30 Sep 2017

ގަސްތަކާނުލާ

ގަސްތަކާނުލާ

* ސެޕްޓެމްބަރު 26 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"ޔެސް. ދިވެއްސެއް. ހަތަރުކަށިމަތިވެސް." އެމީހާ ލޮލުން އައިނު ނެގިއެވެ. ހީލަމުން ވާހަކަ ދެއްކިއެވެ. އެހާ ރީތި ސާފު މޫނަކާއި އެހާ ތޫނު ލޮލެއް ދުވަހަކުވެސް އީމާ ނުދެކެއެވެ. އެހިނިތުންވުމުގެ ސަބަބުން އެ ރީތި ލޯ ދިއްލިފައި ހުރިކަހަލައެވެ.

"އަން. ތި ކުއްޖާއަށް..." އެއްޗެއް ނުބުނެވި ހުރި އީމާއަށް ނިންޖަކުން ހޭލެވުނު ކަހަލައެވެ.

"އެކަމަކު ކީއްވެ އަހަރެން؟ އަހަންނަށް ނުވެސް އެނގޭ ތިއީ ކާކު ކަމެއް؟" އެއީ ކާކުކަން އަސްލުވެސް އެނގޭ ހިތް އީމާ ވިއެވެ.

"އިޓްސް އޯކޭއޭ. އަހަރެން ހަމަ ދޭހިތުން...." އެ ދިގު އިސްކޮޅުގެމީހާ އަނެއްކާވެސް އެ މާބޮނޑި އީމާއަށް ދިއްކޮށްލިއެވެ.

ނަމަވެސް އޭގައި ހިފުމުގެ އެއްވެސް ގަސްތެއް އީމާގެ ނެތް ކަހަލައެވެ.

"މިއީ އެއްވެސް އެއްޗެއް ނޫން. ތިކުއްޖާ ރީތިކަމުން ހަމަ ދިނީ. ނޮޓް އެ ބިގް ޑީލް." އީމާގެ މޫނަށް ފަރުވާވެ ބަލަމުން އެ ޒުވާނާ ވާހަކަ ދެއްކިއެވެ.

އީމާ ހައިރާން ވިއެވެ. ފެންނަހާ އަންހެންކުދިންނަށް، އެއްވެސް ޚާއްޞަ ސަބަބަކާ ނުލާ އެއްޗެހި ބަހަމުން ދުވާ މީހަކީ ހެއްޔެވެ؟ އެހެންވެއްޖެނަމަ ހާދަ ބިޒީވާނެއޭ އީމާގެ ހިތަށް އެރިއެވެ. އެއާއެކު ނުގޮތަކަށް އީމާއަށް ހީލެވުނެވެ.

އީމާގެ މޫނަށް ބަލަން ހުރި އެ ޒުވާނާއަށް ހީވީ އެއީ ލިބުނު ފެހި ސިގްނަލެއް ކަމަށެވެ. އެ ޒުވާނާ ހީކުރީ އެ މާބޮނޑިއަކީ އެއްވެސް ސަބަބެއް އޭގެ ފަހަތުގައި ނެތް އެއްޗެކޭ އޭނަ ބުނުމުން އީމާ އޭގައި ހިފަން ރުހުނީކަމަށެވެ.

"ގުޑް. އަން. ފޯރ ޔޫ." ދެއަތުން މާބޮނޑީގައި ހިފައި އެ ޒުވާނާ ދިއްކޮށްލިއެވެ. ހީވީ އީމާއަށް ޙައްޤުވާ އިނާމެއް އީމާއަށް ދިންހެންނެވެ. އެހެންލައިގެން ދެކޮޅަށް ހިނގާ އެންމެންވެސް ދަނީ އެދެމީހުންނަށް ބަލަމުންކަން އީމާއަށް ފާހަގަ ކުރެވުނެވެ.

އީމާއަށްވެސް ގަސްތަކާނުލާ ވިޔަސް އެ މާބޮނޑީގައި ހިފިއްޖެއެވެ. އެއީ ބަރު މާބޮނޑިއެކެވެ. އެންމެ ވައްތަރެއްގެ ބަދަލުގައި ފަސްވަރަކަށް ވައްތަރުގެ މާތައް އެ ބޮނޑީގައި ހިމެނެއެވެ.

"ސީ ޔޫ...." މާ ބޮނޑިއަށް ބަލަހައްޓައިގެން ހުރި އީމާ އެ މާބޮނޑީގެ ތަފްޞީލާއި ދޭތެރޭ ވިސްނަން ހުއްޓާ އެ ޒުވާނާ ދާން ހިނގައިގަތެވެ. ހެވިފައި ހުރެގެންނެނެވެ. އީމާއަށްޓަކައި ލޮލުން ނެގި އައިނު އަޅައި އެ ރީތި ލޯ އަނެއްކާވެސް ފޮރުވަމުންނެވެ.

އީމާއަށް ހަމަ ބަލަހައްޓައިގެން ހުރެވުނީއެވެ. ޚުދު އީމާއަށްވެސް ބުނެދޭން ނޭނގޭކަހަލަ ގޮތެއް އީމާއަށް ހުރީ ވެފައެވެ. އީމާއަށް އެއީ ކާކުކަންވެސް އެނގެނީއެއް ނޫނެވެ. އެކަމަކު އެހާ ރީތި އެހާ އަސަރުގަދަ ލޮލަކާއި ހިނިތުންވުމެއްގެ ވެރި ފިރިހެނަކު އޭނަ އަދި އެ ދުށީ އަލަށެވެ. އަދި އެ މީހާ ދިވެއްސަކަށް ވީކަން އެއީވެސް އީމާއަށްޓަކައި ކުޑަފަދަ ޙައިރާންކަމެއް ނޫނެވެ.

ގޮސްގޮސް ހުރި އެމީހާއާއި ދިމާލަށް ބަލަހައްޓައިގެން ހުރި އީމާއަށް ކަމެއް ފާހަގަ ކުރެވުނީ ހަމަ ކުއްލިއަކަށެވެ.

އެމީހާގެ އެއް އަތް އަނެއް އަތާ ތަފާތެވެ. ކަނައަތް ރީތިކޮށް ގަޔާ ކައިރީ އޮތްއިރު ވައަތް އެއާއި ޚިލާފަށް ތަފާތެވެ. ވައަތުގެ އެހެން ހުރިހާ ބަޔެއްވެސް ފެންނަން ފެނުމަށް އާދައިގެ އެވެ. ނަމަވެސް އަތްތިލަ ކުޑަހުޅުން ފެށިގެން ހުރީ ގަޔާ ދިމާލަށް އެނބުރިފައެވެ. އަތްތިލައިގެ ތެރެއަށް އެއްޗެއް ލައިގެން، ހުންނަ ފާޑަކަށެވެ. ޙަގީގަތުގަވެސް އެއީ ނުކުޅެދުމެއް ހުރި މީހަކީ ހެއްޔެވެ؟ ޔަގީނެވެ. އެމީހާގެ ހިނގުމުގައިވެސް ވައަތްފަރާތު ފައިގައި ކޮންމެވެސް ތަފާތެއް ހުއްޓެވެ. ތަންކޮޅެއް ދުރުން ފެންނާތީ ޔަގީންނުވިނަމަވެސް އެ ތަފާތުވެސް އީމާއަށް ފެނުނެވެ.

އެކަމަކު އެ އުނިކަމުގެ ސަބަބުން އިތުރު ފުރިހަމަކަމަކާއި ރީތިކަމަކާއި ހިތްގައިމު ގޮތެއް އެމީހާއަށް ލިބިފައިވާ ކަހަލައެވެ. އެ ހިނގުން އީމާއަށް ވަރަށް ސަޅި ވިއެވެ.

"އީމާ....." ވިސްނުންތެރިކަމާއެކު އެމީހާއާއި ދިމާލަށް ބަލަން އީމާ ހުއްޓާ އަންހެންކުއްޖަކު ގޮވާލިއަޑަށް އީމާގެ ނަޒަރު ބަދަލުވެގެން ދިޔައެވެ.

"ވާއޮ. ހާދަ ލޯބި މާބޮނޑިއެއް. ކާކު ދިނީ....؟" ހެވި ދިލިފައި ހުރެގެން އީމާގެ ކުރިމައްޗަށް ގޮސް ހުއްޓުނީ އީމާއާއި އެއް ޔުނިފޯމެއް ލައިގެން ހުރި އީމާގެ އެކުވެރި ޝިއުނާއެވެ.

އެއީ ތެދެކެވެ. އެއީ ކާކުހެއްޔެވެ؟ ކުޑަމިނުން އެވަރު އޭނަ އަހަން ވާނެއެވެ. ދެމީހުންކުރެން އެކަކުވެސް ތަޢާރަފް ނުވީ ކީއްވެހެއްޔެވެ؟ އެ ހަނދާން އެއްވެސް ވަރަކަށް އީމާގެ ނެތެވެ. އެކަމަކު އެމީހާވެސް ބުނަން ވާނެ ނޫންހެއްޔެވެ. އޭނަ ނުބުނި ނަމަވެސް އެމީހާ ބުނަންވާނެ ނޫންހެއްޔެވެ؟

އީމާއަށް ޝަކުވާ ކުރެވުނީ އަމިއްލަ ހިތާއެވެ.

އެ ނަން ނޭނގޭ މީހާ ފެނޭތޯ އީމާއަށް ބަލާލެވުނީ އެމީހާ ދިޔަކޮޅަށެވެ. ދެންމެ ޖެއްސި ފެރީއަކުން ފޭބި މީހުންގަނޑު ޓާމިނަލްއާއި ދިމާލަށް ވަދެގެން އަންނާތީ އީމާއަކަށް އެތަނުން އެމީހާއެއް ނުފެނުނެވެ. މާބޮނޑި ދިން މީހާގެ ހިލަންވެސް ނެތެވެ.

"ކާކުތަ ދިނީ....؟" އީމާގެ އަތުގައި އޮތް މާބޮނޑީގައި ޝައުޤާއެކު ފިރުމާލަމުން އަނެއްކާވެސް ޝިއުނާ އެހިއެވެ.

"ނޭނގެ . އަހައެއް ނުލެވުނު..." ޝިއުނާ އުޅުނީ މާ ބޮނޑި ހޯދާށެވެ. އެކަމަކު ދޭކަށް އީމާ ބޭނުމެއް ނުވިއެވެ. އެކަން ނުދައްކާން އީމާ މަސައްކަތް ކުރި ނަމަވެސް ބަލަން ހުރިނަމަ ކޮންމެ މީހަކަށްވެސް އެކަން ފާހަގަވާހާ ވެއެވެ.

"ދީބަލަ...އަޅޭ....ހާދަ ލޯތްބޭ މިމާތައް. " އޭނަ އެ މާބޮނޑި ދޭން ބޭނުންނޫންކަން ޝިއުނާއަށް ނުވިސްނުނީތީ އީމާއަށް އުނދަގޫވިއެވެ.

ނުދޭނަމޭ ފާޅުގައި ބުނަން ނުކެރި ހުއްޓާ ޝިއުނާ އެ މާބޮނޑި އަތުލިއެވެ. އީމާ ހިނގައިގަތީ ކުރިޔަށެވެ. އެމީހުން ޑިއުޓީގައި ތިބޭ ދިމާލަށް ދިއުމަށެވެ.

"ހާދަ ނޯޓީ ވެއްޖެއޭ ދޯ. ކާކުކަން ނޭނގޭ މީހުންދޭ މިކަހަލަ އެއްޗެހީގަ ހިފަންވާނެތަ؟" ހެމުން ހެމުން ޝިއުނާ ވާހަކަ ދައްކަމުން ދިޔައެވެ.

"ދެން ކީއްކުރާނީ... " އެވާހަކަ މާ ބޮޑަށް ދައްކާކަށް އީމާ ބޭނުމެއް ނުވިއެވެ. ޝިއުނާއާއި އެކުގައި އެއްތަނެއްގައި މަސައްކަތް ކުރަންޖެހޭތީ ގާތް ކަމާއި އެކުވެރިކޮށް އުޅުނުނަމަވެސް ޝިއުނާގެ ގޮތް އީމާ ވަރަށް ރަނގަޅަށް ދަނެއެވެ.

އެއްވެސް އެހެން މީހަކާއި ދޭތެރޭ ޝިއުނާ ސަމާލުކަމެއް ދޭނީވެސް އޭނަގެ އަމިއްލަ ކަންކަން ފުރިހަމަ ކޮށްފަ އޭގެ ފަހުންނެވެ. ޝިއުނާއަށްޓަކައި މީހަކީ ހަމައެކަނި އޭނައެވެ. ދުނިޔޭގެ ހުރިހާ މޮޅެއް ޝިއުނާއަށް ލިބިފައި ވިޔަސް އެހެންމީހަކަށް މޮޅެއްވާކަށް ޝިއުނާ ނޭދޭނެއެވެ.

***

އެ ހެނދުނުގެ ޑިއުޓީ ނިންމާފައި އީމާ ގެއަށް ދިޔައީ އެދުވަހުގެ ހަވީރު ހަތަރެއް ޖެހިފަހުންނެވެ. ގެއަށް ގޮސް ވަދެވުމާއެކު އަބަދުވެސް އެންމެ ފުރަތަމަ އީމާ ކުރާ ކަންތައް މިހާރު އޮންނަނީ އާދައަކަށް ވެފައެވެ. އެއީ އީމާގެ ބައްޕަ ކައިރިއަށް ދިއުމެވެ.

ބައްޕަގެ ކެއުމާ ފެންވެރުމުގެ ކަންތަކަށް މީހަކު ހަމަޖައްސާފައި ހުރި ނަމަވެސް ، ބޭރުން އަންނަ ކޮންމެ ފަހަރަކުވެސް އީމާ މައްޗަށް އަރާނީ ބައްޕަ ކައިރިއަށް ގޮސްލާ ބައްޕަގެ ޙާލު ބަލާލާފައެވެ.

އާދައިގެ މަތިން ބައްޕަ އިނީ ފުރޮޅުލީ ގޮނޑީގައި އިށީނދެލައިގެން ފޮތެއް ކިޔާލާށެވެ.

"ބައްޕާ....ކިހިނެއް...؟" ކޮޓަރިއަށް ވަންގޮތަށް ގޮސް ބައްޕަގެ އެނދުގައި އިށީނދެލާފައި އީމާ އެހިއެވެ.

"ރަނގަޅު. އެކަމަކު ދަރިފުޅު ކައިރީ ރޭގަ ބައްޕަ އަންނާށޭ ބުނީމަ ނައީ ކީއްވެ؟" އެ ވާހަކަ ދައްކަން ކެތްތެރިކަން ކުޑަވެފައި އިން އާސިފް އެ އިންނަނީ އީމާ ނައިސްގެންނެވެ.

"އައްދެ ބައްޕައަށް އެނގޭތަ ވީ ގޮތް...." އެނދުގައި ހަމަޖެހިލަމުން އީމާ ފަށަން އުޅުނެވެ.

"ޔަގީން ނިދީކަން...." އެގޮތަށް ދެފައި ވަށްކޮށްލައިގެން އަރާ އިނދެ އީމާ ފަށަން އުޅެންޏާ އެ އުޅެނީ އީމާއަށް ނިދުނު ވާހަކަ ކިޔައިދޭންކަން ސައިފްއަށް މިހާރު އެނގެއެވެ. އެއީ އެގޮތަށް ދިމާވި ފުރަތަމަ ފަހަރެއް ނޫންކަމަށް ވާތީއެވެ.

އޭނަގެ ދޮށީ ދަރިފުޅަކީ އަބަދުވެސް ނިންޖަށް ވަރަށް ފޯރި ހުންނަ ކުއްޖެއްކަން ސައިފް ދަނެއެވެ.

އީމާ ބުނަން އުޅުނު އެއްޗެއް ބައްޕަ އަށް މާ ކުރިން އެނގިފައި އޮތުމުން އީމާ ހީގަތެވެ.

"ބައްޕައަށް އެނގެއޭ...." އީމާގެ ހުނުމުގައި ކުޑަކޮށް ބައިވެރިވެލަމުން އާސިފް ބުންޏެވެ.

"އެކަމަކު ބައްޕައަށް އެނގޭދޯ އީމާ ގަސްތަކު ނޫންކަން. ނިދުނީ...ނިދީކީ ނޫން." ބައްޕައަށް ހުރިހާ އެއްޗެއް ފުރިހަމައަށް އޮޅުންފިލާފައި އޮތުން އީމާއަށް ވަރަށް މުހިއްމެވެ.

"އެނގޭ ބައްޕައަށް....އެއީ އެއްވެސް މައްސަލައެއް ނޫން." ބައްޕައަކީ މި ދުނިޔޭގައިވެސް ހުރި އެންމެ ވިސްނުން ރަނގަޅު ބައްޕައޭ އީމާ ހިތަށް އަރައެވެ.

"އަސްލު ވީ ގޮތަކީ މަންމަ ފާޑެއްގެ މީހަކު ގޮވައިގެން ރޭގަ ގެއަށް އައީ. ބައްޕައަށް އެނގެއެއްނު. އެމީހާ ސިޓިންރުމްގައި އިނީމަ ނުކުންނަން ނުކެރިފައި އޮތީ. އިރުކޮޅަކުން ގޮސްދާނެ ކަމަށް ހީކުރީ. އީމާއަށް ނިދުނީވެސް ގައިމުވެސް އެމީހާ އައިސް އިންނަތާ ވިއްސަކަށް މިނެޓް ފަހުން. ދެން އެހެން އޮންނަން ވީމަ ނިދޭނެއެއްނު ދޯ ބައްޕާ...." ވާހަކަ ކިޔައިދީފައި ކުޑަކުއްޖަކުހެން ކަރުއެލުވާލަމުން އެ ވާހަކައަށް ބައްޕަގެ ރުހުންވެސް އީމާ ހޯދިއެވެ. ސައިފް ގާތަށް ލުއި ހިންޏެއް އައެވެ.

"ބައްޕަ ސަލީމް ފޮނުވައިފިން ސައިތަށްޓެއް ހަދަން. މިހާރު ފަނަރަ މިނެޓްވީ. އަދި ނާދެވޭ އެކަލޭގެއަށް...." ސައިފް ގަޑި ބަލާލިއެވެ.

"ތިއެއް ނޫނޭ ބައްޕާ....ރޭގަ އެއީ ކާކުތަ؟ ބައްޕައަށް ކިހިނެއް އެނގުނީ މީހަކު އައިކަން...؟ ކީއްވެ ބައްޕަ އެހާ ހާސްވެގެން އުޅުނީ އީމާ އަންނާށޭ ކިޔާފަ...؟ ބައްޕަ ދަންނަ މީހަކީތަ އެއީ...؟ އެކަމަކު ދަންނަކަންވެސް އެނގޭނީ ފެނިގެންތާ....؟" ރޭއްސުރެން ހިތުގައި ހުރި ސުވާލުތައް އީމާ އޮއްސާލީ އެއްފަހަރާއެވެ.

"ކޮން ސުވާލެއް ފުރަތަމަ....؟" ސައިފް އޭނަގެ އަތުގައި އޮތް ފޮތް ލައްޕާފައި ބޭއްވިއެވެ.

"ހުރިހާ ސުވާލެއްވެސް ފުރަތަމަ..." މަޢުސޫމްކަމާއެކު އީމާ ބުނެލިއެވެ.

އީމާއާއި ވާހަކަ ދައްކާލާ ކޮންމެ ފަހަރަކު ސައިފްއަށް ހިތްހަމަޖެހުން ލިބެއެވެ. އެ ހިތްދަތި ޙާލުގައި ސައިފް އިންނައިރު ލިބޭ ހަމައެކަނި ހިތްހަމަޖެހުމަކީ އޭނަގެ ދެ ކުދިން އައިސް އޭނައާއެކު އެ ހޭދަކުރާ ވަގުތު ލިބޭ ހިތްހަމަޖެހުމެކެވެ. އެނޫން ހުރިހާ ވަގުތަކު ސައިފްއަށް އިނދެވެނީ މާޔޫށް ވެފައެވެ. ކިތަންމެ ނުވާން އުޅުނަސް އެކަމުގެ މައްޗަށް ސައިފްގެ ބާރެއް ނުފޯރުވެއެވެ.

ދަރިންނަކީ ނިޢުމަތެކޭ މީހުން އެބުނާ ބުނުމަކީ ތެދެއްކަން ސައިފްއަށް ޤަބޫލު ކުރެވެއެވެ.

"މި ކޮޓަރި މިހިރީ ސިޑި ދަށުގައޭ ބުންޏަސް ރަނގަޅުވާނެ. ސިޑިން އަރާ މީހުންވެސް ބައްޕައަށް ފެންނާނެ ދޮރުކައިރީ ބައްޕަ އިނިއްޔާ. އެކަމަކު އެމީހަކު ނުދެކެން ރޭގަ ބައްޕައެއް. ބައްޕައަށް އަޑުއިވުނީ މަންމަ އާއި އެމީހާ ވާހަކަ ދައްކަމުން ސިޑިން އެރިއިރު. .... ދަރިފުޅަށްވެސް އެނގެއެއްނު މިތާ އިންނައިރު މަތީ ފްލޯގެ ދޮރު ނުލައްޕާ ހުރެއްޖެނަމަ މަތީގައި ދައްކާ ވާހަކަވެސް ރީތިކޮށް އަޑުއިވޭނެކަން..." ސައިފް ބުނަމުން ދިޔައެވެ.

"އެހެންވީމަ އެއީ ބައްޕަ ދަންނަ މީހެއްދޯ؟ އެހެންވެ ދޯ އަޑުއިވުނީމަ އެނގޭނީ. އެކަމަކު ހާދަ ހަޑިކޮށް ހުރި މީހެކޭ އެއީ...."

"އާނ ބައްޕަ ދަންނަ މީހެއް އެއީ. އަދި ދަރިފުޅަށްވެސް އެނގޭނެ އެއީ ކާކުކަން..." ވިސްނުންތެރިކަމާއެކު އީމާގެ މޫނަށް ބަލަމުން ސައިފް ބުނެލިއެވެ.

"އަނެއްކާ ކާކު .... " އީމާގެ ހިތުގެ ވިންދު އަވަސްވިއެވެ.

"މަންމައަށް އަންގައިގެން ނުވާނެ ބައްޕަ މި ދައްކާ ވާހަކަ އިނގޭ. އެކަން ވާނެތަ އީމާއަށް...." އީމާއަކީ ވިސްނުންތޫނު ކުއްޖެކެވެ. އެހެންވިޔަސް އެއީ އަދި ބޮޑުމީހެއް ނޫނެވެ. އީމާ ބޮޑު މީހަކަށްވީ ދުވަހަކުން އަންގަންޖެހޭ ބައިވަރު ވާހަކަތައް ސައިފްގެ އަތުގަ ރައްކާކޮށްފައި އެބަހުއްޓެވެ.

"ޕްރޮމިސް...." އަތާ އަތްޖެހުމަށްޓަކައި ބައްޕައާއި ދިމާލަށް އީމާ އަތްދިއްކުރިއެވެ. ހީލާފައި ސައިފްވެސް އަތް ޖެހިއެވެ.

"ދެން އަވަހަށް ބުނޭ. ކާކުތަ އެއީ؟ ބައްޕައަށް ލަނޑެއް ދީފަ ހުރި މީހެއް ދޯ؟" އީމާއަށް ވިސްނުނީ އެގޮތަށެވެ. ވަރަށް ގިނަ ގޮތްގޮތަށް ބަލާއިރު އެއީ ތެދެކެވެ. އެކަމަކު އެހެން ބުނާކަށް ސައިފް ބޭނުމެއް ނުވިއެވެ.

"އެއީ ދަރިފުޅުގެ ބޮޑުބޭބެއެއް. މަންމައާ އެއްބަނޑުއެއްބަފާ މީހެއް ނޫން. ސެކަންޑް ކަޒިން ހިސާބުން ބޮޑުބޭބެއަކަށް އޭނަ ވާނީ..." ވަރަށް ސާފު ޢިބާރާތުން ސައިފް ބުނެދިނެވެ.

"އޮއްހޯ........." ބައްޕަގެ ވާހަކަ ކަނުލާ އަޑުއަހަން އިން އީމާއަށް ލިބުނު ޙައިރާންކަމުގައި، ފަހަތަށް ޖެހިލެވުނެވެ.

"އެކަމަކު ބޭބެއަކާ ވާހަކަ ދައްކާގޮތެއް ނޫން މަންމަގެ ހުރީކީ. ހީވަނީ މަންމަގެ ރައްޓެއްސެއްހެން އެއީ. ބައްޕައަށް ތިވާނީ އޮޅުނީކަމަށް އެމީހާގެ އަޑު...." ހިނދުކޮޅަކުގެ ވިސްނުމަށްފަހު އީމާއަށް ހީވިގޮތް އީމާވެސް ފާޅު ކުރިއެވެ.

"އެ މަންމައެއް ނޫން. އީމާގެ އަސްލު މަންމަ ވާހަކަ ބައްޕަ މި ބުނީ." ހުޅުވެން އުޅޭ މައުޟޫގެ ހުރި ނާޒުކު ކަމުން ސައިފްގެ އަޑަށް އައިސްފައިވަނީ ހިމޭން ކަމެކެވެ. ބައްޕަ އެ ދައްކާ ވާހަކަ އަސްލު ދާން މިއުޅެނީ ކޮން މައުޟޫޢަކަށް ކަން އެނގުމުން އީމާއަށް ވެދާނެ ގޮތަކާއި ދޭތެރޭ ސައިފް އިނީ ކަންބޮޑުވެފައެވެ.

ވިވެސް ސައިފް ހީކުރި ކަހަލަ ގޮތެކެވެ. އީމާ އަނގައަކުންވެސް ނުބުންޏެވެ. ކަޅި ތިރިކޮށްގެން އަމިއްލަ އަތްތިލައިގެ އިނގިލިތަކުގެ ކޮޅު އަނެއް އަތުގެ އިނގިލިތަކުގެ ކޮޅާ ޖައްސާލަ ޖައްސާލާ އިނީއެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular