އީމާއާ ބެހޭގޮތުން އިއާންއަށް އަޑުއިވުނު އެއްވެސް ވާހަކައެއްގައި އޭނަގެ ހިތް ދަމައިގަންނަ ފަދަ އެއްވެސް ކަމެއް ނެތެވެ. އެއްވެސް ޝައުޤެއް އިތުރެއް ނުވިއެވެ. ކުރިން އޮތް ކުޑަކުޑަ ޝައުގުވެރިކަން ވެސް މިރޭ އީމާ ހަދާފައި އެ ދިޔަ ގޮތުން އޮތީ ގެއްލިފައެވެ.
ޝިއުނާގެ ހިތްގައިމު އަޑުން ކިތަންމެ ރީއްޗަކަށް އެ ވާހަކަތައް ކިޔައިދިން ކަމުގައި ވިޔަސް އިއާން ގާތަށް ނިދި އަންނަ ގޮތް ވިއެވެ. ފޯން ބާއްވާހިތްވާން ފެށިއެވެ. އެވާހަކަ އިތުރަށް އަޑުއަހާހިތް ނުވެގެން ކޮށްލެވުނު ޙަރަކާތެއްގެ ގޮތުން، ހުސްކޮށް އޮތް އަތުން މޫނުގައި ދެފަހަރަކު އަތްކާއްތާލެވުނެވެ. ދަތްދޮޅިކޮޅު އަވަސް އަވަހަށް ކަހާލެވުނެވެ. ތުނބުޅި މާ ދިގުވީއޭ ހިތަށް އެރިއެވެ.
"އިއާ...ކީއްތަ ތިކުރަނީ؟ ކީއްވެ އެއްޗެއް ނުބުނީ؟" ތަންކޮޅެއް ބާރަށް ޝިއުނާގެ އަޑު ފޯނުން އިވުމުން އިއާން ދިޔައީ ސިއްސައިގެންނެވެ.
"އިރުކޮޅަކުން އެބަ ގުޅާލަން އިނގޭ ސްވީޓީ." ޝިއުނާ ވާހަކަ ދައްކަދައްކާ އިންދާ އެ އަޑަށް ސަމާލުކަން ނުދެވި، އަމިއްލަ ތުނބުޅީގެ ދިގުމިނާ ދޭތެރޭ ވިސްނާލަން އިނދެވުނުކަން ބުނާކަށް އިއާން ބޭނުމެއް ނުވިއެވެ.
އަވަސް އަވަހަށް ފޯން ބޭއްވިއެވެ. އެދިޔަ ގޮތަށް ގޮސް ފާހާނާއަށް ވަދެއްޖެއެވެ. ހުދު ނޫން ކުލައެއް ނެތް ސާފު ފާހާނާގެ، މޫނުދޮންނަ ތަށި ކައިރިއަށް ހުއްޓި ލޯގަނޑުން މޫނު ބަލާލިއެވެ. ދެފަރާތް ދެފަރާތަށް މޫނު އަނބުރާލަމުން އަމިއްލަ އަމިއްލައަށް ސިފައަށް ބަލާލާފައި ސިންކުގައި ދެއަތްވިއްދައިގެން ހުރެއްޖެއެވެ.
"އީމާ، އީވެން ނޭމް ސައުންޑްސް ސްޓުޕިޑް." ލޯގަނޑުން ފެންނަން ހުރި އަމިއްލަ މޫނަށް ބަލަން ހުރި އިއާންގެ އަނގައިން މިބަސްކޮޅު ނުކުތީ އިއާންއަށްވެސް ނޭނގިކަހަލައެވެ. އެއާއެކު މަލާމާތުގެ ހީލުމެއްވެސް އިއާންގެ މޫނަށް ވެރިވިއެވެ.
ދެންވީ ސިކުންތުކޮޅެކެވެ. ފާރުގައި ހުރި ކުޑަ ކަބަޑެއް ހުޅުވާލިއެވެ. ދެވައްތަރެއްގެ ދެ ޓްރިމަރު އޮތް ތަނަކުން އެއް ޓްރިމަރު ނަގައިގެން ތުނބުޅި ބާލަން ފެށިއެވެ. ނުލެއްޕި ހުރި ފާހާނާ ދޮރުގައި ފައިން ޖައްސައި ލައްޕާލީ އޭގެ ފަހުންނެވެ.
ޓްރިމަރުގެ ޒޫމް އަޑު ނޫން އަޑެއް މިހާރު ނީވެއެވެ. ހިމޭންކަމެއް ވެރިވެފައި އޮތް ކޮޓަރިއަށް ގޮސް ވަނީ އިއާންގެ މަންމަ، އާލިޔާއެވެ. އިއާން ފެންނަން ނެތް ނަމަވެސް އިއާން ގެއަށް އައިސްފިކަމާއި ވީ ފާހާނާގައިކަން އެނގޭތީ އިއާން ނިކުންނަންދެން މަންމަ، ސޯފާގައި އިށީނދެލިއެވެ.
ކޮޓަރީގެ ތަރުތީބުތައް ކުރެވިފައިވާ ގޮތުން ފާހާނާއިން ނުކުންނަ މީހާގެ ކަނާތްފަރާތުން ހުރީ ބޮޑު އެނދެވެ. އެނދުގެ ފައިލާކޮޅުން ދިމާ ކުރިމަތިން ބޮޑު ސޯފާއެކެވެ. ސޯފާ ކުރިމަތީން ފެންނަ އަޅިކުލައިގެ ފާރުކައިރީ ހުރި ކަޅުކުލައިގެ ބޮޑު ޓީވީ ރެކުގައި، ކޮޓަރީގެ ސައިޒާ އެކަށީގެންވާ ވަރުގެ ބޮޑު ޓީވީއެކެވެ. އިއާންގެ މަންމަ އިނީ، މީގެ އިރުކޮޅެއް ކުރިން އިއާން އެ ޓީވީއިން އަޅުވާފައި ހުރި ޓްރަވެލް ޗެނެލަކުން ފެންނަ މަންޒަރުތަކަށް ގެއްލިފައެވެ.
ދުނިޔޭގެ އެކި ދިމަދިމާލަށް ދަތުރުކުރުމަކީ ދިވެހިން އެހާ އާއްމުކޮށް ކޮށް ނުއުޅޭ ކަމަކަށްވިނަމަވެސް، އެއީ އިންސާނުންގެ ހޭލުންތެރިކަމާއި ތަރައްޤީއާއި ތަހުޒީބުގެ އަސްލު ފެށޭ ހިސާބުކަމުގައި އާލިޔާއަށް އަބަދުވެސް ޤަބޫލު ކުރެވެއެވެ. ކައިވެނީގެ ފުރަތަމަ ހަ އަހަރުތެރޭ ރިޒްވީއާ އެކު ގިނަ ޢަދަދެއްގެ ޤައުމުތަކަކަށް ދެވުނުކަމަށްޓަކާ މިއަދުވެސް އާލިޔާ އުފާކުރެއެވެ. ބަލަހައްޓަން ޖެހޭ ވިޔަފާރީގެ ކަންތައްތައް ގިނަކަމުން މިހާރު ދެމަފިރިންނަށް އެކުގައި ނުދެވުނު ނަމަވެސް މާދަންވެސް ރިޒްވީއާއެކު ތަނަކަށް ދެވޭނެ ނަމަ އާލިޔާ ދާހިތްވެއެވެ. ބޭރު ޤައުމެއްގައިނަމަ ރިޒްވީގެ ސަމާސާ ބަސްތަކާއި އުފާވެރި މިޒާޖު މާ ހިތްގައިމުވެފައި ލޮބުވެތިކަން ބޮޑުކަން އާލިޔާއަށް އަބަދުވެސް ފާހަގަ ވެއެވެ.
"މޮމް...!!" ފާހާނާއިން ނުކުތުމާއެކު އިއާންއަށް ބުނެލެވުނެވެ.
ލޯބިވާ ފިރިމީހާއާއެކު ހޭދަކުރެވުނު ޙަޔާތުގެ އުފާވެރި ހަނދާންތަކުގެ ތެރޭގައި އިން އާލިޔާއަށް، ފުރަގަހުން ދަރިފުޅުގެ އަޑު އިވުމުން، އިންގޮތަށް އިނދެފައި އަތުގެ އިޝާރާތުން، ގާތަށް އައުމަށް ބުންޏެވެ.
"ކިހިނެއްވީ މަންމާ...؟" ނޫކުލައިގެ ކުޑަ ތުވާލިކޮޅަކުން މޫނު ފޮހެމުން ފޮހެމުން ގޮސް އިއާން އިށީނދެއްޖެއެވެ.
"ދަރިފުޅަށް އެނގޭނެ މަންމަ މިވާހަކަ ދައްކަން އަންނާނެކަން، ދެން ކީއްވެ ނޭނގޭ ކަމަށް ތިހަދަނީ؟" އާލިޔާ ހީލިއެވެ.
ޖަވާބުގައި އިއާންވެސް ހީލާފައި ބޯ ޖަހާލިއެވެ.
"ދަރިފުޅު ސީރިއަސްތަ މިފަހަރު؟" އާލިޔާއަށް އޭނަގެ ދަރިފުޅު ވަރަށް ރަނގަޅަށް އެނގެއެވެ. ޢުމުރުން ހަތާވީސް އަހަރު ވީއިރު އިއާން ރައްޓެހިވީ ކިތައް ކުދިންނާކަމެއް ޚުދު އިއާންއަށްވެސް އެނގޭނެ ކަމަކަށް އާލިޔާ ގަބޫލެއް ނުކުރެއެވެ.
"މަންމައާ މީޓް ކުރަން މިނޫނިއްޔާ ނުގެންނަމެއްނު ކުއްޖެއް، ސޯ ވަޓް ޑު ޔޫ ތިންކް މޮމް؟" ތެދުވެގެން ހިނގައިގަންނަމުން އިއާން ބުންޏެވެ.
އިއާން އެ ބުނީ ތެދެކެވެ. އެ ނޫނީ މަންމައާ ހަމައަށް އަންހެންކުއްޖަކު އިއާން ނުގެނެއެވެ. އެކަމަކު މިފަހަރުވެސް އެއީ އިއާން ކުރަން ބޭނުންވެގެން ކުރި ކަމެއް ނޫންކަން އާލިޔާ ހަނދާން ހުއްޓެވެ. ކައިވެނި ނުކޮށްފިއްޔާ ކޯހަށް ނުފޮނުވާނެކަމަށް މަންމަ ބުނުމުން ދަރިފުޅަށް ގޮތްހުސްނުވި ނަމަ އަދިވެސް އިއާން ކައިވެންޏެއް ކުރަން ބޭނުން ނުވާނެކަން އާލިޔާއަށް މާ ރަނގަޅަށްވެސް އެނގެއެވެ.
"މަންމަ ބޭނުންވަނީ ދަރިފުޅު ކައިވެންޏެއް ކޮށްގެން ދާން، އެކަމަކަށް ނާންނާނެ ބަދަލެއް، އެކަމަކު ދަރިފުޅު މެރީ ކުރަންވާނީ ދަރިފުޅަށް ކަމުދާ، ދަރިފުޅު ބޭނުންވާ، ދަރިފުޅު ލޯބިވާ ކުއްޖަކާ."
ފާހާނާއާ އިންވެގެން ހުރި ރީތިވާ ކުޑަކުޑަ ކޮޓަރީގެ އެއްފާރުގައި ހުރި ބޮޑު އަލަމާރިން ޓީޝާޓެއް ނަގައިގެން ލާން ހުރި އިއާންއާއި ދިމާލަށް އެނބުރިލަމުން އާލިޔާ އޭނަގެ ކަންބޮޑުވުން ހުށަހަޅަމުން ދިޔައެވެ.
"ސޯ...؟" މަންމަ ބުނަން އެ އުޅެނީ ކީކޭތޯ އިއާން އެހިއެވެ.
"ސޯ، މިބުނާ އެއްޗަކީ، ދަރިފުޅު އެ ގެނައި ކުއްޖާ އެއީ ފައިނަލް ދޯއޭ؟ ދެޓްސް އިޓް ހޭ؟ އެއީހޭ އެ ކުއްޖަކީ؟ މިހެން މަންމަ މި ބުނަނީ." އާލިޔާ އޭނަގެ ޒުވާން ދަރިފުޅަށް ވިސްނޭނެހެން ސާފުބަހުން އެހިއެވެ.
"އަސްލު ބުނެބަލަ މޮމް، ކީއްވެގެންތަ މަންމަ ތިވަރަކުން އަހަރެން މެރީކުރުވަން ތި އުޅެނީ، އައިއެމް ނޮޓް އީވެން އަ ގާރލް، ދޮންތިވެސް އެހެރީނު؟" ރީތިވާ ކޮޓަރި ތެރެއިން ނުކުމެގެން އަންނަމުން އަންނަމުން އިއާން އެހިއެވެ.
"މަންމައަށް އުނދަގޫވަނީ ދަރިފުޅު ތިހެން ހުންނާތީ." އާލިޔާ ބޭނުންވީ އޭނަގެ ލޯބިވާ ރަންދަރިފުޅުގެ ހިތުގައި ނުޖެހޭފަދަ ގޮތަކަށް ހަގީގަތް ވިސްނައިދެވޭތޯއެވެ.
"ހައް ހައް ހައް...ކީއްވެ މޮމް؟" ހީގެންފައި އިއާން އިށީނީ އޭނަގެ އެނދުގައެވެ.
"ދަރިފުޅަށް އެނގޭތަ، އެވެސް މީހުންގެ ދަރިންނޭ، އެ ކުދިންގެ ވެސް މަންމައަކާއި ބައްޕައަކު ހުންނާނެ، އަނެއްކާ ދަރިފުޅު ތި ގުޅެނީ ކޮންމެ ފަހަރަކު މަންމަމެން ވެސް ދަންނަ، ރައްޓެހި މީހުންގެ ކުދިންނާ، އެމީސްމީހުން ތިބެނީ އެހާ އުފަލުން މަންމަމެން ޢާއިލާއާއި ގުޅެން ބޭނުންވެގެން، އެކަމަކު ހަމަ ތިންމަސް ވެސް ނުވަނީސް ދަރިފުޅު އެކުދިން ދެރަކޮށްފަ ތި ބާކީކޮށްލަނީ، އެކުދިން ކިހާ ރުއިމެއް ރޯނެ، އެ ފެމިލީތަކާ މަންމަމެނާ މޫނުކެނޑޭގޮތް އަބަދު ދިމާވަނީ، ދަރިފުޅު ފޯން ނުނެގީމަ އެކުދިން ގުޅަނީ މަންމައަށް، މިގެއަށް، މަންމަ ކައިރިއަށް ނާދެވޭތީ ރޯވަރު މާ ބޮޑު ދަރިފުޅު ރުޅިވީމަ ރޯވަރަށްވުރެ، މަންމައަކަށް ނުވާނެ އެކަމެއް ދެނެއް." ސޯފާއިން ތެދުވެގެން ގޮސް އިއާން ކައިރީ އިށީނދެ އާލިޔާ އެނަގެ ދަރިފުޅަށް އެ ދަރިފުޅުގެ ކުށް އިހްސާސްވޭތޯ، އޯގާތެރިކަމާއިއެކު ކިޔައިދިނެވެ.
"އެގްޒެކްޓްލީ މޮމް، ތިޔޭ މައްސަލަޔަކީ، އެކުދިން ބޭނުންވަނީ އަހަންނެއް ނޫން، އިއާންއެއް ނޫން، ދެއި ވޯންޓް ޓް ކަމް ހިޔަރ، ނޮޓް މީ، މިގެއަށް އަންނަން ބޭނުންވަނީ، މިގޭ ކުއްޖަކަށްވާންބޭނުންވަނީ، ރިޒްވީ ފެމިލީ، ދެޓްސް އޯލް ދެއި ވޯންޓް." އިއާންވެސް އޭނަގެ އަމިއްލަ ދިފާޢުގައި ވާހަކަ ދެއްކިއެވެ.
"ދެން އެކަމަކު މަންމައެއް ގަބޫލެއް ނުކުރާނަން ތިވާހަކައެއް." އާލިޔާ ނުރުހުން ދެއްކިއެވެ. އޭނަގެ އެ ދަރިފުޅުގެ ވާހަކަ ފަހަރެއްގައި ތެދަކަށްވެސް ވެދާނެއެވެ. އެކަމަކު ޔަގީންވާ ކަމަކީ ބަލާ މީހުންނަށް ފެންނަނީ އެ މަންޒަރެއް ނޫންކަމެވެ. އަދި އިއާންއާއި ދޭތެރޭ މީހުން ދެކެނީ އިއާން އެބުނިހާ މަޢުސޫމްކޮށް ނޫންކަންވެސް އެ މަންމައަށް ޔަގީނެވެ.
މީހުން ދެކޭ ގޮތުގައި އިއާން އަކީ މުއްސަނދި ޢާއިލާއެއްގެ ހުރި ރަންދަރިއެކެވެ. އިއާން އަކީ އެއް އަތްތިލައިގައި އުނިކަމެއް ހުރިނަމަވެސް، ރީތި ޒުވާން ފިރިހެނެއްގެ ހުންނާނެ ހުރިހާ ރީތި ސިފައެއް ލިބިފައިހުރި ޒުވާނެކެވެ. އެކަމަކު މުއްސަނދި މައިންބަފައިންގެ ސަބަބުން ހަލާކުވެފައި ހުރި ފިރިހެން ދަރިއެކެވެ. އަގުބޮޑު ވެހިކަލާއި އަގުބޮޑު ހެދުމުގައި އުޅޭ އަގެއް ނެތް މީހެކެވެ. މީހުންނަށް ގަދަރު ނުކުރާ، މީހުންނަށް ރަޙުމް ނުހުންނަ ބޮޑާ ކިބުރުވެރިއެކެވެ. ފައިސާއަކީ އިއާން ދާ ފޮހެން ގެންގުޅޭ ޓިޝޫއެއްފަދަ އެއްޗެކެވެ. އެކުވެރިންނާ ލޯބިވެރިންނަކީ އޭނަގެ މުނިފޫހިފިލުވައިދޭ ބައިވެރިންނެވެ. ޒުވާން އަންހެންކުދިން އިއާންއަށް އިންތިހާއަށް ނަފްރަތު ކުރެއެވެ. ފޭސްބުކްގަޔާއި ޓްވިޓަރ ގައި އިއާންއަށް ރައްދުކޮށް ބުނެފައި ހުންނަ އެއްޗެހި އެކަން ސާބިތުކޮށްދެއެވެ.
ޚުދު އާލިޔާގެ ރައްޓެހިންގެ ތެރޭގައިވެސް، ނުސީދާބަހުން އިއާންއަށް އެއްޗެހިކިޔާ މަލާމާތް ދޭ މީހުން އުޅެއެވެ. އެ އަޑުތައް އާލިޔާއަށް އަޑުއިވިފައި އެބަހުއްޓެވެ. މެސެޖްތަކުން ފެނިފައިވެސް އެބަހުއްޓެވެ.
އިއާންއަށްވެސް މިކަންކަން އެނގޭނެކަން އާލިޔާއަށް އެނގެއެވެ. މަންމައާއި ދަރިފުޅުގެ ވިސްނުން މިކަމުގައި ތަފާތެވެ. އިއާން އެކަމަކަށް އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. އެއްވެސް ވަރަކަށް ކަންބޮޑެއް ނުވެއެވެ. އެއްވެސް ވަރަކަށް އަޅައެއް ނުލައެވެ.
އެހެނެއްކަމަކު އާލިޔާއަކަށް އެކަމަށް ކެތެއް ނުވެއެވެ. ނުލާހިކު ލޯބިން ބަލާބޮޑުކުރި ރަންދަރިފުޅަށް މީހުންގެ ބަދުބަސްތައް ލިބޭއަޑު އިވުމުން އާލިޔާއަށް ރޮވެއެވެ. އޭނަގެ ދަރިފުޅާހުރެ، ޒުވާން އަންހެންކުދިންގެ ހިތްކުދިކުދިވާއިރު އެކުދިންގެ ހިތުން އޮހޭ ލޭގައި ކޮންމެވެސް ދުވަހަކުން އިއާން ޒަޚަމްވެފައި އޮންނަން ޖެހިދާނެތީ އާލިޔާ ބިރުގަނެއެވެ. އެ އަންހެންކުދިންގެ މައިންބަފައިންގެ ބަދު ދުޢާގައި އޭނަގެ ދަރިފުޅު ހަލާކުވެދާނެ ކަމަށްޓަކައި ދެފައިން ބާރުދާހާ ވެއެވެ.
"އޯކޭ އޯކޭ މޮމް، ފައިން، މަންމަ ބުނަން އައީ ކީކޭތަ؟" މަންމަގެ ފިކުރު ބޮޑުވެފައި ހުރި މޫނަށް ބަލަން އިނދެ އިނދެފައި، އިއާން އޭނަގެ މަންމަގެ ދެއަތްތިލައިގައި ހިފަމުން އެހިއެވެ.
"އީމާ އެއީ ދަރިފުޅުގެ ޗޮއިސްކަމަށްވަންޏާ މަންމަ ބޭނުމޭ މާދަމާވެސް އެ ޢާއިލާކައިރިއަށް ދާން. އެހެންވެ މަންމަ މިއައީ." އާލިޔާ އޯގާތެރިކަމާއެކު އޭނަގެ ދަރިފުޅަށް ބަލާލިއެވެ.
އިރުކޮޅެއްވަންދެން މަންމަގެ ދެއަތްތިލައަށް ބަލަހައްޓައިގެން އިއާން އިނެވެ. ދެން އިސް އުފުލާލިއެވެ.
"ޔެސް. މާދަމާވެސް ދާންވީ ހަމަ. މަންމަ އެދުނު ގޮތަކަށް ކަންތައް ކުރާނަން." ވިސްނާލުމަށްފަހު ހިނިތުންވުމަކާއެކު އިއާން މިހެން ބުނެލިގޮތުން، އާލިޔާގެ ހިތުގައި ކުޑަވެސް ޝައްކެއްނެތި ދަރިފުޅާ ދޭތެރޭ ހިތް ސާފުވިއެވެ.
***
އިއާންގެ މޮޅު ރޭވުމުގައި ޖެހި، ކުއްލިއަކަށް ކައިވެންޏެއް ކުރަން ޖެހިފައި އިން އީމާ އިނީ ގެއަށް ދިޔަ ގޮތަށް ކޮޓަރީގަ އެނދުގައި އިށީނދެލައިގެންނެވެ. މިރޭ އެވީ ކޮންކަހަލަ ކަމެއްކަން އަދިވެސް ވިސްނައިނުގަނެވިފައި އިންކަހަލައެވެ. ސިކުނޑީގައި ތަކުރާރުވެ ހިނގަނީ އިއާންގެ ގޭގައި އިއާންގެ މަންމަމެން ދެއްކި ވާހަކަ ތަކެވެ.
އެ ޚިޔާލުން ދުރުވެވުނީ އަތުގައި އޮތް ފޯން ވައިބްރޭޓްވާން ފެށުމުންނެވެ. ބަލާލިއިރު އެއީ ކޮންމެ ރެއަކުވެސް އެގަޑީގައި އަންނަ ޚާއްޞަ ކޯލެވެ. ނަދީމްގެ ކޯލެވެ.
"ހަލޯވ ދީމް..." އީމާ އަވަހަށް ފޯން ނަގައި ޖަވާބު ދިނެވެ. ހިނިތުންވަމުންނެވެ. އޭނަގެ އަޑުން ނަދީމްއަށް އެއްވެސް ކަމެއް ގޯސްވެއްޖެކަން ފާހަގަވިޔަ ނުދިނުމަށް މަސައްކަތް ކުރަމުންނެވެ.
"އާނ، ކުޑައިރުކޮޅަކުން އޮންލައިން އެބަވަން އިނގޭ." ފާއިތުވި ހައެއްކަމަސް ނަދީމް އެ ހޭދަކުރަނީ އިންޑިޔާގެ ބެންގަލޫރުގައެވެ. ނަދީމްގެ މަންމަ ބަލިވެގެން ބޭސްފަރުވާއަކަށް މަޑުކުރަން ޖެހުމުން ބައްޕައާއެކު ނަދީމްވެސް އެ ހުންނަނި އެކޮޅުގައެވެ. އަހަރެއްހާ ދުވަސްވަންދެން ރައްޓެހިވެގެން މާލޭގައި އުޅުނުއިރު ކޮންމެ ކޮންމެ ދުވަހަކުވެސް ދިމާވާ އެދެމީހުން ދިމާވާ ހަމައެކަނި ގޮތަކީ މިހާރު ވީޑިއޯ ކޯލަކުންނާއި ފޯން ކޯލަކުންނެވެ.
ފޯން ބާއްވާފައި އީމާ އަވަސްވެލީ ލެޕްޓޮޕް އޮންކޮށްލާފައި ވީޑިއޯ ކޯލަށެވެ. ކިރިޔާވެސް ލަސްވެއްޖިއްޔާ ނަދީމްގެ މޫޑް ގޯސްވާނެކަން އީމާއަށް އެނގޭތީ ހިތްއަވަސްވެ ހުރެގެންނެވެ. -- ނުނިމޭ --