އީމާއަށް ހީވީ އޭނަގެ ހަށިގަނޑަށް ލުއިވެ ވައިގެ ތެރޭގައި އުދުހެވެން ފެށިހެންނެވެ. އީމާގެ އިހްސާސްތައް އޮޔާ ވަޔާ ބެހިގެން ދިޔައެވެ. އިއާންގެ ރީތި މޫނާއި އެ ރީތި ލޮލުގެ ޖާދޫގައި ޖެހި އީމާއަށް އޮޅެން ފެށިއެވެ. އެހެންނަމަވެސް އެއީ ހަމަ އިރުކޮޅެކެވެ. ކުއްލިއަކަށް ދެއަތުން އިއާންގެ ދެއަތް މޫނާއި ވަކިކޮށް ފޮޅުވާލިއެވެ.
"ޝިއުނާއަށް ގުޅައިދޭންވީތަ؟ މިތަނަށް ގެނެސްދެންތަ؟" އީމާގެ އަޑުގައި ހުރީ މަލާމާތެވެ. އިއާން އެ ދެއްކި ވާހަކަ އޭނަގެ ހިތަށް ގަބޫލުވިޔަކަ އޭނަ ނުދޭނެއެވެ. އިއާންގެ ލޮލާ މޫނުން އެ ފެނުނު އަސަރުތަކުގެ އަސަރު އޭނަގެ ހިއްސުތަކަށް ވިޔަނުދޭނެއެވެ. މިއީ އީމާގެ ޢަޒުމެވެ.
"އީމާ ޕްލީޒް..." ދެއަތް ޖޯޑުކޮށްފައި ނޭފަތްމަތީ އިއާންއަށް ޖެއްސުނެވެ. އެއާއެކު ލޯމަރާލައި އިސް ވެސް ޖެހުނެވެ.
"އައި ނޯ، އަހަންނަށް އެނގޭ ޔޫ ހޭވް އެވްރީ ރައިޓް ޓު ހޭޓް މީ، އެކަމަކު... އަހަރެން... ގަސްތުގަ ކުރި ކަމެއް ނޫން މިއީ..." ހިތްވަރުކޮށްފައި ވާހަކަ ދެއްކޭތޯ އިއާން ބެލިއެވެ.
"ކޮންކަމެއް؟ ކީއްވެ ތިބުނަނީ ތިމަންނާ ގަސްތަކު ނޫނޭ؟ ގަސްތުގައެއްނު ހުރިހާ ކަމެއްވެސް ކުރީ، އޮޅިގެނެއް ނޫން ދޯ އަހަރެންގެ ދިރިއުޅުމަށް އައީ، އެންމެ ދުވަހަކުން އަހަރެންގެ ހުރިހާ ކަމެއް އިއާން ބަދަލުކޮށްލީ ގަސްތުގަދޯ، އެއީކީ އޮޅިގެން އިއާން ކުރިކަމެއް ނޫން ދޯ؟ ސޯ، ތިހެން ނުބުނޭ، އިއާން ހުރިހާ ކަމެއްވެސް ކުރަނީ ގަސްތުގަ، ލުކް އެޓްމީ ނައު، އަހަރެން މިހިރީ ކޮންކަހަލަ މަޅިއެއްގަ ޖައްސާފަ، ނޭނގިގެނެއް ނޫން ދޯ މިހެން ތިހެދީ އަހަންނަށް." އިއާން ވާހަކަ ދައްކަން ފެށުމުން ފަހަތަށް ޖެހުނު އީމާއަށް ހުއްޓެވުނީ އޭނަގެ ފައި އެނދުގައި ޖެހުމުންނެވެ.
"އިޓްސް ޖަސްޓް...އަހަރެން ޕްލޭން ކުރި ގޮތަކަށް އެއްވެސް ކަމެއް ނުދިޔައީނު؟ އަހަރެން ހިއެއްނުކުރަން މެރީކުރާ ހިސާބަށް ދާނެކަމަށް، އަހަރެން ހީކުރީ އެއަށްވުރެ ކުރިން ހުރިހާ ކަމެއް އަންޑޫ ކޮށްލެވޭނެކަމަށް، ސޮރީ ވަރަށް ބޮޑަށް." މާ ބޮޑުކަމެއްކަމަށް ނަހަދާ އޭނަ ފެށި ކުޅިގަނޑުން އީމާއަށް ލިބުނު ދެރައަށްޓަކައި، އީމާގެ ކިބައިން މަޢާފަށް އެދެމުން ދިޔައިރު އިއާންގެ ދެއަތްތިލަހުރީ އިނގިލިތައް މަހާލައިގެން އުފުލައިގެންނެވެ. ފިޔަވަޅުތައް ނެގެމުން ދިޔައީ އީމާއާއި ދިމާލަށެވެ.
"ޕްލީޒް..." އީމާއަކަށް އެ ވާހަކަ ގަބޫލުކުރާކަށް ފަސޭހައެއް ނުވިއެވެ. މޫނު އަނބުރާލެވުނީ އަނެއް ފަރާތަށެވެ.
"އިއާންގެ ސޮރީ އަހަރެންނަށް ގަބޫލުކުރެވޭނީ މިއޮތް ދެދުވަސްތެރޭ އިއާން އަހަރެން ސަލާމަތްކޮށްދިނީމަ. އެކަން ކޮށްދީ އަހަންނަށް. އިއާންގެ ފެމިލީވަރު ނުވިޔަސް އަހަރެންގެވެސް ފެމިލީއެއް އޮވޭ، އިއާންއަށް އެނގޭނެ ފެމިލީގެ ޙާލަތު، ކޯހުގައި އުޅެމުން މިކަހަލަ ހާސްކަމެއްގެ ތެރޭގައި އުޅޭކަށް އަހަރެން ބޭނުމެއް ނޫން، އައި ނީޑް ޓު ފޯކަސް އޮން ދެޓް." ދާދި ކައިރިއަށް އައިސްހުރި އިއާންއާއި ހަތަރުކަޅިހަމަކޮށްގެން ހުރެ އީމާ ވާހަކަ ދެއްކިއެވެ. އީމާގެ މަންމަ އަބަދު ކިޔަމުން އައީ ޑިގްރީ އަށް ކިޔެވުމަށެވެ. ފައިސާގެ ގޮތުން ގެއަށް ދަތިވާތީ ނުކިޔަވާން ހުރެހުރެފަ އެންމެ ފަހުން އީމާ އުޅެނީ މިހާރު ކިޔަވަންވެސް ފަށައިގެންނެވެ.
"އޯކޭ، ޑަން، ޔަގީންކުރޭ، އެކަން ކުރާނަން އަހަރެން، އެކަމަކު..." އިއާން ބުނަން އުޅުނު އެއްޗެއް ހުއްޓުނީ އެހިސާބަށް ވާހަކަ ދިޔަތަނާ އީމާ ބަލާލި ގޮތަކުންނެވެ.
"ޔޫ ތިންކް އައިއެމް ޖޯކިން ދޯ؟ އެކަމަކު ޖޯކެއް ނޫނޭ މިއީ، އަސްލުވެސް އަހަރެން އެކޮޅަށް ދިޔައީމަ މުޅިން އެހެން ގޮތެއްވި، އަހަންނަށް ހަމަޖެހުމެއް ނުލިބުނު، އައި މިސްޑް ޔޫ ސޯ ބޭޑް." އިއާން މަސައްކަތް ކުރަމުން ދިޔައީ އީމާއާއި ދުރަށް ފުރައިގެން ދިއުމުން އިއާންއަށް ކުރެވުނު އިހްސާސްތައް ބުނެދެވޭތޯއެވެ. ގަސްތަކާނުލާ އޭނަގެ ހިތް އީމާގެ މަތިން ހަނދާންކުރި ގުނާ އަދަދުނުކުރެވޭ ގަޑިތަކުގެ އަސަރުތައް އީމާއަށް އިހްސާސްކޮށްދެވޭތޯއެވެ.
އެ އަޑުތަކާއި އިއާންގެ މޫނުމަތީގެ އަސަރުތައް ބަލަން ހުރި އީމާއަށް އެނދުގައި އިށީނދެލެވުނެވެ. ކޮންމެގޮތަކުންވިޔަސް އޭނަ އަމިއްލައަށްވެސް ހިތްވަރު ހޯދަން އެބަޖެހޭކަން އަމިއްލަ ހިތަށް ވިސްނައިދިނެވެ. އިއާންގެ ބަހަށް ނުހެއްލެން އީމާ ކަނޑައެޅީ އިއާން ފުރައިގެން ދިޔަ ދުވަހުއެވެ. އެ ބުނާ ގޮތް އެ ދުވަހު އޭނައަށްވެސް ވިއެވެ. އަދި އޭގެ ފަހުން އައިހާ ދުވަހެއްގަ ޚުދު އޭނަގެ ހިތް ހަފުސްވެފަ އޮތީ އިއާންގެ ހަނދާންތަކުންނެވެ. އެކޮޅުގައި އިރުއިރު އިއާން އޭނައާ ޗެޓް ކުރެއެވެ. ނަމަވެސް ގިނަ ވާނީ އޭނަ އިއާންއާއިވާހަކަ ނުދައްކާ ދުވަސްތަކެވެ. ސަބަބު އިއާންއަކަށް އޭނަ ނައަންގާނެއެވެ. އޭނަގެ އަމިއްލަ ހިތުގެ ސިއްރު އޭނަ ބޭޒާރެއް ނުކުރާނެއެވެ. އިއާންއަކީ އެވަރުގެ މީހެއް ނޫނެވެ. މިއީ އީމާގެ ސިކުނޑިން ހިތުގެ މައްޗަށް ބާރުފޯރުވަމުން ދިޔަ ގޮތެވެ.
"އިއާން ޕްލީޒް، ޑޯންޓް ޑޫ ދެޓް... އަހަންނަށް އެނގޭ އިއާންއަކީ އެއްފަހަރާ ތިންހަތަރު އަންހެންކުދިންނާ ވެސް ރައްޓެހިވެގެން އުޅުނު މީހެއްކަން، އަހަންނަށް އެނގޭ އެމަޅީގަ އަހަރެންވެސް ޖައްސަނީކަން، އެކަމަކު އަސްލު އެހެން ނެހެދުން އަހަރެން އެދެނީ، އިއާންއާއި ގުޅޭ ފެންވަރުގެ މީހެއްވެސް ނޫން އަހަންނަކީ، އަދި އެކަހަލަ އަންހެންކުއްޖެއްވެސް ނޫން އަހަންނަކީ. އައި ކާންޓް ބީ ޗީޕް." އިއާންގެ އެނދުގައި އިށީނދެ އިސްޖަހާލައިގެން އިނދެ އީމާ ވާހަކަ ދެއްކިއެވެ. އިޚްލާޞްތެރި ހިތަކުންނެވެ. ތެދު ނިޔަތުގައެވެ. އިއާންގެ މަޅީގައި ޖެހި ޒަޚަމްވެގެން ދާންޖެހޭ ދުވަހަކުން އޭނަ މަރުވެދާނެއޭ މިހާރުވެސް އީމާގެ ހިތަށް އަރައެވެ.
"އެހުރިހާ ކަމެއް އަހަރެން ހުއްޓާލައިފިން، އެކޮޅަށް ދިޔަފަހުން އެއްވެސް އަންހެންކުއްޖަކާ އެފަދަ އެއްވެސް ގުޅުމެއް ނުބާއްވަން." އިއާންވެސް ވަރަށް މަޑުމައިތިރި ހިމޭން އަޑަކުން އޭނަގެ ޢަމަލުތައް ބުނެދިނެވެ.
"މިހާރު ތިހިރީ މާލޭގަ، ޝިއުނާ ހުންނާނެ އިއާންގެ އިންތިޒާރުގަ، ތި ދެމެދަށް އަހަރެން ނުވައްދާ އަހަރެން މިތަނުން ދުރުކޮށްދީ، އަހަންނަކަށް ނޭނގެ ތި ދެމީހުން ހިތަށް ކީކޭ އަރައިގެން ކަމެއް އަހަރެންގެ ލައިފް ތި ރުއިން ކޮށްލަނީ." ފުރަތަމަ ދުވަހެކޭ އެއްގޮތަށް އަދިވެސް އެކަމާ އީމާ އަންތަރީސް ވެއެވެ. އިއާން އާއި ޝިއުނާ ކޮށްގެން އުޅެނީ ހަމަ ތަނަކުން މީހަކު ފެނިގެން ކުރަން ހެޔޮވާ ވަރުކަމެއް ނޫނެވެ.
"ނޯ، ކޮންމެ ތާކު ހުއްޓަސް ދެނެއް އެގޮތަށް އަހަންނަށް އުޅެވޭނެހެނެއް ހިއެއް ނުވޭ، އައި ނީޑް އޮންލީ ޔޫ." އީމާގެ އުނގުމަތީގަ އޮތް ދެއަތްތިލައިގައި އިއާން ހިފިއެވެ. އީމައަށް ބަލާލެވުނީ އިއާންގެ އަތްތިލައަށެވެ. އޭނަގެ އަތާބަލާފައި އިއާންގެ އަތްތިލަ ހާދަ ބޮޑެވެ. ހާދަ ހޫނެވެ. އެ އަތްތިލައިން ފޮރުވިފަ އެހެރީ ހަމައެކަނި އޭނަގެ އަތްތިލައެވެ. އެކަމަކުވެސް އީމާއަށް އިހްސާސް ކުރެވުނީ މުޅި ހަށިގަނޑުވެސް އިއާންގެ ހިމާޔަތަށް ދިޔަހެންނެވެ.
އީމާއަށް ކުރެވުނު އިހްސާސާއި ކުރި ޢަމަލާއި މުޅިން ނުބައްދަލެވެ. މަޑުމަޑުން އިއާންގެ އަތްތެރެއިން އީމާ އަތްދަމައިގަތެވެ. އަދި ހަމަ އެހާ މަޑުމަޑުން ކޮޅަށް ތެދުވެއްޖެއެވެ.
"އަހަރެން ދަނީ ދާން، އިރުއިރުކޮޅާ އިއާންގެ ފެމިލީއާ މީޓްކުރަންޖެހޭތީ އަހަންނަށް އަސްލު ވަރަށް އުނދަގޫވޭ، އެމީހުން އައުމުގެ ކުރިން އަހަރެން ދާން ބޭނުން." ކޮޅަށް ތެދުވެ އިސްތަށިގަނޑު ރީތިކޮށްލާފައި އީމާ ބުނެލިއެވެ.
