ގެއަށް އައިސް ވައިން އިރުވެސް އަހަންނަށް ހުރެވުނީ ވަރަށް އުފާވެފައެވެ. މަންމަ ކައިރީ ސަމީރުއާއި ބައްދަލުވި ވާހަކަ ބުނީމެވެ.
"މާޒީއާއި ގުޅުވާލާނެ ފާލަމެއްދޯ ތި އަޅަނީ!" މަންމަ އެހެންބުނި ވަގުތު އެބުނީ ކީކޭ ކަމެއް އަހަންނަކަށް ނުވިސްނުނެވެ.
"ވަކި މީހަކާ ބެހޭ ވާހަކަ އޮޅުން ފިލުވާކަށްނު އެވަރަކުން ތި އުޅެނީ!" މަންމަ ބުނެލިއެވެ.
"ދެން ނޫން މަންމާ... އެހެނެއްނޫން. އެއީ މިހާރު މަގޭ މެމްބަރު.. ކުރީގެ ގާތް ރައްޓެއްސެއް، ހަމަ ގާތް ގުޅުމެއް އުފައްދަން އޯކޭ އެއްނު!" އަހަރެން ބުނީމެވެ.
އެހެންނަމަވެސް، މަންމަ އެބުނި އެއްޗަކާއި މެދު ވިސްނާލީމެވެ. އަހަރެން އެވަރަކުން ސަމީރުއާއި ވާހަކަ ދައްކަން މިއުޅެނީ ހަމަ އެހެންވެގެން ބާވައެވެ؟ އިޝާން އާއި ބެހޭ ކުޑަކުޑަ ޖުމްލައެއް އަޑު އިވުމުންވެސް އަހަރެންގެ ހިތަށް އެނގުންވެގެން ހިގައްޖެއެވެ. ނިވިފައިވާ އުއްމީދުގެ ހުޅުކޮޅު އަލުން ދިއްލެން އުޅޭހެން ހީވާން ފަށައިފިއެވެ. ނޫނެކެވެ. އަހަރެން އަމިއްލެ ނަފްސާ މުޙާތަބު ކުރީމެވެ. އަހަރެން އަދި އެއްވެސް އުއްމީދެއް ކުރާކަށް ބޭނުމެއްނޫނެވެ.
ސަމީރު ގުޅިއިރު އެގާރަގަޑި ބައިވެއްޖެއެވެ. އޭނާ ބޭނުންވީ އަހަރެންގެ ގެއަށް އަންނާށެވެ. އޭހާ ގިނަ ދުވަހުގެ ވާހަކައެއް ފޯނަކުން ނުދެއްކޭނެ ކަމަށް ބުނަމުންނެވެ.
"އަނެއްކާ ފިރިމީހާ އޯކޭ ވާނެތަ؟" އޭނާ އަހާލިއެވެ. އެއާއިއެކު އަހަރެން ކުޑަކޮށް ވިސްނާލީމެވެ. ހުސޭނުގެ ވާހަކަ ދައްކާނީ ފަހުންނޭ ހިތަށްއެރިއެވެ.
"ނޭތޭ ރަށަކު، ގޭގައި އުޅެނީ އަހަންނާއި މަންމައާއި ދެމީހުން"
ދެން އޭނާ ބޭނުންވީ ގޭގައި ކާން ހުރީ ކޯޗެއްތޯ ބަލާށެވެ. ރޮއްޓާ ރިހައާއި ހުރިވާހަކަ ބުނުމުން ހަމަ މިހާރު މިދަނީއޭ ބުނަމުން ފޯނު ކަނޑާލިއެވެ. ސަމީރުއަށް އެއްވެސް ބަދަލެއް ނާންނަކަން ވިސްނުމުން އަހަރެން ވަރަށް އުފާވެ، ހިތްހަމަ ޖެހުނެވެ. އޭނާއަންނަން ވާއިރަށް އަވަސް އަވަހަށް ރޮށިކޮޅެއް ފިހެލީމެވެ.
"އެއްކަލަ ހިތްގައިމު ގެ ދޯ މިއީ" ސަމީރު ވައިންގޮތަށް ވަދެ އުނދޯލީގައި އިށީންނަމުން ބުނެލިއެވެ. އޭނާ އާއިއެކީ މަޖުދީވެސް ވަނެވެ.އެކަމަކު އޭނާ މަޑުކުރާކަށް ބޭނުމެއްނުވިއެވެ. ބަލާ އަންނަން ވީމާ ގުޅާށޭ ކިޔާފައި އޭނާ ނުކުންނަން ހިގައިގަތެވެ.
"އެއްވެސް މީހަކު އެހިއަސް އަހަރެން ވީތަނެއް އެނގޭކަމަށް ނަހަދާތި!" އެވަގުތު ސަމީރު ބުނެލިއެވެ.
"އެހެންވީމާ އިޝާންއަށް ހީވީ ހަމަ ރަނގަޅަށްތާ! އެފަހަރު އިންޖެކްޝަން ހަވާލުކޮށްފަ ދިޔައީމާ ވަރަށް ސުވާލު ކުރި.. ބުނި އަޑު ޖެހުނީމާ ހީވަނީޔޯ!" މަޖުދީ ނުކުތުމުން ސަމީރު ވާހަކަ ދައްކަންފެށިއެވެ."މަބުނިން ނޫނެކޭ.. އަހަންނާއި ދިމާވެފައޭ ހުރީ ސުނާމީ ދުވަސްވަރު ކަޅައިދޫންވެސް!" ސަމީރު ހީގަތެވެ. "އާނ ދެން މަށަކަށް ނޭނގުނު... ހިތަކަށްވެސް ނާރާނެ ދޯ އެވަރަށް އޮޅުވާލާނެ ކަމަކަށް!"
"އަމިއްލެއަށް މަރުވެއްޖެޔޭ ކިޔާފައި ސިޓީ ލިޔުނު މީހަކު ކައިރީ ތިހެންތިބުނަނީ؟" އަހަރެން މަޖަލަށްކަމަށް ހަދާފައި އެހެންބުންޏެއްކަމަކު އޭރު އަހަރެންގެ ހިތަށް ތަދުވާން ފަށައިފިއެވެ. އިޝާންގެ ލޯތްބާ ދުރުވާން، ހިތުން ފިލުވާލަން، އަހަރެން ނުކުރަނީ ކޮންކަމެއް ހެއްޔޭ ހިތަށް އަރާފައެވެ.
"އެއީ ކަންނޭގެ އެންމެފަހުން އަހަރުމެން ދެމީހުން އެކަނި ކޮފީއަކަށް އެރި ދުވަސް!..މެމްބަރު ކަމަށް ކުރިމަތިލާ ވާހަކަ ބުނީމާ އޭނާ ވަރަށް ހިތްހަމަ ނުޖެހުނު.. މިހާރު ޚަބަރެއް ނުވާތާ ވަރަށް ދުވަސް ވެއްޖެ! އޭގެ ފަހުން ދިމާވާ ކޮންމެ ފަހަރަކު އެއްޗެތި ކިޔާނީ" ސަމީރު ސިޔާސީ ދާއިރާ އާއި ގުޅުނީމާ އޭނާ މުޅިން ދުރުވެއްޖެ ކަމުގައި ބުނެލިއެވެ.
"ތީއޭ މަމިބުނާ ވާހަކައަކީ..ޕާރޓީ ސިސްޓަމެއް ހެދިހެދީނުން އެންމެން ބައިބައި ވެއްޖެ. އައިލާތެރޭގައިވެސް އަދި ރައްޓެހި ރަހުމަތްތެރިކަންވެސް ގެއްލެނީ!"
ސަމީރު ކިޔައިދިން ގޮތުން ވިއްޔާ އޭނާއާއި އިޝާން އާއި ކުރިން އޮތް ގާތް ގުޅުން ނިމުމަކަށް އައީ ޝެރީން އޭނާގެ ހަޔާތަށް އައި ފަހުންނެވެ. އަހަންނާއި އިޝާންއާއި ރައްޓެހިވުމުގައި ސަމީރުގެ އަތެއް ވާކަށް ޝެރީން ގަބޫލުކޮށް އޭނާ އަކާއި އެއްގޮތަކަށްވެސް ވާހަކައެއް ނުދައްކައެވެ. އެހެންކަމުން ސަމީރުވެސް އެގެއަށް ވަނުން ހުއްޓާލީއެވެ. "ދެން ދިމާވަނީ މަގުމަތިން، ސަޔަކުން ނޫނީ ކޮފީއަކުން... ކުރިން އޭނާ މާލެ އައިސްފަ ގުޅާނެ.. އެކަމު މިހާރު ނުގުޅާ... ދެން އަހަރެންވެސް މާބީޒީ ވެސް ވީ!" އޭނާ އޮޅުންފިލުވައި ދިނެވެ.
" ޝެރީން ދެން މިހާރު ކޮން ރުޅިއެއް އަންނާކަށްތަ؟ އޭނަ ހަމަ އެންމެފަހުން އިދެގެނެއްނު އެއުޅެނީ!" އެހެން ބުނެވުނު އިރު، އެޖުމްލައިގެ ހިތި ރަހަ އަހަރެންގެ ކަރުބުޑުގައި ލާންފެށިކަން އިހުސާސްވިއެވެ.
"އާނ ދޯ!" ސަމީރު ބުނެލިއެވެ.
"އެކަމަކު އިޝާން އަހަރެން ކައިރީ ބުނި ދުވަހަކުވެސް ޝެރީން އަކާ ނުއިންނާނަމޭ!" އެ ޝާކުވާ އަހަރެންގެ ދުލުން ބޭރުވީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ.
"އުހޫ.. ރާނިޔާ ތިވާހަކަ ނުދައްކާ!" ސަމީރު އެހެންބުނި ރާގުން އޭނާ ހިތްހަމަ ނުޖެހުނުހެން އަހަންނަށް ހީވިއެވެ.
"އިޝާން ދެންވެސް އިންތިޒާރު ކުރި ރާނިޔާ އަންނާނެ ކަމަށް.. އެހެންހުއްޓާ އެއްދުވަހަކު މުހުސިނު އާއި ދިމާވެގެން ބުނީ ރާނިޔާ ފެނުނު ވާހަކަ، މީހަކާ އިނދެގެން ކުއްޖަކުވެސް އެބައޮތޭ! އެވަގުތު އިޝާންއަށް ވީގޮތްވެސް އަހަރެން ދުށިން!"
އެހިސާބުން އަހަރެންގެ ދެކަންފަތުގައި އަތްއަޅަން ބޭނުންވިއެވެ.
" އަހަންނަށް އިނގޭ ރާނިޔާ ލަތީ އާއި މެރީ ކުރިކަން، ދެން ކަންތައްވީގޮތްވެސް!". އެހާދިސާއަށް ފަހު އިޝާން ގޮސް މެލޭޝިޔާގައި އޭނާ ކައިރީ ވަރަށް ދުވަސް ވަންދެން ހުރިކަމަށް ސަމީރު ބުނެދިނެވެ. " އެހެންވެ މިބުނަނީ އަހަރެންނަށް ވަރަށް ރަނގަލަށް އިގޭ އިޝާންއަށް ވީގޮތް!"
"ސަމީރު ޕުލީޒް!" އަހަރެން އޭނާ ހުއްޓުވަން ބޭނުންވިއެވެ. އެހަނދާންތައް އަލުން ކުރާހާ ހިތްވަރެއް އަހަރެންގެ ނެތެވެ.
އަހަރެންގެ ދެލޯ ފުސްވާން ފެށިއެވެ. މުޅި ހަށިގަނޑު ތެރޭ އެއްކޮޅުން އަނެއްކޮޅަށް ހިތާމައިގެ އޮއެވަރެއް ދަތުރުކޮށްލިކަން އިހުސާސްވިއެވެ. އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މޭގައި ރިއްސަން ފެށިކަން އިހުސާސް ކުރެވުނެވެ. ސަމީރު އަށްވެސް އެ ގޯސްވީ އަހަރެންތާއެވެ. ހަގީގަތަކީ ، އަހަރެން އުއްމީދުކުރީ އަހަރެންގެ ހާލަތު ސަމީރުއަށް ކިޔައިދިނުމުން އޭނާ އަހަންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭނެ ކަމަށެވެ.
