26 Aug 2023

ފޯނު ބޭއްވާފައި ވިސްނާލީމެވެ. ޝެރީންއަށްޓަކާ އަހަރެންނަށް ވެނުނީ އެއްވެސް އަގެއްނެތް ގުރުބާނީއެއް ހެއްޔެވެ؟ އެވަގުތު އަހަރެންގެ އަމިއްލަ ނަފުސު އަހަންނަށް މަލާމާތް ކުރަން ފެށި ކަހަލައެވެ. އެރޭ ހަތަރު ދަމު އަހަންނަކަށް ނުނިދުނެވެ. ހަމަ ވިސްނެނީއެވެ. އިޝާން އަހަންނަށް އެހެންއެހެދީ ކީއްވެގެން ހެއްޔެވެ؟ އޭނާ އަހަރެން ދެކެ ލޯބިވެޔޭ ބުނެފައި ވަނީ އެންމެ ފަހަރަކު ދެ ފަހަރަކު ނޫނެވެ. އަހަންނަކީ އޭނާއަށް ޓަކައި މިދުނިޔެއަށް ފޮނުއްވާފައިވާ އިންސާނާއޭ ވެސް އޭނާ ވަނީ އަހަންނާއި ދިމާލަށް ބުނެފައެވެ. އޭނާ އެކަންވެސް ހަނދާން ނައްތާލީހެއްޔެވެ؟

އަނެއްދުވަހު ހެދުނު ތެދުވެފައި އަނެއްކާވެސް އިޝާން އަށް ގުޅޭތޯ ބެލީމެވެ. އޭނާ އަދިވެސް ހުރީ އަހަރެން ބުލޮކް ކޮށްފައެވެ. އަހަރެން ދެރަވިއެވެ. އޭނާ ހަމަ އަހަރެން ދެކެ ލޯބި ނުވަނީ ހެއްޔެވެ؟ އަދިވެސް އަހަންނަށް ގަބޫލު ކުރަން ދައްޗެވެ.

"އައި ހޭޓް ޔޫ އިޝާން!" އަހަރެންގެ ލޮލުން ކަރުނަ އައި ހިނދު ބުނެލެވުނެވެ.

ޖެހިގެންއައި ދުވަހު، ސަމީރުގެ އަންހެނުން އަހަންނަށް ގުޅިއެވެ. ވެޑިން ޑުރެސް ފާހާ ރާނިޔާ އަކީ ތީއީތޯ އޭނާ ސުވާލުކުރިއެވެ. އަހަރެންގެ ވާހަކަ އޭނާ އަށް އޮތީ އަޑުއިވިފައި ކަމުގައި ބުންޏެވެ. ހައިފާގެ ވެޑިން ފޮޓޯ އިންސޓަރގުރާމް އިން އޭނާ ވެސް ދުށިންކަމުގައި އާއި ވަރަށް ރީތި ކަމަށް އޭނާ ބުންޏެވެ. އަހަރެން އުފާވިއެވެ. ހައިފާގެ ކައިވެނި މާލޭގައި ބާއްވާކަން އެނގުނީވެސް އެހެދުން ފަހައިދީ ނިންމި ފަހުންނެވެ. އެހެންކަމުން އެ ހެދުން ފަހަމުން ގެންދިޔައިރު އެއީ އެހާ ސަމާލުކަމެއް ލިބިގެން ހިގައިދާނެ ހެނދުމެކޭ ފަހަރެއްގައިވެސް ހިތަކަށް ނާރައެވެ.

"މާލެ އާދެވިދާނެތަ؟" ސޫޒަން އެންމެ ފުރަތަމައިނުންވެސް އަހާލިއެވެ. އަދި އޭނާ މިހާރު ރާވާ އިވެންޓަށް މީހުން ހޯދަނީ ކަމަށްބުނަމުން އެއީ މުޅި ސައުތު އޭޝިޔާ ގަޢުމު ތަކުން ބާއްވާ ފެޝަން ވީކް އިވެންޓެއް ކަމަށާއި އެކި ގަޢުމުތަކުން ބައިވެރި ވާނެ ކަމަށް ވެސް އޭނާ މަޢުލޫމާތު ދިނެވެ.