އިއާން ހަމަ ބަލަހައްޓައިގެން އިނީއެވެ. ކުއްލިއަކަށް ކަމެއް ހަނދާންވެގެން ތެދުވެއްޖެއެވެ.
"ގެއަށް ގޮސްދޭނަން، ހިނގާ ދާން." އީމާ އުޅެނީ ގޭގަ އެކަނިކަމާއި، ގެއަށް ގެންގޮސްދޭށޭ މަންމަ ބުނި ހަނދާންވެފައި އިއާން ބޭނުންވީ ކުޑަމިނުން އެވަރު އީމާއަށްޓަކައި ކޮށްދިނުމުގެ އުފާ ލިބިގަތުމަށެވެ.
"ނޫނޭ، ޓެކްސީއެއްގަ ދާނީ." އިއާންގެ އެ ޚިދުމަތަށްވެސް އީމާ އިންކާރު ކުރިއެވެ.
އިއާންއަކަށް ހަދަންވީގޮތެއް ބުނަންވީ އެއްޗެއް ނޭނގުނެވެ. ދެއަތް ޖީބަށް ޖަހާލައިގެން ކޮޓަރީގެ މެދުގައި ހުރެވުނީއެވެ.
ކޮޓަރިން ނުކުމެފައި މަޑުމަޑުން ދޮރު ލައްޕާލާފައި އީމާ ދިޔައީއެވެ. އިއާންއަށް އަނބުރާލާފައި ގޮސް އެނދުކައިރިއަށް ހުއްޓިލެވުނެވެ. ދެންމެއަކާ ޖެހެންދެން އީމާ އިށީނދެގެން އިން ތަނަށް ބަލަހައްޓައިގެން ހުރެވުނެވެ. އީމާއަށްޓަކައި އިއާންގެ ހިތް އޮތްގޮތް ވަރަށް ސާފުކޮށް އެ މޫނުން ފެނެއެވެ. ދެން އެތާ ކައިރީގައި އިށީނދެއްޖެއެވެ. އެތަނުގައި އީމާ އިންފަދައަކުން ފިރުމާލިއެވެ. އިރުކޮޅަކު އެހެން އިނދެފައި އުއްޑުން އެނދުގައި އޮށޯވެއްޖެއެވެ.
އިއާންގެ ހިތުގެ ހާލަށް އީމާގެ ގަދަރު ހޯދޭނެ ގޮތެއް ނޭނގޭތީ އިއާންއަށް ވިސްނެނީއެވެ. އީމާ އާއި އޭނައަށް ކުރެވުނު ވިހަ ސަމާސާއަކީ ކުރަން ވާވަރުގެ ކަމެއްނޫންކަން ވިސްނެން ފެށީ އިއްޔެއަކު މިއަދަކު ނޫނެވެ. ކިތަންމެ ދުވަހެކެވެ. ފުރައިގެން ދިއުމުގެ ކުރިން، އާހިލް ބަލިވެގެން އެވާހަކަ ދައްކަން އީމާ އައިރޭ އޭނައާއެކު ހޭދަކުރި ހިތްދަތި ވަގުތުކޮޅަށްފަހު އިއާންގެ ހިތްވަނީ ބަދަލުވާން ފަށާފައެވެ. އެރޭ އީމާ ރުއި ރުއިމާއި އާހިލްއަށް އެހީވުމަށްއެދި ކުރި އާދޭހުގެ ފަހުން އިއާންއަށްޓަކައި އެއަށްވުރެ ރީތި އެހެން އަންހެންކުއްޖެއް ނެތެވެ. އެނޫން އަންހެންކުއްޖަކާ ދޭތެރޭ ޝައުގެއް ނުއުފެދުނެވެ. އެއަށްވުރެ ދެކޭހިތްވާ މޫނެއް ނެތެވެ.
ނަމަވެސް އޭގެ ފަހުން އޭނައަށް ޖެހުނީ ފުރައިގެން ދާށެވެ. އޭނައަށް ދެވުނީ އީމާއަށް އޭނަގެ ހިތް ދީފައިކަން އެނގުނީ އެކޮޅަށް ދިޔަ ފަހުންނެވެ. އީމާގެ ލޯތްބާއި އިތުބާރު ބޭނުން ނަމަ އޭނަ ކުރި ހުރިހާ ކަމެއް ފުރޮޅާލަން އޭނަ ޖެހޭނެއެވެ. މަންމަމެންނަށް އޮޅުވާލައިގެން އޭނަ ފަށައިގެން އުޅޭ ބޮޑު ސިންގާހާ ކަންތައްގަނޑުގެވެސް ހަގީގަތް އަންގައިދޭން ޖެހޭނެއެވެ. މަންމަވެސް ބައްޕަވެސް އެކަމާ ވަރަށް ރުޅި އަންނާނެއެވެ. އެކަމަކުވެސް އެ ލަދުވެސް އޭނަ ގަންނަން ޖެހޭނެއެވެ.
