10 Oct 2017

ގަސްތަކާނުލާ

ގަސްތަކާނުލާ

* އޮކްޓޫބަރު 7 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"ބުނަން، ތިއީ އަހަރެންގެ ގާލްފްރެންޑް، އަހަރެމެން ރައްޓެހިވެގެން އުޅޭތާ ...ސެއި ...އެއް އަހަރު، އޯކޭ، ތިއީ ރެޕެއްވެސް ނޫން، ޖޮބަކަށް ނުގޮސް ހުންނަނީ ގޭގަ، މެރީ ކުރަން ގަސްތުކުރަނީ އަންނަ މަހު..." އީމާއާ ދިމާލަށް އެނބުރި އިނދެ އިއާން ވާހަކަ ދައްކަން ފެށިއެވެ. ވަރަށް ގަޔާވެފައެވެ.

"ވަޓް މޭޑް ޔޫ ތިންކް އައި ވުޑް އެގްރީ ވިތް ދިސް؟" އިއާންގެ އެ ރޭވުމުގައި އޭނަ ހިއްސާވެދާނެއޭ ހީކުރެވުނީ ކިހިނެއްހޭ އެހިއިރު އީމާގެ އަޑުގައި ހުރީ ސާފު ނުރުހުމެވެ.

އަންހެންކުއްޖަކު ފިރިހެންކުއްޖަކާ ވާހަކަ ދައްކާލާ ހަމަ ކޮންމެ ފަހަރަކީ އެ ފިރިހެން ކުއްޖަކު ބޭނުންހާ ގޮތަކަށް ކަންތައް ކުރަން ފުރުޞަތު ލިބުނީ ކަމަށް ޤަބޫލުކުރާ މީހުންގެ ތެރެއިން މީހަކަށް އިއާން ވެދާނެއެކޭ އީމާ ހަމަ ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ.

"އޯވހ ކަމޯން، މިއީ އެހާ ބޮޑުކަމެއް ނޫނޭ، މަންމަމެންގެ ފަރާތުން އަހަރެން ސަލާމަތްކޮށްދެވިދާނެ އީމާއަށް، މަންމަމެން ބޭނުންވަނީ އަހަރެން މެރީކުރަން އުޅޭ އަންހެންކުއްޖާ ދެކެން، އޭގެ ފަހުން އަހަންނަށް ފުރައިގެން ދެވޭނެ، އެ ހިސާބުން މި ކުޅިގަނޑު ނިމުނީއޭ." އިއާންގެ ކިބައިން ކުޑަވެސް ކަންބޮޑުވުމެއް ފާޅު ނުވެއެވެ.

"އެކަމަކު އިއާން، އަހަންނަކަށް މަޖަލެއް ނޫނޭ މިކަން." އީމާގެ ކަންބޮޑުވުން އިތުރުވާން ފެށިއެވެ.

"އޯވހ ޕްލީޒް، އެއްވެސް ކަމެއް ނޫނޭ މިއީ، ހިނގާ، ފައިބާ އަވަހަށް، އޭރުން އަވަސްވާނީ." ޑްރައިވަރު ސީޓުން އިއާން ފޭބިއެވެ.

އީމާއަށް ވެސް މަޖްބޫރުވީ ފައިބާށެވެ.

"އެކަމަކު މި ނޫންގަޑިއެއް ނެހެދޭނެތަ؟ " ކާރުން ފައިބާފައި ދޮރުލައްޕަމުން އީމާ އެހިއެވެ.

"މިއީ ހަމަ އެންމެ ބަރާބަރު ގަޑި." ކާރު ވަށާލާފައި އައިސް އީމާ ކައިރިއަށް ހުއްޓި ފޯން ޖީބަށް ލާފައި އިއާން އެނބުރުނީ ގޭގެ މައިދޮރާއި ދިމާލަށެވެ.

އީމާއާ ދޭތެރޭ އެއްވެސް ޚާއްޞަ ސަމާލުކަމެއް އިއާންގެ ކިބައަކުން ނުފެނެއެވެ. މިދިމާވީ ޙަޤީގަތުގައިވެސް ހުވަފެނުންވެސް އޭނާ ނުދެކޭ ކަހަލަ ކަމަކާއެވެ.

"މަޑުކޮށްބަލަ..." ގޭތެރެއަށް ވަދެފައި ލިފްޓަށް އެރުމުގެ ކުރިން އީމާއާއި ދިމާލަށް އިއާން އެނބުރުނެވެ.

އީމާގެ ދެކޮނޑުގައި ހިފައި ހުއްޓުވާފައި ރަނގަޅަށް ބަލާލިއެވެ. ބޮލުން ފެށިގެން ފަޔަށް ބެލިއެވެ. ދެން އީމާގެ ބޮލުގެ އިސްތަށިގަނޑުގައި އަތްކާއްތާލިއެވެ.

"ގުޑް، ޕާފެކްޓް"

އީމާއާ ދޭތެރޭ އިއާން ކަންތައްކުރަނީ ވިއްކަން ފިހާރައެއްގައި ބަހައްޓާފައި ހުރި އެއްޗަކަށް ޝައުޤުވެރިވާ ކަސްޓަމަރެއް ފަދައިންނެވެ. އީމާއަށް ކުރެވުނީ އެ އިހްސާސެވެ. އެކަމަކުވެސް އީމާއަކަށް އެކަމާ ދެކޮޅެއްވެސް ނެހެދެއެވެ. ހައިރާންވެފައި ބެލެނީ އިއާންއަށެވެ. އިއާންއަކީ ކޮން ކަހަލަ މީހެއްކަން ވިސްނައިގަނެވޭތޯ މަސައްކަތް ކުރާ ކަހަލައެވެ.

ބޮޑު ލިފްޓް ގޮސް މަޑުކުރީ ގޭގެ އަށްވަނަ ބުރިއަށެވެ.

"ކަންބޮޑުނުވާތި، ސިޓިންރޫމް އޮންނާނީ ފުރިފަ މިހާރު." ލިފްޓުން ފައިބައިގެން ގޮސް ދޮރަށް ތަޅުދަނޑި ޖަހަމުން ވަރަށް ވައި އަޑަކުން އަނެއްކާވެސް އިއާން ބުންޏެވެ.

އީމާ އަނގައަކުން ނުބުނެއެވެ. ބުނާނެ އެއްޗެއް ވިސްނުމަކަށްވެސް ނާދެއެވެ.

ގެއަށް ފުރަތަމަ ވަނީ އިއާންއެވެ. އީމާގެ ބޫޓް ބާލާފައި އިސްއުފުލުނުއިރު އިއާން ހުރީ އީމާއާ ދިމާލަށް އަތްދިއްކޮށްގެންނެވެ.

އެވަގުތު އިއާންގެ އަނެއް އަތަށް އީމާއަށް ބަލާލެވުނެވެ. ކުޑަހުޅުން ފެށިގެން ގަޔާއި ދިމާލަށް އަތްތިލަ އެނބުރިފައި ހުރުން ފިޔަވައި އިތުރު އެއްވެސް ތަފާތެއް އެ އަތުގައި ނެތެވެ. އަތް ތިރިކޮށްލައިގެން ހުންނަ ވަގުތުތަކުގައި ނޫނީ ކޮންމެ ކޮންމެ ފަހަރަކު އެ ތަފާތު ފާހަގަ ނުވެސް ކުރެވޭކަން އީމާ ހަނދާން ވިއެވެ.

"އޯވހ... މިއީ، މިއީ ދުނިޔެއަށް އައިއިރުވެސް އަހަރެން ހުރި ގޮތް އިނގޭ، ޔޫ ޝުޑް ނޯ ދެޓް ޓޫ." އިއާން އެހެން ބުނީ ހީލަމުންނެވެ.

އިއާންއާ ކައިވެނިކުރަންކަމަށް އެއްބަސްވެގެން އެ ގެއަށް ދާއިރު އީމާއަށް އަންގައިދޭން ޖެހޭކަމަށް އިއާން އަށް ފެނުނީ ހަމަ އެކަނި އެކަންބާވައޭ އީމާގެ ހިތަށް އެރިއެވެ. އެކަމަކު އެހެންވެސް ބުނާކަށް ވަގުތެއް ނެތެވެ. އެއްޗެއް އަހާކަށްވެސް އެނގޭކަށްވެސް ވަގުތެއް ނެތެވެ. އެމީހުންނަށް އެތިބީ ގޭގެ ސިޓިންރޫމަށް ވަދެވިފައެވެ.

އެއީ ބޮޑު، ތަނަވަސް އަދި އެހާމެ މުއްސަނދި ސިޓިންރޫމެކެވެ. އެކަމަކު އިއާން ބުނިހެން އެތަނުގައި މީހުނެއް ނެތެވެ. ހަމަ އެއްވެސް މީހަކު ނެތެވެ.

"ނެތެއްނު އެއްވެސް މީހެއް، ހިނގާ ދާން." ފުރަތަމަ ފަހަރަށް އީމާގެ އަނގައިން އިންކާރުގެ ބަހެއް ބުނެވުނެވެ.

"ނޫނޭ ނޫނޭ، އުޅޭނެ، މިރޭ މިކަން ނުކޮށްފިއްޔާ ދެން ނުވާނެ، ވަރަށް އަވަހަށް އަހަރެން ފުރަން ޖެހޭ." އީމާގެ އަތުކުރީގައި ހިފައި އިއާން ހުއްޓުވިއެވެ.

"އެކަމަކު އަހަރެން ކީކޭ ބުނާނީ އިއާންގެ ޕޭރެންޓުންކައިރީ؟" އިއާންގެ ރޭވުމުގެ އަޑު އިވުނު ވަގުތު ލިބިފައި ހުރި ހައިރާންކަން ފިލައި، އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކާނެ ހޭވެރިކަމެއް އީމާއަށް ލިބުނީ ދެންމެ ކަހަލައެވެ.

"އެއްޗެއް ބުނާނެ ކަމެއް ނެތޭ، އެކްޓް ކޮށްލީމަ ނިމުނީއޭ"

އީމާގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި ބޭންދިއެވެ. އެބަ އަންނަމޭ ބުނެފައި އިއާން ވަދެގެން ދިޔައީ އެތެރެއަށެވެ.

ފަސްވަރަކަށް މިނެޓް ވީ ފަހުން ބައެއްގެ ހިލަންވެގެން ފަސްއެނބުރިފައި އީމާ ބަލާލިއިރު ފެނުނު މަންޒަރުން ހިތް ބިރުގަތެވެ.

ކުރީގައި ހުރީ އިއާންއެވެ. ފަހަތުގައި ހުރެގެން އަންނަނީ ހަތަރު އަންހެނެކެވެ. އީމާގެ މަންމަމެން އުމުރުގެ ދެ އަންހެނަކާއި އެއަށްވުރެ ހަގު ޒުވާން އަންހެންކުއްޖެކެވެ. އިޚްތިޔާރަކާއި ނުލައި އީމާއަށް ކޮޅަށް ތެދުވެވުނެވެ.

"އައްސަލާމް ޢަލައިކުމް." އެތަނުން އެންމެ ކުރީގައި ހުރި އަންހެންމީހާ އީމާއާ ސަލާމް ކުރުމަށް އަތްދިއްކުރިއެވެ. ވިސްނުންތޫނު ހަރުދަނާ ސިފައެއް އެމީހާގެ މޫނުން އީމާއަށް ފެނުނެވެ. އިއާންއާ ވައްތަރު ގޮތެއް ވެސް ހުއްޓެވެ.

"ނޭނގެ ދޯ ކާކުކަމެއްވެސް މިއީ އިއާން މަންމަ." އީމާގެ މޫނަށް އަރާފައިބާ ކުލަވަރުން އެނގުނު ސުވާލަށް އެމީހާ އަމިއްލައަށް ޖަވާބު ދިނެވެ.

"މިއީ އިއާންގެ ބޮޑުދައިތަ، މިއީ އިއާންގެ ދޮންތަ." ބޮޑުދައިތަ އާއި ދޮންތަ ވެސް އީމާއާ ސަލާމް ކުރިއެވެ.

ދެން އެންމެންވެސް ގޮނޑިގޮނޑީގައި އިށީނދެއްޖެއެވެ. އިއާން އިށީންނާނީ އޭނަ ކައިރީ ކަމަށް އީމާއަށް ހީވި ނަމަވެސް އިއާން އިށީނީ ކުރިމަތީގައި ހުރި ބޮޑު ސޯފާގައެވެ. އެ ސޯފާގެ އަނެއްކޮޅުގައި އިނީ އިއާންގެ މަންމައެވެ.

އީމާގެ ދެފައިން ބާރުދޫވާހެން އީމާއަށް ހީވިއެވެ. ބިރުންނާއި ކަންބޮޑުވެގެން ދެއަތް ދެއަތާ އުނގުޅެން ފެށުނެވެ. އޭނަ ކައިރީގައި އިއާން އިންނަމަ ކޮންމެވެސް ހިތްވަރެއް ލިބުނީހޭ އީމާ ހިތަށް އެރިއެވެ.

"ކަންބޮޑުނުވޭ، ކޮންނަމެކޭ ބުނީ، އީމާ، ދޯ؟" އިއާން ބުނެފައި އޮތް ނަން ހަނދާން ކުރަމުން އިއާންގެ މަންމަ އަހާލިއެވެ. އެއްފަހަރު އިއާންއަށް އަނެއްފަހަރު އީމާއަށް ބަލަމުންނެވެ.

އީމާއަށް އާނއެކޭ ބުނެވުނީވެސް ހަމައެކަނި ބޮލުގެ އިޝާރާތުންނެވެ. އަނގައިން ބުނެވޭވަރަށްވުރެ އީމާގެ ނުތަނަވަސްކަން ބޮޑެވެ.

"އިއާން ބުނި ދޯ ވެގެން އުޅޭގޮތް؟" ވާހަކަ ދެއްކީ މިފަހަރުވެސް އިއާންގެ މަންމައެވެ. ޖަވާބުގައި އީމާ ބޯ ޖަހާލިއެވެ.

"މަންމަމެން ބޭނުންވަނީ އިއާން ކޯހަށް ފުރުމުގެ ކުރިން މެރީ ކުރަން، އިއާން ބޭނުމެއްނުވޭ އަސްލަކު، އެކަމަކު މަންމަ އޮންނާނީ ބުނެފަ މިހާރު، އެ ކޯހަށް ފުރަންޏާ ފުރަންވާނީ މެރީކޮށްފައޭ، އެހެންނޫނީ އެއްއަހަރު މަޑުކޮށްފައޭ ދާންވާނީ..." ކަޅިޖަހާނުލައި އިއާންގެ މަންމައާ ދިމާލަށް ބަލަން އިން ނަމަވެސް އެ ދެއްކި ވާހަކަ އެއީ އެހެން ބަހަކުން އެ މަންމަ ދެއްކި ވާހަކައެއްފަދައެވެ. އެހާވެސް އެ ވާހަކަ އީމާއަށް ބީރައްޓެހި ވިއެވެ.

އިއާން ފުރަނީ ކޮންތަނަކަށްހެއްޔެވެ؟ އިއާން ކިޔަވަނީ ކޯޗެއްހެއްޔެވެ؟ އެއީ ކޮންކަހަލަ ކޯހެއްގެ ވާހަކަ ހެއްޔެވެ؟ ކިތައް އަހަރަށް ހެއްޔެވެ؟

ނޭނގެއެވެ. އީމާއަކަށް އެއިން އެކައްޗެއްވެސް ނޭނގެއެވެ. އެކަމަކު އެއީ ހައްތާވެސް އީމާއަށް ކުރެވެން ނެތް ސުވާލުތަކެކެވެ. އެކަމަކު އެއީ އެ ގެއަށް އައުމުގެ ކުރިން އޭނައަށް އިއާން އަންގައިދީފައި ހުންނަން ޖެހޭނެ ކަންތައްތަކެވެ.

"އީމާ ޤަބޫލުތަ މެރީކުރަން އެހާ އަވަހަށް؟" އެ ސުވާލު ކުރީ އިއާންގެ ބޮޑުދައިތައެވެ.

އީމާއަށް ބަލާލެވުނީ އިއާން އާއި ދިމާލަށެވެ. ލުއި ހިނިތުންވުމަކުން ހީލައިގެން ފޯނުން ކޮންމެވެސް އެއްޗެއް ބަލާލަ ބަލާލާ އިއާން އިނެވެ.

ހެއްވާ މީހެކޭ އީމާގެ ހިތަށް އެރިއެވެ. ކަނޑެއްފަޅެއް އަންގާނުލައި އޭނަ ގެނެސް އެތަނުގައި ބައިންދާފައި އިއާން އެ އިންނަނީ ހަމަޖެހިގެންނެވެ. ކުޑަވެސް ކަންބޮޑުވުމެއް ނެތިއެވެ. އިއާންގެ އެ މަކަރުވެރި ރޭވުން އެ ޢާއިލާއަށް އެނގޭނަމަ ވާނީ ކިހިނެއްބާވައެވެ.

"އިއާން. ތި ފޯން އިހަށް ދުރުގަ ބާއްވަބަލަ...." އީމާ ބުނަން ބޭނުންވި އެތި ބުނެލީ އިއާންގެ މަންމައެވެ.

"އީމާ ރެޑީތަ މެރީކުރަން؟" މިފަހަރު މި ސުވާލު މަންމަ ކުރީ އިއާންއާއެވެ.

"ނޭނގެ. މަންމަ އަހާލަބަލަ..." އިއާން އިނީ އަދިވެސް ހެވިފައެވެ.

"ދެން ސަކަރާތް ނުޖަހަބަލަ، ދަރިފުޅު ހަމަ ކޮންމެ ކަމެއްވެސް މަޖަލަކަށް ހަދާނީ، ކައިވެނި ކުރަންޏާ ހާދަ ކަންތައްތަކެއް އޮންނާނެޔޭ މި ތިންހަފުތާ ތެރޭ ކުރަން، މަންމަމެން ދާންޖެހޭނެނު އީމާމެން ގެއަށްވެސް."

އިއާން ބުނިހާ ކުޑަކަމަކަށް އެކަން ނުވާނެކަމުގެ ނިޝާންތައް އީމާއަށް ފެންނަން ފެށިއެވެ. ދެފަރާތުގެ ޢާއިލާ މިކަމުގެ ތެރެއަށް ވަންނަ ހިސާބުން މިއީ ކުޅިވަރަކަށް ނުވާނެކަން އީމާއަށްވެސް ވިސްނައިގަނެވުނެވެ.

ވާހަކަތައް ކުރިޔަށް ދިޔައެވެ. އެއީ ހަގީގީ ކައިވެންޏެއް ވާން އުޅޭ ގެއެއް ނޫންކަމާއި އީމާ އާއި އިއާންއާ ދެމެދުގައި އެއްވެސް ގުޅުމެއް ނެތްކަން އެގޭ މީހުންނަށް ނޭނގުނު ނަމަވެސް އީމާއަށް އެކަން އެނގޭތީ އީމާ ބެލީ ވީހާ އެންމެ ކުރު ޖަވާބެއް ދީގެން ބޮޑެތި ދޮގުތައް ނަހަދާވޭތޯއެވެ. ހުރިހާ ވާހަކައެއްހެން ދެއްކީ އިއާންގެ މަންމަ އާއި ބޮޑުދައިތައެވެ. އިއާންގެ ދޮންތަ އަނގައިން ބުނެލީ މަދުފަހަރަކުއެވެ.

އިއާންގެ ބައްޕަ ހުރީ ދަތުރެއްގައި މެލޭޝިޔާއަށް ގޮސްފައި ކަމާއި ދޮންތައަކީ ވެސް އޮސްޓްރޭލިޔާގައި ކިޔަވަން ހުންނަ މީހެއްކަމާއި، އިއާން މިހާރު ފުރަން އެ އުޅެނީ ބިޒްނަސް އިން މާސްޓަރސް ހެދުމަށް ޔޫކޭއަށް ކަން އެ ވާހަކަތަކުގެ ތެރެއިން އީމާއަށް އޮޅުންފިލިއެވެ.

"މިރޭ ދެން މިހާ ލަސްވެފަ ހުރީމަ މާގިނައިރު ބޭރުގައިވެސް އުޅޭނެކަމެއްނެތެއްނު ދޯ، އިއާން ދޭ އީމާ ގެއަށް ލާފަ އަންނަން، މަންމަ ގުޅާނަމޭ އިނގޭ މާދަމާ އީމާއަށް، ހުރިހާ ކަމެއް ނުނިންމޭނެއެއްނު ދޯ އެއްވަގުތުން، ވަރަށް ގިނަ ކަންކަން ހުންނާނެ ހަމަޖައްސަން، އެންމެ ފުރަތަމަ އީމާގެ މަންމަ އާއި ބައްޕައާއި ބައްދަލުކުރުން އޮތީ، " ގަޑިއަކަށްވުރެ ގިނައިރު ދެއްކި އެކިއެކި ވާހަކަތައް ނިމުމަކަށް އައެވެ.

ސަލާމްގަލާންކޮށްލާފައި އީމާ ވެސް އިއާން ފަހަތުން އެ ގެއިން ނުކުތެވެ.

އެހާ އޯގާތެރި، ހިތްހެޔޮ، ލޮބުވެތި މަންމައަކަށް އެގޮތަށް އިއާން އޮޅުވާލަނީ ކީއްވެގެން ބާވައެވެ. މަންމައަކާއި ޢާއިލާއަކީ ކިހާ ބޮޑު ރަޙްމަތެއްކަން އެ ހުރިހާ ކަމެއް ހަމަވެފައި ހުރި އިއާންއަށް ނޭނގެނީ އެ ޢާއިލާއަށް އިއާން އާދަވެފައި ހުރީމައެވެ.

"އަހަންނެއް މި ގޭމް ނުކުޅޭނަން." ކާރަށް އަރަން ގޮސް ކާރު ކައިރިއަށް ހުއްޓިފައި އީމާ ފުރަތަމަ ފަހަރަށް އެ ކައިވެންޏަށް އިންކާރު ކުރިއެވެ.

"ވަޓް...؟" އިއާންއަށް ލިބުނީ ޙައިރާން ކަމެކެވެ.

"ވީ އެންމެ އަވަހަކަށް އިއާން ބުނޭ އިއާން ފެމިލީ ކައިރީ މިއީ ޖޯކެކޭ، އަހަރެން ބޭނުމެއް ނޫން މި ގޭމް ޖައްސާކަށް." އިއާންގެ އެ ޖޯކުގައި ބައިވެރިވުމުގެ ގަސްތެއް އީމާގެ ނެތްކަން އީމާ އަންގައިދިނެވެ.

"ބަޓް ޔޫ އެގްރީޑް." އިއާންއަށް ބުނެވުނެވެ.

"ކޮން އިރަކު...؟ " އީމާގެ ނުރުހުން ފާޅުވެގެން ދިޔައެވެ.

"ގެޓް އިން... އަރާ، ވާހަކަ ދައްކާލަން އެހެން ތަނަކަށް ދާނީ." އިއާން މިހެން ބުނި ނަމަވެސް އެ ކާރަށް ވެސް އަރާކަށް އީމާ ބޭނުމެއް ނުވިއެވެ.

"މައްޗަށް ނުބަލާތި، އެކަމަކު މަންމަމެން ތިބޭނެ އެތަނުގަ މިހާރު ބަލަން، ޕްލީޒް، ސީންއެއް ނުދައްކާ ހިނގާ، ވާހަކަ ދައްކާލަން ތަނަކަށް ދާނީ." ކާރު ވަށާލާފައި އައިސް ކުރީ ސީޓްގެ ދޮރު އީމާއަށް ހުޅުވައިދިނީ އިއާންއެވެ. އިއާން އެއްޗެއް ބުނިހެންވެސް ބަލަން ތިބި ބަޔަކަށް ހީނުވާ ގޮތަށެވެ.

އީމާއަށް މައްޗަށް ނުބެލުނީ ހަމަ ކިރިޔާއެވެ. އިއާންގެ ނަސީބު ރަނގަޅުކަމުން ބަލައެއް ނުލެވުނެވެ.

ކާރަށް އަރާ އިސްޓާޓް ކޮށްލިއިރު އީމާ އިނީ ނުރުހިގެން ދޮރުން ބޭރަށްބަލާށެވެ.

"ޔޫ ހޭވް އަ ބޯއިފްރެންޑް...؟" ކުއްލިއަކަށް އިއާން އެހިއެވެ.

"ތި ސުވާލުކުރަން ލަހެއްނޫންތަ އަޅެ؟" އީމާ ވެސް ކޮށްލީ ސުވާލެކެވެ. ނުރުހިފައެވެ.

-- ނުނިމޭ --

ދިގު ވާހަކަ

Popular