"ހިނގާ ޝަވަރުމާ ކަމާ!" އެތާ ކައިރީގައި ހުރި ކާއެއްޗެތި ވިއްކާ ތަނަކާއި ދިމާލަށް އޭނާ މިސްރާބުޖެހިއެވެ. އެ ގަނެގެން ދެމީހުން ގޮސް އެދިމާލުގައި އޮތް ކޯރެއްގެ ހަރުފަތް ބަރީގައި އިށީނީއެވެ.
"އަސްލު އެމީހާ ދެއްކި ވާހަކަ ނުބުނަން މިއުޅެނީ ލިޔު އެކަމާ ވިސްނާނެތީ!" ޝަވަރުމާގެ އެތިކޮޅެއް ކާލާފައި އޭނާ ވާހަކަ ދެއްކިއެވެ.
"މިހާރު މާ ބޮޑަށް އުނދަގޫ ވާނުވާ ނޭނގޭތީ!"
"އޭނަ ބުނީ އަހަރުމެން ދެމީހުންނަށް އެކަކު އަނެކަކުގެ މަރެއް ނުފެންނާނެޔޯ!" އެންމެ ފުރަތަމަ އަހަންނަކަށް އެބުނި އެއްޗެއް ނުވިސްނުނެވެ.
"އޭގެ މާނައަކީ؟" އަހަރެން ސުވާލުކޮށްލީމެވެ.
"ތީއޭ މަބުނި ވާހަކަ އަކީ ..ދެން އެކަމާ ވިސްނާނީ، މިބުނީނު އެއީ ފޭކޭ..އެމީހާ ބުނީ އިތުރަށް ކިޔައި ދޭނަމޯ އަނެއްކާވެސް ލާރި ދިނީމަ!" އޭނާ އިތުރަށް އޮޅުންފިލުވައި ދިނެވެ.
ކައިނިމިގެން އަހަރެން ބޭނުންވީ ގެއަށް ދާށެވެ. އޭރު އަހަރެންގެ މޫޑު ކޮންމެވެސް ވަރަކަށް ޚަރާބު ވެއްޖެއެވެ. އެއީ އެ އަތްބަލާ މީހާ ދެއްކި ވާހަކައިން ކަމުގައި އަހަރެން ނިންމީމެވެ. ކުރޮޅީގައި އިންއިރުވެސް އޭނާ އެބުނި އެއްޗަކާއިމެދު އަހަންނަށް ވިސްނުނެވެ. ނޫނީ އަހަންނަށް މި އުނދަގޫވަނީ ސަޖުނާގެ ސަބަބުން ހެއްޔެވެ؟ އިއްމަ ކިތަންމެ ނޫނެކޭ ބުންޏަސް އޭނާ ހަމަ ކާޖޮލް އާއި ވައްތަރެވެ.
"އިއްމަ ދޮގު ނަހަދާ އަސްލު ބުނެބަލަ.. އިއްމަ ކުރަހާފަ އޭނީ ހަމަ އަސްލު ކާޖޮލްތަ؟" ވަރަށް ޖެހިލުންވެ އިނދެ އަހަރެން އަނެއްކާވެސް ސުވާލު ކުރީމެވެ.
އާނ އެއީ ކާޖޮލް.. އަހަންނަށް އޭނާ ރީތިވީ ޝާހު ރުކުޚާންއާއި އެކީ ކުޅެފައި އިންނާނެ ކޮންމެވެސް ފިލުމެއް..... އޭގެ ދިވެހި ފިލްމެއްވެސް އޮންނާނެ.. ޝިރާނީ ޑަބަލް ރޯލް ކުޅޭ"
"ބާޒީގަރު ތަ؟" އަހަރެން އަހާލީމެވެ.
"އާނ އެފިލްމް..އޭގެ ޕޯސްޓަރެކޭ ކޮޓަރީގައި އިނީ" އިއްމަ އޮޅުން ފިލުވައި ދިނެވެ. "ސަޖުނާ ހިތުން އޭނާ ވަރަށް ވައްތަރު ކާޖޮލްއާ.. އަހަރުމެންވެސް އާނއެކޭ ކިޔާ ހައްދާފައި ބަހައްޓަނީ" އިއްމަ ކިޔައިދިނެވެ.
އެޔާއިއެކުވެސް އަހަންނަށް އިތުރަށް އުނދަގޫވިއެވެ. އޭނާއާއި ސަޖުނާއާއި ވަރަށް ގާތް ގުޅުމެއް އޮންނަކަން އެއިން އަހަންނަށް ދޭހަވީތީއެވެ.
"ލިޔުއަށް އަހަރެން ދޮގު ހަދާކަށް ނެތިން.. ކުރިން ދަން ރޭގަނޑު ސަޖޫއާއި އެކީ ބޭރަށް.. އަހަރެން މިތާގައި ކިޔަވަން އުޅުނު އިރު، ބޭރު ގައުމުތަކުގެ މީހުން ކިޔާ ގޮތަށް ޑޭޓަށް.. އެކަމަކު އޭނައަކާ އެކަހަލަ ގުޅުމެއް ނުހިންގަން.. ތަންތަނަށް ގޮސް ނަށާލާ މަޖާކޮށްލާ ހަދާފައި އަންނަނީ، ދެމީހުން އެކަންޏެއްވެސް ނޫން ދަނީ، އޭރު އަހަންނާއި އެކީ ކޮލެޖުގައި އުޅޭ ކުދިންވެސް ދާނެ.. ދެން ސަޖޫވެސް ވީކްއެންޑަށް މިކޮޅަށް އަންނާތީ ގޮވައިގެން ދަނީ!"
އިއްމައާއި ދިމާލަށް ބަލައިލަމުން އަހަރެން ހިނިތުންވެލީމެވެ. އެހިނދު އޭނާ އަހަރެންގެ އަތްތިލާގައި ހިފާލިއެވެ.
"ބުނީމެއްނު އަހަންނަކީ މިހާރު ކުރީގެ އިއްމައެއް ނޫނޭ.. އެއްވެސް އެއްޗެއް ލިޔުއަށް ފޮރުވާކަށް ބޭނުމެއް ނޫން...ސަޖޫ ވަރަށް ސަޕްރައިޒްވެފަ ހުރީ، އޭނާ ހިޔެއްނުކުރޭ ލިޔު އަންނަކަމަކަށް!"
އަހަރެން ފެނުމުން އޭނާއަށް ހުއްޓުން އެރީ އެހެންވެގެން ތާ ދޯއޭ އަހަރެން ބުނެލީމެވެ. "އަހަންނަކަށް ހިޔެއްނުވޭ އޭނާ އަހަރެން ދެކެ މާ ލައިކް ވާ ހެނެއްވެސް!"
"އެއީ؟" އިއްމަ ސުވާލު ކުރިއެވެ.
އެސުވާލަށް އަހަރެން ޖަވާބު ދޭހިތެއް ނެތެވެ. އެހެންކަމުން ދެކޮނޑު އަރުވާލީއެވެ. ސަޖުނާ އިއްމައާއި ދޭތެރޭ ދެކެނީ ހަމައެކަނި ރަހުމަތް ތެރިއެއްގެ ހައިސިއްޔަތަކުންނެއް ނޫނޭ އަހަރެންގެ ހަވަނަ ހިއްސު އެންމެ ފުރަތަމައިނުންވެސް ވަނީ ބުނެދީފައެވެ. އެހެނަސް އަހަރެން އެވާހަކަ ބުނާކަށް ނެތީމެވެ. ގިނަފަހަރަށް ފިރިހެނުންނަށް އަންހެނަކު އެގޮތަށް ދޭ ހިމޭން ސިގްނަލްތައް އޮންނާނީ ނަގައި ނުގަނެވިފައެވެ. އަހަރެން އެވާހަކަ ދައްކައިގެން އަހަރެންގެ ފިރިމީހާގެ ހިތުތެރެއަށް އެޚިޔާލު ވައްދާކަށް ބޭނުމެއް ނޫނެވެ.
އިއްމަ އަހަންނަށް އެއްވެސް ކަމެއް ފޮރުވަން ބޭނުން ނުވާކަމަށް ބުނީތީ ނުހަނު އުފާވިއެވެ. އޭނާ އެހެދީ ތެދުކަން ހިތުގެ އަޑިން ގަބޫލު ކުރެވުނެވެ. އަހަރެންވެސް އޭނާއަށް އެއްވެސްކަމެއް ފޮރުވާފައި ބާއްވާކަށް ނުވާނެޔޭ ހިތަށް އެރިއެވެ. ފާރިޝްގެ ވާހަކަ ކިޔައިދޭން ވީބާވައެވެ؟ އަހަންނަށް އެގޮތަށް އަމަލު ކުރެވުނީ އިއްމަ އަހަރެންދެކެ ރުޅިއައިސްފަ ހުރީމައޭ ބުނަން ހިތަށް އެރިއެވެ. އެހެންނަމަވެސް، އަހަންނަށް ކުރެވުނީ ކުޑަ ކަމެއްނޫނެވެ. އެއީ އެއްވެސް ބަހަނާ އަކާ ނުބައްދަލު ވާވަރުގެ ބޮޑު ކަމެކެވެ. އެކަން އިއްމައަށް އެނގުމުން އަހަރުމެން ދެމީހުންގެ މިއޮތް ގުޅުން އަނެއްކާވެސް ހީނަރުވުން ނޫންކަމެއް ނުވާނެކަން ހަމަ ޔަގީނެވެ.
"އޭ! ކޮންކަމަކަށް ގެއްލިފަ" އަހަރެންގެ ކޮލުގައި ކޮށްޓާލަމުން އިއްމަ ވާހަކަ ދެއްކިއެވެ. އޭރު އަހަރުމެންނަށް ގެއާއި ހަމައަށް އާދެވިއްޖެއެވެ.
އަނެއްދުވަހުގެ ހެނދުނު ހެނދުނާ އިއްމަގެ ލޯ އޮޕަރޭޝަން ކުރަން ހޮސްޕިޓަލަށް ދިޔައީމެވެ. އެކަން ނިމިގެން އެއްލޮލުގައި ބޮޑު ބޭސް ގަނޑެއް އަޅައިގެން ގެޔަށް އާދެވުނުއިރު ހަވީރު ވެއްޖެއެވެ. ހީވަނީ ފިލްމު ތަކުގައި ނުބައިބައި ކުޅޭ މީހެން ހެންނޭ ކިޔާފައި އަހަރެން އޭނާ އާއި ދިމާކުރީމެވެ. އިއްމަގެ ލޮލަށް ރެސްޓު ދޭން ޖެހޭތީ އެދުވަހު ބާކީ އޮތްބައި އޭނާ ނިދީއެވެ. އަހަރެން އޭގެ ކުރީ ދުވަހު ގަތް ވާހަކަ ފޮތް ކިޔަން އޭނާގެ ކައިރީގައި އޮތީއެވެ.
އިއްމަގެ ލޮލުގެ ބޭސްގަނޑު ނެގީ ޖެހިގެން އައި ދުވަހުއެވެ. އަވީތެރެއަށް ނުކުމެ ނޫޅުމަށާއި ވީހާވެސް ގިނައިން ލޮލަށް އަރާމު ދިނުމަށް ޑޮކްޓަރ ބުންޏެވެ. އެހެންކަމުން ގެއަށް އައިސް ކައިހަދައިގެން އަހަރުމެން ދެމީހުން ކޮޓަރިއަށް ދިޔައީ ޖައްސާލާށެވެ. އަހަރެން ވާހަކަ ފޮތް ކިޔަން އޮއްވާ ސަލީނާ އައެވެ. އޭރު އިއްމަ އޮތީ ނިދާފައެވެ.
"ލިޔު ހިނގާބަލަ ތިރިއަށް ދައްތަ ވާހަކައެއް ބުނަން!" އޭނާ އެދުނެވެ.
ސަލީނާ އަހަރެން ގޮވައިގެން ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އޭނާ އަހަރެން ގެންގޮސް އެނދުމަތީގައި ބޭންދިއެވެ.
"މިއޮތީ ލިޔުގެ ރިޕޯޓް ލިބިފަ" އެނދުކައިރީ މޭޒުމަތީގައި އޮތް ސިޓީ އުރައެއް ނަގާ އަހަންނަށް ދައްކާލަމުން އޭނާ ބުނެލިއެވެ. ސަލީނާ އަހަރުމެންގެ ކޮޓަރިއަށް އައިއިރު އެރިޕޯޓު ހިފައިގެން ނައީ ކީއްވެގެން ބާވައެވެ؟ އޭނާ ކޮންމެހެން އަހަރެން މިތަނަށް މިގެނައީ ކީއްކުރަން ހެއްޔެވެ؟ އެ ސުވާލުތަކާ ވިއްދާ ރިޕޯޓުގައި ކޮންމެވެސް ގޯހެއް އުޅެނީއޭ އަހަރެންގެ ހިތް ބުންޏެވެ.
"ހަކުރާ ކޮލެސްޓުރޯލާއި އެކަހަލަ ހުރިހާ އެއްޗެއްވެސް ނޯމަލް، ޔޫރީންގަވެސް ނެތް މައްސަލައެއް" ހުޅުވާފައި އެއަށް ބަލަހައްޓައިގެން އިނދެ ސަލީނާ ވާހަކަ ދެއްކިއެވެ.
"އެކަމަކު... " އެހެންބުނެލާފައި ސަލީނާ އަހަންނާއި ދިމާލަށް ބަލާލިއެވެ. އެޔާއިކު ގޮތް ނޭނގޭ ބިރަކާއިއެކު އަހަރެންގެ މޭ ތެޅެން ފެށިއެވެ.
"ލިޔުޝާ! ދައްތަ ބޭނުން ވަރަށް ޕާރސަނަލް ވާހަކައެއް އަހާލަން.. ތެދަށް ބުނެދޭތި!" އޭނާ އެހެންބުނުމުން އަހަރެން އާނއެކޭ ބުނަން ބޯޖަހާލީމެވެ.
" ލިޔުޝާ އިމްރާން ނޫން މީހަކާ؟ .... މިބުނީ އޭނައާއި އިން ފަހުން؟"
އެސުވާލުން އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އަވަސް އަވަހަށް ނޫނެކޭ ބުނެ ޖަވާބުދެމުން ތިހެންތިއެހީ ކީއްވެގެންތޯ އަހާލީމެވެ.
އެވަގުތު ދޮންބެ އައިސް ކޮޓަރިއަށް ވަނެވެ. ސަލީނާ އޭނާގެ މޫނަށް ބަލާލަމުން "އެއީ ހަމަ ލޭ އެޅުމުގެ ތޭރޭގައި ވެފައިވާ ކަމެއް!" އެހެން ބުނެލިއެވެ.
އަހަންނަށް އެކިޔާ އެއްޗެއް ނޭނގިފައި އިނދެވުނެވެ. ސަލީނާ އެ ރިޕޯޓު އަހަރެންގެ އަތަށް ދިއްކޮށްލިއެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ އޭގާއި ރަތް އަކުރުން ލިޔެފައިވާ ތަންކޮޅެވެ. އެޗް. އައި. ވީ ޕޮޒިޓިވް އޭގާއި ކެޕިޓަލް އަކުރުން ލިޔެފައި އޮތެވެ.
"ނޫން!" އަހަންނަކަށް ގަބޫލެއްނުކުރެވުނެވެ.
ސަލީނާ އެކަން ވެފައިވާ ގޮތް އަހަންނަށް އޮޅުން ފިލުވައިދޭން މަސައްކަތް ކުރިއެވެ. އެވާނީ ނޫރާ ވިހައިގެން ލޭ އެޅުމުގެ ތެރޭގައި 'ވިންޑޯ ޕީރިއަޑް' ގައިވާ މީހެއްގެ ގައިން އެޅުނީ ކަމަށޭ ބުނެދިނެވެ. އެއާއި ވިއްދާ ދޮންބެވެސް ކޮންމެވެސް އެއްޗެކޭ ބުނަން ފެށިއެވެ. ކުއްލިއަކަށް އަހަރެންގެ ގައިން ވަރު ދޫވާކަން އިހުސާސް ކުރެވެން ފަށައިފިއެވެ. މަޑުމަޑުން މުޅިތަން އަނދިރިވާން ދިޔައެވެ.
އަހަރެން ހޭ އެރީ ސަލީނާ އަހަރެންގެ ކަންކަށީގައި ތަޅަމުން އަހަންނަށް ގޮވަނިކޮންނެވެ. އޭރު އަހަރެންގެ ނިތްކުރިމަތި އޮތީ ތެމިފައެވެ. އަހަރެން ލޯ ހުޅުވާލުމާއިއެކު އަހަރެންގެ ބޯދަށަށް އަތްލާފައި ކުޑަކޮށް ހިއްލާލާފައި ފެންފޮދެއް ޖެއްސިއެވެ. އޭރު އަހަރެން ވަނީ ވަރަށް ބޮޑަށް ކަރު ހިއްކައި ގަނެފައެވެ.
"ލިޔޫ! ކިހިނެތްވީ" އިއްމަ ދުވަމުން ކަހަލަ ގޮތަކަށް ކޮޓަރިތެރެއަށް އައިސް ވަނެވެ. އަހަރެން ތެދުވަން މަސައްކަތް ކުރީމެވެ. އަހަރެންގެ މޫނު މައްޗަށް އަނދިރިވީ ކީއްވެގެންކަން އެވަގުތު އަހަރެންގެ ސިކުނޑިއަށް ބުނެދޭކަށް ނޭނގުނެވެ. އަހަރެން ހަނދާން ހުރިހާވެސް ކަމަކީ ސަލީނާ ދައްތަ އަހަރެން ގޮވައިގެން އޭނާގެ ކޮޓަރިއަށް އައި ކަމެވެ.
"ދައްތާ ކިހިނެތްތަވީ؟" އިއްމަ ސަލީނާ ކުރެން އެއްސެވެ.
ސަލީނާ އޭނާ ގެނެސް ބޭންދިއެވެ. އޭރު އެނދުކައިރީ ހުރި ގޮދަޑިޖެހި ގޮނޑީގައި ދޮންބެ އިނެވެ. ދޮންބެ ފައިލާން ގެންގުޅޭ ކުޑަ ޕުލާސްޓިކް ގޮނޑި ނަގައިގެން ސަލީނާ އައިސް އިށީނީ އިއްމަގެ ކުރިމަތީގައެވެ. އޭރުވެސް އަހަރެންގެ ސިކުނޑި މަސައްކަތް ކުރަމުން ދިޔައީ ވީ ކިހިނެތްކަން ހަނދާން ކުރާށެވެ. އަހަންނަށް އެނގުނުހާވެސް އެއްޗަކީ އަހަރެންގެ ރިޕޯޓު ގައި ކޮންމެވެސް ނުބައެއް އުޅޭކަމުގައި ސަލީނާ ބުނިކަން އެކަންޏެވެ.
"އިއްމާ! .... އިމްރާނޫ!" ސަލީނާ އަށް ވާހަކަ ދައްކަން އުނދަގޫވެގެން އުޅުނުވެ. "ވަރަށް ދެރަކަމެއް ވެއްޖެ!" އޭނާ ކަރު އެލުވާލިއެވެ. އެޔާއި އެކު އަހަރެން އެހަނދާން އާވިއެވެ. އާނއެކެވެ. އަހަރެން އެޗް.އައި.ވީ އަށް ޕޮޒިޓިވް ވީއެވެ. އެކަން ހަނދާންވުމާއިއެކު އަހަންނަށް ރޮއެ ގަނެވުނެވެ. އެތަނުން ތެދުވެގެން ނުކުމެގެން ދާން އުޅުނީމެވެ. އެކަމަކު އޭގެކުރިން ސަލީނާ އަހަރެން ހިފެހެއްޓިއެވެ.
"ލިޔުޝާ އަޑު މަޑުކޮށްބަލަ... ޖެހިގެން ހުރި ކޮޓަރީގައި ތިބި މީހުންނަށް އަޑު އިވިގެން... މުޅި މާލެއަށް މިވާހަކަ ދާން ބޭނުންތަ؟" ސަލީނާގެ އަޑު ތަންކޮޅެއް ހަރުކަށިވިއެވެ. އޭނާ އަހަންނަށް އަލުން އިށީންނަން ބުންޏެވެ. އޭރުވެސް އިއްމަ އިނީ ވާނުވާ ނޭނގިފައެވެ. ކިހިނެތްހޭވީ އަހާލަ އަހާލައެވެ.
"ލިޔުޝާ އެޗް.އައި.ވީ. ޕޮޒިޓިވް!" ސަލީނާ އެހެންބުނުމާއިއެކު އިއްމަ ދިޔައީ ސިއްސައިގެންނެވެ.
"ނޫން! ގަބޫލެއް ނުކުރާނަން ތިވާނީ އޮޅުމަކަށް!" އިއްމަ ފުންމައިގެން ތެދުވިއެވެ. އޭނާ ބޭނުންވީ އަހަރެން ގޮވައިގެން އަލުން ޓެސްޓު ހަދަން ދާށެވެ. އެޕޯލޯ ހޮސްޕިޓަލަށެވެ.
އެކަހަލަ ތަނަކުން ޓެސްޓު ހެދީމާ ވާނެ ގޮތް އިނގޭހޭ ކިޔާފައި ސަލީނާ ފެށިއެވެ. ދިވެއްސަކު އެޗް.އައި.ވީ އަށް ޕޮޒިޓިވް ވެއްޖިއްޔާ ރާއްޖޭގެ ކަމާ ބެހޭ ފަރާތަށް އެ ހޮސްޕިޓަލުން އަންގާނެ ކަމުގައި އޭނާ ކިޔައިދިނެވެ. އަދި އެގޮތް އެންމެ ރަނގަޅު ތޯ އޭނާ އެއްސެވެ. ސަލީނާ އެހެންބުނި އަޑު އިވުމުން އަހަރެންގެ ގައިން ހީބި ނަގައިގެން ދިޔައެވެ.
-- ނުނިމޭ --