ގެއަށް އައި ގޮތަށް ކޮޓަރިއަށް ވަދެ އަނެއްކާވެސް އޮށޯތީއެވެ. އަހަރެން އޮތީ އުފާވާން ނޭނގިފައެވެ. އެންމެފަހުން އަހަންނަށް އިޝާން ލިބެނީހެއްޔެވެ؟ ލޯމަރާލީމައި އިޝާންގެ ހިނިތުންވެފައިވާ މޫނު ފެންނަންފެށިއެވެ. އަހަންނަށް ބާލީހުގައި ބައްދާލެވުނެވެ.
އަހަންނަށް ދެން ހޭލެވުނުއިރު އެގާރަ ޖަހައިފިއެވެ. ބޭރަށް ނުކުތްއިރު މަންމަ އާއި ދޮންބެދައްތަ ކާމޭޒު ދޮށުގައި ވާހަކަ ދައްކަން ތިއްބެވެ. އަހަރެން ފެނުމާއިއެކު ޝޯގެ ވާހަކަ ފެއްޓިއެވެ. އޭރު ފޭސްބުކް އާއި ޓުވިޓަރ ފަދަ ސޯލަޝް މީޑިއާގައި އެޚަބަރު ލިޔެފައި ހުއްޓެވެ. އެކަމަކު ފަލަ ސުރުޚީ އަކަށް އޮތީ އިޝާން އަނެއްކާ ސްޓޭޖަށް އެނބުރި އައި ވާހަކައެވެ. ދޮންބެދައްތަ އަހަންނަށް އެ ޚަބަރު ދައްކާލިއެވެ. "އިޝާން އަނެއްކާ ސްޓޭޖަށް އައީބާ؟" ސުރުޚީގައި ލިޔެފައި އޮތެވެ. އަދި އޭނާ ލަވަކިޔަން ހުރި ފޮޓޮއެއް ޖަހާފައި އޮތެވެ.
އަހަންނަށް ހިނިތުންވެލެވުނު ތަން ފެނުމުން ހާދަ އުފާވެފައޭ ތީނީ ދޮންބެދައްތަ ބުނެލިއެވެ. އޭރު އަހަރެން އިނީ އިޝާން ކޮބާ ކީއްކުރަނީހޭ ކިޔާފައި ފޮނުވާފައި އޮތް މެސެޖަކަށް ޖަވާބު ލިޔާށެވެ.
"އޭ؟ ކީކޭ؟" އަހަރެން އަހާލީމެވެ. އަދި މަގޭ މަސައްކަތް ކަމުގޮސްގެން އެންމެން ތަޢުރީފު ކޮށްފައި މެސެޖްކުރަންޏާ އުފާވާނެ ނޫންހޭ ބުނީމެވެ. އެހެން އިތުރު ކަމެއް ނުވޭހޭ ދޮންބެ ދައްތަ އަހާލިއެވެ. އަހަރެން އާނއެކޭ ބުނީމެވެ. ވަރަށް ނޫން ކަމަށް ހަދާފައެވެ.
"އަސްލު ތިއަހަނީ އެތަނުން އިޝާންއާއި ދިމާވިތޯ އެއްނު؟" އަހަންނަށް ހެވުނެވެ. އޭނާ އާއި ދިމާވިކަމަށާއި އަހަންނާއި ވާހަކަވެސް ދެއްކި ކަމުގައި އަހަރެން ބުނީމެވެ. އެޔާއިއެކު ދޮންބެދައްތަ މަންމައަށް ނިތް އެއްލިތަން ފެނުނެވެ.
