޮޑަށް ބަދަހި ކުރެވޭނެ ކަމުގެ އުއްމީދުގައި ކަން ހަނދާންވިއެވެ.
މަގުން ލަނބައިލައިގެން އަހަންނާއި ދިމާލަށް އައި ސައިކަލަކަށް އަހަންނަށް ސަމާލުވެވުނެވެ. އެއީ އިޝާން ކަން އަހަންނަށް ޔަގީންވުމާއިއެކު އަހަރެންގެ ހިތް ތެޅެންފެށިއެވެ. ކޮންމެގޮތެއްވިއަސް ކުރިމަތި ލުން ގޮތެއް ދެންނެތްކަން އަހަންނަށް ގަބޫލުކުރެވުނެވެ.
"ނުވެސް އެނގުނު.. އަހަރެން ހީކުރީ ފާތުން ހުންނާނީ ކަޅު ހެނދުމުގައި ކަމަށް" ކުރިމަތީ ހުރި ޖޯލިފަތީގައި އިށީންނަމުން އޭނާ ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ. އެހާކައިރިން އޭނާ ފެނުނީމަ ހިތުގެ ވިންދު ހަމައިން ނެއްޓޭކަށް މާގިނައިރެއް ނުވިއެވެ. އޭނާއާ ދިމާއަށް ބަލަން އިނދެވުނީއެވެ.
"ކޮންއިރަކު އައީ؟" އޭނާ އަހާލިއެވެ.
"މިހާރު ކިތަންމެ އިރެއްވެއްޖެ.. ނާންނަމެންނު އަހަރެން ރިސީވް ކުރާކަށް ވެސް!" އަހަރެން ސަމާސާ ކޮށްލީމެވެ. އަހަންނަށް އަވި އައިނު އަޅައިގެން އިނދެވުނީތީ އުފާވިއެވެ. އަހަންނަށް އެހިތްގައިމު ސޫރައާއި ދިމާއަށް ކަޅިޖަހާނުލާ ބެލެނީއެވެ.
"ނުބުނަމެންނު!" އިޝާން ހިނިތުންވެލިއެވެ. އޭނާވެސް ރަކިވެފައި ވާހެން އަހަންނަށް ހީވިއެވެ. "ނުބުނެ ހިތުގައި ބާއްވައިގެން އުޅުނަކަސް ނޭނގޭނެ ދޯ" އޭނާ ބުނެލިއެވެ. އެއަށްފަހު އޭނާ އެއައީ މާލެއިން ކަމުގައި ބުންޏެވެ.
އޭނާ އަހަންނާ ދިމާއަށް ބަލަން އިންގޮތުން އަހަރެން ލަދުގަންނަގޮތްވިއެވެ. އިސްދަށަށް ޖަހާލީމެވެ.އަހަރެން ކަންބޮޑުވާން ފެށިއެވެ. އޭނާއަށް ޝައްކުވަނީ ހެއްޔެވެ؟ އަހަންނަށް ފެނުނު ހުވަފެނާއި އެއްގޮތަށް އޭނާއަށް އެނގިގެން އުފަލުން އައިސް އަހަރެންގެ ގައިގަ ބައްދާލާނެ ނަމައޭ ހިތަށް އެރިއެވެ.
"އެންމެފަހުން އަހަރުމެން އުޅޭ ހިސާބަށް އާދެވިއްޖެދޯ!" އިޝާން ވާހަކަ ދެއްކިއެވެ.
"ބުނީމެއްނު ކޮންމެވެސް ދުވަހަކުން އަންނާނަމޭ!" އޭނާއާއި ދިމާލަށް ބަލާލަމުން އަހަރެން ބުނެލީމެވެ. އެއީ އޭގެ ކިތައް އަހަރު ކުރިން އަހަރެން ވީވައުދެއް ހެއްޔެވެ؟ ކުއްލިއަކަށް އަހަރެންގެ މާޒީއާއި ދިމާއަށް އަހަންނަށް ދެވެން އުޅޭކަން އިހުސާސް ކުރެވުނެވެ.
"އެއީ ކޮންތަނެއް؟" އަހަރެންގެ ކަނާއަތް ފަރާތުން ފެންނަން ހުރިބޮޑު ފާރު ދައްކާފައި އަހަރެން އަހާލީމެވެ. އަހަރެންގެ ބެނުމަކަށްވީ މައުލޫއު ބަދަލު ކޮށްލުމެވެ.
"އެއީ ކުރީގެ އިސްލާހިއްޔާ!" އިޝާން ކިޔައިދިނެވެ.
"އިރުއަރާނީ މިދިމާއިން ދޯ" އަހަރެން އަނެއްކާވެސް ސުވާލުކޮށްލީމެވެ. އޭނާ އަހަރެންގެ ކުރިމަތީގައި އިނުމުން އަހަރެން ނުތަނަވަސްވާން ފެށިއެވެ. އެންމެ ކުރިއެކޭވެސް އެއްގޮތަށް އޭނާގެ އެ ޖާދުވީ ހިނިތުންވުން ފެނުމުން އަހަރެންގެ މުޅި ނަފްސު ބަލިކަށިކޮށްލިކަން އިހުސާސް ކުރެވެންފެށިއެވެ. މިއީ އިޝާންގެ ރީނާއޭ ބުނާށޭ ކިޔާފައި އަހަރެންގެ ހިތް އާދޭސްކުރަން ފެށިއެވެ.
"އިރުއޮއްސޭ މަންޒަރު ވަރަށް ރީތިކޮށް ފެންނާނެ ގެސްޓު ހައުސްގެ ޓެރަސް މައްޗަށް...އަންނައްޗޭ ސަންސެޓް ފޮޓޯ ނަގަން" އިޝާން ބުނެލިއެވެ. ދެން އެގަޑީގައި ދިމާކުރާނަމޭ ބުނަމުން އޭނާ ޖޯލިން ތެދުވިވަގުތު އޭނާގެ އުނގުމަތީގައި އޮތް ފޯނު ބިންމައްޗަށް ވެއްޓުނެވެ. އެފޯނު ނަގަން ގުދުވުމާއިއެކު އޭނާގެ ޓިޝާރޓު ތެރޭ މިއޮތްހާއިރު ފޮރުވިފައި އޮތް ރިހިފަށް ބޭރަށް ނުކުތެވެ. އެފަށުގެ މެދުގައި އަހަރެންގެ ހިތް ހެލިލަ ހެލިލާ އިންދާ ފެނުނެވެ.
އެވަގުތު އަހަންނަށް ވެގެން ދިޔަގޮތެއް ބުނެދޭކަށް ނޭނގެއެވެ. ވަރަށް ބާރަށް ނޭވާ ދަމާލެވުނެވެ. އަނގަމަތީ އަތްއެޅުނެވެ. މިއޮއްހާ ދުވަސް ވީއިރުވެސް އޭނާ އެފަށް އެބަ ގެންގުޅޭހެއްޔެވެ؟ މިހާދުވަސް ވީއިރުވެސް އޭނާގެ ކަރުން އެފަށް ނުނަގާކަމީ؟...."މިފަށް، މި ކަރުގައި އޮތް ހާ ހިނދަކު އަހަރެންގެ ހިތުގައި އެހެން މީހަކަށް އަތެއް ނުލެވޭނެ!" އޭނާގެ އެކާވީސް ވަނަ އުފަން ދުވަހު އަހަރެން އެފަށް ކަރުގައި އަޅުވައި ދިނުމުން އޭނާ ބުނި ޖުމްލަ އަހަރެންގެ ސިކުނޑިތެރެއިން އަޑު އިވިގެން ދިޔައެވެ.
އިޝާން ފޯނުން ވެލިފޮޅާލަމުން އަހަންނާއި ދިމާލަށް ބަލާލާފައި ކިހިނެއްތޯ ވީ އެއްސެވެ. އަހަރެން ބަސްހުއްޓުނެވެ.
އިޝާން އަހަރެންގެ ހަރަކާތައް ބަލަން ހުރިކަން ވިސްނުނީ ކުޑަ ހިނދުކޮޅަކުންނެވެ.
"ފޯނު.. ފޯނު ތަޅައިގެން ދިޔައީތަ؟" އަހަރެން ކަންބޮޑުވީ އެހެންވެގެން ކަމަށް އޭނާ ގާތު ބުނީމެވެ. އެޔާއެކު އޭނާ ފޯނު ދައްކާލަމުން އެއްވެސް ގޮތެއް ނުވާކަމުގައި ބުނެލިއެވެ. ދެން ވެސް އަހަންނަށް އިތުރަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. އޭނާ ގޮސް ސައިކަލަށް އަރާ އިސްޓާޓު ކޮށްލާފައި ދުއްވާލުމުގެ ކުރިން "އިންތިޒާރު ކުރާނަން!" މިހެން ބުނެލިއެވެ.
އޭނާ ގޮސް ގޯޅިއަޅައިގެން ދަންދެން އަހަންނަށް ބަލަހައްޓައިގެން އިނދެވުނީ އެވެ. އޭރު އަހަރެން ފެންކަޅިވެއްޖެއެވެ. އޭނާ އަށް އަހަރެން އެފަށް ދިނީ މިގެ ކިތަށް އަހަރު ކުރިން ހެއްޔެވެ؟ އަހަރެން ކައިރީ "އޭނާ" އަކާ ދެން ދުވަހަކުވެސް ވާހަކައެއް ނުދައްކާނަމޭ ބުންޏެއްކަމަކު އެފަށް އިޝާންގެ ކަރުން ނުނަގާ އޮތުން އެއީ އޭނާ އަދިވެސް އެ ހަނދާން ކުރާތީ ނޫންބާވައެވެ؟ އެއީ އޭނާގެ ހިތުގައި އަދިވެސް އަހަރެން ވާކަމުގެ ވަރުގަދަ ހެއްކެކެވެ. އިޝާންގެ ހިތުގެހާލު 'ފާތުން' ނަށް އޮޅުވާލީތާއެވެ.
އަހަރެންގެ މެޔަށް ބާރުވާން ފެށިއެވެ. އިޝާންއަށް ކުރާނެ އިހުސާސަކާ ދޭތެރޭ ފުރަތަމަ ފަހަރަށް އަހަރެން ވިސްނާލީމެވެ. އޭނާގާތު، ދެވަނަ ފަހަރަށްވެސް އިންތިޒާރު ނުކުރާން ބުނެވުނީ އަޅެ ކީއްވެ ހެއްޔެވެ؟. -- ނުނިމޭ --