"ދޮންތައަކީ މަންމަގެ ކުއްޖެއް ނޫނަސް އާއްކޮ އަކީ މަންމަގެ ކުއްޖެއްނު...ދެން ކީއްވެ މަންމަ އާއްކޮ ދެކެ އެހާ ރުޅި އަންނަނީ....." ކުއްލިއަކަށް އީމާއަށް ކުރިމަތިލަމުން އާއްކޮ ބުނެލިއެވެ. ރޮވިފައި ހުރި އަޑަކުންނެވެ. ގިސްލުމަކާއެކުގައެވެ. ކަރުނުން ރަތްވެފައިހުރި ލޮލަކާއެކުގައެވެ.
އާހިލްގެ އަނގައިން އެ ނުކުތް ޖުމްލައިން އީމާއަށް ލިބުނު ޙައިރާން ކަމެއްގެ ބޮޑުކަމުން، ދެން ބުނަންވީ އެއްޗެއް ވެސް އީމާގެ ހަނދާނުން ފޮހެވުނު ކަހަލައެވެ. އާހިލްއާ ދިމާލަށް ބަލަހައްޓައިގެން އިނދެވުނީއެވެ. އެއީ އެ މަޢުސޫމް އާހިލް ކޮންތަނަކުން ދަސްކުރި އެއްޗެއްބާއޭ އީމާގެ ހިތަށް އެރިއެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް އާހިލް ނުދައްކާފަދަ ހަރު ވާހަކައެކެވެ.
"އަބަދު މަންމަ އެއްޗިހި ކިޔާތީ މިގޭގަ ހުންނާކަށް ބޭނުމެއް ނޫން." އީމާގެ އަތްތިލައިގައި ހިފައި ތަޅުވައިގެންފައި އާހިލް ބުނެލިއެވެ.
އެ ޢުމުރުގެ ކުއްޖެއްގެ އަނގައިން އެހާ ހިތްދަތިކަމާއެކު އެފަދަ ވާހަކަތައް ބުނުމަކީ، އޭގައި ހިތި ނަތީޖާއެއް ނުކުމެދާނެތީ ބިރުގަންނަން ޖެހޭނެ ފަދަ ވާހަކައެކެވެ. މިވާހަކަތައް ކިތަންމެ ފަހަރަކު އޭނަގެ މަންމަގެ ސަމާލުކަމަށް އީމާއަށް ގެނެސްދެވިއްޖެއެވެ. އަދި މިހާތަނަށް އެވާހަކަތައް ދެއްކުންވެފަ އޮތީ ބޭކާރު ކަމަކަށެވެ.
"ކިހިނެއްވެގެންތަ މިރޭ މަންމަ ރުޅިއައީ؟" ކުރިން ލިބުނު ހައިރާންކަން އެއްފަރާތް ކޮށްލާފައި އާހިލްގެ ދެއަތްތިލަ އެއްކޮށް އަތުތެރެއަށް ގެނެސް ފިރުމަމުން އީމާ އެހިއެވެ.
"ނޭނގެ. އާއްކޮ މާ ގިނައިން ކަނީޔޯ....ޚަރަދު ބޮޑުވަނީޔޯ....އަދިވެސް ބައިވަރު ކަންތައްތަކުގެ ވާހަކަ މަންމަ ދެއްކި...." ނޭފަތް ދަމަމުން އާހިލް ވާހަކަ ދެއްކި ގޮތުން އީމާގެ ލޯ ހަމަ ވަގުތުން ފެންކަޅި ވިއެވެ.
މަންމައަކު ޚުދު އަމިއްލަ ދަރިއަކާއި ދިމާލަށް އެމޭރުމުން ވާހަކަ ދެއްކުމަކީ ކިހާ ދަށުދަރަޖައިގެ ކަމެއްކަން އެ މަންމައަށް ވިސްނޭނީ ކޮން ދުވަހަކުން ބާއޭ އީމާގެ ހިތަށް އެރިއެވެ.
މަންމަގެ އެ ރަޙުމްކުޑަ ބަސްތަކުގެ ސަބަބުން އާހިލް އަކީ މިހާރުވެސް ޑިޕްރެޝަނާއި އެންޒައިޓީގެ ތެރެއަށް ގޮސް ހަލާކުވެފައި އިން ކުއްޖެކެވެ. ފާއިތުވި ދެއަހަރެއްހާ ދުވަސްތެރޭގައި އާހިލްގެ ކެއުމުގައި ހައްދެއް ހުދޫދެއް ނެތުމުގެ ސަބަބުން އާހިލް އެ އަންނަނީ ޢުމުރަށްވުރެ ފަލަވަމުންނެވެ. އެންމެ ފަހުން ޑޮކްޓަރަށް ދެއްކި ދުވަހުވެސް އާހިލް ހިކުމަށް ޑޮކްޓަރު ވަނީ ވިދާޅުވެފައެވެ.
ހީލާ ވާހަކަ ދައްކާލާނެ މީހަކު ނެތް އެގޭތެރޭގައި އާހިލް ބޮޑުވަމުން އެ އަންނަނީ ނުކުޅެދޭ ކުއްޖަކަށް ބަދަލުވަމުންނެވެ. ދުނިޔެ ދެކެ ފޫހިވާ ކުއްޖެއްގެ ގޮތުގައެވެ. އެއްވެސް ކަމަކަށް ޝައުޤެއް ނެތް ކުއްޖެއްގެ ގޮތުގައެވެ. އާހިލްއަށްޓަކައި ސްކޫލަކީ މީހުންގެ މަލާމާތާއި ފުރައްސާރަ ލިބޭ ތަނެކެވެ. ގެއިން ބޭރަށް ނުކުތުމަކީ މިހާރަކަށް އައިސް އާހިލް އެއްގޮތަކަށްވެސް ކުރަން ބޭނުން ކަމެއް ނޫނެވެ. އެ ޢުމުރުގެ ޅަ ކުއްޖެއްގެ ކިބައިން މިފަދަ ސިފަތައް ފެނުމަކީ ބިރުގަންނަން ޖެހޭނެ ކަމެކެވެ.
މިހުރިހާކަމެއްވެސް އާހިލްއަށް ދިމާވެފައިވަނީ ހަމަ އެކަނި މަންމަގެ އިހުމާލުގެ ސަބަބުންނެވެ. ބައްޕައެއް ހުއްޓަސް މާބޮޑުކަމެއް އެ ނިކަމެތި ބައްޕައަށް ކޮށް ނުދެވެއެވެ.
އެކަމަކު މިކަންކަން މަންމައަށް ވިސްނޭނީ ކޮން ގޮތަކުން ކަމެއް އީމާއަކަށް ނޭނގެއެވެ. ވިސްނައިދެވޭތޯ އުޅެއުޅެ އީމާ ވަރުބަލިވެއްޖެއެވެ.
"ދޮންތަ ބުނީމެއްނު މަންމަ އެކަހަލަ ވާހަކަ ދެއްކިޔަސް އަޅާނުލާށޭ. އެއީ މަންމަ ރުޅިއަކުން ނޫނޭ. އެއީ މަންމަ އެކިއެކި ކަންކަމާ ދެރަވެފަ ހުންނާތީ އެހެން ވާހަކަ ދެއްކެނީ. އެއީ އެއްވެސް މައްސަލައެއް ނޫން." އާހިލްގެ ކޮނޑުގައި ހިފައި ގަޔާ ކައިރިކޮށްލަމުން އީމާ ހިތްވަރު ދިނެވެ.
އާހިލް އެއްޗެއް ނުބުނެއެވެ. ހިތަށް ލިބުނު ލުއިކަމުގައި ދޮންތަގެ ގައިގައި ޖެހިގެން އިރުކޮޅަކު އިނެވެ.
"ދެން އަވަހަށް ނިދާލާ. އުނހުނ. ދަތްއުނގުޅިންތަ އާއްކޮ؟" އާހިލްގެ އެކަހަލަ އެއްވެސް ކަމަކީ އެމީހުންގެ މަންމަ އެއްވެސް އިރެއްގަ ބަލަހައްޓާ ކަންތައްތަކެއް ނޫނެވެ. މިހާރު އަމުދުން މަންމަ ދެކޭ ގޮތުގައި އާހިލްއަކީ ބޮޑު ސިންގާ ކުއްޖެކެވެ. އަމިއްލަ ކަންތައް މީހަކު ބުންޏަސް ނުބުންޏަސް އަމިއްލައަށް ކުރަންވާނެއެވެ.
އެކަމަކު އެހެނެއް ނުއެއް ވެއެވެ. އެކަން ޤަބޫލުކުރާކަށް މަންމަ ބޭނުމެއް ނޫނެވެ.
"ހިނގާ އަވަހަށް. ދޮންތަ އަންނާނަން ފެންފުޅިއެއް ހިފައިގެން. އަވަހަށް ވަދޭ ފާހާނާއަށް. ރީތިކޮށް ދަތް އުނގުޅައިގެން ނުކުންނާނީ." އާހިލް އިންނާނީ ކޮޓަރީގައި އިންނަ ގިނަ ވަގުތު ކޮންމެވެސް ފޮނި އެއްޗެއް ކާލާ ކާލާކަން އީމާ ދަނެއެވެ. އަދި ޚާއްޞަކޮށް އެގޮތަށް މަންމަގެ ބަސްތައް ލިބުނު ވަގުތެއްނަމަ އެފަދަ ކެއުންތައް މާ ގިނައިން އާހިލް ކާނެއެވެ.
އީމާ ބޭރަށް ނުކުތްއިރުވެސް އަދި ބަދިގެއިން ފެންފުޅިއެއް ހިފައިގެން އެނބުރި ގޮސް އާހިލް ކޮޓަރިއަށް ވަންއިރުވެސް މަންމަގެ އެއްވެސް ހިލަމެއް ގޭތެރެއިން ނުވެއެވެ.
"ކެއްކިފެން މިއީ އިނގޭ. ކުޑަ ހޫނުކަމެއް ހުރެދާނެ. އެކަމަކު ރަނގަޅުވާނެ...ބޯލާ..." ދަތް އުނގުޅައިގެން އާހިލް ނުކުތުމުން ތަށްޓަށް ފެން އަޅައިދެމުން އީމާ ވާހަކަ ދެއްކިއެވެ.
ނިދަން އާހިލް އޮށޯތުމުގެ ކުރިން އާހިލް އާއި ވާހަކަ ދައްކާލަން އިރުގަނޑަކު އީމާ އިނެވެ. އެކިއެކި ވާހަކައެވެ. އީމާގެ މަޤްޞަދަކަށްވީ އާހިލްގެ ސިކުނޑިއަށް ލުއިކޮށްދިނުމެވެ. އާހިލްއާއެކު ހުންނާނެ މީހަކު އެބަހުރިކަން އަންގައިދިނުމެވެ. އާހިލްގެ ހިތްހަމަޖައްސައިދިނުމެވެ.
އާހިލްގެކޮޓަރިން ނުކުމެ އީމާ އަޅާލި ފުރަތަމަ ފިޔަވަޅުވެސް އަޅާލެވުނީ ސީދާ މަންމަގެ ކުރިމައްޗަށެވެ. އެކަމަކު މަންމަ ނުކުތީ ކޮޓަރިއަކުން ނޫނެވެ. މަންމަ އައީ ބޭރުންނެވެ. ހެވި ދިލިފަ ހުރެގެންނެވެ. އެކަންޏެއްވެސް ނޫނެވެ. އީމާގެ ބައްޕައަށްވުރެވެސް ދުވަސްވެފަހުރި ވައްތަރު ޖަހާ ފިރިހެނަކާއެކުގައެވެ.
"އާދޭ އާދޭ އިށީނދެލަން. ތިވާހަކަ އަދި ރަނގަޅަށް ދައްކާލަން އެބަޖެހޭ." ދިމާ ކުރިމަތިން އީމާ ފެނުނު ނަމަވެސް ޝިޔާމާގެ ވާހަކައާއި ޢަމަލުތައް ހުރި ގޮތުން ހީވަނީ އެތަނުގައި ޝިޔާމާ ނޫން މީހަކު ނުވެސްނެތް ހެނެވެ.
ނުދަންނަ ބީރައްޓެހި ފިރިހެނަކު ގެއަށް ވަންނަތަން ފެނުމުން ކުރިޔަށް ނުގޮސް އީމާ ހުރީ އާހިލްގެ ކޮޓަރި ކައިރީ މަޑުކޮށްލއިގެންނެވެ.
އީމާއަށް ފާހަގަ ކުރެވުނީ އެ މީހަކު އީމާއަށް އެ ބަލާލި ގޮތެވެ. ސިޓިންރޫމްގެ އެއްފަރާތުގައި ހުންނަ، ހުރިހާ ކަމަކަށް ބޭނުންކުރާ މޭޒުކައިރީ ހުރި ގޮނޑިއެއްގައި އެމީހާ ބައިންދާފައި އެބައަންނަމޭ ބުނަމުން މަންމަ ގޮސް ވަނީ ކޮޓަރިއަށެވެ. މަންމަ ގޮސް ރަނގަޅަށް އޮބާވެސް ނުލަނީސް އީމާއާއި ދިމާލަށް އެމީހާ އެނބުރުނެވެ. އެއީ ފުރަތަމަ ބެލުމުންވެސް ޒުވާން އަންހެންކުދިންގެ ހިތް ސިހުންވެ ފޫހިކުރުވާކަހަލަ ބެލުމެކެވެ.
އީމާއަށްވެސް ކުރެވުނީ އެ އިހްސާސެވެ. ކުރު އިސްތަށިގަނޑު ކަންފަތްދޮށަށް ލާގޮތް ދައްކައިގެން ހުރެ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަދެ އަވަހަށް ދޮރު ލައްޕައިފިއެވެ. އެމީހާއަށް ދުވަހަކުވެސް ފެންނަން އީމާ ބޭނުމެއް ނޫނެވެ.
މަންމަ އަނެއްކާވެސް ކޮންމެވެސް މޮޅުކަމެއް ރާވާލަނީކަން ޔަގީނެވެ. އެންމެ ފަހުންވެސް ލަންކާއަށް ދިރިއުޅުން ބަދަލުކުރަންވެގެން މަންމައަށް ނަސޭޙަތް ދީ ހިތްވަރުދީހެދީވެސް ހަމަ އެކަހަލަ ފިރިހެނެކެވެ. މިފަހަރުވެސް އެކަހަލަ ކަމަކާއި ވަރަށް ވައްތަރެވެ.
އީމާގެ ހަނދާނަށް އައީ ބައްޕައެވެ. އަވަހަށް ފޯން ނަގައި ބައްޕައަށް ގުޅާލިއެވެ. ބައްޕަ ބޭނުންވާ ކޮންމެ ފަހަރަކު މައްޗަށް ނައާދެވުނު ނަމަވެސް މަތީގައި ތިބި ކޮންމެ މީހަކަށްވެސް ގުޅާލެވޭނެހެން އީމާ ހުންނަނީ ބައްޕައަށް ފޯނެއް ހޯދައިދީފައެވެ.
"ބައްޕާ....." ދެވަނަ ރިންގާއެކު ބައްޕަ ފޯން ނެގުމުން މަޑުމައިތިރި އަޑަކުން އީމާ ގޮވާލިއެވެ.
"ދަރިފުޅަށް ގުޅަން އުޅެނިކޮށް ތިގުޅީ. ކާކުތަ ދެންމެ ގެއަށް އައީ؟" ބައްޕަގެ އެ ސުވާލުން އީމާއަށް ހައިރާންކަމެއް ލިބުނެވެ.
"ނޭނގެ. މަންމަގެ ރައްޓިއްސެއްހެން ހީވަނީ. ކިހިނެއްވީ ބައްޕާ؟" އީމާއަކަށް އެއަށްވުރެ ބޮޑަކަށް ނޭނގެއެވެ.
"ދަރިފުޅު ނުނިކުންނައްޗޭ އެމީހަކު އިންހާ ހިނދަކު ސިޓިންރޫމަށް. މަންމަ ބުންޏަސް ނުނިކުންނާތި. ކޮބާ އާހިލް؟" ބައްޕަގެ އަޑުގައި ހުރި ކަންބޮޑުވުން އީމާއަށް އިހްސާސް ކުރެވުނެވެ.
"އެ ކިހިނެއްވީ. ބައްޕަ ދަންނަ މީހެއްތަ؟" އާހިލްއާއި ބެހޭ ގޮތުން ބައްޕަ ކުރި ސުވާލުވެސް އީމާއަށް އަޑުނީވޭ ފަދައެވެ.
"އުނހުނ. ނުއެއް ދަންނަން. އެކަމަކު އަޑުއިވުނުގޮތުން ހީވަނީ އެއީ ބައްޕަ ދަންނަ މީހެއްހެން. ކޮބާ އާހިލް؟" ދެވަނަ ފަހަރަށްވެސް ބައްޕަ ސުވާލު ކުރިއެވެ.
"އާއްކޮ ނިދައިފި....ބައްޕަ އެއްވެސް އެއްޗެއް ބޭނުންތަ މި ގަޑީގަ. ފެންއެބަހުރިތަ ފުޅީގަ؟" އެއީ ކޮންމެ ރެއަކުވެސް ބައްޕަ ނިދުމުގެ ކުރިން އީމާ ބަލަހައްޓާ ކަންތައްތަކެވެ.
"ހުރިހާ އެއްޗެއްވެސް އެބަހުރި. އެކަމަކު އެމީހާ ދިޔައިމަ ބައްޕަ ކައިރިއަށް އަންނައްޗޭ." އެމީހަކާ ހެދި ބައްޕަ އެހާ ކަންބޮޑުވަނީ ކީއްވެގެންކަމެއް އީމާއަކަށް ނުވިސްނެއެވެ.
ދާނެ ކަމަށް ބުނެފައި ފޯން ބާއްވާފައި އީމާ ގޮސް ވަނީ ފާހާނާއަށެވެ.
***
ފަތިހު ފަތިހާ ހޭލައިގެން އީމާ ތައްޔާރުވަމުން ދަނީ އޭނަގެ ވަޒީފާއަށް ދިއުމަށެވެ. އީމާއަކީ ރާއްޖެއިން ބޭރުން ފޯރ ސީޒަން ރިސޯޓަށް އަންނަ ފަތުރުވެރިންނާއި އެއާރޕޯޓުން ޙަވާލުވާ އެ ރިސޯޓް ތަމްސީލް ކުރާ މީހާއެވެ. ފޯރ ސީޒަން ރިސޯޓް ގެ ރެޕެކެވެ. އެ ރިސޯޓްގެ ފަރާތުން ފަތުރުވެރިންނާއި ކުރިމަތިލާ ފުރަތަމަ މީހާއެވެ.
ހިއުމަން ރިސޯސަސް އިން ޑިޕްލޮމާއަކާއި ހަމައަށް ކިޔެވުމަށްފަހު އިތުރަށް ކިޔަވަން ބޭނުންވިނަމަވެސް ބައްޕައާއި ގޭތެރޭގެ ގޯސްވަމުން އަންނަ ޙާލަތަށް ބަލައި ކިޔެވުން އޭނަ ދޫކޮށްލީ އަމިއްލައަށެވެ. އޭގެ ފަހުން އޭނަ އެ ވަޒީފާ ހޯދީ ވަރަށް ވިސްނާފައެވެ. ވަރަށް ބޭނުން ވެގެންނެވެ. އީމާއަށް އެ ވަޒީފާ ކިތަންމެހާވެސް ހިތްހަމަޖެހެއެވެ. އެއީ އޭނަ ކުރާހިތްވާ ކަހަލަ މަސައްކަތެކެވެ.
ހަގަޑިބައިގެ ފެރީއަށް އެރުމަށްޓަކައި ތައްޔާރުވެލައިގެން އީމާ ތިރިއަށް ފޭބިއެވެ. އަދި ޢާއްމު އުޞޫލެއްގެ ގޮތުން ބޭރަށް ދާ ކޮންމެ ފަހަރަކު ބައްޕައާއި ބައްދަލުވެލާފައި ދާތީ މިފަހަރުވެސް ގޮސް ބައްޕަގެ ކޮޓަރިއަށް އީމާ ވަނެވެ.
"ބައްޕާ....ޑިއުޓީއަށް ދަނީއޭ އިނގޭ." ދޮރު ހުޅުވާލިއިރު ބައްޕަ ކޮޓަރީގެ ބޮކިތައް ނުވެސް ދިއްލައެވެ. ބައްޕަ އަދި ނުހޭލަނީއެވެ. އެހެންވިޔަސް އެތެރެއަށް ވަދެ ބައްޕަގެ އެނދު ކައިރިއަށް ހުއްޓިފައި އީމާ ބައްޕައަށް ގޮވާލިއެވެ.
އީމާ ގޮވުމުންވެސް ބައްޕައަކަށް ނުހޭލެވެއެވެ. ފަނޑުއަލިކަމެއް ހުރުމުން އީމާއަށް ބައްޕަ މޫނެއް ނުފެނެއެވެ. ނިދިފައިކަމަށް ޔަގީންކޮށްފައި ބައްޕަގެ އަތްތިލަމަތީ އަތްޖައްސާލުމަށްފަހު ސިއްރު ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިން ނުކުމެއްޖެއެވެ. ކޮޓަރި ދޮރު ލައްޕާފައި ވަރަށް އަވަސްފިޔަވަޅުތަކެއްގައި ގެއިން ނުކުމެ ސައިކަލަށް އަރައިގެން އީމާ ދުއްވާލައިފިއެވެ.
ފެރީ ގޮސް ހުޅުލެއަށް ލެފުމުން ގަޑިބަލާލިއިރު ހަތެއްޖަހަން ދެން ހުރީ ފަސްމިނެޓެވެ. އެވަރު އޯކޭ ކަމަށް ހިތަށް އަރުވާލާފައި އީމާ އަމިއްލައަށް ހިތްހަމަޖައްސާލިއެވެ. ފެރީ ފުރެންދެން އަރާފައި ތިބި މީހުންތައް ފައިބަމުން ދިޔައިރު އީމާއަށްވެސް ޖެހުނީ ކިތަންމެ ހިތްއަވަސްވެފައި ހުރި ނަމަވެސް އެ ކިޔުގައި ކެތްކޮށްލައިގެން ހުންނާށެވެ. އެވަޒީފާގައި އޭނަ އުޅޭތާ މިއީ ތިންވަނަ އަހަރެވެ. ފެރީއަށް އޭނާ ވަނީ ހޭނިފައެވެ. އޭނައަށް އެއިން އެއްވެސް ކަމެއް އަލެއް ނޫނެވެ.
"އެކްސްކިއުޒް މީ....." ފެރީއިން ފައިބައިގެން ޓާރމިނަލްއާއި ދިމާލަށް ހިނގައިގަތް އީމާއަށް ކުޑަތަންކޮޅަކަށް ދެވުނުތަނާ ފަސްއެނބުރި ބަލާލަން ޖެހުނީ މިއަޑަށެވެ.
އެއްއަތުން ބޮޑު މާބޮނޑިއެއް ހިފައިގެން އަނެއް އަތް އޭނައާއި ދިމާލަށް ދިއްކޮށްގެން ހުރި ރީތި މީހަކު އީމާއަށް ފެނުނެވެ. ހެނދުނުގެ އެ ގަޑީގައި، އެ އަވީގައި ހުދު ގަމީހަކާއި މުށި ކުލައިގެ ފަޓްލޫނެއް ލައިގެން ބޮޑު މާބޮނޑިއެއް ހިފައިގެން ހުރި އެމީހަކީ ކާކުކަމެއް އީމާއަކަށް ނޭނގެއެވެ. ދުވަހަކުވެސް ނުދެކެއެވެ. އެހެންނަމަވެސް އެ ރީތި މީހާ ހުރި ގޮތުން އެ މަންޒަރާ އެ މީހާގެ ސިފައިގައި އީމާ އަޅައިގަތެވެ.
"ވެއިޓް ޕްލީޒް...." އެމީހާ އެހެން އެބުނީ ކާކަށްކަމެއް ނޭނގިގެން އީމާ ވަށައިގެން ބަލާލިއެވެ. އަވިއައިނަކުން އެމީހެއްގެ ލޯ ފޮރުވިފަ ހުރުމުން އެމީހާގެ ނަޒަރު ހުރި ދިމާލެއްވެސް އީމާއަކަށް ނޭނގެއެވެ. އީމާއަށް ފެންނަނީ އޭނަ އާއި ދިމާލަށް އަންނަ ތަނެވެ.
އީމާ ހިނގައިގަތީ ކުރިޔަށެވެ. އެމީހަކު އޭނައަށް ނުގޮވާނެކަން ޔަގީންކޮށްފައެވެ.
"ވެއި ވެއި ވެއިޓް...." މިއަޑަށް އީމާއަށް އަނެއްކާވެސް އެނބުރެވިއްޖެއެވެ. ބަލާލިއިރު އެ ރީތި މީހާ ކުޑަކޮށް ދުވެލާފައި އަންނަނީއެވެ. އޭނައާއި ދިމާލަށެވެ.
އިނގިރޭސިން ނޫން ގޮތަކަށް އެމީހަކު އަނގައިންވެސް ނުބުނާތީ އާއި އެމީހާގެ ގައިގެ ކުލަ އަލިކަމުންނާއި އިސްކޮޅާއި ހަށިގަނޑު ހުރި ގޮތުން އެއީ ދިވެއްސެއްވެސް ނޫންކަން އީމާއަށް ޔަގީންވިއެވެ. އެއީ ޔޫރަޕް މީހެކެވެ. އެހެންވީމަ އޭނައެއް ނުހޯދާނެއެވެ. އެކަމަކު ވަށައިގެން އެއްވެސް އެހެން މީހަކު ނެތެވެ. އެތަނުގައި އެހެރީ އޭނަ އެކަންޏެވެ. އެމީހާއަށް އޮޅުނީކަމަށް ނޫނީ ނުވާނެއެވެ.
އެއަރޕޯރޓް ރެޕެއްގެ އެންމެ ޢާއްމު ކަމަކީ މެހްމާނުންނަށް މަގުދައްކައިދިނުމާއި މަގުފަހިކޮށް ދިނުމެވެ. އޭނަގެ އެ ޔުނިފޯމް ފެނުމުން އޭނައަކީ ރެޕެއްކަން އެނގޭތީ އެމީހާވެސް އެ އުޅެނީ ކޮންމެވެސް މަޢުލޫމާތެއް އަހަންކަން ޔަގީނެވެ.
އީމާ މަޑުކޮށްފިއެވެ. އެމީހާއަށް ކުރިމަތިލީ ރީތި ހިނިތުންވުމަކާއެކުގައެވެ.
"ޔެސް ؟ ވަޓް ކޭން އައި ޑޫ ފޯރ ޔޫ؟" އެމީހާ އައިސް މަޑުކުރުމުން ރަސްމީކޮށް އީމާ އަހާލިއެވެ.
"އޯހވ. ތެންކިޔު. އެކަމަކު އައިޑޯން ނީޑް އެނީތިންގ. ޖަސް ވަނަ ގިވް ދިސް ޓު ޔޫ" އެ ރީތި މީހާ ހިނިތުންވެލާފައި މި ބުނެލި އެއްޗަކަށްވުރެ ބޮޑަށް އީމާ ހައިރާންވީ އެއީ ދިވެއްސެއްހެން ހީވީމައެވެ.
"ދިވެއްސެއް....؟" އީމާ އަހާލިއެވެ.
"ޔެސް. ދިވެއްސެއް. ހަތަރުކަށިމަތިވެސް." އެމީހާ ލޮލުން އައިނު ނެގިއެވެ. ހީލަމުން ވާހަކަ ދެއްކިއެވެ.
-- ނުނިމޭ --