3 Oct 2017

ގަސްތަކާނުލާ

ގަސްތަކާނުލާ

* ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ވީވެސް ސައިފް ހީކުރި ކަހަލަ ގޮތެކެވެ. އީމާ އަނގައަކުންވެސް ނުބުންޏެވެ. ކަޅި ތިރިކޮށްގެން އަމިއްލަ އަތްތިލައިގެ އިނގިލިތަކުގެ ކޮޅު އަނެއް އަތުގެ އިނގިލިތަކުގެ ކޮޅާ ޖައްސާލަ ޖައްސާލާ އިނީއެވެ.

"އީމާ...." ސައިފް އޭނަގެ ދަރިފުޅުގެ ކުލަފަނޑުވެފައިވާ މޫނަށް ބަލަން އިނދެފައި އެ ދަރިފުޅުގެ ސަމާލުކަން އަތުލުމުގެ ގޮތުން ގޮވާލިއެވެ.

އޭނަގެ ދޮށީ ދަރިފުޅަށް އޭނަގެ ސަބަބުން އުޅެންޖެހިފައިވާ ޙާލަށްޓަކައި ސައިފް ދެރަވެއެވެ. ދޮންމަންމައެއްގެ ނުރުހުމާއި ނަފްރަތު ލިބިގެން އީމާ އެ އުޅޭ އުޅުން މި ޒަމާނުގެ ކުއްޖަކަށް އުޅެވިދާނެބާވައޭ ދުވާލަކު ވިއްސަކަށްފަހަރު ސައިފްގެ ހިތަށް އަރައެވެ. އޭނަގެ ދަރިފުޅަށްޓަކައި އޭނައަށް ހޯދައިދެވުނު ދިރިއުޅުމާދޭތެރޭ ސައިފްއަށް ކުރެވޭ ފިކުރަކީ ނިމުމެއް ނެތް ފިކުރުތަކެކެވެ.

"ދަރިފުޅު މަންމަ ކައިރިއަށް ދިޔައިންތަ މިއިން ދުވަހަކުވެސް...؟" ބައްޕަގެ އެ ސުވާލަށް ޖަވާބެއް ދޭނެ އަޑެއް އީމާގެ ނެތެވެ. އީމާ ހަލުވާލީ ބޮލެވެ.

އީމާގެ ވިސްނުން އެހުންނަ ގޮތާއި އެހެން އެވި ސަބަބު ސައިފްއަށް ވިސްނެއެވެ.

އެ ދަރިފުޅަކީ ސައިފް އެންމެ ލޯބިވި އިންސާނާއާއި އޭނައާއި ދެމީހުންގެ ކައިވެނިން ލިބުނު ދަރިފުޅެވެ. އެ ދެމީހުންގެވެސް ދޮށީ ދަރިފުޅެވެ. އެދެމީހުންގެވެސް ފުރާނަފަދައިން ގެންގުޅުނު ދަރިފުޅެވެ. ނަމަވެސް މިއަދު އެކައިވެނި އެއޮތީ ރޫޅިފައެވެ.

އެމީހުން އިނީ ހަތްއަހަރުވަންދެން ރައްޓެހިވެގެން އުޅުމަށްފަހުގައެވެ. ނުލާހިކު ލޯބިންނެވެ. ސްކޫލް ދައުރުގައިވެސް އަދި އޭގެ ފަހުންވެސް އެމީހުންގެ ރައްޓެހިންނާއި ދަންނަ މީހުންގެ ތެރޭގައި އެ ދެމީހުންގެ ލޯބީގެ ގުޅުމަކީ މީހުން މިސާލު ޖަހަމުން އައި ގުޅުމެކެވެ. އެކަމަކު އެ ލޯބި އަބަދުގެ އަބަދަކަށް ދެމި ނޯތެވެ. އެމީހުންގެ ކައިވެންޏަށް އީމާ ލިބުނުފަހުން އީމާގެ މަންމައަށް އެހެން މީހަކު ދެކެ ވެވުނު ލޯތްބެއްގެ ބޮޑުކަމުން އަމިއްލަ ކުޑަ ދަރިފުޅާ އެ ދަރިފުޅުގެ ބައްޕައާއެކު އިތުރު މުއްދަތެއް ހޭދަކޮށްލަން އީމާގެ މަންމައަކަށް ނުހުރެވުނެވެ. އީމާގެ އުމުރުން އެންމެ ދެ އަހަރުގައި އެމީހުންގެ ކައިވެނި ރޫޅިއްޖެއެވެ. އީމާ ދޫކޮށްފައި ދިޔައީ އީމާގެ މަންމައެވެ. އޭނަ އައީ އޭނަގެ ދަރިފުޅު ގޮވައިގެން އަމިއްލަ ގެއަށެވެ.

އޭނަ ކިތަންމެ އާދޭހެއް ކުރިޔަސް އީމާގެ މަންމަ އޭނައަކަށް ނުހުއްޓެވުނެވެ.

"ދެން ކޮން އިރަކުން ދަރިފުޅު މަންމަ ކައިރިއަށް ދާނީ. " މާޒީގެ އެހަނދާންތަކުގެ ތެރެއިން ނުކުންނަމުން ސައިފް އޭނަގެ ދަރިފުޅަށް މުޚާޠަބްކުރިއެވެ.

މަންމަ ބަލިނުވިޔަސް، އަދި މާ ޚާއްޞަ ކަންތަކެއް ނުހިނގިޔަސް ހަފްތާއަކު ދެ ދުވަހު މަންމަ ކައިރިއަށް ދާންވާނެކަމަށް ބައްޕަ އަބަދުވެސް ބުނެއެވެ. އީމާވެސް އެކަން ހަނދާން ހުރެއެވެ. ނުދެވެނީއެވެ. ވަގުތު ނުވަނީއެވެ.

"މިރޭ އިރާކޮޅު ދާނަން އިރާދަކުރެއްވިއްޔާ..." މަންމަކައިރިއަށް ދާނެ ގަޑިއެއް އީމާ ކަނޑައެޅީ އާހިލްގެ ފިލާވަޅުތައް ހަދާ ގަޑިއަށް ގެއަށް އާދެވޭ ގޮތަށެވެ. ކޮންމެހެންވެސް ބައްޕަ ބުނީތީ ދާންޖެހޭތީއެވެ.

"އާނ ގޮސްފަ އައިސް އެހެންކަމަށް ވަގުތު ދޭންވާނީ. އެއީ މަންމަ..." ސައިފް ދިނީ ދަރިފުޅަށް ދޭން ޖެހޭ ނަސޭޙަތެކެވެ. އެދެމީހުން ވަކިވެފައި ތިބި ނަމަވެސް މަންމައަށްޓަކައި މިއަދާއި ހަމައަށްވެސް ބައްޕަގެ ހިތުގައި އެއްވެސް ނުރުހުމެއް އުފެދިފައި ނެތެވެ. އެކަމާ އީމާ ޙައިރާންވެއެވެ. ބައްޕަ އަދިވެސް މަންމަ ދެކެ ސިއްރުން ލޯބިވާކަން އީމާއަށް އެނގޭތީ، ޚުދު އޭނަގެ ހިތުގެ ހާލު އޭނަ ޖެހެނީ ސިއްރު ކޮށްގެން ހުންނާށެވެ.

"ބައްޕަ ތަންކޮޅެއް ކުރިން ބުނީމެއްނު ދޯ އެއްވެސް މީހަކު ދޭ އެއްވެސް ލިޔުމެއްގަ ބައްޕައަށް ނޭނގި ސޮއިކޮށްގެން ނުވާނެއޭ. ދޯ. އެއީ މި ބިންކޮޅުގެ ވާހަކަ ބައްޕަ އެ ބުނީ. މިހާރު މިއީ ދަރިފުޅުގެ ތަނެއް. ބައްޕަ ހުންނާނީ ދަރިފުޅުގެ ނަމުގަ ރަޖިސްޓްރީކޮށްފަ. ދަރިފުޅު ދިން މީހަކަށް މިތަން ދެވޭނެ. އެކަމަކު އެހެން ނަހަދައްޗޭ މި ބުނީ. އެނގިއްޖެ ދޯ؟" ސައިފްއަށް އުނދަގޫޥާ އެންމެ ބޮޑު އެއް ކަމަކަށް އަބަދުވެސް ވެފައި އޮންނަނީ އެކަމެވެ.

ސައިފް ޤަބޫލުކުރާ ގޮތުގައި އޭނަ ނުކުޅެދޭމީހަކަށްވެ ނިމިއްޖެއެވެ. ދުނިޔޭގައި ހުއްޓަސް އޭނައަކީ ބޭކާރު މަސްގަނޑަކަށް ވެއްޖެއެވެ. ހުރިހާ އިޚްތިޔާރަކާއި ބާރެއް މިހާރު އޮތީ އޭނަގެ މިހާރުގެ އަންހެނުން ޝިޔާމާއަށެވެ. ކޮންމެ ކަމެއް ވިޔަސް ޝިޔާމާ ދިމާކޮށްލާނީ އީމާއާއިކަން އޭނައަށް އެނގެއެވެ. އީމާއަށް ވިސްނައިދީފަ ބަހައްޓަން ޖެހެނީ އެހެންވީމައެވެ.

"ބައްޕަ ދައްކާ މޮޔަވާހަކަ. ދެން ކާކު އެކަމުގަ އަންނާނީ." ބައްޕަ ފަރާތުން އަންނާން ތިބީ އެންމެ ދެ ބޭބެއެވެ. އެ ދެބޭބެވެސް އުޅެނީ އެމީހުންނަށް ލިބުނު ތަންކޮޅު ހަދާފައި ކުއްޔަށް ދީފައި ގޮސް ރާއްޖެއިން ބޭރުގައެވެ. އެންމެންނަކީ މުއްސަނދިންނެވެ. އެ ބިންކޮޅާހެދި އަންނާނެ އެހެން ބަޔަކު އީމާއަކަށް ނުވިސްނެއެވެ.

"އެކަމުގަ އަންނާނެ މީހާ ރޭގަ އެ އައީ." ބައްޕަ މި ބުނި އެއްޗަކުން އީމާއަށް ސިހުމެއް ލިބުނެވެ.

"އެއީ ކީއްވެ؟" އެވާހަކަ އެ އިވުނީ އީމާއަށް އަލަށެވެ.

"މިތާ ޑެކް އެޅީ ދަރިފުޅުގެ މަންމަ ވިހަންވާއިރަށް މިގެޔަށް ބަދަލުވާންވެގެން. އޭރު ބައްޕައަތުގަ ފައިސާ ތަންކޮޅެއް ދަތިކޮށް އުޅޭތީ ބައްޕައަށް މިތަން ހަދާދިނީ އޭނަ ހިންގި ކުންފުނިން. މަންމަ ތިމާގެ މީހެއް ވީމަ ކޮށްދިނީ ހިލޭ. ދުވަހަކުވެސް އެ ފައިސާ ހޯދާގޮތަކަށް ނޫން ކުރީކީ. އެކަމަކު ފަހުން މަންމަ އާއި ބައްޕަ ވަކިވީފަހުން އޭނަ އޮތީ ކޯޓަށް އެ މައްސަލަ ހުށަހަޅާފައި....." ސައިފް އޭނަގެ ދަރިފުޅަށް އެމީހުންގެ މާޒީން ތަންކޮޅެއް ކިޔައިދެމުން ދިޔައެވެ.

"ދެން ކީއްވެ ބައްޕަ ފަހުން ނުދިނީ." އީމާ ކަންބޮޑުވިއެވެ. މިހާރު އޭގެ ފަހުން ބާވީސް އަހަރުވެއްޖެއެވެ. އެ ހުންނަންވާނީ އީމާ ގަބޫލުކުރާގޮތުގައި ދެވިފައެވެ.

"ބައްޕަ އޮންނާނީ ބުނެފަ ދޭނަމޭ. އެކަމަކު އޭރު ބައްޕައަތަކު ނެތް އެވަރަށް ދެވޭކަށް...." ސައިފްއަށް އޭނަގެ ކުށް އިހްސާސް ވިއެވެ.

"ބައްޕަ ކުންފުނި ހެދީ ކޮންއިރަކު...؟" އީމާ އޭނަގެ އަމިއްލަ ހިސާބުތަކެއް ސިކުނޑީގައި ހަދާލިއެވެ.

"އެއީ ދަރިފުޅަށް ފަސްއަހަރުވެސް ވީފަހުން. ބައްޕަ ފަހުން ދޭން އުޅުނީމަ އޭނަ ފައިސާ ބޭނުމެއް ނުވި. އޭނަ ބޭނުންވަނީ މިތަން. ދިގުމުއްދަތަށް އޭނައަށް ދިނުމަށް. މިނޫން އެހެން ކިތަންމެ ފަހަރަކުވެސް އޭނަ އައިސްފި މިގެއަށް. އަނެއްކާވެސް އެފެށީ އަންނަން. " ސައިފްއަށް ވާނެނަމަ އޭނަ އެކަން އެންމެ ދުވަހަކުންވެސް ހައްލު ކޮށްދޭނެއެވެ. އެހާވެސް އެކަމުގެ އުނދަގޫ ސައިފްއަށް އިހްސާސް ކުރެވެއެވެ.

އީމާ ވަކި އެއްޗެއް ނުބުނެއެވެ. ވިސްނާލަން އިނީއެވެ. އޮތީ ހިމޭން ކަމެކެވެ.

"އޯކޭ. ބައްޕަ ކަންބޮޑުނުވޭ. އެކަހަލަ ކަމެއް ނުކުރާނެ އީމާ. ބައްޕަގެ ސައިތަށި ނައެއްނު ދޯ. އަންނާނަން ޚަބަރު ބަލާލާފައި. ވަރެއްގެ މީހެއް އިނގޭ އެއީ." ކުއްލިއަކަށް އިންތަނުން ފުންމައިގެން ތެދުވެ މިހެން ބުނެލިއިރު އީމާ ހުރީ ހިނިތުންވެގެންނެވެ. މާ މުހިއްމު ވާހަކައެއް ދެންމެ ދެއްކިހެންވެސް ހީނުވެއެވެ.

ސައިފް ހައިރާންވެއެވެ. އެހާ އަވަހަށް އީމާގެ މޫޑް ބަދަލުވީއެވެ. އުޅެން ޖެހިފައި އޮތް ދިރިއުޅުމާއި އަޅާބަލާއިރު އެހާ ހިތްވަރުގަދަ ކުއްޖަކަށް އީމާ ވީތީ ސައިފް އުފާވެސް ކުރެއެވެ. އެކަމަކު ބައެއްފަހަރަށް ފިކުރުބޮޑުވެއެވެ. އެގޮތަށް އީމާ އުޅޭކަމަށްވާނަމަ އީމާގެ އަމިއްލަ ހިތުގެ ޙާލު ދުވަހަކުވެސް މީހަކަށް ނޭނގޭނެއެވެ. ޚުދު އޭނައަށްވެސް ނޭނގެއެވެ. މިހާރުވެސް އެވީ އެހެންނެވެ. އީމާ އެދިޔައީ ބައްޕަގެ ހިތަށް ލުއިކޮށްދީފައެވެ. އަމިއްލައަށް އެ ބުރަ އަމިއްލަ ހިތުގައި ރައްކާކޮށްގެންނެވެ.

***

އީމާގެ މަންމަގެ ގެ ހުންނަނީ އެސްޓީއޯގެ ހެޑްއޮފީހާއި ދިމާކުރިމަތީގައި އޮންނަ ގޯޅިތެރޭގައެވެ. އެހިސާބަށް އީމާއަށް ފޯރިއިރު އެރޭގެ ހަތެއް ކިރިޔާ ޖެހީއެވެ. އެގެއަށް ވަނުމުގެ ކުރިން ގަޑިއަށް ބަލާލިއިރުވެސް ހަނދާނުގައި ހުރީ އަށެއްޖަހަންވާއިރަށް ގެއަށް ދިއުމުގެ ގަސްތެވެ.

މަންމަ އުޅޭ ފްލޯރއަށް އީމާއަށް އެރުނުއިރު ހުނުމާ ސަކަރާތުގެ އަޑު އިވެއެވެ. މަންމަގެ އަޑު އީމާއަކަށް ނޯޅުނެވެ. ކޮންމެވެސް ބަޔަކާއެކު ވާހަކަތަކެއް ދައްކަ ދައްކާފަ އެންމެންވެސް އިވެނީ ހޭއަޑެވެ. އެގެއިން އެ އަޑުތައް ނީވޭ ވަގުތެއްގައި އީމާއަށް އާދެވިފައެއް ނެތެވެ.

އީމާ އެގެއަށް އަންނަން ބޭނުން ނުވާ އެންމެ ބޮޑު މަޤްޞަދަކީ އެއީކަން އެވަގުތުވެސް އީމާ ހަނދާން ވިއެވެ. މަންމަގެ ގެއަކީ ދުނިޔޭގެ އެއްވެސް ކަންބޮޑުވުމެއް ފިކުރެއް ކުރަން ނުޖެހޭ ބަޔަކު އުޅޭ ގެއެއް ފަދައެވެ. ސައުވީސް ގަޑިއިރުވެސް އެގޭ މީހުންނަކީ ހުނުމާ މަޖަލުގައި އުޅޭ ބައެކެވެ.

ހަށިފުރާ ފުރިހަމަ ނޭވައެއް ލާފައި އީމާ ބެލް އަޅާލިއެވެ. އެއްފަހަރަކުން އަދި އެކަކުގެވެސް ސަމާލުކަމަށް ބެލް ނައަންނަ ކަހަލައެވެ. ދެވަނަފަހަރަށްވެސް އީމާ ބެލް އަޅާޅިއެވެ.

"ނިންނި ބަލާލަބަލަ ކާކުތޯ އެއީ." އެތެރެއިން އެ އިވުނީ މަންމަގެ އަޑެވެ.

ހިނދުކޮޅެއްވެސް ނުވެއެވެ. ދޮރު ހުޅުވައިފިއެވެ. އެއީ މަންމަގެ ދެވަނަ ދަރިފުޅެވެ. އުމުރުން ސޯޅަ އަހަރުގެ ރީތި ރީތި ލޯބި ލޯބި ނީނާއެވެ.

އީމާއަށް އޭނަގެ ކޮއްކޮ ފެނުމާއެކު ރީތި ހިނިތުންވުމަކުން ހީލިއެވެ.

"މަމީ...ދޮންތަ އައިއްސި...." ދެބެއިން ވަކިން އުޅުނު ނަމަވެސް ނީނާގެ ދޮންތައެއް ހުރިކަން މަންމަ އޮންނަނީ ނަސީބަކުން އަންގަދީފައެވެ.

އީމާ އައިސްހުރި ކަމުގެ އިޢުލާން ކުރުމާއެކު ދޮރުމައްޗަށް ނާއިލާ ނުކުތެވެ.

"އީމާ ހާދަ ދުވަހެއްކޮށްލާފަ ތިއައީ...؟" އީމާ ފެނުމާއެކު ނާއިލާ ޝަކުވާ ކުރިއެވެ.

"އަހަރެން ނަޔަސް މަންމައަށް ވަކި ދެރައެއް ވޭތަ؟" މިހެން އަހަން އީމާ ބޭނުން ވިއެވެ. އެކަމަކު އަނގަޔަކުން ނުބުނެއެވެ. ލުއިހިނިތުންވުމެއްގައި ހުރީއެވެ.

"ވަދޭވަދޭ. މިއަދު ހަވީރު މިގޭގަ ކުޑަ ސައެއް ހަދާލައިގެން މި އުޅެނީ. މަންމަ ހުރީ ގުޅަން. އެކަމަކު އުޅެންޖެހުނުލެއް ބުރަކަމުން ހަނދާނުން ކައްސާލީ. އެހެން ނޫނަސް އީމާ އަންނާނީވެސް ހިތަށް އެރިއްޔާކަން މަންމައަށް އެނގޭ." ސިޓިންރޫމަށް ވަދެ އަދި ތަނެއްގައި ފޫނުޖެހިގެން އުޅެނިކޮށް ހުރިހާ ވާހަކައެއް ދައްކައި ނާއިލާ ނިންމާލިއެވެ.

މަންމަ އެބުނި ކަހަލަ ކުޑަ ސަޔެއް އެގޭގަ ނޯންނަ ދުވަހެއް ނުދާނެއެވެ. އެކަންކަން އެގޭގައި އޮންނަނީ ފިކުރެއް ޚިޔާލެއް ނެތި އުޅޭ މުއްސަނދި ހުރިހާ ގެއެއްފަދައިންނެވެ. އެއީ އީމާއަށް އޮޅޭ ކަމެއް ނޫނެވެ. އެކަމުގަ އީމާގެ މައްސަލައެއްވެސް ނެތެވެ.

އެކަމަކު އެގެއަކީ އީމާއަށް އިންތިޒާރު ކުރާ މީހަކު ހުރި ގެއެއް ނޫނެވެ. އީމާ ނައިސްގެން ހޯދާ މީހަކު ހުރި ގެއެއް ނޫނެވެ. އީމާއާއި ވަކިން އުޅެންޖެހޭތީ ދެރައެއްވާމީހަކު ހުރި ގެއެއް ނޫނެވެ. ވީއިރު އެގޭގައި ބާއްވާ ޙަފްލާތަކުގައި ބައިވެރިވާން އޭނަ އަންނަން ޖެހޭނެ ކަމަކަށް އީމާ ގަބޫލެއް ނުކުރެއެވެ. ދަޢުވަތުތައް ދިނަސް އޭނަ ނައަންނަނީ އެހެންވެގެންނެވެ.

އެއީ އޭނަގެ މަންމައެވެ. އެކަމަކު މަންމައާއި ބައްދަލުކުރަން އޭނަ އަންނަ އެއްވެސް ފަހަރެއްގައި މަންމައަކާއި ދަރިއަކު ބައްދަލުވާ ވައްތަރެއް އީމާއަކަށް ނުޖަހައެވެ. ބޮޑަށް ވައްތަރުވަނީ ތިމާގެ ގެއަކަށް އޭނައަށް ދެވޭހެންނެވެ. މަންމައަކާއި ދަރިއަކު ދައްކަން ބޭނުންވާނެ ވާހަކަތަކެއް އެ ދެމެދުގައި ނުދެކެވެއެވެ. މަންމައަކު ދަރިއަކު ކުރެން އަހާނެ ސުވާލުތަކެއް އީމާއަކާ ނުކުރެއެވެ. މަންމައާއި ވަކިން އުޅޭ އަންހެންދަރިއަކާއި ދޭތެރޭ މަންމައަކު ވާނެކަހަލަ އެއްވެސް ކަންބޮޑުވުމެއް މަންމަ ނުވެއެވެ. ކުޑައިރު ނޭނގުނު ނަމަވެސް މިހާރު އޭނައަށް އެކަންކަން އެނގެއެވެ. އަހަރުތަކެއް ކުރީއްސުރެން އޭނަ ބަދަލުވާންފެށި ސަބަބަކީއެވެ.

މިއީ ހައްތާވެސް އޭނަ މަންމަގެއަށް އަންނަހިތްނުވާ ސަބަބުތަކެވެ. އެކަމަކު އޭނައަށް އެހެން ބުނެވެން ނެތީއެވެ. ހިމޭނުން އިނދެލާފައި ދިއުން އޭނައަށް މާ ރަނގަޅެވެ.

ހިނިތުންވެލައިގެން އިން އީމާ ހިތަށް ބައިވަރު އެއްޗެހި އެރިއެވެ. ވަށައިގެން ހުރި ސޯފާތަކުގައި ތިބި މީހުން ޖަހާ ސަކަރާތާއި ދައްކާ ވާހަކަތައް އީމާއަކަށް ނީވެއެވެ.

"އީމާ...އަދިވެސް ނުވިސްނަންތަ ކިޔަވަން ފަށާކަށް. މިހާރު ލޯންވެސް އެބަދޫކުރެއެއްނު ހަޔަރ އެޑިއުކޭޝަނުން. ޑިޕްލޮމާ ނިންމާލާފަ ހުއްޓަކަސް މިޒަމާނުގަ އެއީ ގްރޭޑް ހަތެއްގެ ފެންވަރު ހަމަ، ދެން އަވަހަށް އުމުރުން ބޭކާރު ދުވަސްތައް ނަގާނުލާ އެއަށް އެޕްލައިކޮށްގެން އެކަމާ އުޅެބަލަ...." އީމާގެ ކުރިމަތީގައި ހުރި ސޯފާގައި އިނދެފައި ތެދުވެގެން ހިނގައިގަންނަމުން އީމާގެ މަންމަ ނާއިލާ ދެއްކީ މިފާއިތުވި ތިން އަހަރުވެސް އީމާގެ ކިބައިން އެދެމުން އަންނަ ކަމަކަށެވެ. އެނޫނީ މަންމަ އެގޮތަށް ކިޔާ ކަމެއް ނޯންނާނެއެވެ.

"ދޮންތަ ކުރިންވެސް ބުންޏެއްނު ދޮންތަ ކިޔަވާނީ ފަހުންނޭ." ނީނާ އޭނަގެ ދޮންތަގެ ދިފާޢުގައި ވާހަކަ ދެއްކިއެވެ.

"އެހެން ހުއްޓާ ވަގުތު ފާއިތުވާނީ. ކިޔެވޭނީވެސް ޅަ އުމުރުގަ. ފަހަކުން ނުކިޔެވޭނެ. އަހަރެމެން މިހާރުވެސް ދެރަވޭ އޭރު ނުކިޔަވާ މީހުންނާ އިނދެވުނީމަ." މަންމަގެ މި ޖުމްލައާއެކު އީމާއަށް އިންގޮތް ބަދަލުކޮށްލެވުނެވެ. ހިތްހަމަނުޖެހުން ފާޅުވެގެން ދިޔައެވެ.

އެބަސް މަންމަ ނުބުނާނެ ދުވަހެއްގަވެސް އެގެއަކަށް ނާދެވޭނެއެވެ. ކޮންމެ ކަމަކާ ގުޅުވައިގެންވެސް އެހެން ބުނެލަން މަންމަ ކޮންމެހެންވެސް އަބަދުވެސް ބޭނުން ވެފައި ހުންނަ ކަހަލައެވެ. ސީދާ ބަހުން ނުބުނި ކަމުގައި ވިޔަސް، ބައްޕައާއި ކައިވެނި ކުރެވުމާއި އެ ކައިވެންޏަށް ދަރިއަކު ހޯދުނުކަން އެއީ މަންމައަށް ހުރި ބޮޑު ދެރައެއްކަމަށް ކޮންމެހެންވެސް މަންމަ ބުނާނެއެވެ.

އީމާ ހިތަށް އަރައެވެ.

ހަގީގަތުގައިވެސް މަންމައަށް އެ ކުރެވޭ ކަންތަކާއި އެ ދެއްކޭ ވާހަކަތަކުގެ ހުރި ގޯސްކަން ހަމަ ނޭނގެނީބާވައެވެ. ޚުދު އޭނަގެ ކަންފަތަށް އެ އަޑުތައް އިވޭކަމަށްވާނަމަ މަންމައާއި ދޭތެރޭ ދުރުކަމެއް އޭނަގެ ހިތުގައި އުފެދޭނެކަން މަންމައަށް ނުވިސްނެނީބާއޭ އީމާ ހިތަށް އެރިއެވެ.

އީމާ އެގޭގައި ހޭދަކުރީ ފަނަރަވަރަކަށް މިނެޓެވެ. އެހެން ފަހަރަކުން އަންނާނެ ކަމަށް ބުނެފައި ދާންވެގެން އީމާ ތެދުވިއެވެ. އެއާއެކު ނީނާވެސް ތެދުވެއްޖެއެވެ. އާދައިގެ މަތިން ނީނާ ގައިގަ މަޑުމަޑުން ބައްދާލާފައި ވަކިވުމުގެ ސަލާމް އީމާ ކުރިއެވެ. މަންމަ އަދި ކޮންމެ ގޮތަކަށް ކަންތައް ކުރިކަމުގައި ވިޔަސް، އޭނަ ދެކެ އިންތިހާއަށް ލޯބިވާ އެ ކޮއްކޮއާއި އޭނަގެ ދެމެދުގައި އެއްވެސް ދުރުކަމެއް އޮންނާކަށް އީމާ ނޭދެއެވެ. އެހެން ވެދާނެތީ، އެހެން ނުވާނެ ހުރިހާ ކަމެއް އީމާ ކުރެއެވެ.

މަންމަގެއިން ނުކުމެ ބޮޑު ދޮރު ލައްޕާލާފައި އީމާ އެޅި ފުރަތަމަ ފިޔަވަޅުވެސް އެޅުނީ މީހެއްގެ ފައިތިލަ މަތީގައެވެ.

"ސޮރީ...ސޮރީ...ސޮރީ...." މިހެން ބުނަމުން ބުނަމުން އެނބުރި ބެލުނީ އެމީހެއްގެ ފަޔަށެވެ. ކައިރި ގެތަކުން ދިއްލާފައިވާ ލައިޓްތަކުގެ އަލީގައި އީމާއަށް އެ ފައިތިލަ ފެނުނެވެ. އެއީ ދެވަދުލީ ފައިވާނަކަށް އަރައިގެން ހުރި ރީތި ރީތި ދޮން ފައިތިލައެކެވެ. ފިރިހެނެއްގެ ފައިތިލައެކެވެ.

"އިޓްސް އޯކޭ..." އެ އަޑު އީމާގެ ހިތުގައި ރަނގަބީލެއް ޖެހިފަދައެވެ. އިސްއުފުލާ އެމީހެއްގެ މޫނަށް އީމާ ބަލާލީ އެހިސާބުންނެވެ.

އީމާއަށް ހީވީ ރަނގަޅަށެވެ. އެއީ އެއްކަލަ ރީތި މީހާއެވެ. އެއަރޕޯޓުން ދިމާވިމީހާއެވެ. އެ ނަން ނޭނގޭ މީހާއެވެ.

"ވަޓް އަ ކޯއިންސިޑެންސް ދޯ. ސޭމް ޑޭ. ޓްވައިސް. މަސްޓް ބީ ސަމްތިންގ. ނޫންތަ؟" އެ ޒުވާނާ ބުނީ އެހެން ކަމަށްވިޔަސް އީމާއަށް ޖަވާބެއް ދެވޭވަރެއް ނުވިއެވެ. އަނދިރި ކުލައެއްގެ ޓީޝާޓަކާއި ކަކުލާއި ހަމައަށް އޮތް ސޯޓެއް ލައިގެން، ތެމިފޯވެފައި ހުރި އެ މީހާ އެގޮތަށްހުރިއިރުވެސް ރީތިކަމުން ބެލެނީއެވެ. ހީލައިގެން ވާހަކައެއް ދެއްކިކަން އީމާއަށް އެނގުނެވެ. އެކަމަކު އެ ބުނި އެއްޗެއް އެހާ ބޮޑަކަށް އީމާއަކަށް ނުވިސްނުނެވެ. އީމާއަށް ބެލުނީ އެ ރީތި ހީލުމާއި އެ ރީތި ދަތްތަކެވެ. އިޚްތިޔާރެއް ނެތިއެވެ. "ހެލޯ...ކިހިނެއްވެފަ...؟" އީމާގެ ލޯކުރިމަތީގައި މަޑުމަޑުން އަތްހޫރާލަމުން އެމީހާ އެހިއެވެ.

"އޯވ. ސޮރީ...." އީމާއަށް ހަމަ ވިސްނުނެވެ.

"އިޓްސް އޯކޭ. މިއީތަ ގެ. އެކަމަކު އަހަރެން ނުދެކެން މި ނޫނީ. ދެޓްސް މައިން. " އީމާގެ މަންމަގެ ގެއާއި ޖެހިގެން ހުރި ދިހަ ބުރީގެ ބޮޑު ގެއަށް އިޝާރާތް ކޮށްފައި އެޒުވާނާ ބުނެލިއެވެ.

"މިހިސާބެއް ނޫން. މިގެއަށް އައީ." ހަގީގަތް ބުނާކަށް އީމާ ބޭނުމެއް ނުވިއެވެ.

"އެހެންދޯ. ބައިދަވޭ....އައިއެމް އިއާން. ޔޫ އާރ...؟" ސަލާމް ކުރަން އަތްދިއްކުރަމުން އެ ރީތި އަޑުން ބުނެލި އަޑު އީމާއަށް އިވުނެވެ. އެ ނަން އިވިފައި ހީބިހި ނަގައިގެންދިޔަކަން އީމާއަށް އިހްސާސް ވިއެވެ.

"އީމާ...." އިއާން ދިއްކޮށްގެން ހުރި އަތްތިލައިގައި އީމާ ހިފިއެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular