"ކޮންމެހެން އަޑުގަދަކޮށް ޒުވާބު ކުރަން ހަދާނެކަމެއްނެތް.... އުޅެން ބޭނުންނެތިއްޔާ އަވަހަށް ކޯރޓަށްދޭ!" އެވަގުތު ހުސޭނު ބުނި އަޑު އިވުނެވެ.
އަހަރެންގެ ފަހަތުން ކަހަލަ ގޮތަކަށް ހުސޭނުވެސް ކޮޓަރިއަށް ވަނެވެ. އޭނާ ވައިންގޮތަށް ވަދެ ދަބަސް ނަގައިގެން ނުކުމެގެން ދިޔައީއެވެ. އަހަރެން ނުކުތީ އިރުކޮޅެއްކޮށްލާފައެވެ. އޭރު އުނދޯލީގައި މަންމަ އިނެވެ.
"ކިހިނެއްތަވީ؟. ކޮންކަމަކާތަ ހުސޭނު ރުޅިއައިސްގެން އެ ދިޔައީ ؟" މަންމަ ސުވާލުކުރަން ފެށިއެވެ. ވީގޮތް އަހަރެން ކިޔައިދިނީމެވެ. އޭރުވެސް އަހަރެންގެ ރުޅިގަނޑު މައިތިރިއެއްނުވެއެވެ. އަހަރެން ހުސޭނުއަށް ދުވަހަކުވެސް މަޢާފެއް ނުކުރާނަމެވެ.
އަހަރެން ހީކުރިގޮތާ ޚިލާފަށް މަންމަ ވާހަކަ ދެއްކީ ހުސޭނުގެ ދިފާއުގައެވެ. އޭނާ ދޭން އެބުނާ އަދަދަކީ މާ ބޮޑު އެއްޗެއް ނޫނެއް ނޫންހޭ މަންމަ ބުންޏެވެ. މީހަކަށް އެހީ އެއްވެގެން ވާނެ ގެއްލުމެއް ނޯންނާނެއޭ ބުނެލިއެވެ.އެހިސާބުން އަހަންނަށް މަންމަ ދެކެވެސް ރުޅިއާދެވުނެވެ.
"މަންމަ އަކަށް ނޭނގޭނެ ހުރިހާ އެއްޗެއް... އެހެންނަމަ ތިހެނެއްނުބުނާނެ!" އަހަރެން ވަރަށް ހިތްހަމަނުޖެހުނެވެ.
"ތިއެއް ނޫނެކޭ ނުބުނަމޭ. އެކަމަކު ހުސޭނު ވެސް ބޮޑު ކަމެއް ޖެހިގެން ބުނީމަ...."
"ދެން އޭނާގެ އެއަނބި ދަރިންނަށްވެސް ޚަރަދު ކުރަންވީވެސް އަހަރެންތަ؟" އަހަރެން އައި ރުޅީގައި ފެންކަޅިވާން ފެށިއެވެ."މަންމަ ލާރި ދެންޏާ ދީ.. އަހަންނެއް ނުދޭނަން.. ދެން އޭނާ އާއި އެކީ ނުވެސް އުޅޭނަން!" އެވަގުތު އަހަރެން ގޮތް ނިންމީމެވެ.
އަހަރެން ކޯޓަށް ދިޔައީމެވެ. އެހިސާބުން ހުސޭނުވެސް އެއްވެސް ބަހަނާ އެއްނުދައްކާ އަހަރެން ވަރިކޮށްދިނެވެ. އަހަންނަށް ހީވާގޮތުން ހުސޭނު އެކަންކުރަން ބޭނުންވެ، ކުރަން ނުކެރިފައި ހުންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އަހަރެން ވަރިވުމުން ގަމު ރައްޓެހިން ގުޅާފައި އެކަމަށް ސާބަސް ދިނެވެ. އެކަން ކުރަން މާލަސްވެސް ވެއްޖެކަމުގައި އެންމެން ބުންޏެވެ. އަހަރެން ހިތްހަމަ ޖެހުނެވެ. އަހަންނަށް މިކުރެވުނީ ގޯސްކަމެއް ނޫންކަން އަހަރެންގެ ރައްޓެހިން ބުނެދިނީތީއެވެ.
އިޒާން އެވާހަކަ ކިޔައިދިނީ އެމީހުން ހަނީމޫނު ނިންމާފައި އެބުރި ރާއްޖެ އައި ފަހުންނެވެ. އޭނާ ކަންބޮޑުވިއެވެ. އަހަރެން ދެރަވެފައި ހުރެދާނެތިއެވެ.
"އިޒް އަބަދުވެސް ހިތަށް އަރާ މަންމަ ހަމަ ހެޕީ ބާވައޭ ބައްޕައާ އެކީ" އިޒާން ބުނެލިއެވެ. "ދޮންމަންމައާ އިންފަހުން ބައްޕަ މަންމަ އަށް ކެއަރ ނުކުރާކަން އެނގޭ!"
"މަންމަ މިހާރު ހެޕީ" އަހަރެން ޖަވާބު ދިނީމެވެ. އަދި ދެން ބައްޕަ އާއި ކުރިމަތި ލާން ނުޖެހޭނެ ނޫންހޭ ބުނީމެވެ. " ހަމަ ގައިމުވެސް ކަޅު ހެދުން ނުލާ ތަންތަނަށް ގޮސްގެން މައްސަލައެއް ނުޖެހޭނެ ދޯ!" އަހަރެން ބުނީމެވެ.
އަހަރެން އިޒާން އަށް ނަސޭހަތް ދިނީމެވެ. އިޒާން އާއި އޭނާގެ ބައްޕަ އާއި ދެމެދުގައި އޮތްގުޅުމަށް އެއްވެސް ބަދަލެއް އަޔަ ނުދިނުމަށް އެދުނީމެވެ.
ދުވަސް ކޮޅެއްވީއިރު، ހުސޭނު ކައިރިން ވަރިވެވުމުން ލިބުނު މިނިވަންކަމުގެ މައްޗަށް އަހަރެންގެ މާޔޫސްކަން މަޑުމަޑުން ގަދަވާންފަށައިފިއެވެ. އަހަރެންނަށް ވަރަށް ބޮޑަށް އެކަނި ވެރިކަން އިހުސާސް ކުރެވެންފެށިއެވެ. ކުރިން އަހަރެން ދިރިއުޅެމުން އައީ އިޝާންގެ ފޯނު ކޯލު ތަކުގެ އިންތިޒާރުގައެވެ. އެއް ކޯލުން އަނެއް ކޯލަށް އޭނާ ދެއްކި ވާހަކަތައް ހަނދާން ކުރުމުގައެވެ. އަދި ދޭތެރެއަކުން ފޮޓޯއެއް ފޮނުވާލާ މެސެޖް ކޮށްލާހެދުމުގައެވެ. މާފުއްޓަށް ހުސޭނުއައި ދުވަހު އިޝާންގެ ހުރިހާ މެސެޖެއް ފޯނުން ފުހެލުމުން އޭނާގެ ހަނދާނުގައި ބަލާލާނެ ހަމަ އެކައްޗެއް ވެސް ފޯނަކުނެތެވެ. ހުރީ ހަމަ އެކަނި ޔޫޓިއުބު ހުޅުވާލީމާ އެއިވޭ ލަވަ ތަކެވެ. އެލަވަތަކަކީ މިވަގުތު އަހަންނަށް ނުގުޅޭ ބޭހެކެވެ. އަޑުއިވުމުން އަހަރެންގެ ހާލަތު ވާނީ އިތުރަށް ގޯހެވެ. އަހަރެން ކަންތައްތައް މަތިން ފޫހިވާންފެށިއެވެ. ފަހަން އިންނަ ހިތެއްވެސް ނުވެއެވެ. ކުރިން އިންނަހެން މަންމަ އާއި އެކު ހިންދީ ޑުރާމާ ބަލަން އިންނަހިތެއް ވެސް ނުވެއެވެ. ބުރާސްފަތި ދުވަހުގެރޭ ބޮޑު ދޮންތަގެ ގެޔަށް އެންމެން އެއްވެގެން ކަރޯކޭ ޖައްސާ ހަދާއިރުވެސް ބަހަނާ ދައްކާފައި ނުދާން ފެށީމެވެ. އަހަރެން ބޭނުންވަނީ އަބަދު އެކަހެރިތަނެއްގައި އެކަނި މާއެކަނި އިންނާށެވެ. އެހެންއިނދެގެން އަހަރެން ގެ ހަޔާތާއި މެދު ވިސްނަމެވެ. އަދިވެސް މިލިބެނީ ހަމަ އެކުށުގެ ސަޒާބާވައޭ ހިތަށް އަރައެވެ.
އެއްރޭ އިރުއޮއްސުނު ވަގުތު އަހަރެން އިޒާން އަށް ގުޅިއިރު އޭނާ އުޅެނީ މަސް ދަތުރަކު ދާން ކަމުގައި ބުންޏެވެ. އިޝާން މެންގޭ މީހުން އައިސް ގެން އެމީހުންނާ އެކީގައި ކަމަށް ބުންޏެވެ. އަހަރެން ދެރަވިއެވެ. އަހަންނާ ގުޅުން ކަޑާލުމުން އިޝާންއަށް އެއްވެސް އަސަރެއް ހަމަ ނުކުރަނީހޭ އަހަރެންގެ ހިތަށް އެރިއެވެ. އިޒާންގެ ވާހަކައިން އިފާގެ މަންމަ އޮސްޓުރޭލިޔާއަށް ދިޔަކަމާއި އިފާވެސް ވަރަށް އަވަހަށް ފުރާނެކަންވެސް އަހަންނަށް އެނގުނެވެ.
ފޯނު ބޭއްވިއިރު އަހަރެން އިނީ ފެންކަޅިވެފައެވެ. އިޝާން އަޅެ އަހަރެންދެކެ ހަމަ އެހާ ރުޅި އަންނާނެ ކަމަކަށް އެއްގޮތަކަށްވެސް އަހަންނަކަށް ގަބޫލެއްނުކުރެވުނެވެ. އޭނާ އެބުނި ވަރަށް އެއްއިރެއްގައިވެސް ލޯބި ނުވަނީބާވައެވެ؟
"ދަރިފުޅަށް މިހާރު ކިހިނެއް ތިޔަވަނީ؟ މަންމައަށް ވަރަށް ގަބޫލު ކުރަން ދަތި، ތިއި ހަމަ ހުސޭނު ނެތުމުން ކުރާ ހިތާމަ އެއްކަމަށް" މަންމަ ބުންޏެވެ. އަހަރެން ފިކުރުތަކުގެ ތެރެއަށް ގެއްލިފައި އިންދާ މަންމައައިސް ސުވާލުކުރިއެވެ.
އަހަރެން ހިތާމައެއް ނުކުރަން ކަމުގައި ބުނެ މަންމައަށް އޮޅުވާލަން މަސައްކަތް ކުރީމެވެ. އެހެންނަސް މަންމަ އެވާހަކައެއް ގަބޫލެއްނުކުރިއެވެ. ހެދުނު ހޭލައިގެން ނުކުންނައިރު އަހަރެންގެ މޫނުމަތި ހުންނަގޮތާއި، އަހަރެން އެއްވެސް ކަމެއްކުރަން ނޫޅެ ބޮޑުވިސްނުމެއްގައި އިންނަކަން މަންމައަށް ފާހަގަވާތާ ދުވަސްކޮޅެއް ވެއްޖެކަމަށް ބުންޏެވެ.
"ވިސްނެނީ އިޒާން އާއި ދޭތެރޭ..." އަހަރެން މަންމައަށް އޮޅުވާލަން މަސައްކަތްކުރީމެވެ.
"އެހެންވިއްޔާ ދެން ހިނގާ މާލެ ބަދަލުވަމާ!" މަންމަ ޚިޔާލުދިނެވެ. އެޔާއިއެކު އަހަރެން ގަތީ ބިރެވެ. ދެން އަދި އަމުދިން މާލެއާއި ވީކޮޅަށް ބޯލާކަށްވެސް އަހަރެން ނެތީމެވެ. އަވަސް އަރުވާލާފައި އަހަރެން މާލެ ނުދާނަމޭ ބުނީމެވެ.
"އެހެންވިއްޔާ މާފުއްޓަށް ދަމާ!.. އެ ޒާހިރާ ކިޔެއްނު އެތަނުގައި ފަހާތަނެއް ހަދަން ހިނގާށޭ!"
"ނޫން މަންމާ... އަދި އަމުދުން މާފުއްޓަކަށް ނުދާނަން!" އަހަންނަށް ބުނެވުނެވެ.
"މަންމައަކަށް ކަމަކު ނުދޭ ދަރިފުޅު މިހާރު ތިއުޅޭ ގޮތެއް.. މިއަށްވުރެ މާ ބޮޑެތި ކަންތަކާ ދިމާވިއިރުވެސް ވަރަށް ހިތްވަރު ގަދަ ކޮށް އުޅުނިންދޯ" މަންމަ އެހެންވާހަކަ ދައްކަން ފެށީމަ އަހަރެން ދެރަވާންފެށިއެވެ.
"މިވެގެން އުޅޭގޮތް މަންމައަށް ކިޔައިދޭން ބޭނުން.. އެކަމަކު ފަށާނެ ހިސާބެއް ނޭނގިފައި މި އިނީ" އެންމެފަހުން އަހަރެން ބުނެލީމެވެ.
އެޔާއެކު މަންމަގެ ނިތްކުރިއަށް ރޫއަރުވާލިތަން ފެނުނެވެ. "ބުނީމަ ދޯ މަންމައަށް ވެސް އެހީތެރިވެދެވޭނީ"
"އަސްލު ހުސޭނުއާ ހެދި މިހެންމިވީ.... އޭނާ މާފުށީގައި ދެއްކީ އިޒާންއަކީ އަސްލު އޭނާގެ ކުއްޖެއްނޫނޭ ކިޔާފައި.. އިޒާންގެ ބައްޕަ އަކީ ކާކު ކަމާއި ވީގޮތަށް ދަންދެން ކީ" މިހެންބުނެފައި އަހަރެން އިސްޖަހާލީމެވެ.
"އެއީ ދެން ތިހާވަރު ވާވަރުގެ ކަމެއްތަ؟ އަސްލު އެއީ އޮޅުވާލާ ކަހަލަ ވާހަކައެއްނޫނޭ!" މަންމަ ބުނެލިއެވެ.
"އޭނާ އެވާހަކަ ދެއްކީ އިޝާން ކައިރީއޭ!" އަހަރެން އެހެންބުނި އިރު ފެންކަޅިވެއްޖެއެވެ. އިޝާން އަށް އަހަރެންމިއީ ކާކު ކަން އެނގުނީމާ އޭނާ ދެން އަހަންނާއި ވާހަކަ ދައްކަން ބޭނުންނުވިކަން މަންމައަށް ކިޔައިދިނީމެވެ. "އެމީހުންނެއް ނާދޭނު އިޒާންގެ ކައިވެންޏަކަށްވެސް!" އަހަރެން ނޭނގޭ ކަމަށް ހަދާފައި ލޯ ފުހެލީމެވެ.
މަންމަ އަހަންނާއި ދިމާލަށް ބަލަން ބަސްހުއްޓިފައި އިރުކޮޅަކު އިނެވެ. "މަންމަ ސުވާލެއް ކޮށްލަންތަ؟" އެހެން އިނދެފައި މަޑުމަޑުން އަހާލިއެވެ. އަހަރެން އާއެކޭ ބުނަން ބޯޖަހާލުމުން އަހަންނާއި އިޝާން އާއި އޮތީ ކޮންގުޅުމެއްތޯ އެއްސެވެ. އަހަރުމެން ދެމީހުންގެ ގުޅުމެއް އޮތްކަމެއް މަންމައަކަށް ނޭނގޭނެކަން ހަނދާންވީ އެހިސާބުންނެވެ. މަންމަކުރި ސުވާލަށް އަހަރެން ދޭނީ ކޮންޖަވާބެއް ހެއްޔެވެ؟ އަހަންނަށް އިސްޖަހާލެވުނެވެ. ލޯ ފޮހެލީމެވެ.
އެވަގުތު މަންމަ އަހަރެންގެ ގައިގާ ފިރުމާލިއެވެ. އަދި މަންމަ އެއްޗެއް ނުބުނެ ހުއްޓެއްކަމަކު ވަރަށް ގިނަ ވާހަކަ އާއި މަންޒަރު މަންމައަށްވެސް ފެނިފައިވާކަމުގައި ބުނެލިއެވެ.
"އެންމެ ފުރަތަމަ ފެނުނީ އިޝާންގެ ފޮޓޯ، ދަރިފުޅު ކޮޓަރި ފާރުގައި ހިއްޕާފައި ހުއްޓާ!" މަންމަ އެހެންބުނެލަމުން އަހަންނާއި ދިމާލަށް ހިނިތުންވެލިއެވެ. އެ ފޮޓޯ ދޮންބެދައްތައަށް ދެއްކީ މަންމަ ކަމުގައި ބުނެލިއެވެ. އަދި އަހަންނާއި ޝެރީންއާއި ގުޅުން ކެނޑުނީ ކީއްވެގެން ކަމަށާއި އަހަރެން މާލެ ދޫކޮށްލާފައި ރަށަށް އައީ ކީއްވެގެން ކަން ވެސް މަންމަމެންނަށް އެނގޭ ކަމުގައި ބުނެލިއެވެ.
".އެފުލައިޓަށް ވުރެބާރަށް އެޙަބަރު މަންމަމެންނާއި ހަމައަށް އަތުވެއްޖެ!"
އަހަރެން ތެދުވެގެންގޮސް މަންމަގެ ގައިގަ ބައްދާލީމެވެ. މަންމައަށް އެހުރިހާ ވާހަކައެއް އަލުންބަލުން ކިޔައިދޭން ނުޖެހުނީތީ ސިނކުޑިއަށް ލުއިވެގެން ދިޔައެވެ.
"ދަރިފުޅުގެ ބައްޕަ އެންމެ ފުރަތަމަ ދުވަހު ބުނުއްވި އެއްވެސް އެއްޗެއް އެނގޭ ކަމަށް ނަހަދާށޭ.. ދަރިފުޅު އަމިއްލައަށް އެވާހަކަ ދައްކަންދެން މަޑުކުރާށޭ" މަންމަ ކިޔައިދިނެވެ. "އަދި ކިރިޔާ ދޯ ތިވަރަށްވެސް ތިވާހަކަ ތިދެއްކީ!"
ދޮންބެދައްތައާއި މަންމައާ ދެމީހުން އަހަރެންގެ ވާހަކަ ސިއްރުސިއްރުން ދައްކާކަން އަހަންނަށް އެނގުނެވެ. ޝެރީން އިޝާން އާއި އިންކަންވެސް މަންމަމެން އެގެއެވެ. އަހަރެން ދެރަވެދާނެތީ އެވާހަކަ ނުބުނީކަމަށްވެސް މަންމަ ބުންޏެވެ.
"މަންމައަކަށް ނޭނގޭނެ އަހަރެން އިޝާން މަތިން ހަނދާންނައްތާލަން ކުރިހާ މަސައްކަތެއް!" އަހަރެން ބުނީމެވެ. "ލަތިފުއެއީ އޭނާޔާއި ކިރިޔާވެސް ގުޅުމެއް ހުރި މީހެއްކަން އެނގުނު ނަމަ އެކަމެއް ނުކުރީމުސް!" އިޝާން އަށް އެކައިވެންޏަށް އާދެވުނު ކަމެއް މަންމައަކަށް ނޭނގެއެވެ. އަހަރެން އެހެންބުނުމުން މަންމަގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
"ދެން އަނެއްކާ އިފާ މިގެއަށް އައީ... " އެހިސާބުން އަހަންނަކަށް ކުރިއަކަށް ނުގެންދެވުނެވެ.
"އެހެންވީއްޔާ އިފާ މިގެއަށް އައިސްސް ދިޔަފަހުން އަބަދު ފޯނުން ވާހަކަ ދައްކާފަ މާ ހެވިފަ އުޅުނީ ..އެއީ އިޝާން އާދޯ؟" މަންމަ އެހެން އަހާލުމުން އަހަރެން އިސްދަށަށް ޖަހާލީމެވެ.
"ދަރިފުޅާ! އަލިފާނާ ކުޅެންޏާ ފިހިދާނެކަން ނޭނގޭ ވަރުގެ ކުޑަ ކުއްޖެއް ނޫން ދޯ ތިއީ މިހާރު!" މަންމަ ހިތްހަމަ ނުޖެހުނު ހެން އަހަންނަށް ހީވިއެވެ. ތިހެން ތިބުނީ ކީއްވެގެންތޯ އަހަރެން ސުވާލުކުރީމެވެ.
"އޭނާ ޝެރީން އާއި އިދެގެން އުޅޭކަން އެނގިހުރެ ދޯ ތިވާހާކަ ދައްކަންފެށީ... އޭރު ޝެރީން އަށްޓަކައި ދޫކޮށްލާފައި އައި ހަނދާން ނެތުނީ؟"
އަހަރެން ބޯހޫރާލީމެވެ. އޭނާއާއި ވާހަކަ ދެއްކީ އެނިޔަތަކު ނޫންކަމުގައި ބުނީމެވެ. އަދި އެއްގޮތަކަށްވެސް އެދެމީހުންގެ ދޭތެރެއަކަށް ވަންނާކަށް ބޭނުމެއްނޫން ކަމުގައި ބުނީމެވެ.
"ދެން އެހެންވިއްޔާ މިހާރު އުޑުބޮލަށް ވައްޓާލައިގެން ތިއިންނަނީ ކީއްވެ؟" މަންމަ އަހާލިއެވެ. " ނިކަން ވިސްނާލަބަލަ! ތިބުނީ އިޝާންއަށް ދަރިފުޅު ތިއީ ކާކުކަން އެނގުނީމާ ވާހަކަ ދައްކާކަށް ބޭނުމެއްނުވިއޭ... އޭއިން އިގެނީ ކޯޗެއް؟... ތިޔަ އިޝާން އަދިވެސް ދަރިފުޅު މަތިން ހަނދާންކުރާކަން ތަ؟"
އަނެއްކާވެސް ކަރުނަ ޖަމާވާން އުޅުނެވެ. "ނޫން ދަރިފުޅާ ދެރަވާނެ ކަމެއްނެތް.. ކޮންމެކަމެއްވެސް ވާނީ ރަނގަޅަކަށް! މަންމަ އަހަރެންގެ ބޮލުގައި ފިރުމާލަމުން ވާހަކަ ދެއްކިއެވެ.
ކޮންމެއަކަސް އިޝާން މަތިން ހަނދާން ކޮށް އޭނާ މިސްވެގެން އެހިތާމަޔާ އެކު ދިރިއުޅުމަކީ އަހަންނަށް އެއްގޮތަކަށްވެސް އާކަމެއް ނޫނެވެ. އެކަމަކު މިފަހަރު އަހަރެންގެ މަންމަ އަހަރެންގެ ކޮޅަށްނަގަން އަތުގާ ހިފިއެވެ. މަންމަ އެދެއްކި ވާހަކައަށް ފުންކޮށް ވިސްނާލުމުން އެއީ ހަގީގަތް ކަމަށް ގަބޫލުކުރެވުނެވެ. މިއޮއްހާ ދުވަސް ވީއިރުވެސް އަހަރެންގެ ހިތުގައި އޭނާއަށްޓަކައި ވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނައެއްކަމަކު، އޭނާ މިހާރު އަހަރެން މަތިން ހަނދާން ނައްތާލައިފިކަމަށް ގަބޫލު ކުރީމެވެ.
އަހަރެން ވެސް އިޝާން ބްލޮކް ކުރީމެވެ. ފޯނުން އެކަންޏެއް ނޫނެވެ. ހިޔާލު ތަކުންވެސްމެއެވެ. އިޒާންއަށް ގުޅާ ފަހަރަކުވެސް އިފާ އާއި އިޝާންގެ ވާހަކަ އެހުން އަހަރެން ހުއްޓާލީމެވެ. އިޝާން އަހަރެންނާ ގުޅުން ކަނޑާލިއަސް އެއީ އަދި ދުނިޔެ ނިމުނީ އެއް ނޫންކަމުގައި ގަބޫލުކުރީމެވެ. މަންމަ ބުނިގޮތަށް އެއީ އަހަންނަށް ކޮންމެވެސް ރަނގަޅަކަށް މެދުވެރިވި ގޮތެއްކަމަށް ނިންމައި ދިރިއުޅުމާއިގެން ކުރިއަށް ދިޔައީމެވެ.