"ވަރަށް ދިވެހި ތީމްއެއް ބޭނުންވަނީ..!" އޭނާ ބުނެލިއެވެ.

އެ ފޯނު ބޭއްވިއިރު އަހަރެން ހުރީ ވަރަށް އުފާވެފައެވެ. އަހަރެން އުއްމީދު ކޮށްގެ ހުރި ފުރުސަތު ލިބުނީތީ ޝުކުރުވެރި ވީމެވެ. އެހިސާބުން އަހަރެން ޑިޒައިން ކުރަން ފެށީމެވެ. އެހެންނަމަވެސް އަހަރެންގެ ސިކުނޑިއަށް ވަނީ ބަރުވެފައެވެ. އަބަދު ވިސްނެނީ ނާސިހާ ދެއްކި ވާހަކައާއި މެދުގައެވެ. އަހަރެން ހިތް ނުތަނަވަސް ވާން ފެށިއެވެ. ސޫޒަން އެ ބޭނުންވާ ފެންވަރަށް އަހަންނަށް މަސައްކަތް ކުރެވިދާނެ ބާވައޭ ހިތަށް އަރަން ފެށިއެވެ. އަހަރެންގެ އަމިއްލަ ނަފްސަށް އޮތް އިތުބާރު ނިކަމެތި ވެފައިވާ ކަހަލައެވެ.

އަހަރެން ހާސްވާ ވާހަކަ މަންމަކައިރީ ބުނީމެވެ. އަހަންނަށް ނުވެއްޖިއްޔާ ދެން ވާނީ ކިހިނެތް ހެއްޔޭ ކީމެވެ.

. "ކޮންމެ ކަމެއްވެސްއޭގެ އެންމެ ނުބައި ކޮންތަ ވިސްނަންވީ؟" މަންމަ ހިތްހަމަނުޖެހުނެވެ. އަދި އަހަރެން އެރޮގުން ކުރިއަށް ދާން ބޭނުމިއްޔާ ލިބޭ ފުރުސަތު ތަކުގެ ބޭނުން ހިފާށޭ މަންމަ ބުނެލިއެވެ. "އިހަކަށް ދުވަހަކު ދޯ މިތާނގަ އިދެފަ މަންމަ ކައިރީ ބުނީ ބޭނުމީ ފެހުމާއި ޑިޒައިން ކުރުމުގެ ރޮނގުން ކުރިއަށް ދާށޭ..މިހާރު އެޙިޔާލު ބަދަލު ވީތަ އަނެއްކާ؟" މަންމަ އަހާލިއެވެ.

އަހަރެން އަވަހަށް ނޫނެކޭ ބުނީމެވެ. އަހަރެން ގެ ޚިޔާލު ބަދަލެއްނުވެއެވެ. މިހާރު އަދި ކުރިއަށްވުރެވެސް ބޮޑަށް އަހަރެން މަޝްހޫރު ވާން ބޭނުންވެއްޖެއެވެ. އިޝާން އެހެން ހަދާލިއަސް އަހަރެންނަށް އަސަރު ނުކުރާކަން އޭނާ އަށް ދައްކަން ބޭނުމެވެ.

އޭގެ ތިންދުވަސް ފަހުން އަހަރެން މަންމަގޮވައިގެން މާލެ ދާން ފުރީއެވެ. މާލެގޮސް އިވާން ކޮއްކޮ އާއި އެކީގައި ވަގުތު ހޭދަކުރެވޭނެތީ މަންމަވެސް ހުރީ ވަރަށް އުފަލުންނެވެ.މާލެއައިސް އެޕާރޓުމެންޓަށް ވަދެފައި އެންމެފުރަތަމައިނުންވެސް ނުކުތީ ބެލްކަންޏަށެވެ. ބުރިޖް މަތިން އެއްޗެތި ދަތުރު ކުރާމަންޒަރު ބަލަހައްޓައިގެން އަހަންނަށް ހުރެވުނެވެ. އެ ސަރަހައްދަށް ވަނީ ފުދޭވަރެއްގެ ބޮޑު ބަދަލެއް އައިސްފައެވެ. އެއީ އަހަރުމެން ޒުވާން އިރު އައިސް އުޅުނު ލޮނުޒިޔާރަތް ކޮޅުހެން އެއްގޮތަކަށްވެސް ހިޔެއްނުވެއެވެ. އެކަމަކު، އިޝާންއަށް އަލްވަދާ ކިޔަން ހުއްޓިގެން ހުރި ހިސާބު އަދިވެސް ފާހަގަ ކުރަން އެނގުނެވެ.

މީގެ ކުރީގައި އެތަން ފެންނަ ކޮންމެ ފަހަރަކު އަހަންނަށް އަސަރު ކުރެއެވެ. އެތައް ހާސް މަންޒަރެއް އެއްފަހާރާ ހިތުތެރެއަށް ވެރިވެގަނެއެވެ. އެކަމަކު، މިއަދު އަހަރެން އެތަންބަލަން ހުރިއިރު ކުރަނީ މުޅިން އެހެންކަހަލަ އިހުސާސް އެކެވެ. މިހާރު އޭނާ އަހަރެން މަތިން ހަނދާންވެ، ދެރަވެގެންނެއް ނޫޅޭނެއެވެ.

އަހަރެން އަނެއްކާވެސް ދޮންބެދައްތައާއި ވާހަކަ ހިއްސާކުރަން ފެށީމެވެ. އިފާ ރަށަށް ދިޔައީއްސުރެން އެހާތަނަށްކަން ހިނގާ ދިޔަގޮތް ކިޔައިދިނީމެވެ. އަދި ޝެރީން އާއި ބެހޭ ގޮތުން ލިބިފައިވާ މައުލޫމާތުވެސް ކިޔައިދިނީމެވެ.

"އިޝާންގެ ކޮންމެ ލަވައެއް އަޑު އިވޭ އިރަށް ދޮންބޭބެވެސް ބުނާނެ ޔަގީނޭ މިއީ ކޮއްކޮ އަށް ހަނދާފައި އޮތް ލަވައެކޭ!" ދޮންބެދައްތަ ބުނެލިއެވެ.

"ނޫން ދޮންބެދައްތާ، ކުރިން ތިހެންކަމަށް ހީކުރިން.. އެކަމަކު ނޫން!" އަހަރެން ބޯހޫރާލީމެވެ.

"ދޮގު ނަހަދާ ބުނެބަލަ! ކޮއްކޮއަށް އަދިވެސް އޭނާ މަތިން ހަނދާން ނައްތާނުލެވޭ ދޯ؟" ދޮންބެދައްތަ ވަރަށް ސީރިއަސް ވެލާފައި އަހާލިއެވެ.

"އެއީ ދުވަހަކުވެސް އަހަންނަށް ނުވާނެކަމެއް ކަން މިހާރު ޔަގީންވެއްޖެ... އެކަމަކު، އަހަރެން ހިތްވަރު ކުރާނަން!" އަހަރެން ބުނީމެވެ. "މިއޮއްހާ ދުވަހުވެސް މިއުޅެވުނީއެއްނު" އަހަރެން އެހެންބުނީ ދޮންބެދައްތަ ހިތްހަމަ ޖައްސާށެވެ. މަންމައާއި ހަމައަށްވެސް އެވާހަކަ ދާނެކަން އެނގޭތީއެވެ.

ކޮންމެއަކަސް، އެތައް ޒަމާނަކަށް ފަހު އަނެއްކާވެސް އަހަރެން އެންމެ ލޯބިވާ އެންމެންނާއި އެއް ފުރާޅު ދަށުން ބައްދަލު ވުމުގެ ފުރުސަތު ލިބުނެވެ. އެރޭ އިޒާން އާއި ރިފުގާވެސް މާލެއަށް އައެވެ. މަންމަ ދެން ތިމަސައްކަތް ކުރަން މާލެ ބަދަލުވާން ވީ ނޫންހޭ އިޒާން ބުނުމުން އަހަރެން ތިކަމާ ވިސްނާނަމޭ ބުނީމެވެ.

އަނެއްދުވަހު ނާސިހާއަށް ގުޅީމާ ކުލާސް އެންމެން އެކީގައި ސަޔަށް ދާން ރާވަމާހޭ އެނާ ބުންޏެވެ. އަހަންނަށް ހަމަ ނޭވާއެއް ލެވޭނީ މިމަސައްކަތް ނިމުނީމާ ކަމުގައި ބުނީމެވެ. އެހެންކަމުން އެދުވަހު ހަވީރު އައިނތު އާއި ނާސިހާ އަހަރެން ދެކެން އެޕާރޓުމެންޓް އަށް އައީއެވެ. އެމީހުންނާއި މަންމައާއި ދޮންބެދައްތަ އާ ވެސް ދިމާވެ ކުރިއެކޭވެސް އެއްގޮތަށް މަޖާކޮށް ވާހަކަ ދައްކާ ހެދީމެވެ. ކުޑަ އިރުކޮޅެއްވީއިރު އޭހާ ގިނަ ޒަމާން ކޮށްފައި ދިމާވި ބައެއްހެން ހީވެސް ނުވެއެވެ.

އޭގެ ދެދުވަހެއް ފަހުން ސައީދާ އަހަންނަށް ގުޅިއެވެ. ނާސިހާމެންގެ ފަރާތުން އަހަންނަށް އެނގިފައި އޮތްގޮތުން މިހާރު ޝެރީން އެންމެ ގާތްކަމެއް ބަހައްޓަނީ އޭނާ އާއެވެ. ކުލާސް ގުރޫޕްގައި ދެކެވޭ ހުރިހާ ވާހަކައެއް ވެސް ސައީދާ ޝެރީން އަށް ކިޔައިދޭނެ ކަމަށް ނާސިހާމެން ބުނެފައިވެއެވެ. އޭނާ ވެސް ބޭނުންވީ އަހަރެން ދެކީލާށެވެ. ކޮފީ އަކަށް ދާން ހިނގާށޭ އޭނާ ބުނުމުން އަހަރެން އެއްބަސްވީމެވެ. އޭނާ ދައްކާވާހަކައެއް އަޑު އަހާ ހިތްވީއެވެ. ސައީދާ އަކީ ސްކޫލުގައި އުޅުނު އަހަރުމެންނާއި އެހާ ގާތްކޮށް އުޅުނު ކުއްޖެއް ނޫނެވެ.އެއީ ކުލާހުގައި ސަކަރާތް ނުޖަހާ މަޑުމަޑުން އިން އެއްކުއްޖެކެވެ. އެހެންނަމަވެސް މިހާރު އޭނާ އުޅެނީ ސަރުކާރުގެ ކޮންމެވެސް އޮފީހެއްގެ އިސް މަގާމެއްގައެވެ. ނާސިހާ މެން ބުނާގޮތުން ވިއްޔާ ޝެރީން އޭނާ އާއި ގުޅާލީ އެހެންވެގެންނެވެ.

ސައީދާ ކައިރީގައި އަހަންނަށް އަދި ބުރިޖް މަތިން ދަތުރެއް ނުކުރެވެޔޭ ބުނުމުން އޭނާ ނިންމީ ހަވީރު ސައިބޯން ހުޅުމާލެއަށް ދާށެވެ. އަހަރުމެން ޓެކްސީގައި ގޮސް ފޭބީ ކެފޭތައް ހުންނަ ހިސާބަށެވެ. އެ ދިމާލުން މަގުގެ އަނެއްފަރާތު އަތިރިމަތީގައި ވެސް މޭޒާއި ގޮނޑި ޖަހާފައި ހުއްޓެވެ. އެތާނގާއި ވަރަށް ގިނަ މީހުން ތިއްބެއެވެ. ކެފޭ ތަކުގެ ބޭރުގައި ވާ މޭޒުތަކުގައިވެސް ކޮފީ ބޯން މީހުންތިއްބާ ފެނުނެވެ. އިރުއޮއްސޭ ގަޑީގައި ސައީދާމެންވެސް ވަރަށް ގިނައިން މިތަނަށް އަންނަކަމަށް އޭނާ ބުންޏެވެ. އަހަރުމެން ދެމީހުން ވަންނާނެ ރަނގަޅު ތަނެއް ބަލަމުން ހިގަމުން ދިޔައީމެއެވެ. ވަކި ހިސާބުން އަހަންނަށް އެއްލުނު ކަޅިއަކުން އަހަންނަށް ފެނުނީ އިޝާންއެވެ. އޭނާ ހުރީ އެދިމާލުން އަތިރިމަތީގައެވެ. އަހަންނަށް އޭނާ އަށް ސަމާލުވެވުނީވެސް މާވަރަކަށް މީހަކު އަހަންނާއި ދިމާލަށް ބާލާ ކަން އިހުސާސް ވެގެންނެވެ. އެއީ އެނާ ކަން ޔަގީންވުމުން އަހަރެން ފިނިވިއެވެ. ފައި ތުރުތުރު އަޅަންފެށިއެވެ. އަހަރެން އަވަސް އަވަހަށް އެހެން ދިމާލަކަށް ބަލަން ފެށީމެވެ. އެހިސާބުން ސައީދާ މަގުހުރަސްކުރަން އަހަރެންގެ އަތުގައި ހިފިއެވެ. އޭނާއަށް އިޝާން ފެނުނުކަމެއް ނުވަތަ ނުފެންނަކަމެއް އަހަންނަކަށް ނޭނގެއެވެ. ސައީދާ އަހަރެން ގޮވައިގެން ގޮސް ކުރިމަތީގައި ހުރި ކެފޭއަށް ވައިން އިރުވެސް އަހަރެން ހަމައަކަށް ނޭޅެއެވެ. އެކަމަކު ނަސީބަކުން ސައީދާ އަކަށް އެކަމެއް ފާހަގައެއް ނުކުރެވެއެވެ.

މޭޒުދޮށުގައި އިށީނދެ ކާއެއްޗިއްސަށް އޯޑަރު ކުރުމަށް ފަހު ސައީދާއަށް އަހަރެންގެ ފެހުމާއި ޑިޒައިނިންގ ގެ ވާހަކަ ކިޔައިދޭން ފެށީމެވެ. ފޯނުގައި ހުރި ފޮޓޯތައް ދައްކަމުންނެވެ. މާގިނައިރެއް ނުވަނީސް އިޝާން އާއި އެހެން ތިން މީހުން ކެފޭ ދޮރުހުޅުވާލާފައި ވަނެވެ. އޭނާ އާއި އަހަންނާއި ދެމީހުންނަށް އެއްފަހަރާ އެކަކު އަނެކަކާއި ދިމާލަށް ބަލާލެވުނެވެ. އެހެންނަމަވެސް އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނުނެވެ. އަހަރެން މިއީ ދަންނަމީހެއްކަމަކަށް އޭނާ ނެހެދިއެވެ. އަހަރެން އިސްދަށަށް ޖަހާލީމެވެ.

"އަހާ އިޝާން ! މާލޭގަ އެބަ އުޅެންތަ؟" ސައީދާއަށް އޭނާ ފެނިގެން ސުވާލު ކުރިއެވެ.

"މާލެއަކު ނޫން ، ހުޅުމާލޭގަ މިހިރީ!" އިޝާން އޭނާގެ ހިނިތުންވުން ސައީދާ އަށް ދައްކާލާފައި ކައުންޓަރާއި ދިމާލަށް މިސްރާބު ޖެއްސެވެ. އެއާއި އެކު ސައީދާ އަހަންނާއި ދިމާލަށް ކަޅިއެއް އެއްލިކަން އަހަންނަށް ފާހަގަ ކުރެވުނެވެ. އަހަރެން ނޭނގޭ ކަމަށް ހަދާފައި މޭޒުމަތީގައި އޮތް ފޯނު ނަގައިގެން ބަލަން ފެށީމެވެ.

އިރުކޮޅެއްވެސް ނުވެ އެމީހުން ބޭރަށް ނުކުތެވެ. އެހިސާބުން އަހަންނަށް ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. "ރީނާ އިޝާން އަކާ ވާހަކައެއް ނުދައްކަންތަ؟ "

"ސައީދާގެ ހުރިހާ އެކްސް ބޯއި ފުރެންޑުންނާއި ވާހަކަ ދައްކަންތަ؟ " އަހަރެންވެސް ކޮށްލީ ސުވާލެކެވެ.

"އޭނާ މިހާރު ސިންގަލް އޭ!" ސައީދާ ލާނެއްގޮތަކަށް ބުނެލިއެވެ.

އެޖުމްލައަށް އަހަރެން ރުޅިއަންނަ ގޮތްވިއެވެ. އެހެންނަމަވެސް އަހަރެންގެ ނަފްސު ކޮންޓުރޯލު ކުރީމެވެ.

"އެއީ އެކަނިތަ ދުނިޔޭގައި ހުރި ސިންގަލު މީހަކީ؟ ސަލްމާން ޚާންވެސް އަދިވެސް ސިންގަލް!"

އަހަރެން އެހެންބުނުމުން ސައީދާ ހޭން ފެށިއެވެ. އަދިވެސް ހަމަ ބޭރު މީހުންނާއި ހެދި އެވަރު ހުރޭތޯ ސުވާލުކުރިއެވެ. އެހިސާބުން އަހަރެންގެ ލޯބިވާ ޖޯޖް މައިކަލްގެ ވާހަކަ އޭނާ ފެށިއެވެ. އޭނާ ދުނިޔެ ދޫކުރި ޚަބަރު ލިބުމުން އަހަރެން ވަރަށް ދެރަވި ކަމުގައި ބުނީމެވެ.

ކޮންމެއަކަސް ސައިބޮއެ ނިންމާލިއިރު ސައީދާއަށް އަހަރެން ހުސޭނު ދެކެ ވަރަށް ލޯބިވާކަމާއި އޭނާ ނައިސްގެން މިސްވެގެން އުޅޭކަން އިނގޭނެއެވެ. އަހަރެންގެ ދަރިފުޅު އުޅެނީ މާފުށީގައި ކަމާއި އޭނާ އެރަށުން މީހަކާ އިދެގެން އުޅޭކަން ސައިދާ އަށް އެނގޭކަން ބުނެދިން ހިސާބުން ޝެރީން އާއި ސައީދާ އާއި ދެމީހުން އަހަރެންގެ ވާހަކަ ދައްކާފައި ހުރިކަން އަހަންނަށް ޔަގީންވިއެވެ. އެހެންކަމުން އަހަންނަށް ޝެރީންގެ ދަރިފުޅާ ދިމާވެ ވާހަކަ ދައްކާ ހެދިވާހަކަ އަހަރެން ވެސް ކިޔައިދިނީމެވެ.

ކޭފޭ އިން ނުކުތްއިރު ބޭރު މޭޒު ދޮށުގައި އިޝާންމެން ތިއްބެވެ. އޭނާ އެއީ ދަންނަ މީހެއްކަމަށް މިފަހަރު އަހަރެންވެސް ނަހަދަމެވެ.

ގެއަށް އައިސް ސިޓިން ރޫމް ގޮނޑީގައި އޮށޯވެ ލޯމަރާލީމެވެ. ހަމަ އެއާއި އެކު އަހަންނަށް އިޝާން ފެނުނެވެ. އެޔާއިއެކު، މިއޮއްހާ އިރު ހިތުތެރޭގައި ތާށިވެފައިވާ އިހުސާސްތައް މަޑުމަޑުން ބޭރުވާންފެށިއެވެ. އެހިތުގައި ވާ ރިހުން ގަދަވާން ފެށިއެވެ.

ބެލްކަނީ ދޮރުގެ ފޮތި ގަނޑު ވަޔާ ހެލިލި ވަގުތު ބޭރުގައި މީހަކު ހުރިތަން އަހަންނަށް ފެނުނު ހެން ހީވިއެވެ. އަހަރެން ތެދުވެގެން ބެލްކަންޏަށް ނުކުމެ ހޯދާލީމެވެ. އެތަނުން އިޝާން ފެނުނުހެން ހީވީތީ އަމިއްލެއަށް ހިނިތުންވެލެވުނެވެ. އަހަރެން މަގުމަތި ބަލާލީމެވެ. ފެނުނީ ޓްރެފިކުން ފުރިފައިވާ މަގެކެވެ. އެތެރެއަށް ވަންނަން އެނބުރިލި ވަގުތު އަހަރެންގެ ފުރަގަހުގައި އިޝާން ހުރިތަން ފެނުމުން އަހަރެން ސިހުނެވެ. އޭނާގެ މޫނު މަތިން ފެނުނީ ރުޅިވެރިކަމެވެ.

"ކީއްކުރަން ތިއައީ؟" އޭނާ ސުވާލުކުރިއެވެ.

"އަހަރެން އަދިވެސް އިޝާން ދެކެން ބޭނުންވާތީ!" ފިނިވެފައިވާ ހާލު އަހަރެންނަށް ޖަވާބު ދެވުނެވެ.

އޭނާ ކައިރިއަށް ޖެހިލިއެވެ. "އަހަރެން ހަނދާން ނައްތާލައިފީމޭ ބުނެފިއްޔާޔޯ؟ .... އެލޯބި ނިމުމަކަށް އަތުވެއްޖެޔޭ ބުނެފިއްޔާ؟"

އޭނާ ވާހަކަ ދައްކަމުން އަހަންނާއި ދިމާލަށް އަންނަމުން ދިޔައެވެ. އޭރު އަހަރެން ފެންކަޅިވާން ފަށައިފިއެވެ. "އޭގެ ބަދަލު މިހިތުގައި ވަނީ ނަފްރަތޭ ބުނެފިއްޔާ؟"

އެހިނދު އަހަރެންގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަ އައެވެ.

"އަހަރެން އަދިވެސް ލޯބިވޭ! ވަރަށް ލޯބިވޭ " ފުސްވެފައިވާ ދެލޮލުން އޭނާއާއި ދިމާލަށް ބަލާލަމުން ބުނެދިނީމެވެ.

އޭނާ އަހަރެންގެ ކައިރިއަށް ހުއްޓި މޫނުގައި އަތްޖައްސާލިއެވެ. އަހަރެންގެ ލޮލުން ފޭބި ކަރުނަ ރޮނގު ފުހެލަދޭން މަސައްކަތް ކުރިއެވެ.

"މިހިތުގައި އަދިވެސް ވަނީ ހަމަ އިޝާން!" އަހަރެން މޭގާއި އަތްއަޅާފައި ބުނެދިނީމެވެ.

އޭނާ ބޯހޫރާލަމުން ނޫނޭކޭ ބުންޏެވެ. ގަބޫލެއްނުކުރާނަމޭ ބުންޏެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ދޭނުހޭ ގެންގޮސް ވަޔާއޭ

Popular