11 Nov 2017

ގަސްތަކާނުލާ

ގަސްތަކާނުލާ

* ނޮވެމްބަރު 7 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

އެއީ މީގެ ހަ މަސްކުރިން ފެނުނު އީމާއެއް ނޫނެވެ. ބާވީސް އަހަރަށް ހަމަސް އިތުރުވުމުން އީމާއަށް އައިސްފައިވަނީ ހާދަ ބޮޑު ބަދަލެކޭ އިއާންގެ ހިތަށް އެރިއެވެ.

ކުރިންނަމަ އީމާ ފެންނަ ކޮންމެ މީހަކުވެސް، އީމާ އަކީ ހާދަ ހިކި ކުއްޖެކޭ ބުނާނެއެވެ. ނަމަވެސް މިހާރު އީމާ ހުރީ ކުޑަކޮށް ފަލަވެފައެވެ. އިސްކޮޅުން ފަސްފޫޓަށްވުރެ ވެސް ދިގު ކުއްޖަކާ ބަލާއިރު އެންމެ ހެޔޮވަރު ވަރަށެވެ. އަދިވެސް ފަންސާސް ފަސްކިލޯ ވެސް ހަމަވާނެހެނެއް އިއާންއަކަށް ހިއެއް ނުވެއެވެ. އެ ކުޑަކުޑަ ފަލަކަމުގެ ސަބަބުން ވެސް އީމާ ވީ އިތުރަށް ރީއްޗެވެ. މޫނުގެ ކުލަވަރުވެސް އިހުނަށްވުރެވެސް ތާޒާވެފައި ފުރިހަމައެވެ.

ކުރިން އީމާގެ އިސްތަށިގަނޑަކީ ކަނދުރާ ފެށުނު ހިސާބަށް ވަށްކޮށް ކޮށާފައި އޮންނަ ފަން އިސްތަށިގަނޑެކެވެ. ނަމަވެސް މިހާރު އޮތީ ބުރަކަށީގެ މެދަކާ ހަމައަށް ދިގުކޮށެވެ. ލޭޔާސްގޮތަށް ކޮށާލާފައި އޮތުމުން ދައްޗެއްގެ އެހީއަކާއި ނުލާވެސް އެފަން އިސްތަށިގަނޑު އޮތީ ރީތިކޮށެވެ. ކަނާތްފަރާތުން ނިތްކުރިއާއި ދިމާލުން ކުޑަތަންކޮޅަކުން ބައިވެފައެވެ. ބައެއް އިސްތަށިތައް ނިތްކުރިމައްޗަށް އައިސް ތަރުތީބުވެފައި ހުރިގޮތުގައި އެއްވެސް އައިބެއް ނެތެވެ. މޫނުގެ ބައްޓަން އިހުނަށްވުރެވެސް ރީތިވެފައި ދަތްދޮޅިކޮޅު ބޮޑަށް ފާޅުވެއެވެ. ރީތި ލޮލުގެ އެސްފިޔަތައް ޙަރަކާތްކޮށްލާ ލުއިގޮތުން، އެއީ އެއްވެސް މޭކަޕަކާއި ނުލާ ގުދުރަތީ ގޮތުން ރީތިކަމެއް ލިބިފައިވާ ދިގު އެސްފިޔަތަކެއްކަން އެނގެއެވެ. ތުންފަތުގައި މަޑުފިޔާތޮށި ފިނިފެންމަލުގެ ކުލައެވެ. ކުޑަވަރެއްގެ ވިދުމެއްހުރި ލިޕްސްޓިކެއް ބޭނުންކޮށްފައިހުރުމުން އީމާވެސް އައިސް އެއިނީ އެރެއަށް ތައްޔާރުވެލައިގެންކަން އިއާންއަށް ވިސްނުނެވެ. ފެންބޯން ތަށީގައި ހިފަހައްޓައިގެން އިން އަތްތިލައިގެ އިނގިލިތައްވެސް އެހާ އޮމާނެވެ. އެ ރީތި އިނގިލިތަކުގައި ބީހިލާހިތް އިއާން ވާން ފެށިއެވެ.

"ދަރިފުޅު...؟" އިއާންއަށް ހީވީ ގޮސްގޮސް ހުއްޓާ އޭނަގެ މޫނު ބިއްލޫރިގަނޑެއްގައި ޖެހިފައި ހުއްޓެވުނުހެންނެވެ. ބައްޕަގެ އަޑަށް އިއާން ސިހުނީ އެހާވެސް ބޮޑަށެވެ.

"ދަރިފުޅު ކާހިތްނެތީތަ؟" ބައްޕަގެ ތުންފަތްމަތީގައި ހުރި ލާނެތް ހިނިތުންވުން އިއާންއަށް ފެނުނެވެ. އޭނަގެ ހިތުގެ ސިއްރު ބައްޕައަށް އެނގުނީއެވެ. އިތުރުމީހަކަށް އެކަން އެނގުމުގެ ކުރިން ކަރުކެހިލާފައި އިއާން އަވަހަށް އިސް ޖަހާލިއެވެ.

ކާމޭޒުދޮށުން މަދުވަނީ އިނގިރޭސިވިލާތުގައި ކިޔަވަން ހުރި އިއާންގެ ދޮންތަ އެކަންޏެވެ. މަންމައާއި ބޮޑުދައިތަ އަދި ބައްޕައާއި އިނާގެ މެދުގައި ވާހަކަތައް ދެކެވި ހިނިތުންވުންތައް އިތުރުވަމުން ދިޔަތަން އިއާން ބަލަން އިންއިރު އެ ދައްކަނީ ކޮން ވާހަކައެއްކަމެއްވެސް ބައެއްފަހަރަށް އިއާންއަށް ނޭނގެއެވެ. އޭނަގެ ޝައުގުވެރިކަން ހުރީ އީމާއަށް އެކަންޏެވެ. އީމާގެ ކޮންމެ ހަރަކާތަކަށް، ކޮންމެ ޖުމްލައަކަށް ކޮންމެ ކަމަކަށް ސިއްރުސިއްރުން އިއާން ބަލަމުން ދިޔައެވެ.

ކެއުމުގެ އުފާވެރި ވަގުތުކޮޅު ނިމިގެން އެންމެން ވެސް ތިބީ ސިޓިންރޫމްގައެވެ. މަންމައާއި ބައްޕަ އަދި ބޮޑު ދައިތަ ލުއި ދުފުމެއްގެ މީރުކަން ލިބިގަންނަމުން ދިޔައެވެ. ފޯއްފޮއްޗެއް އަނގައަށް ލައިގެން އިން އީމާވެސް އެވާހަކަތަކަށް ޝައުގުވެރިކަން ދީގެން އިނެވެ. އެހާތަނަށް އައިއިރު އިއާންއަށް ފާހަގަކުރެވުނު ކަމަކީ އޭނައާއި ހަތަރުކަޅިހަމަނުކޮށް ވޭތޯ ކުރެވެން އޮތް ހުރިހާ ކަމެއް އީމާ ކުރަމުންދާކަމެވެ. އެގޭގައި އެ ޢާއިލާއާއެކު ގަޑީއަކަށްވުރެ ގިނައިރު ވީއިރު އިއާންއާއި މުޚާޠަބް ވާގޮތަށް އީމާ ބުނީ ހަމަ އެންމެ ލަފުޒެކެވެ. ކިހިނެއްހޭ އަހާލުމުން ޖަވާބުގައި ބުނި "ރަނގަޅު" މި ލަފުޒު ފިޔަވައި އިތުރު އެއްވެސް އެއްޗެއް އީމާ ނުބުނެއެވެ. އިއާންވެސް އީމާއަށް މުޚާޠަބްކޮށް ވަކިވާހަކައެއް ނުވެސް ދައްކައެވެ. އެހެން މީހަކުވެސް އިއާން އާއި އީމާއޭ ކިޔައިގެން ކާމޭޒު ދޮށުގައި މާ ބޮޑު ވާހަކައެއް ނުދައްކައެވެ. އެކަމަކުވެސް އެންމެ ކުޑަމިނުން އިއާން އާއި ދިމާލަށް ބަލާވެސް ނުލާން އީމާ އުޅޭކަން ފާހަގަ ވެއެވެ.

"ދުވަހެއް ކަނޑައަޅާނީ އިއާންއެއްނު ދޯ؟" އިއާންގެ ސަމާލުކަން އެމީހުންނަށް ލިބުނީ ބައްޕަގެ އަޑުން މިހެން ބުނެލި ހިސާބުންނެވެ.

"ދަރިފުޅު ތި އިންނަނީ ހާދަ ބަސްމަދުވެފައޭ މިރޭ، ކިހިނެއްވީ އަނެއްކާ، މާ ވަރުބަލީތަ އަދިވެސް؟" އިއާން މާލެ އައީ މެންދުރެއްހާއިރުއެވެ. އައިގޮތަށް އައިސް އިރުއޮއްސެންދެންވެސް އިއާން ނިދީއެވެ. އެކަމަކުވެސް ވަރުބަލިނުފިލަނީކަމަށް ރިޒްވީ ހީކުރިއެވެ.

"ނޫނޭ..." ކުޑަކޮށް ހީލާފައި އިއާން ބުނެލިއެވެ.

"މަންމަ މި ކިޔަނީ ތި ދެކުދިން މެރީކުރާނެ ދުވަހެއް ކަނޑައަޅާށޭ ދެންވީ، ބައްޕަ މި ބުނީ ދަރިފުޅު ނޫންހޭ ދުވަހެއް ކަނޑައަޅާނީ، ކިޔާބަލަ ދުވަހެއް އެހެންވީމަ." ރިޒްވީ އޭނަގެ ދަރިފުޅުގެ މޫނަށް ފަރުވާތެރިވެ ބަލާލަމުން ޖުމްލަ ނިންމާލީ އިސްޖަހައިގެން އިން އީމާއާއި ހަމައިންނެވެ.

"މިހާރު ދެން ގައިމުވެސް ހަމަނުޖެހޭ ކަމެއް ނޯންނާނެ، ހެދުން ރެޑީ، ތަން ރެޑީ، ކެއުން ރެޑީ، ދެން ކޮން ކަމެއް...އާނ ކާޑު ދޯ، ކާޑު ނިމޭނެ ދެދުވަހެއްވަރު ފަހުން، އެހެންވީމަ އިއާން ބޭނުން ދުވަހެއް ކަނޑައަޅާ އަވަހަށް." ތަފްޞީލް ދިނީ ޢިލްމާއެވެ. މަންމަ ކުރާ ހުރިހާ ކަމެއްގައި އެންމެ ގާތުން އަބަދުވެސް އެހީވާން ހުންނަ ތިއްތައެވެ.

"ތެދެއް، އީމާ، އީމާއަށް ވަކި ޚާއްޞަ ދުވަހެއް އެބައޮތްތަ؟" އެމީހުންގެ ވާހަކައިގައި އީމާ ބައިވެރިކުރުމުގެ ގޮތުން އާލިޔާ އެހިއެވެ. އީމާގެ އިސް އުފުލުނެވެ. ނަމަވެސް މަންމައަށް ބަލާލުމުގެ ކުރިން ނަޒަރު އަމާޒު ކުރެވުނީ އިއާން އަށެވެ. އިއާންވެސް އިނީ އީމާއަށް ބަލަހައްޓައިގެންނެވެ. ދެމީހުންގެ ލޮލުންވެސް އެކަކު އަނެކަކަށް މެސެޖްތަކެއް ލިބިގެން ދިޔައެވެ.

"ނޫނޭ، އެހެނެއް ނެތް ވަކި.." އަޅަ އަޅައިގެންފައި ކަހަލަ ގޮތަކަށް އީމާއަށް ބުނެވުނެވެ.

"އިއާންގެވެސް ނެތްތަ؟" އާލިޔާ އޭނަގެ އަމިއްލަ ދަރިފުޅުގެ ޚިޔާލަށް އެހިއެވެ.

"އަދިއެއް ނެތް." އެބުނީ ކީކޭބާއޭ އެތާ ތިބި އެންމެންގެ ހިތަށް އެރިއެވެ.

"އަދިއެއް ނެތޭ؟ އޭގެ މާނައަކީ ކޮބާ؟ ހައްހައްހައް، ދަރިފުޅު ފިނިވަނީ ދޯ މިހާރު؟" ރިޒްވީ އޭނަގެ ކަންބޮޑުވެފައި އިން ދަރިފުޅާ ދިމާކޮށްލިއެވެ.

"ދުވަހެއް ހޯދާލަން ޖެހޭނީ." އިއާން ހިތުން މިފަހަރު އޭނައަށް ދެވުނީ ތަފްޞީލް ޖަވާބެކެވެ.

"ތި ޖަވާބުވެސް ކަމަކުނުދެއޭ، ބައްޕަ މި ދެނީ ދެ ދުވަސް، ދެ ދުވަސްތެރޭ ކާޑު ނިންމަންޖެހޭނެ، ކާޑުގައި ޖެހޭނެ ތާރީޚެއް ޖަހަން، އެހެންވީމަ ދެ ދުވަސްތެރޭ ބުނަންވާނެ ދުވަހެއް، އޯކޭ؟" ބޮޑުކޮށް ހިނިތުންވެ އިނދެގެން ރިޒްވީ ދެއްކި ވާހަކައިން އިއާންގެ ހާސްކަން ބޮޑުވެގެން ދިޔައިރު އީމާ ހަމަ މަޑުމަޑުން އިސްޖަހާލައިގެން އިނީއެވެ.

"ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށް، އޭރު ދެން މެރީ ނުކުރެވުމަކުން މަންމަ މިހާރު ދެރައެއްވެސް ނުވޭ، މިއީ ހަމަ އެންމެ ރަނގަޅު ވަގުތު މިކަމަށް." އާލިޔާ ސޯފާގައި ހަމަޖެހިލީ ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުންނެވެ.

"އާނ ދެން އޭރު ކުރިނަމަ މެރީކޮށްފަ ވަގުތުން ފުރަންވެފަ އޮންނާނީ، މިހާރު ދުވަސްކޮޅަކު ހުރެލެވޭނެ އިއާންއަށް، އެހެންވެ ތިއްތަވެސް ވަރަށް ހިތްހަމަޖެހޭ." ޢިލްމާ އޭނަގެ ޚިޔާލުވެސް ހުށަހެޅިއެވެ. ރިޒްވީވެސް ބޯ ޖަހާލިއެވެ.

ބައްޕައާއި މަންމައާއި ތިއްތަވެސް އެތިބީ ކަންތައް ވީގޮތާއި ދޭތެރޭ ހިތްހަމަޖެހިފައިކަން އިއާންއަށް އެނގުނެވެ. އޭނަގެ ސަބަބުން އެމީހުންގެ ހިތުގައި އެއްވެސް ކަންބޮޑުވުމެއް ނެތުމުން އިއާންއަށް ހަމަޖެހުމެއް ލިބުނެވެ.

ދެކެވެމުން ދިޔައީ ކައިވެނި ޕާޓީގެ ވާހަކައެވެ. ޕާޓީގެ ކެއުމުގެ ވާހަކައިގައި އާލިޔާ އާއި ޢިލްމާވެސް މަޝްޢޫލުވެގެން ދިޔައަޑު އިއާންއަށް އިނދެވުނީ އިރުކޮޅަކުއެވެ. އަނެއްކާވެސް އީމާއާއި ދިމާލަށް ބަލާލެވުނެވެ.

މަންމަ އެބުނީ ރަނގަޅަށެވެ. ތެދެކެވެ. ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަކަށެވެ. އޭރު އޭނައާއި އީމާގެ ކައިވެނި ނުކުރެވުނުކަން އެއީ ހަމަ ނަސީބެކެވެ. އެހެން ނޫންނަމަ މިއަދު އޭނަ މިކުރާ އިހްސާސް އޭނައަކަށް ނުވާނެއެވެ. އެދުވަހު އެ ކައިވެނި ހުއްޓެން މެދުވެރިވީ އާހިލްގެ ބައްޔެވެ. އާހިލް ބަލިވުމުން އީމާގެ ޢާއިލާއަށް ލިބުނު ތަޙައްމަލު ކުރަން ދަތި ވޭނުގެ ދުވަސްވަރު އީމާގެ ކައިވެނި ކުރަން އެދިގެންވެސް ނުވާނެކަމަށް ބުނީ ބައްޕައެވެ. ސިންގަޕޫރުގައި ހުރެފައި ފޯނުން ބައްޕަ އެހެން ބުނުމުން އެހިސާބުން އެ ވާހަކަ މަންމަ ހުއްޓާލީއެވެ. އެ ޢާއިލާއަށް އެއީ އުފާވެރި ދުވަސްވަރަކަށް ނުވާނެތީ ސައިފްގެ ހުރި ހަމައެކަނި އަންހެންދަރިފުޅުގެ ކައިވެނި އެމީހުންގެ އަމިއްލަ މަގްޞަދަކަށްޓަކައި އަވަސް އަރުވާލާފައި ކުރުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫންކަމަށް ބައްޕަ ބުނެގެން އެހިސާބުން އެކަން ހުއްޓުން އެއީ ހަމަ ނަސީބެވެ. ކައިވެނީގެ ބަދަލުގައި އެމީހުން ބެލީ ވެދެވެން އޮތް ހުރިހާ އެހީއެއް އާހިލްއަށް ވެދިނުމަށެވެ. އީމާގެ ޢާއިލާއަށް އެހީވުމަށެވެ.

އެމީހުން އެކަން ކުރިއެވެ. އާހިލްއަށް ވަގުތުން ރާއްޖެއިން ބޭރަށް ދެވޭނެގޮތް ފަހިކޮށްދިނީ އެމީހުންގެ ޢާއިލާއިންނެވެ. އިންޑިޔާގައި ތިބޭނެ ގެއެއް ހަމަޖައްސައިދީ ހުރިހާ ކަމެއްގައިވެސް އެހީތެރިވާނެ މީހަކުވެސް އެކޮޅުން ހަމަޖައްސައިދިނީ އެމީހުންނެވެ. މިހުރިހާ ކަމަކީ އޭނަގެ މަންމައާއި ބައްޕަ އީމާ ދެކެ ވާ ލޯތްބަށްޓަކައި، އީމާއަށްޓަކައި އެމީހުން ކޮށްދިން ކަންކަމެވެ.

އެމީހުން ވެދިން އެހީގެ ނަތީޖާވެސް ރަނގަޅެވެ. އާހިލްއަށް ފަރުވާވެސް ލިބި އާހިލް ރަނގަޅުވިއެވެ. މުޅިން އެއްކޮށް ރަނގަޅު ނުވިނަމަވެސް ނުވަދިހަ ޕަސެންޓް ރަނގަޅުވިއެވެ. ވެންޓިލޭޓަރުގައި އޮތް ކުއްޖާ މުޅީން ރަނގަޅުވެ ހިނގާ ބިނގާވެ އުޅުނެވެ.

އެފަހަރު ކައިވެނި ލަސްކުރެވުނީ ހަމަސްފަހުން އިއާން އައިސް ކުރާ ގޮތަށެވެ. އެކަން ދެފަރާތުގެ ޢާއިލާއަށްވެސް އެންގިއެވެ. ދެކޮޅުންވެސް އެކަމާއި ރުހުނެވެ.

ނޭނގި އޮތީ އިއާން އާއި އީމާ ރޭވި ރޭވުމެވެ. އެމީހުން ނިންމި ގޮތެވެ. މިވަގުތާއިހަމައަށްވެސް އެއީ ސިއްރެކެވެ.

"މަންމަ އަންނާނަން ތިއްތައާއެކު އެގެއަށް ގޮސްފަ އިނގޭ. ތިއްތަ މެލޭޝީޔާއިން އަންނަމުން މާ ރީތި ބެޑްޝީޓްތަކެއް ގެނައިވާހަކަ ދައްކާތީ މަންމައަށް ދެން ނުގޮހެއް ނުހުރެވޭނެ. ދަރިފުޅު އީމާ ގެއަށް ގެންގޮސްދެއްޗޭ ކޮންމެހެންވެސް. އެކަނި ފޮނުވާނުލާތި." ފޯން ހިފައިގެން އެއްޗެއް ބަލާގޮތް ދައްކައިގެން، އީމާއާއި ދޭތެރޭ ވިސްނަން އިން އިއާންއަށް މިއަޑުއިވިގެން ބަލާލިއިރު މަންމަ އާއި ތިއްތަވެސް ހުރީ ދާން ކޮޅަށް ތެދުވެއެވެ.

އިއާން ހަމައެކަނި ބޯޖަހާލީއެވެ.

"ހިނގާ ދަމާ. ބައްޕަވެސް އަންނާނަން އިރުކޮޅަކަށް މަންމަގެ ޑްރައިވަރަކަށް ވެލާފަ." އެންމެ ފަހުން ރިޒްވީވެސް ކޮޅަށް ތެދުވެއްޖެއެވެ. ހިނގައިގަންނަމުން އިއާންއަށް އެއް ލޯ މަރާލިއެވެ.

ބައްޕައަކީ އަބަދުވެސް މަޖާ މިޒާޖެއްގެ ލާނެތް މީހެކެވެ. އަބަދުވެސް ކުދިންނާ ސަކަރާތް ޖަހާނެއެވެ. އަދި ހަމަ އެހެން އެގޭގެ ކާރު ދުއްވަން ޑްރައިވަރަކު ހުރި ނަމަވެސް މަންމަ ތަނަކަށް ދާފަހަރެއް ވިއްޔާ މަންމައާއެކު ދެވޭތޯ ކޮންމެހެންވެސް ބައްޕަ ބަލާނެއެވެ. އެހެންނަމަވެސް ދެންމެ ބައްޕަ އެ ދިޔައީ ހަމައެކަނި އެ ދެމީހުންނަށް ފުރުޞަތު ދޭންވެގެންކަން ބައްޕަގެ އެ ކުޑަ ޙަރަކާތުން އިއާންއަށް ވިސްނުނެވެ. އިއާން ގާތަށްވެސް ލުއި ހިންޏެއް އައެވެ.

ސިޓިންރޫމްގައި އިއާން އާއި އީމާ އެކަނިވެއްޖެއެވެ. ހުޅުވާފައި ހުރި ޓީވީއިން އަންނަ އެމެރިކާސް ގޮޓް ޓެލެންޓް ޝޯގައި ދެމީހަކު ނަށަމުން ދިޔަ މަންޒަރު ބަލަން އީމާ އިނެވެ.

ފޯން ޖީބަށް ލާފައި ދެޖީބަށް އަތްޖަހާލަމުން އެއްފައިމައްޗަށް އަނެއްފައި އިއާން ލިއެވެ. ކަޅިޖަހާނުލާ ބަލަހައްޓައިގެން އިނީ އީމާގެ މޫނަށެވެ. އެތަނުގައި ދެވަނަ މީހަކު އިންހެން ވެސް އީމާއަށް ހީނުވާ ކަހަލައެވެ.

އިއާންއަކަށް އީމާގެ ހިތުގެ ހާލެއް ނޭނގެއެވެ. އީމާގެ ހިތް ތެޅިފޮޅެނީއެވެ. ހަށިގަނޑުން ބޭރަށްވެސް އެއަޑު އިވިދާނެއޭ އީމާ ހިތަށް އަރައެވެ. އިއާން އާއި އޭނައާއި އެކަނިވެއްޖެއެވެ. އެކަމަކު ވާހަކަ ދައްކަން ފަށާކަށް ނުކެރޭނެއެވެ. އެއްއަތް މުށްކަވައިގެން ހިތްވަރުހޯދަމުން ދިޔަ ނަމަވެސް އެ މަންޒަރު އިއާންއަށް ނުދައްކައެވެ. އިއާންއަށް ފެންނާނީ ދަތްދޮޅީގައި އަތްވިއްދައިގެން އޭނަ ޓީވީ ބަލަން އިން ތަނެވެ.

"އާހިލްގެ ހާލު ކިހިނެއް މިހާރު؟" ހިމޭންކަމާއެކު އިރުކޮޅަކު އިނދެފައި މަޑުމަޑުން އިއާން އަހާލިއެވެ.

"ރަނގަޅު." އީމާގެ ޖަވާބު ކުރެވެ.

"އެބައުޅޭތަ މިކޮޅުގަ؟" އިއާންއަށް އެންމެ ފަހުން އެނގިފަ އޮތްގޮތުންނަމަ މީގެ ދެހަފްތާއެއްހާދުވަސް ކުރިން އެމީހުން އާހިލް ގޮވައިގެން އަނެއްކާވެސް އިންޑިޔާއަށް ދިޔައެވެ. ނަމަވެސް ދެން ފަހުން ހެދީ ކިހިނެއްކަމެއް އެނގިފައެއް ނެތެވެ. އޭނައަށް އީމާ ކައިރިއަކުންވެސް އަހާލެވިފައެއް ނެތެވެ.

"އެންމެފަހުން ދިޔަގޮތަށް އެކޮޅުގަ މިހާރު އުޅެނީ، އެއްކޮށް ބަދަލުވެއްޖެ އެކޮޅަށް." އިއާންގެ ސުވާލުތަކަށް ޖަވާބުދެމުން ދިޔަ ނަމަވެސް އީމާގެ ނަޒަރު ޓީވީއިން ވައްކެއް ނުކުރެއެވެ.

"އެހެންތަ؟ އެއީ ކިހިނެއްވީ؟ އަނެއްކާ ގޯސްވީތަ؟" އީމާ ފެންނަ ފެނުމުގައި ހަމަޖެހިފައި އިންނަމަވެސް އެހެންވިއްޔަ އީމާ އުޅޭނީ ނުތަނަވަސްކަމެއްގެ ތެރޭގައިކަން އިއާންއަށް ވިސްނުނެވެ.

"ހޫމް..." އީމާ ޖަވާބު ދިނެވެ.

"ކޮންބައެއް ދިޔައީ؟ އާހިލްއާއި މަންމަ ދޯ؟ ސޯ ނައު ޔޫ އެންޑް ޑޭޑް އެކަނި ދޯ ތި އުޅެނީ؟" އިއާންގެ އަޑުގައިވަނީ ކަންބޮޑުވުމެވެ.

"ބައްޕަވެސް އެކޮޅުގަ އުޅެނީ." އާދައިގެ ގޮތަކަށް އީމާ ބުނެލިއެވެ.

"އަސްލުތަ؟ ދެން..؟ ޔޫ އެލޯން ސްޓެއިން ހިއަރ؟" ލިބުނު ހައިރާންކަމުގައި އިއާންއަށް އިންގޮތް ބަދަލުކޮށްލެވުނެވެ. ސޯފާއިން ކުރިއަށް ޖެހި އީމާއާއި ދިމާލަށް ލެނބިލެވުނެވެ.

އިއާންގެ އެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އިއާން އާއި ދިމާލަށް އީމާ އެނބުރުނެވެ. އެ ކުރި ސުވާލަކީ އިއާން ކުރަން ނުޖެހޭނެ ސުވާލެކޭ ބުނާކަހަލަ ގޮތެއް އީމާގެ މޫނުން އިއާންއަށް ފެނުނެވެ.

"ސޮރީ." އިއާންގެ މޫނުގެ ކުލަ އޮއްސިގެން ދިޔައެވެ. ކުރިންވެސް އިންގޮތަށް އަނެއްކާވެސް އިނދެއްޖެއެވެ. އީމާވެސް ޓީވީއާއި ދިމާލަށް އެނބުރުނެވެ.

"ޔޫ ލުކް ޑިފްރެންޓް." އިރުގަނޑެއްގެ ހިމޭންކަމަށްފަހު އަނެއްކާވެސް ވާހަކަ ދައްކަންފެށީ އިއާންއެވެ.

"އައި އެމް ޑިފްރެންޓް." އެތައް މާނައެއް އެކުލެވޭ ޖަވާބެއް އީމާ ދިނެވެ.

"އައި ހޯޕް ޔޫ އާރ އެޑްޖަސްޓިން ވެލް. ޔޫ ޝުއަލީ ލުކް ގުޑް. ބެޓަރ ދޭން ބިފޯރ." އިއާން ފުރުމުގެ އެއް ދެދުވަސް ކުރިން އީމާ ހުރި ޙާލަތު ހަނދާނަށް އައުމުން އިއާންއަށް ބުނެވުނެވެ.

އެދުވަހު އާހިލްއަށް ދާއިމީ ބައްޔަކަށް ފަރުވާކުރަން ޖެހުމުން އެންމެ ބޮޑު ހިތާމައެއް ލިބުނުމީހަކަށްވީ އީމާއެވެ. އާހިލްގެ ކުއްލިފަރުވާއަށް އަވަހަށް އިންޑީޔާއަށް ގެންދަންޖެހުމުން އެ ދުވަހު އީމާ ރުއި ރުއިމާއި ދެއްކި ވާހަކަ އިއާން ހަނދާނުގައި އަބަދުވެސް ހުރެއެވެ. އެކޮޅުގަ ހުރި އިރުވެސް ރޭގަނޑު ނިދީގައިވެސް ހޭލާ ހުއްޓަސް އެ އަޑު އޭނައަށް އިވިއިވި ހުއްޓެވެ. އެ މަންޒަރު ހުވަފެނުންވެސް އޭނައަށް ފެނުނެވެ. އެކަމަކު އޭނަ އައިއިރު އޭނަ ހީކުރިގޮތާއި ޚިލާފަށް މިރޭ އީމާ ފެނުނީ މާ ފުރިހަމަކޮށެވެ. ދުނިޔޭގެ ހިތާމައެއް ދުވަހަކުވެސް ނުޖެހޭމީހަކާ އެއްވަރަށް އުފާވެރިކޮށެވެ.

"އޯ ޕްލީޒް، އޭޒް އިފް ޔޫ ކެއަރ." ޖެއްސުމާއި މަލާމާތުގެ ރާގުގައި އީމާ މިހެން ބުނެލިގޮތުން އިއާން ކުޑަކޮށް ލަދުވެސް ގަތެވެ. ކުރިއަށްވުރެ އީމާއަށް ކެރެންވެސް ކެރެނީހެއްޔެވެ. އެހާ ކުޑަ އެއްޗެއް ބުނެލީމަވެސް އެވަރު ކޮށްލަންވާނެހެއްޔެވެ.

"ރުޅިއައިސްފަތަ ތިހުންނަނީ އަހަރެންދެކެ.؟" އިއާންއަށް ކުރެވުނު އެ ސުވާލަށް މިފަހަރުވެސް އީމާ އޭނައާއި ދިމާލަށް ބަލާލީ ހަމަ ކުރިއެކޭވެސް އެއްގޮތަށެވެ.

"ވަޓް ޑު ޔޫ ތިންކް؟" އީމާވެސް އެހިއެވެ. ގޮތްދޫނުކުރާން ހުރި ކަހަލަ ގޮތަކަށެވެ.

"އައި ޑޯންޓް ނޯ، އެކަމަކު އައި ތޮޓް...އަހަރެމެންނަށް އެޓްލީސްޓް ރައްޓެހިންނަށްވެސް ނުވެވޭނެތަ؟" އިއާންގެ ވާހަކައާއި ރާގު ކުރިއާއި ތަފާތުވެފައި ހުރިލެއް ބޮޑުކަމުން އީމާ އަންތަރީސްވެއްޖެއެވެ. ކުރިން ކޮންމެ ވާހަކައެއްވެސް ހުންނާނީ ވަރިހަމަ ރާގުގައެވެ. އެކަމަކު މިހާރު އޭގެ އިދިކޮޅު ގޮތެއް އިއާންގެ ކޮންމެ ޖުމްލައެއްގައިވެސް އެބަހުއްޓެވެ.

"ރައްޓެހިން އެކަކު އަނެކަކަށް ލަނޑު ނުދޭނެ، އިއާން އަހަންނަށް ދީގެން ތި އުޅޭ ލަނޑުން އަހަރެން ސަލާމަތްކޮށްދީފަ ރައްޓެހިކަމުގެ ވާހަކަ ދައްކާ." ފަސްޖެހުމެއްވެސް ނެތި އީމާ ހަމަ ދިމާލަށް ބުނެލިއެވެ.

އިއާންއަށް ބަސްހުސްވިއެވެ. މޫނު ފޮހެލާކަހަލަ ގޮތަކަށް ހަދާލެވުނެވެ. ހަމަ އެއްކަލަ ވާހަކައަށް އީމާ ދިޔައީއެވެ. އެނޫން ވާހަކައެއް އޭނައާއެކު އީމާ ދައްކަންވެސް ބޭނުން ނުވާ ކަހަލައެވެ. އެންމެ ހިނދުކޮޅަކަށްވެސް އެ ނޫން ކަމެއް އީމާގެ ސިކުނޑިއަށްވެސް ނައަނަންނީ ހެއްޔެވެ؟

"އެކަމާ ކަންބޮޑުވާކަށް ނުޖެހޭނެއޭ އަހަރެން ބުނީމެއްނު" ދެއަތްޖޯޑުކޮށްގެން އިސްޖަހައިގެން އިރުކޮޅަކަށް އިނދެފައި އިއާން އޭނަގެ ވަޢުދު ހަނދާންހުރިކަން އެންގިއެވެ.

"ދެ ދުވަސް، އިއާންއަށް ދެންމެ އިއާން ބައްޕަ އެ ދިނީ ދެ ދުވަސް، އެ ދެ ދުވަސްތެރޭ އިއާން ޕޭރެންޓުންކައިރީ ކިޔަދީ، އެހެންނޫނީ އަހަރެން އިއާންގެ މަންމައަށް ޝިއުނާ ދައްކާފަ ކިޔައިދޭނަން ހުރިހާ ވާހަކައެއް." އީމާ އައިސްފަ އެ އިނީ ވަރަށް ތައްޔާރުވެގެންކަން އިއާންއަށް ސާބިތުވިއެވެ.

"އޭނަގެ ނަންވެސް ކިޔައިގެން ނުވާނެއޭ ބުނީމެއްނު، ޖަސްޓް ކީޕް ހާ އައުޓް އޮފް ދިސް." އިއާންގެ އަޑު މަޑުނަމަވެސް އަޑުގައި ނުރުހުން ހުއްޓެވެ.

އީމާވެސް އިއާންއަށް ބަލާލިއެވެ. ކުރިޔާއި ޚިލާފަށް މިހާރު އިއާން އިނީ ޓީވީއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އީމާއާއި ވާހަކަ ދެއްކުމުގެ ޝައުޤު އެއްކޮށް ކެނޑިފައި އިންކަހަލައެވެ.

"ދާން މިދަނީ." އިރުގަނޑެއްވަންދެން އިއާންއާއި ދިމާލަށް ބަލަހައްޓައިގެން އިނދެފައި، އެ ވާހަކަ އެހިސާބަށް ހުއްޓާލާފައި ގެއަށް ދިއުމަށް އީމާ ނިންމިއެވެ. ގެނައި ކުޑަ ދަބަސް ނަގާ ކޮނޑުގައި އަޅުވާލަމުން ގެއަށް ދާން އުޅޭވާހަކަ ބުނެލާފައި އީމާ ބަލާލިއިރުވެސް އިއާން އިނީ ހަމަ ޓީވީއަށް ބަލާށެވެ.

އީމާ އަޅާވެސް ނުލިއެވެ. އޭނައަށް އިއާންގެ ސަމާލުކަން ލިބިދާނެކަމަކަށް އޭނަ އިރެއްގައިވެސް ހިއެއް ނުކުރެއެވެ. މިރޭވެސް ނުކުރާނެއެވެ. މިހެން ހިތަށް އަރާފައި، ދެވަނަ އެއްޗެއްވެސް ބުނުމެއް ނެތި އިއާންގެ ކައިރިން އަޅާފައި ގޮސް ދޮރުގެ ތަޅު އަނބުރާ ހުޅުވާލިއެވެ. ނަމަވެސް ހުޅުވުނީ ތަޅެވެ. ދޮރުފަތް ނުހުޅުވެނީސް ފުރަގަހުން ގޮސް އީމާގެ އަތުގައި ހިފައި އިއާން ދަމައިގަތެވެ. ހިފިގޮތަށް ހިފައިގެން ގޮސް ވަނީ އިއާންގެ އަމިއްލަ ކޮޓަރިއަށެވެ.

ވަދެ ދޮރުލައްޕާ ތަޅުލާފައި އެނބުރިލިއިރު ފަސްވަރަކަށް ފޫޓް ދުރުގައި އަންތަރީސްވެފައި އީމާ ހުއްޓެވެ. މިވީ ކިހިނެއްކަމާއި ވާން އުޅެނީ ކިހިނެއްކަން އީމާއަށް އެއްގޮތަކަށްވެސް ނޭނގެއެވެ.

އިއާން އީމާއާ ދިމާލަށް އަންނަތަން އީމާއަށް ފެނުނެވެ. ދާދިގާތަށް ހުއްޓިފައި އިއާންގެ އެ ތަފާތު އަތްތިލަ ނަގައި އީމާގެ މޫނުގެ ކަނައަތްފަރާތުގައި ޖައްސާލިއެވެ. އިއާންގެ އަތް ހީވީ ހުން އައިސްފަ ހުރި މީހެއްގެ އަތްތިލަހެންނެވެ. އަތްތިލައިގެ ބޮޑު އިނގިލި އީމާގެ ކަންފަތުގައި ޖެހުމުން ގަޔަށް ހީލިގަނޑެއް އަރައިގެން ދިޔައެވެ. އިއާންގެ މޫނަށް އީމާ ބަލާލީ ދެނެވެ.

އިއާންގެ މޫނުން ފެނުނު އަސަރު ޔަގީންކުރާކަށް އީމާއަށް ނުކެރުނެވެ. އިއާންއަށް އުޅެނީ އަނެއްކާ ކިހިނެއްވެގެންހެއްޔެވެ؟

އިއާންގެ އެއް އަތުގެ ބަދަލުގައި ދެއަތްތިލައިން އީމާގެ މޫނު ހިފަހައްޓާލިއެވެ. އީމާއަށް ބެލެނީ އިއާންގެ ރީތި ލޮލަށެވެ. އެ ލޮލުގެ ފުން ކަމާއި އެ މޫނުން މިހާރު އެފެންނަ އަސަރުގެ ހަގީގަތެއް އެއްގޮތަކަށްވެސް އީމާއަކަށް ނޭނގެއެވެ.

"އެމް ސޯ ސޮރީ، ސޯ ސޮރީ." އީމާގެ މޫނު ދެއަތްތިލައިގެ ތެރެއަށް ލައިގެން ހުރެ އިއާން ބުނަމުން ދިޔައެވެ. އިއާންއަށް އޭނަގެ ކުށް އިހްސާސްވީކަން އެނގުމުން އީމާއަށް އިއާންގެ އެ ހަރަކާތް ވަރަށް ކަމުނުދިޔައެވެ. ނުރުހެވުނެވެ. އެ އަތްތިލައިގެ ތެރެއިން މޫނު ދުރުކުރަން އުޅުނެވެ.

"ވަރަށް ބޮޑަށް ސޮރީ، އެކަމަކު އަހަންނަކަށް ހިއެއްނުވޭ އަހަންނަށް އީމާ ދޫކޮށްލެވޭނެހެނެއް، ވަރަށް މަސައްކަތް ކުރިން މިހެން ނުވާން، މުޅި ހަމަހާއި ތޭރަ ދުވަހު މިކަމަށް މަސައްކަތް ކުރިން، އެކަމަކު، އަހަންނަކަށް ނުވި އެކަމެއް، ސޯ ސޮރީ، އެކަމަކު އައި ކާންޓް ލެޓް ޔޫ ގޯ." އިއާންގެ މޫނުން ފެންނަމުން ދިޔަ އަސަރާއި އެއްވަރަށް އެވާހަކަތައްވެސް އީމާއަށްވީ ވަރަށް އާ ކަމަކަށެވެ. އޭނަގެ ހަޔާތުގަ ދުވަހަކުވެސް މީހަކު އޭނަ ކައިރީ އެކަހަލަ ވާހަކައެއް ނުދައްކައެވެ.

އީމާއަށް ހީވީ އޭނަގެ ހަށިގަނޑަށް ލުއިވެ ވައިގެ ތެރޭގައި އުދުހެވެން ފެށިހެންނެވެ. އީމާގެ އިހްސާސްތައް އޮޔާ ވަޔާ ބެހިގެން ދިޔައެވެ. އިއާންގެ ރީތި މޫނާއި އެ ރީތި ލޮލުގެ ޖާދޫގައި ޖެހި އީމާއަށް އޮޅެން ފެށިއެވެ. އެހެންނަމަވެސް އެއީ ހަމަ އިރުކޮޅެކެވެ. ކުއްލިއަކަށް ދެއަތުން އިއާންގެ ދެއަތް މޫނާއި ވަކިކޮށް ފޮޅުވާލިއެވެ.

"ޝިއުނާއަށް ގުޅައިދޭންވީތަ؟ މިތަނަށް ގެނެސްދެންތަ؟ " އީމާގެ އަޑުގައި ހުރީ މަލާމާތެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular