21 Oct 2017

ގަސްތަކާނުލާ

ގަސްތަކާނުލާ

* އޮކްޓޫބަރު 17 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ފޯނު ބާއްވާފައި އީމާ އަވަސްވެލީ ލެޕްޓޮޕް އޮންކޮށްލާފައި ވީޑިއޯ ކޯލަށެވެ. ކިރިޔާވެސް ލަސްވެއްޖިއްޔާ ނަދީމްގެ މޫޑް ގޯސްވާނެކަން އީމާއަށް އެނގޭތީ ހިތްއަވަސްވެ ހުރެގެންނެވެ.

ނަދީމަކީ އޭނާ ދެކެ އެންމެ ލޯބިވާ އިންސާނާ ކަމަށް އީމާ ގަބޫލުކުރެއެވެ. އެކަމާ ދޭތެރޭ ކުޑަވެސް ޝައްކެއް ނެތެވެ. ޤަބޫލުކުރެވޭ އެހެން ހަގީގަތެއްވެސް އެކަމަކު ވެއެވެ. ނަދީމަކީ ސީރިއަސް މީހެކެވެ. ރުޅިގަދަ މީހެކެވެ. ކުދިކުދި ކަންތައް ވަރަށް ބޮޑުކޮށްލާ މީހެކެވެ.

އެކަމަކުވެސް ހެވެވެ. އެދެމެދުގައި ވަނީ ދުރުވުމެއް ނެތް ގުޅުމެއް ގާއިމްވެ ނިމިފައެވެ. އެ ދެމީހުން ވަނީ ނަދީމަށް މާލެ އާދެވުމުން މެރީ ކުރަން ނިންމާފައެވެ. ވަކި ދުވަހެއް ވަކި ސާޢަތެއް ކަނޑައެޅިގެން ނުބުނި ނަމަވެސް ނަދީމް ބުނާ ގޮތުގައި އެ ދުވަސް އޭނަ އޮތީ ކަނޑައޅާ ނިންމާފައެވެ. އީމާ ކައިރީ ބުނާނީ މާލެ އައިސްފައެވެ.

އެހެން ރޭތަކެކޭވެސް އެއްފަދައިން އެދެލޯބިވެރިން ވާހަކަ ދެއްކިއެވެ. އީމާގެ ޙަޔާތެއް އިންގިލާބެއް އަންނަން އުޅޭކަމެއް ހިނގައިގެން އުޅުނު ނަމަވެސް، އެއްވެސްކަމެއް ވިކަމުގެ ހިލަންވެސް ނަދީމަށް ވިޔަދޭކަށް އީމާ ބޭނުން ނުވާތީ ހަމަ އެހެން ދުވަސްދުވަހެކޭ އެއްފަދައިން އުފާވެރިކަމާއެކު ވާހަކަ ދައްކަމުން ދިޔައެވެ.

ނަމަވެސް އެ ކޯލް ނިމުމާއެކު އީމާއަށް އެރޭ ވަރަށް ގިނަ ކަންތައްތަކާ ވިސްނުނެވެ. އެގޭތެރޭގެ ކަންތައްތައް ހުންނަ ގޮތާއި ދޭތެރޭ ވިސްނަމުން ދިޔަ އީމާގެ ވިސްނުން އެންމެ ފަހުން ގޮސް ހުއްޓުނީ އޭނަގެ އުފަން މަންމައާއި ހަމައަށެވެ.

އީމާ ހަނދާން ހުންނަން ފެށީއްސުރެންވެސް މަންމަ އުޅެނީ އެހެން ގެއެއްގައެވެ. އީމާ އުޅެނީ ބައްޕަމެން ގޭގައެވެ. ޕްރީ ސްކޫލްގައި އުޅުނުއިރު މަންމަ ގޭގައި ނޫޅޭތީ މައްސަލަ ޖައްސައި ހެދި ނަމަވެސް ބޮޑު ކުއްޖަކަށް އޭނަ ވީ ފަހުން ދުވަހަކުވެސް މަންމަގެ މައްސަލައެއް ނުޖައްސައެވެ. މަންމަ ނައިސްގެން ނޫޅެއެވެ. މަންމަ ނެތިގެން ނުރޮއެވެ. އީމާ ގަބޫލުކުރާ ގޮތުގައި މަންމަ އެގޭގައި ނެތުމަކުން އޭނައާއި މަންމަގެ ގުޅުން ހީނަރެއް ނޫނެވެ. މަންމަ އޭނައަކަށް ގޯހެއް ނޫނެވެ. މަންމަ އަކީ އަބަދުވެސް ސަމާސާ މިޒާޖެއްގައި ހުންނަ އުފާވެރި މީހެކެވެ. އޭނަ ދެކެ މަންމަ ލޯބިވެއެވެ. ބުނި ކޮންމެ ކަމެއް ކޮށްދޭނެކަންވެސް އީމާއަށް ޔަގީނެވެ. އޭނަގެ މަންމައާއި ބައްޕަ ވަރިވެފައި ތިބި ނަމަވެސް އެއީ އޭނަ ހިތާމަ ކުރަން ޖެހޭނެ ކަމެއް ނޫނެވެ. އޭނަގެ މަންމަ ނެތީކީނޫނެވެ. އެބަހުއްޓެވެ. ހަމަ އެކަނި ތަފާތަކީ އެއްގެއެއްގައި ނޫޅޭ ކަމެވެ.

އީމާއަށް ސަބަބު ނޭނގުނު ނަމަވެސް އެރޭ އީމާއަށް އޭނަގެ މަންމައާ ދޭތެރޭ މާ ގިނައިން ވިސްނުނެވެ. އިއާންގެ ސަބަބުން އޭނަ މަޅިއެއްގައި ބެދެނީއޭ ހިތަށް އަރާވަރުން އެކަމާ ބެހޭ ގޮތުން މަންމަ އާއި މަޝްވަރާ ކޮށްލަން ބޭނުންވިއެވެ. މަންމަ އެކަމާ ދޭތެރޭ ދެކޭގޮތް އެނގޭހިތް އީމާ ވިއެވެ.

އެރޭ އީމާއަށް ނިދުނީވެސް މަންމައާ ދޭތެރޭ ވިސްނަން އޮއްވައެވެ. ފަތިހު ހޭލެވިގެން ބަލާލިއިރު އެންމެ ފަހުން ގުޅި ނަންބަރަކަށް އިނީވެސް އީމާގެ މަންމަގެ ނަންބަރެވެ.

ރޭގައި އެންމެ ފަހުން މަންމައަށް ޑަޔަލްވެސް އީމާއަށް ކުރެވުނުކަން އީމާ ހަނދާންވިއެވެ. އެކަމަކު ކާކުގެ ނަސީބަކުން ކަމެއް ނޭނގެއެވެ. އެ ކޯލް މަންމަ ނުނަގައެވެ.

ދެން އަނެއްކާވެސް ފޯންގެ ކޯލް ހިސްޓްރީއަށް ބަލާލިއެވެ. އީމާ ގެޔަށް ލާފައި ދިޔަ ފަހުން އެންމެ ފަހަރަކުވެސް އިއާންގެ ކޯލެއް އިންތޯ ފަރުވާތެރިކަމާއެކު އީމާ ބެލިއެވެ.

ނެތެވެ. ހުންނާނެ ކަމަށް އުއްމީދު ކުރުމަކީވެސް އޭނައަށް ހެދުނު ގޯހެކޭ އަމިއްލަ ހިތަށް އީމާ ވިސްނައިދިނެވެ.

ކޮން ކަހަލަ އިންސާނެއް ހެއްޔެވެ. ތަނެއްގައި ހުރި އަންހެންކުއްޖަކު ގެންގޮސް، ރައްޓެހިވެގެން އުޅޭ ކުއްޖާއޭ ބުނެ ޢާއިލާއަށް ތަޢާރަފްކޮށްދީފައި، ކައިވެނި ކުރަން ބޭނުންވާ ކުއްޖަކީ މިއީއޭ ބުނެފައިމެ، މުޅި ރޭ ވޭތުވެގެން ދިޔައިރު، އެންމެ ފަހަރަކުވެސް އިއާން ގުޅާލާފައިވެސް ނެތެވެ. ބޭނުންވި ކަންތައް ނިމުނީމަ އީމާގެ ގެއަށް ގޮސް އީމާ ލާފައި އިއާން ދިޔައީއެވެ. ފަހަކުން ޚަބަރު ވެސް ބަލާނުލިއެވެ. ރަޙުމެއް ނެތް އިންސާނެކެވެ.

މިކަހަލަ ވިސްނުންތަކަކުން ހިތް މިލަމުން ދިޔަ އީމާއަށް މާ ގިނައިރެއްވެސް އެ ވިސްނުމުގައި އިންނާކަށް ވަގުތެއް ނެތެވެ. އީމާ ނުކުތީ ބޭރަށެވެ. އާހިލް ހެނދުނު ސްކޫލަށް ދާންވާއިރަށް ސައިބޯނެ ކޮންމެވެސް އެއްޗަކާއި އިންޓަވަލް އަށް ގެންދާނެ އެއްޗެއް ތައްޔާރުކޮށްލުމަކީ ހަމަ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ.

***

އެދުވަހުވެސް އާދައިގެ މަތިން އީމާ ޑިއުޓީއަށް ދިޔައެވެ. ހެނދުނު ހަތެއްގެ ފެރީން ފައިބައިގެން ތަންކޮޅަކަށް ހިނގާލިތަނާ އީމާއަށް މާ ދުރުން ޝިއުނާ ފެނުނެވެ. ޝިއުނާހުރީ އެހެން ދިމާލަކަށް އެނބުރިކަމުން ޝިއުނާއަކަށް އީމާއެއް ނުފެންނަކަން އީމާއަށް ޔަގީނެވެ.

އީމާގެ މެއަށް ފެންއެއްޗެއް އޮއްސާލި ފަދަ އަކުން ފިނިވެގެން ދިޔައެވެ. އެއީ ކޮން އިހްސާސެއްގެ ސަބަބުންކަން އީމާއަށް ނޭނގުނު ނަމަވެސް ޝިއުނާއާއި ދިމާވާކަށް ބޭނުން ނުވިއެވެ. އިސް އޮބާލާފައި، އަވަސް ފިޔަވަޅުތަކެއްގައި އީމާ ހިނގުން ބަދަލުކޮށްލީ ގޮސްގޮސް ހުރި ފަރާތް ނޫން ފަރާތަކަށެވެ. އެއްފަރާތަކަށް އަނބުރާލެވެން ހުރި ކަންމައްޗާ ހަމައަށް ގޮސްފައި، އެންމެ ކައިރިން ޖެހުނު ފިހާރައަށް އީމާ ވަދެއްޖެއެވެ. ބޭނުންވީ ޝިއުނާގެ ނަޒަރުން ސަލާމަތް ވާށެވެ. ޝިއުނާއަށް ނުފެންނާށެވެ.

އެތަނަށް ވަދެވުމުން ބިއްލޫރިގަނޑުން ބޭރު ބަލާލިއެވެ. ޝިއުނާ ފެންނާކަށް ނެތެވެ. ގަޑިބަލާލިއިރު އަދި ކުޑަ ވަގުތުކޮޅެއް އޮތުމުން އީމާ ދެން ބަލާލީ ވަދެވިފައި ހުރި ތަނަކަށެވެ. މޫނު މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

އީމާއަށް ވަދެވިފައި ހުރީ މާ ވިއްކާ ފިހާރައަކަށެވެ. ހަނދާނަށް އައީ ހަމަ ވަގުތުން އިއާންއެވެ. އިއާން އެ ދުވަހު އޭނައަށް ދިން މާބޮނޑިއަކީ އެފިހާރައިން ލިބުނު މާ ބޮނޑިއެއް ނޫންބާއޭ އީމާގެ ހިތަށް އެރިއެވެ. އެ މާބޮނޑީގައި ހުރި މާތަކުގެ ތެރެއިން އީމާއަށް ފާހަގަ ކޮށްލެވުނު ލިލީމަލުގެ ބޮޑު ބޮނޑިއެއް އެއް ދިމާލަކުން އީމާއަށް ފެނުމުން އަވަހަށް ގޮސް އެ ދިމާލަށް އީމާއަށް ހުއްޓެވުނެވެ.

"ކޮންކަހަލަ މަލެއް ބޭނުންވަނީ؟" އީމާއަށް އޭނަގެ ފުރަގަހުން އިވުނު މި އަޑާއެކު ބަލާލެވުނެވެ.

އެއީ އިއާން އެވެ. އޭނައަށް އެ މާ ބޮނޑި ދިން އިއާންއެވެ.

އީމާއަށް ކަންބޮޑުވެގެން ވަށައިގެން ބަލާލެވުނެވެ. އަނެއްކާވެސް ނަޒަރުގޮސް އިއާންގެ މޫނަށް ހުއްޓުނެވެ. މިތަނުގައި އިއާން ކީއްކުރަނީހޭ އަހާލާ ކަހަލަ ގޮތެއް މޫނުމަތީގައި ހުއްޓެވެ.

ދެޖީބަށް އަތްޖަހައިގެން ހުރި އިއާން ހުރީ ހެޔޮވަރު ވަރަކަށް ހެވިފައެވެ.

"ބޭނުން ކޮންމެ ވައްތަރެއްވެސް ލިބޭނެ، މުޅިން ހިލޭ." އީމާއަށް އެއްޗެއް ނުބުނެވިފައި ހުރި ނަމަވެސް އިއާން ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފަމުން ދިޔައެވެ. ހީވަނީ އިއާންގެ މާ ގާތްމީހަކަށް ބަލަހައްޓައިގެން ހުރި ހެންނެވެ.

އީމާ އަނެއްކާވެސް އިއާންއަށް ފުރަގަސް ދިނެވެ. ބޭނުން ކޮންމެ މަލެއް ލިބޭނެޔޭ ބުނިއިރު އިއާން އަތުން މާ ބޭނުންވެގެން އޭނަ އެބައުޅޭހެއްޔެވެ. އަނެއްކާ ހިލޭ ވެސް ލިބޭނެ ވާހަކަ ބުނެލިއިރު، ހީވަނީ އަމިއްލަ ތަނެއްގެ ވާހަކަ ދެއްކިހެންނެވެ. ހުރިހާ ކަމެއްގައިވެސް ބޮޑާ ފޮނި ފިރިހެނެކޭ އީމާގެ ހިތަށް އެރިއެވެ.

އީމާއަށް އެއްޗެއް ހަނދާންވީ ކުއްލިއަކަށެވެ.

އެއީ އެއަރޕޯޓްގައި ވަރަށް ފަހުން ހުޅުވި އެވެ. އަދި ހަފުތާއެއްވެސް ނުވާ ތަނެކެވެ. އެ ތަނެއްގެ ވާހަކަ އީމާވެސް އަޑުއެހީ މީހުން އެ ވާހަކަ ދައްކާ އަޑެވެ. އެތަނެއް އީމާ ނުއެއް ދެކެއެވެ.

އެތަނަކީ ޒުވާނަކު އޭނަގެ ލޯބިވެރިޔާއަށްޓަކައި ހުޅުވި ފިހާރައެއް ކަން އެންމެންވެސް ބުނާ އަޑު އީމާ އެހިއެވެ. އެތަނުގައި ހުންނަ މާތަކުގެ ތަފާތު ކަމާއި، ތަނުގެ ރީތި ކަމުގެ ވާހަކަ އަކީ މި ހަފްތާ ތެރޭގައި އެކި ދިމަދިމާލުން އީމާއަށްވެސް އަޑުއިވިފައި ހުރި ވާހަކަތަކެވެ. އަދި ޚާއްޞަކޮށް، އެތަނުގެ ވެރިމީހާގެ ވާހަކައެވެ.

މާ ވިއްކާ ފިހާރައިގެ ވެރިމީހާއަކީ ޒުވާން ރީތި ފިރިހެނެއް ކަމާއި، މީގެ ކުރިން އެހާ ރީތި ދިވެހި ފިރިހެނަކު ނުދެކޭ ކަމަށް އަންހެންކުދިންގެ ގްރޫޕަކުން ވާހަކަދެއްކި އަޑު އިއްޔެ ވެސް އީމާއަށް އޮތީ އަޑުއިވިފައެވެ. ނޭނގި އޮތީ އެތަނެވެ. ނުދެވެނީ އެ ފިހާރައަށެވެ. ދިމާވެފައިވެސް ނެތީ ތަނުގެ ވެރިމީހާއާއެވެ.

އީމާއަށް، ހަމަ ކުއްލިއަކަށް އަނެއްކާވެސް އިއާން އާއި ދިމާލަށް އެނބުރިލެވުނެވެ. ނަމަވެސް ކުރިން އިއާން ހުރި ތަނުގައި އިއާން ނެތެވެ. އީމާގެ ލޮލަކަށް އިއާން ނައަރައެވެ.

ދެން އިވުނީ ގާތުން ކަރުކެހިލި އަޑެވެ. ބަލާލިއިރު، ކުރިން އޭނަގެ ފުރަގަހުގައި ހުރި އިއާން މިހާރު އެހުރީ އީމާގެ ކަނައަތްފަރާތުގައެވެ.

"އަހަރެންތަ ތި ހޯދަނީ؟" އޯގާތެރިކމާއެކު އިއާން އެހިއެވެ.

"ބުނޭ އަވަހަށް، ކޮން ކަހަލަ މާބޮނޑިއެއް ހަދައިދޭންވީ. ސޮރީ މާ ބޮނޑިއެއްތަ؟ އެގްރީ މާބޮނޑިއެއްތަ؟ ގިވް މީ ސަމް ޓައިމް މާބޮނޑިއެއްތަ؟ ބޭނުން ވައްތަރެއް ބުނޭ؟" ވަރަށް ފާޑުވެރިކަމާއެކު އިއާން ވާހަކަ ދެއްކިއެވެ.

އީމާ ހަމަ ހައިރާންވިއެވެ. ކޮންމެ ކަމެއް ކުރިޔަސް ކުރަނީ ސްޓައިލްގަޔޭ އީމާގެ ހިތަށް އެރިއެވެ. އެކަމަކު އެ ނުލަފާ މީހާޔާ ވާހަކަ ދައްކަން އީމާ ބޭނުން ނުވިއެވެ. ޝިއުނާގެ ކިބައިން ސަލާމަތްވާން އުޅުނީމަ މި އާދެވުނީ ޝިއުނާގެ އަނެއް ފަޅި ކުރިމައްޗަށޭ އިއާންގެ ހިތަށް އެރިއެވެ. ހަމަ ވަގުތުން އަނބުރާލާފައި ފިހާރައިން ނުކުތުމަށް އީމާ ހިނގައިގަތެވެ.

"ވެއިޓް ޕްލީޒް..." ގޮސްގޮސްހުރި އީމާގެ ފަހަތުން އިއާންގެ އަޑު އައެވެ. ނަމަވެސް އީމާ މަޑެއް ނުކުރެއެވެ. ވަށައިގެން ބިއްލޫރި ޖަހާފައި ހުރި އެ ފިހާރައިގެ ބިއްލޫރި ދޮރުގައި ގޮސް ހިފިއެވެ.

"އީމާ..." އެންމެ ފަހުން އީމާގެ ނަމުން އިއާން ގޮވިއެވެ.

"އަން. މި ހިފައިގެން ދޭ." އީމާގެ ފުރަގަހުން ގޮސް އަރާ ހަމަކޮށްފައި އިއާން ބުނެލިއެވެ. އީމާއަށް ބަލާލެވުނީ އިޚްތިޔާރަކާ ނުލައެވެ. ބަލާލިއިރު އެއީ ކާޑެކެވެ. ބިޒްނަސް ކާޑެކެވެ. އީމާ ނުހިފިއެވެ.

"ޔޫ ކެން ރީޗް މީ ވެން އެވަރ ޔޫ ނީޑް..." މިހެން ބުނެފައި އީމާގެ އަތްތިލައިގެ ތެރެއަށް އެ ކާޑު ލެއްވިއެވެ.

އީމާއަށް ހީވި ހީވުން ޔަގީންވީ އެ ކާޑަށް ބަލައިލެވުމުންނެވެ. އެ ފިހާރައިގެ ނަމަކީ "ޖަސްޓް ފޯރ ހާރ" އެވެ. ތަނުގެ ވެރިޔާގެ ނަމަކީ އިއާން ރިޒްވީ އެވެ.

އިސް އުފުލައި އިއާންގެ މޫނަށް ބަލާލެވުމާއެކު އާނއެކޭ ބުނާ ކަހަލަ ގޮތަކަށް އިއާން ބޯ ޖަހާލިއެވެ. ލިބުނު ހައިރާންކަމެއްގެ ބޮޑުކަމުން ބޭރަށް ނުކުމެފައި އީމާ އެތަނުގެ ނަން ބޯޑަށްވެސް ބެލިއެވެ. އެތަނުގެ ނަމަކީ އެ ކާޑުގައި އިން ނަމެވެ. އީމާގެ ހައިރާންކަން އިތުރުވިއެވެ. ބަލާލިއިރު ފިހާރައިގެ އެތެރޭގައި އޭނައާ ދިމާލަށް ބަލަހައްޓައިގެން ހެވިފައި އިއާން ހުއްޓެވެ.

ބޮލަށް ގެނައި ކުއްލި ހަރަކާތަކާއެކު އީމާ ހިނގައިގަތީ އެ ފިހާރައާއި ދުރަށެވެ. އިއާންގެ ނަޒަރުން ގެއްލެންދެން އިއާން އެ ރީތި އަންހެންކުއްޖާއަށް ބަލަން ހުއްޓެވެ.

އީމާއަށް ދެވުނީ ހަމަ ކުޑަ ތަންކޮޅަކަށެވެ. ޖީބުގައި އޮތް ފޯން ވައިބްރޭޓް ވާން ފެށިއެވެ. ފޯން ނަގައިގެން އީމާ ބަލާލިއެވެ. އެއީ ސޭވްކޮށްފައި ނެތް ނަންބަރެކެވެ.

"ހަލޯވ..." ޝައްކެއްގެ ތެރޭގައި ހުރެގެން އީމާ އެ ފޯން ނެގިއެވެ.

"ދަރިފުޅާ، އިއާން މަންމައޭ މިއީ، ތިގެއަށް ގޮސްލަންވެގެން މިއުޅެނީ، މަންމައަށް ކިޔައިދީބަލަ ތިގެ ހުންނަ ތަން..." އީމާއަށް ހީވީ ބޮޑު ބަރެއް އޭނަގެ ފައިމައްޗަށް ވެއްޓުނު ހެންނެވެ. ހުރިތަނުގައި ހުއްޓެވުނީ އެހާވެސް ކުއްލިއަކަށެވެ.

"އީމާ..." އީމާގެ އަޑެއް ނީވުމުން އެކޮޅުން އިއާންގެ މަންމަ ގޮވާލި އަޑުއިވުނެވެ.

"ލައްބަ، މިހާރުތޯ؟" އީމާއަށް އަހާލެވުނެވެ.

"އާނ، ހެނދުނުގެ ސައިގަޑީގައި ތިގޭ މަންމަ އާއި ބައްޕައާއެކު ސައިބޯލީމަ ކިހާ ހިތްގައިމުވާނެ ދޯ؟ އަވަހަށް ބުނެބަލަ، މި ޑްރައިވަރަށް ކިޔައިދޭންވެގެން މި އުޅެނީ، ގެ ހުންނަ މަގަކާ ހިސާބެއް ބުނެލަދީބަލަ." ފޯނުން އެ އިވޭ އަޑުތަކުން އީމާއަށް ލިބެނީ ޝޮކެކެވެ. ހަދާނެ ގޮތެއް އަދި ބުނަންވީ އެއްޗެއްވެސް އީމާއަކަށް ނުވިސްނުނެވެ.

"މަޑުކޮށްލައްވައްޗޭ، އަޅުގަނޑު އެބަގުޅާލަން ހަމަ އެންމެ މިނެޓެއްފަހުން." މިހެން ބުނެފައި ފޯން ބާއްވާފައި އީމާ ހިނގައިގަތީ ކުރިޔަކަށް ނޫނެވެ. ފަހަތަށެވެ. ދެންމެ އައި ކޮޅަށެވެ.

"ހުއްޓުވާ މިކަންތައް." އެދިޔަ ބާރުމިނުގައި ގޮސް އަނެއްކާވެސް މާފިހާރައަށް ވަދެ އިއާންގެ ދިމާ ކުރިމައްޗަށް ހުއްޓިފައި އީމާ ބުނެލިއެވެ.

"ކޮންކަމެއް، ކިހިނެއްވީ؟" އަންތަރީސްވެގެން އިއާން އެހިއެވެ.

"އިއާންގެ މަންމަ ހުއްޓުވާ." ދެވަނަ ފަހަރަށްވެސް އީމާ ތަކުރާރުކޮށްލިއެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular