އަހަރެން ނާސިހާއަށް ގުޅީމެވެ. އަހަރެން އެގުރޫޕަށް ލީމާ ޝެރީން ހިތްހަމައެއް ނުޖެހޭނެ ނޫންހޭ ބުނީމެވެ.
"އޭ ޝެރީން އެއް ނޫޅޭ މިހާރު އެގުރޫޕަކު.. އެއީ އޭނާގެ މާކުރީގެ ނަމްބަރެއް!" ނާސިހާ އޮޅުންފިލުވައި ދިނެވެ. ޝެރީން އާއި އެމީހުންނާއި މިހާރު ގުޅުން ނޯންނަކަމަށް އޭނާ ކިޔައިދިނެވެ. ހިތުގެ ޑޮކްޓަރަކަށް ވެވިފައި އިޝާން އާއި އިނދެވުނީމާ އޭނާ މާ ފޮނިވީކަމުގައި ނާސިހާ ބުނެލިއެވެ. އަހަރެން ޝެރީންއާއި ބެހޭގޮތުން އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއްނުވިއެވެ. އަހަންނަކަށް ނާސިހާއަކަށް އިތުބާރެއް ނުކުރެވެއެވެ.
"ނޭނގޭނެ އެއްނު.. އަނެއްކާވެސް ކަންކަށީގައި ޖަހާފާނެ ތީ ގަތްބިރުން އަވަހަށް ގުރޫޕުންވެސް ނުކުތީ މި" އަހަރެން އެހެންބުނުމުން ނާސިހާ ނުތަނަވަސް ކަމާއި އެކު ހީލިއަޑު އިވުނެވެ. އޭރު އެމީހުން އަހަންނަށް ގުޅާފައި އެއްޗެތި ކީ ހަނދާން އޭނާ ވީ ކަންނޭގެއެވެ. ފުރުސަތުގެ ބޭނުންހިފާފައި، އެމީހުން އެދުވަހު ކަންތައް ކުރިގޮތުން މިއަދު އަހަރެން ވަރަށް އުފާވާކަމަށް ބުނެލީމެވެ. އެއާއި އެކު ނާސިހާ އެވާހަކަ ނުދައްކާށޭ ބުންޏެވެ.
"ޝެރީން އަހަރުމެން ހީކުރިކަހަލައެއް ނޫން!" ނާސިހާ ވާހަކަ ފެށިއެވެ. އޭނާ އެފަހަރު އޮސްޓުރޭލިޔާ އެނބުރި ދިޔަގޮތަށް އެކޮޅުން މީހަކާ ރައްޓެހިވެގެން އުޅުނު ކަމަށް ނާސިހާ ކިޔައިދިނެވެ. އޭގެ ދުވަސްކޮޅެއްފަހުން އޭނާއާއި އިނދެގެންނޭ އުޅެނީ ކިޔަން ފެށި ކަމަށްވެއެވެ.
"ކިޔަވާ ނިންމާފައި މާލެ އައިސް އަހަރުމެންކައިރީ ބުނީ ރަސްމީކޮށް އިންނަން ށޭމިއުޅެނީ.. ދެމީހުން އެއްކޮށް ދިރިއުޅުނީއޭ އެކޮޅުގައި ނުއެއްއިންނަމޭ! އޭގެ ދުވަސްކޮޅެއް ނުވޭ ކިޔަންފެށީ އެފިރިހެން ކުއްޖާގެ އާއިލާއިން ގަބޫލެއްނުވިއޭ އެމިހުން އޭނާއަށް އިންނާނެ ކުއްޖަކު ހޯދާފައި އެބަހުއްޓޭ" ނާސިހާ އޮޅުންފިލުވައިދިނެވެ. "އިންޑިޔާ މީހެއްވީމާ އޭރޭންޖު މެރިޖް އެއްނޫންހޭ އޮންނާނީ" ނާސިހާ ބުނެލިއެވެ.
"ޝެރީން އަހަރެން ކައިރީގައިވެސް ދެއްކި ވަރަށް ރީތި އިންޑިޔާ ކުއްޖެއްގެ ވާހަކަ... ކޮންމެވެސް ޚާން އެއް!" އެދުވަހު ޝެރީން އެއީ އާމިރު ޙާން އެއް ނޫނޭ ބުނި ހަނދާން އަހަރެން ވިއެވެ.
"އާނ ޖާވިދު ޚާން..އޭނާއަށް ކިޔަނީ ޖާވިދު ޚާން!" ނާސިހާ ބުނެދިނެވެ. "ދޭން އޭގެ ދުވަސްގަޑެއް ފަހުން އޭނާ އިޝާން އާއި އަލުން ވާހަކަ ދައްކާކަން އަހަރުމެންނަށް އެނގުނީ!" ނާސިހާގެ އަޑު މަޑުވިއެވެ. އޭނާއަށް އަހަރެން ދެރަވެދާނެއޭ ހީވީ ބާވައޭ ހިތަށް އެރިއެވެ.
"ދެން ރަނގަޅުތާ އެމީހުންވެސް އުފަލުގައި އުޅެންޏާ!" އަހަރެން ހަމައަކަށް އެޅިލަން މަސައްކަތް ކުރަމުން ވާހަކަ ދެއްކީމެވެ. އަދި އެއީ މާޒީ އެއް ނޫންހޭ އެވާހަކަ ނުދައްކަމާ ހިނގާށޭ ބުނީމާ ނާސިހާވެސް އެއްބަސްވިއެވެ.
ކޮންމެއަކަސް އަލުން އަހަރެން ކުލާސް ގުރޫޕަށް ވަނީމެވެ. އަހަރެން ކޮބައިތޯ އާ ކުރަނީ ކީއްތޯ ބަލަން އެންމެންވެސް ބޭނުންވިއެވެ. ހައިފާގެ ކައިވެނި ހެދުމުގެ ފޮޓޮއެއް އެގުރޫޕް ގައި ޝެއަރކޮށްފާ މިއީ އޭ މިހާރު ރާނިޔާ ކުރާ މަސައްކަތަކީ އައިންތު ލިޔުނެވެ. އެއާއި އެކު އެންމެންގެ ތަޢުރީފުގެ ބަސްތައް އޮހެން ފެށުމުން އަހަރެން ވަރަށް އުފާވެ ހިތްހަމަ ޖެހެން ފެށިއެވެ.
އެއްދުވަހަކު އަހަރެންގެ ދަރިފުޅު ވާހަކައެއްގެ ތެރޭގައި މިހާރު 'އިޝާންބެ' ވެސް މާފުށީގައި ވަރަށް ނޫޅޭ ކަމުގައި ބުންޏެވެ. އޭނާ އެހެންރަށެއްގައި ގެސްޓުހައުސް އެއް ހަދަނީ ކަމަށާއި އެހެންވެ މިހާރު ގިނައިން އުޅެނީ އެކޮޅުގައި ކަމަށް އިޒާން ކިޔައިދިނެވެ.
"އެހެންތަ ފޯއްމުލަކުގަތަ؟" އަހަރެން އަހާލީމެވެ.
"ނޫނޭ އެއީ ވ. އަތޮޅު، މިރަށަކާ އެހާ ދުރެއްނޫން!" އިޒާން ބުނެދިނެވެ.
"އިޒް އާއި ވަރަށް ކުލޯޒް މިހާރު އިޝާންބެ.. ހީވަނީ އިފާ މިސްވާތީ ކަންނޭގެ!" އަހަރެންގެ ދަރިފުޅު އުފާވެލާފައި ވާހަކަ ދެއްކިއެވެ. އޭނާ އިޒާން އާއި އެހާ ގާތްކަމެއް އެބަހައްޓަނީ އެއީ ލަތީފުގެ ދަރިއެއްކަން އެނގުނީމާ ބާވައޭ އެވަގުތު އަހަރެންގެ ހިތަށް ވަނެވެ.