ވިސްނުންތައް ގިނަވެގެން ގޮސް އިއާންއަށް ބޮލުގައި ހިފަހައްޓާލެވުނެވެ.
***
އަނެއް ދުވަހަށް އެރި އިރާއެކު އިއާންމެންގޭގައި ދެކެވެން ފެށީ ވިލިނގިލީގައި އުޅޭ ތިމާގެ ދައްތައެއްގެ ކުއްޖަކު ކައިވެނި ކުރަން އުޅޭތީ ކައިވެނީގެ ކުރިން އޮތް މޫދު ޕާޓީއަކަށް އާއިލާ އެންމެން ދާ ވާހަކައެވެ. އަށެއްޖަހާކަށްހާއިރު އިއާން ހޭލައިގެން ނުކުތްއިރު ސިޓިންރޫމް އޮތީ ފުރާލާފައެވެ. މަންމަގެ ތިމާގެ އަންހެންކުދިންނަކީ ވަރަށް އަޑުގަދަ ބައެކެވެ. އެކަކު އަނެކަކަށްވެސް އެ ކިޔާއެއްޗެއް އަޑުއިވޭހެނެއް ހިއެއް ނުވެއެވެ. އެހާވެސް އެތަނުގައި އަޑުގަދައެވެ. ހިނިއައިއްސަ އިއާންވެސް މަޑުކޮށްލިއެވެ.
ވެގެން އުޅެނީ ކިހިނެއްކަން އިއާންއަށް އެނގުނީވެސް އިރުކޮޅަކު އެ ވާހަކަތައް އަޑުއަހާލަން އެތާ ހުރެލުމުންނެވެ. ރައުނާގެ ކައިވެނީގެ ކުރިން މޫދު ޕާޓީއެއް ބާއްވަނީކަން އެނގުނު ހިސާބުން އިއާން ގޮސް ދެން ވަނީ ހެނދުނުގެ ސަޔަށް ކާ ކޮޓަރިއަށެވެ.
ސައި މޭޒުދޮށުގައި އިށީނދެވުމާއެކު ދެން ބަލާލީ ފޯނަށެވެ. ވައިބަ އިން ޗެކްކޮށްލީ ރޭގައި އޭނަ ލިޔުނު އެއްވެސް އެއްޗަކަށް އީމާ ޖަވާބެއް ދީފައި އިންތޯއެވެ. ނެތެވެ. ދެން ބަލާލީ އެންމެފަހުން އީމާ އޮންލައިންވެފަ ހުރި އިރެކެވެ. އޭގެ ފަސްމިނެޓްކުރިން އިނދެފައި މިހާރަކު ނެތެވެ. ވައިބަރގެ ތާރީޚާއި ގަޑި ބަލާލިވަގުތު އިއާން ހަނދާންވިއެވެ. އޭނައަށް ލިބިފައި އޮތް ދެ ދުވަހުގެ ތެރެއިން މިއަދަކީ ފުރަތަމަ ދުވަހެވެ. ކަމެއް ނުކޮށް ހުރެވޭކަށް ނެތެވެ. އީމާ ސަލާމަތްކޮށްދޭން ކުރަންޖެހޭ ކަމެއްވިއްޔާ ލަސްނުކޮށް ކުރަން އޭނަ އެބަޖެހެއެވެ.
"އިއާން، މަންމަމެނާއެކުތަ ދާނީ،ނޫނީ ފަހުންތަ؟" ސައިބޮއި ނިމިގެން، ކޮޓަރިއާ ދިމާލަށް ގޮސްގޮސް ހުރި އިއާންއަށް މި އަޑު އިވިފައި ހުއްޓެވުނެވެ. އޭނަ ތަނަކަށް ދާންޖެހިފައި އޮތްކަމެއް އިއާން އަކަށް ނޭނގެއެވެ.
"ކޮންތަނަކަށް މަންމާ؟" މަންމަމެންކައިރިއަށް ގޮސް ސޯފާގެ ފުރަގަހުން އިއާން ހުއްޓިލިއެވެ.
"ވިލިނގިއްޔަށް، މަންމަމެން މި އުޅެނީ ދާން، އެކަމަކު ޕާޓީ އޮންނާނީ ހަވީރުން، ހަތަރެއްގެ ފަހުން ފަށާނީ." އެކަހަލަ ކަންތަކަށް މަންމައަކީ އަބަދުވެސް ވަރަށް ފޯރިހުންނަ މީހެއްކަން އިއާންއަށް އެނގެއެވެ.
"ދާހިތެއް ނެތް މިއަދަކު." ހަގީގަތުގައިވެސް ދާހިތެއް އިއާންގެ ނެތެވެ. އިއާން ވިސްނައިގެން ހުރީ ހަވީރުން ކޮންމެވެސް އެއްޗެކޭ ކިޔައިގެން އީމާއާއި ބައްދަލުކުރުމަށެވެ.
"ނޫނޭ އެހެން ހަދައިގެންކަމަކު ނުދާނެ، މަރިއްތަ ވަރަށް ގިނައިން ބުނި ދަރިފުޅު ކޮންމެހެންވެސް ގެންނާށޭ، ދަރިފުޅު ދާއިރު އީމާވެސް ގެންދައްޗޭ، މަންމަ އަދި މި ހުންނަނީ އީމާއަށް ގުޅާލާނަމޭ ހިތައޭ، އެކަމަކު ދެން ދަރިފުޅު ބުނެލާ އީމާ ކައިރީ، މަންމަ އެބަޖެހޭ އަދި ބައިވަރު އެއްޗެހިވެސް ގަންނަން ދާން." މަރިއްތައަކީ އިއާންމެންދެކެ މަންމައެއްފަދައިން ލޯބިވާ ދައްތައެކެވެ. އަދި ޚާއްޞަކޮށް އިއާންދެކެ މާ ބޮޑުލޯތްބެއް ވާކަން އިއާންއަށް އަބަދުވެސް ފާހަގަ ކުރެވެއެވެ. މަންމަ ދެއްކި ވާހަކައަށް ދެކޮޅު ނަހަދާ، ހިނިތުން މޫނަކާއެކު އިއާން ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ. އެތަނަށް ދިއުމާއި ދޭތެރޭ ވަކި ގޮތެއް ނުނިންމުނެވެ.
ކޮޓަރިއަށް ވަދެފައި ލެއްޕި ދޮރާއެކު އީމަގެ ނަންބަރަށް ޖަހާލިއެވެ.
"ހަލޯވ، މަންމަ ބުނެގެން މި ގުޅާލީ.." އީމާއަށް ގުޅާލުމަށް އިއާންގެ މަންމަ ދިން ބަހަނާގެ ބޭނުން ހިފިއެވެ.
"މަންމަ ކައިރީ އެ ވާހަކަ ދައްކައިފިންތަ؟" އިއާންއަށްވުރެ އީމާ ހުޝިޔާރެވެ.
"ނޮޓް ޔެޓް، ބޭރަށް ނުކުތްއިރު މަންމަ ހީވަނީ ގޭގަ ޕާޓީއެއް ބާއްވައިގެން އުޅޭހެން، އެހެންވެ ވާހަކައެއް ނުދެއްކޭނެނު، ބައިދަވޭ، މިގުޅީ މަންމަ ބުނެގެންނޭ..." ވިލިނގިލީގައި އޮންނަ ޕާޓީގެ ވާހަކަތައް އީމާއަށް ތަފްޞީލްކޮށް އިއާން ކިޔައިދިނެވެ.
"ސޯ، ދެން ކިހިނެއްވީ؟" އީމާއާއި އެ ވާހަކައާ އޮތް ގުޅުމެއް އީމާއަށް ނުފެނުނެވެ.
"މަންމަ ބުނީ އަހަރެމެން ދެމީހުން ކޮންމެހެންވެސް ދާންޖެހޭނެޔޭ، އެހެން ބުނާށޭ ބުނީ އީމާ ކައިރީވެސް." އިއާންއަށް ލިބުނު ފުރުޞަތު ހެޔޮގޮތުގައި ހިފުމުގެ ގަސްތު އިއާންގެ ހިތުގައި އޮތެވެ.
"ރިއަލީ، ވައި މީ، އަހަރެން ކީއްކުރަން ދަނީ، ތިފެމިލީ ކަމެއްނު ތިއީ؟" އީމާއަށް ވިސްނުނީ އެގޮތަށެވެ. "އެންޑް ޔޫ އާރ ދިސްފެމިލީ ނައު." އިއާން ހަނދާން ކޮށްދިނެވެ.
އީމާގެ އަޑެއް ނީވި ހިނދުކޮޅެއް ދިޔައެވެ.
"މަންމަމެން ދަނީ މިހާރު، އެކަމަކު އަހަރެމެންނަށް ދެވިދާނެ ހަވީރުން. ކޮންގަޑިއެއްހަދާނީ." އީމާ ދާނެކަމުގެ ޔަގީންކަން އިއާންއަށް އޮތެވެ.
"އަދި ޑިސައިޑެއް ނުކުރަން، ނޭނގެ، ވިސްނާލަން ޖެހޭނީ." އީމާގެ ޖަވާބު ދިޔައީ އިއާން ހީކުރި ގޮތަކަށް ނޫނެވެ.
"ވަޓް އިޒް ދެޔަ ޓު ޑިސައިޑް، ހަވީރު ގޮއްސަ އިރުއޮއްސެންވާއިރަށް އައީމަ ނިމުނީނު." އިއާން ދެކޭ ގޮތުގައި އޭނަ ދަންޏާ ކޮންމެހެންވެސް އީމާ ދާންޖެހޭނެއެވެ. އެ މާހައުލުގައި އީމާއާއެކު ވަގުތުކޮޅެއް ލިބުން އެއީ އިއާންގެ އުއްމީދެކެވެ.
"ވިސްނާލާފަ ބުނާނަން، އިހަށް ބާއްވާލާނަމޭ، ކުޑަ ކަމެއްގަ މި އުޅެނީ." އީމާގެ ފުން ނޭވައެއްގެ އަޑު އިއާންއަށް އިވުނެވެ.
"ކޮންކަމެއް ކު...؟" އިއާންއަށް މިހިސާބަށް ބުނެވުނުއިރު އެކޮޅުން ފޯން ކަނޑާލައިފިއެވެ. ފޯނާއި ދިމާލަށް ބަލަހައްޓައިގެން އިއާންއަށް ހުރެވުނީ ދެބުމަ އަރާފައެވެ.
***
"އެހެރަ އަންނަނީނު އިއާން." ވިލިނގިލީ ބީޗްގައި ތިބި މީހުންގެ ތެރެއިން ޢިލްމާ، އަވިން ސަލާމަތްވާން ލޮލަށް އަތްނަގަމުން ބުނެލިއެވެ. އެ އަޑުއިވުނު އެންމެންވެސް އެދިމާލަށް ބަލާލިއެވެ.
"ހާދަ ރީތި ފިރިހެން ދަރިއެކޭ ދޯ އާލީއަށް ތި ލިބުނީ، ނޭނގޭ މީހަކު ނުބުނާނެ ދިވެއްސެކޭވެސް އެއީ." އެއްގަމުން އައިސްއައިސް ހުރި އިއާންއާއި ދިމާލަށް ބަލަމުން އާލިޔާގެ ރަހްމަތްތެރި ހައްވަ ތަޢުރީފް ކުރިއެވެ.
"އަހަރެންގެ ދަރިއެކޭ، ރީތިވާނެއްނު." ދަނޑިވަޅު ބަލައި ރިޒްވީ މިފަހަރުވެސް ބުނެލިއެވެ. އެންމެންގެ ހުނުމުގެ އަޑު ޖައްވުތެރެއަށް ފެތުރުނެވެ.
"އީމާ ނާދޭތަ؟" އާލިޔާއަށް އަހާލެވުނެވެ. އާލިޔާއަކަށް އީމާއެއް ނުފެންނާތީއެވެ.
"އުނހުނ، އެހެރަ އަންނަނީނު..." އިއާންގެ ފުރަގަހުން އައިސްއައިސްހުރި އީމާ ފެނުނީ ފުރަތަމަވެސް ޢިލްމާއަށެވެ.
"ލޯބި ކުއްޖެކޭ އަނެއްކާ އިއާން ހޮވީވެސް." ހައްވަގެ ތަޢުރީފު އީމާއަށްވެސް ލިބުނެވެ. އާނ ތިއީ ތެދެކޭ ބުނެ ދެތިން މީހުން ހައްވައަށް ތާއީދު ކުރިއެވެ. އޭގެ ތެރޭގައި އާލިޔާވެސް ހިމެނެއެވެ.
"އަވަހަށް އާދޭ އާދޭ، މަންމައަށް އެނގޭ އީމަ އަންނާނެކަން މަންމަ ބުނެފިއްޔާ." އީމާ އާއި އިއާން ގޮސް ހުއްޓުމުން މަރުޙަބާ ކީ އާލިޔާއެވެ. އީމާވެސް ހިނިތުންވުމާއެކު އެންމެނަށް ބަލާލިއެވެ. އޭގެ ތެރޭގައި އިއާންގެ މަންމައާއި ބައްޕަ އާއި ބޮޑުދައިތަ ނޫނީ ދެން ތިބިހާ ބަޔަކީ އީމާއަށްޓަކައި އާ މީހުންނެވެ. ދިމާވީ އަލަށެވެ. އެމީހުންގެ ބެލުންތަކުން އީމާއަށް އުނދަގޫވަމުން ދިޔައެވެ.
ކަށިމައްޗާއިހަމައަށް އޮތް ގަޔަށް ދޫ މަޑު ފޮތީގެ ރަތްކުލައިގެ މިޑީ ހެދުމުގައި އެ އެންމެންގެ ލޮލުގައިވެސް އީމާ އަޅައިގަތީ ވަރަށް ބޮޑަށެވެ. އަރާފައި ހުރީވެސް އެންމެ ތިރި ރަތްކުލައިގެ ފައިވާނަކަށެވެ. އަތްކުރު އެ ހެދުން އީމާގެ ދޮންހަށިގަނޑުގައި އެހެދުން އެޅުވިފައި އޮތްގޮތުންނާއި އެ ކުލައިގެ ސަބަބުން އީމާގެ ރީތިކަން ޢާއްމު އެހެން ދުވަސްތަކަށްވުރެވެސް ބޮޑުހެން ޚުދު އިއާންއަށްވެސް ހީވެއެވެ.
