19 Sep 2023

(އަށް މަސް ފަސް)

"ލަވް ކޮންކަރސް އޯލް" ދިވެހި ބަހުން ބުނާނީ ކީކޭ ހެއްޔެވެ؟ ލޯތްބަކީ ހުރިހާ ކަމެއް ފަތަހަ ކުރާ އެއްޗެކޭ ހެއްޔެވެ؟ ހަމަގައިމުވެސް އަހަރެންގެ ހަޔާތަށް އެ މިސާލުބަސް ގުޅެއެވެ.

އާނއެކެވެ. ފާއިތުވި އަށް މަސް ދުވަހުގެ ތޭރެގައި އަހަންނަށް މިހިސާބަށް އާދެވުނީ ހަމަ އިޝާންގެ ލޯތްބާ އަޅާލުމާއި ދިން ހިތްވަރުންނެވެ. ކައިވެންޏަށްފަހު އޭނާ ބުނިފަދައިން އަހަރެން ގޮވައިގެން ރާއްޖެއިން ބޭރަށް ގޮސް ނަފްސާނީ މައްސަލައަށް ފަރުވާ ހޯދީމެވެ. މިއަދު ލަތީފު އެއީ އަހަރުމެން ދެމީހުންގެ ހިތުގައިވެސް އެންމެ ބޮޑު ގަދަރެއް ދެވިފައިވާ އިންސާނާއެވެ. ދެމީހުން އެކަނި ވުމުން އޭނާގެ ވާހަކަ ދައްކާ އެނާގެ ހަނދާން ގިލްޓީ ނުވެ އާކޮށް ހެދެއެވެ. ލަތީފުގެ އާއިލާގެ މީހުންނާއި އިޒާންއާއިވެސް ބައްދަލުވުމަށް އިޝާން މަގުފަހި ކޮށްދިނެވެ. އޭނާގެ ދެބެންގެ ދެދަރި ބޭބެއެއްގެ ކުއްޖަކާ އިޒާން އާއި ބައްދަލުވެ، އެ އާއިލާއަށް ލަތީފުގެ ދިރިހުރި ނިޝާނެއް މިދުނިޔޭގައި ހުރިކަން އެނގިގެން ހިނގައްޖެއެވެ.

އަހަރެންނަކީވެސް މިހާރު ރާއްޖޭގައި ނަންހިނގާ ޑިޒައިނަރުންގެ ތެރޭގައި ގުނާލެވޭނެ މީހަކަށް ވެއްޖެއެވެ. މާފުށީގައި އަހަރެންގެ އަމިއްލަ ފަހާތަނެއް ހުޅުވައި، ބޭރު ދެމީހުން ގެނެސް ފެހުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަން ފެށިތާ ދުވަސްކޮޅެއް ވެއްޖެއެވެ.

މިއަދަކީ އަހަރެންގެ މަސައްކަތް އަނެއްކާވެސް އާ އުސްމިނަކަށް ދަތުރު ކުރި ދުވަހެކެވެ. އަހަރެންގެ އަމިއްލަ ޑިޒައިންތަކަށް އުފައްދާ "ރީނާ" ބުރޭންޑުގެ ހެދުން ބާޒާރަށް ނެރެވޭ ދުވަހެވެ. އެކަމަށްޓަކައި ބޭއްވޭ ޙާއްސަ ފެޝާން ޝޯވް އެއް އިންތިޒާމް ކުރެވި ޝޯވް ފެށިގެން ކުރިއަށް ދަނީއެވެ.

ސްޓޭޖުގެ ކުރިމަތީގައި ޖަހާފައިވާ ގޮނޑިތައް ހުރީ ފުރިފައެވެ. އެންމެ ކުރީބަރީގައި ޝަރަފުވެރި މެހެމާނާއެއްގެ ގޮތުގައި އިނީ އަހަރެންގެ ސްކޫލު ދައުރުގެ އެކުވެރިޔާ އަދި މިހާރުގެ ސްޓޭޓް މިނިސްޓަރ ނިޒާމާ އެވެ. އޭނާގެ ކައިރީގައި ސައީދާ އެވެ. ދެންވެސް އަހަރެންގެ ސްކޫލު ދައުރުގެ ރައްޓެހިންނެވެ. ރަށުގައި އަހަންނާއި އެކީގައި ކިޔަވައިދޭން އުޅުނު އެކުވެރި ބައެއް ޓީޗަރުންނެވެ.

ޝޯ ފެށިގެން ކުރިއަށް ދިޔައީ ވަރަށް އޮމާންކޮށެވެ. އެކުދިން އަރާ ފައިބަމުން ދިޔައިރު ސްޓޭޖުގެ ފުރަގަހުގައި ހުއްޓިލައިގެން މަންޒަރު ބަލަން އަހަރެން ހުރީމެވެ.

"މަމީ ރެޑީތަ؟" އެންމެ ފަހު ކުއްޖާ ސްޓޭޖަށް އެރުމާއިއެކު އިފާ އަހަރެންގެ ކައިރިއަށް އައެވެ. އޭނާ އަހަރެންގެ ބުރުގާ ފުރަގަހުން ރަނގަޅު ކޮށްލަދިނެވެ. އަހަރެން އާނއެކޭ ބުނީމެވެ. އެކަމަކު އޭރު އަހަރެން ހުރީ ކޮންމެވެސް ވަރަކަށް ފިނިވެފައެވެ.

"ދެން އަޅުގަނޑު މި ދަންނަވާލަނީ ތިޔަ ފެނިވަޑައިގަތް ހެދުންތައް ފަރުމާކުރި ކުޅަދާނަ ޑިޒައިނަރ ފާތިމަތު ރާނިޔާ އަށް!" ސޫޒަންގެ އަޑު އިވުމާއި އެކު އިފާ އަހަރެންގެ ގައިގަ ބައްދާލާފައި ސްޓޭޖަށް އެރުމަށް އިޝާރާތްކޮށްލިއެވެ. އަހަރެން ފުން ނޭވާއެއް ދޫކޮށްލަމުން ހިނގައިގަތީމެވެ.

ކެމެރާގެ ފުލޭޝްތަކާއި ކްލިކްތަކުގެ އަޑުފައްގަނޑު އިވެންފެށިއެވެ. އަހަރެން ހިނިތުންވެލަމުން ގޮސް ސްޓޭޖަށް އަރާ ކުރިމައްޗަށް ހުއްޓުނީމެވެ. ދައުވަތު ދީފައިވާ މީހުންގެ އިތުރުން އެވަގުތު ކާނިވާ ސަރަހައްދުގައި ތިބި ކިތަންމެ ބަޔަކު އެތާނގައި މަޑުކޮށްގެން އެތަން ބަލަން ތިބިކަން އަހަންނަށް ފާހަގަ ކުރެވުނެވެ. އަހަރެންގެ ފުރަގަހަށް ހުރިހާ ހެދުންލައިގެން ތިބި ހުރިހާ ކުދިން ހުއްޓުމާއި އެކު އެއްވެފައި ތިބި މީހުންގެ ހޫނު ތަރުހީބުގެ އަޑުން މުޅިތަން ގުގުމާލީއެވެ.

ސޫޒަން އަހަންނާއި މައިކު ހަވާލުކުރިއެވެ. އަހަރެން ފުންނޭވާއެއް ދޫކޮށްލީމެވެ. "ޔޫކޭން ޑޫ އިޓް" އަހަރެންގެ އަމިއްލަ ނަފްސަށް އަހަރެން ބުނެދިނީމެވެ. އަދި އެއަށްފަހު ވާހަކަ ދައްކަން ފެށީމެވެ. އަހަރެން ޝުކުރުގެ ލިސްޓުފެށީމެވެ. ﷲ ގެ ހަޟްރަތަށް ޙަމްދު ކުރުމަށްފަހު ދެން އަހަރެން ބުނީ އިޝާންގެ ވާހަކައެވެ. އަހަރެންނަށް މިހިސާބަށް އާދެވުމުގައި އެންމެ ބޮޑު ހިތްވަރެއް ދިންމީހަކީ އެއީ ކަމުގައި ބުނަމުންނެވެ. އެއަށްފަހު، މިމަސައްކަތަށް އެހީތެރިވެދިން ހުރިހާ އެންމެންގެ ނަންތައް ވަކިވަކިން ކިޔައިދިނީމެވެ.

"އަދި މީގެ އިތުރުންވެސް ވަރަށް ޚާއްސަ ފަރާތެއް އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުން...." އަހަރެން އެހެންބުނި ހިސާބުން މުޅިތަނަށް ހަމަ ހިމޭންކަން ވެރިވިކަން އަހަންނަށް ފާހަގަކުރެވުނެވެ. "އެއީ އަޅުގަޑުގެ ސިކުނޑިއަށް ފެޝަން ޑިޒައިނިންގ އެންމެ ފުރަތަމަ ވައްދައިދިން ފަރާތް.. މިއީ އަޅުގަޑަށް ކުރެވިދާނެ ކަމެއްކަމުގައި ވަރަށް ޔަގީންކަމާއިއެކު މީގެ ވިއްސަކަށް އަހަރު ކުރިން ބުނެދިނީ އޭނާ..." އެހިސާބަށް ވާހަކަ ދައްކާފައި އަހަރެން މަޑުކޮށްލީމެވެ. މިއަދު އަހަރެން ފެނުމުން އޭނާ ވަރަށް އުފާވާނެއޭ ހިތަށް އެރީއެވެ. ކުއްލިއަކަށް ހިމޭންކަމުގެ ސުކޫތެއް އަހަރެންގެ މުޅި ނަފްސަށް ވެރިވެގެންދިޔައެވެ. ސޫޒަން އަހަންނާއި ދިމާލަށް ބަލައިލާފައި އިޝާރާތް ކޮށްލުމުން އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދަން ފެށީމެވެ. އެހެންނަމަވެސް އޭރު އަހަރެންގެ އަޑު ތަފާތުވެފައިވާކަން އަހަންނަށް ފާހަގަ ކުރެވުނެވެ.

"އެކަމަކު މިއަދު އޭނާ ވަނީ އަޅުގަނޑުމެންނާއި ވަކިވެފަ..އެއީ އޭރު އަޅުގަނޑު ހަޔާތުގެ ބައިވެރިޔާ އަހުމަދު ލަތީފު....! މާތްﷲ އެ މަރުޙޫމުގެ ފުރާނައަށް ހެޔޮ ރަހުމަތް ލައްވާށި!"

އަހަރެންގެ އަރުތެރެ ބެދެން އުޅުނެވެ. އެއްވެފައި ތިބި މީހުންގެތެރެއިން 'އާމީން' ކީއަޑު އިވުނުހެން އަހަންނަށް ހީވިއެވެ. އެހިސާބުން އަހަރެން ޝުކުރިއްޔާއޭ ބުނެފައި މައިކު ސޫޒަން އާއި ހަވާލުކުރީމެވެ. އަދި ސްޓޭޖުން ފައިބަން ހިނގައިގަތީމެވެ.

އަހަރެން ފޭބިއިރު އިފާ، އިޒާން އާއި ރިފްޤާ އެތާ ކައިރީ ތިއްބެވެ. އަހަރެން އިޒާންގެ ގައިގަ ބައްދާލިމެވެ. އަހަރެންގެ ލޯ ފޮހެލަން ޖެހުނެވެ. އަހަރެން ހިނިތުންވެލަމުން އިފާއާއި ރިފްޤާއަށްވެސް އަތްދިއްކޮށްލީމެވެ.

" މަންމާ އެކޮޅަށް ހިނގާބަލަ!" އެވަގުތު އިޒާން އަހަރެންގެ އަތުގައި ހިފައިގެން ސްޓޭޖްގެ ކުރިމައްޗަށް ދާން ހިނގައިގަތެވެ.

އަހަރެންގޮސް ނިޒާމާ އާއި ޖެހިގެން ހުރި ހުސްގޮނޑީގައި އިށީނީމެވެ. އަހަރެން ހޯދާލިއިރު އިޝާންއެއް ފެންނާކަށް ނެތެވެ. ނިޒާމާއާއި ސައީދާ އަހަންނާއި ސަލާމްކޮށްލާފައި ހެދުންތައް ވަރަށް ރީތި ކަމުގައި ބުނެލިއެވެ.

އަހަރެން ހީކުރީ އެހިސާބުން ޝޯވް ނިމުނީކަމަށެވެ. އެކަމަކު އެވަގުތު ޝޯވް ހުށަހަޅައިދޭން އުޅުނު ފިރިހެންކުއްޖާ ސްޓޭޖަށް އަރާފައި ދެން އޮތީ ވަރަށް ޚާއްސަ އައިޓަމް އެކޭ ބުނެލިއެވެ. އަދި އެއާއި އެކު އިޝާން ސްޓޭޖަށް އެރުމުން މުޅިއެތަނުން ތަރުހީބުގެ އަޑު އިވިގެން ދިޔައެވެ. އަހަރެން ހައިރާންވިއެވެ. އިޝާން ލަވަ ކިޔާކަމެއް އަހަންނަކަށް އެނގިފައެއްނެތެވެ.

"އޯ ވާއޮ" ސައީދާމެން އަހަންނާއި ދިމާލަށް ބަލަންފެށިއެވެ.

"ޝުކުރިއްޔާ! ޝުކުރިއްޔާ!" އިޝާން ވާހަކަ ދައްކަން ފެށުމުން މުޅިތަން ހަމަ ހިމޭންވިއެވެ.

"އަނެއްކާވެސް ތިޔަ އެންމެ ބޭފުޅުންނާއި ސްޓޭޖް މަތިން މި ބައްދަލުވީ.. މިއުފާވެރި ހަފުލާގައި އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ ލޯބިވާ އަންހެނުންނަށް ވަރަށް ޚާއްސަ ލަވައެއް ގެނެސްދޭން" އިޝާން އަހަންނާއި ދިމާލަށް އިޝާރާތްކޮށްލިއެވެ. އިޝާން ގިޓާ ނަގަން އެއްކައިރިއަށް ޖެހިލި ވަގުތު. އަނެއްކާވެސް ޕުރެޒެންޓަރ ވާހަކަ ދައްކަން ފެށިއެވެ.

"ދަންނަވަންތޯ.. ރާނިޔާއަކީ ހަމަ އެކަނި މޮޅު ޑިޒައިނަރެއްނޫން!.. އޭނާ އަކީ މޮޅު ޅެންވެރިއެއްވެސް މެ" އެއަޑު އިވުމުން އަހަރެންގެ ދެލޯ ބޮޑުވިއެވެ. އެއީ އަޅުގަނޑު ދަންނަވާ ވާހަކައެއްނޫން.. އިޝާންގެ އަޑުން އަޅެ އައްސަވާލައްވާ!" އޭނާ މައިކް އިޝާން އާއި ހަވާލުކުރިއެވެ.

"ހަނދުވަރުދޭ ކޮންމެރެއެއް ތުނޑިމަތިން، ނިމޭނީ ތި ހަނދާނުން،

އެރި ހަނދާ ތަރިތަކާ ވަކިވަކިން، ހެކިދޭނޭ މީ ތެދުކަން..."

އިޝާން އެލަވަ ކިޔަން ފެށުމުން އަހަންނަށް އަނގަމަތީ އަތްއެޅުނެވެ. އެއީ އަހަރެން ގަމުގައި އުޅުނު އިރު އެއްރެއަކު އޭނާ ހަނދާންވެގެން ލިޔުނު ލަވައެކެވެ. އޭނާ އަށް އެލަވަ ދެއްކުމުން ބައެއް ތަންތަން ކޮޅު ރަނގަޅު ކޮށްދިނެވެ. އަދި އެލަވަ ހަދާ ނިންމުމަށް ހިތްވަރު ދިނެވެ. އެކަމަކު އޭނާ މިރޭ އެލަވަ ކިޔަން ތައްޔާރުވީކަމެއް އަހަރެން އެއްގޮތަކަށްވެސް ނުދެނަހުރީމެވެ. އަހަރެން އެތާ ގޮނޑީގައި އިންއިރު އަހަރެންގެ ހިތް ހީވަނީ އުފަލުން ގޮސް ހުއްޓިދާނެ ހެންނެވެ.

"އޯ ހާދަހާ ރޮމޭންޓިކް އޭ ދޯ" ސައީދާމެން އަހަންނާއި ދިމާކޮށްލިއެވެ.

އިޝާންގެ ލަވަ ނިމުމާއިއެކު ޝޯ ނިމިގެން ދިޔައީކަމަށް އިއުލާނު ކުރެވުނެވެ. އަހަރެން ތެދުވެގެން އިޝާން ކައިރިއަށް ދިޔައީމެވެ. އެވަގުތު ރިޕޯޓަރުންނާއި ކެމެރާމަނުން އަހަރުމެން ވަށާލިއެވެ. އަހަރެންގެ ޑިޒައިންތަކަށް ވުރެބޮޑަށް އެމީހުންގެ ސަމާލުކަން ހުރީ އިޝާން ކީ ލަވަޔަށެވެ. އެއީ އަހަރެން ހެދި ލަވައެއްތޯ ސުވާލުކުރިއެވެ. އަދި އަހަރުމެންގެ ހަޔާތާއި ކިހާ ވަރެއްގެ ގުޅުމެއް ހުރި ލަވަޔެއްތޯވެސް އެކަކު އެހިއެވެ. އެއީ އަހަރުމެން ދެމީހުން ވެގެން ހަދާފައި އޮތް ލަވައެއްކަމަށާއި އެލަވަ ރަނގަޅަށް އަހާލުމުން ތިޔަ ސުވާލުގެ ޖަވާބު އެނގޭނެކަމަށް އިޝާން ޖަވާބު ދިނެވެ. ކޮންމެވެސް މީހަކު އިޝާން އަލުން ސްޓޭޖު ތަކުން ފެނިދާނެތޯ ސުވާލު ކުރިއެވެ.

"ކުރިން ހެނެއް ނުފެންނާނެ.. އެކަމަކު މިކަހަލަ ޚާއްސަ ހަފުލާތަކުގައި ފެންނާނެ!" އިޝާން ބުނެދިނެވެ. އިޝާން އަހަރެންގެ އަތުގައި ހިފައިގެން އެތަނުން ދުރަށް ޖެހިލޭވޭތޯ މަސައްކަތް ކުރިއެވެ.

"ލަތީ މަތިން ހަނދާންކުރީތީ ވަރަށް އުފާވެއްޖެ" އިޝާން ބުނެލިއެވެ.

އަހަރެންނާއި މީހުން ސަލާމްކޮށް ފޮޓޯ ނަގާ ތައުރީފުގެ ބަސްތައް އިއްވަމުން ގެންދިޔައެވެ. އެ އެންމެންގެ ތެރެއިން އެކި ދިމަދިމާލުން އަހަރެންދެކެ އެންމެ ލޯބިވާ މީހުންގެ މޫނުތައްވެސް ފެންނަމުން ދިޔައެވެ.

އަހަންނަށް މޫމިނާ އާއި ސުރައްޔާއާއި އަމްސޫދާ ފެނުނެވެ. އަމްސޫދާއަށް އަހަރެން ފެނުމާއިއެކު އައިސް ބައްދާލިއެވެ.

"މޫމިނާއަށް ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!" އަހަރެން މޫމިނާގެ ގައިގަ ބައްދާލީމެވެ. އޭނާވެސް އަހަރެންގެ މިމަސައްކަތަށް އެހީތެރިވެދިނުމަށްޓަކައި މާލެއައިސް އުޅޭތާ ދުވަސްކޮލެއް ވެއްޖެއެވެ.

" ކޮންސެޓުތެރޭގައި އެއްދުވަހަކު އަހަރުންކައިރީވެސް ލަތީފު ތިވާހަކަ ދެއްކި.. ހާދަ ރީއްޗޭ ހެދުންތައް ކިޔާފަ.." މޫމިނާ ކިޔައިދިނެވެ. އެއާއިއެކު ލަތީފު މަތިން ހަނދާންކުރީތީ ވަރަށް އުފާވި ކަމުގައި އެމީހުންވެސް ބުންޏެވެ. ލަތީފުގެ ވާހަކަ އެހާ ހާމަކަން ބޮޑުގޮތެއްގައި ބުނެލާނެ ފުރުސަތު ލިބުމުން އަހަރެންގެ ހިތަށް ގޮތް ނޭނގޭ ކަހަލަ އުފާވެރި އިހުސާސްތަކެއް ވަނީ ކުރުވާފައެވެ.

ނާސިހާމެން ގޮވިމާ އަހަރެން އެމީހުންގެ ކައިރިއަށް ދިޔައީމެވެ. "ރީނާ ލަވަވެސް ހަދަންތަ؟" އައިންތު އަހާލިއެވެ.

"އާނ އެއީ އޭރުވެސް އަހަރެން ކުރާ ކަމެއް!" އަހަރެން ބުނެދިނީމެވެ. ދެން ދެމީހުން ގޭގައި ތިބެގެން ލަވަ ކިޔަންތޯ ސީމާ ސުވާލުކޮށްލިއެވެ.

"އެއީ ދެން އަހަންނަށް ފުރިހަމަ ނުވި އުއްމީދަކީ... ޖޯޖް މައިކަލްއާއި ހަމައަށް ނުދެވެނީސް އޭނާ ދުނިޔެ ދޫކޮށްފި ވިއްޔަ!" އަހަރެން ބުނީމެވެ.

"ބަލަ ރީނާގެ ޖޯޖްމައިކަލް އާއި އެކީގައެއްނު މިހާރު ތިއުޅެނީ!" ނާސިހާ ބުނެލިއެވެ. އެވަގުތު އިޝާން އަހަރުމެން ކައިރިއަށް އައުމުން ނާސިހާ އޭނާއަށް "ދޯ" އޭ ބުނެލިއެވެ. އިޝާން ކީކޭ ހޭ އަހާލުމުން އަހަރުމެންނާއި އެކީގައި ފޮޓޮއެއް ނަގަން ހިނގާށޭ ނާސިހާ ބުނެލިއެވެ.

ނާސިހާ އާއި އައިންތުއާއި މިހާރު އަނެއްކާވެސް އަހަންނާއި ވަރަށް ގާތްވެއްޖެއެވެ. އެމީހުން ވަރަށް ގިނައިން މާފުއްޓަށް ދަތުރުވެސް އާދެއެވެ. އެމީހުން ބުނާގޮތުގައި ޝެރީންއާއި އިނދެގެން އުޅުނު އިރު އިޝާން ފެންނަނީ ވަރަށް ސީރިއަސް މީހެއްގެ ގޮތުގައެވެ. އޭނާއަކީވެސް ސަކަ މިޒާޖެއްގެ މީހެއްކަން މި އެނގުނީ އަހަންނާއި އެކީގައި އުޅެން ފެށި ފަހުންނެވެ.

"އަހަރެންވެސް ބޭނުން ފޮޓޮއެއް ނަގަން" އަހަރެން އެނބުރިލިއިރު އެތާނގައި ހުރީ އާސިމާ އެވެ. އޭނާ ފެނުމުން އަހަރެން ވަރަށް އުފާވިއެވެ. އާސިމާގެ ހުސެން އިޒާން އާއި ވާހަކަ ދައްކަން ތަންކޮޅެއް ދުރުގައި ހުރިތަން ފެނުނެވެ.

"ހަސަން އަކަށް ނާދެވުނު.. ޗުއްޓީއެއް ނުލިބުނު" އާސިމާ އޮޅުން ފިލުވައިދިނެވެ. އެދެކުދިންވެސް މަސައްކަތް ކުރަނީ މާލެ ކައިރީ ރިސޯޓް ތަކުގައެވެ. އެހެންކަމުން ދޭތެރެއަކުން އިޒާންއާއި އެމީހުންނާއި ދިމާވާކަން އަހަންނަށް އެނގެއެވެ.

" އެކަމަކު އަހަރެން ފޮޓޯ ނަގަން ބޭނުމީ އިޝާން އާއި އެކު!" އާސިމާ ހީގަނެފައި ބުނެލިއެވެ.

އަހަރެން އިޝާން އަށް ގޮވާ ގެނައީމެވެ.

"އަދި ކިރިޔާ މި ގަބޫލު ކުރެވުނީ މިއީ ހަމަ އެއިޝާން ކަން" އިޝާން ސަލާމް ކޮށްލުމުން އާސިމާ ބުނެލިއެވެ.

"ލޮލުން ދެކި އަތުން ހިފުނީމަދޯ" ފޮޓޯ އަށް ހުއްޓެމުން އަހަރެން ބުނެލީމެވެ.

އަހަރެންގެ މަންމަމެންނާއި ހަމައަށް ދެވުނީ އެއަށް ފަހުއެވެ. އިޝާންގެ މަންމަ އާއި ކޮއްކޮ އަދި އަހަރެންގެ މަންމަ އާއި ދޮންބެއާއި ދޮންބެދައްތަ މިއެންމެން ތިބީ އެއްތަނެއްގައި ވާހަކަ ދައްކާށެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކަމެވެ. އެމީހުންނާއި ވާހަކަ ދައްކަން ހުރެފައި އެއްލި ކަޅިއަކުން އަމާނާގެ މަންމަ ފެނުނެވެ. އަމާނާވެސް މިހާރު އުޅެނީ އިސްދޫގައި މީހަކާ އިދެގެން އަމިއްލަ ދިރި އުޅުމެއް ފަށައިގެންނެވެ. އޭނާ ދޭތެރެއަކުން އަހަންނާއި ގުޅާ ވާހަކަ ދައްކައެވެ. އަހަރެން ދިން ފާހާފޮށިން ފަހަން ދަސްކޮށްގެން އާމްދަނީ ހޯދާކަން އެގުނީމާ އަހަރެން ވަރަށް އުފާވިއެވެ.

"މަންމަ ދުނިޔޭގައި ހުރިނަމަ މިއަދު ވަރަށް އުފާވީސް!" އަހަންނާއި ސަލާމް ކޮއްލަމުން ސާމިޔާއްތަ ބުނެލިއެވެ. އެޔާއިއެކު އަހަރެންނަށް ކުއްލިއަކަށް ނުތަނަވަސް ކަމެއް ކުރިމަތިވިއެވެ. ޝުކުރުގެ ލިސްޓުގައި ހުސޭނު މަންމަގެ ނަން ހިމަނާކަށް އަހަރެން ހަނދާނެއް ނުވިއެވެ. އެހެންނަމަވެސް އެކަން އެމީހުންނަށް ނުދައްކާ އެމީހުންނާއި ސަލާމްކޮށް ވާހަކަ ދައްކާލީ ހިނިތުންވެފައި ހުރެގެންނެވެ. ސާމިޔާއްތަވެސް މިހާރު އުޅެނީ ހުޅުމާލޭގައެވެ. ގަމުގައި ހުރިގޭގައި އުޅެނީ ހުސޭނުއާއި އޭނާގެ އަންހެނުންނާއި ކުދިންނެވެ. އަހަރެން އިޝާންއާއި އިންކަން އެނގުނު ހިސާބުން އަހަންނާއި ބެހޭ ގޮތުން ސުވާލު ކުރުން ހުއްޓާލިކަމުގައި އާސިމާ ބުންޏެވެ. އޭގެ ކުރިން އޭނާ ހަމަ ފެންނައިރަށް އަހަރެންގެ ވާހަކަ އަހާ އަހަންނަށް ހެދުނު ގޮތުން ދެރަވެގެން އެވާހަކަ ދައްކާ ހަދާކަމަށް އާސިމާ ދޭތެރެއަކުން ބުނެދެއެވެ. ހުސޭނު އިޒާނަށްވެސް ގުޅާކަން އަހަންނަށް އެނގެއެވެ. އެކަމަކު އިޒާން ކައިރީގައި އަހަންނާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާ ހެނެއް ހިޔެއްނުވެއެވެ.

"ވަރަށް އުފާވެއްޖެ ސާމިޔާއްތަމެން އައީމާ" އަހަރެން ބުނެލީމެވެ. އަދި އެތަނުން ހިނގައިގަތުމުގެ ކުރިން އަހަރެން ވަރަށް އަވަހަށް ހެއްޔަންބޯ ޕުރޮގްރާމް އިން ފެންނާނެ ވާހަކަ ބުނީމެވެ. މާދަމާ ހަވީރު ޓީވީއަށް އިންޓަވިއު އަށް ދާން އެބައޮތެވެ. އެއިންޓަވިއުގައި ހުސޭނު މަންމަގެ ވާހަކަ ދައްކަން ހަނދާން ކުރަން އެވަގުތު އަހަރެން ސިކުނޑި ތެރޭގައި ނޯޓުކޮށްލީމެވެ.

ޝޯވް ނިމިގެން އަހަރުމެން ގެއަށް ދާން ނުކުތީމެވެ. އެވަގުތު މަގުމަތިން އައި ސައިކަލެއް އިޝާން ކައިރިއަށް މަޑުކޮށްލިއެވެ.

"އޭ އިޝާން ކިހިނެއް ތިހެދީ؟" އޭނާ ފުދޭވަރަކަށް ބާރަށް ވާހަކަ ދެއްކިއެވެ. އެއީ މުހުސިނުކަން އަހަންނަށް އެނގުނީ އެހިސާބުންނެވެ. އަހަރެންގޮސް އިޝާން ކައިރިއަށް ހުއްޓި މުހުސިނަށް ގޮވާލީމެވެ.

އޭނާއަށް އަހަރުމެން ދެމީހުން އެކީގައި އުޅޭކަން އެނގުނީ ވަރަށް ފަހުން ކަމުގައި ބުނަމުން އަހަރުމެންނާއި ސަލާމް ކުރިއެވެ.

"އެހެންވިއްޔާ އޭރު އޮފީހުގައިވެސް އެދެއްކީ ތެދުވާހަކައެއްތާ!" އޭނާ ބުނެލިއެވެ. އަދި ކައިވެނި ސައި އޮންނަންވާނެ ކަމުގައި ބުނަމުން ސައިކަލުގައި ނައްޓާލިއެވެ.

އަހަރެންގެ ދެފައި ވަރުބަލިވެފައިވާ ކަން އިހުސާސް ކުރެވުނީ ގެއަށް އައިސް ސޯފާ ސެޓް ފެނުނީމައެވެ. އަހަރެން އެތާނގައި އިށީނީމެވެ.

"ކަނބުލޮ ކޮފީއެއް ބޭނުންތަ؟" އިޝާން ދިޔައީ ބަދިގެއާއި ދިމާލަށެވެ.

އަހަރެން އާނއެކޭ ބުނީމެވެ. އިޝާންގެ ފަރާތުން ފެންނަ އެކަހަލަ ކުދިކުދި ކަންތަކުގެ ސަބަބުން އަހަރެންގެ ހިތުގައި އޭނާއަށްޓަކައި ވާ ލޯބި ދުވަހެއް ދުވަހަކަށް އިތުރުވަމުން ދެއެވެ. ހަމަ އެއާއިއެކު އަހަރެންގެ އުފާވެރިކަންވެސް ދުވަހެއް ދުވަހަކަށް އިތުރު ވަމުން ދާކަން ފާހަގަ ކުރެވެއެވެ.

އާނއެކެވެ. ދުނިޔެއަކީ އިމްތިހާނެކެވެ. އަހަރުމެންނަށް ހިނގަން ލިބިފައި މިވަނީ އެއްކޮޅަށް ދެވޭ މަގަކުންނެވެ. ވެދިޔަ ކަންތައް އަނބުރާގޮސް ރަނގަޅު ކުރެވޭކަން ނޯންނާނެއެވެ. އެމީހަކަށް ހެދޭ ގޯސްތަކުން އަރައިގަނެ، އެމީހެއްގެ ދިރިއުޅުން ބާއްޖަވެރިކުރަން މަސައްކަތް ކުރުމަކީ ހަމަ އެމީހެއްގެ ޒިންމާއެކެވެ. ކެތްތެރިކަމާއި ހެއްދެވި ފަރާތަށް އިތުބާރު ކުރުން އެއީ އޭގެ ތަޅުދަނޑިއެވެ. ކޮންމެކަމެއްވެސް މެދުވެރިވާނީ ކޮންމެވެސް ސަބަބަކާއި ހުރެކަން ގަބޫލުކޮށް އަހަރުމެން އިންސާނުންނަށް ނުއުފުލޭ ވަރުގެ ބުރައެއް ނުޖައްސަވާނެކަން ގަބޫލު ކުރުމެވެ. އަހަރެންނަށް މިއުފާވެރި ހަޔާތް ލިބުމުގެ ސިއްރަކީ ޝަކުވާ ނުކޮށް ޝުކުރު ކުރުން މަތީ ދެމިހުރީމާ ކަމަށް މިހާރު އަހަންނަށް ގަބޫލު ކުރެވެއެވެ.

އޭރުވެސް، އަހަރެންގެ ފޯނަށް ކެނޑި ނޭޅި މެސެޖް އަންނަމުން ދިޔައެވެ. ހުސް މަރުހަބާގެ މެސެޖެވެ. މެސެޖްތައް ކިޔާ އެޔަށް ޖަވާބު ދޭނީ ފަހުން ހަމަޖެހިލާފައޭ އަހަރެންގެ ހިތަށް އެރިއެވެ. އެކަމަކު ޑރ. އައިޝާ ޝެރީންގެ މެސެޖެއް އިންތަން ފެނުމުން އަހަރެންގެ ހިތް އަވަސްވެގެން ދިޔައެވެ. އަހަރެން އެމެސްޖު ބަލައިލާ ހިތްވިއެވެ. ސައީދާމެން ވަގުތުން އޭނާ އަށް ސްނެޕް ކުރާނެކަން އޭރުވެސް އަހަންނަށް އެނގުނެވެ.

" ކޮންގުރޭޖުލޭޝަންސް!.." އޭނާގެ މެސެޖް ފަށާފައި އޮތީ އަހަންނަށް މިދާއިރާއިން ލިބުނު ކުރިއެރުމަށް ވަރަށް އުފާކުރާ ވާހަކަ ބުނަމުންނެވެ. އޭނާ އަހަންނަށް މެސެޖް ކުރަން އުޅޭތާ ކިތަންމެ ދުވަހެއްކަމަށްވެސް ލިޔެފައި އޮތެވެ. ތިރީގައި މިވަނީ އޭނާގެ މެސެޖްގައި ދެން ލިޔެފައިވާ ބައިގެ ދިވެހި ތަރުޖަމާއެވެ.

"އަހަންނަކީ ކިތަންމެ މޮޅު ޑޮކްޓަރަކަށް ވިޔަސް އޭނާގެ ހިތަށް ފަރުވާއެއް ނުކުރެވޭނެކަން ވިސްނުނުތާ އެތައް ދުވަހެއް ވެއްޖެއެވެ. އެ ހިތުގެ ފަރުވާއަކީ ތިއީކަން އަހަރެން މިހާރު ގަބޫލުކޮށްފީމެވެ. އެހެންވީމާ، އަހަރުމެން ދެމީހުންގެ ދޭތެރެއަށް ވަނީ ރީނާއަކަށް ނޫނެވެ. ތިދެމީހުންގެ ދޭތެރެއަށް ވަދެވުނީ އަހަންނަށެވެ. އަހަންނަށް މަޢާފު ކުރާށެވެ! އަހަރުމެން ދެމީހުންގެ ދެމެދުގައި ކުރިންއޮތް ގާތްކަން އަލުން ނުއުފެދޭނެކަން ވެސް އެނގެއެވެ. އެހެންނަމަވެސް ކޮންމެ ގޮތެއްވިޔަސް މިހާރު ތީއީވެސް އަހަރެންގެ ދަރިފުޅުގެ މަންމައެއްގެ މަގާމުގައި ހުރި މީހެކެވެ. އަހަރުމެން ދެމީހުން ކޮންމެވެސް ދުވަހަކުން ބައްދަލުވުން ގާތެވެ. އެދުވަހަކުން ކުރީގެ ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން ނަމަވެސް ހިނިތުންވެލާނެކަމަށް އުއްމީދުކުރަމެވެ.

ރީނާއަށްޓަކާ އަހަރެން އުފާވަމެވެ. އަދި ހެޔޮދުއާކުރަމެވެ. ޝެރީން" އެދިގު މެސެޖް ކިޔާ ނިންމާލިއިރު އަހަރެންނަށް ލިބިފައިވަނީ ވަރަށް އެހެންކަހަލަ އުފާވެރި ކަމެކެވެ. ދެވަނަ ފަހަރަށް އެ މެސެޖް ކިޔާނިމުނު އިރު އަހަރެން ފެންކަޅިވެއްޖެއެވެ. އަހަރެނޝުކުރިއްޔާ އޭ ބުނެ ޖަވާބެއް ލިޔަން ހިތަށް އެރިއެވެ. އެހެންނަމަވެސް އަހަރެންގެ ލޮލަށް ޖަމާވި އުފާވެރިކަމުގެ ކަރުނަޔާހުރެ ކުރިއަށް ނުގެންދެވޭނެކަން އެނގުނެވެ.

" އޭ ކިހިނެއްތިވަނީ؟" ކޮފީ ހިފައިގެން އިޝާން އައި އިރު އަހަންނަށް އިދެވުނީ ލޯ ފޮހޭށެވެ. އަހަރެން އޭނާއަށް ފޯނު ދިއްކޮށްލީމެވެ.

އަހަރެންނަށް އަނެއްކާވެސް ޝުކުރުވެރިވެވުނެވެ. ކުޑައިރުގެ ރަހުމަތްތެރިޔާގެ ހިތްހަލާލު ލިބި ،އަހަންނަށް ހާސިލު ނުކުރެވޭނެކަމަށް ހީކުރި އެދުންވެސް އެންމެފަހުން ފުރިހަމަވީތީއެވެ.

(ނިމުނީ)

ދިގު ވާހަކަ ވާހަކަ: ދޭނުހޭ ގެންގޮސް ވަޔާއޭ

Popular