ފޯނު ބާއްވާފައި އަނެއްކާވެސް މާޒީގެ ތެރެއަށް ދެވުނެވެ. އަހަރެންގެ ހިތަށް ބަރުވެގެން ދިޔައެވެ. އޭނާއަށް އަހަރެން މިއީ ކާކުކަން އެނގުނު ފަހުން ފަސްމަސް ދުވަހަށް ވުރެ ގިނަދުވަސް ވެގެން ހިގައްޖެއެވެ. އަޅެ ހަމަ އޭނާގެ ހިތުގައި އަހަންނަށްޓަކައި ލޯބީގެ ޒައްރެއްގެ މިންވަރުވެސް ހަމަ ނެތީ ބާވައެވެ؟
***
ދެހާސް ނަވާރަވަނަ އަހަރުގެ މަޖްލިސް އިންތިހާބު ގެ ފޯރި ރަށުތެރެއަށް ފެތުރި އެކިއެކި މީސްމީހުންގެ ފޮޓޯ އާއި ޕޯސްޓަރުތަކުން ގޭގޭގެ ފާރުތައް ފުރާލަމުން ދިޔަދުވަސް ވަރެއެވެ. އަހަރެން ހަވީރު މޫމިނާމެންގެއަށް ދިޔައިރު މަޖުދީ އުޅެނީ އެގޭ ފާރުގައި ފޮޓޯ ތަތްކުރުމުގެ މަސައްކަތުގައެވެ.
"އާނ! މިވެސް އެއް ވޯޓު" ސައިކަލު ބަހައްޓާފައި އަހަރެން ފޭބިތަނާ މަޖުދީ ބުނެލިއެވެ. އަދި އަތުގައިވާ ފޮޓޯ ދައްކާލިއެވެ.
"އޭ؟ މީތަ އަހަރުމެންގެ ދާއިރާއަށް ކުރިމަތިލީ މީހަކީ؟ " އަހަރެންނަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އެއީ ސަމީރުގެ ފޮޓޮއެކެވެ. ތިއީ އަހަރެން ދަންނަ މީހޭކޭ މަޖުދީ އާއި ދިމާލަށް ބުނީމެވެ. "ކުރީގައި ވަރަށް އެކީގައި އުޅުނީ މާލޭގައި އޮފީހުގައި އުޅުނުއިރު!" ކުއްލިއަކަށް އަހަރެންގެ ހިތަށް އުފާވެރިކަމެއް ވެރިވެގަތެވެ. އޭނާއާއި ބައްދަލު ކުރާހިތްވިއެވެ. "ކިހިނެތް އޭނައާއި ބައްދަލުވާނީ؟"
"މީހަކަށް ތިކަން ވަންޏާ މަޖުދިއަށް ވާނެ!... މިހާރު ޓެކްސީ ދުއްވުމަށްވުރެ ޕާރޓީގެ ކަންކަމުގައި އުޅެން މާ މުހިއްމު ވިއްޔާ" އެވަގުތު މޫމިނާ ބުނެލިއެވެ.
"މައްސަލައެއް ނޯންނާނެ! ރާނިޔާވެސް އޭނާ ހޮވޭތޯ މަސައްކަތްކޮށްދީ!" މަޖްދީ ބުންޏެވެ.
ކޮންމެއަކަސް ސަމީރު ރަށަށް އަންނާނެ ދުވަހަކަށް އަހަންނަށް އިންތިޒާރު ކުރެވެން ފެށިއެވެ. އެހެންހުއްޓާ އެ ޕާރޓީގެ ފަރާތުން ކެންޕެއިން ބޮޑު ޖަލްސާއެއް ބާއްވަން އަންނަ ޚަބަރު ލިބުމުން އަހަރެން މަޖުދީއަށް ހަނދާން ކޮށްދިނީމެވެ. އޭނާއަށް އަހަރެންގެ ފޯނު ނަމްބަރު ދީފާއި ރާނިޔާއޭ ބުނާށޭ ބުނީމެވެ. އެހެންނަމަވެސް އެމީހުން އައިސް ޖަލްސާ ބާއްވާފައި ދިޔައިރުވެސް މަޖުދީއަށް އެކަމެއް ނުވިއެވެ. އެންމެ ކުޑަމިނުން އަހަރެންގެ ފޯނު ނަމްބަރުވެސް މަޖުދީއަކަށް ނުދެވުނެވެ.
"އަމިއްލަ ވާހަކައެއް ބުނާނެ ކަހަލަ ވަގުތެއްނުވި!... އަސްލު ހަނދާންވެސް ނެތުނީ ފަހުން!" މަޖުދީ ކަރުއެލުވާލާފައި ބުނެލިއެވެ.
"ހުރޭ ދެން ހޮވިއްޖިއްޔާ ތިކަން ކޮށްދޭނަން އިރާދަކުރެއްވިއްޔާ" އޭނާ ބުންޏެވެ.
އެއާއިއެކު، އަހަރުމެންގެ ގެއިން ހަމަ ގައިމުވެސް ތިން ވޯޓު ހޯދައިދޭނަން ކަމުގެ ޔަގީންކަން އަހަރެން މަޖްދީއަށް ދިނީމެވެ. އެހެނަސް، ކަންދިމާވީ މުޅިން އެހެންގޮތަކަށެވެ. އަހަރެނަށް ވޯޓް ލެވޭގޮތެއް ނުވިއެވެ.އައިޑީ ކާރޑްގެ ނަން ތަފާތުވެފައި އިނީމައެވެ. ސުނާމީއަށް ފަހު އަލުން ކާޑު ހެއްދިއިރު ހެދިފައިވާ ކުށެކޭ ބުނުމުންވެސް އެމީހުން ގަބޫލެއްނުކުރިއެވެ.
"ހަނދާންކުރާތި ! އެންމެ ވޯޓެއްގެ ތަފާތުން ބަލިވެއްޖިއްޔާ ރާނިޔާ ޒިންމާ ނަގަންޖެހޭނެ!" މަޖްދީ އެންމެފަހުން އަހަންނާއި ދިމާލަށް ބުނެލިއެވެ.
ނަތީޖާ އިއުލާން ކުރަން ފެށުމުން އަހަރެން ޓީވީ ދޮށުގައި އިށީނީމެވެ. އޭރު އަހަރެން އިނީ ވަރަށް ކަންބޮޑުވެފައެވެ. މަޖުދީ ބުނިފަދައިން އެންމެ ވޯޓެއްގެ ތަފާތުން ސަމީރު ނުހޮވިދާނެތީ ބިރުންނެވެ. އަހަރުމެންގެ ދާއިރާއިން ސަމީރު ހޮވުނުކަން އެނގުމާއި އެކު ލިބުނު އުފަލެއް ބުނެދޭންވެސް ނޭނގުނެވެ.
މާގިނަދުވަހެއް ނުވެ، އައްޑު އަތޮޅުގެ ގިނަ ގޮނޑިތައް އެޕާރޓީއިން ކާމިޔާބު ކުރުމާއެކު ވަރަށް ބޮޑު ހަފުލާއެއް ބާއްވާން އުޅޭކަން މުޅި ރަށުގައި އިސްތިހާރު ކުރެވެން ފެށިއެވެ. އަހަރެން މަޖްދީއަށް ހަނދާން ކޮށްދިނީމެވެ.
"ވޭތޯ ބަލާނަން. އެކަމު ވަރަށް މީހުން ގިނަ ވާނެ މިފަހަރު އިނގޭ!" މަޖްދީ ބުނެދިނެވެ. އަހަރެން މާޔޫސްވިއެވެ. އަހަރެން ކޮންމެގޮތެއް ހަދާފައިވެސް ސަމީރުއާއި ވާހަކަދައްކަން ބޭނުމެވެ.
އޭގެ ދެތިންދުވަސް ފަހުން އެއްދުވަހު ހެނދުނު މަޖްދީ ގުޅާފައި ސަމީރާ ބައްދަލު ކުރަން ބޭނުމިއްޔާ އަވަހަށް ހިތަދޫއަށް ދާށޭ ބުންޏެވެ. އެ ފުލައިޓުން އައީ އެންމެ ދެމީހުންކަމަށާއި ދެންތިބި މީހުން އަންނާނީ ހަވީރު ގެ ފުލައިޓުން ކަމުގައި މަޖުދީ ބުނެދިނެވެ. އަދި އޭނާ އާއި ދިމާކުރަން މިއަށް ވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެޔޭ ބުނުމުން އަހަރެން އެހެންހުރިހާ ކަމެއް ހުއްޓާލާފައި ހިތަދޫ އަށް ދާން ތައްޔާރުވީމެވެ.
ސަމީރުއަށް އަހަރެން މީއި ކާކު ކަން އެނގުނީމާ ބުނާނީ ކީކޭ ބާވައޭ ހިތަށް އެރިއެވެ. އޭނާކައިރީގައި އިޝާން އަހަރެންގެ ވަހަކަ ދެއްކިބާވައެވެ؟ އެހެންވެއްޖިއްޔާ އޭނާއަށް ހުރިހާ އެއްޗެއްވެސް އެނގޭނެތާއެވެ. ކޮންމެއަކަސް،ސައިކަލު މަތީ އިނދެގެން އެކިއެކި ޚިޔާލީ ފޮލާ ކައްކަމުން އަހަރެން އެހިސާބަށް ދިޔައީމެވެ. ގެސްޓުހައުސް ދޮރުމަތިން މަޖުދީ ފެނުމުން އަހަރެން އަންނަވާހަކަ ބުނިންތޯ އަހާލީމެވެ.
މަޖްދީ ބޯހޫރާލިއެވެ. " އަދި ވަގުތެއް ނުވި... ފޯނެއްގައި ހުންނެވީ" އަދި ކޮބައިތޯ ބަލާލަނަމޭ ކިޔާފައި މަޖްދީ ދޮރު ހުޅުވާލިއެވެ. އޭރު ސަމީރު ހުރީ ދޮރާއްޓާއި ވަރަށް ކައިރީގައެވެ. އޭނާ އައިސް މަޖްދީ ގާތު އެދުނީ ސިގިރޭޓް ފޮށްޓެއް ގަނެދިނުމަށެވެ.
"ސަމީރުއާ ބައްދަލު ކޮއްލަން ބޭނުންވެގެން ..." މަޖްދީ އަހަރެން ދައްކާލާފައި ބުނެލިއެވެ. ސަމީރު އަހަންނާއި ދިމާލަށް ބަލާލާފައި އެތެރެއަށް ވަންނާށޭ ބުނެލިއެވެ.
ގޯތި ތެރޭގައި ވާ ޖޯލި ފަތީގައި ދެ ފިރިހެނަކު ތިއްބާ ފެނުނެވެ. އެތަނުން އެކަކު އެއީ ކޮންމެވެސް ދާއިރާގެ މެމްބަރެއްކަން އެއްކަން އަހަންނަށް އެނގުނެވެ. ސަމީރު އަހަރެން ގޮވައިގެން ވަނީ ގޭތެރެއަށެވެ. އެތާނގައި ހުރި ގޮނޑި ސެޓުން ގޮނޑިއެއް ދައްކާފައި އިށީންނާށޭ އޭނާ ބުނެލިއެވެ.
"ކުރިން ވެސް އަހަންނާ ބައްދަލު ކުރިން ތަ؟" އޭނާ ވަރަށް ފަރުވާތެރިކަމާއި އެކު އަހަންނާއި ދިމާލަށް ބަލަން އިންކަން އަހަންނަށް ފާހަގަކުރެވުނެވެ. އަހަރެން އާނއެކޭ މަޑުމަޑުން ބުނެލީމެވެ.
" މަންމަގެ އިންސިއުލިން އިންޖެކްޝަން ގެނެސްދިނީމެއްނު!"
"އާނ! ތީ ..... ތީ..... މާފުށީގައި ޑައިވްކުރަން އުޅޭ ކޮންމެވެސް ކުއްޖެއްގެ މަންމަދޯ؟" ސަމީރު ވެސް އެހަނދާން ވިއެވެ. އަދި ކީއްތޯ ކޮށްދޭންވީ އަހާލިއެވެ.
"އެއްޗެއް މީހަކަށް ރައްދު ކޮށްދޭންވީ." އަހަރެންގެ އަތްދަބަސް ތެރެއިން ސިޓީއުރަ ނެގީމެވެ.
"މިއީ ވަރަށް .. ވަރަށް އަގުހުރި އެއްޗެއް، މީހެއްގެ އެއްޗެއް. އެހެންވީމާ ކޮށްދޭންވީ ކަމަކީ މީތި .... ގެންގޮސް އޭނާއަށް ރައްދު ކޮށަދޭންވީ" އަހަރެންނަށް ވާހަކަ ދެއްކުނީ އާދައިގެ ބަހުރުވައިން ކަން ވިސްނުނީ ވާހަކަ ދައްކާ ނިމުނު ފަހުންނެވެ.
"ކާކަށްބާ ތި ހަވާލު ކުރަން ޖެހެނީ؟ ވަރަށް ވަގުތު ނުވާނެ އިގޭ .. އެހެންނޫނަސް އަހަރެންވަރަށް ހަނދާންވެސް ބަލިވާނެ" އޭނާ ބަހަނާ ދެއްކިއެވެ.
" އަޅުގަޑަށް އިންޖެކްޝަން ފޮނުވަން ހަވާލު ކުރި މީހާއަށް"
ސަމީރު ނިއްކުރިއަށް ރޫއަރުވާލިތަން ފެނުނެވެ. "އިޝާން އަށް؟" އޭނާ އަހާލިއެވެ. އަހަރެން ބޯޖަހާލީމެވެ. މިހާރު އޭނާއާއި އިޝާންއާއި ދިމާނުވާތާ ވަރަށް ގިނަދުވަސް ވެއްޖެކަމުގައި ބުނެލިއެވެ.
"ނެތްތަ ތި ފޮނުވޭނެ އެހެންގޮތެއް؟" އޭނާ އަހާލިއެވެ.
އަހަރެން އިސްދަށަށް ޖަހާލީމެވެ. އޭނާގެ ފަރާތުން އެލިބުނީ އަހަރެން އުއްމީދު ކުރިކަހަލަ ޖަވާބެއް ނޫނެވެ.އަހަރެން ހީކުރި ގޮތާއި ޚިލާފަށް އިޝާން އޭނާ ކައިރީ އަހަރެންގެ ވާހަކަ ދައްކާފައި ނެތްކަން އެހިސާބުން އަހަންނަށް ޔަގީންވިއެވެ. އޭނާއާއި އިޝާން އާއި ދިމާ ނުވާތާ އެހާ ގިނަދުވަސް ވެއްޖެޔޭ އެބުނީ އެ ދެމީހުންގެ ގުޅުން ކެނޑުނީ ބާވައެވެ؟ ނޫނީ އިޝާން އޭނާގެ ބެސްޓު ފުރެންޑާއި ހިއްސާކުރާ ވަރުގެ މުހިއްމު ވާހަކައަކަށް އެ ހާދިސާ ނުވީ ހެއްޔެވެ؟ ކުއްލިއަކަށް އަހަރެން ދެރަވާން ފެށިކަން އިހުސާސް ކުރެވެންފެށިއެވެ.
އެވަގުތު ސަމީރުއަށް ފޯނެއް އައުމުން އެބަ އަންނަމޭ ކިޔާފައި އޭނާ ބޭރަށް ނުކުތެވެ. ދެން ހަދާނެ ގޮތެއް ނުވިސްނިފައި އަހަރެން ގޮނޑިގައި އެއިންގޮތަށް އިނީއެވެ. މާގިނަ އިރެއް ނުވަނީސް ސަމީރު އެނބުރިއައެވެ.
"އަހަރެންގެ އެސިސްޓަންޓު އާއި ހަވާލު ކޮށްލަންވީނު.. ނަމާ އެޑްރެސް ޖަހާލާފަ ދޯ އޮންނާނީ؟" އޭނާ ސުވާލުކުރިއެވެ. އޭރު އަހަރެން އެ ސިޓީއުރަ އަލުން ދަބަހަށް ލާ ފޮރުވައިފީމެވެ. އެ ފަށް ހިފައިގެން އެހާވަރުން ސަމީރުއާއި ބައްދަލު ކުރަން އައީ މުޅިން އެހެން މަގްސަދެއްގައެވެ.
"ނޫން ދެން އަޅާ ނުލާ.. އެހެން ގޮތެއް ހޯދާނީ..." އަހަރެން ދާން ތެދުވިތަނާ މަޖުދީ އައިސް ވަނެވެ.
ސަމީރު އަހަންނާއި ސަލާމް ކުރަން އަތް ދިއްކޮށްލިއެވެ. "ޝުކުރިއްޔާ!" ސަލާމް ކޮށްލަމުން އަހަރެން ބުނީމެވެ.
"ރާނިޔާވެސް ވޯޓް ހޯދައިދޭން ވަރަށް މަސައްކަތް ކުރިއޭ!" ސަލާމް ކޮށްނިންމާފައި އަހަރެން ހިނގައިގަންނަން އުޅެނިކޮށް މަޖުދީ ބުނެލިއެވެ.
" ރާނިޔާ؟" ސަމީރުއަށް ލިބުނު ކުއްލި ސިހުމުގައި އަހަންނާއި ދިމާލަށް ބަލާލިއެވެ. އޭނާއަށް ވެގެން ދިޔަގޮތް ފެނިފައި އަހަރެން ގާތަށް ހިނިއަންނަ ގޮތްވިއެވެ. އޭނާ ބަސް ހުއްޓިފައި ކަހަލަ ގޮތަކަށް އަހަންނާއި ދިމާލަށް ބަލަން ހުރީއެވެ.
"ނޭނގުނެއްނު މިއީ ކާކުކަމެއް!" އެންމެފަހުން އަހަރެން ބުނެލީމެވެ. އޭޔާއިއެކު އޭނާ އައިސް އަހަރެންގެ ދެއަތުގައި ހިފިއެވެ.
"ނުވާނެ!.. ކުރީގެ ރާނިޔާއަކާ ވައްތަރެއްނޫން!" އޭނާ އަހަރެންގެ ބޮލުންފެށިގެން ފަޔަށް ބަލާލިއެވެ. އަހަރެންގެ އަތުން ދޫނުކޮށްހުރެ، ކައިރީގައި މަންޒަރު ބަލަން ހުރި މަޖުދީ އާއި ސުވާލުކުރިއެވެ. އެޔާއިއެކު ސަމީރު އަކީ ވަރަށް ގާތް ރައްޓެއްސެކޭ ބައްދަލުވާނެ ގޮތް ހަދާށޭ ކެންޕެއިން އިރުއްސުރެ އަހަރެން ކީޔާކަމަށް މަޖްދީ ބުނެދިނެވެ.
"މިއޮއްހާ ދުވަހު ފިލައިގެން އެއުޅުނީ!" ސަމީރުގެ މޫނުމަތިން އުފާވެރިކަން ފައުޅުވިއެވެ. އެހިސާބުން އަހަންނަށް ފެނުނީ އަހަންނާއި އެކީ އޮފީހުގައި ސަކަރާތް ޖަހާ އުޅުނު އިޝާންގެ އެންމެ ގާތް އެކުވެރިޔާއެވެ. އޭނާ ޕިސް ޕިސް ކަނޑާލިއެވެ.
"ސައުވީސް އަހަރު! ވިސްނާލަބަލަ!" އޭނާ މަޖުދީއާއި މުހާތަބު ކުރިއެވެ. އަދި އަހަރުމެން ދެމިހުން ދިމާނުވާތާ އެހާ ދުވަސް ވެއްޖެކަމުގައި އޭނާ ބުންޏެވެ.
ސަމީރު ކުއްލިއަކަށް ގަޑި ބަލާލާފައި ބޭރަށް ދާން އެބަޖެހޭކަމުގައި ބުންޏެވެ. އަދި އެރޭގެ ޖަލްސާ ނިންމާފައި ގުޅާނަމޭ ބުނެ އަހަރެންގެ ނަމްބަރު އަތުލިއެވެ.
-- ނުނިމޭ --