4 Nov 2017

ގަސްތަކާނުލާ

ގަސްތަކާނުލާ

* އޮކްޓޫބަރު 31 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ލިވާ އާއި އިއާންގެ ގާތްކަން ފެނުނު ވަގުތު ދުރަށް ޖެހިލެވުނީ ޝިއުނާއަށެވެ. އެއްގޮތަކަށްވެސް އާ މަންޒަރަކަށް ވެގެނެއް ނޫނެވެ. އިއާން ފެންނަ ކޮންމެ ފަހަރަކު ލިވާ އެ އުޅެގަންނަ ގޮތަކުން ޝިއުނާގެ ބޮލަށްވެސް އުނދަގޫވަނީއެވެ. އެހެންވެ އެ ދެމީހުންނަށް ވަގުތު ދީފައި ޝިއުނާ ދުރަށް ޖެހިލީއެވެ. ކޮންމެ މީހަކާ ކިތަންމެ ގައިގޯޅިކޮށް އުޅުނަސް އިއާންއަކީ އޭނަގެ މިލްކެއްކަން ޝިއުނާއަށް ޤަބޫލުކުރެވިފައި އޮންނަލެއް ބޮޑުކަމުން އެކަހަލަ އެއްވެސް ކަމަކާ ޝިއުނާގެ ހިތުގައި ކުޑަވެސް ހަސަދައެއް ނުއުފެދެއެވެ. އެދެމީހުންގެ ދެމެދުގައި ވަނީ އެއަށްވުރެ މާނަ ފުން ގުޅުމެކެވެ.

އެ ޕާޓީއަށް ވަދެވުމަށްފަހު، އެތަނުން ބޭރުގައިވާ ދުނިޔެއާ ދޭތެރޭ އެމީހުން ވިސްނާކަށްވެސް ބޭނުމެއް ނޫނެވެ. އެތަނުން ކޮންމެ މީހަކީވެސް ކޮންމެވެސް ކަމެއްގެ އުފަލުގައި ނަށާލައި ޑިސްކޯގައި ބައިވެރިވެލާ މީހެކެވެ. އިއާން އާއި ޝިއުނާގެ އުފާވެރިކަން އެ އެންމެންނަށްވުރެ ދިހަ ގުނަ ކުރީގައިވާ ކަހަލައެވެ. އެހެން ނުވާންވީ ވެސް ކީއްވެހެއްޔެވެ. ބޮޑު ސިންގާ ބުރައެއް ބޮލުން ދިޔައީއެވެ. އިއާންއަށް އަނެއްކާވެސް މިނިވަންކަން ލިބުނީއެވެ. އިތުރު އެހެން ގޮތެއް ނެތިގެން އިއާންގެ ކައިވެންޏަށް އީމާ ދެއްކުނީތީ އެކަމުގައި އަމިއްލަ ނަފްސު ކުށްވެރިކުރެވޭ ހިސާބަށް ގޮސްފަ ހުއްޓާ، ހީކުރި ވަރަށްވުރެންވެސް ފަސޭހަކޮށް އެކަމުން ސަލާމަތް ވެވުނީތީ ޝިއުނާއަށް ވަރަށް ބޮލަށް ފަސޭހަ ވެއްޖެއެވެ.

މާ ގިނަ އިރެއް ނުވެ ޕާޓީގެ ކުލަތަކާއި ލަވައިގެ ރާގަށް އިއާން ވެސް ޝިއުނާ ވެސް ފަރިތަވެއްޖެއެވެ. ޒުވާން އެކުވެރިންނާއެކު މަސްހުނިވެވިއްޖެއެވެ.

***

އުފާ ފާޅުކުރަމުން އިއާން ދާއިރު ހަމަ އެރޭގެ އެ ދަން ގަޑީގައި އީމާ އޭނަގެ އެނދުގައި ނުނިދިފައި އޮތެވެ. ލޯމަރައިގެން އޮތް ނަމަވެސް ކުރިމަތި މިވީ ކަންތަކުގެ ފިކުރުން ހިތަށާއި ސިކުނޑިއަށް ބަރުވެފައެވެ. ނަދީމް އެތައް މެސެޖެއް ކޮށް ދެތިންފަހަރު ގުޅިއިރު ވެސް އެއިން ކޯލަކަށް އަދި މެސެޖަކަށް ވެސް ޖަވާބު ދޭހިތެއް އީމާ ނުވިއެވެ.

މެސެޖް ކުރާނީ ކޯލް ނަގާށޭ ބުނެފައިކަން އެނގޭތީ މެސެޖް ވެސް ނުބަލައެވެ. ކޯލް ކުރާނީ އޮންލައިންވާށޭ ބުނަންކަން އެނގޭތީ ފޯން އަނެއް ފަރާތަށް ޖަހާފައި މޭޒުމަތީގައި ބޭއްވީއެވެ. ނަދީމްއާ ވެސް އަދި އެހެން މީހަކާ ވެސް ކުރިމަތިލައިގެން ވާހަކަ ދައްކާނެހާ ހިތްވަރު އީމާގެ ކިބައަކު އެ ވަގުތު ނެތެވެ.

ޚާއްޞަކޮށް ނަދީމަކީ މައްސަލަތަކުގެ ބައްޕައެވެ. މިދިޔަ ދެހަފުތާގައި ގިނަ ވާނީ ނަދީމްއާ އެއްގޮތަކަށް ވާހަކަ ނުދެއްކޭ ދުވަސްތަކެވެ. އެކަމާ ޝަކުވާކޮށް އެތަކެއް ސަތޭކަ މެސެޖް ވެސް އޭނަގެ ފޯނަށް ނަދީމް ފޮނުވާފައި ވެއެވެ. އެކަމަކުވެސް އަޅާނުލާ އޭނަ ހުންނަނީއެވެ. ދެން މިހާ ދުވަސްފަހުން މިރޭ، އޭނަގެ އަޑަށާއި ރާގަށް ކުޑަވެސް ބަދަލެއް އައިސްފައި ހުރެއްޖެ ނަމަ ހަމަ އެހާވަރަށް ނަދީމް މައްސަލަ ޖައްސާނެއެވެ. އެތަކެއް އެތަކެއް ސުވާލު ކުރާނެއެވެ. އެންމެ ފަހުން ކޯލް ނިމޭނީ ވެސް ނުރުހިގެން ނަދީމް ފޯން ކަނޑާލާ ހިސާބުންނެވެ. އެއީ އާދައެވެ. އެކަމަކު އެކަންކަމާ ދެން މިރެއަކު ކުރިމައްޗެއް ނުލެވޭނެއެވެ. މިރޭ އީމާ ބޭނުންވަނީ އެކަނިވެލާށެވެ.

އެއްފަހަރު ނަދީމްއާ ދޭތެރޭ އަނެއްފަހަރު އިއާންއާ އާއި އިއާންގެ ޢާއިލާއާ ދޭތެރޭ އީމާ ވިސްނަމުން ދިޔައެވެ.

މާދަމާ ބައްޕަ އާއި މަންމަ ކައިރީ އޭނަ އެ ވާހަކަ ދައްކަން ޖެހޭނެއެވެ. އެކަމަކު ދައްކާނީވެސް ކީކޭ ކިޔާފަހެއްޔެވެ. ކޮން ދުލަކުން ހެއްޔެވެ. އިއާންގެ މަންމަ ބައްޕައާ ބައްދަލުކުރަން އައުމުގެ ކުރިން އެމީހުން ހުއްޓުވަންވެސް އޭނަ ޖެހޭނެއެވެ. ހުއްޓުވާފައި ކައިވެނި ލަސްކުރެވުނީޔޭ ކިޔާފައި ވާހަކަ ދައްކަންވެސް ޖެހޭނެއެވެ. ހަމަސްފަހުންނޭ ނުވަތަ އެފަދަ އެހެން އެއްޗެކޭ ވެސް ދެނެއް ބުނާކަށް އީމާ ބޭނުމެއް ނޫނެވެ. ހަމަސް ކީއްކުރަންހެއްޔެވެ. ދުވަހަކުވެސް އިއާންއާ އެއްވެސް ކަހަލަ ގުޅުމެއް ބާއްވާކަށް ދެނެއް އޭނަ ބޭނުމެއް ނޫނެވެ.

ހަމަ ރީތިކޮށް އޭނަ ހުއްޓާ އިއާން އައިސް އޭނަގެ ދިރިއުޅުން ޚަރާބުކޮށްފިއެވެ. ދެން އެކަމަކު ހެވެވެ. އެ ފުރުޞަތު ދެނެއް އިއާންއަކަށް ނުލިބޭނެއެވެ.

***

ފޯން ވައިބްރޭޓްވާއަޑަށް ހޭލެވިގެން ފޯން ނެގުމުގެ ކުރިން އީމާ ބަލާލީ ފާރުގައި ހުރި ގަޑިއަށެވެ. ފަތިހު ހަތަރުގަޑި ސާޅީސްއަށެއް ވީއެވެ. ކާކުބާވައޭ ހިތަށް އަރާފައި، މޭޒުމަތީ ބަންޑުން ބާއްވާފައި އޮތް ފޯން އީމާ ނެގިއެވެ. އެއީ ފޯނަށް ސޭވް ކޮށްފަ އިން ނަންބަރެއް ނޫންވީމަ ރަނގަޅަށް ބަލާލިއެވެ. ނަމަވެސް ނިދީގެ ތެރޭގައި އޮތް އީމާއަކަށް އެއީ ކާކުގެ ކޮން ނަންބަރެއްކަމެއް ނޭނގެއެވެ. ފޯން ނަގައި ހަލޯވ އޭ ބުނަމުން ޖެއްސީ ކަންފަތުގައެވެ.

"އީމާ...މަންމައޭ، ކޮބާ އިއާން...އެނގޭތަ ވީތަނެއް؟" އެ ނުދަންނަ ނަންބަރުން ވާހަކަ ދެއްކީ އިއާންގެ މަންމަ އާލިޔާއެވެ. އީމާއަށް ހަމަ ވަގުތުން ތެދުވެ އެނދުގައި އިށީނދެވުނެވެ.

"ނޫން، ނޭނގޭ، ކިހިނެއްވީ އަނެއްކާ؟" އީމާގެ ލޮލުން ނިދި އެއްކޮށް ފިލައިފިއެވެ.

"ނޭނގެ؟ އީމާއާއެކު ނޫންތަ ވީ؟ ގައިމު އެކެއްޖަހާކަށްހާއިރު ގުޅީމަ ބުނި އީމާއާއެކު ބޭރުގައޭ...އަސްލުވެސް ދަރިފުޅަށް ނޭނގޭތަ އިއާން ވީތަނެއް؟" އިއާންގެ މަންމަގެ އަޑުގައިވަނީ އިންތިހާ ކަންބޮޑުވުމެކެވެ.

"ނޭނގެ، ފޯނަށް ނުގުޅޭތަ؟" އޭނައާއެކުގަޔޭ ހުރީ އިއާން ބުނި ވާހަކަ އިވިފައި އީމާގެ އަނގަ ހުޅުވުނެވެ. އެ ވަރުގެ ބޮޑު ދޮގެއް ހަދަންވެސް އިއާން ޖެހިލުމެއް ނުވީތީ އީމާ ހައިރާން ވިއެވެ.

"ފޯން އޮތީ ނިއްވާފަ...އިއާން ވީތަނެއް މަންމައަކަށް ނޭނގެ. ދުވަހަކުވެސް މިގޮތަށް ގެއިން ބޭރުގައި އުޅުނު ކުއްޖެއްނޫން، ނޭނގެ މިރޭ ވީގޮތެއް، އަޅެ ދެން މަންމަ ކިހިނެއް ހަދާނީވެސް، އެ ކުއްޖާ އެ އުޅެނީ ކޯޗެއް ނުލިބިގެންކަމެއް މަންމައަކަށް ނޭނގެ." އާލިޔާއަށް ލިބިފައި ހުރި ކަންބޮޑުވުން އިތުރުވެ، ރޮވެން ފެށިއެވެ.

ބުނަންވީ އެއްޗެއް އީމާއަށް ނޭނގިފައި އިންދާ، ފަހުން ގުޅާނަމޭ ބުނެފައި އެކޮޅުން ފޯން ބާއްވައިފިއެވެ.

އަނެއްކާ އިއާންއަށް ކަމެއްވީބާވައެވެ؟ އެކްސިޑެންޓް؟ މީހަކު އިއާންއަށް ހަމަލައެއް ދިނީ؟ ޕޮލިހަށްގެންދިޔައީ؟ ނޫނެކެވެ. ނޫނެކެވެ. އެއިން އެއްވެސް ގޮތެއް އިއާންއަށް ވެގެން ނުވާނެއެވެ.

އީމާގެ އަމިއްލަ ސިކުނޑި ހިތާއި ކުރި ސުވާލުތަކަށް އެ ހިތް ވަގުތުން ޖަވާބު ދިނެވެ.

އިއާންގެ ނަންބަރަށް އީމާވެސް ޖަހާލިއެވެ. އޮތީ ނިއްވާފައެވެ. ހެދޭނެ ގޮތެއް ނެތެވެ. ދެފައިކުރުކޮށް ގަޔާ ކައިރިކޮށްލައިގެން އެނދުގެ މެދުގައި އިށީނދެ އިން އީމާގެ ލޮލުގައި ނިދީގެ އަސަރެއްވެސް ނެތެވެ. އެއާ ޚިލާފަށް ވަނީ އާދަޔާ ޚިލާފު ކަންބޮޑުވުމަކާއި ބިރެކެވެ.

***

"އޯހ ޝިޓް...ޝިޓް....ޝިޓް..." ކުއްލިއަކަށް ލޯހުޅުވުނު އިއާންއަށް އަތުކުރީ ގަޑި ބަލާލެވުމާއެކު، ބުއްދި ފިލައިގެން ދިޔަ ކަހަލައެވެ.

ގައިމަތީގައި އަޅާފައި އޮތް ކުއިލްޓް ނަގާ ހޫރާލާފައި އަވަހަށް އެނދުން ފުންމާލައިފިއެވެ. ކުޑަމޭޒުމަތީ އޮތް ފޯން ނަގާ ބަލާލިއިރު އޮތީ ބެޓެރީ ހުސްވެގެން ނިވިފައެވެ. ނަގާ ޖީބަށް ލާފައި ގޮނޑިމަތީގައި އޮތް ޓީޝާޓް އަވަހަށް ބޮލުން ވައްޓާލިއެވެ. ބޮލުގެ އިސްތަށިގަނޑުގައި ދެއަތުން ފުނާއަޅަމުން ސައިކަލް ތަޅުދަނޑި ހޯދަން ފެށިއެވެ.

"އޯވހ ކަމޯން..." ތަޅުދަނޑިއެއް ނެތެވެ. ފިޔާޒް ގެންދިޔަގޮތަށް އަދިވެސް ނުގެނެއެވެ. ތަޅުދަނޑިއަށްވީ ކިހިނެއްކަން ހަނދާންވުމުން މުށްކަވާފައި އެނދުގައި ޖަހާލެވުނެވެ. އެއަޑަށް އެނދުގައި ނިދާފައި އޮތް ޝިއުނާއަށް ވެސް ހޭލެވިއްޖެއެވެ.

"އިއާން...." އިއާންއާއެކު ހޭދަކޮށްލެވުނު އުފާވެރި ރޭގެ އަސަރު އަދިވެސް ޝިއުނާގެ އަޑުގައި ހުއްޓެވެ.

"ހަޔެއްޖަހަނީ، އަހަރެން ދާންޖެހޭނެ ގެއަށް، ފިއްޓޭ ގުޅިތަ؟ ސައިކަލް ތަޅުދަނޑި އަދިވެސް ނެތް. ހައު ކުޑް އައި ފޭސް މޮމް...ގޯޑް." އިއާން އަސްލު ވެސް ވަރަށް ކަންބޮޑުވެއްޖެއެވެ.

ދުވަހަކުވެސް ގެއިން ބޭރުގައި ރެއެއް ހޭދަނުކުރާ އިއާންއަށް، އޭނަގެ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ތަނެއްގައި އިށީނދެ ވެސް އިއާންއަކަށް ނީދެވުނެވެ. ކަންބޮޑުވެގެން ދެކޮޅަށް ހިނގެނީއެވެ. މަންމައަށް އެނގިއްޖެ ނަމަ ކަންތައްތައް ވަރަށް ގޯސްވާނެކަން އިއާންއަށް އެނގެއެވެ.

"ދެން ޝިއު ކީއްކުރާނީ، އޭނަގެ ޚަބަރެއް ނުވެއެއްނު ދޭއްޖެހިއިރުވެސް..." މިހެން ބުނެފައި ދެކަކޫ ޖަހާފައި ހިނގާފައި އައިސް އެނދުގެ މަގަތަށް ޝިއުނާ ހުއްޓުނެވެ.

"ޕްލީޒް...!!" ކަންބޮޑުވެގެން އެކިކޮޅުކޮޅަށް ހިނގަ ހިނގަ ހުރި އިއާން އާއި ދިމާލަށް ދެއަތް ދިއްކޮށްލާފައި ޝިއުނާ އެދުނީ އޭނަގެ އަތުތެރެއަށް އައުމަށެވެ. އިއާންގެ ކަންބޮޑުވުން ފިލުވައިދޭން ޝިއުނާއަށް އެނގޭ ހަމައެކަނި ގޮތަކީ އެއީއެވެ.

އިއާންއަށް ހުއްޓެވުނެވެ. ޝިއުނާއާ ދިމާލަށް ބަލާލެވުނެވެ.

ރޭގެ ޕާޓީއަށް ދާން ޝިއުނާ ލީ ގަދަ ފެހިކުލައިގެ ތުނި ހެދުން ވެސް ވަނީ އިއާންގެ ޓީޝާޓެކޭ އެއްފަދައިން ރޫބޮނޑިއަކަށް ވެފައެވެ. ހެދުމުގެ މެއާ ދިމާލުގައި ހުރި ގޮށްބަރީގައި ހުރި ހަގޮށުންކުރެ ހަތަރުގޮށް ހުރީ ނެއްޓިފައެވެ. ނޫނެކެވެ. އަދިވެސް އެހެރީ ރޭގަ އޭނަ ނައްޓާލި ގޮތަށެވެ. ޝިއުނާގެ ފަން އިސްތަޑިގަނޑު ދެފަރާތަށް ހޭވިފައެވެ. އެ ރީތި ލޮލުގައި ނިންޖާއެކުވެގެން މަސްތީ ގޮތެކެވެ. ޝިއުނާއަކީ އަބަދުވެސް އޭނައަށްޓަކައި ސިހުރެއްފަދަ ރީތި ކަމެކެވެ.

ޝިއުނާއާ ދިމާލަށް ބަލަހައްޓައިގެން ހުރި އިއާންއަކަށް ނުހުރެވުނެވެ. ޝިއުނާގެ ކިބައިން ފެންނަ ވަކިވަކި ސިފަތަކަށް ބަލަން ހުރި އިއާންއަށް ގޮސް ޝިއުނާގެ އަތުތެރެއަށް ވަދެވިއްޖެއެވެ. އެއާއެކު އިއާންގެ ހަށިގަނޑުގައި ޝިއުނާ ބައްދައިގަތްލެއް ބާރުކަމުން، ދެމީހުން އެކުގައި އެނދުމައްޗަށް ވެއްޓިއްޖެއެވެ. ހީވަނީ އެތަކެއް ޒަމާންފަހުން ދިމާވީމަ އުޅޭ ހެންނެވެ. އެންމެ ފަހު ފަހަރޭ ހީވާ ގޮތަށެވެ. ދެން ދިމާނުވެދާނެތީ އުޅޭފަދައަކުންނެވެ.

ހިނދުކޮޅަކަށް ފަހު ލުއި ހީލުމަކާ އެކު ދެމީހުންވެސް އެކަކު އަނެކަކާ ދުރުވެ އެނދުގައި އޮށޯވެލިއެވެ. ދެ މީހުންނަށް ވެސް އޮވެވުނީ ސީލިންގަށް ބަލަހައްޓައިގެންނެވެ.

"މަންމައަށް ނުހޭލެވިއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު، އެހެން ނޫނީ އަހަރެންގެ ދުވަސް ދިޔައީ." އިއާން އޭނަގެ އަތްދަނޑިމަތީގައި އޮތް ޝިއުނާގެ ކަންފަތުގައި މަޑުމަޑުން ކޮށްޓާލަމުން ބުނެލިއެވެ. ފިކުރު ބޮޑުވެފައެވެ.

"މަންމަ ނުހޭލާނެ އަދިއެއް، ކަންބޮޑުނުވެބަލަ." އިއާންއާ ދުރުގައި އޮވެފައި އަނެއްކާވެސް ޝިއުނާ ގާތަށް ޖެހިލިއެވެ. އިއާންއަށްވެސް ފަރިތަވެފައިވާ ހަރަކާތެއްފަދައިން ޝިއުނާގެ ހަށިގަނޑުގައި އަތުން ވަށާލާ ގަޔާ ކައިރިކޮށްލެވުނެވެ.

"އޯކޭ، އެކަމަކު ދެންވެސް ހިނގާބަލަ ތަޅުދަނޑި ހޯދަން، ފިއްޓޭއަކާހެދި އަހަރެމެނަށް މި ލަނޑު ލިބުނީ." ހަގީގަތަކީ އެއީކަން ޝިއުނާވެސް ގަބޫލު ކުރެއެވެ.

ހުޅުމާލޭގައި ރޭގަ އޮތް ޕާޓީއަށް ދިޔައީ އެކިމީހުން ވަކިވަކިން ކަމަށް ވިޔަސް، ޕާޓީ ނިންމާފައި އެންމެން އައީ އެކުގައެވެ. ފެރީން އައިސް ފޭބުމާއެކު، ފިޔާޒް އެދުނީ އިއާންގެ ސައިކަލް އިރުކޮޅަކަށް ދިނުމަށެވެ. ރަވީގެ ކާރުގައި އިއާން އާއި ޝިއުނާ ފޮނުވާލާފައި ފިޔާޒް ނައްޓާލީ އިއާންގެ ސައިކަލްގައި އޭނަގެ ގާލްފްރެންޑް ގޮވައިގެންނެވެ. ދިޔައިރު ދިޔައީ ގެއަށްލާފައި ވަރަށް އަވަހަށް އަންނާނަމޭ ބުނެފައި ކަމަށް ވިޔަސް، ދިޔަ ގޮތަށް ބަޚަބަރެވެ. ޝިއުނާގެ ގޭގައި އިއާން މަޑުކޮށްލީ ފިޔާޒް އަންނަންދެންނެވެ. ނަމަވެސް ކަންތައްވެގެން ދިޔައީ ނުވާންވީ ގޮތަށެވެ. ފުރަތަމަ ތިބީ ސިޓިންރޫމެވެ. ދެން ކޮޓަރިއަށެވެ. އޭގެ ފަހުން ނިދުނީއެވެ. ހޭލެވުނުއިރު މާ ލަސްވެއްޖެއެވެ.

***

ހަގަޑިބައިވިއިރު ވެސް ފިޔާޒުގެ ޚަބަރެއް ނުވިއެވެ. ފޯނެއް ނުނަގައެވެ. އެންމެ ފަހުން ހަގަޑި ސާޅީސްފަހެއްވެއްޖެއެވެ. އެހިސާބުން އިއާން ނިންމީ ޓެކްސީއެއްގައި ގެއަށް ދިއުމަށެވެ. މަގްސަދަކަށްވީ މަންމަމެން ހޭލައިގެން ނުކުތުމުގެ ކުރިން ގެއަށްގޮސް ކޮޓަރިއަށް ވަނުމެވެ.

ނަމަވެސް އެކަމެއް އިއާންއަށް ކާމިޔާބުވާ ގޮތެއް ނުވިއެވެ. އިއާން ގޮސް ސިޓިންރޫމަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު ދިޔައީ ސިއްސައިގެންނެވެ. ސިޓިންރޫމް ސޯފާއެއްގައި އަތަށް ފޯން ލައިގެން މަންމަ އިނެވެ.

"ކޮންތަނަކުން އިއާން ތިއައީ؟" އާލިޔާ އެ އިންގޮތަށް އިނދެ ސުވާލުކޮށްލިއެވެ.

އިއާންއަށް އޭނަގެ މަންމަގެ މޫނުން ފެނުނީ އެހާތަނަށް ދުވަހަކުވެސް ނުދެކޭކަހަލަ ނުރުހުމެކެވެ.

"މޮމް ހާދަ ކަންބޮޑުވެފަ..." އިއާން މިހެން ބުނެލީ ހީލަމުން ގޮސް މަންމަ ކައިރިއަށް ހުއްޓިލަމުންނެވެ.

"މަންމަ މި އަހަނީ އިއާން ތި އައީ ކޮންތަނަކުންހޭ؟" އާލިޔާގެ އަޑުގައި ކުޑަވެސް ސަމާސާއެއް ނެތެވެ. އިއާންއަށް މަންމަގެ އެ ހަރު އަޑު އިވުމުން ހުއްޓެވުނެވެ. މަންމަގެ ފައިކައިރިއަށް އިއާން ތިރިވިއެވެ.

"މަންމާ، ބުނީމެއްނު އީމާ ކައިރީގަޔޭ، ފަހުން ފޯން ނިވުނީ، އެހެންވެ...." މަންމަގެ ކަކުލުގައި އަތްޖައްސައިގެން އިނދެ މަޑުމައިތިރި އަޑަކުން، އެހެނަސް ހިނިތުންވުމާއެކު އިއާން ޖަވާބު ދިނެވެ.

"އިއާން...ކޮންތާކުން އިއާން ދަސްކުރިހާ ގޮތްތަކެއްތަ ތިއީ؟ ގައިމު މަންމަމެން އުޅުނު ގޮތެއް ނޫން ތިއީ، މަންމަ ދަސްކޮށްދިން ގޮތެއްވެސް ނޫންތިއީ." އިއާންގެ ޖުމްލަ ފުރިހަމަވެސް ނުވަނީސް އާލިޔާ އިންތަނުން ކޮޅަށް ތެދުވެ ދުރަށް ޖެހިލިއެވެ.

"އީމާ އެއޮތީ ގޭގަ ނިދަން، އީމާއެއް ނުއުޅޭނެ އިއާން ތި އުޅޭ ގޮތަކަށް، މަންމަ އީމާއަށް ގުޅާފަ ވާހަކަ މި ދައްކަނީ، މަންމަ ބޭނުން އެނގެން އިއާން އައިތަނެއް..." ސިޓިންރޫމްގެ މެދުގައި ހުރި އާލިޔާގެ ހުރިހާ ރުޅިއެއް ލެވެމުން ދިޔައީ އޭނަގެ އަމިއްލަ ދެއަތްތިލައަށެވެ.

އޭނައަކީ ދުވަހަކުވެސް ދަރިއެއްގައިގައި ޖެހި މަންމައެއް ނޫނެވެ. ދަރިއަކަށް ހަޅޭއްލަވަންޖެހޭ ކަހަލަ ހާލަތެއް ނުވެސް އާދެއެވެ. އެހެންކަމުން އެ ވަގުތު އާލިޔާއަށް ކުރަމުން ދިޔައީ ވަރަށް އުނދަގޫ އިހްސާސެކެވެ. އޭނަގެ ދެލޮލުގެ ނޫރުފަދައިން ލޯބިވާ ފިރިހެން ދަރިފުޅު އަކީ "ޕްލެއި ބޯއި" އެކޭ މީހުން އެކިޔަނީ ހަގީގަތެއްކަން އާލިޔާއަށް މިއަދު ގަބޫލުކުރަން މަޖްބޫރުވެއްޖެއެވެ. އެއީ ހިތްދަތި އިހްސާސެކެވެ.

"މަންމާ..." އިއާން ކޮޅަށް ތެދުވިއެވެ. ގޮތް ހުސްވެފައި ހުރި ރާގަކަށް މަންމައަށް ގޮވާލުން ފިޔަވައި އިއާންއަކަށް އިތުރު އެއްޗެއް ނުބުނެވުނެވެ.

"މަންމަ ބޭނުމޭ އިއާން އައިތަނެއް އެނގެން." އާލިޔާ އޭނަގެ ޖުމްލަ ތަކުރާރުކޮށްލިއެވެ.

"މަންމާ، ސޮރީ، ދެނެއް އެހެން ނުވާނެ، ރައްޓެއްސަކު ސައިކަލް ތަޅުދަނޑި ހިފައިގެން ދިޔައީމަ ނާދެވި ލަސްވީ." އިއާން ބުނީ ގާތްގަނޑަކަށް ހަގީގަތަށެވެ.

"އިއާން ނިދީ ކޮންތާކުކަން މަންމައަށް އެނގެން ބޭނުންވަނީ." މަންމަ ހުރީ ދޫކުރާ ގޮތަކަށް ނޫންކަން އިއާންއަށް ޔަގީން ވަމުން ދިޔައެވެ.

"މަންމާ... އެއްފަހަރެއްކަމަށް ޕްލީޒް އެކްސެޕްޓް، އެމް ޓްރޫލީ ސޮރީ." ހަގީގަތުގަވެސް އިއާން ހުރީ ދެރަވެފައެވެ.

"ސޮރީ؟ ސޮރީން ހުރިހާކަމެއް ވޭތަ އިއާން. އިއާންއަށް އެނގޭތަ އިއާންގެ ސަބަބުން މަންމަމެން ލަދުގަންނަން ޖެހޭވަރު؟ އަބަދު މީހުން އިއާންއޭ ކިޔައިގެން ފާޑުފާޑުގެ ހުތުރު ވާހަކަ ދައްކާ. މަންމައަށް ނުކެރޭ މީހުންނަށް މޫނު ދައްކާލަން. އެގޮތަކަށް ނޫން އެކަމަކު މަންމަމެން އިއާން ބޮޑުކުރީ، ދެން ކީއްވެ އިއާން ތިހެން އުޅެނީ؟ އިއާން ވިސްނާލިންތަ މަންމަމެނާއި ދޭތެރޭ ދުވަހަކުވެސް؟ ކޮންކަމެއް އިއާންއަށް ނުކޮށްދެނީ މަންމަމެން. ކޮން ކަމެއް ނުކޮށްދެނީ...." އާލިޔާ ހުރީ ކިތަންމެ ރުޅިއައިސްފަ ކަމަށް ވިޔަސް، އާލިޔާއަށް ވެސް ވީ އެހެން މަންމަމެނަށް ވެސް ވާހެންނެވެ. ދަރިފުޅު ދެކެ އާދެވުނު ރުޅީގެ މައްޗަށް ކުރި ހޯދީ ކަރުނައެވެ.

"މޮމް ޕްލީޒް...ޑޯންޓް...އެމް ސޯ ސޮރީ މޮމް. ސޯ ސޮރީ..." އިއާންގެ ހިތް ފަޅައިގެން ދިޔަ ކަހަލައެވެ. ދެއަތް ޖޯޑުކޮށްފައި މަންމައާއި ދިމާލަށް އިއާން ހިނގައިގަތެވެ.

އިއާންއަށް އިވުނީ އޭނަގެ މަންމަ ދުވަހަކުވެސް ނުދައްކާ ވައްތަރެއްގެ ވާހަކަ އެކެވެ. މަންމަގެ ލޮލުން އެގޮތަށް ކަރުނަ އޮހުނުތަނެއްވެސް އިއާން އެ ދުށީ އަލަށެވެ.

"ނޯ...މަންމަ ބޭނުމެއްނޫން ތިހާ ގޯސްކޮށް އުޅޭ ކުއްޖަކު. މަންމަމެން އާއިލާއަށް ހުރި ހުތުރަކަށް އިއާން ތިވަނީ. މަންމަ މިހުރިހާ ދުވަހު މިވާހަކަ ނުދައްކަނީ އިއާންއަކީ ވެސް ބޮޑުވެފަ ހުރި ފިރިހެން ކުއްޖަކަށްވީމަ. އެކަމަކު މިހާރު ދެން އިއާން ހުރިހާ ހައްދެއް ބޭރުން ތިދަނީ. އިނަފް ދެން. މަންމަ ބޭނުމެއް ނޫން ތިކަހަލަ ދަރިއަކު. އިއާން އަކީ މަންމައާއި ބައްޕައަށާއި ދޮންތައަށް ހުރި ލަދަކަށް ވެއްޖެ. ހުތުރަކަށް ވެއްޖެ. މިއަދު އިރުއަރާތަނުން ފެތުރޭނެ ރޭގަ އިއާން ތިހުރިތަނެއްގެ ވާހަކަ. މަންމައަށް ނުކެރޭ މީހުންގެ ތެރެއަށް މޫނު ދައްކާލާކަށް. ތިއީއެއް ނޫން މަންމަމެން ދަރިފުޅު ބޮޑުކުރި ގޮތަކީ..." ނުރުހިފައި ހުރި ވަރުން އެ ދަރިފުޅުގެ ނަމުން ކިޔައި ވާހަކަ ދައްކަމުން އައި އާލިޔާއަށް އެންމެ ފަހުން ދަރިފުޅުއޭ ވެސް ބުނެވިއްޖެއެވެ. ހިތްފަޅައިގެންދާފަދަ ގޮތަކަށް އާލިޔާއަށް ރޮވެނީއެވެ. ހިތުގައި ޖެހިޖެހިފައި ދަރިފުޅުގެ ގޯސްވާހަކަ އެ ދަރިފުޅާ ދިމާލަށް ގޮވެމުން ދިޔައެވެ.

އިއާންއަށް މިހުރިހާ ވާހަކައެއް ވެސް ވީ ވަރަށް އާ ވާހަކަތަކަށެވެ. އެ މަންމަގެ އަނގައިން، ގޯސްދަރިއެއްގެ ލަގަބު އޭނައަށް ލިބިދާނެއޭ އިއާން ދުވަހަކު ވެސް ހިއެއް ނުކުރެ އެވެ. އިއާންގެ ލޯ ފެންކަޅިވެގެން ދިޔައީ އެ މަންމަގެ އަނގައިން "ތިހާ ގޯސްކޮށް އުޅޭކުއްޖަކު ބޭނުމެއް ނޫން" ކަމަށް ބުނުމުންނެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular