5 Aug 2023

އަހަރެންގެ މެޔަށް ބާރުވާން ފެށިއެވެ. އިޝާންއަށް ކުރާނެ އިހުސާސަކާ ދޭތެރޭ ފުރަތަމަ ފަހަރަށް އަހަރެން ވިސްނާލީމެވެ. އޭނާގާތު، ދެވަނަ ފަހަރަށްވެސް އިންތިޒާރު ނުކުރާން ބުނެވުނީ ކީއްވެހެއްޔެވެ؟.

އަހަރެން އެތަނުން ތެދުވެގެން އެނބުރި ކޮޓަރިއަށް ދާން ހިނގައި ގަތީމެވެ. ދުނިޔެ ދޫކޮށްފައިވާ މީހުންނަށް ދިރިތިބި މީހުންގެ އިހުސާސްތައް އެނގޭނެޔޭ ބުނާތީ އަހަމެވެ. އެހެންކަމުގައި ވަނީނަމަ އަހަންނާއި އިޝާންއާއި ދެމެދުގައިވާ ވަރުގަދަ ލޯބި ލަތީފުއަށް އެނގޭނެތާއެވެ. އަހަރުމެން ދެމީހުން މިތަހައްމަލު ކުރަމުންދާ ވޭނުގެ ކޯރުގައި ގެބިގެންދާތަން ބަލަން ހުންނާކަށް ލަތީފަކަށް ކެތެއްނުވާނެކަން ހަމަ ޔަގީނެވެ. އަހަންނަށް އޭރަކު އެކަމެއް ނުވިސްނުނެވެ. އަހަރެންގެ ސިކުނޑިއަށް ވެރިވި ނަފްސާނީ ބަލިމަޑުކަމުގައި އިޝާންވެސް ދޫކޮށްލެވުނީއެވެ. އަހަރެން ކޮޓަރިތެރޭގައި އޮވެ ކަރުނަ އެޅީމެވެ.

ޒާހިރާމެންގެއަށް ގޮސް ރިފުގާގެ ހެދުން ނަގައިގެން ފަހާ ފޮށި ދޮށުގައި އިށީންއިރު ހަވީރު ހަތަރެއް ޖަހައިފިއެވެ. އޭރުވެސް އަހަންނަށް ވިސްނެމުން ދިޔައީ އެފަށާއި ދޭތެރޭގައެވެ. މިހާ ދުވަސް ވެގެން ދިޔައިރުވެސް އޭނާ އެފަށް ރައްކާތެރި ކަމާއިއެކު ގެންގުޅުނީތީ އެކަމާއެވެ. މިހާރު އަދި މާބޮޑަށް އިޝާން އާއި ދިމާވާން ހިތް އެދެން ފަށައިފިއެވެ. އޭނާ ރީނާއާ އަލުންވާހަކަ ނުދައްކާނެކަމުގައި އެބުނީ ހަމަ ސީރިއަސް ކޮށްތޯ ބަލަން ބޭނުމެވެ. އަހަރެން މިއީ ރީނާކަން އެނގުމުން އޭނާ އެހެނެއް ނަހަދާނެއޭ އެވަގުތު ހިތްބުނެދިނެވެ. އެހެންނަމަވެސް، އަހަރެންގެ ހިތުގައި ގޮތްނޭނގޭ ބިރުވެރިކަމެއްގެ އޮއެވަރު ހިނގާކަން އިހުސާސްވެއެވެ.

ކޮންމެގޮތެއްވިޔަސް ހެޔޮކަމަށް އިޝާން އާއި ދިމާކުރަން އަހަރެން ނިންމީމެވެ. ހައެއް ޖަހަން ކައިރިވުމުން އަހަރެން އެގެއިން ނުކުމެ އިޝާން އަށް މެސެޖު ކޮށްލީމެވެ. އޭނާ ހުރީ ގެސްޓު ހައުސްގައި ކަމަށާއި ހުރި ސީދަލަށް އައިސް މަގަށް ނުކުންނާށޭ ކިޔާފައި އޭނާ ޖަވާބު ފޮނުވިއެވެ. އަހަރެން އެދިމާލަށްހިގައިގަތް އިރުވެސް ގޮތެއްނުނިންމެއެވެ. ބޮޑުމަގަށް ނުކުތްއިރު، ކަންމަތީގައި ހުރީ ގެސްޓު އެއްޗެތި ވިއްކާ ފިހާރައެކެވެ. އެއާއި ޖެހިގެން ޑައިވް ސެންޓަރުގެ ބޯޑު ފެންނަން ހުއްޓެވެ. ގެސްޓުހައުސް ހުރީ އެއާއި ޖެހިގެންނެވެ. ފުންނޭވާއަކަށް ފަހު އަހަރެން އެދިމާލަށް ހިގަންފެށީމެވެ. އެ ޓެރަސްމަތިން އޭނާއާއި އެކަނި ވާހަކަ ދައްކާލާނެ ފުރުސަތެއް ލިބޭނެ ބާވައެވެ؟ އަހަރެންގެ ހިތް އަވަސްވިއެވެ.

ވަކި ހިސާބަކުން އިޝާން ދޮރުމަތީގައި ހުރިތަން އަހަންނަށް ފެނުނެވެ. އެޔާއިއެކު އަހަންނަށް ނުތަނަވަސް ކަމާއިއެކު ހިނިތުންވެލެވުނެވެ.އެހިސާބާ ކައިރިވަމުން ދިޔަވަރަކަށް އަހަރެންގެ ހިތުގެ ހިނގުން ބާރުވަމުން އަންނަކަން އިހުސާސް ކުރެވެންފެށިއެވެ.

ޑައިވް ސެންޓަރު ދޮރާ އަރާ ހަމަވަނިކޮށް ޑައިވިން ސާމާނު އަރުވާފައި އޮތް ޕިކަޕެއް އެދިމާލަށް އަންނާތީ ފެނުމުން އަހަރެން މަގުގެ އަނެއްފަރާތަށް އެރީމެވެ. "މަންމާ" އޭ ކިޔާފައި ގޮވާލީމާ ބަލައިލިއިރު ޕިކަޕު ދުއްވަން އިނީ އިޒާން އެވެ. ޕިކަޕު މަޑުކުރުމާއިއެކު އޭގެ ބޭރުގައި ތިބި ދެކުއްޖަކު ފުންމާލިއެވެ.

"މިއޮއްއައީ ބައްޕަ!" އިޒާން ވާހަކަ ދެއްކިއިރު، ޕިކަޕުގެ ކުރީ ސީޓުގެ ދޮރުފަތް ހުޅުވާލާފައި ހުސޭނު ފައިބަނީއެވެ.

އަހަންނަށް ހުރި ފިޔަވަޅު މައްޗަށް ހުއްޓެވުނެވެ. ހުސޭނުއަށް ކޮންމެފަހަރަކުވެސް އަންނަން އެނގެނީ އެންމެ ނާޒުކު ދަނޑިވަޅުގައި ހެއްޔެވެ؟

އަހަންނަށް ވުރެކުރިން އިޝާން އައިސް ހުސޭނުއާއި އަރާ ހަމަކޮށްފައި އޭނާއާއި ސަލާމް ކޮށްލާފައި ވާހަކަ ދައްކަން ފެއްޓިތަން ފެނުނެވެ. އެވަގުތު އައި ކޮޅަށް އަނބުރާލަންވެސް ހިތަށްއެރިއެވެ. އެހެންނަމަވެސް މަޑުމަޑުން ހިނގާފައި ގޮސް އެދެމީހުން ކައިރިއަށް ހުއްޓުނީމެވެ. އޭރު ހުސޭނުކައިރީ ގެސްޓުހައުސް ބަލާލަން ހިނގާބަލާށޭ އިޝާން ބުނަނީއެވެ.

އިޝާން އެތަން ދައްކަމުން އެންމެމަތީ ޓެރަސްއާ ހަމައަށްވެސް އަހަރުމެން ގެންދިޔައެވެ. އެތާނގައި ކޮފީ ޝޮޕް ނިންމުމުގެ މަސައްކަތުގައި އޭރުވެސް މީހުން އުޅެއެވެ. މަސައްކަތް ނިންމާލެވުނުނަމަ އިޒާންގެ ކައިވެނި ބޭއްވީހީ އެތާ މަތީގައި ކަމަށް އޭނާ ބުންޏެވެ. އެތަނަށް އެރީއްސުރެ އަހަރެންގެ ނަޒަރު ހުރީ އުދަރެހަށެވެ. އޮއްސެންދިޔަ އިރު ވިލާތަކަކާއި ނިވާވާން ދާ މަންޒަރު އަހަންނަށް ފެނުނެވެ. އަހަރެން ފޮޓޮއެއް ނަގަން މަސައްކަތް ކުރީމެވެ. "މިއަދު މާ ވިލާ ބޯވެފަ ތިއޮތީ. އިރު އޮއްސޭމަންޒަރެއް ނުފެންނާނެ" އަހަރެންގެ ފަހަތުން އިޝާންގެ އަޑު އިވުނެވެ. އަހަރެން އެނބުރި އޭނާއަށް ބަލައިލީމެވެ. އަހަރެން ބޯޖަހާލިމެވެ. އަހަންނަށް އެބުނި އެއްޗެއް މާނަ ކުރެވުނީ އެހެންގޮތަކަށެވެ. އެވަގުތު ހުސޭނު ދާން ހިނގާށޭ ބުންޏެވެ. އިރުއޮއްސެން ވާއިރަށް އޭނާ މިސްކިތަށް ދާން ބޭނުންވިއެވެ.

ކޮޓަރިއަށް ވަދެފައި އަހަރެން ހެދުން އަޅާފައި ހުރިގޮތުން ހިތްހަމަ ނުޖެހިގެން އެވާހަކަ ހުސޭނު ފެށިއެވެ.

"ލާމު އަތޮޅު ރަށަކަށް ދަންޏާ މިހެނެއްނޫން ހުންނާނީ ކުރިންވެސް ބުނީމެންނު" އަހަރެންގެ ޖަޒްބާތުތައް މައިތިރި ކުރަމުން މަޑުމަޑުން ބުނެލީމެވެ. އޭނާ އިތުރަށް އެއްޗެއް ނުބުނެ ގޮސް ފާޚާނާއަށް ވަނެވެ. އަހަރެން އެނދު ހުރަހަށް އޮށޯތީއެވެ. އަހަރެންގެ ތަގުދީރު މިދައްކަނީ ކޮންކަހަލަ މަންޒަރުތަކެއް ހެއްޔޭ ހިތަށް އަރަމުންނެވެ.

އަނެއްދުވަސް އަހަރެން ހޭދަކުރީ ޒާހިރާމެން ގޭގައި ފާހާފޮށި ދޮށުގައެވެ. ހުސޭނު އުޅުނީ އިޒާންމެން ދިރިއުޅެން ތައްޔާރު ކުރި ކޮޓަރީގައި ކުލަލާ ފަރުނީޗަރު ރާވާ ހެދުމުގައެވެ. ރިފްގާގެ ހެދުން ނިންމާލާފައި އަތް ދޫކޮށްލެވުނުއިރު އިރުއޮއްސިއްޖެއެވެ. އަހަރެން ބޭނުންވީ ކޮޓަރިއަށް ވަދެ އޮށޯވެލާށެވެ. އޭރު އަހަރެންގެ ބުރަކަށީގައި ވަރަށް ބޮޑަށް ރިއްސައެވެ. އަހަންނަށް ނިދިފައި އޮއްވާ ހުސޭނު އައިސް ގޮވާފައި އޭނާގެ ތިމާގެ މީހެއްގެ ގެއަށް އެރޭ ކާންދާން ދަޢުވަތު ދީފައި އޮތް ވާހަކަ ބުންޏެވެ. އަހަރެން ކާހިތެއްނެތޭ ބޭނުމީ ނިދާލާށޭ ބުނީމާ ހުސޭނު ހިތްހަމަ ނުޖެހުނެވެ. އެންމެފަހުން އޭނާ ކުރުނުކުރާނެކަން އެނގުމުން އަހަރެން ތެދުވެ، ރީތި ވެގެން އޭނާއާއި އެކީ ނުކުތީމެވެ. ބޭރަށް ނުކުމެފައި އިޝާން ކޮބައިބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. ހުސޭނު އައި ވަގުތު އޭނާއާއި ދިމާވި ގޮތަކަށް އޭނާއެއް ނުފެނެއެވެ. ނުފެންނަތާނގައި އޭނާގެ ޚަބަރެއްވެސް ނުވެއެވެ. އަހަރެން މާޔުސްވިއެވެ. އެހެންނަމަވެސް މިއީ އޭނާއާއި ވާހަކަ ދައްކަން މަސައްކަތްކުރަން އެހާ ރަނގަޅު ވަގުތެއް ނޫންކަން ވިސްނޭތީ ކެތްކޮށްލައިގެން ހުރީއެވެ.

ހުސޭނު އަހަރެން ގެންދިޔައީ ރަށުގެ އަނެއްކޮޅުގައި، ޖަލުކައިރީ ހުރި ގެއެކެވެ. އެހިސާބަށް ދެވުނު އިރު އަހަރެން ހުރީ ހިނގާ ހިނގާ ފައިވާޅުވެ، ދާހިތްލާ ފައެވެ. އޭގެ ދައްތަ އައިމިންދައިތައަކީ ހުސޭނު ބައްޕަ ފަރާތު ތިމާގެ މީހެކެވެ. އޭނާ އަހަރެން ގެންގޮސް މަގުމަތީ ހުރި ޖޯލި ފައްޗެއްގައި ބޭންދިއެވެ. އޭރު މަގުގެ އަނެއް ފަރާތުގައި ފީފާ ބުރިއެއްގައި އަލިފާން ރޯކޮށްގެން މަސްފިހަން ބަޔަކު އުޅެއެވެ.

"ފާތުމަތު ވަރަށް މޮޅަށް ފަހާ ވާހަކަ މީހުން ދައްކާ" އޭނާބުނެލިއެވެ. އަހަރެން ހީލީމެވެ. ދެން އޭނާ ދެއްކީ މާފުށި މުޅިން ހަލާކުވި ވާހަކައެވެ. ދޮންމީހުން އުޅޭގޮތަށް އެރަށު މީހުން އުޅޭވާހަކައެވެ. އަމްޖަދުމެން ނަކީވެސް މާ އުޅުން ރަނގަޅު ބައެއް ނޫންކަމަށެވެ. އަދި އިޒާންއަށް ވިސްނައިދީ ގޯސް ކަމެއް ނުކުރުމަށް ނަސޭހަތް ދިނުމަށެވެ. އަހަރެން ފޫހިވިއެވެ. އެވަރަކުން ހުސޭނު އަހަރެން މިގެއަށް މިގެނައީ އޭނާގެ ނަސޭހަތް އަޑު އިއްވަން ބާވައޭ ހިތަށް އެރިއެވެ.

މަސްފިހެގެން ކައިނިމުނުއިރު ހުރީ ވަރަށް ލަސްވެފައެވެ. އޭރު އަހަރެން އާ ފުރޭތާ އެތައްއިރެއްވެއްޖެއެވެ. ކޮޓަރިއަށް ދިޔަ މަގުމަތީގައި ހުސޭނު ހިތްހަމަ ނުޖެހިގެން އަނގަޔަކުން ނުބުނެއެވެ. އަހަރެން ކަޅު ހެދުން ނުލާހުރީމައި އައިމިންދައިތަ ހުސޭނުއާ ސުވާލު ކުރިކަމަށްވެއެވެ. އޭނާ އަރާ އޮށޯތްގޮތަށް އަހަންނާއި އަނގައިވެސް ނުބުނެ އަނެއްފަރާތަށް އެނބުރުނެވެ.

އުޑު މަތި ސާފު ރީތި ދުވަހަކަށް އިރުއެރީ އަހަރެން ބަލަން ހުށްޓައެވެ. އަހަރެން އެކަންޏެއް ނޫނެވެ. އަހަންނާއެކީ ހުސޭނުވެސް ހިނގާލާށޭ ކިޔާފައި އަހަރެންގެ ފަހަތުން އައިސް ހުއްޓެވެ. އިރު އަރާ މަންޒަރު ފޮޓޯ ނެގުމުގައި އަވަދި ނެތި އުޅެފައި ބަލައިލިއިރު ތަންކޮޅެއް ދުރުގައި ސައިކަލު މަޑު ކޮށްގެން ހުސޭނުއާއި ވާހަކަ ދައްކަން އިޝާން އިނެވެ.

މާގިނަ އިރެއް ނުވަނީސް އޭނާ ސައިކަލުގައި ނައްޓާލި ތަން ފެނުނެވެ. އެޔާއިއެކު ހުސޭނު އަހަރެންގެ ކައިރިއަށް އައެވެ. އޭރު އަހަރެން ހުރީ ހިކިފައިވާ ގާތަކުގެ ތެރެއިން ފެންނަ ރީތި ބޮލި ހޮވުމުގައެވެ. އޭނާ އައިސް ވަރަށް ރީތި، އޮފުއަރާ ބޮއްޔެއް އަހަރެންގެ އަތަށް ދިއްކޮށްލިއެވެ.

"ހިނގާބަލަ ސައިތައްޓެއް ބޯލަން ދާނެ ތަނެއް ފެނޭތޯ...އިޝާން ބުނި ހުންނާނެޔޭ ތަންތަން ހުޅުވާފައި" ހުސޭނު އެދުނެވެ.

އަހަރުމެން ދެމީހުން ހިނގަމުން ހިނގަމުން ގޮސް ހުޅުވާފައި ހުރި ކޮފީ ޝޮޕެއް ފެނިގެން އެތަނަށް ވަނީމެވެ. ކޮފީ އާއި ސައިތައްޓަކަށް އޯޑަރު ކޮށްފައި ހުސޭނު އައިސް އިށީނެވެ. އަހަންނަށް ފެނުނީ އެތާ ކައިރީގައި ހުރި ގަސްމުށިގަނޑެއްގައި އިންދާފައި ހުރި ހުދު ފިނިފެންމާ ގަހެކެވެ. އެގަހުގައި ފޮޅެން ކައިރިވެފައި އިން ދެމާ އިނެވެ. އަހަރެން އެ ގަހުގެ ފޮޓޯއެއް ނެގީމެވެ.

"ފާތުން އެއްކަލައިރު ދިން ގަހުގައި ހާދަ މަލެއް އެޅިއޭ!" ހުސޭނު ބުނެލިއެވެ.

"އެޅިއޭ ތިބުނީ މިހާރު ކޮބާ؟" އަހަންނަށް އަހާލެވުނެވެ.

"މިއައީގަސް ކޮށާލާފަ..ފާޑަކަށް ފަތްތައް ދޮންފޫޑު ވާންފެށީ" އޭނާ އެހެންބުނުމުން އަހަންނަށް އުނދަގޫވީ ކީއްވެގެން ކަމެއްނޭނގުނެވެ. އެއްއިރެއްގައި މާގަހަކީ އަހަންނާއި އިޝާންގެ ގުޅުން ރަމްޒް ކޮށްދޭ އެއްޗެއްކަމުގައި ދުށީމެވެ.

ހުސޭނު ދެންފެށީ އޭނާގެ ގޯތީގެ ވާހަކައެވެ. ގޯތީގެވަށާ ފާރު ރާނަން މިހާރު ބޭނުންވަނީ ހަމަ އެކަނި ފަނަރަ ހާސް ކަމުގައި ބުންޏެވެ.

"ކުރިންވެސް ތިވާހަކަ ބުނީމެންނު!" އަހަރެން ހިތްހަމަ ނުޖެހުނެވެ. މިއީ އަހަރުމެންގެ ދަރިފުޅުގެ ކައިވެނީގެ ވަގުތެވެ. އެހެންކަމަކާ ވިސްނާ ފިކުރުކުރަންވީ ވަގުތެއްނޫނޭ އަހަރެން ބުނީމެވެ. ހުސޭނު އެދުނީ އަހަރުމެންގެ ހިތަދޫ ގޭގެ ކުލިން ލިބޭލާރިން އެބައި ހޯދައިދިނުމަށެވެ.

"އެއީ އަހަރެން އެކަނި ލާރިއެއްނޫން ދޯ!" އަހަރެން ހުސޭނުއާ ދިމާއަށްބުނީމެވެ. "އިވާން ކޮއްކޮގާތު އަހާފައި ތިއަށް އެއްޗެއް ބުނެވޭނީ" އަހަރެން އެހެންބުނީ އެހިސާބުން އެވާހަކަ ހުއްޓާނެކަމަށް އުއްމީދު ކޮށްގެންނެވެ.

"ވަގުތެއްވީމާ އިވާންކޮއްކޮގާތު މިވާހަކަ ދައްކާ ލައްޗޭ."

"އިހަށް ހިނގާބަލަ އިޒާންގެ ކައިވެނީގެ ކަންތަކާ ވިސްނަން! ކައިވެނީގެ ހުރިހާ ޚަރަދެއް އެކުރަނީ އެމީހުން.. އަހަރެން ލަދުގަނޭ ހަމަގައިމުވެސް" އަހަރެން ވަރަށް ހިތްހަމަ ނުޖެހުނެވެ.

"ފާތުން، ކައިވެނި ޕާޓީ ބޭއްވުމަކީ ކުރާވަރުގެ ކަމެއްނޫން ހަމަ ބޮޑު އިސްރާފެއް!" އެޔާއެކު ހުސޭނު ބުނެލިއެވެ.

"ދެން ކީއްވެ ތިވާހަކަ ކުރިން އެސޮރު ގާތު ނުބުނީ؟" އަހަރެން ރުޅިއަންނަން ފެށިއެވެ. ކޮފީތަށި ބޮއެ ނިންމާލާފައި އަހަރެން ތެދުވީމެވެ. އަހަރެން ބޭނުންވީ އަވަހަށް ގޮސް ފަހާ ނިންމާލާށެވެ. އޭރު އަހަރެންގެ ބުރަކަށީގައި ރިއްސުމުގެ އިތުރުން ދެފައިވެސް މަސްގުޅަކައިފަ ވާކަން އިހުސާސް ކުރެވެއެވެ.

އަހަރުން ގޮސް ޒާހިރާމެންގެއަށް ވަންއިރު އޭނާ ހުރީ ފޯނެއްގައެވެ. ފޯނު ނިންމާލާފައި އޭނާ އިޒާންއަށް ގޮވާލާފައި ޝެރީންއަކަށް ކާޑެއް ނުފޮނުވަންދޯއޭ ބުނެލިއެވެ. ޝެރީން ފޯނުކޮށްފައި އޭނާއަށް ދަޢުވަތު ނުލިބޭވާހަކަ ބުނިކަމަށްވެއެވެ.

"އިޝާންބެއަށް ދިނިން ކާޑު" އަހަރެންގެ ދަރިފުޅު ޖަވާބުދިނެވެ. އޭރު އަހަރެން ހާސްވެއްޖެއެވެ. ޝެރީން ރާއްޖޭގައި އެބައުޅޭ ހެއްޔެވެ؟ ޝެރީން އަތުވެއްޖިއްޔާ އަހަރެން މިއީ ކާކުކަން ފަޅާއަރާނެއެވެ. ދޮންބޭބެ އާއި ދޮންބެދައްތަ ފެނުމުން އިޝާންއަށްވެސް އެނގޭނެއެވެ. އެއީ އަހަންނަށް ކުރިން ވިސްނާ ނުލެވިފައި އޮތް ތަންކޮޅެކެވެ. އިޒާންކައިރީ ޝެރީންއަށް ވަކިން ކާޑެއް ފޮނުވާށޭ ޒާހިރާ ބުނިއަޑު އިވުނެވެ. ދަޢުވަތު ކާޑުގައި އިޒާންގެ މަންމަ އާއި ބައްޕަގެ ނަން 'ފާތިމަތު ހަސަން އާއި ހުސެއިން ލަތީފު' އިނުމުން އަހަރެން މިއީ ކާކުކަން ނޭނގުނަސް، ޕާޓީއަށް އައިސް އަހަރެންގެ ގޭމީހުން ފެންނަހިސާބުން ފަޅާއަރާނެޔޭ ހިތަށް އެރުމުން އަހަރެން ބިރުގަންނަންފެށިއެވެ.

-- ނުނިމޭ --

ވާހަކަ: ދޭނުހޭ ގެންގޮސް ވަޔާއޭ ދިގު ވާހަކަ

Popular