"ކީއްތަވީ؟ އެކަހަލަ ތަނަކުން ދިމާވީމާ ދެން އަނގައިން ނުބުނެ ނުކެރޭނެ ދޯ.. އޭނާ ވެސް އަހަންނަށް މަރުހަބާ ކީ" އަހަރެން ބުނެދިނީމެވެ. އަހަރެން މަންމަގެ މޫނަށް ބަލާލީމެވެ. ފަތިހު ބޭރަށް ދިޔަކަމެއް މަންމައަކަށް ނޭނގެއެވެ. އެހެންނަމަ އެސުވާލު ކުރީސްކަން ޔަގީނެވެ. އަހަރެން އިޝާން އާއި ގުޅޭ ވާހަކަ ބުނެފިއްޔާ މަންމަ ބުނާނީ ކީކޭ ބާވައެވެ؟
ކޮފީ ބޮއެ ނިންމާލާފައި އަހަރެން ފޯނު ހިފައިގެން އިށީނީމެވެ. މެސެޖް ކޮށްފައި ތިބި އެންމެންނަށް ވަކި ވަކިން ޝުކުރު އަދާކުރާށެވެ. ވައިބަރ، ވަޓްސްއެޕް އަދި ފޭސްބުކް މެސެންޖަރ ގައިވެސް ހުސް ތައުރީފުގެ މެސެޖެވެ. ލ. ގަމުގައި ތިބި އަހަރެންގެ ރައްޓެހިންނާއި އައްޑޫގައި ތިބި އަހަރެންގެ ރައްޓެހިންނެވެ. އަދި އަހަރެންނާއި އެކު ސްކޫލު ދައުރުގައި އެކުގައި އުޅުނު މީހުންނެވެ. ކުލާސް ވައިބަރ ގުރޫޕުގައި އެޚަބަރާއިއެކު ހުރި އަހަރެންގެ ފޮޓޮއެއް ސައީދާ ޝެއަރ ކުރިއެވެ. އެއީ އަހަރެންގެ ދެފަރާތުގައި ދެ މޮޑެލުންނާއިއެކު ސްޓޭޖު މަތީ ހިނިތުންވެލާފައި ހުރި ފޮޓޮއެވެ. އަހަރެން އެފޮޓޯ ބޮޑުކޮށްގެން ބަލާލީމެވެ. އަހަރެން އަދިވެސް ރީތި ހެއްޔެވެ؟ އެއީ ތެދެކެވެ. ދިގުހެދުން ލީމާ އަހަރެންގެ ބަނޑުގައި ލޮކި މަސްޖަހާފައި ނެތްކަން އެނގެން ހުއްޓެވެ. އެފޮޓޯއިން ފެންނަން ހުރި އަހަރެންގެ ހަށިގަނޑާ މެދު ފަޚުރުވެރި ވީމެވެ.
ކުއްލިއަކަށް ހުސޭނު މަތިން ހިތަށް އެރިއެވެ. އޭނާ ނުރުހިގެން ބުނާނީ ކީކޭ ބާވައެވެ؟ ވަރިވި ހިސާބުން އަހަރެން ވާނީ އޭނާގެ ނަމްބަރުވެސް ބުލޮކް ކޮށްފައެވެ. އެހެންކަމުން އޭނާގެ އެއްވެސް ޚަބަރެއް އަހަންނަކަށް ނޭނގެއެވެ. ބަލާކަށް ބޭނުމެއްވެސް ނޫނެވެ. ރިޔާޒް ދޮންބެގެ އަންހެނުން އާތިފާ ގުޅީ އަހަރެން އެ ޚިޔާލުގައި އިންދައެވެ.
"އާތިގެ ޅިޔަނު މަތިން ހިތަށް އަރާފައި އިންދަ ތިގުޅީ" އަހަރެން އެންމެ ފުރަތަމައިނުންވެސް ބުނެލީމެވެ. އެއާއިއެކު އާތިފާ ހޭންފެށިއެވެ. "ރިޔާޒް ވެސް ކީ ޔަގީނޭ ހުސޭނަށް ފެނިއްޖިއްޔާ ހޭނެތޭނެއޭ"
އާތިފާވެސް ފޯނު ބޭއްވީ އަހަންނަށް ވަރަށް ތައުރީފު ކޮށްފައެވެ. މާލެއިން ފުރުމުގެ ކުރިން ދިމާވާން ވާނެއޭ ބުނަމުންނެވެ.
ދެން އަހަރެން ގުޅީ އާސިމާއަށެވެ. އޭނާ ޝަކުވާކުރިއެވެ. ރޭގައި ގުޅާނަމޭ ކިޔާފައި ނުގުޅީތީއެވެ. "ކިހިނެތް ގުޅާނީ!..އަހަރެން ހުރީ އިޝާން ފެނިފަ ބަސްހުއްޓިފަ" އަހަރެން އާސިމާ ގާތު ބުނީމެވެ. އަހަރެން އޭނާގެ އޮޓޯގުރާފު އަތުލިން ކަމުގައި ބުނެދިނީމެވެ. "އަދި އިނގޭތަ ސޮއެ ކުރީވެސް އެކަކު އަނެކަކު ގެ ހިތުގައި.. ދެން އާސިމާ ތައްޔާރުވެގެން ހުރޭ ކައިވެންޏަށް ދައުވަތު ދޭނަން" އަހަރެން ހެމުން ބުނީމާ އޭނާ އެއިން އެކައްޗެއްވެސް ގަބޫލެއް ނުކުރިއެވެ.
***
ރޭގަނޑު އަށެއް ޖެހުމާއިއެކު އަހަރެން ތައްޔާރުވެގެން ނުކުތް އިރު މަންމައެއް ގެޔަކު ނެތެވެ. އަހަރެން ދޮންބެ ދައްތަ ބަޔަށް ވަދެފައި މަންމަ ގާތު ބޭރަށް ދަނީ ކަމުގައި ބުނެލީމެވެ.
"ހާދަ ވަރަކަށް ސެންޓުޖަހާލާފަ..އަނެއްކާ ކޮންތާކަށް ތިދަނީ؟" ދޮންބެ ދައްތަ ދިމާކޮށްލިއެވެ. މިދަނީ ރައްޓެހި ބަޔަކާއި އެކީގައި ކެއުމަކަށް ކަމުގައި ބުނެފައި މަގުމައްޗަށް ނުކުތީއެވެ. އޭރު މަގުގެ އަނެއްފަރާތުގައި އިޝާން ކާރު މަޑުކޮށްގެން އިނެވެ.
އެކާރަށް އެރުމާއި އެކު އަހަންނަށް މާޒީގެ ތެރެއަށް ދަތުރުކުރެވުނު ކަހަލައެވެ. ޒުވާން ރީނާއަށް ބަދަލުވިއެވެ. އަހަރެންގެ ކައިރީގައި އިން އަހަރެން އެންމެލޯބިވާ މީހާގެ ޖާދޫގައި ޖެހުނެވެ.
އިޝާން ، އެންމެފުރަތަމައިނުންވެސް ބޭނުންވީ އޭނާގެ މަންމަމެންނަށް އަހަރެން ދައްކާށެވެ. ކާރުން ފައިބާފައި އެގެ ހަދަން އުޅުނު އިރު އެއްދުވަހު ދިމާވި ވާހަކަ އަހަރެން ކިޔައިދިނީމެވެ.
"ކީއްވެ އަޅެ އެދުވަހު ގޮވާނުލީ؟" އޭނާ އަހާލިއެވެ. އެއާއިއެކު ކޮންމެކަމެއްވެސް ވާނީ އެކަމެއްގެ ވަގުތު ޖެހުނީމާ ކަމުގައި އަހަރެން ބުނެލީމެވެ. ލިފްޓަށް އަރަން ދިޔައިރު ޕިއްޒާ ހިފައިގެން އައިސް ހުރި ކުއްޖަކު ލިފްޓު ކައިރީގައި ހުއްޓެވެ. އަހަރުމެންނާއިއެކު އެކުއްޖާވެސް ލިފްޓަށް އެރުމުން ދެމީހުން ދުރުގައި އެކަކު އަނެކަކަށް ބަލާފައި ހެވިފައި ތިބެވުނީއެވެ. އެކުއްޖާ ހަތްވަނަ ބުރިއަށް ފޭބުމުން އިޝާން އަހަރެންގެ ކައިރިއަށް ޖެހިލިއެވެ.
"މާފުށިން ފެނުނު ދުވަހު އަހަންނަށް ހަމަ ގާތްގަނޑަކަށް ޔަގީން ވި" އޭނާ އަހަރެންގެ ދަތްދޮޅީގައި ހިފާލާފައި މިދަތްދޮޅި ކޮޅު ފެނުނީމާ ނޭނގި ނުހުންނާނެ އެއްނޫންހޭ ބުނެލިއެވެ. އޭނާ އެދުވަހު ޓެރަސްއަށް އަންނަން ބުނީވެސް ޔަގީން ކުރަން ވެގެން ކަމުގައި ބުނެލިއެވެ.
"އެތަނަށް ދިޔަނަމަ ކިހިނެތް ހަދާނީ؟" އޭނާގެ ދެލޮލަށް ބަލަން ހުރެ އަހަރެން އަހާލީމެވެ. އިޝާން ހިނިތުންވެލިއެވެ. ޖަވާބެއް ނުދީ އެއަށްވުރެވެސް ކައިރި ވެލިއެވެ.
އަށްވަނަ ބުރިއަށް ގޮސް ލިފުޓުގެ ދޮރު ހުޅުވުމުން ސިއްސައިގެން ގޮސްފައި އަހަރުމެން ދެމީހުންނަށް ދުރަށް ޖެހިލެވުނެވެ.
އެވަގުތު ދޮރުމަތީގައި ވަށް ބުރުގާއެއް އަޅާފައި ހުރި އަންހެނު "ދޮންބޭ!" އޭ ބުނެލިއެވެ. އެއީ އިޝާންގެ ކޮއްކޮ އިރާޝާކަން އަހަންނަށް ވިސްނުނެވެ. އޭނާއަށް އަހަރުމެން ދެމީހުން ކައިރީގައި ތިއްބާ ފެނުނުބާވައޭ ހިތަށް އެރުމާއިއެކު އަހަރެން ގަތް ލަދުން އިސްޖަހާލީމެވެ. އޭނާވެސް ކުޑައިރުކޮޅަކަށް ހުއްޓުން އަރާފައި ކަހަލަގޮތަކަށް ހުރެލާފައި ދޮންބެއައިސް އުޅޭކަމެއް ނުދެނަހުރީމޭ ބުނަމުން ލިފްޓަށް އެރިއެވެ. " މިދަނީ ތިބައިގެ ފުރިޖަށް ލާފައި ހުރި އެއްޗެއް ބަލާ!"
"މިއީ ކާކުކަން އިނގޭތަ؟" އިޝާން އަހަރެންގެ އަތުގައި ހިފާލިއެވެ. އެހިނދު އަހަރެން އިސްއުފުލާ ބަލާލީމެވެ. އޭރުވެސް އަހަރެންގެ މޫނުމަތިން ލަދުވެތިކަމުގެ އަސަރު ފިލާނުދާކަން އަހަންނަށް ޔަގީނެވެ.
"ނޫހުން ފޮޓޯ ފެނުނީމާ ހިތަށް އެރި ތިއީ އެ ރާނިޔާ ބާވައޭ... މިހާރު ޔަގީން ވެއްޖެ!" އިރާޝާ އަހަންނާއި ދިމާލަށް ހިނިތުންވެލިއެވެ.
"ޔުއަރ ފިއުޗަރ ސިސްޓަރ އިން ލޯ!" އިޝާން އެހެންބުނުމާއިއެކު އިރާޝާ "އޯ ވާއޮ.. ކޮންގުރޭޖުލޭޝަންސް" އޭ ބުނަމުން އަހަރެންގެ ގައިގަ ބައްދާލިއެވެ. އެހެން ހީވެއްޖެ ކަމުގައި އޭނާ ބުނުމުން އިޝާން ރަކިވިތަން އަހަންނަށް ފެނުނެވެ.
އިޝާން އަވަސްއަވަހަށް މިއައީ މަންމަ ކައިރިއަށޭ ބުނަމުން ލިފްޓުން ފައިބަން ހިނގައިގަތެވެ.
"އޭނައަށް އެނގޭތަ ކުރިން.. އަހަރުމެން ދެމީހުން؟" ލިފްޓުގެ ދޮރުލެއްޕުމުން އަހަރެން ސިއްރުސިއްރުން އަހާލީމެވެ. އެއަށް އިޝާން ބޯޖަހާލިއެވެ.
"އަހަރުމެން ދެމީހުންގެ ވާހަކަ އިނގޭނެ ދުރުތާ ތިމާގެ މީހުންނަށް ދަންދެން!" އިޝާން ބުނެލިއެވެ.
"އެއީ؟" އަހަންނަށް ހައިރާންކަމާއިއެކު އަހާލެވުނެވެ.
"އެކަމުގެ ހުރިހާ ކުރެޑިޓެއް ލިބޭނީ ޝެރީންއަށް! ރީނާގެ ހަނދާން އަހަރެންގެ ހިތުން ނުފިލާވަރުވެސް އޭނާ ކޮށްދިން. މައްސަލައެއް ދިމާވެ ދެބަސްވާ ކޮންމެ ފަހަރަކު ރީނާގެ ނަން އޭނާގެ ދުލުން ނިކުންނާނެ!" އިޝާން ހިނިގަނޑެއް ޖަހާލަމުން ކިޔައިދިނެވެ. "ދެން ރަނގަޅުތާ އޭނާވެސް ތި ހަނދާން ދިރުވައިދިނީ ވިއްޔާ!"
އިޝާންގެ މަންމައަށް އަހަރެން އެނގުނެވެ. އަހަރުމެން ދެމީހުން އިންނަން އުޅޭވާހަކަ އިޝާން ބުނުމުން، އެ މަންމަގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ. އަހަރެންގެ އަތުގައި ހިފާ ފިރުމާލަމުން އޭނާގެ ދަރިފުޅަށް އުފާވެރި ހަޔާތެއް ހޯދައިދޭނެކަމަށް އުއްމީދުކުރާ ވާހަކަ ބުނެލިއެވެ.
އިސާހިތަކު އިރާޝާގެ ފިރިމީހާ މުސްތޮ ވެސް ގެއަށް އައެވެ. އެ އެންމެންނާއި އެކީގައި ކާމޭޒު ދޮށުގައި އިށީންއިރު އަހަރެން އިނީ ވަރަށް އުފާވެފައެވެ. އެމީހުންނަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ އިޒާން އެއީ އަހަންނާއި ލަތީފުގެ ދަރިއެއްކަން އެނގުނު ހިސާބުންނެވެ. އިޒާންގެ ރަނގަޅު ވާހަކަ މުސްތޮވެސް ދެއްކިއެވެ. "އޭނާގެ އެހުންނަނީ ހަމަ ލަތީފުގެ ގޮތް!" އިޝާންގެ މަންމަ ބުނެލިއެވެ.
ކައި ނިމިގެން އިޝާން ބޭނުންވީ އޭނާގެ އެޕާޓުމަންޓަށް ދާށެވެ. ލިފްޓަށް އަރާފައި އަހަރެން ޖެހިލުންވިއެވެ. ވަޅުޖެހިފައިވާ މާޒީގެ ހަނދާންތައް ތިލަވާން އުޅޭކަމުގެ އިހުސާސެއް ކުރެވެން ފެށީއެވެ.
އެއީ ވަރަށް ހިތްގައިމު އެޕާޓުމަންޓެކެވެ. ސިޓިންގ ރޫމްގައި ހުރި ބޮޑު ސޯފާ ސެޓުގެ އެއްކޮޅުގައި ހިމަ ދިގުކޮށް ހުރި ސްޕީކަރު ބަހައްޓާފައި ހުއްޓެވެ. އަނެއް ކަނުގައި ގިޓާ ސްޓޭންޑެއްގައި ހުއްޓެވެ. ޓީވީ ރެކް މަތީ މެދަށްވާގޮތަށް މާޖަހާ އެއްޗެއް ހުރިއިރު ދެފަރާތުގައި ފޮޓޯ ފުރޭމް ހުއްޓެވެ. އެތަނުން އެއްފޮޓޯއަކީ އިޝާން އާއި ޝެރީން އާއި އިފާގެ ފޮޓޮއެކެވެ.
ސޯފާ ސެޓާއި ދިމާލު ފާރުގައި ހަރުކޮށްފައި ހުރި ތިން ފޮޓޯގެ ބޮޑު މަންޒަރެކެވެ. " ވަރަށް ރީތި އެގޮތަށް އެއްފޮޓޯ ވަކިވަކި ކޮށްލާފައި ހަދާފަ ހުރީމަ" އަހަރެން އިޝާރާތްކޮށްލީމެވެ.
ފުރަތަމަ ފޮޓޯގައި ވަނީ ތިރިތިރީ ގައި ކުނރުބާ އަޅާފައިހުރި ދިވެހި ރުކެކެވެ. އަނެއްފޮޓޯގައި ވަނީ އެރުކުގެ ފަންތަކާއިއެކު ފެންނަ ދޮންވެލި ގޮނޑު ދޮށެވެ. ފޮޓޯގެ އަނެއްބައިގައި ފެންނަނީ މޫދުގައި އަޅާފައި އޮތް ނޫކުލައިގެ ޑިންގީ އެކެވެ.
"ތިއީ އިފާގެ ކަމެއް..އޭނާ އެއްފަހަރަކު ވ.އަތޮޅަށް ގޮސްފަ ނަގާފައި ހުރި ފޮޓޯތަކެއް" އިޝާން ކިޔައިދިނެވެ.
"ތިފަށް ވަރަށް މިސްވޭ..އަސްލު ދޭހިތަކުން ނޫންދިނީ" އަހަރެން ހޭންޑުބޭގް ތެރެއިން އެ ރިހިފަށް ނެނގި ތަން ފެނުމުން އޭނާ ބުނެލިއެވެ. އަހަރެން އެފަށް އަލުން އަޅުވައިދިން ހިނދު އަހަރެންގެ އަތް ގެންގޮސް އޭނާގެ މޭގައި ޖައްސާލަމުން މިހިތުގައި ވިންދު ޖަހަމުން ދަނީ ހަމަ ރީނާއަށްޓަކާ އޭ ބުނެލިއެވެ.
އިޝާން ފޯނު ނަގާފައި ބޮންޖޯވީގެ "އޯލްވޭޒް" އެލަވަ ޖަހަންފެށިއެވެ.
"މީ އަހަންނަށް ނުކިޔުނު ލަވައެއް!" އޭނާ ބުނެލިއެވެ. "އަޑުއިވުނީމަ ވެސް ވަރަށް ދެރަވޭ"
އެއީ އަހަރެން އޭނާއާއި އެކު މާލޭގައި ހޭދަކުރި އެންމެ ފަހުރޭ ދެމީހުންއެކީ އަޑުއެހި އެންމެފަހު ލަވައެވެ. އިޝާން ކައިރީ އެލަވަކިޔާށޭ ބުނީވެސް އަހަރެންނެވެ. އެމަންޒަރު ސިފަވުމުން އަހަރެންގެ ހިތަށް ތަދުވާން ފެށިއެވެ. އެ ވޭނީ އިހުސާސް ކަރުނަތަކެއްގެ ސިފައިގައި ލޮލުން ބޭރުވާން ފެށީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ.
ކޮންމެއަކަސް ބޮން ޖޯވީ "އެންޑް އައި ވިލް ލަވް ޔޫ ބޭބީ އޯލްވޭޒް!" ކިޔަމުން ދިޔައިރު އަހަރުމެންގެ ދެމީހުން އެކަކު އަނެކަކުގެ ގައިގަ ހިފަހައްޓާލައިގެން ތިބެ ހަޔާތުން ގެއްލުނު ދުވަސްތަކަށްޓަކައި ހިތާމަ ކޮށް ކަރުނައަޅަމުން ގެންދިޔައީމެވެ.
އިރުކޮޅަކަށް ފަހު އަހަރުމެން ހަމައަކަށް އެޅުނެވެ. ބޯ ވިއްސާރައިގެ ތޫފާނަކަށް ފަހު އުޑުމަތި ސާފުވެ، އަވި ދިއްލާލާ ފަދައިން ދެމީހުންގެ ހަޔާތަށްވެސް އުޖާލަން ގެނުވިކަހަލައެވެ. އިޝާން ފެށީ ކައިވެނީގެ ވާހަކައެވެ. އޭނާގެ އެޕާރޓުމެންޓް ބަލާލަން ހިނގާބަލާށޭ ކިޔާފައި އަހަރެންގެ އަތުގައި ހިފައިގެން ތެދުވިއެވެ. ބަދިގޭގައި ހުރީ އެންމެ މިޒާނުގެ އެއްޗެއްސެވެ. ސިންކުއާއި ދިމާލުގައި އިން ކުޑަދޮރު ހުޅުވާލީމާ ކަނޑުމަތި ފެންނަން އޮތެވެ. މިތާނގައި ކައްކަން ހުންނައިރު ވަރަށް ހިތްގައިމުވާނެ އޭ އަހަރެން ބުނެލީމެވެ. އެއާއި އެކު އިޝާން ހީލިއެވެ. އަހަރެންގެ އަތުގައި ހިފައިގެން ގޮސް އެންމެ ފުރަތަމަ ޖެހުނު ކޮޓަރި ހުޅުވާލާފައި އެއީ ގެސްޓުރޫމް ކަމުގައި ބުނެދިނެވެ.
" ފަހުން ޝެރީން އުޅުނީ މިތާ.. އޭނާގެބައެއް ސާމަނު އަދިވެސް ތިހިރީ...ފޮތްތަކާ އެއްޗެތި" އެނދުމަތީގައި ހުރި ދެ ފޮށިގަނޑަށް އިޝާރާތް ކޮށްލަމުން އިޝާން އޮޅުންފިލުވައިދިނެވެ. ދެން އޭނާ ދެއްކީ އިފާގެ ކޮޓަރިއެވެ. އެއަށްފަހު އޭނާގެ ކޮޓަރީގެ ދޮރުހުޅުވާލިއެވެ.
"މިއީ އަހަރެންގެ ކޮޓަރި" އިޝާން ބުނެލިއެވެ.
އަހަރެންގެ ނޭފަތުގައި ޖެހުނީ ހަމަ އެވަހެވެ. އިވުނީ 'މިދޮރުން އެތެރެއަށް ވަނުމަށްފަހު ތިއީ މަގޭ ރީނާއޭ' އެދުވަހު އިޝާން ބުނި އަޑެވެ. ވަގުތުން އަހަރެންގެ ސިކުނޑި އެ މާޒީއަށް ގެންދިޔައެވެ. އެދުވަހުގެ މަންޒަރުތައް ފެންނަން ފެށިއެވެ. އަހަންނަށް ހުއްޓުންއެރިއެވެ. ކޮޓަރިތެރެއަށް ވަންނާކަށް ނުކެރުނެވެ.
އިޝާން "އާ ޔޫ އޯކޭ" ހޭ އަހާލަމުން އަހަރެންގެ އުނގަނޑުގައި ހިފަހައްޓާލިއެވެ. އަހަންނަކަށް އަނގަޔަކުން ނުބުނެވުނެވެ. އަހަރެން ނޫނެކޭ ބުނަން ބޯ ހޫރާލީމެވެ. ދެން އޭނާ އުޅުނީ އިށީންނަން ހިނގާށޭ ކިޔާފައި ކޮޓަރިތެރެއަށް ވައްދާށެވެ.
"ނޫން!" އަހަންނަށް ބާރަށް ބުނެވުނެވެ. އަދި ސިޓިންރޫމާއި ދިމާލަށް ހިނގައިގަތީމެވެ.
ސޯފާ އާއި ހަމައަށް ދެވުނުއިރު އަހަރެން ދާހިތްލަން ފަށައިފިއެވެ. މުޅިގައިން ވަރުދޫވާހެންވެސް ހީވިއެވެ. އިޝާން ކަންބޮޑުވެގެން އަހަންނަށް ވަނީ ކިހިނެތްތޯ އަހަންފެށިއެވެ.
" އަހަންނަށް އެކަނި ވަގުތު ކޮޅެއްދީ..!" އަހަންނަށް އެހެން ބުނެވުނީވެސް ވަރަށް އުނދަގުލުންނެވެ. އަހަރެން ދެލޯމަރައިގެން އިނދެ ދެން ހަދަންވީ ގޮތް ހަނދާން ކުރަން މަސައްކަތް ކުރީމެވެ. ކުޑަކޮށް ލޯ ހުޅުވާލާފައި ބަލާލިއިރު އިޝާން ވަރަށް ހާސްވެފައި ދުރުގައި ބަލަން ހުރިތަން ފެނުމުން އަހަންނަށް އިތުރަށް އުނދަގޫވިއެވެ.
ތެދުވެގެން ވަރަށް ހާލުން ގެސްޓުރޫމް އާއި ދިމާލަށް ހިނގައިގަތީމެވެ. ފާޚާނާއަށޭ ކިޔާފައެވެ. އޭނާ ކަންބޮޑުވެގެން ކިހިނެއްވީހޭ އަހަމުން ފަހަތުން އައެވެ. އަހަރެން ބޯ ހޫރާލީމެވެ. އިރުކޮޅަކުން އޯކޭ ވާނެއޭ ބުނަމުން ފާޚާނާއަށް ވަދެ ދޮރުލެއްޕީއެވެ.
އެތާއެތޭރޭގައި ފާރުގައި ލެނގިލައިގެންހުރެ ލޯ މަރާލީމެވެ. މިހާ ދުވަސް ފަހުން މިހެންވެދާނެއޭ އަހަރެން އެއްގޮތަކަށްވެސް ހިތަކަށް ނާރައެވެ. އިޝާންގެ އެންމެ ޖުމްލައަކުން އެ ހަނދާންތައް އާވެ، އެބިރުވެރިކަން ހިތުތެރެއަށް ވަންނަންޏާ އަހަރެންނަށް އޭނާއާއިއެކު ދިރިއުޅެވިދާނެބާވައެވެ؟
-- ނުނިމޭ --