އެކަމަކު، ސަމީރުއަށް ދެން ކޮށްދެވޭނެ ކަމެއްނެތެވެ. އެކަންކޮށްދޭން ބުނާކަށްވެސް ދެން ނުކެރޭނެއެވެ. އެހެންނޫނަސް އިޝާންއަށް އަހަރެން މިއީ ކާކުކަން އެގުނު ހިނދު އޭނާގެ ހިތުން އަހަރެން ބޭރުކޮށްލާ ބުލޮކް ކޮށްލީވިއްޔާއެވެ. އޭނާ އަހަރެންދެކެ ނަފްރަތު ކުރުން ހައްގު ކަން ފުރަތަމަ ފަހަރަށް އަހަންނަށް ގަބޫލުކުރެވުނެވެ.
އެހެންނަމަވެސް އަހަރެންގެ ވާހަކަ ސަމީރުއަށް އަޑު އިއްވަން ބޭނުންވިއެވެ. އަހަންނަށް ނަފްސާނީ ގޮތުން ކުރި އަސަރުގެ ވާހަކަ ކިޔައިދިނީމެވެ. އިންޑިޔާ އަށް ގޮސް ތެރަޕީ ނެގިވާހަކަ އެވެ. އެ ބަލިމަޑުކަމުން އަރައިގަނެވޭނީ އެހަނދާން ތަކާއި ވީހާވެސް ދުރަށްގޮސްގެން ކަމަށާއި އެ މާހައުލު ދޫކޮށްލައިގެން ކަން އަހަންނަށް ވިސްނުނު ވާހަކައެވެ.
"އެ މާހައުލަކީ ވެސް، އެހަނދާނަކީވެސް ހަމަ އިޝާން.! އޭނާ ފެނުނީމާ އަހަންނަށް ޕެނިކް އެޓެކް ޖެހުނު .. ދެން ؟ ދެން !" އަހަންނަކަށް އިތުރަކަށް ކުރިއަކަށް ނުގެންދެވުނެވެ. އަހަރެން އިސްދަށަށް ޖަހާލީމެވެ. އަހަންނަށް ކުރަމުން ދިޔަ އަސަރު ސަމީރުއަށް ދައްކާކަށް ބޭނުމެއްނޫނެވެ. އެކަމަކު އޭނާ އަށް ވިސްނުނެވެ. އުނދޯލިން ތެދުވެގެން އަހަރެންގެ ކައިރިއަށް އައެވެ. އަހަރެންގެ ގައިގަ ބައްދާލިއެވެ.
"އައިމް ސޮރީ!" އޭނާ ބުނެލިއެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގިފައި ކަހަލަ ގޮތަކަށް އަހަންނާއި ދިމާލަށް ބަލަން ހުއްޓެވެ.
"އިޓް އޯކޭ.". އަހަރެން ގަދަކަމުން ހިނިތުންވެލީމެވެ. އަދި އޭހާ ދުވަސްކޮށްފައި އެވާހަކަ ދެއްކުނީމާ އެއިހުސާސްތައް ތިލަވީކަމުގައި އަހަރެން ބުނީމެވެ.
"އަސްލު މިހާރު އައި އޭމް ހެޕީ ވިތު މައި ލައިފު!" އެހިސާބުން އަހަރެން ފެށީ ހުސޭނުގެ ވާހަކައެވެ. އަހަރެން އެވެއްޓުނު ވަޅުގަނޑުން ނަގައިދިނީ އޭނާ ކަމުގައި ބުނަމުންނެވެ. އެހުރިހާ ވާހަކައެއް ދައްކަމުން ގޮސް އިޒާންގެ ކައިވެންޏަށް މާފުއްޓަށް ދިޔަވާހަކަ އާއި އެތަނުން އިޝާން އާއި ދިމާވެގެން އަހަރެން މިއީ ކާކުކަން އެނގުނު ވާހަކަވެސް ކިޔައިދިނީމެވެ. އެކަމަކު ދެންކަންތައް ވީގޮތް އަހަރެން ކިޔައިދޭކަށް ބޭނުމެއްނުވިއެވެ.
އިޝާން އާއި ޝެރީން އާއި އަލުން ދިމާވީ އިޝާންގެ ބައްޕަ ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔަރެއެއްގައި ކަމަށް ސަމީރު ކިޔައިދިނެވެ. އެހިސާބުން ޝެރީން އަނެއްކާވެސް ވިއްދާލީ ކަމަށްވެއެވެ. އެގެއަށް ގޮސް އިޝާންގެ މަންމައާއި ބައްޕާއާއި ގުޅާލާ ވަރަށް ގަދަ ކޮށްފައި އުޅެންފެށީ ކަމަށް ވެއެވެ.
"އިޝާން އޭރުވެސް އުޅެނީ ރިސޯޓުގައި.. އަހަރެން ކައިރީ ބުނާނެ ބޮޑު ކަމެކޭ ޝެރީން އޮންނީ އެގޭގައި އަޅާފައޭ..އެހެންއުޅެނިކޮށް މުހުސިނު އާއި ދިމާވީ.. އެހިސާބުން އަހަރެންވެސް ބުނިން ޝެރީން ކަންތައް ކުރާށޭ އޭނާ ހަމަ ގައިމުވެސް އިޝާން އާއި ހެދި އެބައުޅޭ ނޫންހޭ" އެހެންބުނެފައި ސަމީރު ފުންނޭވާއެއް ދޫކޮށްލިއެވެ.
"އެކަމަކުވެސް އަހަންނަކަށް ހިޔެއްނުވޭ އިޝާން އެހާ ހެޕީ ހެނެއް.. އޭނާ ބުނާނެ ޝެރީން ކިތަންމެ މޮޅު ހިތުގެ ޑަކްޓަރަކަށް ވިޔަސް އޭނާގެ ހިތަކަށް ފަރުވާއެއް ނުދެވުނޭ". ސަމީރުގެ އެ ޖުމްލަތައް އަހަރެންގެ ހިތްކަތިލަމުން ގެންދިޔައެވެ.
"ކީއްވެ، އިޝާން އަޅެ ކީއްވެ ދެން އަހަރެން ބުލޮކް ކުރީ؟" އެވަގުތު އަހަރެންގެ ހިތުގެ ޝަކުވާ ސިކުނޑި ތެރޭގައި ގުގުމަމުން ގެންދިޔައެވެ.
"އެދެމީހުން އެއްފަހަރު ވަރިވެސް ވިއޭ!" ކާން އިށީނދެފައި އަނެއްކާވެސް އެވާހަކަ ސަމީރު ފެށިއެވެ.
ލަތީފު އެދުވަހު ގެންގުޅުނު ސާރފު ބޯޑު ކައިރި ރިސޯޓަކަށް ލައްގާފައި އޮއްވާ ހޮވައިގެން ގެނެސް ސާރފު ސްކޫލް ކައިރީ އޭގާއި ލަތީފުގެ ނަން ލިޔެފައި އޭނާ ހަނދާނުގައި ބަހައްޓާފައި ހުންނަކަމަށާއި އިޝާން އާއި އިނދެގެން ޝެރީން ރިސޯޓަށް ދިޔަފަހަރަކު އެ ބޯޑު ފެނިގެން ރިސޯޓު މީހުންކައިރި އަހައިގެން އެހާދިސާ އޮޅުން ފިލުވީކަމަށް ވެއެވެ.
"ރާނިޔާގެ ނަން އަޑު އިވިގެން އޭނާ ބޭނުންވީ އެއީ ކޮން ރާނިޔާއެއްތޯ ބަލަން.. އެހިސާބުން ފަނިވީ.. އިޝާން އެވާހަކަ އޭނާ އަށް ކިޔައިނުދީ ސިއްރު ކުރީތީ އޭނާ ރުޅިއައީ... އަނެއްކާވެސް ޓުރަސްޓު އިޝޫ އައީ....އެކަމާ ހިތްހަމަ ނުޖެހިގެން ހުރެ މާލެއައިގޮތަށް ވަރިކުރާށޭ ކިޔާފައި ގެއިން ނުކުމެގެން ދިޔައީ... އިޝާން އޭނާ ވަރިކުރި، އެކަމު އިފާއަށް ބަނޑުބޮޑުކަން އިގުނީމާ އަލުން ކައިވެނި ރުޖޫޢު ކުރީ!" ސަމީރު ކިޔައިދިނެވެ.
"އޯ" އެޔާއިއެކު އަހަންނަށް ބުނެލެވުނެވެ. އެވާހަކަ ނަސިހާމެން ނަށް ނޭނގެނީ ބާވައޭ އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ.
ކައިނިމުނު ތަނާ ސަމީރުގެ އަންހެނުން ފޯނު ކުރިއެވެ. އެޔާއިއެކު ވަރަށް ދުވަސްވީ ރައްޓެއްސެއް ފެނިގެން އެގެޔަށް އައިސް އިން ކަމަށް ސަމީރު އޭނާ އަށް ބުނެދިނެވެ. ފޯނު ނިންމާލާފައި އޭނާ ގެ އަންހެނުންނާއި ދެކުދިން ގެ ފޮޓޯ އަހަންނަށް ދެއްކިއެވެ. އެދެމީހުން ދިމާވީ މެލޭގައި ކިޔަވަން ތިބި އިރު ކަމަށާއި އޭނާގެ އަންހެނުން ސޫޒަން އަކީ އިވެންޓު އޯގަނައިޒަރެއް ކަމުގައި ވެސް އޭނާ ބުނެދިނެވެ. އަދި އަންހެނުންވެސް އުޅެނީ ވަރަށް ބުރަކޮށް ކަމުގައި ސަމީރުގެ ވާހަކައިން ދޭހަވިއެވެ.
"މިހާރުވެސް އެއުޅެނީ ކޮންމެވެސް ފެޝަން ޝޯވްއެއްގެ ކަންތަކާ!"
"ފެޝަން ޝޯވްއޭ؟" އަހަންނަށް އަހާލެވުނެވެ. ކުއްލިއަކަށް އަހަރެންގެ ހިތަށް އުފާވެރިކަމެއް އިހުސާސް ވެގެން ދިޔައެވެ. މިހާރު އަހަރެން ކުރާ މަސައްކަތަކީ މިއީ އޭ ކިޔާފައި ފޯނުގައި ހުރި އަހަރެންގެ ހެދުންތައް ދައްކަން ފެށީމެވެ.
"ވަވް! ވަރަށް ރީތި.. ކޮންއިރަކު ރާނިޔާ މިކަން ކުރަން ދަސްކުރީ؟"
އަހަރެންނަށް އެކަން ދަސްވީ މައިދައިތަ ކައިރިން ކަމުގައި ބުނީމެވެ. އަދި އަހަރެންގެ މިހާރު ބޭނުންވަނީ ފެޝަން ޑިޒައިނިން ދާއިރާއިން ކުރިއަށް ދާން ކަމުގައިވެސް ބުނީމެވެ. އެއާއި އެކު އަހަރެންގެ މަސައްކަތުގެ ފޮޓޯ ކޮޅެއް އޭނާގެ އަންހެނުންނަށް ދައްކާލަން ބޭނުން ކަމުގައި ސަމީރު ބުންޏެވެ. ސުޒަން އަބަދުވެސް ރީތިކޮށް ފާހާ މީހުން ނުލިބިގެން އެވާހަކަ ދައްކާނެކަމުގައި އޭނާ ބުންޏެވެ. އެދާއިރާއިން ފުރސަތު ހޯދައިދީފިއްޔާ ވަރަށް އުފާވާނެ ކަމުގައި އަހަރެން ބުނެލީމެވެ.
މަޖުދީ އައުމުން ސަމީރު ދާން ތެދުވިއެވެ. އެވަގުތު އަހަރެން ހަވާލުކުރަން އުޅުނު ސިޓީ މަތިން އޭނާ ހަނދާންވެގެން ސުވާލުކުރިއެވެ.
"އެއީ އެއްވެސް އެއްޗެއް ނޫން.. ކޮންމެވެސް ބަހަނާއެއް ދައްކާފަތާ ތިކަހަލަ ބޮޑެތި މީހުންނާއި ބައްދަލު ކުރެވޭނީ!" އަހަރެން ހީގަނެފައި ބުނީމެވެ. ސަމީރު ދިޔައީ އަހަންނާއި ދިމާވީތީ ވަރަށް އުފާވެއްޖެ ކަމުގައި ބުނަމުންނެވެ. އަދި ދެން އައްޑޫއަށް އަންނަ ކޮންމެފަހަރަކު ރޮއްޓާ ރިހައާ ކާން މިގެއަށް އަންނާނަން ކަމުގައިވެސް ބުންޏެވެ.
އަނެއްދުވަހު ހެދުނު މަންމަ ނުކުތީމާ ސަމީރުގެ ވާހަކަ ކިޔައިދިނީމެވެ. "އަހަންނަށް ހީވަނީ އަހަންނަށް މިފަހަރު ފާލަން މިއެޅުނީ މުސްތަގުބަލަށް ހެން.!" އަހަރެން ހެވިލާފައި ބުނީމެވެ. އަދި ސަމީރުގެ އަންހެނުންނަކީ ފެޝަން ޝޯވް ފަދަ އެއްޗެތި ރާވާ ހިންގާ މީހެއްކަމާއި އޭނާ ކައިރި ބުނެގެން އަހަރެން އަހަންނަށް ފުރުސަތު ހޯދައިދޭނެ ކަމަށް ސަމީރު ބުނިވާހަކަ މަންމައަށް ކިޔައިދިނީމެވެ. އަހަންނަށް މިފަހަރު މިދާއިރާއިން ކުރިއަށް ދާން ފުރުސަތު ލިބޭނެޔޭ އޭރު އަހަރެންގެ ހިތް ބުނަން ފަށައިފިއެވެ.
ނާސިހާގެ ޚަބަރެއް ނުވާތާ ކުޑަ ދުވަސްކޮޅެއް ވެފައިވާތީ އަހަރެން އޭނާ އަށް މެސެޖްކޮށްލީމެވެ. ފަހަރެއްގައި ވަރަށް އަވަހަށް މާލެ ދެވިދާނެ ވާހަކަ ބުނާހިތުންނެވެ. އެޔާއިއެކު އޭނާ ގުޅިއެވެ.
"އޭ އިނގޭތާ ސައީދާ ބުނީ ޝެރީން އަނެއްކާ މިހާރު އުޅެނީ އެ ޖާވިދުއާއި އެކީގަޔޯ"
"އޭ؟ ދެން އިޝާން؟" އަހަންނަށް އަހާލެވުނެވެ.
"އެދެމީހުން މައްސަލަ ޖެހިގެން އުޅޭތާ ކިޔަންމެ ދުވަހެކޯ.. ސައީދާ އެހީމާ ބުންޏޯ އަހަރެންގެ ފިރިއެއް ނުހުންނާނެއޭ!" ނާސިހާ ކިޔައިދިނެވެ.
"ދެން އޯކޭ އެއްނު، ކޮންމެ މީހަކުވެސް އެމީހަކު ހިތްއުފާވާ ގޮތަށް އުޅުނީމާ ހުންނާނީ ރަނގަޅަށް!" އަހަރެން ބުނެލީމެވެ. އަދި ވާހަކަ ބަދަލުކޮށްލަންވެގެން ވަރަށް އަވަހަށް މާލެ ދާނެ ވާހަކަ ބުނީމެވެ. އެއާއިއެކު ނާސިހާ އުފާވިއެވެ. މިފަހަރު އެންމެން މީޓް ކުރަންވާނެޔޭ ބުނެލިއެވެ.
ފޯނު ނިންމާލާފައި ވިސްނާލީމެވެ. ޝެރީންއަށްޓަކާ އަހަރެންނަށް ވެނުނީ އެއްވެސް އަގެއްނެތް ގުރުބާނީއެއް ހެއްޔެވެ؟
-- ނުނިމޭ --