2 Sep 2023

އެހެން ހިތަށް އެރުމާއިއެކު އަހަރެން އެނބުރި ދާން ބޭނުންވިއެވެ. ނޫނެކެވެ. އޭނާ އަންނާނެއެވެ. އަހަރެން ހޯދަން އަންނާނެއެވެ. އެވަގުތު އަހަރެންގެ ހިތް ސިއްރުސިއްރުން ބުނެދިނެވެ.

ލޯތްބަށް މިއެދެނީ، ހިތްއެދިގޮވާތީ ޖާނަށް ދިރުން އަދު ލިބޭތީ....."

ލަވައިގެ ތަންކޮޅެއް އަހަންނަށް ކިޔާލެވުނެވެ. އޭގެ ފަހަތުން އަންނަ ޕިޔާނާގެ ރާގުކޮޅު 'ޓިޑިޓިޑި ޓިޑި.........' އަހަރެންގެ ސިނކުޑި ތެރޭގައި ކުޅެވެންފެށިއެވެ. މި ދޮންވެލި ގޮނޑުދޮށް މަތީގައި އަހަރެންގެ އުނގުގާ ބޯއަޅާލައިގެން އޭނާ އޮވެގެން ލަވަކިޔަމުން ގެންދާ މަންޒަރު ހިތަށް ފެނިގެން ދިޔުމުން އަހަންނަށް ހިނިތުންވެލެވުނެވެ.

ޖެހެމުންދާ ފިނިރޯޅި ތެރޭގައި، އިރުއިރު ކޮޅާ އަހަރެންގެ ފަޔާއި ހަމަޔަށް އެފޯރާ ހޫނު ލޮނުގަނޑުގެ އިންތިޒާރުގައި މުޅި ރޭ ހޭދަކޮށްލެވޭނެނަމަ ކިހާ ރަނގަޅު ވާނެ ހެއްޔެވެ؟ ނޫނީ ވިއްޔާ އަހަންނަށް މިތާނގައި މި އިންތިޒާރު ކުރެވެނީ އެހެންމީހަކަށް ހެއްޔެވެ؟ އޭނާ އަހަރެން ހޯދަން މިތަނަށް އަންނަން އެދެވެނީ ހެއްޔެވެ؟

އުޑުމަތީގައިވާ ވިލާތަކުން ބޮޑު ހިތެއް ސިފަވެގެން އައެވެ. އެއާއިއެކު އަނެއްކާވެސް އުފަލުން ހިނިތުންވެލެވުނެވެ. އޭނާ އަންނާނެއެވެ. އަހަންނަށް އެލޯބި ހާސިލްވާނެއޭ ހިތްބުނެދިނެވެ.

ދާދި ގާތުން ކަކުނިތައް ދުއްވަގަތް އަޑަށް އަހަންނަށް ބަލާލެވުނެވެ. އަހަންނާއި ދިމާލަށް ސަމީރު އާއި ސޫޒަން އަންނަތަން ފެނުނެވެ. އަހަރެން އުއްމީދުކުރި މީހާ އެތާނގައި ނެތްކަން އެނގުމުން ކޮންމެވެސް ވަރެއްގެ މާޔުސްކަމެއް އިހުސާސް ކުރެވެން ފެށިއެވެ.

"ރާނިޔާ ހޯދަން ހިނގާ ހިނގާ ވަރުބަލި ވެއްޖެ!" ސޫޒަން މާނޭވާ ލަމުން އަހަރެންގެ ކައިރިއަށް ހުއްޓުނެވެ. "ފޯނު ސައިލެންޓުގަ ދޯ"

ސްޓޭޖަށް އަރަންވެގެން ފޯނު ސައިލެންޓަށް ލެވުނުކަން ހަނދާންވީ ދެނެވެ. ފޯނުނަގަން ދަބަސް ހުޅުވާލަން އޭގެ ޒިބްގައި އަތްލި ވަގުތު ފުރަގަހުން ހިޔަންޏެއްވިތަން ފެނުނެވެ. އެއާއިއެކު 'ކޮންގްރޭޖުލޭޝަންސް' އޭ ބުނެލިއަޑު އިވުނެވެ. އެއަޑު ޖެހުމާއިއެކު އަހަރެންގެ ހިތުގެ ހިނގުން މަދު ސިކުންތު ކޮޅަކަށް ހުއްޓުމަކަށް އައުމަށްފަހު ހިނގައިގަތެވެ. އިހަށްވުރެ ބާރަށެވެ. އެއްވެސް ހަމައެއް ނެތިއެވެ.

