އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމުން ނުކުމެގެން ވަރަށް ހަލުއި ހިނގުމެއްގައި ގޮސް 2979 ނަންބަރު ޖަހާފައިހުރި، ދަނބުކުލަ އާއި ހުދުކުލަ އެކުލެވޭ ފީނޯ ސައިކަލަކަށް އަރައި ސްޓާޓްކޮށްލި އީމާގެ ހިތުގައި ވަރުގަދަ އަޒުމެއްގެ ޝުއޫރުތައް ހިނގަމުން ދިޔަ އެވެ.
އަމީނީމަގުން ހުޅަނގަށް ދުއްވާފައި އީމާ އެ ދަނީ އޭނާގެ ބައްޕަ މިރޭ ހޮސްޕިޓަލަށް ގެނައި ފަހުން ދެވަނަ ފަހަރަށެވެ. ފުރަތަމަ ފަހަރު ޓެކްސީއެއްގައި ގޮސް އަނބުރާ ދިޔައިރު ސައިކަލްގައި ދެވުނުކަން ނަސީބޭ އީމާގެ ހިތަށް މިހާރު އަރަ އެވެ. އެހެން ނޫންނަމަ އަނެއްކާވެސް ޓެކްސީއަކަށް ފައިސާ ޚަރަދުވާނެ އެވެ. ނުވިތާކަށް ޓެކްސީއެއް ނުލިބިގެން އެތައް އިރަކު ހުންނަން ވެސް ޖެހިދާނެ އެވެ.
އިރުއޮއްސި ދެނަމާދު ދޭތެރެ ކަމަށް ވާތީ އަމީނީމަގު ފެންނަނީ ބާރަށް ދުއްވާލަން ތަންކޮޅެއް އަމާން ކަމަށެވެ. ސްޕީޑް ކުޑަކޮށް ބާރުކޮށްލާފައި އީމާ ދުއްވަމުންދިޔައީ ވީހާ ވެސް އަވަހަކަށް ގެއަށް ގޮސް، ބައްޕަގެ އެކްސްރޭތައް ހިފައިގެން އަވަހަށް އަނބުރާ ހޮސްޕިޓަލަށް ދިއުމަށެވެ. ބައްޕަ އޮތީ އިމަޖެންސީގަ އެވެ. އެކަންޏެވެ. ލަސްކުރެވޭކަށް ވެސް އަދި އޭނަގެ ބަދަލުގައި އެތަނަށް ފޮނުވާނެ މީހަކު ވެސް ނެތެވެ. އޭނަ ނޫނީ އޭނަގެ ބައްޕަގެ އެހީތެރިއަކު ނެތެވެ.
ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް ގެއަށް ގޮސް ހުޅުވާލި ދޮރުފަތް ހުރީ މި ދެ ދުވަހަކު ވެހުނު ވާރެއިން ތެމި ބަރުވެފަ އެވެ. ދޮރުފަތްގަނޑު އިހުނަށްވުރެ ވެސް ތިރިވެފައިވާތީ ބިމުގައި ކޭއްތިފައި ގޮސް ގަދަ އަޑުފަށްގަނޑަކާ އެކު އެ ޖެހުނީ ގޭގެ ލަކުޑި ސިޑި ބުޑުގަ އެވެ. ހުޅުވުނު ތިން ފޫޓްގެ ފުޅާމިނުގެ ތެރެއިން އެތެރެއަށް ދެމިގެންފައި ކަހަލަ ގޮތަކަށް ވަދެ، އެތެރެއިން ދޮރު ލައްޕާފައި ލިބުނު ޖާގައިން ސިޑިން މައްޗަށް އަރަމުން ދިޔައިރު އީމާގެ ޖީންސުގެ ފުރަގަހު ޖީބަށް ޖަހާފައި ހުރި ފޯން ރިންގުވާން ފަށައިފި އެވެ.
"އޭއި މި ގަޑިޔަކު ނެތޭ ހުރެވޭކަށް. ބައްޕަ ވެއްޓިގެން ހޮސްޕިޓަލަށް ގެންގޮސް މިއުޅެނީ. މިއައީ ގެއަށް އެކްސްރޭ ބަލާ. ފަހުން ގުޅާނަމޭ އިނގޭ،" އީމާއަކަށް ބައްޕައަށް ވުރެ އެހެން އެއްވެސް ކަމެއް މި ވަގުތަކު މުހިއްމެއް ނޫނެވެ.
"އޭއި. އަންނަމުން ކުރުނބަލެއް ގެނެސްދެއްޗޭ. ގެއަކަށް ނޫން. ހޮސްޕިޓަލަށް ގެންދާނީ. ހެޔޮ ކަނޑާލާފައި ފުޅިއަކަށް އަޅައިގެން ގެނަޔަސް. އާނ. އޯކޭ އޯކޭ،" އީމާ ފޯން ބާއްވައިފި އެވެ.
އެ މީހުންގެ އާއިލާ އުޅެމުންދާ ތިން ވަނަ ފްލޯ އަށް އޭރު އާދެވިއްޖެ އެވެ.
"މިދެން ޖެހުނީ ކަންތަކާ. ދެން ދެފައި އެއްތާކު ނުޖެހޭނެ. މީނަ ނޫނީ ދެން ކަންތައްތައް ވާ މީހެއް ނެތޯ،" ސިޓިންރޫމަށް އީމާ އަށް ދެވުމާ އެކު، އެތަނުން ގޮނޑިއެއްގައި އިން އޭނަގެ މަންމަގެ ކުދިކިޔުންތައް ފެށުނެވެ.
"ބަލަ ކަލޭ ކޮން ތެޅުމެއްތަ ތި ތެޅެނީ. ތިއީ އަހަރެން ކުރަން ޖެހޭ ކަމެކޭ. ކަލެއަކާ ކޮން ބެހުމެއް،" ބޭރަށް ގޮސްގޮސް ހުރި އީމާ އާ ދިމާއަށް އެއްލި އަތަކުން އީމާ ހުއްޓުވަމުން ޝިޔާމާ ބުނެލި އެވެ.
އީމާ ވެސް މަޑުޖެހުނެވެ. އެކަމަކު އައިސްފަ ހުރި ރުޅިން މޫނު ކުނިކޮށްލުން ފިޔަވައި އިތުރު ކަމެއް ނުކުރެވުނެވެ. ބުނަން ބޭނުންވި އެކައްޗެއް ވެސް ނުބުނެވުނެވެ. މަންމަ ދެކެ އައިސްހުރި ރުޅިއާ އެކު މަންމަ އަށް ބަލާލެވުނު ނަމަވެސް އަނގަޔަކުން ނުބުނެވުނެވެ. އޭގެ ބަދަލުގައި އެނބުރިފައި ބަލާލެވުނީ އެ ސިޓިންރޫމްގެ އެއްފަރާތެއްގައި ހުރި ސޯފާއެއްގައި، މާ ދެން ޝައުގެއް ނެތްގޮތް ދައްކައިގެން އިން އޭނަގެ މައުސޫމް ފިރިހެން ކޮއްކޮއަށެވެ.
އާހިލްއަކީ އެންމެ ނުވަ އަހަރުގެ ކުޑަކުއްޖެއް ނަމަވެސް، އެ ކުއްޖާ ވެސް އުޅެ ބޮޑުވީ އެ ގެތޭރެ އަށް ކަމަށްވާތީ އެ ގޭގެ ހާލަތާއި މިހާރު ވެގެން އުޅޭ ގޮތާއި މިރޭ ދެން ވާނޭ ގޮތް ވަރަށް ރަނގަޅަށް އާހިލް އަށް އެނގޭނެކަން ވެސް އީމާ އަށް އެނގެ އެވެ. އެކަމަކު ވެސް އެ ކޮއްކޮ އަށް ފެންނަ ހިސާބުގަޔާއި އިވޭ ހިސާބުގައި އެއްޗެއް ނުބުނެވޭތޯ އަބަދުވެސް ބެލޭތީ މިފަހަރު ވެސް ވީ އެހެންނެވެ.
މަންމަގެ އަތް ފޮޅުވާލާފައި އީމާ ހިނގައިގަތީ ކުރިޔަށެވެ.
އީމާ އުޅޭ އޭނަގެ ކޮޓަރި އަށް ވަދެ އަލަމާރި ހުޅުވާލާފައި ނެގި އެކްސްރޭ ސިޓީއުރަތަކެއް ނަގައި އެނދުމަތީ ބަހައްޓައިގެން ހުރިހާ އެއްޗެއް ހަމަތޯ ބަލާފައި ނުކުންނާން ހިނގައިގަތެވެ. ފޯނުގެ ޗާޖަރު މަތިން ހަނދާންވީ އެ ވަގުތު އެވެ. އަވަހަށް ނަގާ، ކަރުގައި އަޅުވާފައި އޮތް ދަބަސްތެރެއަށް ލަމުން ކޮޓަރި ތަޅުލާފައި ހަމަ އެ ބާރުމިނުގައި ނުކުމެގެން ދާން ހިނގައިގަތެވެ. އެ ވަގުތު ވެސް އެއްލިކަޅިއަކުން ކޮއްކޮ އިންތޯ ބަލާލެވުނެވެ. ނެތެވެ.
"ކަލޭ މަޑުކުރޭ. ތިއީ އަހަރެން ކުރަން ޖެހޭ ކަމެއް. ގެނޭ. އަހަރެން ދާނީ،" ކޮޓަރިން އީމާ ނުކުތުމާއެކު މަންމަ އީމާއާ ދިމާއަށް ބުނެލި އެވެ.
އެއްޗެއް އަދި ނުބުނެވި އުޅެނިކޮށް އީމާގެ އަތުގައި އޮތް އެކްސްރޭ ޖަހައިގެންފައި ހިނގައިގަތެވެ. ހަމަ އެ ބާރުމިނުގައި އީމާ ވެސް މަންމަގެ ފަހަތުން ގޮސް އެ ސިޓީއުރަ ދަމައިގަތެވެ.
"ތިއީ ކޮންކަހަލަ އިންސާނެއް ކަމެއް އަހަންނަކަށް ނުވިސްނޭ. ބައްޕަ އަށް އެހާ އަނިޔާކޮށްފައި ކީއްކުރަންތަ ބައްޕަ ކައިރިއަށް ދާން ތިއުޅެނީ. މީހަކު ނޫޅޭ ތި މަންޒަރު ބަލާކަށް،" އީމާ އަށް އެ މަންމައަކީ ކޮންކަހަލަ އިންސާނެއް ކަމެއް ދުވަހަކު ވެސް ނުވިސްނެ އެވެ.
އެއްފަހަރު ބައްޕަ އަށް އެއްޗެހި ކިޔާނެ އެވެ. އަނެއްފަހަރު ފިރުމަން އުޅޭނެ އެވެ. އަނެއްފަހަރު ހަޅޭއްފަޅޭއް ޖަހާނެ އެވެ. އަނެއްފަހަރު މާ ދެން ހެޔޮވެގެން އުޅޭނެ އެވެ. އެކަމަކު އޭނަގެ ބައްޕައަކީ މަންމަގެ އެ އެބިއުސް ކުރުމާއި އެ ހިތްދަތިކަން ތަޙައްމަލުކުރެވޭ ފެންވަރެއްގައި މިހާރު ހުރި މީހެއް ނޫނެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހިފައިހުރި އެ ބައްޕަ ފެނުނު ކޮންމެ މީހަކަށް ވެސް އިތުރު ބުނެދިނުމަކާ ނުލާ އެކަން އެނގޭނެ އެވެ. އެކަން ނޭނގެނީ އެ މަންމައަށެވެ.
"ބުނަން ވާހަކައެއް. ކަލޭ އަނގަ ފުޅާނުކުރޭ. މިއީ ކަލެއާ ބެހޭ ކަމެއް ނޫން. އަހަރެންގެ ފިރިއެއްގެ ގޮތުގައި ހުރެ އަހަންނަށް ކޮށްދޭންޖެހޭ ކަންތައްތައް އޭނަގެ ފަރާތުން ނުލިބެންޏާ އެ ވާހަކަ އަހަންނަށް ދެއްކޭނެ. ގެއެއް ބަލަހައްޓަން ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރަން މިޖެހެނީ ބަލަ އަހަރެންގެ ޖީބުންނޭ. އޭނަ ހަމަ އެހެން އިންނަނީއޭ. ކަލޭ ވެސް މިތާ އުޅެން ބޭނުމިއްޔާ ނުބެހޭ ކަންތަކާ ނުބެހި ހުރޭ." ޝަހާދަތްއިނގިލި ގޮސް ކިރިޔަ ކިރިޔާ އީމާގެ ނޭފަތުގައި ޖެހޭ ނުޖެހޭ ހިސާބަށް ދިއްކޮށްފައި ހަރުކަށި ބަހުން ޝިޔާމާ އިންޒާރެއް ދިނެވެ. ދެލޯ ބޮޑުކޮށް ރުޅިގަދަވެ ހުރެގެންނެވެ.
"އަބަދު ބައްޕައާ ދިމާލަށް ތި އެއްޗެހި ތިކިޔަނީ ކީއްވެގެންތަ؟.... ބަލަ ބައްޕަ އަށް އެ ހާލު ޖެއްސީ ކާކުތަ؟ ބައްޕަ އަށް ނުހިނގޭ މީހަކަށް ވެފައި އެހެރީ ކާކުގެ ސަބަބުންތަ؟ އެކަން ހަނދާން ނެތުނީތަ؟" އީމާގެ ބަޑި ފަޅައިގެން ދިޔައީ އެވެ.
ބައްޕަގެ ނިކަމެތި ހާލު އޭނަގެ މަންމަ އަށް ދުވަހަކު ވެސް ނުވިސްނޭނެކަން އީމާ މިހާރު ދަނެއެވެ.
"ކީކޭ...؟ ހާލު ޖެއްސީއޭ؟ ތިބުނަނީ އަހަރެން ހެދި ގޮތެކޭތަ އެއީ... އޭނ..؟" ކޮޅަށް ހުރި މަންމަ ގޮނޑިއެއްގައި އިށީނދެއްޖެ އެވެ.
ބައްޕަ ކައިރިއަށް އަސްލު ވެސް ދާން ބޭނުންވެފައި މަންމަ ހުރި ނަމަ ޒުވާބަކަށް ތައްޔާރުވެގެން އެހާ ފަސޭހައިން ނީށީންނާނެ ކަމަށް އީމާގެ ހިތަށް ހަމަ އެރުމާއެކު ސިކުންތެއް ވެސް ނަގާނުލާ އީމާ ހިނގައިގަތީ ގެއިން ނުކުތުމަށެވެ.
"މިއީ ހާދަ ނުލަފާ ވެގެން އުޅޭ ކުއްޖެކޭ. ހިތަށް އައިހާ އެއްޗެއް ހަމަޖެހިލުމެއްނެތި ބުނަން ވެސް ފެށީއޭ މިހާރު. ޝުކުރުވެރިވާން ނުދަންނަ މީހުންގެ ގޮތް ތިއީ. ތިނޫން މީހަކު..." އީމާއަށް އަޑުއިވުނީ އެ ހިސާބަށެވެ.
ސިޑީގެ އެންމެ ފަހު ހަރުފަތުގައި ފައި އެޅުމާ އެކު ގައިގެ ހުރިހާ ބާރެއް ލާފައި ހުޅުވި ދޮރުން ނުކުމެގެން ހަމަ އެ ބާރުމިނުގައި ހޮސްޕިޓަލާ ދިމާލަށް ސައިކަލުގައި މިސްރާބް ޖަހައިފި އެވެ.
"އަނެއްހެން ކަމެއް ވެފައެއްނެތޭ ޑޮކްޓަރު ބުނުއްވަނީ. ދެން އެކަމަކު ވެއްޓި ޖެހުމުން ހުންނާނެތާ ދޯ އެ ތަދު. އެހެންވީމަ ރަނގަޅަށް ހޫނުފެނުން ފައި ބޮނޑިތާންކޮށް، މިދޭ ބޭސް ގަވައިދުން އުނގުޅާލަނިކޮށް ރަނގަޅުވެދާނެ އިރާދަކުރެއްވިއްޔާ،" އީމާ ގެންދިޔަ އެކްސްރޭ ބެލުމަށް ފަހު ކަށީގެ ޑޮކްޓަރު ދައްކާފައި ދިޔަ ވާހަކަތައް، އެތަނުގައި ހުރި ނަރުސް ދިޔައީ އީމާއަށް ކިޔައިދެމުންނެވެ.
އިންޑިޔާގެ އެ ޑޮކްޓަރު އިނގިރޭސި ބަހުން ދެއްކި ހުރިހާ ވާހަކައެއް ސާފުކޮށް ފަހުމުވެފައި ހުރި އީމާ އެ ނަރުސްކުއްޖާގެ ވާހަކަ ވެސް އަޑުއަހަމުން ދިޔައީ ޝައުގާ އެކުގަ އެވެ. ބައްޕަ ދެކެ ލޯބިވާ ކޮންމެ އަންހެންދަރިއަކު ވެސް ބައްޕަގެ ހާލަށްޓަކައި ދޭނެ ސަމާލުކަން އީމާގެ ފަރާތުން ފެންނަމުން ދިޔަ އެވެ.
"އިތުރު ކަމެއް ނެތިއްޔާ ހަމަ ދެން ގެއަށް ގެންދަންވީ. މިހާރު ސްޓޭބަލްވެފަ ބައްޕަ އެ އޮތީ. އެއްވެސް ކަންބޮޑުވުމެއް އޮތިއްޔާ ޑޮކްޓަރަށް ދައްކަން ލަސްނުކޮށް އަންނާތި،" ބޭސް ސިޓީތައް އެންމެ ފަހު ފަހަރަށް ބަލާފައި އީމާ އަތަށް ދެމުން ނަރުސް ބުންޏެވެ.
ނަރުސް ދިއުމުން އީމާ ކައިރިވެލީ އެނދުގައި އޮތް އޭނަގެ ބައްޕަ ކައިރިއަށެވެ. ބައްޕަ އޮތީ ދެލޯމަރާލައިގެންނެވެ. ކަނާއަތަށް އައިވީ ގުޅިތަނުގައި އަނެއް އަތުން މަޑުމަޑުން ފިރުމާލަފިރުމާލައި އޮތް ބައްޕަގެ އަތްމަތީގައި އީމާ އަތްޖައްސާލި އެވެ.
އެއީ މަޑު އަޑެކެވެ. އެހެން ކޮންމެ ތަނެއްގައި ހަރުދަނާ ކަމާ އެކު ބޮޑު މީހެއް ފަދައިން އީމާ ވާހަކަ ދެއްކި ނަމަވެސް ބައްޕައާ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އެއީ ޅަ އަޑެކެވެ. އީމާއަކީ ބައްޕަ ދެކެ އިންތިހާ އަށް ލޯބިވާ، އެންމެ 22 އަހަރުގެ ޅަ އަންހެންކުއްޖެކެވެ.
އީމާގެ އަޑު ޖެހުމުން ސައިފް ލޯހުޅުވާފައި ބަލާލި އެވެ. އޭނަގެ އެ ދަރިފުޅު ނެތްނަމަ މި ދުނިޔޭގައި އޭނަ އުޅޭނީ ކިހިނެއްބާއޭ ސައިފްގެ ހިތަށް އެރިއެވެ.
"ބައްޕަ އަދިވެސް ރޮނީތަ؟ އީމާ ބުނީމެއްނު ބައްޕަ ރޮންޏާ އީމާ އަށް ވެސް ރޮވޭނެއޭ،" ބައްޕަގެ ލޮލަށް އަނެއްކާ ވެސް ކަރުނަ ޖަމާވާން ފެށިތަން ފެނިފައި ބައްޕަގެ ކަރުނަތައް ފޮހެމުން އީމާ ބުނެލި އެވެ.
"ހިނގާ ދެން ގެއަށް ދަމާ. ބައްޕަ ބަނޑުހައި ވެސް ވެއްޖެ،" ސައިފަކީ ކިތަންމެ ބޮޑު ނުކުޅެދުމެއްގައި އޮތް ނަމަވެސް އަދި ހަމަ ޒުވާނެކެވެ. ސާޅީސް އަށް އަހަރުގެ ޒުވާން ބައްޕައެކެވެ. ތައުލީމީ ބައްޕައެކެވެ. ދަރިންނަކީ ކޯޗެއްކަން ދަންނަ ބައްޕައެކެވެ. އެހާ އުމުރުން ޅަ ކުއްޖަކަށް އާއިލާއެއްގެ ބުރައަކީ ކިހާ ބަރުވާނެ އެއްޗެއްކަން ސައިފް ދަނެއެވެ. ޚުދު އޭނައަށް ކޮންމެފަދަ ހާލެއް ޖެހިފައި ވީނަމަވެސް އީމާއާ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ސައިފް ވާހަކަ ދައްކަނީ އަބަދުވެސް ވިސްނުންތެރިކަމާ އެކުގަ އެވެ. އީމާ އަށް އިތުރު ހިތްދަތިކަމެއް ނުލިބޭނެ ގޮތް ވިސްނައިގެންނެވެ. އޭނަ ބުނާ އެއްޗެހިން އީމާ ހިތްހަމަޖައްސާލެވޭތޯ ބަލަމުންނެވެ. ބައްޕަ ބަނޑުހައިވެއްޖެކަން އެނގިއްޖެ ނަމަ އެކަމަށް އީމާގެ ހުރިހާ ޝައުގެއް ހުސްކޮށްލާނެކަން ސައިފް ދަނެ އެވެ.
"އަސްލު ވެސް ތަ. ބައްޕަ އަށް ވަރަށް މީރު އެއްޗެއް ހަދާލަދޭނަން. ހިނގާ އަވަހަށް ދަމާދޯ،" އީމާ އަވަސްވެގަތީ ގެއަށް ގެންދަންވީ އެއްޗެހި އެއްކުރުމަށެވެ. ސައިފް ގޮވައިގެން ހޮސްޕިޓަލަށް އައިއިރު ގެނައި ކޮތަޅަކަށް ފެންފުޅި އާއި ތުވާލިކޮޅާއި ބޭހާއި ލައި އެކްސްރޭ ސިޓީއުރަ ވެސް ތައްޔާރުކޮށްލި އެވެ.
"އަދިވެސް އެ ޔާނާ އަށް އެ ކުރުނބާކޮޅު ހިފައިގެން ނާދެވޭ. ގުޅާލަންވެއްޖެ. އަނެއްކާ ގޮސް ގެއަށް ވަންނަ ތަނުން ބުނެފާނެ މިހިރީ ހޮސްޕިޓަލަށް އައިހޭ،" އީމާ އަމިއްލަ އަމިއްލަ އަށް ވާހަކަ ދައްކަމުން އަވަހަށް ނަންބަރުތަކަށް ޖަހާލި އެވެ. ސިކުންތުކޮޅެއްގެ ކޯލަކަށްފަހު ފޯން ބޭއްވި އެވެ.
"ނަސީބެއްނު. މި ވަންނަނީޔޯ ހޮސްޕިޓަލަށް. އަންނާނަން ގޮނޑި ހިފައިގެން،" ކަރުގައި އަޅުވާފައި އޮތް ކުޑަ އަތްދަބަހުގެ ދިގުވާގަނޑު މެއާ ދިމާލުން ހެޔޮވަރުކޮށްލަމުން އީމާ ހިނގައިގަތެވެ.
އިމަޖެންސީ ރޫމްގެ ބޭރުން ފުރޮޅުލީ ގޮނޑިއެއް ހިފައިގެން އައިސް އީމާ އަލުން އެ ކޮޓަރިއަށް ވަންއިރު، ބައްޕަ ތެދުވެ އިށީނދެ އިންތަން އީމާ އަށް ފެނުމުން ވިސްނާލެވުނެވެ.
އޭނަގެ ބައްޕަ ބަލިވިފަހުން އަނަރޫފަވެ ނިކަމެތިވެފައިވީ ނަމަވެސް، އީމާއަށް އޭނަގެ ބައްޕަ އަދިވެސް ރީއްޗެވެ. އެ ބައްޕަ އެހެން އިންދާ ފެނުނު މީހަކަށް އެއީ ނުކުޅެދޭ މީހެއްހެނެއް ވެސް ހިއެއް ނުވާނެ އެވެ. އެކަމަކު ކުރާނީ ކީއް ހެއްޔެވެ؟ ބައްޕައަކީ ނަސީބުދެރަ މީހެކެވެ. ނޫނެކެވެ. އެ ބައްޕަ އަށް އެހެންވީ އޭނަ އާއި އާހިލްގެ ނަސީބު ދެރަކަމުންނެވެ.
ފަނޑު ހިތްދަތިކަމެއް މޫނުމައްޗަށް އެރީ އިރުކޮޅަކަށެވެ. ސައިފް ކައިރިއަށް ދެވުނުއިރު އީމާ ހުރީ ހިނިތުންވެގެންނެވެ. ބައްޕަ އަށް ގޮނޑީގައި އިށީނދެވެންދެން ހިތްވަރާއެކު އީމާ އެހީތެރިވަމުން ދިޔައެވެ. ސައިފްގެ ކަރަކަށް، އަތަކަށް، ބުރަކަށްޓަކަށް އަދި އުނަގަނޑަކަށް ވެސް ކަމެއް ނުވެއެވެ. އިރާދަފުޅުން އެ ހުރިހާ ބައިތައް ވެސް ބަރާބަރެވެ. އެ މީހުން ގޭގެ އެ ހަނި އަދި ތެދު ލަކުޑި ސިޑިން މީގެ ހަތް އަހަރުކުރިން އެއްދުވަހަކު ފައިބަފައިބާ ހުރި އޭނަ އަވަސްކޮށްލާފައި އެ ދުވަހު ގޮސްގޮސް ހުރީ ސައިފްގެ އަންހެނުން ޝިޔާމާ އާ އިތުރު ޒުވާބު ނުކުރާންވެގެން ގެއިން ނުކުމެގެން ދިއުމުގެ ގަސްތުގަ އެވެ. ކިރިޔާ ކަމެއްވާއިރަށް ރުޅިއައިސް ރަތްވާ ޝިޔާމާ އަށް އެއްވެސް އިރެއްގައި ސައިފްގެ އެ ސިފައަކަށް ކެތެއް ނުވެއެވެ. އެ ދުވަހު ވެސް ވީ އެހެންނެވެ.
ކޮންމެ ހިތްހަމަނުޖެހުމެއްގައި ސައިފްގެ ގަޔަށް ބޮލަށް އަރައިގަންނަ އަންހެނުން، އެދުވަހުވެސް އެ ސިޑިން ތިރިއަށް ވައްޓާލީ އެޕާޓްމަންޓަށް ވަންނަ ދޮރުކައިރީ ބޭރުގައި އަބަދުވެސް ހުންނަ ގޭސްފުޅިއެވެ. އެއީ ބޭނުންކުރަމުންދާ ގޭސްފުޅި ހުސްވިޔަސްވެސް ކެއްކުމަށް ހުއްޓުމެއް އަތުވެދާނެތީ ސައިފް ގެނެސްފައިހުންނަ އިތުރު ގޭސްފުޅިއެކެވެ. އެ ގޭސްފުޅި ފައިންޖަހާ ވައްޓާލުމުން ސިޑިމަތިން އެނބުރެމުން ސެނބުރެމުން ގޮސް ޖެހުނީ ފައިބަފައިބާހުރި ސައިފްގެ ކަކޫދަށުގައެވެ.
ގޭސްފުޅިން ޖެހުނުލެއް ބާރުކަމުން، ލެއްޕިފައި ހުރި ދޮރުގައި، ބަންލާފައި ގޮސް އޭނަ ތަތްވިކަމާއި ދެކަކުލުން ބާރު ދޫވެގެން ހެއަށް ގޮތެއްވިކަން ސައިފަށް އެނގުނެވެ. ހޭވެރިކަމެއްވީއިރު އޮވެވުނީ އައިޖީއެމްއެޗްގަ އެވެ. އެ ދުވަހު އެ ސިޑިން ފޭބުން އެއީ އޭނަގެ ދެފައިން ހިނގުނު އެންމެ ފަހު ފަހަރެވެ.
ތިން މަސްވަންދެން ހޮސްޕިޓަލުގައި ބާއްވައިގެން އޭނައަށް ކުރި އެތައް ބޭސްފަރުވާއަކަށް ފަހު ޑޮކްޓަރުން ނިންމަވާފައިވަނީ، ކަކޫދަށަށް ލިބުނު ބޮޑު ގެއްލުމުގައި ކަނާތުފައިގެ ގުޅިފައިހުރި އެތައް ނާރެއް މަރުވެ ހަލާކުވުމުގެ ސަބަބުން ކަކުލުން ތިރީގެ އެއްވެސް ބޭނުމެއް ދެނެއް ސައިފަށް ނުކުރެވޭނެ ކަމަށެވެ. އެ ފައި ބުރިކޮށްނުލާ ހުރީ ސައިފްގެ އެދުމަކަށެވެ. އެހެންނޫން ނަމަ އެއީ ފެންނަން ވެސް ހުންނާނެ ފައެއް ނޫނެވެ. އެ ފައިގެ އިހްސާސް ވެސް ސައިފަކަށް ނުކުރެވެ އެވެ.
ސައިފަށް އަނެއް ފައިމައްޗަށް ފާޑަކަށް ތެދުވެވެ އެވެ. އެކަމަކު އެއީ އެ މަންޒަރު ފެނުނު މީހަކަށް ބަލަން ކެތްވާނެ ފަދަ މަންޒަރެއް ނޫނެވެ. މީހެއްގެ ބަދު ދުއާ އާއި ނަފްރަތު ސައިފަށް ޖެހިފައިވަނީ ދެކޭ މީހަކަށް ﷲ ހަނދާންވާނެ ފަދައަކުންނެވެ.
ފައި ފިޔަވައި ހަށިގަނޑުގެ އެއްވެސް ބަޔަކަށް ގެއްލުމެއް ނުވާއިރު ވެސް ސައިފް އެ ތެދުވެލާ ސިކުންތުކޮޅަށްޓަކައި ވެސް ސައިފްގެ އަތްފަޔަށް ބާރުތަކެއް އަރާ ކަނދުރާ އެއްފަރާތަށް ލެނބި އާދަޔާ ޚިލާފު ގޮތްތަކެއް ވުމުގެ ސަބަބުން ސިކުންތުކޮޅަކަށް ވެސް ކޮޅަށް ހުރުމަކީ ސައިފަށް ކުޅަދާނަ ކަމެއް ނޫނެވެ. ނަމަވެސް އިށީނދެ އިންނަން ނުވަތަ އޮށޯވެ އޮންނަން ސައިފަށް އެއީ އެއްވެސް ކަމެއް ނޫނެވެ. ސައިފަކީ ރީތި އިސްކޮޅަކާއި ރީތި ހަށިގަނޑަކާއި ރީތި ސިފަތަކެއް ދެއްވާފައިވާ ރީތި ފިރިހެނެކެވެ. އެހެންނަމަވެސް ﷲ ގެ އިމްތިހާނުގެ ތެރެއިންވާ މީހެކެވެ. ހިތްވަރުގަދަ، ކެތްތެރި، އޯގާތެރި ބައްޕައެކެވެ.
"ތީނަ އަރާ ކުރިޔަށް،" ބައްޕަ ކައިރި އަށް ފަހަތު ސީޓަށް އަރަމުން ޔާނާގެ އަތުގައި ހިފައި ކުރިޔަށް ފޮނުވާލި އެވެ. އީމާ އާއި އޭނަގެ އެންމެ ގާތްއެކުވެރި ޔާނާގެ އެހީތެރިކަމާ އެކު ސައިފް ކާރަށް އަރުވައިގެން ދެ އަންހެންކުދިން އެ ދިޔައީ ގެއާ ދިމާލަށެވެ.
ކާރު ގޮސް އީމާމެން ގެއަށް ކައިރި ކުރުމާއެކު ކުރީ ސީޓްގައި އިން ޔާނާ އަވަސް ހަރަކާތްތަކާ އެކު ކާރުން ފައިބައިގެން ގޭތެރެ އަށް ވަދެފައި ހަމަ އެހާ އަވަހަށް ސައިފްގެ ފުރޮޅުލީ ގޮނޑި ހިފައިގެން ނުކުމެއްޖެ އެވެ. މި ފަހަރު ވެސް އެ ދެކުދިންގެ އެހީތެރިކަމާ އެކު އެ ގޮނޑީގައި ސައިފަށް އިށީނދެވުނެވެ.
ސައިފަށް އެ ހާދިސާ ދިމާވިފަހުން އޭނާ އަށް ހާއްސަ ކުރެވިފައިވަނީ އެ ގޭގެ އެންމެ ތިރީބައިގައި ކުރިން ގުދަންގަނޑެއް ގޮތަށް ބޭނުން ކުރަމުން އައި ކުޑަ ކޮޓަރި އެވެ. ފުރޮޅުލީ ގޮނޑިއަކަށް އެންމެ އެކަށީގެން ވަނީ ވެސް ބިންމަތި ކަމަށް ސައިފް ގަބޫލުކުރެ އެވެ. ބައްޕަ އެހާ ދުރުގައި އޮންނާތީ ދެރަވަނީ އީމާ އެވެ. ބައްޕަ އިންނާނީ އެތަނުގައި އަބަދުވެސް އެކަނި ކަމަށްވާތީ އާއި ބައްޕަ ބޭނުން ވިޔަސް މައްޗަށް ނުދެވޭނެތީ އެކަމާ ދެރަވެ ކަންބޮޑުވަނީ އީމާ އެވެ.
"ޔާނާ މިތާ އިނދޭ ބައްޕަ ކައިރީ. އަހަރެން އަންނާނަން ބައްޕަ އަށް ދޭން އެއްޗެއް ހަދާލައިގެން..." ކަނދުރާއާ ހަމައަށް ކުރުކޮށް ކޮށާލާފައި ހުރި އިސްތަށިގަނޑުގައި ހިމަ ވޫލްކޮޅެއް އައްސަމުން އީމާ ބުނެލި އެވެ.
(ނުނިމޭ)
އެޑިޓަރުގެ ނޯޓް: އާއިޝަތު ސޮފާ އަކީ ވާހަކަ ލިޔުމުގެ ދާއިރާގައި އާ ނަމެއް ނޫނެވެ. ފަތިސްތަރި ސޮފާގެ ނަމުގައި އޭނާ ލިޔެފައިވާ ވަރަށް ގިނަ ރީތި ވާހަކަތައް އެކި ވެބްސައިޓްތަކުން މީގެ ކުރިން ވާނީ ފެނިފަ އެވެ. މިއީ، "ދޯ"ގެ ޓީމާ ގުޅި، އޭނާ ޝާއިއުކުރާ ފުރަތަމަ ވާހަކަ އެވެ. އޭނާގެ ވާހަކަތައް ކޮންމެ ހަފުތާއެއްގެ ވެސް އަންގާރަ އާއި ހޮނިހިރު ދުވަހަކު ގެނެސްދޭނަމެވެ.