5 Sep 2023

"މިއީ ތިމީހުންގެ ރޭވުމެއް ދޯ" އަހަރެން ސަމީރު ކައިރީ އިށީންނަމުން ބުނެލީމެވެ.

"ކިހާ ސަޅި! ކިހާ ރޮމޭންޓިކް! އޭނަގެ ހިތުގެ ރާނިޔާއަށް އެ ކިޔައިދިނީ ލަވަޔަކުން! ބޮޑު ސްޓޭޖެއްގެ މަތިން!"

ސަމީރުގެ ވާހަކަ ހުރިގޮތުން އޭނާއަށް ވީނުވީއެއް ނޭނގޭކަން އަހަންނަށް ވިސްނުނެވެ.

"އިޝާން ނައްޓާލައިފި!"

"އޭނ؟!" އޭނާ އަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ.

"އަސްލު އަހަރެންގެ ފޯލްޓު އެއީ" ވީގޮތް ކިޔައިދިނުމަށް ފަހު އަހަރެން ބުނީމެވެ. އެޔާއިއެކު ބޯހޫރާލިއެވެ. ވަގުތުން ފޯނުނަނގާފައި އިޝާން އަށް ގުޅިއެވެ.

"ދަ ނަމްބަ ޔޫ ޑައިލްޑް އިޒް ނޮޓު އާންސަރިން" ދިރާގުގެ ރިކޯރޑިން އަންނަން ފެށުމުން ސަމީރު އަހަންނާއި ދިމާލަށް ބަލާލާފައި ޕިސް ޕިސް ކަނޑާލިއެވެ.

"ކަލޭމެން ދެމީހުން އަދިވެސް ތިއުޅެނީ ޓީނޭޖު ދެކުދިންހެން!.....ރާނިޔާއަށް އަށާރަ ފުރުނުގޮތަށް ސްޓަކްވީތަ؟" ސަމީރު ސަމާސާ ކޮށްލިއެވެ. އަދި ދެވަނަ ފަހަރަށް އިޝާންގެ ނަމްބަރަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު ކާމިޔާބު ވާގޮތެއް ނުވިއެވެ.

" އިޝާން އާއި ޖެހުނީމާ އަހަރެންގެ ހިތާއި ސިކުނޑި ޓީނޭޖް އަށް ބަދަލުވަނީ ތޯއްޗެއް!" އަހަރެންވެސް މަޖާވެލަން މަސައްކަތްކުރީމެވެ.

"ރާނިޔާ އެކަންޏެއް ނޫން.. އިޝާންވެސް ހަމަ ތިހެން!" އެހެން ބުނެލާފައި ކަން ހިނގާދިޔަގޮތް ކިޔައިދޭން ފެށިއެވެ.

"ރާނިޔާ އާއި ރަށުން ދިމާވިރޭ އަހަރެން އިޝާން އަށް ގުޅީ.... ތިގެއިން ނުކުތްއިރު އަހަންނަށް ވިސްނިއްޖެ ރާނިޔާ ވެސް އަދިވެސް އިޝާން މަތިން ހަނދާން ނުނެތޭކަން!"

އެދެމީހުންގެ ހީނަރުވެފައިވާ ރަހުމަތްތެރިކަން އަލުން ބަދަހިވީ އެރޭ ކަމުގައި ސަމީރު ބުނެލުމުން އެހެންވީމާ އެޓް ލީސްޓު އެއް ރަނގަޅު ކަންތައް ވެއްޖެތާ ދޯ އޭ އަހަރެން ބުނީމެވެ.

"އިޝާން ދެވަނަ ފަހަރަށް ގޯހެއް ނަހަދަންވެގެންނޯ ރާނިޔާ ބުލޮކްކުރީ... އޭނާވެސް ގަބޫލު ކުރެޔޭ ރާނިޔާވެސް އަދިވެސް އޭނާ ދެކެ ލޯބިވާކަމަށް... އެހެންވެ، ކުރިން ލަތީ އާއި އެކީގައި ހުއްޓާ ދިމާވީމާ..."

"އޯކޭ އޯކޭ.. " އަހަރެން އެވާހަކަ އިތުރަށް ދައްކާކަށް ބޭނުމެއްނުވިއެވެ.

"ކީއްކުރަން އަޅެ އެޔޮށް ރޮމޭންޓިކް ދަނޑިވަޅުގައި ޝެރީންގެ ވާހަކަ ފެށީ؟ އަހަރެން ކިޔައިދިނީމެންނު އޭނާ އެކަން ކުރި ސަބަބު.. ޝެރީން އާއި އިނުން އެއީ އޭނާގެ ލައިފްގެ އެންމެ ބޮޑު ރިގްރެޓް އޭ!"

އަހަންނަށް އިޝާން އާއި ދިމާލަށް އެވާހަކަ ބުނެވުން އެއީ އަނެއްކާ އަހަރެންގެ ލައިފުގެ އެންމެ ބޮޑު ރިގްރެޓް އަކަށް ނުވާނެބާވައެވެ؟ އަހަރެން ކަންބޮޑުވިއެވެ. ބުނެދޭން ނޭނގޭ ކަހަލަ ގޮތްތަކެއް އަހަރެންގެ މުޅި ހިތާއި ސިކުނޑި އަދި ހަށިގަނޑަށް ކުރަން ފެށިކަން އިހުސާސް ކުރެވުނެވެ. ސޫޒަން އާއި އެހެންކުދިން ފުރަން ދާން ތައްޔާރުވެގެން އަންނަތަން ފެނުނީމާ އަހަރެން ތެދުވީމެވެ. އަހަރެން ދެން އިތުރަށް އެއްވެސް ވާހަކައެއް އެވަގުތު ދައްކާކަށް ބޭނުމެއް ނުވިއެވެ. އެމީހުން އަރާ ހަމަވުމުން އެކީގައި ހިނގައިގަތީއެވެ.

"އެހެން އަދި މިރޭ ބޮޑާ ހާކާފައި ދިޔަޔަސް އަދި އަންނާނެ!" ސަމީރު އަހަންނާއި އަރާ ހަމަ ކޮށްފައި ބުނެލިއެވެ. އެހިސާބުން އަހަރެން ހިނގުން މަޑުކޮށްލީމެވެ.

"ނޫން، އޭނާ ކުރިންވެސް އަހަރެން ބުލޮކް ކުރީނު!"

"ރާނިޔާ! ރާނިޔާ!... އޭރު އޭނާ އެހެންހެދީ ކީއްވެގެން ކަން މަ ބުނެދިނީމެއްނު!" ކުޑަކުއްޖަކަށް ނަސޭހަތް ދޭ ކަހަލަ ރާގެއްގައި ސަމީރު ވާހަކަ ދައްކަން ފެށިއެވެ.

"ކީއްވެތަ އޭރު ރާނިޔާ ޑިވޯސް ކަން އަހަރެންކައިރީ ނުބުނީ؟ އެހެންނޫންނަމަ މިހާރު ތިދެމީހުން އުޅޭނީ ހަޒްބަންޑު އެންޑް ވައިފު ގެ ގޮތުގައި ކަން ހަމަ ޔަގީނެއްނު!" ސަމީރު ހިނިގަނޑެއް ޖަހާލިއެވެ.

އަހަރެން ދެކޮނޑު އަރުވާލީމެވެ. އަދި އޭރު ސަމީރު އާއި އިޝާން ގުޅުން ނެތްވާހަކަ ބުނީމާ ދެން ބުނަންބޭނުން ނުވީ ކަމުގައި ބުނެލީމެވެ.

"އަސްލު ހުސޭނުގެ އަނގަޔާ ހުރެ އިޝާންއަށް އަހަރެން މިއީ ކާކުކަން ފަޅާ އެރީ.. އޭގެ ކުރިން އަހަރެން މިއީ ފާތުންނޭ ކިޔައިގެން އޭނާ ވާހަކަ ދައްކަމުން ގެންދިޔައީ ވަރަށް ގާތްކޮށް.... އަހަރެން ވަރަށް އުފަލުގައި އުޅުނީ.. އޭނާ ހިތްހެޔޮ ކަމާއިއެކު ވާހަކަ ދެއްކުމުންވެސް އަހަންނަށް ފުދޭ!"

"ދެން ވަރިވީ؟" ސަމީރު އަހާލިއެވެ.

"އެކަމާ ފޫހިވެގެން... އޭނާގެ ސަބަބުން.... "

"އޭނާގެ އަނގަޔާ ހުރެ، ރާނިޔާ ސިންގަލްކަން އިޝާންއަށް އެނގުނީވެސް!" އަހަރެންގެ ވާހަކަ މެދުކަނޑާލަމުން ސަމީރު ބުނެލިއެވެ.

ހުސޭނުއާއި އިޝާންއާއި މާލޭ މަގުމަތިން ވަރަށް ފަހުން ދިމާވީ ކަމުގައި ސަމީރު ކިޔައިދިނެވެ. "އޭނާ އައިސް އުޅެނީ އަންހެނުން ޑޮކްޓަރަށް ދައްކާށޭ ބުނީމާ އިޝާން އެހީޔޯ ކިހިނެތްހޭ ވީ.. އެހީމަޔޯ ބުނީ އެއީ ފާތުންނެއް ނޫނޭ އަނެއް އަންބޭ ކިޔާފަ... އިނގޭތަ އިޝާން ބުނީ ވީ އުފަލުން ހުސޭނު ގޮވައިގެން ހޮޓަލަށް ގޮސް ސައިދިން ވާހަކަވެސް!"

ސަމީރު ބުނިގޮތުން ވިއްޔާ އިޝާން ބޭނުންވީ ވީހާވެސް އަވަހަކަށް އަހަރެން ހޯދަން ރަށަށް އަންނާށެވެ. އެކަމަކު އޭރު އަހަރެން އޮތީ މި އިވެންޓަށް މާލެ އަންނަން ތައްޔާރުވެފައެވެ. އެހެންވެ ސަމީރުމެން މިގޮތަށް ރޭވީ ކަމުގައި އޭނާ ކިޔައިދިނެވެ.

ކޮންމެއަކަސް މާލެ އަންނަން ނައްޓާލިއިރު އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަ ޖެހުމެއް ވަނީ ލިބިފައެވެ. ދެންވެސް އެފަށް އޭނާގެ ކަރުގައި އަޅުވައިދޭނީ އަހަރެންގެ ދެއަތުން ކަމުގެ ޔަގީންކަން ސަމީރު އަހަންނަށް ދިނެވެ. ލޯންޗުގައި އިށީނދެ ހަމަޖެހިލާފައި އަހަރެން ދެލޯމަރާލީމެވެ. ހަމައެއާއިއެކު އެމަންޒަރު އަހަރެންގެ ހިތަށް ފެންނަންފެށިއެވެ.

އަހަންނަށް ގެއަށް ދެވުނުއިރު އެއްގަޑި ބައިވެއްޖެއެވެ. ގެޔަށް ވަދެ މަންމަ ހޭލައިގެން ނުކުމެދާނެތީ ވަރަށް މަޑުމަޑުން ގޮސް ކޮޓަރިއަށް ވަނީއެވެ. އެނދުގައި އޮށޯތުމުން ވަރުބަލި ކަމުގެ އިތުރުން ބަނޑުހައިކަންވެސް އިހުސާސް ކުރެވެން ފެށިއެވެ. އަހަރެން އައީ ނުކައިކަން ހަނދާންވީވެސް އެހިސާބުންނެވެ. އެހެންނަމަވެސް ދެން އެނދުން ތެދުވާނެހާ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. އަހަރެން ދެލޯ މަރާލައިގެން އޮވެ، އެރޭ ކަން ހިނގާދިޔަ ގޮތާއިމެދު ވިސްނާލީމެވެ. އިޝާން އެބުނީ ތެދެކެވެ. އަހަންނަށް އޭނާ ވަރަށް ދެރަކުރެވިއްޖެއެވެ. އަހަރެންގެ އަމިއްލަ އިހުސާސްތައް ކުރިއަށް ނެރެގެން ކޮންމެފަހަރަކު ގޮތް ނިންމަމުން ދިޔައިރު އޭނާއަށް ވާނެގޮތަކާއިމެދު ކުޑަކޮށްވެސް ވިސްނާނުލެވުނެވެ.

ކޮންމެކަމެއްވެސް އޭގެ ވަގުތު ފާއިތުވާފަހުން އަހަންނަށް މިވިސްނެނީ ކީއްވެގެން ހެއްޔެވެ؟ ކުއްލިއަކަށް އަހަންނަށް އުނދަގޫވާން ފަށައިފިއެވެ. އިޝާން ދެން ދުވަހަކުވެސް އަހަންނާއި ވާހަކަ ނުދައްކައިފިއްޔާޔޯ އޭ ހިތަށް އެރީއެވެ. އަހަރެން ތެދުވެ ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަންފެށީމެވެ. ހުރިހާކަމެއްވެސް މިހެންމިވީ އަހަރެންގެ އިހުމާލުންކަމަށް ގަބޫލު ކުރެވުނެވެ. މާމަ ބުނިބަސް ދިމަލެއްނުވިއެވެ. އަހަރެންދެކެ އެހާ ލޯބިވާ އިންސާނަކަށް އެހެންހަދަން ހެޔޮވާނެހެއްޔޭ ހިތަށް އެރުމާއިއެކު އަހަރެންގެ މެޔަށް ބާރުވާންފެށިއެވެ.

އަހަރެން ފޯނު ނިވާލާފައި އޮށޯތީމެވެ. އިރުއެރިހާ އަވަހަކަށް އަހަރެންގެ ދަރިފުޅަށް ގުޅައިގެން މާފުއްޓަށް ދާން ނިންމާފައެވެ. މިފަހަރު އަހަރެން ދުލެއްނުކުރާނަމެވެ. އެހެންގޮތެއް ނެތިއްޔާ އަހަރުމެންގެ ދެދަރިންގެ އެހީ ހޯދައިގެން ނަމަވެސް އިޝާންގެ ކުރިމައްޗަށް ގޮސް އޭނާއާއި ވާހަކަ ދައްކަން އަހަރެން އަޒުމު ކަނޑައެޅީމެވެ.

އެރޭ އަހަންނަށް ހުވަފެނުން ފެނުނީ އިޝާން ގެނބޭ ތަނެވެ. އޭނާ ސަލާމަތްކުރަން އަހަރެން ފުންމާލަން އުޅެ އުޅެ ދުވަހަކު ފުންމާ ނުލެވިގެން އުޅެނިކޮށް އަހަންނަށް ހޭލެވުނެވެ. އޭރު އަހަރެން އޮތީ ހާސްވެގެން މުޅިން ދާހިތްލާފައެވެ. އަހަންނަށް ހުވަފެނުގައި ޕެނިކް އެޓޭކެއް އައީ ބާވައޭ ހިތަށް އެރިއެވެ. ކުޑަދޮރުގެ ފޮތިގަނޑު ކަހާލާފައި ބޭރު ބަލާލިއިރު ރޭގަނޑުގެ އަނދިރިކަން ފިލާގޮސް ދުނިޔެމައްޗަށް އަލިވާން އުޅޭ ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ.

އަހަރެން އަވަސް އަވަހަށް މޫނު ދޮވެލާ ހަދައިގެން ނުކުތީމެވެ. ލިބިފައިވާ ހާސްކަން ފިލުވާލުމުގެ ނިޔަތުގައި މަގުމައްޗަށް ނުކުމެ ހިނގާލަން އަހަރެން ނިންމީމެވެ. ފޯނު އޮން ކޮށްލާފައި ގަޑި ބަލާލިއިރު ހައެއް ޖަހަން ވިއްސެވެ. އެންމެ ފުރަތަމަވެސް ސިކުނޑިއަށް ވަނީ އިޒާންއަށް ގުޅާ ޚިޔާލެވެ. އެކަމަކު އަދި މާ އަވަހޭ އޭނާ ހެޔެއްނުލާނެޔޭ ހިތަށް އެރިއެވެ. ފޯނުން، ސަމީރުގެ ދެމިސްޑް ކޯލު ވެސް ފެނުނެވެ. ދަންވަރު އަހަރެން ފޯނު ނިވާލި ފަހުން ގުޅާފައެވެ. ފޯނު އޮންކޮށްލުމާއިއެކު އައި މެސެޖްތައް މަތިމަތިން ބަލާލީމެވެ. އޭގެތެރޭގައި، އިޝާންގެ މެސެޖެއް ނުވަތަ ކޯލެއްވެސް ނެތްކަން އެނގުމުން އަހަރެންގެ މާޔޫސްކަން އިތުރުވިއެވެ.

އަހަރެން މިސްރާބުޖެހީ އާޓިފިޝަލް ބީޗްގެ ޕާކުތެރެއަށެވެ. އިރުއަރާ މަންޒަރުގެ ފޮޓޮއެއް ނަގާނަމޭ ހިތާ ގޮސް ތޮށިގަނޑު ކައިރީ ހުއްޓުނީމެވެ. އޭރު އުދަރެހުގައި ފުދޭވަރަކަށް ވިލާ ހުއްޓެވެ. ގަދަ އަޅި ކުލައިގެ ވިލާތަކުގެ ތެރޭގައި ފޮރުވިފައިވާ އޮރެންޖާއި ރަތްކުލައިގެ ވިލާތަށް ކުޑަ ތަންކޮޅަކުން ފެންނަން ހުއްޓެވެ. އެމަންޒަރު ފެނުމުން އަހަރެންގެ ހިތަށް ކުޑަކުޑަކޮށް ނަމަވެސް ހަމަޖެހުމެއް ލިބެން ފެށިއެވެ. އަހަރެން ފޮޓޮއެއް ނެގީމެވެ. އެހިސާބުގައިވާ ރުކާއި ދުރުން ފެންނަން އޮތް ބްރިޖް ވެސް އަރާގޮތަށް ވައިޑް ކޮށެވެ.

"ސަންރައިޒް ސެލްފީއެއް ނެގިދާނެތަ؟" ފުރަގަހުން އަޑުއިވުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަންނަށް އެނބުރިލެވުނެވެ. ދާދި ކައިރިން، އަހަރެންގެ ދެލޯ ދުށުމަށް އެދޭ އެ ޖާދުވީ ހިނިތުންވުން ފެނުމާއިކު ހިތާއި ނަފްސަށް އެވީގޮތެއް ބަޔާންކޮށްދޭކަށް ނޭނގެއެވެ.

އޭނާގެ މޫނުމަތިން ހަމަ ނިދި ނުލިބޭކަން ހާމަވާން ހުއްޓެވެ. އަބަދުވެސް އޮމާންކޮށް ފެންނަ މޫނުމަތިން ތުބުޅިއެއްގެ ނިޝާން ފައުޅުވާން ހުއްޓެވެ. އެހާކައިރިން، ހަމަލޮލަށް އޭނާ ފެނުމުން އަހަރެންގެ ހިތް އަވަސްވެ ފިނިވާން ފެށިއެވެ. ރޭގައި ހިނގާ ދިޔަ ހާދިސާ މަތިންވެސް ހަނދާން ނެތުނެވެ.

އިޝާން އަހަންނާއި ކައިރިވެލާފައި ފޯނު ދިއްކޮށްލިއެވެ. ނެގި ފޮޓޯ އަހަންނަށް ދައްކާލިއެވެ. ދަނބުކުލައަކަށް ދާ އުދަރެހުން އިރު ފެންނަން އިނީ ވަރަށް ފަނޑުކޮށެވެ. އޭނާގެ ފޯނު ޖީބަށްލާފައި އަހަރެންގެ މޫނަށް ބަލާލިއެވެ. އަހަރުތަކަކަށް ފަހު ހަތަރުކަޅި ހަމަ ވެގެންދިޔައެވެ.

"ކޭން ވީ ޓޯކު؟" އިޝާން އަހާލިއެވެ. އޭރު އޭނާ އެނބުރި އަހަރެންގެ ކައިރިއަށް އައީކަން ހިތަށް އަރާފައި އަހަރެންގެ ހިތް އުފަލުން ތެޅި ފޮޅެނީއެވެ. އަހަރެން އާނއެކޭ ބުނަން ބޯޖަހާލީމެވެ. އަދި އޭނާ ދިއްކޮށްލި އަތުގައި ހިފީމެވެ. އެއާއިއެކު އަހަރެން ގޮވައިގެން އޭނާ ހިނގައިގަތެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުގައި އޭރުވެސް ދެތިން މީހަކު މޫދަށް އެރި އުޅެއެވެ. އެހެންނަމަވެސް އޭނާ އަހަރެންގެ އަތުން ދޫނުކޮށް ހިނގަމުން ދިޔައެވެ. އޭނާ ރޭގައި މާފުއްޓަށް ގޮސްފައި ޚިޔާލު ބަދަލުވެގެން މާލެ އައީ ކަމުގައި ބުނެދިނެވެ. މިގަޑީގައި މިހިސާބަށް އޭނާ އައީ ހަމަ އަހަރެން ފެނޭތޯ ކަމުގައިވެސް ބުންޏެވެ. އަހަރުމެން ވާހަކަ ދައްކަމުން ގޮސް ތަންކޮޅެއް އެކަހެރި ހިސާބެއްގައި ހުރި ހިލަ ގޮނޑިއެއްގައި އިށީނީމެވެ. އޭރުވެސް އަހަންނަށް މިއީ ހަމަ ހަގީގަތެއް ބާވައޭ ހިތަށް އަރަމުން ދިޔައެވެ.

"އަނެއްކާވެސް ބުނަން ޖެހޭނީ ސޮރީއޭ" އަހަރެންގެ ދަތްދޮޅީގައި ހިފާ އޭނާ އާއި ދިމާލަށް އަނބުރާލަމުން އޭނާ ވާހަކަ ދެއްކިއެވެ.

"އަސްލު އަހަރެންނޭ އިޝާންއަށް ސޮރީ ބުނަންޖެހޭނީ!" އަހަރެން ބުނީމެވެ.

"އަހަންނަށް އަސްލުވެސް ވަރަށް ... އިޝާން ދެރަކުރެވިއްޖެ.. ރޭގައި ބުނީ ތެދު!" ދެން އިތުރަކަށް ކުރިއަކަށް ނުގެންދެވުނެވެ. ލޮލުން ކަރުނަ ހިލިއްޖެއެވެ.

"އޭ..އޭތް!... ނޯ!" އޭނާ އަހަރެންގެ ކަރުނަތައް ފޮހެދިނެވެ. އަދި ދެން ދެރަނުވާށޭ ބުނެލިއެވެ.

" ގަބޫލުކުރަން.. އަހަރެން ނުވާނެ ޝެރީންއާއި އިނދެގެން..!" އިޝާން އެއްބަސްވިއެވެ.

އޭނާއާއި ޝެރިން އާއި އަލުން ދިމާވިގޮތް ކިޔައިދޭން ފެށިއެވެ. އޭނާ ދެއްކީ ހަމަ ސަމީރުވެސް ކިޔައިދިން ގޮތަށެވެ. "ދެންވީ ގޮތަކީ އަހަރެން ވޮލީ ކުޅެނިކޮށް ވެއްޓި ކަކުލަށް ތަދުވީ.. މާލެއައިސް ކުޑަ އޮޕަރޭޝަނެއް ކޮށްގެން ނުހިނގިފައި އިނީ ގޭގަ..އެދުވަސްކޮޅު ގެއަށްއައިސް އަހަންނަށްވެސް ވަރަށް ރަނގަޅު.. " އިޝާން ދުރުބަލަހައްޓައިގެން އިނދެ ވާހަކަ ދައްކަމުން ދިޔައެވެ.

"އޭރުވެސް އަހަރެން އިންތިޒާރު ކުރީ ރީނާގެ ޚަބަރެއްވާނެ ދުވަހަކަށް...އުއްމީދު ކުރިން އެންމެ ކުޑަމިނުން ފޯނުންނަމަވެސް ބައްދަލުވާނެކަމަށް!.. އެހެންހުއްޓާ މުހުސިނު އައިސް ބުނީ" އިޝާން އަހަންނާއި ދިމާއަށް ބަލާލާފައި ހިންދިރުވާލިއެވެ. "ވަރަށް ދެރަވި އެދުވަހު..."

އަހަރެން އިސްޖަހާލީމެވެ. އަހަންނަށް އޭރު ވީގޮތް ކިޔައިދޭން ބޭނުމެވެ. އެހެންނަމަވެސް އެހުރިހާ ވާހަކައެއް އެއްފަހަރާ ކިޔައިދެވޭނެ ހެއްޔެވެ؟ އަހަރެން އޭނާއާއި ދުރުގައި ހުރި ސަބަބު ބުނުމުން އޭނާ ގަބޫލު ކުރާނެ ބާވައެވެ؟

"އަހަރެން ދުރުގައި ހުރީ އިޝާން މަތިން ހަނދާން ނުވާތީއެއްނޫން... އެކަމަކު.. އެކަމަކު އޭރު ވީގޮތުން ހަމަ ޖެހިލުންވީ...!" އަހަންނަކަށް ކުރިއަކަށް ނުގެންދެވުނެވެ."އިޝާންއާއި ދުރުގައި އުޅުނީ އަހަރެން ނެތް ހިތްވަރުލައިގެން." އެހެންބުނުމާއި އެކު އަހަންނަށް ރޮވިއްޖެއެވެ.

އޭނާ އަހަރެންގެ ލޯ ފޮހެދިނެވެ. ވަރަށް ލޯބިން ދެން ނުރޯށޭ ބުނެލިއެވެ. އަހަންނަށްޓަކައި އެ ހިތުގައިވާ ލޯތްބަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަން އެހިސާބުން އަހަންނަށް ގަބޫލު ކުރެވުނެވެ. އަހަރެން މޫނު ފޮހެލާފައި ހަމައަކަށް އެޅިލީމެވެ.

އަސްލު ޝެރީން ނޫން މީހަކާއެކީ އުޅޭނަމަ އަހަރެން މިއީ ކާކުކަން ބުނެދޭނެތާ އެތަށް ދުވަހެއް ވެއްޖެކަމުގައި ބުނީމެވެ.

"އޭރު ބައެއް ފަހަރަށް ހިތަށްއަރާ ހުސޭނުގެ ދޮށީ އަންބަށް ވެގެން އިނުމަށް ވުރެ އިޝާންގެ ހަގު އަންބަށް ވިއްޔާ މާ އުފާވާނެޔޭ!" އެހެންބުނަމުން އަހަރެން ހީލީމެވެ.

"ބުނީމެންނު ސޯލްމޭޓްގެ ވާހަކަ!..އަހަންނަށްޓަކައި ދުނިޔެއަށް ފޮނުއްވި އަންހެނަކީ ތީއޭ " އަހަރެން އޭނާގެ ހަޔާތަށް އަންނަދުވަހުން ފެށިގެން އިތުރު މީހަކާ ދިމާލަށް އެފަދަ ނަޒަރަކުން ބަލާލަންވެސް ބޭނުން ނުވާނެ ކަމުގައި ބުނެލަމުން އަހަރެންގެ ކޮނޑުގައި ހިފާ ގާތްކޮށްލަން މަސައްކަތް ކުރިއެވެ. އެވަގުތު އެހިސާބުގައި މީހުން ތިބިކަން އަހަރެން އޭނާއަށް ހަނދާންކޮށްދިނީމެވެ. އަދި ދެމީހުންގެ ފޮޓޮއެއް މާދަމާ ސޯޝަލް މީޑިއާގައި ދައުރުވާން ފެށީމަ މާ ރީއްޗެއް ނުވާނެއޭ ބުނީމެވެ.

އިޝާން ގަޑި ބަލާލާފައި ތެދުވިއެވެ. އޭރު ހަތެއްޖަހައިފިއެވެ. އޭނާ މާފުއްޓަށް ދާންޖެހޭކަމުގައި ބުންޏެވެ.

"މިރޭ އަންނާނަން..އެކަމަކު މިތަނުން ދިއުމުގެ ކުރިން އަހަންނަށް ޕުރޮމިސްކުރޭ ދެން ނުފިލާނަންކަމަށް!" އޭނާ މަޖަލަކަށް ހަދާލާފައި އެހެން ބުނެލިއެއްކަމަކު އޭނާ އެބުނީ ހަމަ ވަރަށް ސީރިއަސްކޮށްކަން އަހަންނަށް ވިސްނުނެވެ.

އަހަރެން ބޯޖަހާލީމެވެ.

"އެހެންވިއްޔާ އަހަންނާއި އިންނަން ވައުދުވޭ!" އޭނާ އަތް ދިއްކޮށްލިއެވެ. އަހަންނަށް ލިބުނު އުފަލެއް ބުނެދޭންވެސް ނޭނގުނެވެ. ވަގުތުން އަތާއި އަތް ޖަހާ އޭނާއައި އިންނަން ވައުދުވީމެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ދޭނުހޭ ގެންގޮސް ވަޔާއޭ

Popular