ތެންކިޔު" އަހަރެން އެދިމާލަށް އެނބުރުނީމެވެ. އެއީ ހަމަ އިޝާން ހެއްޔެވެ؟ ނުވަތަ އެއީ އަހަރެންގެ ބާރުގަދަ އިހުސާސްތައް އުފައްދައިދިން ޚިޔާލީ މަންޒަރެއްބާއޭ ހިތަށް އެރިއެވެ

އޭނާ އަހަރެން ހޯދަން އައީއޭ ހިތަށް އެރުމުން ލިބުނު އުފާވެރިކަން ހިނިތުންވުމެއްގެ ސިފައިގައި މޫނުމަތިން ހާމަވާންފެށިއެވެ.

"ސޫޒް ހިނގާބަލަ އެކޮޅު ބަލާލަން ދާން" ސަމީރު އޭނާގެ އަންހެނުންގެ އަތުގައި ހިފައިގެން ހިނގައިގަތްތަން ބަލަހައްޓައިގެން އަހަންނަށް ހުރެވުނެވެ.

"ރީނާ..!"

އޭނާގެ ދުލުން އަނެއްކާވެސް އެނަމުން ގޮވާލާނެ ދުވަހަކަށް އިންތިޒާރު ކުރާތާ ކިހާދުވަހެއް ވެއްޖެހެއްޔެވެ؟ އަހަރެންގެ ލޮލަށް ކަރުނަ ޖަމާވާންފެށީ އުފަލުން ކަންނޭނގެއެވެ. އޭނާ އައިސް އަހަންނާއި ވަރަށް ކައިރިއަށް ހުއްޓުނެވެ. އެ ހިތްގައިމު ހިނިތުންވުން އަހަންނަށް ފެނުނެވެ. އަހަންނަށް ހުރެވުނީއެވެ. އިވެމުން ދިޔައީ އަހަރެންގެ ހިތް އޭގެ އެންމެ ބާރުމިނުގައި ތެޅެމުންދާ އަޑެވެ.

"ވަރަށް ރީތި ހެދުންތައް!" އިޝާން ބުނެލިއެވެ.

"ލަވަވެސް ވަރަށް ރީތި!" އަހަރެންގެ އަޑު ނުކުތެވެ.

ދެން އަނެއްކާވެސް ވެރިވެގެން ދިޔައީ ހަމަހިމޭން ވަގުތު ކޮޅެކެވެ. އޭރު އަހަރެންގެ ހިތްއެދެމުންދިޔައީ އެދާގޮތަށް ގޮސް އެ ދެއަތުގެ ހިމާޔަތް ހޯދާށެވެ. އެހެންނަމަވެސް އަހަރެންގެ ސިކުނޑި، އިސްވެ ހަރަކާތްކުރާކަށް އަމުރެއް ނުދިނެވެ. ގޮނޑުދޮށަށް ބީއްސާލި ރާޅުގެ ލޮނުގަނޑު އަހަންނާއި ވަރަށް ކައިރިއަށް އައިސްފަ އެނބުރި ދާތަން ބަލަން އަހަރެން ހުރީއެވެ. އޭރު އަހަރެންގެ ހިތަށް ވެރިވެފައިވާ އުފާވެރިކަމުގައި ހަމަބިމުގައި ހުއްޓަސް އުދުހެވޭހެން ހީވެއެވެ.

"ސޮރީ ... އެރޭ މާފުށީގައި ވީ ގޮތުން!" އިޝާންގެ އަޑު އިވުނެވެ.ކުއްލިއަކަށް އަހަރެން ދަތުރު ކުރަމުން ދިޔަ އުފާވެރިކަމުގެ ބޮކި ފެޅުނެވެ. އޭނާ އަހަރެން ފޮޅުވާލާފައި ކޮށްޕާ އެނދުމައްޗަށް ވައްޓާލާފައި ނުކުމެގެން ދިޔަ މަންޒަރު ހިތަށް ފެނިގެންދިޔައެވެ. އަހަރެންދެކެ ލޯބިވުން ހުއްޓުނުކަމަށް އަންގަން ކަރުގައި އޮތް ފަށްވެސް ނަގާ އެއްލައިލީއެވެ. އެރޭގެ އެހިތި އަސަރު އަހަރެންގެ ނަފްސަށް ވެރިވެގަތުމާއިއެކު ލޯ މަރާލެވުނެވެ.

މެސެޖް ކުރީމާވެސް އަޅާ ނުލީމެންނު!" މުޅި ލައިފުން އަހަރެން ބުލޮކް ކޮށްލީއެއްނު!" އަހަންނަށް ވާހަކަ ދެއްކުނުއިރު، އަހަރެންގެ ހިތުގެ އިހުސާސްތައް މުޅިން ބަދަލުވެ ނިމިއްޖެއެވެ. އޭނާ އެހެން ހެދުމުން އަހަންނަށް ލިބުނު ވޭން އަހަރެން ހީކުރިވަރަށް ވުރެ ފުނެވެ.

ވަރަށް ބޮޑަށް ސޮރީ ! " އިޝާން، އަހަރެންގެ ދެއަތުގައި ހިފި ވަގުތު، އޭނާގެ އަތުގެ ފިނިކަން އަހަރެންގެ މުޅި ހަށިގަނޑު ތެރެއަށް ފޯރިއެވެ. އަހަންނަކަށް އެއްވެސް ހަރަކާތެއް ގެންނާކަށްވެސް ނޭނގުނެވެ. ހުރިތަނަށް ފާޑަކަށް ގަނޑުވި ކަހަލައެވެ.

ވީ ދެރައިން އެހެންހެދުނީ! ކުރިންވެސް، މިހާރުވެސް އަދި ފަހުންވެސް އަހަރެން ލޯބިވާނެ އެހެން އަންހެނެއް ނުހުންނާނެ!" އޭނާ އަހަންނާއި ކައިރިވެލަމުން ވަރަށް ޔަގީންކަމާއިއެކު ބުނެލިއެވެ.

އަހަރެން މަސައްކަތްކުރީމެވެ. ޚިޔާލުތައް ފޭދޫފިނޮޅު ގޮނޑު ދޮށަށް ފޮނުވާލެވޭތޯއެވެ. އެދުވަހު ކުރި އަސަރު ހިތަށް ކުރާނެކަމުގައި ހީކުރީމެވެ. އެހެންނަމަވެސް ޚިޔާލުތައް ދިޔައީ މުޅިން އެހެން ދިމާލަކަށެވެ. އޭނާ ޝެރީންގެ އަތުގައި ހިފައިގެން މަގު ހުރަސްކުރި މަންޒަރު ހިތަށް ފެނުނު ހިނދު އަހަންނަށް އަތް ދަމައިގަންނަމުން ދުރަށް ޖެހިލެވުނެވެ. އެއާއިއެކު އިޝާން ވެސް ސިހިފައި ދުރަށް ޖެހިލިއެވެ.

ކީއްވެއަޅެ އޭނާ އާއި މެރީ ކުރީ؟.... އަހަރެންގެ ލޯތްބަށް ކިރިޔާވެސް ގަދަރެއްކުރި ނަމަ އޭނައެއް ލައިފުއަކަށް ނުގެންނާނެ!" އަހަރެންގެ ހިތުގައިވާ ޝަކުވާ ބޭރުވިއެވެ.

އިޝާންއަށް އެއަށް ދޭނެ ޖަވާބެއް ނޭނގުނު ކަހަލައެވެ. އިރުކޮޅަކު ބަލަން ހުރެފައި އިސްދަށަށް ޖެހިއެވެ.

" ބުނިންދޯ ކޮންމެ ގޮތެއްވިޔަސް އަލުން ޝެރީން ކައިރިއަކަށް ނުދާނަމޭ" އަހަރެންގެ ޝަކުވާ ކުރިއަށް ގެންދިޔައީމެވެ.

ދެންވެސް އޭނާ ހުރީއެވެ. އިސްޖަހާލި ގޮތަށެވެ. އެސުވާލުގެ ޖަވާބު އަހަރެން ބޭނުމެވެ. އޭނާ އަހަރެން ދެކެ ލޯބިވާކަމަށް ގަބޫލު ކުރެވޭނީ އޭރުންނޭ އަހަރެންގެ ހިތް ބުނެދިނެވެ.

"އަހަރެން ލައްވާ އެކަން ކުރުވީ ހަމަ ރީނާ!" ކުއްލިއަކަށް އިޝާން އަހަންނާއި ދިމާލަށް އިނގިލި ދިއްކޮށްލިއެވެ. އޭނާގެ މޫނުމަތިން ކުރިން ފެނުނު ހިނިތުންވުމުގެ އަސަރުވަނީ މުޅިން ފިލާގޮސްފައިކަން ފާހަގަވިއެވެ.

އަހަރެން ސިހުނެވެ.

"ކީއްވެ ރިނާ އެހެންހެދީ؟ އަހަރެން ދޫކޮށްލާފަ ދިޔައީ؟"

އޭނާ ކުރިންވެސް އަހަންނާއި އެ ޝަކުވާކުރިއެވެ. މީގެ އެތަށް އަހަރެއްގެ ކުރިން ހަމަ މިކަހަލަ ގޮނޑުދޮށެއްގައި ހުރެފައެވެ. އުޑުމަތިގައިވާ ވިލާތަކަކާއި ނިވާވެގެން އިން ހަނދާއި ދިމާލަށް އަހަރެން ނަޒަރު ހުއްޓާލީމެވެ. އޭނާގެ އެސުވާލަށް ދޭން އޮތް ޖަވާބު އެންމެ ލަފުޒަކުން، ނޫނީ ޖުމްލައަކުން ފުރިހަމައެއް ނުކޮށްދެވޭނެއެވެ.

"އެންމެ ފުރަތަމަ ދުވަހުވެސް ބުނިން ރިނާ ނޫން އެހެންމީހަކު ބޭނުމެއް ނޫނޭ! އަހަރެން ލޯބިވަނީ ރީނާ ދެކެއޭ!" އިޝާންގެ އަޑު ކެނޑުނެވެ. އޭނާ އަހަންނަށް ފުރަގަސްދިނެވެ.

"ރީނާއަށް އެކަން ގަބޫލު ކުރެވުނުނަމަ އަހަރެން ދޫކޮށްފައި ނުދާނެ!.......އަހަރެން ކެތްކުރިން.. އިންތިޒާރު ނުކުރާށޭ ބުނީމާވެސް ކުރިން... ދެވަނަ ފަހަރުވެސް! ދެން... ދެންވެސް ރީނާ އަހަރެން ބޭނުމެއް ނުވީމެންނު؟... އަނެއްކާވެސް ގޮސް އެހެން މީހެއް ހޯދީއެންނު.. ރީނާ ނުވޭ އަހަރެންދެކެ ލޯތްބެއް!"

އެބަސްތައް ތޫނު ހަންޖަރެއްގެ ސިފައިގައި އައިސް އަހަރެންގެ ހިތަށް ހެރުނެވެ. އަތުގައި އޮތް ފައިވާން ދޫކޮށްލާފައި އޭނާގެ ކުރިމައްޗަށް ގޮސް ހުއްޓުނީމެވެ. އެވަގުތު އޭނާ ލޯ ފޮހެލިތަން އަހަންނަށް ފެނުނެވެ.

"ސޮރީ!" އޭނާގެ އަތުގައި ހިފަން މަސައްކަތް ކުރަމުން އަހަރެން ބުނީމެވެ. "އައި ލަވް ޔޫ! ހަމަ ވަރަށް ވަރަށް ލޯބިވޭ އަދިވެސް!"

"ނޯ!" އޭނާ ފޮޅުވާލިއެވެ. އަދި އަހަންނާއި ދުރަށް ޖެހިލިއެވެ.

"ދިސް އިޒް އަ މިސްޓޭކް!" އެހެން ބުނަމުން އޭނާ ހިނގައިގަތެވެ. ވަރަށް ބާރަށެވެ. އޭނާ މިސްރާބު ޖެހީ ގަސްތަކާ ދިމާލަށެވެ. އަހަންނަށް ހޭވެރިކަން ވީ އެހިސާބުންނެވެ. "އިޝާން މަޑުކޮށްބަލާށޭ" ބުނަމުން އޭނާގެ ފަހަތުން ދާން ހިނގައިގަތީމެވެ.

ފައިވާން މަތިން ހަނދާންވީ ހޭޅިފަށުން ގާކޮޅަކަށް އެރުނީމާއެވެ. އަހަރެން ހުއްޓުނީމެވެ. އޭރު އިޝާން ރުއްތަކުގެ ތެރެއިންލާފައި އެއްގަމަށް އަރައިފިއެވެ. އަހަންނަކަށް ހުސްފަޔާ ދާކަށް ނުކެރުނެވެ. ފައިވާން ކޮބައިތޯ ބަލާލިއިރު ބީއްސާލި ރާޅަކާއި އެކު އެއްކިބަ ގެންދާތަން ފެނުނެވެ.

"އޯ ނޯ!" އަހަރެން ދުވެފައިގޮސް އަނެއްކިބަ އަތަށް ނެގީމެވެ.

އަހަރެންގެ ފައިވާންކިބަ އަތުވިއިރު އަހަރެން ލައިގެން ހުރި ދިގުހެދުމުގެ ތިރީކޮޅު އޮތީ ތެމިފައެވެ. މާނޭވާއެއްލަމުން، އަނެއްކާވެސް ފައިވާން އަތަށް ލައިގެން ގޮނޑު ދޮށުންލާފައި އެއްގަމަށް އަރަން މިސްރާބު ޖެހީމެވެ.

"ޝި....! މިކުރެވުނީ ކީއްހެއްޔެވެ" އަހަރެންގެ އަމިއްލަ ނަފްސާއި ދިމާލަށް ހިތާހިތުން އެއްޗެތި ގޮވަމުން ވީހާވެސް ބާރެއްލާފައި ގޮސް އެއްގަމަށް އެރީމެވެ.

އެހިސާބަށް ދެވުނުއިރު ޝޯ ނިމިއްޖެއެވެ. މީހުންތައް އެތަނުން ނުކުމެ، ކެއުން ތައްޔާރުކޮށްފައިވާ ހިސާބު އޮތީ މުޅިން ފުރާލާފައެވެ. އަހަރެން މީހުންގަޑު ތެރެއިން ހޯދާލީމެވެ. އެހެންނަމަވެސް އަހަރެންގެ ލޮލުގައި އިޝާން އެއް އަޅައެއް ނުގަތެވެ. ސޫޒަންއެއް ސަމީރުއެއްވެސް ފެންނާކަށް ނެތެވެ. ފެނުނީ އަހަރުމެންގެ މޮޑެލް ކޮޅެވެ. ތަށިފުރެންދެން ކާއެއްޗެތި އަޅައިގެން އެއްފަރާތެއްގައި ހީ ސަކަރާތް ޖަހަމުން ކަމުން ގެންދިޔައެވެ.

ދުރުގައި ހުރި ރުކެއްގެ ނިވަލުގައި މަޑުކޮށްލައިގެން ހުރެ ވިސްނާލީމެވެ. މިއީ ސަމީރު ރާވައިގެން ކުރި ކަމެއް ހެއްޔެވެ؟ އެދެމީހުން ރާވާއިގެން އަހަރެންގެ ކައިރިއަށް އިޝާން ގެނެސްފައި ފިލީ ހެއްޔެވެ؟ އެވަގުތު ސަމީރުއަށް ގުޅަން ހިތަށް އަރާފައިވެސް މިކަން ހައްލުކުރާނީ އަހަރެން އަމިއްލެއަށް ކަމުގައި ނިންމީމެވެ. އަނެއްކާވެސް އިޝާން ހޯދަން ދާން ހިނގައިގަތީމެވެ.

އޭރު އެހަފްލާ ނިންމާފައި މީހުން ފުރަންވެގެން ފާލަމާ ދިމާލަށް ދާން ފަށައިފިއެވެ. އެދިމާލަށް ދާ މީހުންނަށް އަހަރެން ސަމާލުވި ވަގުތު އެމީހުންތަކުގެ ތެރެއިން ގިޓައެއް ކޮނޑުގައި އަޅުވައިގެން ހުރި މީހަކު އަހަންނަށް ފެނުނެވެ. މަގުމަތީގައި ޖަހާފައިވާ ބޮކީގެ އައްޔާއި ހަމައަށް އޭނާ ދިޔުމުން އެއީ އިޝާންކަން ޔަގީންވިއެވެ. އަހަރެން އަވަސް އަވަހަށް އެދިމާލަށް ހިނގައިގަތީމެވެ. ފާލަމާ ހަމައަށް ދެވުނު އިރު އަހަންނަށް މާނޭވާ ލެވެއެވެ. މީހުންގަނޑުގެ ތެރެއިން އަހަރެން ކުރިއަށް ދިޔައީމެވެ.

އެކަމަކު، އަހަންނަށް އިޝާން އާއި ހަމައަށް ނުދެވެނީސް އޭނާގެ ގެސްޓުހައުސްގެ ލޯގޯ ޖަހާފައި އޮތް ލޯންޗަކަށް އޭނާ އެރިތަން ފެނުނެވެ. އެ ލޯންޗު ނައްޓާލައިގެން ގޮސް މާސިންގާ ކަނޑަށް ނުކުމެގެން ދުރަށް ދަމުންދަމުންގޮސް، ހަމައެކަނި ހުދު އަލިކޮޅަކަށް ވެގެން ދިޔައިރުވެސް އެދިމާލަށް ބަލަހައްޓައިގެން، ފާލަމުގެ އެއްފަރާތުގައި އާނގަމަ ވެފައި ހުރެވުނީވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވެގެންމިދިޔަގޮތް ފަހުމް ނުވެފައެވެ.

އުޑުމަތީގައި ދަތުރުކުރަމުން ދިޔަ އުފާވެރިކަމުގެ ވިލާތައްވެސް އެދިޔަތާކަށް ގޮސް ނިމުނުތާ އެތައްއިރެއް ވެއްޖެއެވެ. އޭގެ ބަދަލުގައި ފެނުނީ މުޅި އުދަރެސް އެކީ ކަޅުވެފައިވާ ތަނެވެ. ކުރިން އަހަންނާއި ދިމާލަށް ހަނާ އަޅަމުން ގެންދިޔަ ތަރިތައްވެސް ގެއްލި ނިމިއްޖެއެވެ. އުދަރެހުން އަރައިގެން އެއަންނަނީ ކަޅު ވިލާގަނޑެއްކަން ވިސްނުނީ އިރުކޮޅެއް ފަހުންނެވެ. އެވިލާގަނޑު އަހަންނާއި ދިމާލަށް އެއަންނަނީ ރުޅިއައިސްގެން ބާވައޭ ހިތަށް އެރިއެވެ. އަހަރެން އެނބުރި ދާން ހިނގައިގަތީ އެހިސާބުންނެވެ.

އަހަރެން މިސްރާބު ޖެހީ އަހަރުމެން އެއްޗެތި ބަދަލުކޮށް ހަދަން ދިން ކޮޓރިއާއި ދިމާލަށެވެ. އެދިމާލަށް ދަމުން ސޫޒަންއަށް ގުޅާލީމެވެ. އޭނާ ވަރަށް ބަނޑުހައިވެއްޖެޔޭ ކާން އަންނާށޭ ބުނެލިއެވެ."

ރާޅަކާއި އެކީގައި މުޅި ތިރީ ކޮޅު ތެމިގެން މިއުޅެނީ.. ވެލި ތަތްލާފަ!" އަހަރެން ހެދުން ބަދަލުކުރަން ކޮޓަރިއަށް ދާ ސަބަބު ކިޔައިދިނީމެވެ. އަދި ސޫޒަން ކާށޭ ބުނެފައި ފޯނު ބޭއްވީއެވެ. އޭރު އަހަރެން ކާހިތްވެސް ކެނޑިއްޖެއެވެ. ބޭނުމީ ވީހާވެސް އަވަހަކަށް މާލެ ދާށެވެ.

އެއްޗެތި ބަދަލު ކޮށްލައިގެން ފާޚާނާ ލޯގަނޑު ކައިރިއަށް ހުއްޓުނީމެވެ. "ކިހިނެތް ތި ހެދީ؟" ލޯގަނޑުން ފެންނަންހުރި އަހަރެންގެ ސޫރަ އަހަންނާއި ސުވާލުކުރިހެން ހީވިއެވެ. ހަމައެއާއިއެކު ލޮލުން ކަރުނަ އަންނަން ފެށިތަން ފެނުނެވެ. އަނެއްކާވެސް އިޝާން އަހަންނާއި ދުރަށް ދިޔައީ ހެއްޔެވެ؟ "ދިސް އިޒް އަ މިސްޓޭކް!" އޭނާގެ އަޑު އަހަންނަށް އިވެމުން ދިޔައެވެ. އެއީ ތެދެއް ހެއްޔެވެ؟ އަހަރުމެން ދެމީހުން އެކަކު އަނެކަކުދެކެ ކިތަންމެ ލޯބިވިޔަސް މިއީ ހަމަ ތަގުދީރުގައި ވާން ނެތްކަމެއް ކަމަށް ހަމަ ނިންމަންވީ ހެއްޔެވެ؟

އަހަންނަށް އެތަށް އިރަކު އެ ފާޚާނާ ތެރޭގައި ހުރެވުނެވެ. ހޭވެރިކަންވީ މީހަކު ދޮރުގައި ޖަހާލީމައެވެ. ދޮރު ހުޅުވާލިއިރު ހުރީ އަހަރުމެންނާއި އެކީގައި މޭކަޕްކޮށްދޭން އައި ރުގީ އެވެ. އޭނާ ބުނިގޮތުގައި އެންމެން ކައިނިމިގެން ފުރަންދާން ތައްޔާރުވާން ކޮޓަރިއަށް އެބައާދެއެވެ.

އަހަރެން ދަބަސް ތައްޔާރުކޮށްލައިގެން ބޭރަށް ނުކުތްއިރު، ތަންކޮޅެއް ދުރުގައި ހުރި ގަހެއްގެ ވަށައިގެން ރާނާފައިވާ ގާފޮޅެއްމަތީ އިށީނދެގެން ސަމީރު އާއި ސޫޒަން ތިއްބާ ފެނުނެވެ. އެމީހުން ކައިރިއަށް ހުއްޓުމުން ސޫޒަންވެސް އެއްޗެތި ޕެކްކޮށްލައިގެން މިއަންނަނީ އޭ ކިޔާފައި ތެދުވެގެން ހިނގައިގަތެވެ.

"ކޮބާ އިޝާން؟" ސަމީރު ވަރަށް ހެވިލާފައި ސުވާލުކުރިއެވެ.

"މިއީ ތިމީހުންގެ ރޭވުމެއްދޯ" އަހަރެން ސަމީރު ކައިރީ އިށީންނަމުން ބުނެލީމެވެ.

"ކިހާ ސަޅި! ކިހާ ރޮމޭންޓިކް! އޭނާގެ ހިތުގެ ރާނިޔާއަށް އެކިޔައިދިނީ ލަވަޔަކުން! ބޮޑު ސްޓޭޖެއްގެ މަތިން!"

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ދޭނުހޭ ގެންގޮސް ވަޔާއޭ

Popular