31 Oct 2017

ގަސްތަކާނުލާ

ގަސްތަކާނުލާ

* އޮކްޓޫބަރު 28 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

އީމާގެ ލޮލުންވެއްޓުނު ދެތިން ކަރުނަތިކި އިއާންއަށް ފެނުނީ އެވަގުތުއެވެ. ދަބަސް ހިފައިގެން ދާން ތެދުވި އީމާއަށް ކުރިއަކަށް ނުދެވުނެވެ. ކުރިޔަށް އެއްލިއަތަކުން އީމާގެ އަތުގައި ހިފައި އިއާން ދަމާލީ ގާތަށެވެ. ފުރަގަހަށް ގޮސް އީމާ ވެއްޓުނީ އިއާންގެ އުނގުތެރެއަށެވެ. ދެމީހުންވެސް ތެޅިގަތީ ކުއްލިއަކަށެވެ.

އިއާން އުޅެގަތްގޮތުން ހީވީ އީމާގެ ގައިގައި ހިފާން ނުހިފާން އުޅޭހެންނެވެ. އީމާ އުޅުނީ އިއާންގެ އެހީއާ ނުލައި ތެދުވެވޭތޯއެވެ. އިއާންއާ ދުރަށް ދެވޭތޯއެވެ. އެކަމަކު މިކަންވީ އީމާއަށް ފަސޭހަ ކަމަކަށް ނޫނެވެ. ތެދުވެ ތެދުވެ ހުއްޓާ ވެއްޓެއެވެ. ވެއްޓިވެއްޓި އޮއްވައި އިއާން އޭނަ ދުރަށް ލައެވެ. ދުރަށް ލާން އުޅެނިކޮށް އަނެއްކާވެސް އިއާންގެ އުނގަށް އީމާ ވެއްޓެއެވެ. ތެދުވާން އުޅެނިކޮށް އިއާންގެ ގަމީހުގެ ގޮށެއްގައި އީމާގެ ބޮލުގެ އިސްތަށިތައް ވެސް އެއްފަހަރު އޮޅުނެވެ. ދަމައިގަތް ބާރުމިނާއެކު ތެދުވާން އުޅުމުން ފައިތިލަ ހަމައަށް ނޭޅިގެން އީމާ އަރިއެޅިއެވެ. އެތަން ފެނި، އީމާ ވެއްޓުނަނުދޭން އިއާން ހިފުމުން އީމާއަށް އޮވެވުނީ މާ ރީއްޗަށް ވެސް އިއާންގެ ދެއަތުގެ ތެރޭގައި ގައިދުވެފައެވެ.

ދެމީހުން ވެސް ޖެހުނީ ހާލެއްގައެވެ. އިންތިހާއަށް ކަންބޮޑުވެފައި ހުރީ އީމާއެވެ. އިއާންއަށް ވެސް ހީވަނީ ހާސްކަމެއް ލިބިފައި އިންހެންނެވެ.

"ސޮރީ، ގަސްތަކު ނޫން..." އީމާގެ ހަށިގަނޑުގެ ބަރުދަނާއެކު އިއާން ކޮޅަށް ތެދުވިއެވެ. އެ ނޫން ގޮތަކުން ދެން ދެމީހުންނަށް ވެސް ސަލާމަތެއް ނެތްކަން އެނގޭތީއެވެ.

އީމާ ސީދާވެލާފައި އަވަސް ހަރަކާތަކުން ބޮލުގެ އިސްތަށިގަނޑު ރަނގަޅުކޮށްލި އެވެ. ލައިގެން ހުރި ޓޮޕްގެ ފަސްބަޔަށް ދަމާ ގަޔަށް ރީތިކޮށްލިއެވެ. ފަލަމަސްގަނޑާ ދިމާލުން ދެފަރާތަށް ޖިންސު ދަމާލާ ރަނގަޅުކޮށްލިއެވެ.

މިހުރިހާ ކަމެއް ކޮށްފައި އީމާ ބަލާލިއިރު، އެއްއަތް ޖިންސްގެ ޖީބަށް ޖަހައިގެން އަނެއް އަތުން ކަނދުރާމަތީގައި ހިފަހައްޓާލައިގެން ހުރި އިއާން ހުރީ، އޭނަގެ "ސިގްނޭޗަރ" ހިނިތުންވުމުން ހީލައިގެންނެވެ. ފެންނަމުން ދިޔަ މަންޒަރުން ހިތަށް ހަމަޖެހުމެއް ލިބިފައި ހުރި ކަހަލަ ގޮތަކަށެވެ.

އިއާންގެ އެ ހިނިތުންވުމާއި ކުޑަވެފައި ހުރި ދެލޮލާއި މޫނުމަތީގެ އަސަރުތައް ފެނުމުން އީމާގެ ހިތް ބާރަކަށް ތެޅިގަތެވެ. ބަލާކަށް ނުހުރެ އަނބުރާލާފައި ނުކުންނަން ދޮރާއި ދިމާލަށް ހިނގައިގަތެވެ.

"ހެއި...ހޭއި...ހޭއި...ވެއިޓް..." އީމާ ގޮސްގޮސް ހުއްޓާ އިއާން ގޮސް އަނެއްކާވެސް އީމާގެ ކުރި ބައްދައިފިއެވެ.

"ކޮބައިތަ މައްސަލައަކީ؟ ކިހިނެއްވީތަ؟ ޔޫ އާރ ސަޕޯސްޑް ޓު ބީ ހެޕީ، މިއީ އުފާކުރަންވީ ވަގުތެއްނޫންތަ. ކޮބައިތަ މައްސަލައަކީ؟" ލައްޕާފައި ހުރި ދޮރުފަތުގައި އެއް އަތާއި އެއްފައި ވިއްދާލާފައި އިއާން އެހިއެވެ.

އީމާހެއްޔެވެ. އިއާން އާއި ދިމާލަށް ނުބަލާން ހުރި އީމާ ކުއްލިއަކަށް އިއާންއަށް ބަލާލައިފިއެވެ. ނުރުހިފައެވެ. ރުޅި އައިސްފައެވެ. ދެލޮލުގައި އަދިވެސް ކަރުނައިގެ ތެތްކަން ހުއްޓެވެ.

"ހޫމް؟ ބުނެބަލަ، ކިހިނެއްވީތަ؟ ކަމެއްވީތަ؟" މީގެ އިރުކޮޅެއް ކުރިން ކޮޓަރިއަށް ވަދެގެން އައިސް އޭނަ އެހެން ބުނުމާ ހަމައަށްވެސް ރަނގަޅަށް ހުރި އީމާއަށް ވީ ގޮތެއް އިއާންއަށް ނޭނގެއެވެ. ނޭނގޭ ޝައުގަކުން އެކަން އެނގޭހިތް އިއާން ވެއްޖެއެވެ.

"އިއާންއަށް ހެޕީ ވިޔަސް އަހަރެން އަދި ކިތައް މީހުންނާ ކުރިމަތިލާންޖެހޭނެކަން ވިސްނާލި ނަމަ ތި ސުވާލު ނުކުރާނެ އަހަންނަކާ." ނޭފަތް ދަމާލާފައި ވާހަކަ ދެއްކި އީމާގެ އަޑު އެހާ ސާފެއް ނޫނެވެ. އެކަމަކުވެސް ބުނި އެއްޗެއް އިއާންއަށް އެނގުނެވެ.

"އަނހަނ...މި ދުވަސް އަންނަކަން އެނގެއެއްނު، ކީއްވެ ރެޑީ ނުވީ، ނޮ ނޮ ނޮ... ތިއީ މަގޭ މައްސަލައެއް ނޫން." ވައިގެ ތެރެއަށް، މައްޗަށް ދެއަތް އުކާފައި އިއާން މިހެން ބުނެލީ ވަރަށް ފަރުވާ ކުޑަ ގޮތަކަށެވެ. ހަގީގަތުގައިވެސް އެކަމުގައި އޭނަގެ އެއްވެސް ހިއްސާއެއް ނުވާކަހަލައެވެ. އީމާ ބަލަން ހުއްޓާ އިއާން އަނބުރާ ގޮސް ސޯފާގައި އިށީނދެއްޖެއެވެ. ދިގު ދެފައި ކުރިމައްޗަށް ދަމާލައިގެން ހަމަޖެހިލިއެވެ.

އެއީ ކޮންމެ ހަރަކާތެއް ކުރިޔަސް، ކޮންމެ ގޮތަކަށް އިނަސް ކޮންމެ އަރިމައްޗަކުން ބެލިޔަސް ރީތި ކަމުގެ ލާމަސީލު ފިރިހެނެކެވެ. އެކަމަކު ހަރުފައެއްހާ ނުބައެވެ. އިރުކޮޅަކަށް ވިޔަސް ބަލަހައްޓައިގެން ހުރެވުނު އީމާގެ ހިތަށް މިހެން އެރުމާއެކު ކުއްލިއަކަށް ދޮރު ހުޅުވާލާފައި ނުކުމެއްޖެއެވެ. ދޮރު ލެއްޕުނުއިރު، އިއާންގެ މަޑު ހުނުމެއްގެ އަޑު އީމާއަށް އިވުނެވެ. ހަގީގަތުގަވެސް ރަޙުމެއް ނެތް މީހެކޭ އީމާގެ ހިތަށް އެރިއެވެ.

ކޮޓަރިތައް ކައިރިން މަޑުމަޑުން ހިނގާލާފައި ގޮސް ސިޓިންރޫމަށް އީމާއަށް ނުކުމެވުނުއިރު އެތަނުގައި އިއާންގެ މަންމަ، ދޮންތަ، ބޮޑުދައިތަ އަދި ދެ ރައްޓެއްސަކު ވެސް ތިއްބެވެ. އީމާ ފެނުމާއެކު އިއާންގެ މަންމަ އީމާއަށް ގޮވިއެވެ. އިރުކޮޅަކަށް ވިޔަސް އަދި ނުނިކުމެ މަޑުކޮށްލެވުނު ނަމައޭ އީމާގެ ހިތަށް އެރީ އެވަގުތުއެވެ.

"އިއާން ބުނެފި ދޯ، މަންމައަކަށް ނުވިސްނުނު އެ ނޫންގޮތެއް، އެހެންވެ އެހެން ނިންމަން ޖެހުނީ، އެއްވެސް ކަމެއް އަދި ނުއެއް ނިމޭ، ކިހިނެއް އެހާ ކުއްލިއަކަށް މެރީ ކުރާނީވެސް ދޯ، މަންމަ ބޭނުމެއް ނޫން ތައްޔާރު ނުވެ މެރީ ކުރާކަށް، ފުރުން އެއްހަފްތާ އަވަސްވެއްޖެ، އަދި އެންމެ ބޮޑު މައްސަލައަކީ އިއާން ބައްޕައަށްވެސް ނާދެވޭނެ މި އަންނަ ހަފްތާއަކަށް، ދެން މަންމަ ޖެހޭނީ ހަމަ ހުއްޓާލާކަށްނު ދޯ، ކިހާ ދެރަ ދޯ؟" އީމާ ގޮސް އިށީނުމުން ދެރަވެލާފައި އިއާންގެ މަންމަ ވާހަކަ ދެއްކިއެވެ. އެތަނުގައި ތިބި މީހުންގެ މޫނަށް ވަކިވަކިން ބަލާލާފައި އީމާ އިސްޖަހާލީއެވެ. އެހެންވީމަ އިއާންގެ ބައްޕައަށް ނާދެވޭތީ ކެންސަލްކުރީތާއެވެ. އެކަމަކު ފުރުން އަވަސްވުމުގައި އިއާންގެ އަތެއް ނެތެކޭ އީމާގެ ހިތެއް ނުބުންޏެވެ.

އެދެމީހުންގެ ކައިވެންޏާއި ބެހޭ ގޮތުން އެކި މީހުން އެކި ވާހަކަ ދައްކަމުން ދިޔައެވެ. އީމާއަށް ވިސްނަދޭކަށް ނޫނެވެ. އަމިއްލަ އަމިއްލައަށެވެ. އެންމެންވެސް ތިބީ އެ ކައިވެނި އެގޮތަށް ހުއްޓާލަން ޖެހުމުން ވަރަށް ކަންބޮޑުވެފައެވެ. ދެރަވެފައެވެ. އިއާންގެ މަންމަ ކޮންމެހެންވެސް ބޭނުން ވަނީ އިއާން އަވަހަށް ކައިވެނި ކުރާށެވެ. އެ ވާހަކަތަކަށް އީމާއަކަށް މާ ބޮޑު ޝައުގެއް ނުދެވެއެވެ. އަޑުއަހާ ގޮތް ދައްކައިގެން އިންނަމަވެސް އީމާއަށް އިނދެވުނީ އަމިއްލަ އިހްސާސްތަކާއި ދޭތެރޭ ވިސްނާލާށެވެ.

އެކައިވެންޏަކީ ކުރެވެން އުޅޭ ކައިވެންޏެއްނޫންކަން ކުރިންވެސް އީމާއަށް އެނގެއެވެ. އަދި އެއީ ރޭވުމެއްކަންވެސް އެނގެއެވެ. އަދި އެކަމަށް އޭނައަށް ވަދެވުނީ ޚުދު އޭނަގެ އަމިއްލަ އިޚްތިޔާރުގައި ނޫންކަންވެސް ހަނދާން އެބަހުއްޓެވެ. އެކަމަކު މިއަދު އެ ޚަބަރު އަޑުއިވުމުން އޭނަ ދެރަވީ ކީއްވެގެންކަމެއް ނޭނގެއެވެ. އެހާ ބޮޑު އަސަރެއް އޭނައަށް ކުރީ ކީއްވެކަން ޚުދު އޭނައަކަށް ނޭނގެއެވެ. ފަހަރެއްގައި އެއީ އިއާން އެހާ އުފާވެފައި އެ ކައިވެނި ނުކުރެވޭ ވާހަކަ ބުނުމުން ކަމަށްވެސް ވެދާނެއެވެ. ފަހަރެއްގައި އެއީ ބައްޕައަށް ދޮގުހެދުނީތީކަމަށްވެސް ވެދާނެއެވެ. ނޭނގެއެވެ. އީމާއަކަށް ނޭނގެއެވެ. އެހެން ވީ ކީއްވެކަމެއް ނޭނގެއެވެ. ދެން އެކަމަކު އޭނަގެ އިޚްތިޔާރަކާއި ނުލައި އޭނަގެ ލޮލުން ކަރުނަ އައީ ކީއްވެހެއްޔެވެ؟ އެތަން އިއާންއަށް ފެނުނު ހެއްޔެވެ؟ މިހާރު އިއާން ހިތަށް އަރާނީ ކީކޭކަމެއްވެސް ނޭނގެއެވެ. މަޑުމަޑުން އިން އީމާއަށް ބެލެމުން ދިޔައީ އަމިއްލަ ހިތަށް ކުރަމުން ދިޔަ އަސަރުތަކުގެ ސަބަބު އަމިއްލައަށް ވިސްނޭތޯއެވެ.

"އީމާ، ކީއްވެ އެއްޗެއް ނުބުނީ؟" ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި އިން އީމާއަށް އެ ވިސްނުމުން ނުކުމެވުނީ އިއާންގެ މަންމަގެ މި ސުވާލަށެވެ.

"ކީކޭ މަންމަ ތި ބުނީ...؟" އެންމެ ދެހަފްތާ ތެރޭގައި އިއާންގެ މަންމައަށް މަންމަ ކިޔަން އީމާއަށް ވަރަށް ފަރިތައެވެ. އެކަމަކު އެވެސް މިއަދުން ފެށިގެން އޭނަ ހުއްޓާލަން ޖެހޭނެ ކަމެކެވެ. އީމާ ހިތަށް އެރިއެވެ.

"މަންމަ މި ބުނީ އިއާން ބައްޕަ ދެންމެ ގުޅިޔޭ، ބައްޕަ ނިންމީ އިއާންއަށް ދެން އެންމެ އަވަހަށް ލިބޭ ޗުއްޓީއެއްގަ އިއާން މާލެ ގެންނަން، ހަމަސް ވަރަކަށް ފަހުން ބްރޭކެއް ލިބޭނެ އިއާންއަށް، އެހާތަނަށް މަންމައަށް މާ ރަނގަޅަށްވެސް ހުރިހާ ކަމެއް ހަމަޖައްސާލެވޭނެ، އެހެންވެ މަންމަ މި ވިސްނަނީ އެގޮތަށް..." އާލިޔާ މިދެއްކި ވާހަކައިން އީމާއަށް ދެއަތް ދެއަތާ ބާރުކޮށްލެވުނެވެ.

އަނެއްކާ އަނެއް ހަކަންތަކޭ އީމާގެ ހިތަށް އެރިއެވެ. އިއާންއަށް އެކަން އެނގުމުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟

"އަސްލުވެސް ދޮންތަ ހަދަންވީ އެހެންނޭ، އެހާތަނަށް ކަންކަން މާ ރީއްޗަށްވެސް ހަމަޖައްސާލެވޭނެ." އާލިޔާގެ ކޮއްކޮ ޢިލްމާ ވެސް ބާރު އެޅިއެވެ.

"ކޮންމެ ގޮތެއްވިޔަސް އެކޮޅުގަ ހުންނައިރަކު އިއާންއަކަށް ނުއުޅެވޭނެ ބޭނުންހާ ގޮތަކަށް، އާލިޔާ ބިރުން ތިއުޅެނީ އެކަމާހެދިކަމަށްވަންޏާ އެ ޚިޔާލު ދޫކޮށްލާ، އިއާން އެ ދަނީ މާސްޓަރސްއަށް، ބިޒީވާނެ ވަރަށް، އަންހެންކުދިން ފަހަތުން ދުވާކަށް ވަގުތެއް ނުވާނެ އިއާންއަކަށް." އާލިޔާގެ ގާތް ރަހްމަތްތެރިޔާ ޝިފާ ވެސް އާލިޔާއަށް ވިސްނައިދިނެވެ.

އެމީހުންގެ އެ ވާހަކައަށް އާލިޔާ އެއްޗެއް ނުބުނެއެވެ. ނަމަވެސް އޭނަގެ ދަރިފުޅުގެ ހުރި ހުޝިޔާރު ކަމާއި އަންހެންކުދިން ފަހަތުން ދުވުމަކީ އިއާން އެހާ ފަސޭހައިން ހުއްޓާނުލާނެ ކަމެއްކަން އާލިޔާއަށް އެނގެއެވެ. ކުޑައިރުއްސުރެންވެސް އިއާންއަކީ ދުވަހަކު ފޮތެއްގަ އަތްނުލިޔަސް ކިޔެވޭ ވައްތަރު ކުއްޖެކެވެ. އެކަން އާލިޔާ ދަނެއެވެ. ކްލާހުން ނުކުތުމަށްފަހު ދެން އޮންނަ ހުރިހާ ވަގުތެއް ވެސް އިއާން ހޭދަކުރާނީ ޕާޓީކުރަންކަން މާ ބޮޑަށްވެސް އާލިޔާއަށް އެނގެއެވެ. ނަމަވެސް އަމިއްލަ ރަންދަރިފުޅުގެ ވާހަކަ އެ މޭރުމުން ނުދައްކާންވެގެން އެކަމަށް ރައްދު ނުދިނީއެވެ. އަދި ޚާއްޞަކޮށް އިއާންގެ ވާންއުޅޭ އަންހެނުން ކުރިމަތީގަ އިއާންގެ އަގު ވެއްޓޭ ކަހަލަ ވާހަކައެއް ނުދައްކާން އާލިޔާ އިނީ ނިންމައިގެންނެވެ.

މިއަޑުތައް އަހަންއިން އީމާގެ ހިތުގެ ހާލެއް އެއިން އެކަކަށްވެސް ނޭނގެއެވެ. ދެންމެ އިއާންގެ ކޮޓަރިން ނުކުތްއިރު އީމާއަށް ހީކުރެވިފަ އޮތީ އެހިސާބުން އެގެއާއި އެމީހުންނާއި އޭނައާއި ވަކިވީ ކަމަށެވެ. އޭނަ ނުކުތީ ވަކިވުމުގެ ސަލާމް ކުރުމަށްފަހު ދިއުމަށެވެ. ނަމަވެސް، އިއާން އޭނަގެ ކަރަށް ވައްޓާލި މަޅިން ސަލާމަތް ވުމުގެ ބަދަލުގަ އެ މަޅިއަށް ބާރުވަނީކަން އެނގި އީމާ އިނީ ބިރުގެންފައެވެ.

"ކީކޭ ބުނަނީ އީމާ؟" އަނެއްކާވެސް އިއާންގެ މަންމަ އެހިއެވެ.

އޭނަގެ ބަހެއް އެކަމުގައި އެހުމުގެ ބޭނުމެއްވެސް އެބައޮތްހޭ އަހަން އީމާ ބޭނުން ވިއެވެ. އެކަމަކު އަނގަޔަކުން ނުބުނެވުނެވެ. ވާން މި އުޅޭ ގޮތަކުން ހިތް ބިރުގެންފައި އިނީ މާ ބޮޑަށެވެ.

"މަންމަ އަދި މިވާހަކަ ނުބުނަން އިއާން ކައިރިއަކުވެސް...މިތާ އިނދެފަ އިއާން ކޮޓަރިއަށް ދިޔަ ފަހުން ބައްޕައާ ގުޅުނީވެސް، އީމާއަށް އޯކޭ ދޯ އެހާތަނަށް..؟" އާލިޔާއަށް ހީވަނީ އޭނަ ދެރަވެފައި އިންވަރަށް އީމާވެސް ދެރަވެފައި އިންހެންނެވެ.

ނޭނގެއޭ ބުނުމުގެ ގޮތުން އީމާ އަރުވާލީ ދެކޮނޑެވެ.

"ރަނގަޅުވާނެއޭ ދޮންތާ، އެ ކުދިންނަކަށް ނޭނގޭނެ، އަހަރެމެން އެގޮތަށް ހަމަޖެއްސީމަ ހުންނާނީ ރަނގަޅަށް." އަނެއްކާވެސް ޢިލްމާ އޭނަގެ ދޮންތައަށް ބާރެއް ލައިދިނެވެ.

***

އިއާންގެ ގެއިން އީމާ އައީ އެ އާއިލާއިން ދެއްކި ވާހަކައަށް ވަކި އެއްޗެއް ނުބުނެއެވެ. ބައްޕަ އެބަ ގުޅައޭ ކިޔާފައި އެގެއިން އިމާ ނުކުތީ ނޭވާލާން ވެސް އުނދަގޫވާހެން ހީވުމުންނެވެ. އީމާއަށް ލިބިފައި އިން ހާސްކަމާ ކަންބޮޑުވުން އެތަނުން އެކަކަށް ވެސް ފާހަގަކުރެވުމުގެ ކުރިން އެމީހުން ކުރިމަތިން އީމާ ދިޔައީއެވެ.

ކޮޓަރީގައި އޮށޯވެލައިގެން އޮތް އީމާއަށް ވިސްނެމުން ދިޔައީ ދެން ވާނެ ގޮތަކާ ދޭތެރޭގައެވެ. އިއާންގެ މަންމަމެންނަކަށް ކަނޑެއް ފަޅެއް ނޭނގެއެވެ. އިއާންގެ ނުލަފާ ޕްލޭންގެ ހިލަމެއްވެސް އެމީހުންނަށް ނުވާތީ އެމީހުން އެ ދަނީ އެ ކައިވެންޏަށް އަދިވެސް ތައްޔާރު ވަމުންނެވެ. އެއީ އިއާންވެސް އަދި އީމާވެސް ހީކުރި ގޮތެއް ނޫނެވެ. ވެދާނެ ކަމަށް އެމީހުންނަށް ލަފާކުރެވުނު ގޮތެއްވެސް ނޫނެވެ. އެކަމަކު ސަމާސާ ވިހަވެއްޖެކަން އީމާއަށް ޔަގީނެވެ. އެކަން އިއާންއަށް އެނގުމުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާވެސް އެ މަޅީގައި އޭނަ ބެދޭނީ ހެއްޔެވެ؟ އަނެއްކާވެސް އެކްޓް ކުރުމަށް އެދެން އިއާން އަންނާނެ ހެއްޔެވެ؟ އައީމަ އެއްބަސްވާންވެސްވީ ހެއްޔެވެ؟ ނޫނެކެވެ. ލާހިކެއް ނޫނެވެ. ދެނެއް އިއާންގެ ކޯލެއް ވެސް އޭނަ ނުނަގާނެއެވެ. އިއާން ދައްކާ ކުޅިވަރެއް ދެނެއް އޭނަ ނުކުޅޭނެއެވެ. ހަގީގަތް ކިތަންމެ ލަދުވެތި ވިޔަސް ދެން އިއާން އަތުވެއްޖެނަމަ ހުރިހާ ވާހަކައެއް ހަގީގަތަށް އެ އާއިލާއަށް އޭނަ ކިޔައިދޭނެއެވެ. އޭނައަކަށް ދެނެއް އެ ސަކަރާތުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ހުރިހާ މާނައެއްގައި އިއާންއާ ދުރުވުމަށް އީމާ އަމިއްލަ ނަފްސަށް ވަޢުދު ވިއެވެ. ހިތާ ހިތުން ޢަޒުމް ކަނޑައެޅިއެވެ. ނަމަވެސް ލޯމެރެމުން ދިޔައިރު ދެލޮލުގެހިމަކޮޅުން ފޭދުނު ކަރުނަތިކި ގޮސް ކަންފަތާއި ހަމައަށް ފޯރައިފިއެވެ. ޚުދު އީމާއަށްވެސް ނޭނގޭ ސަބަބަކުން އީމާގެ ހިތް ރޮއްވަމުން ދިޔައެވެ.

***

އީމާ ދިއުމުން، ކައިވެނި ކެންސަލްވެއްޖެ ކަމުގެ އުފާވެރި ޚަބަރު ދިނުމަށް ޝިއުނާއަށް ގުޅައިގެން އިން އިއާންއަށް، އެ ކޯލް ނިންމާފައި ކޮޓަރިން ނުކުމެވުނީ އީމާ ދިޔަތާ ގަޑިއެއްހާއިރުވީ ފަހުންނެވެ. އެ އެއްގަޑިއިރުތެރޭގައި އެގޭގެ ސިޓިންރޫމްގައި ދެކެވުނު ވާހަކަތަކެއް އިއާންއަކަށް ނޭގެއެވެ. އެތަނުގައި އީމާ އިންކަމާއި އީމާ ދިޔައީ އެ ހުރިހާ ވާހަކައެއް އެނގިގެންކަން އިއާންއަކަށް ނޭނގެއެވެ. އިއާން ދިޔަ ގޮތަށް ދިޔައީ ޝިއުނާ އާއި ބައްދަލުކުރުމަށެވެ. މިރެއަކީ އެމީހުން އުފާ ފާޅުކުރަންވީ ރެއެވެ. ބޮލުގައި ބޮޑު ބުރައެއް އޮވެފައި މިރޭ އިއާންއަށް ވަރަށް ލުއިވެއްޖެއެވެ.

ސައިކަލްގެ ފަހަތަށް ޝިއުނާ އަރުވައިގެންދިޔަ އިއާންގެ ސައިކަލް ގޮސް ހުއްޓުނީ ހުޅުމާލޭ ފެރީ ޓާމިނަލް އަށެވެ. ގިނަ މީހުން ފެރީއަށް ސައިކަލް އެރުވިނަމަވެސް އިއާން ސައިކަލް ނައަރުވައެވެ. އެކޮޅަށް ދާއިރު އެމީހުން ބަލާ އައިސްފަ ކާރެއް އޮންނާނެތީއެވެ.

އިއާންގެ އެންމެ ގާތް ދެއެކުވެރިންކަމަށްވާ ޒެއިން އާއި ޑެމީ މިރޭ ކުޑަވަރެއްގެ ޕާޓީއެއް ބާއްވާތީ އިއާން އެ ދަނީ އެތަނަށެވެ. ޓާމިނަލް ކައިރިއަށް އެމީހުން އިއާން ބަލާވެސް އަންނާނެއެވެ.

"އެމް އައި ޓޫ ލޭޓް...؟" ޑެމީގެ އަމިއްލަ އެޕާޓްމަންޓަށް ވަންނަމުން ޑެމީ ގާތުން އިއާންއަހާލިއެވެ. ޑީޖޭގެ ކުލަބޮކިތަކުންނާއި ގުގުމަމުންދާ އަޑުގަދަ މިއުޒިކުން އަދި ނަށަމުންދާ ކުދިންގެ ހަލަބޮލިކަން ފެނުމުން، އިއާންއަށް ވިސްނުނީ ޕާޓީ ފެށުނުތާ ކިތަންމެ އިރެއްކަމެވެ.

"ނޮޕް...ޔޫ އާރ ލޭޓް އޭޒް ޔޫޝުއަލް." އިއާން އެހެން އެހި އަޑު އިވި ޖަވާބު ދިނީ އަންހެންކުއްޖެކެވެ. އެއީ ލިވާއެވެ. އިއާންގެ ގްރޫޕް ރައްޓެހިންގެ ތެރެއިން އިއާން އެންމެ ގަޔާވާ އަންހެންކުއްޖާއެވެ. ލިވާ ފެނުމާއެކު ޖޯޝާއެކު އިއާން އަތް ޖަހާލިއެވެ. އިއާން އުފުލާލި އަތްތިލައިގެ އިނގިލިތަކަށް އަތްތިލަ މަހާލާފައި އަނެއް އަތުން އިއާންގެ ކަރު ވަށާލާފައި ލިވާ ހީގަތެވެ. އެ ހުނުމުގައި އިއާންވެސް ބައިވެރިވީ އެހާ ފުރިހަމައަށެވެ. ކަރާއި ކަރު ޖައްސާ ދެމީހުން ސަލާމް ކުރިއެވެ. އެއްފަރާތަކަށް ޖެހިލެވުނީ ޝިއުނާއަށެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular