އެންމެންގެ ސަމާލުކަން ހުއްޓުނީ ފިޔަވަޅުތަކެއްގެ އަޑު އިވިފައި، އިރުކޮޅަކުން އައިސް އެ ކޮޓަރީ ދޮރުމައްޗަށް ހުއްޓުނު މީހަކު ފެނުމުންނެވެ.
އާލިޔާ އާއި އިއާންއަށް އެއީ ކާކުކަން ނޭނގުނު ނަމަވެސް އެއީ އީމާގެ ދޮންމަންމައެވެ. ސައިފްގެ އަންހެނުން ޝިޔާމާއެވެ.
ތަޢާރަފަކަށް ބޭނުންވެގެން ބަލާލާކަހަލަ ގޮތަކަށް އާލިޔާ އާއި އިއާން އެ މަންމަގެ މޫނަށް ބެލިތަން އީމާއަށް ފެނުނެވެ. ނަމަވެސް އީމާއަށް އެ ތަޢާރަފެއް ނުދެވުނެވެ. އީމާއަށް ބަލާލެވުނީ ބައްޕަގެ މޫނަށެވެ.
"މިއީ އަހަރެންގެ އަންހެނުން. ޝިޔާމާ. " މީގެ އިރުކޮޅެއްކުރިން ދެފަރާތުގެ ޢާއިލާގެ ވާހަކަ ދެއްކިއިރު، ދެވަނަ ކައިވެންޏެއް ކުރި ވާހަކަ ސައިފް ބުނި ނަމަވެސް އެމީހެއްގެ ނަމެއް ނުބުނެވޭކަން ސައިފް ހަނދާން ހުއްޓެވެ.
އާލިޔާ ތެދުވެގެން ގޮސް ވަގުތުން ޝިޔާމާ އާއި ސަލާން ކުރިއެވެ. އިއާން ހަމަ އިންތަނުގަ އިނީއެވެ.
"އާދޭ އެތެރެއަށް. ވަރަށް މުހިއްމު ވާހަކައެއްގަ މިތިބެވުނީ." ޝިޔާމާއަށް އެތެރެއަށް ވަނުމަށް ދަޢުވަތު ދިނީ އާލިޔާއެވެ. ނަމަވެސް ސައިފްއާއި ދިމާލަށާއި އީމާއާއި ދިމާލަށް ބަލާލި ގޮތުން އެކަމުގައި ޝީޔާމާގެ ހިތްހަމަނުޖެހުނު ކަން އެތަނުގައި ތިބި ހަމަ އެންމެންނަށްވެސް އެނގުނެވެ.
"ނޫނޭ މިއީ ފިހާރައަކަށް ދަމުން މާ އަޑުގަދަވީމަ ބަލާލީ. ކުރިއަށް ގެންދޭ." އާލިޔާ ކިތަންމެ ރީތިކޮށް ވާހަކަ ދެއްކިނަމަވެސް ޝީޔާމާ ހިނގައިގަތީ އެނބުރި ދިއުމަށެވެ. އެކަން ވާނީވެސް އެހެންކަން އީމާއަށާއި ސައިފްއަށް މާ ކުރިންވެސް އެނގުނެވެ.
ޝިޔާމާ ދިޔައީއެވެ. ކުރިންވެސް ދައްކަމުން ދިޔަ ވާހަކަތައް ކުރިއަށް ދިޔައެވެ. އެތައް އިރެއް ފަހުން ގެއަށް ދާން އާލިޔާ ހިނގައިގަތީ ދެދުވަހެއްގެ ތެރޭގައި ހެދުން ފަހަން ދޭން ޖެހޭނެ ވާހަކަ ބުނަމުންނެވެ. ހުރިހާ ކަމެއްވެސް އާލިޔާ ބޭނުންވާ ގޮތަކަށް ކުރިޔަށް ގެންދިއުމުގެ އެއްވެސް މައްސަލައެއް ނެތް ކަމުގައި ސައިފް ބުންޏެވެ.
"ދަރިފުޅު އަންނައްޗޭ އަދި." އާލިޔާމެންގެ ފަހަތުން ދޮރާށްޓާއި ހަމައަށް ދާން ނުކުތް އީމާއަށް އެކަނި އަޑުއިވޭވަރަށް ސައިފް މިހެން ބުނެލި ގޮތުންވެސް އީމާގެ ހިތް ރޫރޫ އަޅައިގަތެވެ. ބައްޕަ އެހެން އެ ބުނީ ކީއްވެގެންކަން އީމާއަށް އެނގެއެވެ.
އިއާންމެން ފޮނުވާލަން ނުކުތް އީމާއަށް ހުރެވުނީ އިއާން ދެކެ ނުލާހިކު ނުރުހިފައެވެ. އަންގާވެސް ނުލާ އެގޮތަށް ގެއަށް އައީތީ އިއާންއަށް އެއްޗެހި ގޮވަން ބޭނުން ވެފައެވެ. އެހެންނަމަވެސް ވަގުތުގެ ގޮތުން، ލޮލުން ދޫކޮށްލި ނަފްރަތުގެ ދެތިން ތީރެއްގެ އިތުރުން އިތުރު ކަމެއް އީމާއަށް ނުކުރެވުނެވެ. އިއާންގެ މަންމައަށާއި އީމާގެ ބައްޕައަށް ހަގީގަތް ނޭނގޭ ކައިވެންޏެއްގެ ވާހަކަ ދެކެވިގެން ދިޔައީ އެއަށްވުރެ މާ ފުރިހަމައަށެވެ.
"ނަދީމް ކޮބާ މިހާރު؟" އީމާ ގޮސް އިށީނުމުން ބައްޕަ ފުރަތަމަވެސް ކުރީ އެ ސުވާލެވެ. ކުރިންވެސް ހީކުރެވިފައި އޮތް ގޮތަށެވެ.
"ނަދީމް، ނަދީމް ވީ އަދިވެސް އިންޑިޔާގަ." އަޅައިގަތުމަކާއެކުވިޔަސް އީމާ ޖަވާބު ދިނެވެ.
"ދަރިފުޅަށް އެބައެނގޭ ދޯ އަދިވެސް ނަދީމް ވީތަންވެސް، އެކަމަކު ބައްޕަ ވަރަށް ހައިރާންވެއްޖެ މިރޭ މި ދިމާވި ކަންތަކުން، ކޮންމެވެސް އެއްޗެއް ބައްޕައަށް އޮޅުންފިލުވަދޭން ޖެހޭހެން އީމާއަށް ހީނުވޭތަ؟" ލޯތްބާއެކު ހީލަމުން ސައިފް ކޮށްލީ ބޮޑު ސުވާލެކެވެ. އީމާއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
"ބައްޕަ މިހެން މި ބުނީ، ފުރަތަމަ ކަމަކަށް ދަރިފުޅު އުޅެނީ ނަދީމް އާއި ގުޅިގެންކަމަށް ދަރިފުޅު ބުނެފަ އޮތީ، އެކަމަކު މިރޭ މިއައީ ބައްޕަ އަޑުވެސް ނައަހާ ނަމެއް، އަނެއްކާ ބައްޕަ ނުވެސް ދެނަހުރިން ދަރިފުޅު މެރީކުރަން ވިސްނިކަންވެސް، ކިހިނެއްވީ، މިހާރު ބައްޕަ ކައިރީ އެއްވެސް ވާހަކައެއް ނުބުނަނީތަ؟"ސައިފް އަށް ލިބިފަ އިން ހައިރާންކަމުގެ ތެރެއިން ހިނިތުންވެ އިންނަމަވެސް ސައިފް އަށް ވަނީ ވަރަށް ބޮޑު އަސަރެއް އެކަމުން ކޮށްފައެވެ.
އީމާ ކައިވެނި ކުރަން އުޅޭވާހަކަ އެހެން ބަޔަކު އައިސް ދެއްކުމުން ސައިފްގެ ހިތަށް ވަރަށް ތަދު ވިއެވެ. ސައިފް އަށް ހީކުރެވުނީ ބައްޕައާހެދި އުޅެންޖެހިފައި އޮތް ދިރިއުޅުން ދަތިކަމުން އެ ދިރިއުޅުމާ ދުރަށް ދާން ބޭނުންވެގެން އީމާ ފަސޭހަ މަގު ހޯދީ ކަމަށެވެ.
"ނޫނޭ، ބައްޕަ ކައިރީ ބުނަން ހުރީ، އެކަމަކު ކުއްލިއަކަށް އެ އައީ، ނުވެސް އެނގި..." ބައްޕަ ކުރިމަތީގައި އިސްޖެހި އީމާ ލަދުގަތެވެ. ކައިވެނީގެ ވާހަކައަކީ ބައްޕަ ކައިރީ ދައްކަން އީމާ ލަދުގަންނަނާނެ ވާހަކައެއް ނޫނެވެ. އީމާއަށް އެ ކުށްވެރި އިހްސާސް ކުރެވުނީ ބައްޕަ ބޮޑު އޮޅުވާލުމެއްގެ ތެރޭގައި ބަހައްޓައިގެން ގޭމެއް ކުޅެވެނީކަން އީމާއަށް އެނގޭތީއެވެ.
"ބައްޕަ މިރޭ ވަރަށް ދެރަވެއްޖެ ބައްޕައަށް ނޭނގި މިހިސާބަށް ކަންތައް ދިޔައީމަ..." ސައިފްގެ އަޑު ކުރަކި ވިއެވެ. އީމާ ބަލާލިއިރު ބައްޕަގެ ލޯ ހުރީ ފެންކަޅިވެފައެވެ. އިންތަނުން ތެދުވެގެން ކުއްލިއަކަށް ގޮސް ބައްޕަގެ ގޮނޑިކައިރީ އީމާ ކަކޫ ޖެހިއެވެ.
"ބައްޕާ ސޮރީ، ޕްލީޒް، ޑޯންޓް...ސޯ ސޮރީ..." ބައްޕަގެ ހިތަށް އަސަރުތަކެއް ކޮށްފިކަން އެނގުމުން އިނާއަށް ކެތެއް ނުވިއެވެ.
"ދަރިފުޅު ސޮރީ ބުނާނެ ކަމެއްނެތް، ބައްޕަ މިހިރީ ހަމަ ތައްޔާރަށް މާދަން މެރީކުރަންވިޔަސް، މާދަން ކުރިޔަސް އަދި އަހަރެއް ފަހުން ކުރިޔަސް ބައްޕައަށް ކޮށްދެވޭނެ ކަމެއް ނޯންނާނެކަން ބައްޕައަށް އެނގޭ. އެހެންވީމަ ދަރިފުޅު ބޭނުންވެއްޖެނަމަ އަވަސް ކުރުމަކުން ނެތް އެއްވެސް މައްސަލައެއް، އެކަމަކު ބައްޕައަށް އަންގަންވާނެ ދަރިފުޅުގެ ޕްލޭން އިނގޭ، އެހެންމީހަކު އައިސް ބައްޕަގެ ދަރިފުޅުގެ ވެޑިންގެ ޚަބަރު ދިނީމަ، ދެޓް ހާރޓްސް..އެނގެއެއްނު ދަރިފުޅަށް؟ " ހިނިތުންވުމާއިއެކު އީމާގެ ބޮލުގައި ފިރުމަމުން ވާހަކަ ދެއްކިއިރު، ސައިފްއަށް ވާހަކަ ދެއްކުނީ އަސަރާއެކުގައެވެ.
އީމާއަށް ބުނެވުނީ ސޮރީ އެކަންޏެވެ. ހަގީގަތަކަށް ނުބުނެވުނެވެ. އިތުރު ތަފްޞީލެއް ނުދެވުނެވެ. ދެހަފްތާ ނުވަތަ ތިން ހަފްތާ ފަހުން ވިޔަސް ނުކުރެވޭނެ ކައިވެންޏެއްގެ ވާހަކަ އެއްވެސް ގޮތަކަށް ނުދެއްކުން މާ ރަނގަޅުވާނެ ކަމަށް އީމާއަށް ނިންމުނެވެ.
ބައްޕަ ކައިރީ އިނދެ އިނދެފަ މައްޗަށް ދިއުމުން ދޮންމަންމަގެ ނުސީދާ ބަސްތަކާއިވެސް އީމާއަށް ކުރިމަތިލާން ޖެހުނެވެ. ފައިސާއަށް ދަރި ވިއްކާލަން ބައްޕަ އުޅެނީއޭ ކިޔައިގެންވެސް އީމާއަށް އަޑުއިއްވަން އެއްޗެހި ކިއެވެ. ކޮޓަރީގައި އިން އީމާއަށް މިއަޑުތައް ކިތަންމެހާވެސް ސާފުކޮށް އިވުނެވެ.
ހަމަ އެވަގުތު އިއާންއަށް މެސެޖްތަކެއް ފުލުފުލުގައި އީމާ ކުރިއެވެ. އެގޮތަށް ނައަންގާ ގެއަށް އައުމުގެ މަގްސަދަކީ ކޮބައިތޯ އާއި އެހެން ހެދުމުގެ ސަބަބުން އީމާ އައި ރުޅި ފާޅުކުރަމުން ދިޔައެވެ. އިއާންގެ ޖަވާބުތައް ވަރަށް ކުރެވެ.
"އޭރު ފޯނުން ވާހަކަ ދެއްކިއިރު ބުނީމެއްނު އާނއެކޭ، ސޯ އައި ތޯޓް، މަންމަ ކިޔާ ވަރުން ގެންދިޔައީ، އެއް ހަފްތާ ފަހުން ވިޔަސް އެއް ރޭ ފަހުންވިޔަސް އެއްބަސްވާންށެއްނު ހުރީ، ސޯ ނެތެއްނު މައްސަލައެއް އެއަކު." އިއާންގެ މި ޖަވާބަށް އީމާއަށްވެސް ކުރެވޭނެ އިންކާރެއްނެތި ބަސް ހުސްވިއެވެ.
އީމާގެ އެއްވެސް އިޚްތިޔާރެއް އޭނަގެ އަމިއްލަ ދިރިއުޅުމަށް ނެތް ކަހަލައެވެ. އެއްކޮޅުގައި ނަދީމް އެވެ. އަނެއްކޮޅުގައި ބައްޕައެވެ. ދޮންމަންމައެވެ. މަންމަ އަދި މާ ދުރުގައެވެ. އިއާންގެ ސަބަބުން އީމާގެ ދިރިއުޅުން މުޅިން ހަލަބޮލި ވެއްޖެއެވެ. އީމާ އެންމެ ކަންބޮޑުވަމުން ދިޔައީ ނަދީމްއަށް އެއިން އަޑެއް އިވިލިޔަސް ވާނެ ގޮތަކާއި ދޭތެރޭގައެވެ. ހަޔާތުގައި މިފަދަ ތާކުންތާކު ނުޖެހޭ މަޖްބޫރީތަކުގައި މީހަކު ބަނދެވިދާނެ ކަމަށް މީހުނަށް ބޫލުނުކުރެވޭނެކަން އީމާއަށް ވިސްނެއެވެ. އެހެންވިޔަސް ކުރާނެ ކަމެއް ނެތެވެ. ކިތަންމެ ތާކުންތާކު ނުޖެހުނަސް، އަދި ބޯގޯސްކަމުން ވިޔަސް، އޭނައަށް އެމަޅީގައި އެހެރީ ބަނދެވިފަކަން އީމާ އަމިއްލައަށް ޤަބޫލު ކުރެއެވެ.
އިއާން ހެދީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. އިއާން ބުނިހެން އޭނަގެ ފުރުމާއި ދޭތެރޭގައި ތިން ހަފްތާގެ ބަދަލުގައި ދެ ހަފްތާއަށް ބަދަލުވެގެން ދިޔައެވެ. ޔުނިވަރސިޓީގެ ލިޔުމެއް ލިބިގެން އެއަށްވުރެ އަވަހަށްފުރަން ޖެހޭވާހަކަ މުޅި ޢާއިލާތެރޭގައި ދެކެވެން ފަށައިފިއެވެ. ނަމަވެސް އޭރު އީމާގެ ހެދުން ފަހަން މިން ނަގައިފިއެވެ. ހެދުމުގެ ޑިޒައިން ނިންމާ ފޮތި ގަންނަން މެލޭޝިޔާއަށް ވަނީ ފޮނުވިފައެވެ. ކާޑުތައް ޕްރިންޓް ކުރުމުގެ ވާހަކަ ދެކެވެނީއެވެ.
"އަހްނަނަކަށް ނޭނގެ އިއާން ކަންބޮޑުނުވާންވީ ސަބަބެއް، ދެން އެ ހެދުމޯ، އެ ކާޑޯ، އެއީ ހައްތާވެސް ޚަރަދެއް ނޫންތަ؟" އީމާގެ ގެއަށް އިއާން އައި ރެއިން ފެށިގެން، ފާޑެއްގެ މަޖްބޫރީއެއް ވެގެން، އެ ޑްރާމާގައި ބަރާބަރަށް ބައިވެރިވަމުންދާ އީމާ އެ ސުވާލު ކުރީ އިއާންއާއެވެ. އެދެމީހުން ތިބީ ރެސްޓޯރެންޓެއްގައި ފިނި ޖޫހެއް ބޯލާށެވެ.
"ކޮބާ މައްސަލައަކީ، ހެދުން ގައިމުވެސް ބޭކާރެއް ނުވާނެ، ޝިއުއާއި އީމާ ވަނީ ހަމަ އެއްވަރެއްނު، ދެން ކާޑު، ކާޑު އަދި ނުވެސް ކުރެއެއްނު، ހާސްނުވެބަލަ، އަހަރެން އެހުރިހާ ކަމެއް ހުއްޓުވާލާނަމޭ، ފުރައިގެން ދާނީ އެކަންކަން ހުއްޓުވާލާފަ." ޔަގީންކަމާއެކު އިއާން ބުންޏެވެ.
"އެއައީ... އަޅެ އޭނަ ނުފެނި އެންމެ ގަޑިއެއްވެސް ހޭދަނުކުރެވޭއިރު، ކީއްވެގެންތަ މަންމަމެން ކައިރީ ގާލްފްރެންޑެއް ހުރި ވާހަކަ ނުބުނެވިގެން ތި އުޅެނީ؟" ރެސްޓޯރެންޓްގެ ދޮރުން ޝިއުނާ ވަދެގެން އަންނަތަން ފެނި އީމާ ބުނެލިއެވެ.
"އެގެއިން؟ ކިތައްފަހަރު ތިހެން އެބަ އަހަމުތަ؟ ހެހެހެހެ...މަގޭ ޖަވާބު ނުވާނެ ބަދަލެއް، އަދި ނުވޭ އަހަރެން މީހަކާ އިންނާކަށް، މިއީ އުފާކޮށް މަޖާކޮށްލަންވީ އުމުރު، އެކޮޅަށްގޮސް މަޖާކޮށްލާފަ އައިސް ސެޓްލް ވާނީ، އަހަރެން ބޭނުމެއް ނޫން މެރީކޮށްގެން ހުރެ ގޯސްކޮށް އުޅޭކަށް، ސޯ ރިލެކްސް،" ތެދެކެވެ. އީމާ އެ ސުވާލު ކޮށްލާ ހަމަ ކޮންމެ ފަހަރަކުމެ އިއާންގެ ޖަވާބު އަންނަނީ އެކަހަލަ ގޮތަކަށެވެ.
އިއާން އާއި އީމާގެ ޢާއިލާއަށް އެނގިފައިވާ ގޮތުގައި އެދެމީހުން އުޅެނީ ރައްޓެހިވެގެންނެވެ. އުޅެނީ އިންނާށެވެ. ޝިއުނާ އަކީ އީމާގެ ވަރަށް ގާތް ރައްޓެއްސެކެވެ. އެހެންކަމުން އެތިންމީހުން އެއްތަނަކުން ބައްދަލުވެ ފެނިދެނިވުން ޢާއްމުވެއްޖެއެވެ. މިއީ އިއާން ރާވާފައި އޮތް ގޮތެވެ. އީމާއާއި އިއާން ދާ ކޮންމެ ތަނަކަށް ކޮންމެވެސް ގޮތަކުން ޝިއުނާ ގެންދާނެއެވެ. ޝިއުނާ އަންނާނެއެވެ. އެއީ އިއާންގެ އެދުމަކަށެވެ. އެކަމަކު ބަލާ މީހުންނަށް ހީވެފައި އޮންނަނީ އެއީ އީމާގެ ރައްޓެހިކަމުގައި ޝިއުނާ ދަނީ ކަމަށެވެ. ޝިއުނާ އެކްޓް ކުރަނީ އެގޮތަށެވެ. ނަމަވެސް އެއީ މީހުންގެ ތެރޭގައެވެ.
އެތިން މީހުން އެކަނި ވުމާއެކު، އީމާ އެއްފަރާތްކޮށްލާފައި އިއާން ކައިރިވަނީ ޝިއުނާއާއެވެ. ބައެއްފަހަރު އަނެއްފަރާތަށް އެނބުރިލުމަށް އީމާއަށް އަންގައެވެ. އަނެއްބައިފަހަރު އެތެރޭގައި ޝިއުނާ ބަހައްޓާފައި ކޮޓަރިން ބޭރަށް ދިއުމަށް އިއާން ބުނެއެވެ. މިއީ ޚުދު އިއާންގެ ގޭގައިވެސް އިއާން މިކަން ކުރާ ގޮތެވެ. އީމާއަކަށް ބުނެވޭނެ އެއްޗެއް ނޯވެއެވެ. ދެކޮޅު ހަދާކަށް އަމުދުން ބޭނުމެއްވެސް ނުވެއެވެ. އީމާ ދެކޭ ގޮތުގައި އެއީ އޭނައާއި ބެހޭ ކަމެއް ނޫނެވެ. އިއާންގެ އެދުމަށް "އެކްޓް" ކުރުން ނޫންގޮތެއް އީމާއަކަށް ނޯވެއެވެ.
***
"ޔެސް...ޔެސް...ޔެސް..." ކުއްލިއަކަށް އައިސް ކޮޓަރިއަށް ވަންނަމުން އިއާން ވަރަށް ފޯރީގައި މިހެން ކިޔަން ފެށި އަޑަށް ސޯފާގައި އިން އީމާ ކޮޅަށް ތެދުވިއެވެ.
"ކިހިނެއްވީ؟" އީމާއަށް އަހާލެވުނެވެ.
"ގެސް ވަޓް، ޕްލޭން ކާމިޔާބު... އައި ޓޯލްޑް ޔޫ އައި ކޭން ޑޫ ދަ މެޖިކް..." އީމާގެ ސުވާލާއެކު އިއާން ބާރަކަށް ގޮސް އީމާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ބުނެލިއެވެ. ހީވަނީ އާދަޔާ ޚިލާފު އުފަލެއް އިއާންއަށް ލިބިފައި ހުރިހެންނެނެވެ.
"ކިހިނެއްވީ...؟" ވެގެން އުޅެނީ ކީއްކަން އީމާއަށް ލަފާކޮށްލެވުނެވެ. އެކަމަކު ޔަގީންކުރާކަށް ނުކެރުނެވެ. ނޭނގޭ ކޮންމެވެސް ސަބަބަކާ ހެދި އެހީކުރާ ގޮތް ވާން އީމާ ބޭނުން ނުވިއެވެ. އެހެންކަމުން ހިތް ބިރުގެންފައިހުރި އީމާ އެ އަޑު އަހަން ބޭނުންވީ އިއާންގެ އަނގައިން ބުނާ އަޑެވެ.
"މަންމަ އެބަ ވާހަކަ ދައްކާ ހުރިހާ ކަމެއް ކެންސަލް ކޮށްލަން...ޔޫ ނޯ، އަވަރ ވެޑިން ޕޯސްޕޯން ވެއްޖެ." މިހެން ބުނުމާއެކު އިއާންގެ ދެއަތުގެ ތެރެއަށް އީމާގެ ހަށިގަނޑު ގެންގޮސް ބާރަށް ބައްދއިގަތެވެ. އިއާންއަށް ލިބިފައި ހުރި އާދަޔާ ޚިލާފު އުފަލެއްގެ ސަބަބުން ހެދޭ ނެހެދޭވެސް އިއާންއަށް ނޭނގޭ ކަހަލައެވެ. ދެއަތަށް ލެވެމުން ދިޔަ ބާރުގައި އީމާއަށް ނޭވާލާން އުނދަގޫވާވަރަށް އިއާންގެ ހަށިގަނޑުގައި ޖެހި އީމާގެ ހިމަ ދިގު ހަށިގަނޑު ފިތެމުން ދިޔައެވެ.
އިއާންގެ ބާރުގަދަ ގައިދުގައި ފިތިފައި ހުރި އީމާއަށް ގުޑައެއްވެސް ނުލެވުނެވެ. ލިބިފައިހުރި ހައިރާންކަމުގެ ތެރެއިންވެސް އީމާއަށް ވިސްނާލެވުނެވެ. އިއާން ފުރަން އަދި ހަފްތާއެއް އެބައޮތެވެ. އެހެން އެކަން ކެންސަލްވީ ކިހިނެއްބާވައެވެ؟ އިއާން ކިހިނެއް ހެދީބާވައެވެ؟ ކޮންކަމެއް ކިހިނެއްވީ ބާވައެވެ؟ ނޭނގެއެވެ. އީމާއަށް ނޭނގެއެވެ. އެކަމަކު ކެންސަލް ވުމަކުން އިއާން އެކުރާ ކަހަލަ އިހްސާސެއް އީމާއަށް ނުވެސް ވިއެވެ. އުފަލެއް ނުވިއެވެ.
"ގޯޑް އައި އެމް ފްރީ." އަދިވެސް، އީމާގެ ގައިގައި ބައްދައިގެން ހުރެ އިއާން އެކަމުގެ އުފާ ފާޅު ކުރަނީއެވެ. ދެމިނެޓެއްވަރު ނެގިއެވެ. އިއާންގެ އަތަށް ދުލެއް ދެވުނެވެ. އީމާގެ ހަށިގަނޑުން އިއާން ދޫކޮށްލައިފިއެވެ. ކުއްލިއަކަށް ފަހަތަށް ޖެހިލިއެވެ. މި ކުރެވުނީ ކޮށްގެން ނުވާނެކަމެއްކަން އިއާންއަށް ވިސްނުނީ އަދި ކިރިޔާއެވެ. އިއާން ބަލާލިއިރު އީމާ ހުރީ އިސްޖަހައިގެންނެވެ.
"ސޮރީ އިނގޭ، އެމް ސޯ އެކްސައިޓެޑް، އެހެންވެ... ސޮރީ." އެ ދެމީހުން އުޅެނީ ކައިވެނި ކުރެވެންކަމަށް މީހުންނަށް ދައްކައިގެން އުޅުނު ނަމަވެސް، އަދި ކިތަންމެ ގިނައިން އެކަހެރިގޮތަކަށް އެމީހުން ބައްދަލުވެފައި ހުރި ނަމަވެސް، އީމާގެ ގައިގައި އެފަދަ "ގާތް" ގޮތަކަށް އިއާން އަތްލި އެއީ ފުރަތަމަ ފަހަރެވެ. އަތުގައި ހިފާލުމަށްވުރެ ބޮޑު ޙަރަކާތެއް އިއާން ދުވަހަކުވެސް ނުކުރެއެވެ. ޝައުގެއްވެސް އިއާންގެ ނުހުރެއެވެ. އަދި ގަސްތެއްވެސް ނުހުރެއެވެ. އެދެމީހުން އެކަނިވާ ވަގުތެއްނަމަ އެތަނަށް ޝިއުނާ ނައަންނަ ފަހަރެއް ނުހުރެއެވެ. އެހެންވީމަ އެކަހަލަ އެއްވެސް ކަމެއް އެދެމީހުން ދެމެދުގައި ދުވަހަކުވެސް ހިނގާފައި ނުވެއެވެ.
ނަމަވެސް ދެންމެ ކުރެވުނު ކަންތަކުން އިއާންއަށް ކުށެއް ކުރެވުނުކަން އިހްސާސްވެ މާފަށް އެދުނެވެ. އީމާގެ އިސްޖެހިފައިވާ މޫނާއި، އިއާންގެ އަތުތެރޭގައި ހުރެފައި ދޫކޮށްލުމުން އަދިވެސް އެގޮތަށް ހުރި ހުރުމަށް އިއާންއަށް ބެލެމުން ދިޔައެވެ.
"ހެއި...އާރ ޔޫ އޯލް ރައިޓް؟" ކުރިއަށް ޖެހި ގުދުވެލާފައި އީމާގެ މޫނަށް ބަލަން އިއާން މަސައްކަތް ކުރިއެވެ. ނަމަވެސް އީމާ އެސްފިޔަވެސް އުފުލާނުލައެވެ. ކުރުކޮށް ކޮށާލާފައި އޮތް ފަން އިސްތަށިގަނޑުން މޫނުގެ ދެފަރާތް ވަނީ ފޮރުވިފައެވެ.
އިއާން ބަލާތީ އުނދަގޫވެގެން އަނބުރާލާފައި ސޯފާއާއި ދިމާލަށް ދާން އީމާ ހިނގައިގަތެވެ. ހަމަ އެވަގުތު އީމާގެ ކުރިމައްޗަށް އިއާން އެރިއެވެ.
"ރުޅި އައީތަ؟ ޓްރޫލީ ސޮރީއޭ، އަސްލުވެސް...ގަސްތަކު ނޫން އެއީ." ސޯފާއާއި އީމާއާއި ދެމެދަށް ވަދެ އިއާން ހުރަސް އެޅިއެވެ. މަޢާފަށް އެދެމުން ދިޔައީ އީމާ ހުރީ ރުޅިއައިސްފަކަމަށް ހީކޮށެވެ.
އިއާންއާއި ދިމާލަށް ބަލާވެސް ނުލާ ހުރެފައި އީމާ ކޮށްލި ޙަރަކާތަކުން އިއާން ދުރަށް ކޮށްޕާލިއެވެ. ނަމަވެސް ސޯފާގައި ޖެހިފައި ހުރި އިއާންއަށް ދުރަށް ޖެހެވުމުގެ ބަދަލުގައި ވެއްޓުނީ ސޯފާމައްޗަށެވެ. އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ އީމާ ގުދުވީ ސޯފާގައި އޮތް އޭނަގެ ދަބަސް ނެގުމަށެވެ.
އީމާގެ ލޮލުންވެއްޓުނު ދެތިން ކަރުނަތިކި އިއާންއަށް ފެނުނީ އެވަގުތުއެވެ. ދަބަސް ހިފައިގެން ދާން ތެދުވި އީމާއަށް ކުރިއަކަށް ނުދެވުނެވެ. ކުރިޔަށް އެއްލިއަތަކުން އީމާގެ އަތުގައި ހިފައި އިއާން ދަމާލީ ގާތަށެވެ. ފުރަގަހަށް ގޮސް އީމާ ވެއްޓުނީ އިއާންގެ އުނގުތެރެއަށެވެ. -- ނުނިމޭ --