"އީމާ...." އިއާން ދިއްކޮށްގެން ހުރި އަތްތިލައިގައި އީމާ ހިފިއެވެ.
"ތިހާ ރީތި ކުއްޖަކު ކީއްކުރަންތަ އެކަހަލަ ޖޮބެއްގަ އުޅެނީ؟ ވަރަށް ހިތަށް އަރާ ސުވާލެއް މިއީ." އީމާގެ ރީތި ސާފު ދޮން މޫނާއި ކަޅުކަންގަދަ އިސްތަށިގަނޑަށް ނަޒަރު ހިންގާލަމުން އިއާން އެހިއެވެ.
"ނޭނގެ ދޯ..." އީމާ ކުޑަކޮށް ހީލިއެވެ.
"ދެން ކޮން އިރަކުން ދިމާވާނީ...؟" އިއާންގެ މި ސުވާލުން އީމާ ހައިރާންވިއެވެ. އެހެންނަމަވެސް ހައިރާންވިގޮތް ނުދައްކައެވެ.
"މިހެން އުޅެލާފަ ދިމާވާނެނު. ކިހިނެއްވީ އެހެން ތި އެހީ.." އެހެން ކޮންމެ މީހަކުވެސް ބޭނުންވާނެ ފަދައިން އީމާވެސް ބޭނުންވީ އިއާން އެހެން އެބުނި ސަބަބެއް އެނގޭށެވެ.
އީމާ ދެކޭ ގޮތުގައި، އިހަށްދުވަހު ދިމާވި މީހަކާ އިއާން އެ ސުވާލު ކުރަންވާނީ އިއާންއަށް ވަރަށް މުހިއްމު ވެގެންނެވެ.
"ކޮފީއަކަށްވެސް ދެވޭނީ އޭރުންނެއްނު....މިރޭ ފްރީތަ...؟" އިއާން އެ ހުންނަނީ ހާދަ އަވަހެއް އަރުވާލާފައޭ އިނާގެ ހިތަށް އެރިއެވެ.
"ގެއަށް ގޮސްލާފަ އެނގޭނީ...." އީމާ ބުނީ ހަގީގަތަށެވެ.
"އޯކޭ.....ގުޅާލައްޗޭ. އައްދެ އެހެން އަދި ބުންޏަކަސް ނުގުޅޭނެއޭ ދޯ. ދީބަލަ ފޯން..." އެއްވެސް ޖެހިލުން ވުމެއް ނެތި އިއާން އެދުނެވެ.
އީމާވެސް ޖީބުން ފޯން ނަގާ ދިއްކޮށްލިއެވެ.
"މިއީ އަހަރެން ނަންބަރު. ގުޅާލާތި އިނގޭ. " އީމާ ފޯން ދިނުމުން އެ ފޯނުން ނަގްބަރަކަށް ޑައިލް ކޮށްލާފައި އިނާއަށް ދިނެވެ.
"އޯކޭ. ސީޔޫ ސޫން.." ހެވިފައި ހުރެގެން އިއާން ހިނގައިގަތެވެ.
ހުރިހާ ގޮތަކުންވެސް އަޖައިބުވާކަހަލަ މީހެކޭ އީމާގެ ހިތަށް އެރިއެވެ. އެކަމަކުވެސް ފޫހިވާ ކަހަލަ ގޮތަކަށް ނޫނެވެ. އިތުރަށް ޝައުޤުވެރިވާ ކަހަލަ ގޮތަކަށެވެ.
އީމާ ގޮސް ސައިކަލް ސްޓާޓް ކުރިއިރު ހުރެވުނީ ރަކި ހިނިތުންވުމެއްގައެވެ. ވާން އުޅެނީ ކިހިނެއްކަމެއް ޔަގީންކަމާއެކު ބުނަން ނޭނގުނު ނަމަވެސް އެވަގުތަށް އީމާ ހުރީ އުފަލުންނެވެ.
***
ހަފްތާއަކަށްވުރެ ވެސް ގިނަ ދުވަސް ވެއްޖެއެވެ. ގުޅާށޭ ކިޔާފައި އިއާން ނަންބަރު ދިން ނަމަވެސް އެ ނަންބަރަށް އީމާ ނުގުޅައެވެ. އެންމެ މަގްޞަދެއްގައެވެ. އިއާން ގުޅާތޯ ބަލަންވެގެންނެވެ.
ފޯން ހިފައިގެން އެނދުމަތީގައި އޮތް އީމާ ތެދުވެ ހަމަޖެހިލިއެވެ. ހަފްތާއެއްވަންދެން ބެލުނު ނަމަވެސް ދެނެއް އީމާއަކަށް ނުހުރެވުނެވެ. އިއާން ޑައިލް ކުރި ނަންބަރަށް އީމާ ގުޅާލިއެވެ.
ރިންގުވެއެވެ. އަދި ހަތަރުވަނަ ރިންގާއެކު އެކޮޅުން ފޯން ނެގިއެވެ.
"ހައި އީމާ....." އީމާއަށް އިވުނީ ޝައުޤާ ޖޯޝާއެކު ހުރި އަޑެކެވެ.
"ހައި....." އީމާވެސް ގޮވާލިއެވެ.
"ވަރަށް ރަނގަޅު ވަގުތެއްގައި ތި ގުޅާލީ. ކޮބާ ކޮންއިރަކުން ދިމާވާނީ...؟" އިއާންގެ މި ސުވާލުން އަނެއްކާ މިރޭވެސް އީމާއަށް ލިބުނީ ހައިރާންކަމެކެވެ.
އިއާންއަށް ހަމަ އެހާ އޭނަ މުހިއްމުވަނީބާވައެވެ؟ އެހެންވެއްޖެނަމަ އިއާން އމިއްލައަށް ނުގުޅާ އެ ހުންނަނީ އެހެންވީއިރު ކީއްވެބާއޭ އިނާގެ ހިތަށް އެރިއެވެ.
"މިހާރުވެސް ދިމާވެދާނެ. " އީމާ ގުޅީވެސް އިއާން ދެކޭހިތުންނެވެ. އިއާން އެހެރީ ދިމާވާން ބޭނުން ވެފައެވެ. އެދެމެދަށް އެއްވެސް ލަސްކަމެއް ގެންނާކަށް މުހިއްމެއް ނުވިއެވެ.
"ދެޓްސް ވެރީ ގުޑް. ބުނެބަލަ ތި ގެ ހުންނަ ހިސާބެއް." އިއާންއަށް ހަމަޖެހުމެއް ލިބުނުހެން އެ އަޑުން ހީވިއެވެ.
"މިއީ.....މިއީ އެންމެ ހެންވޭރު. ވަރަށް އުނދަގޫ ގޯޅިގަނޑެއްގެ ތެރޭ މިގެ ހުންނާނީ." އީމާ އެހެން ބުނީ ސީދާ އެ ގެއަކީ ކޮބައިކަން ނުބުނާން ވެގެންނެވެ. އިއާން ބުނި ތަނަކަށްވިއްޔާ އީމާ ދާނެއެވެ. އެކަމަކު އެގެއަށް އިއާން އަންނާކަށް އީމާ ބޭނުމެއް ނުވިއެވެ.
"އެންމެ ރަނގަޅު. ލޮނުޒިޔާރަތްމަގު ނިމޭކޮޅަށް ނިކުމެވޭނީ ކިހާ އިރަކު؟" އިއާން ހީވަނީ ވަކި މިޝަނަކަށް ތައްޔާރުވެގެން އުޅޭހެންނެވެ.
"ދިހަ މިނެޓް" އިއާންގެ ވާހަކަ އެ ހުންނަ އަވަސް ގޮތަކުން ހިތުގައި ޝައުޤެއް އުފެދެމުން އައި ނަމަވެސް އެކަން ނުދައްކާން އީމާ މަސައްކަތް ކުރަމުން ދިޔައެވެ. ވީހާވެސް ކުރު، ތަފްޞީލެއް ނެތް ޖަވާބު އީމާ ދެމުން ދިޔައީ އެހެންވެއެވެ.
"ދެޓްސް ފެންޓާސްޓިކް. އެތަނަށް އަވަހަށް ނުކުމެބަލަ. މި ދަނީ. އޯކޭ؟" ބުނާނެ ހުރިހާ އެއްޗެއް ބުނެ ނިންމާފައި އޯކޭހޭ އިއާން އެހުމުން އީމާގެ ގާތަށް އައީ ލުއި ހިންޏެކެވެ.
"އޯކޭ....." އެއްވެސް ވަރެއްގެ ދެކޮޅު ހެދުމެއް އީމާގެ ނެތެވެ.
އީމާ ހުރީ ދެންމެ ބޭރުން އައި ގޮތަށެވެ. އަށެއް ޖެހިއިރު ބޭރަށް ދާން ރީތިވި ގޮތަށެވެ.
އަވަހަށް ތެދުވެ ޑްރެސިންގ ޓޭބަލް ކައިރިއަށް ޖެހި އީމާ ކުޑަކުޑަކޮށް ރީތިވެލަން ފެށިއެވެ. މޫނުގައި ފުށްކޮޅެއް ޖެހިއެވެ. ލިޕްސްޓިކް އާކޮށްލިއެވެ. ބޮލަކީ ފަން އިސްތަށިގަނޑެކެވެ. ގޮތެއް ހަދާކަށް ނުޖެހޭނެއެވެ. އަތުން ފުނާ އަޅާލިއެވެ. އޮތީ ކުރުކޮށް ކޮށާލާފައި ކަމުން އިސްތަށިގަނޑަށް ހެދޭނެ މާ ބޮޑު ގޮތެއް ނެތެވެ. ނަމަވެސް މިރޭ ކޮންމެވެސް ގޮތެއް ބޮލަށް ހަދާހިތް އީމާ ވިއެވެ.
ޑްރެސިންގ ޓޭބަލްމަތީ ހުރި ކުޑަ ދަޅެއް ހުޅުވާލާފައި ދައްޗެއް ނަގައިފިއެވެ. ލައިގެން ހުރި ގަދަ ވިލު ކުލައިގެ ޓޮޕްކޮޅާއި ގުޅޭތޯ ބަލަން އެ ޓޮޕްކޮޅުގައި ޖެއްސިއެވެ. އެއީ ހެދުމަށްވުރެ ކުލަ ފަނޑު ދައްޗެކެވެ. އީމާއަށް ކަމުދިޔައެވެ.
ޓިސްދައްޗެއް ޖަހާހެން ނިތްކުރިމަތިން ތަންކޮޅެއްގައި އީމާ އެ ދަތި ޖެހިއެވެ. ބޮލުގެ ފުށްކިބައަށްވުރެން ދެ ކަންފަތާ ދިމާލުން ދިގުވެފައި އޮންނަ ގޮތަށް ކޮށާލާފައި ހުރި އީމާގެ އެ ރީތި އިސްތަށިގަނޑަށް އެ ގެނައި ކުޑަކުޑަ ބަދަލުގެ ސަބަބުންވެސް މުޅި މޫނުގެ ސިފަ ބަދަލުވިހެން އީމާއަށް ހީވިއެވެ.
އިއާން އެ ބުނިހެން އޭނައަކީ ހަޤީގަތުގައިވެސް ރީތި އަންހެންކުއްޖެއްކަންނޭނގެއޭ އީމާ ހިތަށް އެރިއެވެ. ރަކިވެ ލަދުގަނެގެން ދިޔައީ ކައިރީގައި އިއާން ހުރި ފަދައަކުންނެވެ.
"ކިހާ ދެން ދެރަވެއްޖެކަމެއްތަ އަޅެ. އަބަދު ތިކަހަލަ ކޮންމެވެސް އެއްޗެއް ކާލާ ކާލާ ތި އިންނަނީ. މިހާރުވެސް ޑޮކްޓަރުން އެ ކިޔަނީ ބަރުދަން ލުއިކުރުވާށޭ. ނޭނގެނީތަ ހަމަ އެވަރު...." އިއާންއާއި ދޭތެރޭ ވިސްނާލުމުން ބުނަން ނޭނގޭ ފޮނި މީރުކަމެއް އިހްސާސްކުރެވިފައި ހުރި އީމާއަށް، ސިޓިންރޫމުން މި އަޑު އިވުމާއެކު މޫނުގެ ކުލަ ފަނޑުވެގެން ދިޔައެވެ.
ކަންތަކާ ޖެހުނީއޭ އީމާގެ ހިތަށް އެރިއެވެ.
"ބަލަ އޭނަ ތި އެއްޗެހި ހޯދާފަ އެ ހުންނަނީވެސް ތިހެން ހަދަން. ހަލާކު ކުރަން ވެގެން. އާނ އޭނަ އެ ހުންނަނީ ޕަރީއެއްހެން. ދެން އޭނައަށް ރަނގަޅުވާނީ އަހަރެމެން ކޮންމެވެސް ބޮޑު ބައްޔެއްގެ ޝިކާރައަކަށް ވެގެން އަވަހަށް މަރުވިއްޔާނު. މިހާރުވެސް ލިބިފައި ހުރި ވަރު މަދުވެގެން އުޅޭ އަންހެނެއް އެއީ." އެއީ އީމާގެ ދޮންމަންމަގެ އަޑެވެ. އާހިލްއަށް އެއްޗެހި ކިޔަނީއެވެ.
"ނުކައި ހަމަ މިހާރުގޮސް ބަހައްޓާ. ބަހައްޓާފަ އެތާ ހުންނާނެ ބަތާ ގަރުދިޔަޔާ. ތިހާ އެއްޗެއް ކާހިތްވަންޏާ ބަތާ ގަރުދިޔަޔާ ގޮސް ކައި. ނޫނޭ....މިރޭ އެއްފަހަރު ކެއީމެއްނު. ދެން ކާނެކަމެއް ނެތް. ފެންބޮއިގެން ގޮސް ނިދަން އޮށޯވޭ. ހެނދުނު ހެނދުނާ ސްކޫލަށް ދާންޖެހޭކަން ނޭނގެނީތަ." ހުއްޓުމެއް ނެތި އަޑުގެ ކޮޅަށް މަންމަ ހަޅޭއްލަވަމުން ދިޔައެވެ.
އީމާ ގަޑިބަލާލިއިރު ދިހަގަޑި ބައިވެ ބޮޑުވެއްޖެއެވެ. މީހަކު އަޅާނުދިނަސް އާހިލް ހުންނާނީ ގައިމުވެސް މިހާއިރު ވާއިރު އަމިއްލައަށް ކައިގެންކަން އީމާއަށް އެނގެއެވެ. ދެން މިހާރުވެގެން އެ އުޅެނީ ކިހިނެއްކަންވެސް އީމާއަށް ވިސްނައިގަނެވުނެވެ.
އާހިލްއަކީ އޮށޯތަސް ފަސޭހައިން ނިދޭވެސް ކުއްޖެއް ނޫނެވެ. އެހެންވެ އާދައިގެ މަތިން ކޮންމެވެސް ސްނެކެއް ޖަހާލަން ބޭރަށް ނުކުމެ އުޅެނިކޮށް މަންމައާއި ދިމާވީކަމަށް ނޫނީ ނުވާނެކަން އީމާއަށް ޔަގީން ވިއެވެ.
ރަނގަޅެވެ. އާހިލް ހިކެން ޖެހެއެވެ. އެކަމަކު އެކަމަށޭ ކިޔާފައި މަންމައަކީ އެއްވެސް މަސައްކަތެއް ކުރާ މީހަކަށް ނުވާއިރު އެ ވައްތަރަށް އާހިލްއާއި ދިމާލަށް އަޑުގަދަކުރަނީ ކީއްކުރަންހޭ އީމާގެ ހިތަށް އެރިއެވެ. އެ މަންމައަކީ އާހިލްއަށް ބޭނުންވާ ކާއެއްޗިއްސާ އެއްޗެހި ހޯދައިދޭ މީހެއް ނޫނެވެ. ރަނގަޅެވެ. ތިން އިރަށް ގޭގައި ކޮންމެވެސް އެއްޗެއް ކައްކާނެއެވެ. އެކަމަކު އެއީ ހަމަ އެކަނި ބަތާއި ރޮށްޓާއި ގަރުދިޔައާއި ރިހައިގެ ތެރެއިން ބާވަތެކެވެ. ގިނަ ދުވަސްދުވަހު މެންދުރު ކައްކާ ކެއުމަކީ ރޭގަނޑުގެވެސް ކެއުމެވެ. އިތުރު ޚާއްޞަ އެއްޗެއް ހެދިއްޔާ ހަދާނީ އީމާއެވެ. އާހިލްއަށް ބޭނުންވާ ލުއިކެއުންތަކަކީ އެގޭ ބަދިގެއަށް އެއްޗެހި ގަންނަ އިރު ކޮންމެހެންވެސް، ޤަވާޢިދުން އީމާ ގަންނަ އެއްޗިއްސެވެ. އެކަމަކު އެއީ ހުސް ފޮނި އެއްޗިއްސެއް ނޫނެވެ. ހުސް ބޭކާރު އެއްޗެއްސެއްވެސް ނޫނެވެ. އެއީ އާހިލް ހަލާކު ކުރާ އެއްޗިއްސެއް ނޫނެވެ.
"މި ބުނީނު ތި ގޮސް ބަހައްޓާށޭ. ތެދުވޭ. ތެދުވެގެން ގޮސް ބަހައްޓާ ތި. މިދެން ކިހާ ބޮޑު އުނދަގުލެއް މަށަށް ޖެހިފަ އޮތް. " އީމާއަށް އަނެއްކާވެސް އަޑު އިވުނެވެ.
މަންމައަށް ކުއްލިއަކަށް ވެގެން އުޅެނީ ކީއްބާވައޭ އީމާ ހިތަށް އެރިއެވެ.
"ހަނދާން ކުރާތި. އޭނަ ގެނެއްސަ ހުންނަ ޗިޕްސްއާ ބިޕްސްއާ ނުކާތި އަބަދު. އަޑުއިވިއްޖެ...؟" ދަތްކުނޑި ވިކާފައި މިހެން ބުނުމާއި އާހިލްގައިގައި ޖެހި އަޑާއި އެކުވެގެން އިވުމާއެކު އީމާ ކޮޓަރި ދޮރު ހުޅުވާފައި ނުކުތެވެ.
"މަންމާ............." އީމާއަށް ހަޅޭއްލަވައިގަނެވުނެވެ.
"ކޮން މަންމާއެއް ކިޔާކަށްތަ. ކަލޭގެ މަންމައެއް ނޫން މަށަކީ...." ރުޅި އައިސްފަ ހުންނަ ކޮންމެ ފަހަރަކު އެ މަންމަ އެހެން ބުނެއެވެ. އެކަމަކު އީމާއަށް އާދަވެފައި ހުރީ މަންމަ ކިޔާށެވެ. ކިތަންމެ ރުޅިއައިސްފަ ހުންނަ ވަގުތަކުވެސް މަންމައަށް ކިޔާނެ އެހެން ނަމެއް އީމާއަކަށް ނޯވެއެވެ.
"އާއްކޮއަށް އަނިޔާ ނުކުރާށޭ މަންމަކައިރީ ނުބުނަންތަ އަހަރެން. ؟" މަންމަ ކުރިމަތީ ކުޑަވެފައި ހުރި އާހިލްގެ އަތުގައި ހިފައި ގާތަށް ދަމައިގަތް އީމާގެވެސް އަޑު އެހާ ގަދައެވެ.
"ކަލެއާއި ބެހޭކަމެއްތަ މިއީ. އެހެންނޫނަސް ކަލޭތީ ކާކު މަށަށް އިންޒާރު ޖަހަން." ކޮންމެ ފަދަ ވަގުތަކުވެސް މަންމަ ހުންނާނީ ޒުވާބަކަށް ތައްޔާރުވެގެންނެވެ.
"ހެވޭ ކޮންމެ މީހަކަށްވިޔަސް. އާއްކޮއަށް އަނިޔާ ކުރަންޏާ އަންގަންވާ ފަރާތްތަކަށް އަންގާނަމޭ ބުނީމެއްނު. އެކަން އަހަންނަށް ކެރޭނެ ކުރަން. " އީމާގެ ބަނޑާދިމާލުން ގައިގައި ޖެހިފައި ހުރި އާހިލްގެ މޫނު އުފުލާފައި ބަލާލަމުން އީމާ މިފަހަރު ޖެހީ ހަގީގަތުގައިވެސް އިންޒާރެކެވެ.
"ކުރޭ ކުރޭ. ކާކުތަ ކަލޭ ހުއްޓުވީ........." އީމާގެ އެ އިންޒާރަކަށް މަންމަ ސިހުމެއް ނުވިއެވެ.
އާހިލްގެ ލޮލުން ކަރުނަ އަންނަތަން ފެނިފައި އީމާގެ ލޮލަށްވެސް ކަރުނަތައް ޖަމާވާން ފެށިއެވެ. އެކަމަކު އެ ހިތްހަރު މަންމަ ކުރިމަތީގައި ރޯކަށް އީމާ ބޭނުމެއް ނުވިއެވެ.
އާހިލްގެ ކޮނޑުގައި ހިފަހައްޓައިގެން ގޮސް އީމާ ވަނީ އާހިލްގެ ކޮޓަރިއަށެވެ. މަންމައާއި ކިތަންމެ ބަހުސެއް ކުރިޔަސް މަންމަ ބަދަލެއް ނުވާނެކަން އީމާއަށް އެނގޭތީ އާހިލް ބަހައްޓައިގެން ހުރެ އިތުރަށް އެ ވާހަކަ ދައްކަން އީމާ ބޭނުން ނުވީއެވެ.
"އާއްކޮ......" އާހިލް ގޮވައިގެން ގޮސް އެނދުގައި ބައިންދާފައި އާހިލްކައިރިއަށް ތިރިވެލަމުން އީމާ ގޮވާލިއެވެ. އާހިލްއަށް ރޮވެނީއެވެ. އިސް އުފުލަންވެސް އާހިލް އިނީ ނުކެރިފައެވެ.
"މަންމަ ކިޔާއެއްޗިއްސަށް އަޅާނުލާ. ދޮންތަ މިހިރީނު. ދޮންތަ ހޯދައިދޭނަން އާއްކޮ ބުނި ކޮންމެ އެއްޗެއް." ބުނެވުނީ، ބުނަން އެންމެ އެކަށީގެންވާ އެއްޗެއްކަން ޚުދު އީމާއަކަށްވެސް ޔަގީނެއް ނޫނެވެ. އެހެންވިޔަސް އާއްކޮއަށް އެވަގުތަށް ހިތްވަރުދޭން އީމާ ބޭނުންވިއެވެ.
އީމާ އެތައް އެތައް ވާހަކައެއް ދައްކާ އެންމެ ފަހުން އާހިލް ހިތްހަމަޖައްސައިދިނެވެ. ފާހާނާއަށް ވައްދާ މޫނާއި ގަޔާއި ކުޑަކޮށް ދޮއްވިއެވެ. ދަތް އުނގުޅުވިއެވެ. ނިދާހެދުން ލެއްވިއެވެ. ފެން ތަށްޓެއް ދީފައި ނިންދަވަން ބޭއްވިއެވެ.
އެންމެ ފަހުން އީމާ އެ ކޮޓަރިން ނުކުތް އިރު އާހިލް އޮތީ ހަމަޖެހިފައެވެ. ހިނިތުންވެލައިގެންނެވެ. އީމާ ނުކުތްއިރު މަންމަ ފެންނަން ވެސް ނެތެވެ.
އީމާއަށް އެނގެއެވެ. މަންމަ ބޭނުންވާނީ އެ ގޮތެވެ. ހަޅޭއްލަވާ ގޭތެރޭ އަޑުގަދަ ކުރަނީ އެކަންކަމާއި މަންމަ ޑީލް ނުކުރާން ވެގެންނެވެ. އެފަދަ ކޮންމެ ވަގުތެއްގައި އެކަމުގެ ޒިންމާ އީމާ ނެގުމާއެކު މަންމަ ކޮންމެވެސް ތަނަކަށް ހިނގައިދާނެއެވެ. އެއީ އަބަދުވެސް މަންމަ ކަންތައް ކުރާ ގޮތެވެ.
އުޅެބޮޑުވި އެ މާޙައުލުން ފެނިފެނި އާދަވެފައި ހުރި ކަންކަން އެއްފަރާތް ކޮށްލާފައި އީމާ ގޮސް އޭނަގެ އަމިއްލަ ކޮޓަރިއަށް ވަންއިރު އޭނަގެ ފޯން ރިންގުވަނީއެވެ. ނަމަވެސް އަދި ނުނެގެނީސް ފޯން ކެނޑިއްޖެއެވެ.
އީމާ ބަލާލިއިރު ނަވާރަ ފަހަރު އިއާން ގުޅާފައި ހުއްޓެވެ. ގަޑިކީ ދިހަމިނެޓްފަހަށެވެ. މިހާރު ވިހި މިނެޓްވެސް ވީއެވެ.
އަނެއްކާވެސް ލޯގަނޑުކުރިމައްޗަށް ހުއްޓި އިސްތަށިގަނޑުގައި އަތްކާއްތާލާފައި އަތްދަބަސް ނަގައިގެން އީމާ ނުކުމެއްޖެއެވެ.
"ސޯ ސޮރީ...." އިއާން ބުނިހެން ލޮނުޒިޔާރަތްމަގު ނިމޭކޮޅަށް އީމާއަށް ގޮސް ނުކުމެވުނުއިރު އެތަނުގައި އޮތް އަޅިކުލައިގެ ކާރެއްކައިރީ ހުރި އިއާންއަށް މުޚާޠަބްކޮށް އެންމެ ފުރަތަމަވެސް އީމާއަށް ބުނެވުނީ އެހެންނެވެ.
"ޔޫ ޝުޑް ބީ. ވިހި މިނެޓްވީ ވިއްޔާ. ގެ އެނގޭނަމަތާ ތިގެއަށް ވެސް ދާން އެނގޭނީ. އަވަހަށް އަރާ...." ޑްރައިވަރު ސީޓަށް އަރަމުން އިއާން ބުނެލިއެވެ.
"ކިހިނެއްވީ އަސްލު ލަސްވީ....އެނީތިންގ ސީރިޔަސް.؟ ކުޑަކޮށް ޓެންސް ވެފަ ހުރިހެން ހީވޭ." ކާރު ސްޓާޓް ކުރަމުން އީމާގެ މޫނަށް ބަލާލާފައި އިއާން އެހިއެވެ.
އީމާ ހައިރާންވީ އިއާން އަށް އެކަން ފާހަގަ ކުރެވުނީތީއެވެ.
"ނޫނޭ. އެއީ ހީވާގޮތް...." އީމާ ދޮގެއް ހެދިއެވެ.
"އޯކޭ...." އިއާންވެސް އިތުރަށް ސުވާލެއް ނުކުރިއެވެ.
އިއާންގެ ކާރު ގޮސް މަޑުކުރީ ކުރީ ދުވަހު އިއާންއާއި އީމާއާއި ކުރީ ދުވަހު ދިމާވި ހިސާބަށެވެ. އިއާންގެ ގޭ ކައިރިއަށެވެ.
"މިތަނަށް ކީއްވެ....؟" އީމާ ހައިރާންވިއެވެ.
"ބުނީމެއްނު މިއީއޭ ގެ. ގެއަށް މިއައީ." އިއާން އިނީ ހަމަޖެހިފައެވެ.
"ތިބުނީ އިއާން އަހަރެން ގޮވައިގެން ތިއައީ އިއާންގެ ގެއަށޭތަ؟" އީމާއަށް ގަބޫލުކުރަން ވަރަށް ދަތިވިއެވެ.
"ޔެސް. ޕޭރަންޓުންނާ މީޓް ކުރަން...." އިއާންގެ އެއްކަލަ ރީތި ހީލުމުން ހީލަމުން އިއާން ބުންޏެވެ. އީމާ ހަމަ އަންތަރީސް ވެއްޖެއެވެ.
"ބުނަން. ތިއީ އަހަރެންގެ ގާލްފްރެންޑް. އަހަރެމެން ރައްޓެހިވެގެން އުޅޭތާ ....ސެއި ....އެއް އަހަރު. އޯކޭ. ތިއީ ރެޕެއްވެސް ނޫން. ޖޮބަކަށް ނުގޮސް ހުންނަނީ ގޭގަ. މެރީ ކުރަން ގަސްތުކުރަނީ އަންނަ މަހު...." އީމާއާ ދިމާލަށް އެނބުރި އިނދެ އިއާން ވާހަކަ ދައްކަން ފެށިއެވެ. - ނުނިމޭ -