14 Oct 2017

ގަސްތަކާނުލާ

ގަސްތަކާނުލާ

* އޮކްޓޫބަރު 10 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"ތި ސުވާލުކުރަން ލަހެއްނޫންތަ އަޅެ؟" އީމާވެސް ކޮށްލީ ސުވާލެކެވެ. ނުރުހިފައެވެ.

"ހާދަ ވަރަކަށް ތި ސީރިއަސްވަނީ؟ މިއީ އެއްވެސްކަމެއްނޫނޭ، ކަންބޮޑުނުވެބަލަ؟ ތިއީ އަދި މި ޕްލޭން ރަނގަޅަށް ނޭނގޭތީ، އެނގުނީމަ ޔޫ ވިލް ބީ ކޫލް." އެހާބޮޑުވާހަކައަކުން ދޮގު ހަދައިގެން މަންމަ ކައިރީ ދައްކާފައި ނިކުތްނަމަވެސް، ހަގީގަތުގައިވެސް އިއާންގެ އެއްވެސް ފިކުރެއް ނެތްހެން އީމާއަށް ހީވިއެވެ.

ހިތްހަމަނުޖެހިފައި އިންވަރުންނާއިވެސް އެކު، އީމާ ގަސްތުކުރީ އިހަށް މަޑުމަޑުން އިންނާށެވެ. އިއާން އެބުނިހެން ވާހަކަދައްކާލެވޭނެ ތަނަކަށް ދެވެންދެކަށެވެ. އެކަމަކު ކާރެއްގެ ތެރޭގައި ވާހަކަ ނުދެއްކެންވީ ސަބަބެއްވެސް ނެތޭހިތަށް އަރާފައި ދެފަހަރަކު އިއާން އާއި ދިމާލަށް އެނބުރުނުވެސް މެއެވެ.

"އެއްވެސް ރެސްޓޯރެންޓަކަށް ދާހިތެއް ނެތް މިގަޑިއަކު." އިއާންގެ ގަސްތަކީ އެއީކަމަށް ހީކޮށް، ކުރިއާލާ އީމާ އެކަމަށް އިންކާރު ކުރިއެވެ.

"އޯކޭ..އޯކޭ.." މިފަހަރުވެސް އިއާން ހީލީއެވެ.

އީމާ އިނީ ނުރުހިފައިކަން އިއާންއަށް އެނގެއެވެ.

ކާރުދަނީ ކޮންމަގަކުންކަން ވެސް ވިސްނާނުލައި އިންދާ ކުއްލިއަކަށް ކާރު މަޑުކުރުމުން އީމާ ދިޔައީ ކުޑަކޮށް ސިހިގެންނެވެ. ކޮންތަނެއްކަންވެސް އެނގުނީ، ބަލައިލި ފުރަތަމަ ނަޒަރުންވެސް ކުރީގެ ސުނާމީ ބިނާގައި ބަހައްޓާފައިހުރި ފަރުމާ ފެނުމުންނެވެ.

"އޯކޭ، ލެޓްސް ޓޯކް، ދޯ" ކާރު މަޑުކޮށްފައި އިންޖީނު ނިއްވައި ހެދުމުން އީމާ ހީކުރީ އިއާން އުޅެނީ ފައިބަން ކަމަށެވެ. ނަމަވެސް އިއާން ހަމަޖެހިލީ އީމާއާ ދިމާލަށް އެނބުރިލާފައެވެ. ވާހަކަ ފެށީ ކާރުތެރޭގައެވެ.

"އަސްލު މިއީ ހަމަ ސްޓަންޓެއް، އެންމެ ތިންހަފުތާ މިއޮތީ އަހަރެން ފުރަން، މި ތިން ހަފުތާ ތެރޭ އަހަންނެއް ދެން މެރީއެއް ނުކުރާނެނު، އެކަމަކު މަންމަމެން އެ ތިބީ އެކަމަށް ގަދައަށް ހިފާފަ، ސޯ، އީމާ ކޮށްދޭންވީހާ ވެސް ކަމަކީ އެކަމަށް އެއްބަސްވާންވީ، އެއްބަސްވެފަ ތިން ހަފުތާ އެހެން މިހެން ދުއްވާލީމަ ނިމުނީ، އަހަރެން ބުނެދޭނަމޭ ހަދަންވާ ގޮތް، ނުޖެހޭނެ މެރީ ކުރަންވެސް، ކޮންމެ ގޮތެއްވިޔަސް އަހަރެން ފުރަންޖެހޭ ދުވަހު އަހަރެން ފުރާނެ، އެހިސާބުން ނޯންނާނެ އެއްވެސް މީހެއްގެ އިޚްތިޔާރަކު އެއްވެސް ކަމެއް، އީމާވެސް އީމާގެ ގެޔަށް، އަހަރެން ލަންޑަނަށް، މަންމަމެން ވެސް ތިބޭނެ، އެވްރީވަން ވިލް ބީ ހެޕީ." މީގެ އިރުކޮޅެއް ކުރިން އީމާ ކައިރިން ބޯއިފްރެންޑަކު ހުރޭތޯ ކުރި ސުވާލުން އިއާން ފަށާނެކަމަށް އީމާއަށް ހީކުރެވުނު ނަމަވެސް އެހެނެއް ނުވިއެވެ. އޭގެ ބަދަލުގައި އިއާން ފެށީ ސީދާ އިއާންގެ ވާހަކައެވެ.

"މެރީކުރަން އަދި ބޭނުން ނޫންވާހަކަ ބުނީމަ މަންމަމެންވެސް ނުޖައްސާނެނު މައްސަލައެއް. އެހެންނޫނަސް، އަސްލު ކީއްވެ އިއާން މެރީކުރަން ކޮންމެހެން ޖެހެނީ؟" އީމާ ދެކޭގޮތުގައި އެ ދެކަމަކީވެސް ވަރަށް ތާކުންތާކު ނުޖެހޭ ދެކަމެކެވެ.

"ނޭނގެ، މަންމަމެން އުޅޭގޮތަކުން ހީނުވޭތަ ތިންހަފްތާފަހުން މަންމަމެން މަރުވާނެކަން އެނގިގެން އުޅޭހެނެއް؟ ޓު މީ ދެއި އާ އެކްޓިން ލައިކް ދެޓް." ކާރުގެ ލޯގަނޑުން ބަލާލާފައި ބޮލުގެ އިސްތަށިގަނޑު ރީތިކޮށްލަމުން އިއާން ހީގަތެވެ.

"ދެން އެކަމަކު ކީއްވެ އަހަރެން؟ ކީއްވެ އެދާ ކުއްޖާ...އޯ އެ ދާ ކުއްޖާ ނުނެގީ...ކީއްވެ އަހަރެން؟" އީމާއަށް ކަންބޮޑުވެވެނީ ކަމުގެ ބޮޑުކަމުންނެވެ. މަޖަލަކަށްވިޔަސް ހަދަން ނުވާވަރުގެ ބޮޑު ދޮގެއް ހަދައި މަންމައަކަށް އޮޅުވާލައިގެން އެ ވާހަކަތައް އޭނައަށް ނުދެއްކޭނެތީއެވެ.

"އާނ، ތިއީ މަޖާ ވާހަކައެއް، ހަނދާން އެބަހުރިދޯ ކުރީ ދުވަހު އަހަރެން ދިން މާބޮނޑި،ހަނދާން އެބަހުރިދޯ، އެއީ ޓެސްޓެއް، އަނެއްހެން ބެޓެކޭވެސް ބުނެވިދާނެ. ޝައްކުވިތަ؟" އީމާއަށް ލިބުނު ހައިރާންކަން ބޮޑުވެގެން ދިޔައެވެ. އިއާން އެ ދައްކާ ވާހަކަ ޚުދު އިއާންއަށް އަޑުއިވޭނެނަމައޭ އީމާ ހިތަށް އެރިއެވެ. މާ މޮޅުކަމެއް ކުރެވިގެން އުޅޭފަދައިން އިއާން އެ ދައްކާ ވާހަކަ އަޑުއިވުމުން އަންހެންކުދިން އަންނާނެ ރުޅި އިއާންއަށް އިހްސާސް ނުވެއެވެ.

"ބެޓެކޭތަ ތިބުނީ؟ ކޮންކަހަލަ...؟" އީމާއަށް މިހެން އަހާލެވުނީ ޤަބޫލުނުކުރެވިގެންނެވެ.

"މެރީކުރަން މަންމަ ކިޔާވަރުން ހަދާނެ ގޮތެއް ނޭނގިގެން ވިސްނަމުން ދަނިކޮށް ފްރެންޑަކު ބުނި ޕްލޭނެއް އަސްލު މިއީ، އެކަމަކު މި ޕްލޭން ކޮންމެ ކޮންމެ އަންހެންކުއްޖަކާއެކު ނުކުރެވޭނެ، ސޯ، ރަނގަޅު ކުއްޖަކު ހޯދަމުން ދަނިކޮށް ސްވީޓީ، އައިމީން ގާލްފްރެންޑް ބުނި ކުއްޖާ ތިއީ..." އިއާން ހެނީއެވެ. ވާހަކަ ދައްކަމުން ހެނީއެވެ.

އޭރު ދެލޯ ބޮޑުވެފައި އަންތަރީސްވެފައި އިން އީމާއަށް އިއާންގެ މޫނުން ކަޅި ނައްޓާނުލެވެއެވެ. އެފަދަ ވާހަކައެއް މީހަކު ދެއްކިއަޑު އަސްލެއްގޮތަށް އީމާއަށް އިވުނު އެއީ ފުރަތަމަ ފަހަރެވެ. ފިލްމުތަކުގަޔާއި ފޮތްފޮތުގައި އެފަދަކަންތައް ޢާއްމުވިޔަސް ހަގީގީ ދުނިޔޭގައި މީހުން ކޮށްއުޅޭކަމެއްކަމެއް އީމާއަށް އެނގިފައެއް ނެތެވެ.

"ގާރލްފްރެންޑް...؟ ކާކު އެއީ؟" އީމާއާއި ދޭތެރޭގައި އެހާ އަގުދަށްކޮށް އެވިސްނަނީ އީމާގެ ކޮން ރައްޓެއްސެއްތޯ އެނގެން އީމާއަށް މުހިއްމު ވިއެވެ. އޭނަގެ ރައްޓެއްސަކަށްވެހުރެ ތިމާގެ ލޯބިވެރިޔާ ކުޅެން ދޭ ބުދަކަށް ރަޙްމަތްތެރިޔާ ހަދަން ރުހޭނީ ހާދަ އެހެންކަހަލަ ވީމަޔޭ އީމާގެ ހިތަށް އެރިއެވެ.

"ނޮޕް. ބުނެވޭކަށް ނެތް." ކާރުން ބޭރަށް ބަލާލަމުން އިއާން ބޯހޫރާލިއެވެ.

"ތި ރޭވުމުގަ އަހަރެން ހިމެނިގޮތަށް އަހަންނަށް އެމީހަކުވެސް އަންގަންވާނެ، ފަހުން އެނގުމާ މިހާރު އެނގުމާ ކޮބާ ތަފާތެއް؟" އީމާ ބޭނުންވަނީ އެމީހަކު އެނގޭށެވެ.

"ރުޅި އަންނާނަންތަ...؟" އީމާގެ ރީތި ބޮޑު ދެލޮލަށް ބަލާލަމުން އިއާން އެހިއެވެ.

އެ ސުވާލަށް ދޭނެ ޖަވާބެއް އީމާއަކަށް ނޭނގުނެވެ. ކުރިމަތީގައި ދެއަތް ފަތުރާލާފައި ކޮށްލި އިޝާރާތުން ދޭހަވީ، ރުޅި އަންނަން ނުވަތަ ނައަންނަންވެސް ނިންމަން އެނގޭނީ ކާކުކަން އެނގިގެންނޭ ބުނާ ކަހަލަ މާނައެކެވެ.

އިއާން ދިއްކޮށްލީ އޭނަގެ ފޯނެވެ. ބަލާލިއިރު އިނީ ވައިބަރގެ ކޮންޓެކްޓެއްގެ ޗެޓްލޮގް ފެންނާށެވެ. އީމާ އަތެއް ނުލިއެވެ. އިއާން އެ ދެއްކީ ކޯޗެއްކަން ނޭނގުނީއެވެ.

"ލުކް..." އީމާ ނުބެލުމުން އަނެއްކާވެސް އީމާގެ ލޯ ކުރިމައްޗަށް ފޯން ގެންގޮސްފައި އިއާން އެދުނެވެ.

މިފަހަރު ޝައުޤުވެރިކަމާއެކު އީމާ ބަލާލިއެވެ. އެންމެފުރަތަމަވެސް ބެލީ ނަމެވެ.

"ޝިއު؟ ކޮން ޝިއުއެއް؟" ޗެޓްލޮގްގައި ސޭވްކޮށްފައި އިން ނަން ފެނުމުން އެހެން އަހާލިއިރުވެސް އީމާއަށް ޔަޤީންވެއްޖެ ކަހަލައެވެ. އިޒުނައަކަށް އެދުމެއްވެސް ނެތި އިއާންގެ ފޯން އަތުލައިގެން، ޝިއުގެ ނަމުގައި ވައިބަރގައި ސޭވްކޮށްފައި އިނީ ކޮން ނަންބަރެއްތޯ ބެލީވެސް ޔަގީނާ ގާތަށް ކަށަވަރުވާތީއެވެ.

ވީވެސް އީމާއަށް ހީވި ގޮތަށެވެ. އެއީ ހަމަ ޝިއުނާގެ ނަންބަރެވެ. އެއީ އެދުވަހު އެއަރޕޯޓުން އޭނަ އަތުގައި މާ ބޮނޑިއޮތްވާ އައިސް އަތުލި ޝިއުނާއެވެ. އީމާއާއިއެކު މަސައްކަތް ކުރާ ޝިއުނާއެވެ.

އެހުރިހާ ކަމެއް ރާވާ ހިންގި ޝިއުނާގެ ކަންތައް އެ ދުވަހުވެސް ހުރި ގޮތް އީމާގެ ހަނދާނަށް އައެވެ.

"ޔޯ ކޮލީގް ޝިއު. އެ ދުވަހު ޝިއު ގޮސް މާބޮނޑި ހޯދިއެއްނު..." އިއާންގެ އަޑުގައި ވަނީ އުފާވެރި ކަމެކެވެ. މޫނުމަތީން ފެންނަ ކުލަވަރުގައި ހުރީ ފަތަޙައިގެ ކުލަވަރެވެ.

އީމާގެ ބަސް ހުސްވިއެވެ. އަނގަ ބަންދު ވިއެވެ. އިއާން ދައްކަމުން ދިޔަ ވާހަކަ އަޑުއަހަން އިންއިރު ބުނާނެ އެއްޗެއް ބުއްދިއަށްވެސް ނައަންނަ ކަހަލައެވެ.

އެ މާބޮނޑި އެ ދުވަހު އީމާއަށް ދިނީ، އިއާން ކައިރީ އީމާގެ ވާހަކަ ޝިއުނާ ކިޔައިދިންތާ ހަފްތާއެއްވެސް ފަހުން ކަމަށާއި، އެ ދުވަހު އެއީ ވަރަށް ރޭވިގެން ދިޔަ ކަމެއްކަން އިއާން ކިޔައިދެމުން ގެންދިޔައެވެ. މާބޮނޑި ދިން ވަގުތުވެސް ދުރުގައި ޝިއުނާއާއި އިއާންގެ ގާތް ރަޙްމަތްތެރިޔާ ބަލަން ތިބި ކަމަށާއި، އެއީ އެތިންމީހުންގެ ތެރޭގައި ކުރެވުނު ބެޓެއްކަމަށް އިއާން ބުންޏެވެ. އީމާއަކީ އާދައިގެ ދިރިއުޅުމެއް އުޅޭ ނިކަމެތި ކުއްޖެއްވީމަ ހިތްތިރިވާނެ ކަން އެމީހުންނަށް އެނގޭތީ އެމީހުން އީމާ ޚިޔާރުކުރީޔޯލައެވެ. ސިފަޔަށް ބަލާއިރު ނުލާހިކު ރީތި ކުއްޖެއްވީމަ ދެވަނަ ވިސްނުމަކަށް ދާންވެސް އިއާން ނުވިސްނިކަމަށް އިއާން ބުންޏެވެ. އޭގެ އިތުރުން، އިއާންއާއި ދޭތެރޭގައި އީމާ ނުބައިކޮށް ހީކޮށްފިއްޔާ، އެކަން ސީރިޔަސް ވިޔަނުދީ ހުއްޓުވަން ޝިއުނާއަށް ފަސޭހަވާނެކަމަށް އެމީހުން ޤަބޫލުކުރާކަމަށްވެސް އިއާން ކިޔައިދެމުން ދިޔަ ވާހަކައިން އަންގައި ދިނެވެ.

އިއާން ދައްކަމުން ދިޔަ ވާހަކަ އެހިސާބަށް ދިޔައިރު، އަޑުއަހަން އިން އީމާގެ ދެލޯ ފެންކަޅިވެއްޖެއެވެ. ކޮށްފައި އިން އަސަރެއްގެ ބޮޑުކަމުން ލަގޮނޑިއަށްވެސް ތަދުވެއެވެ. ދެލޮލުގެ އެންމެ ފުނަށްވެސް ތޫނު ތަދެއްވެއެވެ.

"ހައު ކުޑް ޔޫ...!؟" ޝަކުވާގެ މި ޖުމްލައާއެކު އީމާގެ އަޑު ނުކުތީ ވަރަށް އުނދަގުލުންނެވެ. ދެލޮލުންވެސް ކަރުނަ ތިކިތައް ފައިބަން ފެށިއެވެ.

"އޯވހ ޝިޓް..." އީމާގެ ދޮން މޫނު ރަތްވެ ލޮލުން ކަރުނަ ފައިބާތަން ފެނުމުން އިއާން ވަރަށް ކަންބޮޑުވެއްޖެއެވެ. ރީތި އަންހެންކުދިންގެ ރީތިކަމަށްޓަކައި އިއާން ޖާނުވެސް ދީފާނެއެވެ. އެކަމަކު އެއްވެސް އަންހެންކުއްޖެއްގެ ކަރުނައަކީ އިއާންއަށް ހިތްގައިމު އެއްޗެއް ނޫނެވެ. ދެވަނަ އެއްޗެއް ބުނަންވެގެން އަނގަ ހުޅުވާލިއިރު އީމާ ކާރުން ފައިބައިފިއެވެ.

ކަންބޮޑުވެގެން އިއާންވެސް އުޅުނީ ކާރުން ފައިބާށެވެ. ނަމަވެސް ކައިރިން ދިޔަ ސައިކަލަކަށާއި ކާރަކަށް ފުރުޞަތު ދީފައި ދޮރުހުޅުވުނީ އިރުކޮޅަކުންނެވެ. އެވަގުތަކީ ކުއްލިއަކަށް ވާރޭ ވެހިގަތް ވަގުތެވެ. ހުޅުވި ދޮރު އަލުން ލައްޕާލާފައި ކާރުގައި އިނދެގެން އީމާ ފެނޭތޯ އިއާން ހޯދާލިއެވެ.

ނަސީބެކޭ އިއާންގެ ހިތަށް އެރިއެވެ. އޭނައާއި ދުރަށް ދާން ކާރުން ފޭބި އީމާއަށް ލިބުނީ ލަނޑެކެވެ. ޖެހުނީ އަލުން އަނބުރާ އައިސް ކާރަށް އަރާށެވެ. އީމާގެ ބޮލުގަޔާއި މޫނުގައި ވާރޭ ފެނުގެ އަސަރު ހުއްޓެވެ. ލައިގެން އިން ހެދުމުގެ ކޮނޑުމަތިންވެސް ވަނީ ކޮންމެވެސް ވަރަކަށް ތެމިފައެވެ. ކުއްލިއަކަށް ވެހެންފެށީ އެހާ ބޯކޮށެވެ.

ދެމީހުންގެ ދެމެދަށް ވެރިވެފައި އޮތީ ހިމޭން ކަމެކެވެ. އިއާން އިނީ ދައްކަން ފަށާނެ ވާހަކައެއް ނޭނގިފައެވެ. ދެފަހަރަކު ބަލާލި އިރުވެސް ދޮރުން ބޭރަށް އީމާ ބަލަން އިނުމުން އެއްޗެއް ބުނަން ނުކެރިފައެވެ.

"އިއާންމެންކަހަލަ މުއްސަނދިންނަށް ހީވެދާނެ އަހަރެމެން ކަހަލަ މީހުން ފައިސާއަށް ކޮންމެ ކަމެއްވެސް ކޮށްފާނެއޭ، އެކަމަކު އެއީ ކުށްހީއެއް، އަހަންނެއް އިއާންމެންގެ ތި ޕްލޭންގަ ބައިވެރި ނުވާނަން." ކުއްލިއަކަށް އެނބުރިލާފައި އީމާ ބުނެލިއެވެ.

"އެހެން ހީނުކުރަމޭ، މިއީ އެކަހަލަ ކަމެއް ނޫން..." އިއާން ބުނަން އުޅުނު އެއްޗެއްވެސް ފުރިހަމަ ނުކުރެވުނެވެ.

"ކީއްވެގެންތަ ތިހެން ތިބުނަނީ، މިއީ ކިހާވަރެއްގެ ކަމެއްކަން ކީއްވެ އިއާންއަށް ނުވިސްނެނީ، އެންމެ ރަނގަޅޭ، ކޮންމެވެސް އެހެން އަންހެންކުއްޖަކު ހޯދާ، އަހަރެން ބޭނުމެއްނޫން ތިވަރު ބޮޑު ދޮގެއް ހަދައިގެން ގޭމްޖައްސާކަށް، އަހަންނަކަށް ތި ދޮގުމަތީގައި ހުންނާކަށް ނޭނގޭނެ." އީމާގެ ކިބައިން ދުވަހަކުވެސް ފެނިދާނެކަމަށް ހީނުކުރާފަދަ ހަރުގޮތެއް އިއާންއަށް ފެނުނެވެ.

އިއާން އަކީ ޙަޔާތުގައި އަދި ދުވަހަކުވެސް ކަމަކާ ސީރިއަސްވި މީހަކަށް ނުވާތީ، އެ ދަނޑިވަޅުގައި ދެން ކަންތައްކުރަންވީ ގޮތެއްވެސް އިއާން އަކަށް ނުވިސްނުނެވެ. ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އެހާ ޅަ އަންހެންކުއްޖަކުގެ ކިބައިން އެހާ ބޮޑު ނުރުހުމެއް އެގޮތަށް ފެނުމުން އިއާންއަށް އެކަންވީ ވަރަށް ފޫހި ކަމަކަށެވެ. އިތުރަށް ދެން އެކަމާ އީމާއާއި ވާހަކަ ދައްކާހިތެއް ނުވިއެވެ.

"އަހަރެން ބޭނުން ގެއަށްދާން މިހާރު." ކާރުން ބޭރަށް ބަލަން އިނދެ އީމާ އަނެއްކާވެސް ބުނެލިއެވެ.

***

"ނޭނގެ، ވަރަށް ކަންތައް ބޮޑުކުއްޖެއް އެއީ، ޝިއު ބުނިހާ ކޫލްއެއް ނޫން." އީމާ ގެއަށް ލާފައި ގޮސް ކޮޓަރިއަށް ވަން އިއާން ވާހަކަ ދައްކަމުން ދަނީ ފޯންކޯލަކަށެވެ. ޝިއުނާއާއެވެ.

"ދެން އޯކޭ، އަންހެންކުދިން ހުހެއް ނުވާނެނު." އީމާ އެކަމަށް އިންކާރު ކުރިނަމަވެސް އިއާން އެއްވެސް ވަރަކަށް ހާހެއް ނުވެއެވެ. އޭނަގެ އެ އެދުމަށް ލޮލުން ބޮލުން ރުހިގެން އަންނާނެ ކިތަންމެ އަންހެންކުދިންނެއް އިއާންއަށް އެނގެއެވެ.

"މަންމަ އަދި އަހާނެ އެފެމިލީގެ ވާހަކަ، ޓެލްމީ އެބައުޓް ދެމް." އިއާން އޭނަގެ ކޮޓަރީގެ ބޮޑު ސޯފާގައި ޖައްސާލިއެވެ. ރިމޯޓް ނަގައި ޓީވީ ހުޅުވާލި ނަމަވެސް ބެހެއްޓީ އަޑު ކަނޑާފައެވެ. ހުރިހާ ސަމާލުކަމެއް ހުރީ ފޯނުން ޝިއުނާ އެ ކިޔައިދޭ ވާހަކަތަކަށެވެ.

އީމާއާއި ބެހޭގޮތުން އިއާންއަށް އަޑުއިވުނު އެއްވެސް ވާހަކައެއްގައި އޭނަގެ ހިތް ދަމައިގަންނަ ފަދަ އެއްވެސް ކަމެއް ނެތެވެ. އެއްވެސް ޝައުޤެއް އިތުރެއް ނުވިއެވެ. ކުރިން އޮތް ޝައުގުވެސް މިރޭ އީމާ ހަދާފައި އެ ދިޔަ ގޮތުން އޮތީ ގެއްލިފައެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular