7 Nov 2017

ގަސްތަކާނުލާ

ގަސްތަކާނުލާ

* ނޮވެމްބަރު 4 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

އިއާންއަށް މިހުރިހާ ވާހަކައެއް ވެސް ވީ ވަރަށް އާ ވާހަކަތަކަށެވެ. އެ މަންމަގެ އަނގައިން، ގޯސް ދަރިއެއްގެ ލަގަބު އޭނައަށް ލިބިދާނެއޭ އިއާން ދުވަހަކުވެސް ހިއެއް ނުކުރެ އެވެ. އިއާންގެ ލޯ ފެންކަޅިވެގެން ދިޔައީ އެ މަންމަގެ އަނގައިން "ތިހާ ގޯސްކޮށް އުޅޭކުއްޖަކު ބޭނުމެއް ނޫން" ކަމަށް ބުނުމުންނެވެ.

އިއާންއަކީ ބޮޑުވެފަ ހުރި ދަރިއެކެވެ. އެހެނަސް މަންމަ އެއްޗެއް ބުނުމުން ކުޑަކުއްޖެއްހެން އިއާން ދެރަވެއްޖެއެވެ. އާލިޔާގެ ދެމަފިރިން ކުދިން ގެންގުޅުނީ ވަރަށް ލޯބިން ވަރަށް އެކުވެރި ޖައްވެއްގައެވެ. އަބުއިކަމާ ހަރުކަށިކަން އެއީ އެ އާއިލާ ދަންނަ ކަމެއް ވެސް ނޫނެވެ. ދަރިން ބޮޑުކުރީ މައިންބަފައިންނަށް އޮންނަން ޖެހޭ ގަދަރާއި އިހްތިރާމް ދަސްކޮށްދީގެންނެވެ. ރުޅިއައިސްގެން އެއްޗެއް ބުނަން ޖެހުނަސް ދަރިންނާއި މައިންބަފައިންނާއި ދޭތެރޭ އޮންނަންޖެހޭ ގާތްކަން އާލިޔާ ހަނދާން ނައްތައެއް ނުލައެވެ. މިފަހަރު ވެސް ދަރިފުޅުގެ އުޅުން ގޯސްވެގެން އަޑުލީއިރު ވެސް މަންމަވަންތަކަން ގެއްލޭފަދަ ބަހެއް އާލިޔާގެ އަނގައިން ނުބުނެވެއެވެ.

"މަންމާ .. އެމް ޓްރޫލީ ސޮރީ، ޕްލީޒް." އޭނަގެ ޒާތީ ކަންތަކާ ބެހި ބޭކާރު ހަޅޭއްތަކެއް މަންމަ ލަވަނީއޭ ހިތަށް އެރުމުގެ ބަދަލުގައި އިއާން އަށް އިހްސާސްވީ ވަރަށްބޮޑު ކުށެއް ކުރެވިއްޖެކަމުގެ އިހްސާސެވެ. ދެރަވެ ލަދުގަނެ ދެއަތްޖޯޑު ކުރެވުނެވެ.

"އިއާން ބުނެބަލަ މަންމަ ހަދަންވީ ގޮތެއް، އަވަސް އަރުވާލާފަ މެރީކުރުވަން ވެސް މި އުޅުނީ ތިމަގުގަ އިއާން ހިނގާތީ، އެކަމަކު މިހާރުވެސް ތިއައީކީ ކައިވެނި ކުރަން ހަމަޖެހިފައި އޮތް ކުއްޖާ ކައިރިއަކުން ވެސް ނޫން، މަންމަ ބައެއްފަހަރަށް ލަދުގަނޭ ތިއީ މި މަންމަގެ ދަރިއެކޭ ބުނަންވެސް..." އެތަކެއް އަހަރުވަންދެން ނުދައްކާ ހުރި ވާހަކަތައް އާލިޔާ ދިޔައީ އިއާންއާއި ދިމާލަށް ދައްކަމުންނެވެ.

"މަންމާ ދެން އެހެނެއް ނުވާނެ، މަންމަ ދެރަވެ ލަދުގަންނަން ޖެހޭފަދަ ކަމެއް ނުކުރާނަން ދެނެއް." އިއާން އެހެން ބުނީ ވަރަށް ޔަގީންކަމާއެކުގައެވެ.

"މިހާރުވެސް މަންމަ ވަރަށް ދެރަކޮށްފީމު އިއާން..." ދަރިފުޅުގެ މޫނުމަތީގެ އަސަރުތަކުން އާލިޔާގެ ހިތް މުޅިން މަޑުވެއްޖެއެވެ. ދެރަވެގެން ގޮސް ސޯފާގައި އިށީނދެއްޖެއެވެ. އިއާން ވެސް މަޑުމަޑުން ގޮސް މަންމަ ކައިރީ ސޯފާގެ އަނެއްކޮޅުގައި އިށީނދެއްޖެއެވެ.

"ދެނެއް އެހެނެއް ނުވާނެ މަންމާ، އެއްޗެއްގަ ސޮއިކޮށްފަ ވެސް މަންމައަށް ދީފާނަން، މަންމަ ބުނި ގޮތަކަށް ހަދާނަން،" އިއާން ބޭނުންވަނީ މަންމަ ހަމަޖައްސާށެވެ. މަންމަގެ ނުރުހުމާއެކު އެންމެ ދުވަހެއްވެސް އުޅެވިދާނެއެކޭ އިއާންގެ ހިތެއް ނުބުނެއެވެ.

މަންމަ ބުނި ކޮންމެ ގޮތެއް ހަދާނަމޭ އިއާން ބުނުމާއެކު ސިހިފައި އިއާންގެ މޫނަށް އާލިޔާއަށް ބަލާލެވުނެވެ. އިއާން އެ ބުނި އެއްޗަކަށް ވިސްނާލަން އިރުކޮޅަކު އިނެވެ.

"މަންމަ ބުނި ކޮންމެ ގޮތަކަށް ކަންތައް ކުރާނަންތަ ހަމަ؟" އާލިޔާ ބޭނުންވާ ޔަގީންކަން ހޯދަން އާލިޔާ މަސައްކަތް ކުރިއެވެ.

"މަންމަ ބުނި ކޮންމެ ކަމެއްވިޔަސް ކުރާނަން" މަޑުމައިތިރި އަޑަކުން އިއާން މިހެން ބުނެލީ ފަނޑު ހިނިތުންވުމަކާއެކުގައެވެ.

"އެހެންވިއްޔާ ފުރުމުގެ ކުރިން މެރީކޮށްފަ ދާންވާނީ." އިއާންގެ މޫނަށް ބަލަހައްޓައިގެން ވިސްނާލަން އިން އާލިޔާއަށް ފެނުނު އެންމެ ރަނގަޅު ޝަރުޠު އާލިޔާ ކުރިއެވެ.

"މަންމާ..." އިއާންގެ މޭގަނޑު އަނގައަށް އައި ކަހަލައެވެ.

"މަންމަ އިއާން ކައިރިން އެދޭނެ އެ ނޫން އެއްވެސް ކަމެއް ނެތް، ރޭގަ ބައްޕަ ވެސް ނިންމައިފި އެންމެ އަވަހަށްވެސް ލިބޭ ބްރޭކްގައި މާލެ އައިސް އިއާން އާއި އީމާ މެރީކޮށްގެން އީމާ ގޮވައިގެން ދާން، އެވާހަކަ ދައްކަން އިއާން ހޯދާހޯދާ ރޭގަ ބައްޕައަކާވެސް އިއާންއާ ދިމައެއް ނުވި. އެ ބްރޭކްގަ އައިސް ކުރުމެކޭ މާދަމާ ކުރުމެކޭ މަންމައަކަށް ނުފެނޭ ތަފާތެއް،" އާލިޔާގެ ވިސްނުމަށް އައި އެ ކުއްލި ޚިޔާލާ އެއްގޮތަށް އަމަލުކުރުމަށް އާލިޔާ ނިންމިއެވެ.

"އެކަމަކު މަންމާ..." އިއާންއަށް އިންތަނުން ތެދުވެވިއްޖެއެވެ. ހަދަންވީގޮތެއް ނޭނގިގެން ކަންބޮޑުވެއްޖެއެވެ. ހަގީގަތަށް މަންމަ ކައިރިއަކު އެކައްޗެއް ވެސް ބުނެވޭކަށް އިއާންއަކަށް ނެތެވެ.

"މަންމަ ބުނީމެއްނު އެއްވެސް ކަމެއް ތައްޔާރެއް ވެސް އަދި ނުވެއޭ، ހައެއްކަ ދުވަހެއްނު ދެން ފުރަން ވެސް އޮތީ، ކިހިނެއް ހުރިހާ ކަމެއް...." ކައިވެންޏަށް ހުރަހެއްގެ ގޮތުން ދައްކާނެ އަމިއްލަ އުޒުރެއް ނެތުމުން އިއާން ނެގީ ތައްޔާރީތަކުގެ ވާހަކައެވެ.

"އެއިން އެއްވެސް ކަމެއް ކުރާނެކަމެއް ނެތް، ގޭގައި މެރީކުރާނީ، ފުރަންވާ ދުވަހު ފުރައިގެން އިއާންއަށް ދެވޭނެ، ސެމެސްޓަރ ބްރޭކްގަ އައިސް ޕާޓީ ބާއްވާނީ. އެނބުރި ދާއިރު އީމާ ގޮވައިގެން ދާނީ،" އާލިޔާގެ ވިސްނުމުގައި ކަންކަން ރާވާލަން ނެގީ ކުޑަ ވަގުތުކޮޅެކެވެ.

އިއާންއަށް ބަސް ހުސްވެގެން ގޮސް އިށީނދެވިއްޖެއެވެ. ކުއްލިއަކަށް މަންމަ އެ ނިންމީ އިއާން ހިތަށް ވެސް އެރި ކަހަލަ ކަމެއް ނޫނެވެ. މަންމަ އިނީ އޭނައާ އިންތިހާއަށް ނުރުހިފައެވެ. އީމާ އާއި އޭނަގެ ހަގީގަތް މަންމައަށް ކިޔައިދެވޭކަށް ވެސް އަދި އެވަގުތު އެ ކައިވެންޏާ އިންކާރުކުރާކަށްވެސް އިއާންއަކަށް ނުކެރުނެވެ.

"އެއްބަސް...؟" އާލިޔާ އެހިއެވެ. ސުވާލަކަށްވުރެ ބޮޑަށް ވައްތަރުވީ ނިންމުމަކާއެވެ. އިއާންއަށް މަންމަގެ މޫނަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ބުނަން ބޭނުންވަނީ ނޫނެކޭއެވެ. އެކަމަކު އަނގައަކުން ނުބުނެވުނެވެ. ޚާއްޞަކޮށް އެކަމުގައި އީމާ އޭނަ ދެކެ އަންނާނެ ރުޅި އިއާންއަށް އަންދާޒާ ކޮށްލެވެއެވެ.

***

ފަތިސްގަޑީގައި އިއާން މަންމަ ގުޅާފައި އެ ދެއްކި ވާހަކައަށް ފަހު އީމާގެ ހިތް ކުރިއަށްވުރެ ވެސް ބޮޑަށް މޮޅިވިއެވެ. އިތުރަށް ކަރުއެލުނެވެ. ކައިވެނި ލަސްކުރިކަން އެނގުމާއެކު ޝިއުނާ ގޮވައިގެން ކޮންމެވެސް ތާކަށް ދިޔައީ ކަމަށް އީމާގެ ހިތް ބުންޏެވެ. ފަތިސް ވީއިރުވެސް ގެއަށް ނުދެވޭނީ ކޮންމެވެސް ތަނެއްގައި ޝިއުނާއާ އެކު ހުރީމަ ކަމަށް އީމާގެ ހިތް ބުންޏެވެ.

ޖެހިގެން އައި ދުވަހުގެ މެންދުރު ވީއިރުވެސް އޭނަގެ ކައިވެނީގެ ވާހަކަ ޢާއިލާގެ އެއްވެސް މީހެއް ކައިރީ އީމާއަކަށް ނުބުނެވުނެވެ.

އިއާންގެ މަންމަ އާއި އިއާންގެ ބޮޑުދައިތައަކު އެގެއަށް އައީ އެރޭ އަށްގަޑި ފަނަރަ ވާންއުޅެނިކޮށެވެ. ދޮރު ހުޅުވާފައި ސަލާމް ގޮވާލުމުން ސަލާމް ބަލައިގަތީ ތިރީ ކޮޓަރީގައި އިން އީމާގެ ބައްޕަ ސައިފެވެ.

އެތެރެއަށް ވަނުމުން އެނގުނީ ހަވީރުއްސުރެ އީމާ އާއި މަންމަ ވީ އާހިލް ބަލިވެގެން ހޮސްޕިޓަލުގައި ކަމަށެވެ. މެއެއްގަ ރިއްސާތީ ގެންދިޔައި ކަމަށާއި މިހާރު ވާނީ އިމަޖެންސީގައި ކަމަށް ސައިފް ބުންޏެވެ.

އެމީހުންނާއި އީމާއާއި ދިމައެއް ނުވިއެވެ. ނަމަވެސް ކައިވެނީގެ ކަންތަކަށް އައިސްފައިވާ ބަދަލުތައް ސައިފްއަށް ވަރަށް ރަނގަޅަށް އޮޅުންފިލުވައި ދިނެވެ.

"ސައިފްމެންގެ އެއްވެސް މައްސަލައެއް އޮންނާނެބާ؟" ހުރިހާ ތަފްޞީލްތަކަށްފަހު، ކުރިމަތީގައި އިން ސައިފާ މުޚާޠަބް ކޮށް އާލިޔާ އަހާލިއެވެ.

"ނޫނޭ ދެން ތިޔަކު ކޮން މައްސަލައެއް ދޯ އޮންނަންވީ. އީމާގެ މައްސަލައެއް ނެތިއްޔާ ހަމަ ނެތް އެއްވެސް މައްސަލައެއް." ކުޑަކޮށް ހީލަމުން ސައިފްވެސް އެ ވާހަކައާއި އެއްބަސްވިއެވެ.

އާލިޔާމެން ދިޔައީ ކޯޓުން ހަމަޖައްސަން ޖެހޭ ހުރިހާ ކަމަކާއި ދެންވެސް ހަމަޖައްސަންޖެހޭ ކަމެއްވާނަމަ އެމީހުން ހަމަޖައްސާނެ ކަމުގެ ޔަގީންކަން ދީފައެވެ. އާހިލް ދެކިލަން ހޮސްޕިޓަލަށް ދާނެ ކަމަށް ވަޢުދު ވަމުންނެވެ.

***

އާހިލް ހޮސްޕިޓަލަށް ގެންދިޔައީ ވަރަށް ބޮޑަށް މޭގައި ރިއްސައިގެންނެވެ. އިމަޖެންސީ ހާލަތުގައި ގެންދިއުމުން ފަރުވާ ދެމުން ގެންދިޔައީވެސް އިމަޖެންސީގައި ބާއްވައިގެންނެވެ. އެކިއެކި ޓެސްޓްތައްހަދައި ދިޔައީ ބަލަމުންނެވެ. އެރޭ އެއްކޮށްވެސް އޮތީ އިމަޖެންސީގައެވެ. ލޭ މާ މަތިވެފައި ވުމުންނާއި ހިތުގެ ހިނގުން އާދަޔާ ޚިލާފަށް އަވަސް ވެފައިހުރުމުން، އެރޭ ގެއަށް ފޮނުވާލާކަށް ޑޮކްޓަރުން އެއްބަހެއް ނުވިއެވެ. ދަންވަރު ބާރަ ޖެހުމުން ދޮންމަންމަ ގެއަށް ފޮނުވާލާފައި އާހިލްކައިރީ ހޭލާ އިނީ އީމާއެވެ.

އިއާންގެ މަންމަ އީމާއަށް ގުޅީ އޭގެ އަނެއްދުވަހު ހެނދުނު އީމާ ގޭގައި އުޅެނިކޮށެވެ. ކުރީރޭ ބައްޕަކައިރިއަށް ގެއަށް ދިޔަ ވާހަކައާއި މިހާރު އިއާން ފުރުމުގެ ކުރިން ކައިވެނިކޮށްފައި ދާގޮތަށް އިއާން އެއްބަސްވެއްޖެ ވާހަކަ އީމާ ކައިރީ ބުނީ އެ ފޯންކޯލުން އިއާންގެ މަންމައެވެ.

އީމާއަށް ލިބުނީ ހައިރާންކަމަކާއި ހިތްނުތަނަވަސްކަމެކެވެ. މާ ބޮޑު ވިސްނުމެއް ނެތި އިއާން ރޭވި ރޭވުމެއްގެ ސަބަބުން ބައެއްގެ އަޅަކަށް ތިމާ ވެއްޖެކަމުގެ އިހްސާސް އީމާއަށް ކުރެވުނެވެ. ދޮގުމައްޗަށް ދޮގު ހަދާ ހަދާ ސަލާމަތް ނުވެވޭހިސާބަށް ދިޔައިރުވެސް ހަގީގަތް ބުނަން އިއާން ނޫޅޭތީ ރުޅިއާދެވުނެވެ. ގަސްތަކާ ނުލާވިޔަސް އީމާގެ ދިރިއުޅުން އިއާން ހަލާކު ކުރަނީކަން އިއާންއަށް ވިސްނައިނުގަނެވޭތީ އިއާންދެކެ އީމާއަށް ފޫހިވެވެމުން ދިޔައެވެ.

އީމާ ބޭނުންވީ އެދުވަހު އެވަގުތުވެސް އިއާންއަށް ގުޅާފައި އެވާހަކަތައް ދައްކާށެވެ. އިތުރު ދޮގުތައް ނުރާވާ އިއާންގެ މަންމައަށް ހަގީގަތް ކިޔައިދިނުމަށް ބުނުމަށެވެ. ނަމަވެސް ރޭގައި ހޭލާހުރެފައި އައުމުން ދުވާލު އީމާއަށް ނިދުނީއެވެ. އަނެއްކާވެސް ހަވީރު ދިޔައީ ހޮސްޕިޓަލަށެވެ. އިއާންއާއި ވާހަކަ ދައްކަން ހުސްކޮށްލާނެ ވަގުތުކޮޅެއް އީމާއަކަށް ނުލިބުނެވެ.

އެއް ދުވަސް ދެ ދުވަހަށް ބަދަލުވިއިރުވެސް އާހިލްގެ ހާލަތަކަށް ބަދަލެއް ނާދެއެވެ. މޭގަ ރިއްސަނީއެވެ. ލޭމަތިވަނީއެވެ. ޢުމުރުން ޅަވެފައި އާދަޔާ ޚިލާފަށް ފަލަ ކުއްޖަކަށް ވުމުން ޑޮކްޓަރުން ބެލީ އެމީހުންގެ ބެލުމުގެ ދަށުގައި ކޮންމެހެންވެސް ބޭއްވުން މުހިއްމު ކަމަށެވެ.

"އަހަރެން ބޭނުން ވާހަކައެއް ދައްކާލަން، ކޮންއިރަކުން ދިމާވާނީ؟" އެރޭ ހޮސްޕިޓަލުގައި އިނދެފައި ވަގުތުކޮޅެއް ހޯދާލައިގެން އިއާންއަށް އީމާ ގުޅިއެވެ.

"އަހަރެން މިއުޅެނީ ގޭގަ، އަންނަންވީނު ގެއަށް." ވަރަށްކުރުގޮތަކަށް އިއާން އެނދުނެވެ. އީމާ ހިތްހަމަނުޖެހުނެވެ. އެގެއިން އޭނަ އައިތާ ތިންދުވަސްވެއްޖެއެވެ. މިހާރު ގޮސް އަނެއްކާ ވަންނާކަށް އީމާއަކަށް ނުކެރޭނެއެވެ. އެކަމަކު ބަލާ އަންނަކަހަލަ ޚިޔާލެއް އިއާންގެ ނުހުންނާނެކަންވެސް އީމާއަށް އެނގެއެވެ.

"އަހަރެން ގޮއްސަ ގުޅީމަ ދޮރުމައްޗަށް ނުކުމެފާނަންތަ؟ ވަންނާކަށް ނުކެރޭނެ އެކަންޏަކު." އެދެމީހުންގެ ކައިވެންޏަކީ ކިހާ ބޮޑު ދޮގެއްކަން އީމާއަށް އެނގޭތީ، އިއާންގެ މަންމަމެން ކުރިމައްޗަށް ދާން އީމާ ލަދުގަނެއެވެ.

"އައިސް ބެލްއަޅާލާ، އަހަރެން މިއިނީ ސިޓިންރޫމްގަ، އަހަރެން ނޫން މީހެއް މިރެއަކު މިގޭގައި ނެތް، އެންމެން ވެއްޖެ ހުޅުމާލޭގައި." އިއާންގެ އަޑާ ރާގުގައިވެސް އެއްވެސް ހައިރާންކަމެއް އަދި ކަންބޮޑުވުމެއްވެސް ނެތްކަން އީމާއަށް ފާހަގަވިއެވެ.

"މިކުޅިގަނޑު ހުއްޓާލަން އިއާން ހިތަށް އަރާނީ ކޮންއިރަކުން؟" އިއާންގެއަށް ދިޔައިރު އިއާން އިނީ ސިޓިންރޫމްގައެވެ. ސޯފާގައި އިށީނދެފައި އެންމެ ފުރަތަމަވެސް އީމާ ދިޔައީ އަސްލު މައުޟޫއަށެވެ.

"ބުނެބަލަ ހުއްޓާލާނެ ގޮތެއް، މަންމަ ރުޅިއައިސްގެން މެރީ ކުރުވަން އެ އުޅެނީ، އަހަންނަށް ބުނެވިއްޖެ އާނއެކޭ، މަންމަ އަހަންނަށް އިތުބާރު ނުކުރާތީ މެރީ އެކުރުވަނީ." އެއްފައިމައްޗަށް އަނެއްފައި ލައިގެން އިން އިއާންގެ ނަޒަރު ހުރީ ދުރަށެވެ. އީމާއަކަށް ނޫނެވެ. އެ ދެމެދުގައި އެއްވެސް ގާތްކަމެއް ނެތެވެ.

"މެރީކުރުމެއް ނޫނޭ މައްސަލައަކީ، މައްސަލައަކީ އިއާން މެރީކުރަން ތިއުޅޭ މީހާ، ބޭނުންވެގެން އުޅޭ މީހާއާ މެރީ ކުރަންވީނު، މަންމަމެނަށް ހަގީގަތަށް ކިޔައިދޭންވީނު، އަހަރެން ބޭނުމެއް ނޫނޭ މި މަޅީގައި ބެދޭކަށް، ޝިއުނާގެ ވާހަކަ ބުނަންވީނު، އޭރަށް ހުރިހާ ކަމެއް ހަމަޖެހުނީނު؟" އީމާ ވާހަކަ ދެއްކީ ވިސްނުންތެރިކަމާއި ހަރުދަނާ ކަމާއެކުގައެވެ.

"ތިހީކުރާހާ ފަސޭހަކަމެއްނޫން އެއީކީ." ޚދު އިއާންވެސް އެކަމާ އެތައްގޮތަކަށް ވިސްނާފައިވާކަހަލަ ގޮތެއް އިއާންގެ މޫނުން އީމާއަށް ފެނުނެވެ.

"އެކަމަކު ތިއީ އަމިއްލައަށް ކްރިއޭޓްކުރި މަޖްބޫރެއްނު؟ މީހަކު ކުރި ކަމެއްނޫނެއްނު މިއީ؟ މކަން ރޭވިމީހާއަށްނު މިކަން ހުއްޓުވޭނީވެސް، އިއާން ބޭނުން ބަހަނާއެއް ދައްކަންވީ، އަހަރެންގެ ނެތް އެއްވެސް މައްސަލައެއް، އަހަރެން އެހެންމީހަކާ ގުޅުން އޮންނަނީއޭ، ފެނުނީއޭ، އުޅެނީއޭ، މިހެން ގޮސް ކިޔެންއޮތްހާ އެއްޗެއް ކިޔައިގެންވެސް މިކަމުން އަހަރެން ސަލާމަތްކޮށްދީ، އަހަރެންގެ ކޮއްކޮ އެ އޮތީ ހޮސްޕިޓަލުގަ، އަހަންނަކަށް އިތުރު ހިތްދަތިކަމެއް ނަގައިގެން ނުއުޅެވޭނެ، ޕްލީޒް، ތިހާ ސެލްފިޝް ނުވެ މިކަމުން އަހަރެން ސަލާމަތްކޮށްދީ." ނުވާންހުރި ގޮތް ވެގެން ދިޔައެވެ. އީމާއަށް ރޮވިއްޖެއެވެ.

"ސެލްފިޝްވަނީއެއްނޫން، އަހަންނަށްވެސް މި އިންނަނީ ހަދާނެގޮތް ނޭނގިފަ، އީމާވެސް ބޭނުން ނުވާ ވަރަށް އަހަރެންވެސް ބޭނުމެއް ނޫން އީމާއާއި މެރީކުރާކަށް، އެކަން އެނގޭނެ ކަމަށް ހީކުރަން. " އިއާން މި ބުނި އެއްޗަކުން ސިހިފައި އިއާންގެ މޫނަށް އީމާއަށް ބަލާލެވުނެވެ.

އެއްޗެއް ނުބުނެވި އިންދާ އީމާގެ ފޯން ރިންގުވާން ފެށިއެވެ. ބަލާލިއިރު ގުޅަނީ އީމާގެ ދޮންމަންމައެވެ. ނުނަގާ ނުވާނެ ކޯލަކަށްވާތީ އީމާ ކޯލް ނެގިއެވެ.

އާނ، އޯކޭ، މިދަނީއަކުން ނިންމާލި ކޯލް ކަނޑާލާފައި އީމާ ކޮޅަށް ތެދުވިއެވެ.

"އަހަރެން ދާންވެއްޖެ ހޮސްޕިޓަލަށް، އެކަމަކު ޕްލީޒް، ހައެއްކަ ދުވަސްމިއޮތީ، މިކަމުން އަހަރެން މިނިވަން ކޮށްދީ، ކޮންމެވެސް މަގެއް ވިސްނާފަ މިކަން ހުއްޓުވާ، އަހަރެން ގޯސްކޮށްފަ ވާހަކަ ދައްކައިގެންވިޔަސް އަހަންނަށް ހެޔޮ، ﷲ އަށްޓަކައި މި ބުނީ، އަހަރެން މިކަމުން ސަލާމަތްކޮށްދީ." މިހެން ބުނެފައި އީމާ ހިނގައިގަތީ އެޕާޓްމަންޓުން ނުކުތުމަށެވެ. އެއްވެސް އެއްޗެއް ނުބުނެވިފައި ޓީވީއާއި ދިމާލަށް ބަލަހައްޓައިގެން އިއާން އިނެވެ.

***

ނޭވާލަން ދަތިވެ ކުއްލިއަކަށް ހާލުބޮޑުވެގެން އާހިލް ތެޅިގަތީ ހޮސްޕިޓަލުގައި ބޭއްވިތާ ތިންވަނަރޭގެ ފަތިހަށް ވެފައި ވަނިކޮށެވެ. އާހިލްގެ ހާލު ގޯސްވީ ހަމަ ކުއްލިއަކަށެވެ. މާ ގިނަ އިރުތަކެއް ނުވެ އައިސީޔޫއަށް އާހިލް ލައިފިއެވެ.

އީމާގެ ލޮލުން ކަރުނަ ނުހިކެއެވެ. ކިތަންމެ ހިތްވަރު ކުރިޔަސް އާހިލްގެ ހާލު ހިތަށް އެރުމާއެކު އީމާގެ ދެލޯ ފުރިގެން އާދެއެވެ. އާހިލްގެ މަންމަގެ ހިތްވަރުގަދައެވެ. ކެއުމެއް ބުއިމެއް، މީހަކާ ވާހަކަދެއްކުމެއް ނެތި ގޮނޑިބަރީގައި ފިކުރު ބޮޑުވެފައި އިނދެއެވެ.

އެރޭ އިރުއަރަންވީއިރަށް އާހިލްގެ ހާލު ޢާއިލާއަށް އަންގައިފިއެވެ. އާހިލްގެ ފުއްޕާމޭގައި ފެންހެދި ނޭވާލުމަށް އާހިލްއަށް ވަރަށް ދަތިވެއްޖެ ވާހަކައެވެ. ވެންޓިލޭޓަރަށް ނުލައި ވާން ނެތިގެން ލީ ވާހަކައެވެ. އީމާއާއި ޝިޔާމާއާ ދެމީހުންނަށްވެސް ރޮއިގަނެވުނީ ހަމަ ކުއްލިއަކަށެވެ. އާހިލްގެ ޙާލު އަވަހަށް ރަނގަޅު ކުރައްވައި އަވަސް ޝިފާއެއް ދެއްވުން އެދި ދެމީހުންނަށްވެސް ހިތުގެ އަޑިން ދުޢާކުރެވެމުން ދިޔައެވެ.

***

ހަމަސްފަހެވެ. ހިތާ ކިތަންމެ ދެކޮޅަށްވިޔަސް އިއާން މާލެ އައިސްފިއެވެ. އޭނައަކަށް އެނޫން ގޮތެއް ނެތެވެ. ކިތަންމެ ޒަމާނީ ތަހުޒީބެއްގެ ޒުވާނަކަށް އޭނަ ވިނަމަވެސް އެއީ ބަސްނާހާ ދަރިއެއް ނޫނޭ ރިޒްވީ އަބަދުވެސް ބުނަނީ ފަޚްރާއެކުގައެވެ.

"އެއީ މަގޭ ދަރިއެކޭ. ބަސްއަހާނެ." އީމާގެ އިންތިޒާރުގައި ސިޓިންރޫމްގައި ތިބި އެންމެން އެންމެނަށް ދެކެވެމުން ދިޔަ ވާހަކައިގެ ތެރެއިން ރިޒްވީ މިހެން ބުނެލީ ފަޚްރާއެކުގައެވެ. އެ ވާހަކައަށް ރައްދެއް ދިނުމުގެ ބަދަލުގައި ބޯ ޖަހާލާފައި އާލިޔާ ދިޔައީއެވެ.

އިއާން ތައްޔާރުވަމުން ދަނީ ރޭގަނޑުގެ ކެއުމަށެވެ. ޢާއިލާގެ އެންމެންނާއެކު ކެއުމަށް މިރޭ އީމާ އަންނާނެއެވެ. އިއާން ތައްޔާރުވަމުން ދިޔައީ އެޚާއްޞަ ވަގުތަށެވެ.

ނޭނގޭ ސަބަބަކާހެދި އީމާ ދެކޭހިތް އިއާން ވަނީ މާބޮޑަކަށެވެ. އީމާ އާއި ދޭތެރޭ ވިސްނާލުމުން ނުތަނަވަސްކަމެއްވެސް ހިތުގައި އުފެދެއެވެ. އަތްފައިގައި ތުރުތުރެއް އުފެދެއެވެ.

"އީމާވެސް އަތުވެއްޖެ، ދެން އާދެބަލަ ބޭރަށް." އިއާންއަށް ލަސްވެގެން އައިސް ގޮވާލީ އިއާންގެ ބޮޑުދައިތަ ޢިލްމާއެވެ.

ރޭގެ ކެއުމުގައި ބައިވެރިވާން ދާން ތައްޔާރުވެގެންވެސް، އިއާން އިނީ ކޮޓަރިން ނުނިކުމެ ކޮޓަރީގެ ސޯފާގައެވެ. އީމާ ފެނުމުން އޭނައަށް ވެދާނެ ގޮތަކާއި ދޭތެރޭ ޔަގީންކަމެއް ނެތުމުން ނުކުންނަން ނުކެރިފައެވެ.

ކާކޮޓަރިއަށް އިއާން ދިޔައީ އިރުގަނޑެއްވި ފަހުންނެވެ. އެންމެން ގޮސް ހަމަވާނެހާއިރުކޮށްފައެވެ. އިއާން ލަފާކުރި ގޮތަށް، އެންމެންވެސް ތިބީ ގޮނޑިތަކުގައި އިށީނދެލައިގެންނެވެ. ހުހަށްހުރީ އޭނައަށް ހުރި ގޮނޑި އެކަންޏެވެ. އެ ގޮނޑި ކުރިމަތީގައި މޭޒުގެ އަނެއްފަރާތުގައި އިނީ އީމާއެވެ.

މަޑު ހިނގުމެއްގައި ގޮސް އިއާން އިށީނދެއްޖެއެވެ. އެކިމީހުން އެކި އެއްޗިހި ކިޔެވެ. އެންމެންނަށްވެސް ހިނިތުން މޫނެއް އިއާން ދެއްކިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. އެއިން އެއްވެސް ވާހަކައަކަށް ޖަވާބު ދިނުމަށްވުރެ އިއާން އިނީ، އީމާގެ މޫނަށް ބަލާލާނެ ވަގުތުކޮޅެއް ލިބުން އެދިގެންނެވެ. އީމާއަށް ބަލާލާ ހިތުން ކެތްމަދުވެފައެވެ. އެކަމަކު އެކަން ކުރަން ޖެހެނީ އެހެން މީހުންގެ ލޯތަކަށް ސިއްރުންކަމަށްވާތީ އިއާންއަށް ޖެހުނީ ރަނގަޅު ވަގުތުކޮޅަކަށް އިންތިޒާރުކުރާށެވެ.

އެންމެފަހުން އެ ވަގުތުކޮޅު އިއާންއަށް ލިބުނެވެ. ވާހަކައިގެ ތެރޭގައި އެހެން މީހުން މަޝްޢޫލުވި ވަގުތު އީމާއާ ދިމާލަށް އިއާން ބަލާލިއެވެ.

އެއީ މީގެ ހަމަސްކުރިން ފެނުނު އީމާއެއް ނޫނެވެ. ބާވީސް އަހަރަށް ހަމަސް އިތުރުވުމުން އީމާއަށް އައިސްފައިވަނީ ހާދަ ބޮޑު ބަދަލެކޭ އިއާންގެ ހިތަށް އެރިއެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular