"އިއާންގެ މަންމަ ހުއްޓުވާ." ދެވަނަ ފަހަރަށްވެސް އީމާ ތަކުރާރުކޮށްލިއެވެ. އެކަމަކު އިއާން، އޭނަގެ އާދައިގެ މަތިން ހީގަތީއެވެ. ވަށައިގެން ހޯދާލި ގޮތުން ހީވީ އެހެން މީހަކަށް އީމާގެ އަޑު އިވިދާނެތީ އިއާން ކަންބޮޑުވި ހެންނެވެ.
"ޝިއުނާ އެބަހުއްޓެއްނު، ކީއްވެގެންތަ އޭނަގެ ވާހަކަ ފެމިލީ ކައިރީ ނުބުނެވިގެން ތި އުޅެނީ؟ ހަމަ ތަނަކުން މީހަކު ފެންނަ އިރަށް މިކަހަލަ މަޅިމަޅި އެމީހުންގެ ބޮލަށް ފައްތަންވާނެތަ؟" އެހާ އަވަހަށް ކައިވެންޏެއް ކުރަން ބޭނުން ނުވާތީ އަސްލު ލޯބިވެރިޔާ ދައްކަން އަދި ބޭނުން ނުވަނީކަމަށް ރޭގަވެސް އިއާން ބުންޏެވެ. އެ ހަނދާން ހުރި ނަމަވެސް، ރޭއްސުރެން ސިކުނޑީގައި އެނބުރެމުން އައި ވާހަކަތައް އިއާން އާއި ދިމާލަށް އެންމެފަހުން އީމާއަށް ގޮވާލެވިއްޖެއެވެ.
އެ ޙަގީގަތް އީމާ ގޮވާލުމުން، އިއާންއަށް ހާސްކަމެއް ލިބުނު ކަހަލައެވެ. ބޮލުގެ ފަން އިސްތަށިގަނޑުގައި އަތްހިންގާލާފައި ކޯކަށިގަނޑާ ދިމާލުންވެސް އަތްހިންގާލި ގޮތުން އީމާއަށް ސާބިތުވީ، އޭނަގެ ވާހަކައިން އިއާން ވަރަށް ކަންބޮޑުވެއްޖެ ކަމެވެ.
"ދިސް އިޒް ވެރީ ލޯ އޮފް ޔޫ އިނގޭ. ވަރަށް..." އީމާއަކަށް ނުބުނެވުނެވެ.
ވާހަކަ ދައްކަ ދައްކާ ހުރި އީމާގެ އުޅަނބޮށްޓާއި ދިމާލުން ހިފާފައި އިއާން އޭނާ ގެންދިޔައީ އެ ފިހާރައިން ބޭރަށެވެ. ހަމަ އެވަގުތު އީމާ އަތްފޮޅުވާލާފައި ދުރަށް ޖެހިލިއެވެ. އީމާގެ މޫނުން ފެންނަނީ ނުރުހުމެވެ.
"ލިސްން... އަހަރެން ބުނީމެއްނު މިއީ ތިހީކުރާ ކަހަލަ ކަމެއް ނޫނޭ، އޯލް ޔޫ ނީޑް އިޒް ޓު އެކްޓް ތުރޫ އިޓް، ދެޓްސް އިޓް، އަހަރެންގެ ފުރުން އަދިވެސް އަވަސްކޮށްލެވޭތޯ އަހަރެން މި ބަލަނީ، ވަޓްސް ދަ ބިގް ޑީލް އޮފް އިޓް؟" ވަށައިގެން ހިނގާ މީހުން މަދު ނަމަވެސް، އެއްވެސް މީހަކަށް އެ ވާހަކަތައް އަޑު އިއްވަން ބޭނުން ނުވާކަން އިއާންގެ ހަރަކާތްތައް ހުރި ގޮތުން ވަރަށް ފުރިހަމައަށް ދޭހަ ވެއެވެ.
"ވަޓްސް ދަ ބިގް ޑީލް؟ ހަމަ ނޭނގިގެންތަ ތިހެން ތި އަހަނީ؟ ހޫ އާރ ޔޫ ޓު މީ؟ އަހަރެން ދަންނަނީ ކިހާ ވަރަކަށްތަ؟ ކާކުތަ އަހަންނަކީ؟ ކިހާ މިންވަރަކަށް އިއާންއަށް އަހަރެން އެނގެނީ؟ ނޮޓް އޮންލީ ދެޓް، މަގޭ ނެތޭ އިއާންއަށް އެއްވެސް އިންޓަރެސްޓެއް، މިކަން އެނގޭތަ އިއާންއަށް؟ އެކަމަކު ތި އެދެނީ ކިހާ ވަރުގެ ކަމަކަށް ކަން އެނގޭތަ؟" އީމާ ކުރީ ހައްތާވެސް ސުވާލު ތަކެވެ.
ހިނދުކޮޅަކަށްވިޔަސް އިއާންއަށް އިސްޖެހުނުތަން އީމާއަށް ފެނުނެވެ. ހަގީގަތުގައިވެސް އެއިން އެއްވެސް ސުވާލަކަށް ދޭނެ ޖަވާބެއް އިއާންއަށް ނޭނގޭނެކަން އީމާއަށް އެނގެއެވެ. އެކަމަކުވެސް އެހިސާބަށް ވާހަކަ ދައްކަން އެބަޖެހޭކަމަށް އީމާއަށް ވިސްނޭތީ ބުނަން ޖެހުނު އެއްޗެއް އޭނާ ބުނީއެވެ.
ދެމީހުންމެ އެއްޗެއް ނުބުނެ ތިއްބާ އަނެއްކާ ދެވަނަ ފަހަރަށްވެސް އީމާގެ ފޯނަށް އިއާންގެ މަންމަ ގުޅަން ފެށިއެވެ.
އީމާ ފޯން ބެލިއެވެ. އެއީ އިއާންގެ މަންމަކަން އެނގުމުން އަނބުރާ ޖީބަށް ލާން އުޅުނެވެ.
"ޕްލީޒް، މީހަކަށް އެހީވުމަކުން ރޮލެއް ނުވާނެ ދޯ؟ އައި ތޮޓް ޔޫ އެންޑް ޝިއު އާ ބަޑީސް، އައި ތޮޓް ޔޫ ކޭން އަންޑަސްޓޭންޑް އަސް، އަސްލުވެސް އަހަރެން ހިއެއް ނުކުރަން ތިހާ ކަންތައްގަނޑު ބޮޑުކޮށްލާނެ ކަމަކަށް، މިއުޅެނީކީ އީމާގެ އެއްޗެއް ވަގަށްނަގާކަށް ނޫނޭ." އިއާން ހުރީ ފޫހިވެސް ވެފައެވެ. އެކަމަކު އީމާގެ އެހީއަށް ނުލާހިކު ބޭނުން ވެފައެވެ. އެހެންކަމުން ވާހަކަ ދެއްކުނީ އެ ދެ އިހްސާސްގައެވެ. އެދޭ އެދުމާއެކު ފޫހިކަންވެސް އެ ވާހަކައިގައި ހުއްޓެވެ.
"ތިއީ މޮޔައެއްތަ އަޅެ؟ ބޯހަމަޖެހޭނަމަ ވިސްނޭނެ ދޯ ހަމަ މީހަކު ބުނެލާއިރަކަށް މެރީކުރާކަށް އެއްބަސް ނުވެވޭނެކަން؟ އަހަންނަކަށް ނުއެއް ޖެހޭނެ އިއާން ބުނީތީ ޝިއުނާ ބުނީތީ އެއްވެސް ކަމެއް ކުރާކަށް، އަސްލަކު އެދެނީވެސް ޝިއުނާއެއް ނޫން، ޔޫ އާ އާސްކިން މީ، އެކަމަކު އަހަރެމެންނަކަށް ނޭނގެ އެކަކު އަނެކަކަށް މިއީ ކާކުކަމެއްވެސް، އަރަތެއްކަހަލަ ވާހަކައެއް ތި ދައްކަނީ" އީމާ މަސައްކަތް ކުރީ އިއާންއަށް ހަގީގީ މަންޒަރު ދައްކައިދެވޭތޯއެވެ.
"ފޯރ ދަ ލަވް އޮފް ގޯޑް، އައިއެމް ނޮޓް އާސްކިން ޔޫ ޓު މެރީ މީ، މަށެއް ނޫޅެން އަމުދަކުން، ޖަސްޓް އެކްޓް، ދެޓްސް އިޓް، އެކްޓް..." ދެއަތް މައްޗަށް އުކާފައި ދަތްކުނޑި ވިކާފައި އިއާން އިއާންގެ އެދުމަކީ ކޮބައިކަން ވަރަށް ސާފުކޮށް ބުނެދިނެވެ.
"އަހަރެން ނުޖެހޭނެ އިއާން ބުނާހާ އެކްޓެއް ކުރާކަށް. ޝިއުނާ ލައްވާ ކުރުވާ." އާދަޔާއި ޚިލާފު މަޑު އަޑަކުން ނުރުހުމާއެކު މިހެން ބުނެލާފައި އީމާ ހިނގައިގަތީ ދިއުމަށެވެ.
ފުންމައިގެން ގޮސް ކަހަލަ ގޮތަކަށް އީމާގެ އަތުގައި އިއާން ހިފިއެވެ.
"ޕްލީޒް، ޖަސްޓް ހެލްޕް މީ." އިއާންގެ ނޭވާ އަވަސްވެގެން އުޅޭ ކަހަލައެވެ. އެބުނާ އެކްޓް ކުރާނެ އަންހެންކުދިން ދުނިޔެއިން ހުސްވެގެން އުޅޭ ކަހަލައެވެ.
އީމާގެ އަތްތިލައިގެ ތެރޭގައި އޮތް ފޯން އެވަގުތު އަނެއްކާވެސް ދިއްލުނުތަން އިއާންއަށް ފެނުމުން އީމާގެ އަތްތިލައިގައި ހިފައި، ޖެހިލުމެއްނެތި ފޯންގެ ސްކްރީން ބަލާލިއެވެ.
"އަނެއްކާ މަންމަ އެ ގުޅަނީ، އެޓްލީސްޓް ޓޯކް ޓު ހާ ނައު، އެހެން ނޫނީ ދެން ގުޅާނީ އަހަންނަށް، އައިކާންޓް ޑޫ ދެޓް ޓު ހާރ، ޕްލީޒް..." ހުއްޓާނުލާ އިއާން އެދެމުން ދިޔައީ އިއާންގެ އެ އެދުމަށް އީމާ ޖަވާބު ދިނުމަށެވެ. އެއްބަސްވުމަށެވެ.
"ހާއި، ކިހިނެއްވަނީ ދެކުދިން؟" އިއާންގެ މޫނަށް ނުރުހިގެން ބަލަހައްޓައިގެން އީމާ ހުއްޓާ، ތުއި އަޑަކުން ހާއި ކިޔާފަ ދަމާލާފަ އައިސް ހުއްޓުނީ ޝިއުނާއެވެ. ހެވި ދިލިފައެވެ. މަލެއްހެން ފޮޅިފައެވެ. އީމާގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެއްވެސް އެއްޗެއް ނުބުނެ ހިނގައިގަތީއެވެ. ނަމަވެސް ރުޅިވެރިކަމާއެކު އިއާން އާއި ދިމާލަށް ލޯ އަޅާލާފައެވެ.
"އެހެމް އެހެމް...ކޮން ކަމެއް، ހާދަ... ދޯ ؟" އީމާ ދިޔަތަން ބަލަން ހުރި އިއާންގެ ސަމާލުކަން އަތުލުމުގެ ގޮތުން ކަރުކެހިލާފައި ޝިއުނާ އަހާލިއެވެ.
"ކިހިނެއްތަ ވީ؟" އެއްވެސް އެއްޗެއް އިއާން ނުބުނާތީ އަނެއްކާވެސް ޝިއުނާ އެހިއެވެ.
"ޝީ އިޒް ހެސިޓޭޓިން ނައު، މަންމަގެ ކޯލްތައްވެސް އެ ކަނޑަނީ، ދެން މަންމަ ގުޅާނީ އަހަންނަށް، އަހަންނަކަށް ނޭނގެ ކިޔާނެ އެއްޗެއްވެސް." ބިންމަތީގައި އެއްފައިން މަޑުމަޑުން ޖަހާލަމުން އިއާން ބުނެލިއެވެ.
"ރިލެކްސް، ހަމަޖައްސާލެވިދާނެ، މިރޭ އީމާއައި ވަކިން މީޓް ކުރަންވީނު، ޓޯކް ޓު ހާ، ޔު ނޯ..އަހަރެން ކިޔައިދޭނަމޭ ހަދަންވީ ގޮތާއި ދައްކަންވީ ވާހަކަ، ރިލެކްސް." އެއްލޯ މަރާލާފައި އިޝާރާތެއް ޝިއުނާ ދިނެވެ. އިއާންއަށްވެސް އޭގެ މާނަ ދާދި ފަސޭހައިން އެނގުނެވެ.
***
ޝިއުނާގެ ރޭވުމުގެ މަތިން އިއާން އެރޭ އީމާއަށް ގުޅިއެވެ. އާދޭސްކޮށްކޮށްވެސް އިއާންއާއި ބައްދަލެއް އީމާ ނުވިއެވެ. ނަމަވެސް ދެންވެސް ހިތްވަރު ދޫނުކޮށް، އިއާންގެ މަގްސަދު ހާސިލުކުރުމަށްޓަކައި އީމާއަށް ވިސްނައިދޭންޖެހޭ ހުރިހާ އެއްޗެއްވެސް ވިސްނައިދެވޭތޯ އިއާން މަސައްކަތް ކުރިއެވެ. ތިރީސްފަސްވަރަކަށް މިނެޓްގެ ކޯލަކަށްފަހު އެންމެ ފަހުން ފޯން ބޭއްވިއިރު އީމާ އިނީ ކުޑަކޮށް ހަމަޖެހިފައެވެ.
އީމާ ވިސްނާލިއެވެ.
ތެދެކެވެ. އިއާން އެ ބުނާގޮތުންނަމަ، އެ ކައިވެންޏަކީ ކުރެވޭނެ ކައިވެންޏެއް ނޫނެވެ. އީމާ ޖެހޭނީ ހަމައެކަނި އެކްޓެއް ޖައްސާލާށެވެ. އެންމެ ތިން ހަފްތާއެވެ. އެ ތިން ހަފްތާވެސް ދެ ހަފްތާއަށް ކުރުކޮށްލާނެ ކަމަށް އިއާން އޮތީ ބުނެފައެވެ. އީމާގެ ޢާއިލާއާއި ބައްދަލުކުރަން އަންނަން އިއާންގެ މަންމަ އެ އެދޭ އެދުން ކޮންމެވެސް ގޮތަކަށް ހަމަޖައްސާލެވުނީމަ ދެން އޮތީ ވަރަށް ލުއި ކަންތައްތަކެކެވެ. އެކަމަކު އީމާގެ ބައްޕަ އެކަމަށް ރުއްސަން ބުނާނެ އެއްޗެއް އީމާއަކަށް ނޭނގެއެވެ. އެކަހަލަ ސަކަރާތުގަ މައިންބަފައިން ބައިވެރިކުރާކަށް އީމާއަކަށް ނުކެރޭނެއެވެ. މިކަމަށްވެސް ހައްލު ހޯދަދޭނެ ކަމަށް އެރޭ ފޯން ބޭއްވުމުގެ ކުރިން، އިއާން ވައުދުވިއެވެ. ވިސްނާލާފައި އެކަމަށް އެއްބަސްވާންކަމަށް އީމާއަށް ހިތާހިތާ ނިންމުނީ އެކަމުން އީމާއަށް ލިބޭނެ ގެއްލުމެއް ނެތްކަން ޔަގީން ވުމުންނެވެ. މިރޭ ވަކި ޖަވާބެއް ނުދިން ނަމަވެސް މާދަން އިއާންއަށް އާނއެކޭ ބުނުމަށް އީމާ ނިންމިއެވެ. ދެހަފްތާ ވަންދެން އެބުނާ އެކްޓެއް ކުރަން އީމާ ހިތުގައި ނިންމިއެވެ.
އިއާން ފޯން ބޭއްވީ އެރޭ ނުވައެއް ޖަހަން ވިހިވަރަކަށް މިނެޓް ހުއްޓައެވެ. ދެން އެރޭ އިއާން ގުޅާނެއެކޭ އީމާ ހިތަކަށް ނާރައެވެ. ރީތިވާ އެއްޗެހިން ހުސްވެފައި ހުރި ދެތިން އެއްޗެއް ގަނެލަން ދާންވެގެން ސިޑިން ފޭބި އީމާއަށް ގޭގެ ދޮރާށި ހުޅުވާލެވުނީ ، އެގޭ ދޮރުމައްޗަށް މަޑުކޮށްގެން އޮތް ކާރަކުން ފޭބި މީހަކު ދޮރުފަތް ލެއްޕި ވަގުތުއެވެ.
އެއީ އާލިޔާއެވެ. އިއާންގެ މަންމައެވެ. އެގޭ ދޮރުމަތީގައި އެ އޮތީ އިއާންމެންގެ ޕްރައިވެޓް ކާރެވެ. ކާރުގެ ކުރީ ސީޓުން ފޭބީ އިއާންއެވެ. އީމާއަކަށް ހަދަންވީ ގޮތެއްވެސް ނޭނގުނެވެ.
"އީމާ، ސަޕްރައިޒްތަ؟" އާލިޔާ ކުރިޔަށް ޖެހި އީމާގެ އަތުގައި ހިފައި ބާރު ކޮށްލިއެވެ. އުފަލުން ފޮޅިފައެވެ.
އީމާއަށް ބެލެނީ އިއާންއަށެވެ. މިވީ ކިހިނެއްހޭ އަހާ ކަހަލަ ގޮތަކަށެވެ. އިއާން ދެކޮނޑު އަރުވާލީއެވެ.
"މަންމަ އެދިގެން އީމާއަށް ސަޕްރައިޒެއް ދޭން އިއާން އެއައީ، ކިހާ މަޖާ މިގޮތަށް ދިމާވީމަ، ދޯ؟ މިއީ ދޯ ގެ، ހިނގާ ވަންނަމާ، ތަނަކަށް ދަނީތަ ތި؟" އެއްފަހަރާ އެތައް ސުވާލެއް އިއާންގެ މަންމަ ކޮށްފިއެވެ.
އެއްޗެއް ބުނާކަށްވެސް ފުރުޞަތެއް އީމާއަށް ނުލިބުނެވެ. ގޭ ދޮރުން ވަންނަން އާލިޔާ ހުރީ ތައްޔާރުވެގެންނެވެ. އީމާއަށް ކުރެވުނުހާވެސް ކަމަކީ ދޮރު ކޮއްޕާލާފައި ހުޅުވާދެވުނީއެވެ. އަދި އިއާންގެ މަންމަ ވަނުމަށް ތަން ދެއްކިއެވެ.
އެ ޖާގައިން ވަދެވޭނީ ކިޔުގަ ތިބެގެންނެވެ. އެއީ އެހާވެސް ހަނި ކުޑަ ތަންކޮޅެކެވެ. އީމާ ލަދުގަތެވެ. އިއާންމެންނަކީ ކިހާ ފެންވަރެއްގެ ބައެއްކަން ފެނިފަ ހުރުމުން، އަމިއްލަ ގޭގެ ނިކަމެތިކަން ފުރަތަމަ ފަހަރަށް އިހްސާސްވެ އެކަމާ ލަދުގަތެވެ.
"ކޮބާ މަންމަ، ބައްޕަ، ހިނގާ، މި ސިޑިން ދޯ އަރަންވީ." ދެވަނަ ދެ ސިޑިއެއްވެސް އަދި ދެވަނަ ދެ މަގެއްވެސް އެތަނުން ފެންނަން ނެތްއިރުވެސް އިއާންގެ މަންމަ އަހާލިއެވެ.
"މިކޮޅުގަ، މިކޮޅުގަ ބައްޕަ އިންނާނީ." ސިޑިން އަރަން އާލިޔާ ދިމާކޮށްގެން ހުއްޓާ އަވަސް އަވަހަށް އީމާ ބުނެލިއެވެ. އެއާއެކު އިއާން އާއި އާލިޔާގެ ސަމާލުކަންވެސް އެދިމާލަށް ހުއްޓުނެވެ. ސިޑި ދަށުގައި ކަހަލަ ގޮތަކަށް ކޮޓަރިއެއް ހުއްޓެވެ. ދޮރު ހުރީ ލައްޕާފައި ކަމުން އަލިކަމެއް އެ ދިމާލަކުން ނުފެނެއެވެ.
"ބައްޕާ..." އީމާ އަވަހަށް ގޮސް އެ ދޮރު ހުޅުވާލިއެވެ. އިއާން އާއި އިއާންގެ މަންމަ ހުރީ ތަންކޮޅެއް ފަހަތުގައެވެ.
އީމާގެ އިޝާރާތް ލިބުމުން އެ ކޮޓަރީގެ ދޮރުމައްޗަށް ގޮސް ހުއްޓުނު އާލިޔާ އާއި އިއާންއަށް ލިބުނީ ސިހުމެކެވެ. އީމާގެ ބައްޕަ އަކީ ބަލިމީހެކޭ ދެތިންފަހަރަކު ޝިއުނާ އޮތީ އިއާންގާތުގައި ބުނެފައެވެ. އެކަމަކު އެއީ ކޮން ކަހަލަ ބަލިކަމެއްކަމެއް އެމީހުން ބަހުސެއް ނުކުރެއެވެ. އެހެންކަމުން ފުރޮޅުލީ ގޮނޑިއެއްގައި އީމާގެ ބައްޕަ އިންދާ ފެނުމުން އިއާންއަށް ވަރަށް އެހެން ކަހަލަ އިހުސާސެއް ކުރެވުނެވެ.
"ސައިފް ތަ؟" އާލިޔާއަށްވީ މުޅިން އެހެން ގޮތެކެވެ. އީމާގެ ބައްޕައަކީ އާލިޔާ ދަންނަ މީހެކެވެ. އެކަމަކު ސައިފްގެ އެ ޙާލަތު އެއީ އާލިޔާއަށް އެނގިފައި އޮތް ކަމެއް ނޫންކަން ޔަގީންވިއެވެ.
"ވަދޭ ވަދޭ..." އާލިޔާގެ ސުވާލަށް ހިނިތުންވުމާއެކު ބޯ ޖަހާލަމުން، އެ ކުޑަ ކޮޓަރީގައި ހުރި ސިންގަލް ސޯފާއަކަށް އިޝާރާތް ކޮށް އެމީހުންނަށް ދަޢުވަތު ދިނެވެ.
"ދަރިފުޅާ...؟ ބައްޕަ ކައިރިޔަކު ނުވެސް ބުނަމެއްނު މެހްމާނަކު އަންނަ ވާހަކަވެސް. މާ ކުއްލި ގޮތަކަށް، އަނެއްކާ ކަމެއް ވީތަ؟" އެއްފަހަރު އީމާއަށް، އަނެއްފަހަރު އާލިޔާއަށް އަނެއް ފަހަރު އިއާންއަށް ބަލަމުން ސައިފް އެހިއެވެ. ހައިރާންވެ އަންތަރީސްވެ އިނދެގެންނެވެ.
އާލިޔާއަކީ ސްކޫލް ދުވަސްވަރު ކޮންމެވެސް ވަރަކަށް ހީލާ ވާހަކަ ދައްކާ ހަދާލި ރައްޓެއްސަކަށް ވިޔަސް ސައިފް ދެކޭ ގޮތުގައި އާލިޔާ އަކީ ސައިފްމެންގެ ފެންވަރު މީހެއް ނޫނެވެ. އޭނަގެ ބާގެއަށް އެހެން ކުއްލި ގޮތަކަށް އާލިޔާ އައުމުން ސައިފް ކަންބޮޑުވިއެވެ. ވެގެން އުޅެނީ ކިހިނެއްކަމެއް އެއްވެސް ވަރަކަށް ސައިފްއަށް އަދި ނުވިސްނެއެވެ.
"މިއީ ހަމަ އަސްލުވެސް ސައިފް އާއި ނާއިލާގެ ދަރިފުޅެއްތަ؟ އަޅެ ހަމަ އެއްގޮތަކަށްވެސް ނޭނގެޔޭ. ކޮބާ ނާއިލާ؟" ސައިފްގެ ދިރިއުޅުމުގެ ހަމަ އެއްވެސް ކަމެއް އާލިޔާއަކަށް ނޭނގެއެވެ.
ސައިފްއަށް އިސް ޖަހާލެވުނެވެ. އިއާންއަށް ބަލާލެވުނީ އީމާއާއި ދިމާލަށެވެ. އީމާ ހުރީ ބައްޕައަށް ބަލަހައްޓައިގެންނެވެ.
"އެވާހަކަ އިހަށް ބާއްވާފަ ބުނެބަލަ، ކޮން ދަތުރެއް ތިއީ؟ މިއީ ކޮން ކުއްޖެއް، ވަދޭ ވަދޭ، ވަދެ އިށީނދެލާ މިތަނުގަ؟" ހިނިތުންވަމުން ސައިފް މައުޟޫއު ބަދަލުކޮށްލިއެވެ. އާލިޔާގެ ވާހަކަތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ވެގެން އުޅެނީ ކީއްތޯ އެނގުން ސައިފްއަށް މާ މުހިއްމު ވިއެވެ.
"އީމާ ނުބުނޭ ދޯ އަދިވެސް، މިދެކުދިން އުޅެނީ ރައްޓެހިވެގެންނޭ، ނޭނގޭތަ ސައިފް އަކަށް؟ މިއީ އަހަރެންގެ ދަރިފުޅު، އިއާން..." ދެމައިންމެ ސޯފާގައި އިށީނދެލާފައި ވާހަކަ ދެއްކީ އާލިޔާއެވެ.
ސައިފްއަކަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ބެލުނީ އީމާގެ މޫނަށެވެ. ދެން އިއާންގެ މޫނަށެވެ.
"ބައްޕައަށް ނޭނގެ ބުނާނެ އެއްޗެއްވެސް އީމާ." ސައިފްއަށް ހާސްކަމެއް ވެރިވިއެވެ.
"މާބޮޑު އެއްޗެއް ބުނާނެ ކަމެއް ނެތް، ތިން ހަފްތާ ތެރޭގައި މިދެކުދިންގެ ކައިވެނި ހަމަޖައްސަން މި އުޅެނީ، ސައިފް އުޅެނީ ދެ އަހަރަށް އޮސްޓްރޭލިޔާއަށް ފުރަން، ދެން އެހާ ދިގު މުއްދަތަކަށް ދާއިރު މެރީކޮށްގެން ދިޔައިއްޔާ މާ ރަނގަޅުވާނެކަމަށް އަހަރެމެންނަށް ފެންނާތީ އެގޮތަށް މި ނިންމީ، ވަގުތު މިހާ ކުޑަތަންވެފަ ހުރީމަ މިހާ ނުގަޑިއެއްގައިވެސް މި ފެމިލީއާއި ބައްދަލުކޮށްލަން މިހެން އަންނަން ޖެހުނީވެސް، އެކަމަށް ސޮރީ އުނދަގުލެއްވިނަމަ...މިއީ ނާއިލާ އާއި ސައިފްގެ ކުއްޖެއްކަން މަންމަގާތުގައި ބުނިނަމަ މިގެއަށް ނަޔަސްވެސް މިކަން ނިންމާލެވުނީސް، ނާއިލާ އަކީ މަންމަގެ ސްކޫލްދުވަސްވަރުގެ ބެސްޓް ފްރެންޑޭ، އިއާންއަށް އެނގޭތަ؟" ހީލަމުން އާލިޔާ ވާހަކަ ދެއްކީ ސާފު ހިތަކުންނެވެ.
ނަމަވެސް މިވާހަކަތައް އަޑުއަހަން އިން ސައިފްއަށް އިނދެވުނީ ބަސް ހުސްވެފައެވެ. މިއީ ހުވަފެނެއްގައިވެސް ސައިފް ދެކެފައި ނުވާ ކަންތައްތަކެކެވެ. އެހާ ކުއްލިއަކަށް އީމާގެ ކައިވެނީގެ ކަންކަން ހަމަޖެހެން އެ އުޅެނީ ކީއްވެކަމެއް ސައިފްއަކަށް ނުވިސްނެއެވެ.
ސައިފްއަށް ފާހަގަވީ، ދޮރުކައިރީ ހުއްޓިލައިގެން އަދިވެސް ހުރި އީމާގެ މޫނުމަތިން އުފާވެރިކަމެއް، އަދި ލަދުރަކި ކަމެއްވެސް ފެންނަން ނެތްކަމެވެ.
"ބައްޕައަށް ކުރިން އެނގިފައި ނެތީމަ..." އީމާއާއި ދިމާލަށް ބަލަހައްޓައިގެން އިން ސައިފް އެއްޗެއް ބުނަން އުޅުނެވެ.
"ދެން އެހާ ކަންބޮޑުނުވެބަލަ، މިއީ ނުދަންނަ މީހުނެއް ނޫނޭ، އާނއެކޭ އަވަހަށް ކައިވެންޏަށް ތައްޔާރު ކުރާށޭ ބުނީމަ ނިމުނީއޭ، ހުރިހާ ކަމެއްވެސް އަހަރެމެންގެ ސައިޑުން ހަމަޖައްސާނަމޭ، ސައިފް ނުޖެހޭނެ އެއްވެސް ކަމެއް ކުރާކަށް، ހަމައެކަނި އާނއެކޭ ބުނެލީމަ އެ ނިމުނީ." އިއާންގެ މަންމަ އަކީވެސް އިއާން ފަދައިން ބޭނުންވާ ކަމަށް ވަކާލާތު ކުރަން މޮޅު މީހެކޭ އީމާގެ ހިތަށް އެރިއެވެ.
"ތެދެއް ދަރިފުޅާ؟ ބައްޕަ އާނއެކޭ ބުނަންވީތަ؟ އައިސްބަލަ މިކޮޅަށް." އެތެރެއަށް ވަދެގެން އައުމަށް ސައިފް އެދުނެވެ. އީމާވެސް މަޑު ހިނގުމެއްގައި ގޮސް ބައްޕަގެ އެނދުގައި އިށީނެވެ.
އެތަނުގައި ދެކެވުނު ގިނަ ވާހަކަތައް ދެއްކީ އިއާންގެ މަންމައެވެ. އީމާގެ ބައްޕަވެސް ސުވާލުތައްކޮށް ޖަވާބު ލިބިގަންނަމުން ދިޔައެވެ. ސައިފް އާއި އާލިޔާވެސް ދެފަރާތުގެ ޢާއިލާގެ މިހާރުގެ ޙާލަތު އެކަކު އަނެކަކަށް ކިޔައިދިނެވެ. ނާއިލާއާއި ސައިފްގެ ކައިވެނި މީގެ އަހަރުތަކެއް ކުރިން ރޫޅުނު ވާހަކައެވެ. ސައިފް ދެވަނަ ކައިވެންޏެއް ކޮށް ދެވަނަ ދަރިއަކުވެސް ހުންނަ ވާހަކައެވެ. ސައިފްއަށް ދިމާވި އެކްސިޑެންޓްގެ މަތިއޮމާން ވާހަކަތަކެވެ. އާލިޔާމެން ރާއްޖެއިން ބޭރުގައި އުޅޭތީއާއި ސްކޫލް ދައުރު ނިމުނު ފަހުން މާ ބޮޑު ގުޅުމެއް ނޯންނާތީ އެކަހަލަ ކަންތައްތައް ނޭނގިފައި އޮތް ވާހަކައެވެ. ރިޒްވީ އާއި އާލިޔާގެ ޙަޔާތުގެ ކާމިޔާބީ ތަކުގެ ވާހަކައެވެ. އެ ޢާއިލާގެ ކުދިންގެ ކާމިޔާބީ ތަކުގެ ވާހަކައެވެ. މިހެން ގޮސް އެތައް އެތައް ވާހަކައެއް ދެކެވި ދެ ޢާއިލާގެ ޙަގީގަތްތައް ދެފަރާތުންވެސް ހިއްސާ ކުރެވުނެވެ.
އެ ހުރިހާ ވާހަކައެއް ނިމުނުއިރު އެ ކައިވެންޏަކީ ކުރަން ލަސްވެސް ވެއްޖެ ކައިވެންޏެއް ކަމަށް އާލިޔާ ބުންޏެވެ.
"އީމާ އާއި ވާހަކަ ދައްކާލާފައި މާދަމާ އެއްޗެއް ބުނަން ހެދިއްޔާ ކިހިނެއްވާނެ؟" ހުރިހާ ވާހަކައެއް ނިމުނުއިރުވެސް ބައްޕަގެ ވިސްނުން އަދިވެސް ވަކި ގޮތަކަށް ނުނިންމާކަން އީމާއަށް އެނގުނެވެ.
"މިހާރުވެސް އަހަންވީނު، އީމާ ތިއިނީ ވިއްޔަ" އާލިޔާއަށްޓަކައި ވަގުތު ދުވަނީ މާ ބާރަށް ކަހަލައެވެ. އެއްވެސް ވަގުތެއް ބޭކާރު ކުރާކަށް އާލިޔާ ބޭނުމެއް ނުވެއެވެ.
"ތެދެއް ދަރިފުޅާ، އެއްޗެއް ބުނެބަލަ، ބައްޕަ ކީކޭ ބުނަންވީ" އޯގާތެރި ކަމާއެކު ސައިފް އެހިއެވެ.
"ބައްޕައަށް ފެންނަ އެއްޗެއް" އީމާ ބައްޕައަށް ޖަވާބު ދިނެވެ. މިކަން އިއާންގެ ސަމާލުކަމަށް އައެވެ.
"އެހެންތަ...އެހެންވިއްޔާ ބައްޕައަށް ފެންނަނީ ދަރިފުޅުގެ ޗޮއިސް ހަމަ ވަރަށް ރަނގަޅު ކަމަށް، ބައްޕަ ވަރަށް އުފާވާނެ." ލުއި ހީލުމަކާއެކު ސައިފް ގޮތް ނިންމިއެވެ.
އެހާ ފަސޭހައިން ބައްޕަ އެކަމަށް ރުހުނީތީ އެކަމާއި ޙައިރާންވީ އީމާ އާއި އިއާންއެވެ. އާލިޔާ ވީ އުފަލެވެ.
"އޯކޭ، ސޯ، މިރެއިން ފެށިގެންވެސް އީމާ އަކީ އަހަރެމެންގޭ ކުއްޖެއް، ބޭނުން ގަޑިއަކު ގެންދަންވީ ދޯ؟" އާލިޔާވެސް އުފަލާއެކު ސަމާސާ ކޮށްލިއެވެ.
އިއާން އާއި އީމާގެ ހިތުގައިވެސް ހިނގަމުން ދިޔައީ އެއް ޝުޢޫރެކެވެ. އެއީ ކުރެވޭނެ ކައިވެންޏެއް ނޫންކަން އީމާގެ ބައްޕައަށް އެނގޭ ދުވަހަކުން ދެން ވާނީ ކިހިނެއްބާވައެވެ؟
"އެއްވެސް ލަހެއް ނޯންނާނެ، މާދަމާވެސް ހެދުން ފައްސަން ދާންވާނެ، މަންމަ ފޮނުވާނަން އީމާ ބަލާ އިނގޭ، ވީހާވެސް އަވަހަކަށް ކަންކަމާ އުޅުނީމަ ނިންމޭނީ، އަދި ހާދަ ބަޔަކަށް ދަޢުވަތުވެސް ދޭން ޖެހޭނެޔޭ ދޯ." އީމާއަށް މުޚާޠަބްކޮށް އާލިޔާ ވާހަކަ ދެއްކިއެވެ.
އެންމެންގެ ސަމާލުކަން ހުއްޓުނީ ފިޔަވަޅުތަކެއްގެ އަޑު އިވިފައި، އިރުކޮޅަކުން އައިސް އެ ކޮޓަރީ ދޮރުމައްޗަށް ހުއްޓުނު މީހަކު ފެނުމުންނެވެ. -- ނުނިމޭ --