ފަހަން އިންއިރުވެސް އަހަރެންގެ ސިކުނޑި އޭގެ އެންމެ ބާރުމިނުގައި މަސައްކަތްކުރަމުން ދިޔައެވެ. ޝެރީން އައިސްގެން ޕާޓީ ތެރެއިން ފަޅާއެރުމުގެ ކުރިން އަހަރެން އަމިއްލައަށް އިޝާންއަށް ބުނެދިނުން ނޫންގޮތެއް ނެތްކަން އަހަންނަށް އެނގެއެވެ. އެހެންނަމަވެސް ހުސޭނު އުޅޭތީ އިޝާން އާއި ވާހަކަ ދައްކަން މަސައްކަތް ކުރާކަށް އަހަންނަކަށް ނުކެރުނެވެ. އިޝާންވެސް އަހަންނަށް މެސެޖެއްވެސް ކޮށްނުލައެވެ.
މެންދުރު ވާން ކައިރިވީމާ ފެހުން ހުއްޓާލާފައި އަހަރެން ނުކުތީމެވެ. އޭރު ހުސޭނު އާއި އިޒާން އުޅެނީ ވަތްގަނޑު ބަރިއެއް ރާވާށެވެ. އަހަރެން ނުކުމެފައި އިޝާންއަށް މެސެޖް ކުރަން ހިތަށް އެރިއެވެ. އެހެންނަމަވެސް އޭގެ ކުރިން އޭނާ ފެނޭތޯ ގެސްޓު ހައުސް ކައިރިއަށް ދިޔައީމެވެ. ގެސްޓުހައުސް ދޮރުމަތީގައި ހުރި ޒުވާން ފިރިހެން ކުއްޖަކު އިޒް މަންމަ ކިހިނެތްހޭ އަހާލުމުން އަހަންނަށް ހިތްވަރުލިބުނެވެ. އޭނާ ކައިރީގައި އިޝާން ކޮބައިތޯ އަހާލީމެވެ. އެކުއްޖާ އެތެރެއަށް ވަދެ ރިސެޕްޝަންގައި އިން އަންހެން ކުއްޖާއާއި ވާހަކަ ދައްކާލާފައި އައިސް އިޝާން ވީ މާލޭގައި ކަމަށް ބުނެދިނެވެ.
އެރޭ އޮތީ އަހަރުމެންނަށް އިޝާންގެ ރެސްޓޯރެންޓަށް ކެއުމަށް ދަޢުވަތު ދީފައެވެ. އެހާއިރުވާއިރަށް އޭނާ އަންނާނެ ބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. ކޮންމެހެނެއް ހަދާފައިވެސް މިރޭ އަހަރެން އޭނާ އާއި ވާހަކަ ދައްކަން ބޭނުމެވެ. އެކަމަކު އޭނާ މާލޭގައި، ޝެރީން ކައިރީ ހުއްޓާ މެސެޖު ކުރާކަށް އަހަންނަކަށް ހަމަ ލާހިކެއްނޫނެވެ.
މެންދުރުފަހު އަހަރެން އުޅެން ޖެހުނީ ޒާހިރާގެ ކޮއްކޮގެ ހެދުން ރަނގަޅު ކުރާށެވެ. އާހެދުމެއް ފެހުމަށްވުރެ އެހެންމީހަކު ފަހާފައިއޮތް ހެދުމެއް އަލުން ހަދަން މާ އުނދަގުލެވެ. މާގިނަ ވަގުތުވެސް ދެއެވެ. އެހެދުން އެއްކޮށް މޮހާލާފައި މަތީބުރި ކުރުކޮށްފައި އެތައް ސަކަރާތެއްޖަހާފައި ނިންމާލެވުނުއިރު އިރުވެސް އޮއްސެން ކައިރިވެއްޖެއެވެ. އަހަރެން އަނެއްކާވެސް އިޝާން ފެނޭތޯ އެދިމާލަށް ދާން ހިނގައިގަތީމެވެ. އެކަމަކު ދެވަނަފަހަރަށް އޭނާ ކޮބައިތޯ މީހަކު ކުރެން އަހާކަށް ނުކެރުނެވެ. އަހަރެން ހިނގަމުން ހިނގަމުން ގޮސް އަތިރި މައްޗަށް ނުކުތީމެވެ. އޭރު އެތާގައި ފުދޭ ވަރަކަށް ގިނަ ގެސްޓުންވެސް ފޮޓޯ ނަގަން ނުކުމެ ތިއްބެވެ.
"މާ ރީތިވާނެ ޓެރަސް މަތިން!" އަހަރެންގެ ފުރަގަހުން އިޝާންގެ އަޑު އިވުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަރެން ފަހަތް ބަލައިލުމާއިއެކު އޭނާ ހިނިތުންވެލިއެވެ. ވަގުތުން އަހަރެންގެ ހިތުގެ ހިނގުން ހަމައިން ނެއްޓުނެވެ.
"އެކަމު ދެން ނެތް ވަގުތެއް!" އޭނާ ކުއްލިއަކަށް ފޯނު ނަގާފައި ތަންކޮޅެއް ފަހަތަށް ޖެހިލާފައި ފޮޓޮއެއް ނެގިއެވެ.
"އޭ ނޫން.. މަގޭ ފޮޓޯ ނުނަގާ!" އަހަރެން ބުނެލީމެވެ.
"ނުނަގަމޭ.." އިޝާން ލާނެއްގޮތަކަށް ހީލިއެވެ. އަޅެ ދައްކަބަލާށޭ ކިޔާފައި އަހަރެން އޭނާގެ ކައިރިއަށް ދިޔައީމެވެ.
"އަސްލުވެސް ނުނެގުނު!" އޭނާ އަހަރެންނަށް ފޯނު ދައްކާލިއެވެ.
"ބައްޕާ! ވަޓް އާރ ޔޫ ޑުއިން ހިޔަރ؟" ފުރަގަހުން އިފާގެ އަޑު އިވުމުން އަހަރެން ސިހުނެވެ. އަހަރުމެން ދެމީހުން އެތާނގައި ތިބިތަން ފެނުނީމާ ހައިރާންވިކަން އަހަންނަށް އެނގުނެވެ. "އިފާ ހީކުރީ ބައްޕަ މާލޭގައި ކަމަށް!" އޭނާ ބުނެލިއެވެ.
އިޝާން އަވަސް އަވަހަށް އޭނާ މާލެއިން އައީ ދެންމެ ކަމަށާއި މިތަނުން އިޒް މަންމަ ފެނިގެން މަޑުކޮށްލީކަމަށް އޮޅުން ފިލުވައިދިނެވެ. އިފާމެން އެރޭ އިޒް އަށް ސަޕްރައިޒެއް ދޭންވެގެން ރޭވި ވާހަކަ ކިޔައިދިނެވެ. އަދި އިޒްގެ ރައްޓެހި ދެކުއްޖަކު މާލެއިން އެބަ އަންނަކަމަށްވެސް އިފާ ބުނެދިނެވެ. އޭނާ ބޭނުންވީ އަށެއް ޖަހަންކައިރި ވީމާ ކޮންމެވެސް އެއްޗެކޭ ކިޔައިގެން އިޒާން އަހަރުމެންގެ ކޮޓަރިއަށް ގެންދާށެވެ. އޭނާ އައީ އަހަރެން މިކޮޅަށް އައިތަން ފެނިގެން އެވާހަކަ ބުނަން ކަމުގައިވެސް ބުންޏެވެ.
އެހިސާބުން އަހަރުމެން ތިންމީހުން އެކީގައި ހިގައިގަތީމެވެ. އަޅެ އިފާއަށް މިތަނަށް ނާދެވުނުނަމަ އަހަންނަށް އޭނާއާއި ވާހަކަ ދައްކާލާނެ ފުރުސަތު ލިބުނީސް ކަންނޭގެއެވެ. އެންމެ ކުޑަމިނުން އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުމޭ ބުނެލެވުނު ނަމައޭ އަހަރެންގެ ހިތަށް އެރިއެވެ.
އަށެއް ޖަހަން ކައިރިވުމުން އަހަރެން އިޒާން ގެނައީމެވެ. ކުޑައިރުކޮޅެއް ނުވަނީސް އިވާންކޮއްކޮއާއި އަދިވެސް އިޒްގެ ރައްޓެހި ދެތިން ކުއްޖަކު އައިސް އޭނާ ގޮވައިގެން ދިޔައީއެވެ. އެއާއިއެކު އަހަންނާއި ހުސޭނުއާއި ދެމީހުންވެސް ތައްޔާރުވެގެން ކާން ދާން ނުކުތީއެވެ.
އަހަރުމެން ރެސްޓޯރެންޓަށް ދިޔައީ ޒާހިރާމެންނާއި އެކީގައެވެ. އޭނާއަށް އިޝާން ފެނުމާއި އެކު "އަހަރެން ހީކުރީ ޝެރީންވެސް ގޮވައިގެން ކަމަށް އަންނާނީ" އޭ ބުނެލިއެވެ.
"މާދަންރޭ ޕާޓީއަށް އަންނާނޭ" އިޝާން ޖަވާބު އަޑުއިވުމުން އަނެއްކާވެސް އަހަރެން މޭބޮޑުވާ ގޮތް ވިއެވެ. ވަގުތު ދަނީ ކުޑަތަން ވަމުންނެވެ. މިރޭ ކޮންމެހެނެއް ހަދާފައިވެސް އަހަރެން އިޝާން އާއި ވާހަކަ ދައްކަން ޖެހޭނެއެވެ.
އަހަންނަކަށް ކެއުމަކާވެސް ގަޔާއެއް ނުވެވުނެވެ. ހުސޭނުގެ ކިބައިން ސަލާމަތްވެ އެކަނި ވަގުތުކޮޅެއް ހޯދާނީ ކިހިނެތްބާވައޭ ހިތަށް އަރަމުން ދިޔައެވެ. އެތާނގައި މައިގަނޑު ގޮތެއްގައި ދެކެވުނީ ކައިވެނީގެ ވާހަކައެވެ. އަހަރެންގެ މަސައްކަތުގެ ފުރިހަމަ ވާހަކަ ޒާހިރާ ފެށުމުން ހުސޭނު ވަރަށް ފަޚުރުވެރިވެލާފައި އަހަންނަށް ތަޢުރީފު ކުރަން ފެށިއެވެ.
ކައިނިމުމުން ހުސޭނު ބޭނުންވީ އައިމިންދައިތަމެން ގެއަށް ދާށެވެ. އަހަރެން ދާކަށް ބޭނުމެއްނޫނެވެ. އަހަރެން ބުރަކަށީގައި ރިއްސާތީ އޮށޯންނަން ދާން ބޭނުންކަމުގައި ހުސޭނު ގާތު ބުނީމެވެ.
"އެހެންނޫނަސް އެއީ ހާދަ ދުރޭ ހިނގާފަ ދާން!" އަހަރެން ހުސޭނުއާއި ދިމާލަށް އެހެން ބުނިއަޑު އިވިގެން އިޝާން ކޮންތާކަށް ދާންވީތޯ ސުވާލުކޮށްލިއެވެ.
ހުސޭނު ބޭނުންވަނީ ޖަލުކައިރި ހުރި ގެއަކަށް ދާށޭ އަހަރެން ބުނުމުން އިޝާން ސައިކަލުގައި ގެންގޮސް ދީފާނަން ކަމުގައި ބުނެލިއެވެ. އެހިސާބުން ހުސޭނަކަށް އަހަރެން ގެންދަން މަޖުބޫރު ކުރާކަށް ނުކެރުނެވެ. އިޝާންގެ ފަހަތުންގޮސް އޭނާގެ ސައިކަލަށް އެރިއެވެ. އަމްޖަދުވެސް އޭނާގެ ޑައިވް ސެންޓަރާއި ދިމާލަށް ހިނގައިގަތުމުން އަހަންނާއި ޒާހިރާއާއި ދެމީހުންވެސް ހިނގައިގަތީއެވެ.
އަހަރުމެން ދެމީހުން އެކީގައި ދަމުން މާގިނައިން ކެވިއްޖެޔޭ ކިޔާފައި ޒާހިރާ ވާހަކަ ފެށިއެވެ. އެކަމަކު އަހަންނަކަށް އޭނާގެ ވާހަކައަކަށްވެސް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. އޭރު އަހަރެން ވިސްނަމުންދިޔައީ ކޮޓަރިއަށް ވަދެ އިޝާންއަށް ގުޅުމަށެވެ.
"ކިހިނެއް ފާތުން ތިހާ ބަނޑު ހިނދިކޮށް ތިހުންނަނީ؟ އައްޑޫމީހުން ވިހައިގެން މާވަރުގަދަ ބޭސްގަނޑެއް އަޅާވާހަކަ އަޑުއަހަން!" ޒާހިރާ ސުވާލު ކުރިއެވެ.
"ނޫން ތިކަހަލަ އެއްވެސްކަމެއް އަހަންނެއް ނުކުރަން". އޭރު ޒާހިރާމެން ގެޔާއި އަރާ ހަމަ ވެވިއްޖެއެވެ. އަހަރެން މަޑުނުކޮށް ކޮޓަރިއަށްދާން ހިނގައިގަތީއެވެ. ކޮޓަރިއަށް ވަދެ ބުރުގާ ނަގާފައި ހަރުގަޑުގައި އަޅުވާލާފަ ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓުނީމެވެ. ޒާހިރާ އެބުނި ފަދައިން އަހަރެން އަދިވެސް ރީތި ހެއްޔެވެ؟ އަރިއަށް ހުއްޓި އަހަރެންގެ ބަނޑުގައި އަތްކާއްތާލީމެވެ. މިފަހަރު މާފުއްޓަށް އައުމުގެ ކުރިން އަހަރެންގެ އިސްތަށި ގަނޑު ކޮޅުތައް އެއްވަރު ކޮށްލާ ނިއްކުރި މަތިން މަދުމަދުން ދައްކާލާފައިވާ ހުދު އިސްތަށި ތަކުގައިވެސް ކުލަ ޖައްސާ ހަދާލީމެވެ. އަހަރެންގެ އިސްތަށިގަނޑުގައި އައްސާފައިވާ ވޫލްކޮޅު ނަގާ އިސްތަށި ގަނޑު ނިއުޅާލީމެވެ. ލޯގަޑުން ފެންނަމުން ދިޔަ ސޫރަޔާއި މެދު އަހަރެން ހިތްހަމަ ޖެހުނެވެ. އަހަރެން އަމިއްލައަށް ހިނިތުންވެލީމެވެ.
މިހާރު ހުސޭނު އެގެއަށް ލާފައި އިޝާން އަތުވެދާނެ ބާއޭ ހިތަށް އެރިއެވެ. އޭނާއަށް ގުޅުމުގެ ކުރިން ކޮންތާކުތޯ އަހާލަން މެސެޖެއް ފޮނުވަން އަހަރެން ނިންމީމެވެ. އެނދުމަތީގައި އޮތް ފޯނު ނަގަން އެނބުރިލިވަގުތު އަހަރެން ދިޔައީ ސިއްސައިގެންނެވެ. ކޮޓަރި ދޮރު ހުޅުވައިގެން ދޮރުމަތީ ހުރީ އިޝާންއެވެ. އޭނާގެ މޫނު މަތި ހުރިގޮތް ފެނުމުން ބިރުވެރިކަމެއްގެ އޮއެވަރެއް ހަށިގަނޑު އެއްކޮޅުން އަނެއްކޮޅަށް ދަތުރުކުރިކަން އިހުސާސްވެގެން ދިޔައެވެ.
"ތިއީ ކާކު؟" އޭނާގެ އަޑާއި ރާގު ވަރަށް ތަފާތެވެ.
"ތިއީ ކާކު ހޭ؟" އަހަންނަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އަނެއްކާވެސް އޭނާ ސުވާލު ކުރިއެވެ. ކުރީފަހަރަށްވުރެވެސް ބާރަށެވެ. އަހަރެން ބުރުގާ ނާޅާ ހުއްޓާ ފެނުމުން އޭނާއަށް އެނގުނީކަން އަހަންނަށް ޔަގީންވިއެވެ. އެކަމަކު އޭނާގެ މޫނުމަތިން އެ ފެންނަމުން ދިޔަ ކުލަވަރުން އަހަންނަކަށް ހީލާކަށް ނުކެރުނެވެ.
"ތި ހީވީ ހަމަ ރަނގަޅަށް.. މިއީ ރީ..ރީނާ!
އަހަންނަށް އެހެން ނުބުނެވެނީސް އޭނާ އަހަންނާ ދިމާއަށް އަންނަން ފެށިއެވެ. ކުޑަ ހިނދުކޮޅަކަށް އަހަރެންގެ ހިތް އުފަލުން ތެޅި ފޮޅިގަތެވެ. އޭނާގެ އިންތިޒާރުގައި ދެއަތް އުފުލާލީމެވެ. އެހެންނަމަވެސް އެ މޫނުމަތިން އެއްވެސް ހިނިތުންވުމެއްގެ އަސަރު ފައުޅު ނުވާކަން އެނގުނު ހިސާބުން އަހަރެން ޖެހިލުންވިއެވެ.
އަހަރެންގެ ކުރިމައްޗަށް ހުއްޓިފައި އޭނާވެސް އަތްނެގިއެވެ. އެކަމަކު ހިފީ އަހަރެންގެ އިސްތަށިގަނޑުގައެވެ. ފުދޭވަރަކަށް ބާރަށެވެ. އަނެއްއަތުން އަހަރެންގެ ކޮނޑުގައި ހިފާފައި އަނބުރާލަމުން އިސްތަށި ގަނޑު ހިއްލާލާފައި ބަލާލިއެވެ. އަދި މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ދޫކޮށްލާފައި ފަހަތަށް ޖެހިލިއެވެ. އޭނާ ދެލޯ ބޮޑުކޮށްގެން އަހަންނާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެވީގޮތް އަހަންނަށް ވިސްނެން ވަގުތު ކޮޅެއް ނެގިއެވެ. އޭނާ އެބެލީ ކަންފަތް ބިއްދޮށުގައި އިން ކަޅުތިލައެވެ. މިއީ ހަމަ އަހަރެންތޯ އޭނާ ޔަގީން ކުރީއެވެ.
"އިޝާން!" ވަރަށް ހިތްވަރު ކޮށްފައި ތަނަށް ވެރިވެފައިވާ ހަނުހިމޭންކަން ފޫއަޅުވާލަމުން އަހަރެން ވާހަކަ ދައްކަން ފެށީމެވެ. "އަހަރެން ......"
"ނޫން!" އިޝާން އަތުން އިޝާރާތް ކޮށްލިއެވެ. "އެއްވެސް ވާހަކައެއް އަޑު އަހާކަށް ބޭނުމެއްނޫން..!" އޭނާ ދެއަތަކަށް ބޯ ހޫރާލި ވަގުތު އެ ދެލޮލުން ހިލިފައިވާ ކަރުނަ ބޮކިއަލީގައި ވިދާލިތަން އަހަންނަށް ފެނުނެވެ. އޭނާ ދާން ހިނގައިގަތެވެ.
އަހަންނަށް ހުރެވުނީއެވެ. ހުއްޓުން އަރާފައެވެ. މިއީ އަހަރެން މީކާކުކަން އޭނާއަށް ހާމަ ކޮށްދޭން އަހަރެން އުއްމީދު ކުރި ގޮތެއް ނޫނެވެ. އޭނާ ދެން ދުވަހަކުވެސް ރީނާއާ ވާހަކަ ނުދައްކާނެކަމަށް ބުނީ ހަމަ ސީރިއަސް ކޮށް ހެއްޔެވެ؟. އަހަރެން ވާހަކަ ދައްކަން ބޭނުންވިއެވެ. އެކަމަކު އަޑެއް ނުނިކުތެވެ. އޭނާ ގޮސް ދޮރުގައި ހިފާފައި މަޑުކޮށްލިއެވެ. އަހަންނާއި ދިމާލަށް އެނބުރުނެވެ.
" ހުސޭނު ބުނި އޭނާއާއި ދިމާވިއިރު... ބަނޑުބޮޑޭ.. އިޒްގެ ބައްޕައަކީ ކާކު؟" އޭނާ ވަރަށް ހަރުކަށިކޮށް ސުވާލުކުރިއެވެ.
"ލަތީފު! އެއީ ލަތީފުގެ ކުއްޖެއް!" އަހަރެންގެ ލޮލަށް ޖަމާވި ކަރުނަ ފައިބަން ފެށިއެވެ. އަހަރެން އިސްޖަހާލައިގެން އަވަސް އަވަހަށް ފޮހެލަން މަސައްކަތް ކުރީމެވެ.
" ދޮގުނަހަދާ ތެދަށް ބުނޭ!" އިޝާންގެ ރާގު ރުޅިވެރިއެވެ. އަހަރެން އިސްއުފުލައިލިއިރު އޭނާ އަނެއްކާ އަހަންނައި ދިމާލަށް އަންނަނީއެވެ.
"އެއީ ލަތިފުގެ.. އަހަރެން ރިސޯޓަށް ދިޔައިރު ބަނޑުބޮޑު ކަމެއް ނޭނގެ!" އަހަރެން އޮޅުން ފިލުވައިދިނީމެވެ. އަހަރެންގެ ކައިރިއަށް ހުއްޓުނު އިޝާން އާއި ދިމާއަށް ކަރުނައިން ފުރިފައިވާ ލޮލަކުން އަހަރެން ބަލައިލީމެވެ. އޭނާގެ މޫނު މަތިން ފެންނަން ހުރީ މީގެ ކުރިން ދުވަހަކު ވެސް އަހަންނަށް ފެނިފައި ނުވާ ކަހަލަ އަސަރު ތަކެކެވެ.
"އެއީ އަހަރެންގެ ދަރިއެއް ނޫންކަން ހަމަ ޔަގީންތަ؟" އޭނާ އެހެންބުނުމުން އަހަރެން ސިހުނެވެ. އޭނާ އެހެން ހީކޮށްފާނެޔޭ އަހަރެން ފަހަރެއްގައިވެސް ހިތަކަށް ނާރައެވެ. އެހެންނަމަވެސް އަހަރެންގެ ސިކުނޑިތެރެއަށް އެމަންޒަރުތައް، އެ ހާދިސާ ވަގުތުން ވެރިވެގަތެވެ.
"ހާސްނުވޭ އެއީ އިޝާންގެ އެއްނޫން!" އަހަރެން ލޯ ފޮހެލާފައި ނޭފަތްދަމާލީމެވެ. "މާތް ﷲ ގަންދީ ހުވާކުރަން....."
"ނަސީބެއް ތީ!" އަހަރެންގެ ވާހަކަ އަޑުނާހާ އެހެންބުނެލާފައި އޭނާ އަނެއްކާވެސް ހިނގައިގަތެވެ. އަހަރެން ލޯ ފޮހެލީމެވެ. މިގުޅުން މިގޮތަށް ނިމިގެން ދާކަށް އަހަންނެއް ނޭދެމެވެ. އަހަރެންގެ ގައިގަ ނެތް ހިތްވަރުލާފައި ނަމަވެސް، އިޝާން އާއި ކުރިމަތިލާށޭ އެވަގުތު އަހަރެންގެ ޟަމީރު ބުނެދިނެވެ.
އަހަރެން ދުވެފައި ގޮސް އޭނާގެ ކުރިބެއްދީމެވެ. "ނޫން! މަޑުކުރޭ! އަހަންނަށް ވާހަކަ ދައްކަން ފުރުސަތު ދީ!" އަހަރެން އޭނާގެ އަތުގައި ހިފުމުން ފޮޅުވަލިއެވެ. "ޕުލީޒް!" އަހަރެން އާދޭސް ކުރީމެވެ. އޭނާ ދިޔަނުދީ ހިފާއްޓަން އަހަރެން މަސައްކަތް ކުރީމެވެ. "އިޝާން! އަޅެ އަހަރެންގެ ވާހަކަ އަޑުއަހާބަލަ!" އެހެންނަމަވެސް އޭނާ އެއަޑެއް ނޭހިއެވެ. އަހަރެންގެ މޭގައި އަޅާ ކޮށްޕާލީއެވެ. އަހަރެން ގޮސް އެނދުމައްޗަށް ވެއްޓުނުއިރު އޭނާ ދެން އިތުރަށް އޮޅުންފިލުވާނެ އެއްޗެއް ނެތޭ ބުނިއަޑު އިވުނެވެ. ދެން އިވުނީ ބަން ލާފައި ކޮޓަރި ދޮރު ލެއްޕުނު އަޑެވެ.
އަހަރެންގެ ވިސްނުން ކުޑަ ހިނދުކޮޅަކަށް ހުއްޓުމަކަށް އައިސްފައިވާ ކަހަލައެވެ. އެނބުރެމުންދާ ފަންކާގެ ފިޔަތަކަށް ބަލަހައްޓައިގެން އެއޮތްގޮތަށް އޮވެވުނީއެވެ. އިރުކޮޅެއްނުވަނީސް ކޮޓަރި ދޮރު ހުޅުވުނު އަޑު އިވުނެވެ. އެއީ ކާކުތޯ ބަލާލާން ބޯހިއްލާލި ވަގުތު އެނދުމައްޗަށް އެއްޗެއް އައިސް ޖެހުނެވެ. އެއާއެކު އަނެއްކާވެސް ދޮރު ލެއްޕުނެވެ. އެނދުމަތިން ފެނުނީ އޭނާގެ ކަރުގައި އަހަރެން އަޅުވައިދިން ރިހިފަށެވެ.
"މިފަށް ކަރުން ވަކިވާނީ އަހަރެން ރީނާ ދެކެ ލޯބިވުން ހުއްޓުނު ދުވަހަކުން!.."އެއަޑު އަހަންނަށް އިވުނު ކަހަލައެވެ.
އެފަށުން ދުވަނީ އޭނާގެ ސެންޓުވަހެވެ. އަހަރެން އެއަށް ބޮސްދިނީމެވެ. އޭރު އަހަރެންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހޮރިގެންފިއެވެ.
އަހަންނަށް އެހެން ރޯންއޮވެވެން ނެތްކަން އަހަރެންގެ ސިކުޑި ހަނދާންކޮށްދިނެވެ. އެފަދަ ހާލެއްގައި އޮއްވާ ހުސޭނުއައިސް ކުރާ އިތުރު ސުވާލު ތަކާއި ކުރިމަތިލާހާ ހިތްވަރެއް އަހަރެންގެ ކިބަޔަކު ނެތެވެ. އަވަސް އަވަހަށް އެފަށް ފޮރުވާފައި ނިދަން ތައްޔާރުވެގެން އޮށޯތީއެވެ. ކުރިމަތީގައި އޮތީ ދިގު ރެއެއްކަން އެނގިހުރެއެވެ.
-- ނުނިމޭ --