12 Aug 2023

އަހަންނަށް އެހެން ރޯންއޮވެވެން ނެތްކަން އަހަރެންގެ ސިކުޑި ހަނދާންކޮށްދިނެވެ. އެފަދަ ހާލެއްގައި އޮއްވާ ހުސޭނުއައިސް ކުރާ އިތުރު ސުވާލު ތަކާއި ކުރިމަތިލާހާ ހިތްވަރެއް އަހަރެންގެ ކިބަޔަކު ނެތެވެ. އެފަށް އަވަސް އަވަހަށް ފޮރުވާފައި ނިދަން ތައްޔާރުވެގެން އޮށޯތީއެވެ. ކުރިމަތީގައި އޮތީ ދިގު ރެއެއްކަން އެނގިހުރެއެވެ.

ކަންވީގޮތް އެނގުނީ އަނެއްދުވަހު ހެނދުނު ހުސޭނު ކިޔައި ދިނުމުންނެވެ. "އަހަންނަށް ރޭގައި އިޝާން ކައިރީ ބުނެވިއްޖެ އިޒާން އަކީ އަހަރެންގެ ދޮންދަރިއެއްކަން!" އޭނާ ބުންޏެވެ.

"އެހެންތަ؟" އަހަރެން ވަރަށް އާދައިގެ ގޮތަކަށް އަހާލެވޭތޯ މަސައްކަތް ކުރީމެވެ.

"އަސްލު ވީގޮތަކީ އިޝާން އެހީ ކިހިނެތްހޭ އަހަންނާއި ފާތުންނާ ދިމާވީ، އެހެން އެހީމާ އަހަންނަށް ބުނެވުނީ އެންމެ ފުރަތަމަ ފާތުން ފެނުނުއިރު ހުރީ ބަނޑު ބޮޑު ކޮންނޭ....އިޝާންއަށް އޭގެ މާނަ ނުބައިކޮށް ނެގެނުހެން ހީވީމަ އަހަރެން ކިޔައިދިނީ އިޒާންގެ އަސްލު ބައްޕައަށް ވީގޮތް" ހުސޭނުއަށް އެކުރެވުނީ ކިހާވަރެއްގެ ކަމެއްކަން ނޭނގި އޭނާ އެކަންވީގޮތް އަހަންނަށް ކިޔައިދިނެވެ. އަހަންނަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ދުރުބަލަން އިނދެވުނެވެ. އޭރު އަހަރުމެން ތިބީ ހެނދުނު ސައި ބޯންވެގެން ރެސްޓޯރެންޓަކަށް ގޮހެވެ. އިޒާންމެންގެ އިންތިޒާރުގައެވެ.

'"އަސްލު އެކަން ޖެހޭނެ އަމްޖަދުމެން ކައިރީ ވެސް ބުނަން .. އެއީ އޮޅުވާލާ ވަރުގެ ކަމެއްނޫން!" ހުސޭނު އިތުރަށް ބުންޏެވެ.

"އާނ! އެކަމަކު މިއަދަކު ނޫން!" އަހަރެން ހުސޭނު ގާތުބުނީމެވެ.

އަހަންނާއި އިޝާންއާ ދެމީހުންނަށް ކިހާ ކައިރިއަކަށް އާދެވުނު ހެއްޔެވެ؟ ހުސޭނު މިރަށަށް އައުން އެންމެ ދުވަހެއް ލަސްވިނަމަވެސް މިހެންމިކަން ދިމައެއް ނުވީހޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަންނަށް ހިންދިރުވާލެވުނެވެ. އިޝާން ބުނީ ތެދެކެވެ. ތަގްދީރުގެ ކުރިމަތީގައި އެންމެންވެސް ޖެހޭނީ ހަމަ ބޯ ލަނބާށެވެ.

އިރުކޮޅެއްނުވަނީސް އިޒާން އާއި އިވާން ކޮއްކޮ އައެވެ. ހުސޭނު ބައްޕައެއްގެ ހައިސިއްޔަތުން އިޒާން އަށް ނަސޭހަތް ދީ ކައިވެނީގެ ވާހަކަ ދައްކަންފެށިއެވެ. އަހަރެންގެ ހިތް ފުޑުފުޑުވެގެން ގޮސްފައި ވާއިރުވެސް އުފާވެރި މޫނަކާއިއެކު އަހަރެން ފިރިމީހާއާއި ދަރިފުޅާ އަދި ކޮއްކޮއާއި މުޚާތަބު ކުރަމުން ގެންދިޔައީމެވެ.

ސައިބޮއެ ނިމިގެން، އެތިންމީހުން ނައްޓާލީ އިޒާންގެ ކޮޓަރީގެ މަސައްކަތަށެވެ. އަހަރެން ބޭނުންވީ އެކަނިވެލާށެވެ. އެހެންވެ، ބޮލުގައި ރިއްސަނީ ކަމުގައި ބުނަމުން އަހަރެންގެ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހީއެވެ. އެނދުގައި އޮށޯވެ، އެނބުރެމުންދާ ފަންކާއަށް ބަލަހައްޓައިގެން އޮވެވުނީއެވެ. އަހަރެން ހީކުރި ގޮތާ ޚިލާފަށް ރޭގައި އަހަންނަށް ނިދުނީތީ އަހަރެން ހައިރާންވިއެވެ. ހުސޭނު ނިދަން އައި އިރެއްވެސް އަހަރެން ނުދެނަހުރީމެވެ. އަހަންނަށް ހަމަޖެހިލައިގެން ނިދާލެވުނީ، އަހަރެން މިއީ ކާކުކަން އިޝާންއަށް އެނގުމުން އެލިބުނު ހިތްހަމަޖެހުމުގައި ކަންނޭގެއެވެ.

އިރުކޮޅެއް ކޮށްލާފައި އަހަރެން ތެދުވެ އިސްތިރި ކުރަން ފެށީމެވެ. އަހަރެން ކިތަންމެ މަސައްކަތެއް ކުރިއަސް އެހާދިސާ ހަނދާން ނައްތައެއް ނުލެވުނެވެ. އަހަރެން މިއީ ކާކުކަން އެންމެ ފުރަތަމަ ދުވަހު އިޝާން ކައިރީ ބުނެވުނުނަމަ މިހިސާބަކަށް އަންނާކަށް ނުޖެހުނީހޭ ހިތަށް އެރިއެވެ. އޭނާ ހަމަ އަސްލުވެސް އަހަރެންދެކެ ރުޅިއައީ ހެއްޔޭ ހިތަށް އެރުމާއިއެކު އަނެއްކާވެސް ލޮލުން ކަރުނަ ހިލޭގޮތްވިއެވެ. އިޝާން އާއި ދިމާކުރަން އެހިސާބަށް ދާންވީ ބާވައެވެ؟ އޭނާ އަހަންނާއި ދިމާލަށް އެފަށް އެއްލާފައި ދިޔައެއްކަމަކު، އެއްފަހަރުން އޭނާ އަހަރެންދެކެ ލޯބިވުން ހުއްޓާލެވޭނެ ކަމަކަށް އަހަރެންގެ ހިތެއް ގަބޫލެއްނުކުރިއެވެ. އެހެންނަމަވެސް، މިއަދު މިގަޑީގައި އޭނާ އަހަންނަށް ރުޅި މޫނު ދައްކައިފިއްޔާ އަހަރެން ދެރަވެގެން ގޮސް މުޅިން ހިތްވަރު އެލޭނެކަން އަހަންނަށް ޔަގީނެވެ.

އެވަގުތު އަހަރެން ގޮތްނިންމީމެވެ. މިއަދު އަހަރެން ވިސްނާނީ ދަރިފުޅުގެ ކައިވެންޏާ މެދުއެވެ. އިޝާންއާއި އަދި ހުސޭނުއާއިވެސް ކުރިމަތިލާނީ އޭގެފަހުންނެވެ. ހުސޭނުއަށްވެސް ނޭނގި ނަމަވެސް އެކުރެވުނީ އަހަންނަށް ދުވަހަކުވެސް މަޢާފު ނުކުރެވޭ ވަރުގެ ކަމެކެވެ.

އެދުވަހު މެންދުރުވާން ވީއިރަށް ރަށުން ކައިވެންޏަށް އަންނަ ހުރިހާ އެންމެން އަތުވެއްޖެއެވެ. އޭގެ މާގިނައިރެއް ނުވަނީސް ދޮންބޭބެމެންނާއި އެކީގައި މަންމަވެސް މާފުއްޓަށް އައެވެ. އަހަރެން ހުރިގޮތް ފެނިފައި މަންމަ ސުވާލު ކުރަންފެށިއެވެ. އެވަގުތު އަނެއްކާވެސް އަހަރެންގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އެންމެފަހުން އަހަރެން އުއްމީދު ކުރިގޮތަށް އަހަރުމެންނާއި އެކީގައި ރަށުގައި ދިރިއުޅެން އަހަރެންގެ ދަރިފުޅު ނާންނާނެކަން ހިތަށް ވަނީމާ ދެރަވަނީ ކަމުގައި މަންމަ ކައިރީ ބުނެލީމެވެ. އަހަރެންގެ ވާހަކަ މަންމަ ގަބޫލު ކުރިއެވެ.

ކައިވެނި ގަޑި ކައިރިވީ ވަރަކަށް އަހަރެން ފިނިވާން ފެށިއެވެ. އަހަރެންނަށް 'ފާތުން' ގެ ނިވަލުގައި ފިލާ ހުރެވޭނެ ވަގުތު ނިމުމަކަށް އަންނާތީއެވެ. އަހަރެން ވަރަށް ނަލަ ހެދުނީމެވެ. އަހަރެން، އަހަރެންގެ ދިރިއުޅުމުގައި އުފަލުގައި އުޅެމުން ދާކަން ޝެރީންއަށް ދައްކަން ބޭނުންވިއެވެ.

ކައިވެނި ޕާޓީ އޮތީ ޒާހިރާގެ ބޭބެގެ ރެސްޓޯރެންޓާއި ދިމާލުން މަގުގެ އަނެއްފަރާތުގައި ގޮނޑު ދޮށުގައެވެ. އެތަނުގައި ވަކިވަކިން މޭޒު ޖަހާލާފައި ކުދިކުދި އުއްބައްތި ދިއްލާލާފައި އޮތްއިރު ވަރަށްވެސް ހިތްގައިމެވެ. އިޝާން މާފުށީގައި ނެތްކަން އެނގުނީ ތައްޔާރުވެގެން އަހަރުމެން އެތަނަށް ދިޔަފަހުންނެވެ. އޭނާއަށް ނާދެވޭނެ ވާހަކަ ބުނަން އަހަރެންގެ ދަރިފުޅަށް މެސެޖުކޮށްފައި އޮތެވެ. އޭނާ ކުއްލިއަކަށް ތާކަށް ދާން ޖެހިގެން ރޭގައި ނައްޓާލީކަން އިފާއާއި ވާހަކަ ދައްކާ ލުމުން އެނގުނެވެ. އެކަމަކު އިފާވެސް ހުރީ ނުތަނަވަސް ކަމެއްގެ މަތީގައި ކަން އޭނާގެ ވާހަކައިން އަހަންނަށް އެނގުނެވެ.އޭނާގެ ބައްޕަ، އިޒްގެ ޕާރޓީ މިސްކޮށްލާ ވަރުގެ ބޮޑުކަމަކަށް ދިމާވީ ކޮންކަމެއް ކަން އޭނާއަށް ނުވިސްނިގެންނެވެ.

ކައިވެނި ވެވުނީއްސުރެ، އެމަންޒަރުތައް ފޮޓޯ އާއި ވީޑިއޯ ނަގަމުން ގެންދިޔައެވެ. އަހަރެން ހުރީ އުފާވެރި މޫނެއް ދައްކައިގެންނެވެ. އަހަރެން ބޭނުންވީ އިޝާންގެ އެއަމަލުން އަހަންނަށް އެއްވެސް އަސަރެއް ނުކުރާކަމަށް ހެދޭށެވެ. ޝެރީންއަށް އަހަރެން މިއީ ކާކުކަން އިނގޭ ހިނދު، އަހަރެންގެ ހިތުގައި އިޝާންއަށްޓަކައި އެއްވެސް ޚާއްސަ މަގާމެއް މިހާރު ނެތްކަން އޭނާއަށް ދެއްކުން އެއީ އަހަރެންގެ އެންމެ ބޮޑު ބޭނުމެވެ.

"އަޅެ ނުވެސް އިނގުނު.. ހާދަރީއްޗޭ ފާތުން" ކައިރިން އަންހެނަކު މިހެން ބުނެލިއަޑަށް ބަލާލިއިރު އެތާގައި ތިބީ ރިޔާޒް ދޮންބެގެ ދެމަފިރިންނެވެ. އަހަރެން އެމީހުންނާއި ސަލާމް ކޮށްލީމެވެ. މައިދައިތަ ނިޔާވިފަހުން އެދެމީހުންނާއި ދިމާ މިވީ އަދި ކިރިޔާއެވެ. "މިހާރު ތިކަހަލަ ހެދުންލާން ހުއްދަ ދިނީތާ؟" އާތިފާ ސިއްރުސިއްރުން އަހާލިއެވެ. އޭރު ހުސޭނަށްވެސް އެމީހުން ފެނިގެން އަހަރުމެންނާއި ދިމާލަށް އަންނަނީއެވެ.

"ހީވޭތަ؟.." އަހަރެން ހީލާފައި އަހާލީމެވެ.

އަހަރެން ލައިގެން ހުރީ މަޑުމަޑު ދަނބު ކުލައަކަށްދާ ހެދުމެކެވެ. ވަރަށް ގިނަ މީހުންނަށް އެހެދުން ރީތިވެގެން ތައުރީފު ކުރިއެވެ. އެކަމަކު އަހަރެން އުފާވާން ވީ ވަރާ ގާތަށް ވެސް އުފަލެއްނުވެވުނެވެ. އަހަރެން އޭހާ ބޮޑަށް ނަލަ ހެދުނީ އިޝާންއަށް ދެއްކުމަށޭ ބުންޏަސް އެއީ ދޮގަކަށް ނުވާނެއެވެ.

ކޮންމެއަކަސް ޕާޓީ ނިމިގެން ދިޔައިރުވެސް އިޝާންއެއް އަދި ޝެރީންގެ ޚަބަރެއްވެސް ނުވިއެވެ.ޕާޓީ ތެރެއިން އަހަރެން ޒާހިރާ ކައިރިއަށް ދިޔައިރު އެމީހުންވެސް އިޝާންގެ ފޯނު ނިވާލާފައި އޮވެގެން އެވާހަކަ ދެއްކިއަޑު އެހީމެވެ. "ޝެރީން ޕާޓީއަށް ނާންނަން ބޮޑާ ހޭކީ ކަންނޭނގެ!" ޒާހިރާ ވާހަކަ ދައްކަމުން ގެންދިޔައެވެ. އެއަޑު އިވުމުން އަހަންނަށް ބޭއިޚުތިޔާރުގައި ހިނިތުންވެވެން އުޅުނެވެ. މި ނާޒުކު ދަނޑިވަޅުގައި ޝެރީން އާއި ކުރިމަތި ލާން ނުޖެހުނީތީ ވަރަށް ބޮޑަށް ސިކުނޑިއަށް ލުއިވެގެން ދިޔައެވެ.

ދިހައެއް ޖެހުމުން ޕާޓީއަށް މާލެއިން އައި މީހުން ފުރަން ތައްޔާރުވިއެވެ. އޭރު އިޒާންއާއި ރިފުގާއާއި ދެކުދިންވެސް ކައިރީގައިވާ ރިސޯޓަށް ދާން ނައްޓާލައިފިއެވެ. ބޮޑު ދޮންތަމެންވެސް މާފުށީގައި ތިބެން ހަމަޖައްސާފައި އޮތީމަ އަހަރެން ބޭނުންވީ އެރޭ އަހަރެން ކައިރީގައި މަންމަ ބާއްވާށެވެ. އެހެންކަމުން ރިޔާޒް ދޮންބެމެންނާއި އެކީގައި ހުސޭނުވެސް ދިޔައީ މާލެއަށެވެ. އެއީވެސް އަހަންނަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެކެވެ.

ކޮޓަރިއަށް އައިސް ފާޙާނާއަށް ވަދެ އެތާނގައި އިނދެގެން އިޝާން އަށް މެސެޖެއް ލިޔުނީމެވެ. އަހަރެން މިއީ ކާކުކަން އިޝާންއަށް ބުނެދޭން ކިތަންމެހާވެސް ބޭނުންވި ކަމުގައި ބުނީމެވެ. އެކަމަކުވެސް އިފާގެ މަންމައަކީ ކާކުކަން އެނގުނީމާ އެ ޚިޔާލު ދޫކޮށްލީ ކަމުގައި ލިޔުނީމެވެ. އަހަރެން އެންމެ ފުރަތަމައިންނުން ވީ ގުރުބާނީ ހަނދާން ނައްތާ ނުލެވޭނެއޭ ލިޔުނީމެވެ. އިޝާން އޭނާއާއި އިނީތީ އެކަމާވެސް ޝަކުވާ ކުރީމެވެ. ދިގުމެސެޖެއް ލިޔެނިންމާލާފައި ކިޔާލާފައި އަހަރެންގެ ޚިޔާލު ބަދަލުވިއެވެ. މެސެޖް ފޮހެލީއެވެ. އަހަރެން ބޭނުމީ އިޝާންއާއި ވާހަކަ ދައްކާށެވެ. އެހެންކަމުން އަހަރެން ވާހަކަ ދައްކަން ހަމަ އެންމެ ފުރުސަތެއް ދޭށޭ ބުނެ މެސެޖް ކޮށްލީމެވެ.

ދަބަހުގެ އަޑީގައި ޓިޝޫކޮޅަކަށް ލާފައި ފޮރުވި ފަށް ނަގައިގެން އެޔާއި ދިމާލަށް ބަލަން އެތައްއިރަކު ހުރެވުނެވެ. އެފަށުން ވަސް ބަލާލަމުން ލޯމަރާލީމެވެ. ހަމައެހިނދު އެއޭނާގެ ކަރުންވަކި ވާނެ ދުވަހަކީ އޭނާ އަހަރެންދެކެ ލޯބިވުންވެސް ނިމުމަކަށް އަންނާނެ ދުވަސްކަމުގައި ބުނި މަންޒަރު ހިތަށް ސިފަވެގެން ދިޔައެވެ.

ހެނދުނު ހޭލާފައި ބެލިއިރު އިޝާން އެމެސެޖް ކިޔާފައި އިންކަން އެނގުނެވެ. އެހެންނަމަވެސް އޭނާ ޖަވާބެއް ނުދިނެވެ. އެވަގުތު އަހަރެންގެ އުއްމީދު އާވެގެން ދިޔައެވެ.

ހެނދުނު ސައި ބޮއެ ހަދައިގެން އަހަރުމެން އެއަރޕޯރޓަށް ދާން ތައްޔާރުވީމެވެ. ފުރަން ދިޔުމުގެ ކުރިން ގެސްޓު ހައުސް ކައިރިއަށް ދިޔައީމެވެ. އިޝާން އެނބުރިއައި ހެން ހީނުވާކަމުގައި އެތާނގައި އިން ކުއްޖާ ބުނެދިނެވެ. އެހިސާބުން ދެން މިދަތުރުގައި އަހަންނަށް އޭނާއާއި ދިމާނުވާނެކަން ޔަގީން ކުރީމެވެ.

އެއަރޕޯރޓުގެ ޑޮމެސްޓިކް ޓާރމިނަލް ތެރެއިން ހުސޭނު ފެނުމުން އަހަރެން ހީކުރީ އޭނާވެސް މަތިން ރަށަށް ދާން އުޅެނީކަމަށެވެ. އެކަމަކު އޭނާ އައިސް ހުއްޓުނީ އަހަރުމެންގެ ކައިރިއަށެވެ. މުހައްމަދު ބުނެގެން ކުއްލިއަކަށް ހިތަދޫ އަށް ދާން ޖެހުނީކަމުގައި އޭނާ ބުނެލިއެވެ. އަހަރެން ވީ ފޫއްސެއް ބުނާކަށްވެސް ނޭނގުނެވެ. އަހަންނަށް މިނިވަންކަމާއި އެކު ޚިޔާލު ކޮއްލާނެ ފުރުސަތެއްވެސް ދެން ނުލިބޭނެޔޭ ހިތަށް އެރިއެވެ.

ހުސޭނު ރަށަށް އައިގޮތަށް އަހަރުމެންނާއި އެކީގައި ގެޔަށް އައެވެ. އޭނާ ކުރެން ހިތަދޫ އަށް ނުދަނީތޯ ސުވާލުކުރުމުން އެކޮޅަށް ދާނީ މުހައްމަދު ގުޅީމާ ކަމުގައި ބުންޏެވެ. އަދި އަހަންނަށް އެހީވެދިނުމުގެ ގޮތުން ގޭގޯތި ތެރެ ސާފުކޮށްދޭން ފެށިއެވެ.

އަހަރުމެންނަށް ރަށަށް އާދެވުނު ވާހަކަ ބުނަންވެގެން އިޒާން އަށް ގުޅީމެވެ. އޭނާއާއި ވާހަކަ ދައްކަމުން އިޝާން އެނބުރިއައިތޯ އަހަރެން އޮޅުން ފިލުވީމެވެ. އެފޯނު ނިންމާލާފައި އަހަރެން ހުސޭނުކައިރީ އެބަ އަންނަމޭ ކިޔާފައި ސައިކަލަށް އަރައިގެން ނައްޓާލީއެވެ. އެކަހެރި ހިސާބަކަށް ދެވުމުން ސައިކަލު މަޑުކޮށްލާފައި އިޝާން އަށް ގުޅާލީމެވެ. އާދައިގެ ގޮތަށް ގުޅައިގެން ނުގުޅުނީމާ ވައިބަރ ، ވަޓްސް އަޕް އަދި މެސެންޖަރ އިން ގުޅަން އުޅެއުޅެ ވެސް ގުޅޭ ގޮތެއް ނުވިއެވެ. އެޔާއިއެކު އަހަރެންގެ ހިތް ބިރުގަންނަން ފެށިއެވެ. ގެއަށް ދިޔުމުގެ ބަދަލުގައި ބޮޑު ދޮންތަމެންގެއަށް ގޮސް ފޯނު އަތުލައިގެން ގުޅާލީމެވެ. އެޔާއިއެކު އިޝާންގެ ފޯނު ރިންގުވާން ފެށިއެވެ. އަހަރެން އަވަސް އަވަހަށް ފޯނު ހިފައިގެން މަގުމައްޗަށް ނުކުތީމެވެ. އިރުކޮޅަކު ރިންގު ވީފަހުން އޭނާ ފޯނު ނެގިއެވެ.

"އިޝާން އަހަރެން...." އަހަންނަށް ބުނެވުނީ އެހިސާބަށެވެ. އޭނާ ފޯނު ކަނޑާލީއެވެ.

ދެވަނަ ފަހަރަށް ގުޅުމުން އޭނާ ބިޒީ ކޮށްލީއެވެ. އޭނާ އަހަރެންގެ ނަމްބަރު ބުލޮކް ކުރީ ކަން ޔަގީންވީ އެހިސާބުންނެވެ. ހުސޭނު ސަބަބުން އަހަރެންގެ ހަޔާތަށް އެންމެ އަގުހުރި މިހާ ގެއްލުނު ކަން ޔަގީންވި ހިނދު އަހަރެން ކަރުނަ އަޅާރުއީމެވެ.

އެތައް އިރެއްކޮށްފައި އަހަރެން ގެޔަށް ދިޔައިރު ހުސޭނު ނެތްކަން އެނގުމުން އަހަރެންނަށް ހަމަޖެހިލެވުނެވެ. އެހެންނަމަވެސް އިޝާ ނަމާދުންފައިބައިގެން އޭނާ ގެއަށް އައިއެވެ. އޭނާ ފެނުމާއިއެކު އެކޮޅަށް ނުދަނީތޯ އަހާލެވުނެވެ. އޭނާ ދާނީ މުހައްމަދު ގުޅީމާ ކަމުގައި ބުނެލިއެވެ. އެހިސާބުން އަހަރެން ނުތަނަވަސް ވާން ފެށިއެވެ. މިރޭ އެނާއާއި ކުރިމަތިލާހަ ހިތްވަރެއް އަހަރެންގެ ކިބައަކު ނެތެވެ.

"އިވާންކޮއްކޮ ގާތު އެވާހަކަ ދެއްކިން އިނގޭ" އަހަރެންކައިރީ އުނދޯލީގައި އިށީންނަމުން ހުސޭނު ބުނެލިއެވެ. އޭނާ އެހެންބުންޏާކަސް އެއީ ކޮންވާހަކައެއް ކަމެއް އަހަރެން ހަނދާނަކަށް ނައެވެ. އަހަރެން ކޮންވާހަކައެއްތޯ ސުވާލު ކުރީމެވެ. ހުސޭނުގެ ގެ ހަދަން ލާރި ހޯދާވާހަކަ ކަމަށާއި އަހަރެން ގަބޫލިއްޔާ އެވަރު ދެވިދާނެކަމަށް އިވާން ކޮއްކޮ ބުނި ކަމަށް އޭނާ ބުނެލިއެވެ. ވަގުތުން އަހަރެން ހިތް ހަމަ ނުޖެހުނެވެ. އޭނާ އެވާހަކަ އަހަރެންގެ ކޮއްކޮއާދައްކާކަށް ނުޖެހޭނެއެވެ. އޭނައާއި ދިމާލަށް އަހަރެން އެހެންބުނީމެވެ.

"ކޮބާ މައްސަލައަކީ؟" ހުސޭނު ނުރުހުނެވެ.

"މައްސަލައެއް ނޫން އެކަމަކު......." އަހަރެން އިތުރަށް ވާހަކަ ދައްކާހިތެއް ނުވިއެވެ.

"އޭނާ އެބުނީ ލާރި އެބަހުއްޓޭ ފާތުން ގަބޫލު ވެއްޖިއްޔާ މިހިރީ ދޭގޮތަށޭ!" ހުސޭނު ބުނެލިއެވެ.

"އެއީ އަސްލު އިވާން ކޮއްކޮ ކިޔަވަން ދާން ވެގެން އެއްކުރާލާރި، ހުސޭނަކަށް ދުވަހަކުވެސް ތިއިން އެއްވެސް ލާރިއެއް އަނބުރާ ދެވޭތަނެއް ނާންނާނޭ!" ލިބުނު ހިތްހަމަ ނުޖެހުމުގައި އޭނާއާއި ދިމާލަށް އެހެންބުނެވުނެވެ. ކުރިން އަނބުރާދޭން ބުނެފައި ފައިސާ ހޯދި އެއްފަހަރަކުވެސް އަނބުރާ ދެވުނުތޯ އެހީމެވެ.

ހުސޭނަށް ލިބުނީ ކުއްލި ސިހުމެކެވެ. އަހަރެން އެހެން ވާހަކަ ދައްކަފާނެ ކަމަށް އޭނާ ހީނުކުރަނީ ކަންނޭގެއެވެ.

"މިހާރު ކަލަ ގޮވަން ފެށީތަ؟" އޭނާ ބުނެލިއެވެ.

"ދެން މަތަވީ ހުސޭނުގެ އަނެއް އަނބި އުޅޭނެ ތަންވެސް ހަދައިދޭން؟" އަހަރެން ގާތަށް ރުޅިއައިސްގެން ވަރަށް ބާރަށް ބުނެވުނެވެ. "ނުވާނެ ތިކަމެއް!" އަހަރެން ތެދުވެގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތީމެވެ. "ކޮންމެހެން އަޑުގަދަކޮށް ޒުވާބު ކުރަން ހަދާނެކަމެއްނެތް.... އުޅެން ބޭނުންނެތިއްޔާ އަވަހަށް ކޯރޓަށްދޭ!" އެވަގުތު ހުސޭނު ބުނި އަޑު އިވުނެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ދޭނުހޭ ގެންގޮސް ވަޔާއޭ

Popular