***
އެއްރެއަކު އަހަރެން ނިދަން އޮށޯވެއޮއްވާ ނުދަންނަ ނަމްބަރަކުން ފޯނެއްއައެވެ. އެފޯނަށް ޖަވާބު ދިނީ ވަރަށް ޖެހިލުންވެ ހުރެއެވެ. ފޯނު ކުރީ އަންހެނެކެވެ. ހައިފާގެ ވެޑިން ޑުރެސް ފަހައިދިނީ އަހަރެންތޯ އޭނާ ސުވާލުކުރިއެވެ. އަހަރެން އާއެކޭ ބުނުމުން އޭނާ މިއައީ އެ ޕާރޓީއިންކަމަށާއި ހެދުން ރީތިކަމުން ގުޅާފައި ތަޢުރީފު ކޮށްލާހިތްވީ ކަމުގައި އެމީހަކު ބުންޏެވެ. އަހަރެން ޝުކުރު އަދާކުރީމެވެ.
"ރާނިޔާ އެއްވެސް އިރެއްގައި މާލޭގައި ކިޔަވަން އުޅުނިންތަ؟" އޭނާ އަހާލިއެވެ.
"ތިއީ ކާކުބާ؟" އަހަންނަށް އެއީ ދަންނައަޑެއްހެން ހީވެގެން އަހާލެވުނެވެ.
"އަހަންނަށް ކިޔަނީ އައިންތު ޝަރީފު" އޭނާ ބުނެލިއެވެ. "ތިއީ ރީނާ ތަ؟" އަހަންނަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އޭނާ ބުނެލިއެވެ.
އަހަރެން ހިނިގަޑެއް ޖަހާލީމެވެ. އަދި އެއޮއްވަރަށް ފިލައިގެން އުޅެނިކޮށް އެންމެފަހުން ތި ހޯދީ ދޯއޭ ބުނެލީމެވެ. އާއިންތު ވަރަށް އުފާވިއެވެ. ހާދަ ދުވަހެއްކޮށްފަ ދޯއޭ މި ދިމާވީ އޭނާ ބުނެލިއެވެ. އަހަރުމެން ދެމީހުން އެކަކު އަނެކަކުގެ ހާލު އަހުވާލު އަހާ ވާހަކަ ދައްކާހެދީމެވެ. ހައިފާ އެއިނީ އައިންތު ފިރިމީހާގެ ތިމާގެ ކުއްޖަކާ ކަމަށް އޭނާ ބުނެދިނެވެ. އަދި އެހެދުން ރީތިވެގެން ވަރަށް ގިނަ މީހުން ވާހަކަ ދެއްކިކަމަށް ވެސް އައިންތު ކިޔައިދިނެވެ. "ރާނިޔާ އޭ ހެދުން ފެހީ ބުނީމާ އަހަރެން އިތުރަށް އޮޅުންފިލުވާހިތްވީ!" އޭނާ އާއި ނާސިހާއާއި ދެމީހުން ދެތެރެއަކުން އަހަރެންގެ ވާހަކަ ދައްކާ ކޮބައިބާވައޭ ކިޔާކަމަށްވެސް ބުންޏެވެ. އިރުކޮޅެއްނުވަނީސް ނާސިހާ އަހަންނަށް ގުޅިއެވެ. އޭނާ ވާހަކަ ދައްކަމުން ދެން ފިލައިގެނެއް ނޫޅެވޭނެއޭ ބުންޏެވެ. އޭނާ ފޯނު ބޭއްވީއިރު ހުރީ އަހަރެން ދެކެން އައްޑޫއަށް އަންނަ ހިސާބުގައެވެ.
އަނެއްދުވަހު ހެދުނު ފޯނު ބަލާލިއިރު، ނާސިހާ އިނީ އަހަރެން ކުލާސް ވައިބަރ ގުރޫޕަށް ލާފައެވެ. "ގެއްލުނު މީހާ މިއޮތީ ހޯދާފަ" އޭނާ ލިޔެފައި އޮތެވެ. އަހަރެން އެންމެ ފުރަތަމައިނުންވެސް ބަލާލީ އެގުރޫޕްގައި ތިބީ ކޮންކޮން ބައެއްތޯއެވެ. ޕާރޓީސިޕަންޓުސްގެ ތެރެއިން ޝެރީންގެ ނަން ފެނުމުން ވަގުތުން އެގުރޫޕުން ނުކުތީމެވެ.
-- ނުނިމޭ --