"ކޮބާ ރައުނާ..؟" އެމީހުންގެ ސަމާލުކަން އީމާއާއި ދުރުކޮށްލުމުގެ ގޮތުން އިއާން އަވަސް ގޮތަކަށް އަހާލިއެވެ.
"އެކޮޅުގައި އެބައުޅޭ، ދޭބަލަ ދަރިފުޅުމެން ރައުނާ ކައިރިއަށް، ވަރަށް ސަޕްރައިޒްވާނެ." ރައުނާމެން ތިބި ދިމާ އާލިޔާ ދެއްކުމުން އެދިމާލަށް އިއާން ހިނގައިގަތެވެ. އީމާވެސް އިއާން ފަހަތުން ދާން ފެށިއެވެ.
"ކެއަރފުލް..." އިއާންއަށްވުރެ ކުޑަކޮށް ފަހަތުގައި ހުރި އީމާގެ ފައިތިލައަށް ބަލާލަމުން އިއާން ބުނެލިއެވެ. ގާތަކާއި ވެލިގަނޑުގައި ހިނގަން އީމާއަށް ފަސޭހަ ނުވެދާނެއޭ އިއާން ހިތަށް އެރިއެވެ. އިއާންގެ އެ ބުނުމަށް އީމާގެ ހިތުގެ ހިނގުން ބާރުވިއެވެ.
ހެއްދެވިހާ ރީތި ސިފައެއްވެސް އެބަހުއްޓެވެ. އެކަމަކު އެހާ އަންހެންކުދިންނަށް ގޯހެވެ. މިހެން އީމާ ހިތަށް އެރިއެވެ.
"އެއްޗެއް ބުނިންތަ...؟" ކުއްލިއަކަށް ހުއްޓިފައި އިއާން މިހެން އެހުމުން އީމާ ދިޔައީ ސިއްސައިގެންނެވެ. އީމާއަށް ހީވީ އޭނަގެ ހިތުގެ އަޑު ބޭރަށް ނުކުތްހެންނެވެ. އަވަހަށް ބޯހޫރާލެވުނެވެ. ނަސީބަކުން އިތުރު އެއްޗެއް ނުބުނެ އަނެއްކާވެސް އިއާން ހިނގައިގަތެވެ.
ރައުނާއަކީ އީމާވަރުގެ ޅަ އަންހެންކުއްޖެކެވެ. އުފާވެރި ހިނިތުންވުމެއް ހުރި، އެންމެންނާއިވެސް ގުޅޭ ރަޙްމަތްތެރި ކުއްޖެކެވެ. ހީހީފައި އިއާންއާއި ރައުނާ ވާހަކަ ދެއްކިއެވެ. އީމާއާއިވެސް ރައްޓެހިކަން އުފެދޭކަށް މާގިނައިރުތަކެއް ނުނެގިއެވެ. އީމާވެސް އިއާންއާއި ގުޅުމެއް ނެތްނަމަވެސް، ޢާއިލާ މެމްބަރަކު އުޅޭނެހެން ގާތްކަމާއި އެކުވެރިކަމާއެކު އެންމެންނާވެސް ވާހަކަ ދައްކާ ހެދިއެވެ.
ބީޗް ޕާޓީ ފެށިގެން ކުރިޔަށް ދިޔައީ ވަރުގަދަ ބާބެކިޔުއަކާއެކުގައެވެ. ލަވަ ޖެހުމުގެ ބަދަލުގައި ގްރޫޕް ހަދައިގެން ލަވަ ކިޔެވެ. ޖޯކް ކިޔެވެ. ހުނުމާއި ސަކަރާތާއި މަޖަލުގައި ވަގުތުތައް ދަމުން ގޮސް އިރުއޮއްސޭ އެންމެ ފަހު ދަޅަތައް އުޑުމަތިން ދައްކަން ފަށައިފިއެވެ. މޫދު ލޮނުގަނޑުގެ ކުލަވަރު ރަންރީނދޫކުލައިން ރަތް ރީނދޫ ކުލައަށް ބަދަލުވެއްޖެއެވެ. ވިލާތައް ގިނަ ނަމަވެސް، ރީތި ދުވަހެކެވެ. ރީތި ހަވީރެކެވެ. ހިތްގައިމު ވަރަކަށް ވައިރޯޅިތައް ޖެހެމުން ދިޔައެވެ. އުފާވެރި ދުވަހެއްގެ ނިމުން ގެނެސްދިނީ ގުދުރަތުގެ ރީތި މަންޒަރުތަކުންނެވެ.
"ސާދަވިލޭރޭ ވެސް ދިޔައީއޭ ދޯ، ކޮބާ ހަނދު.." ސަކަރާތާއި ހުނުން ހުއްޓި އެންމެންވެސް ހިމޭންވެ، އިށީނދެލައިގެން ތިއްބާ، ކޮންމެވެސް މީހަކު މިހެން ބުނެލުމާއެކު އެންމެންވެސް އުޑުގެ އެކި ދިމަދިމާލަށް ބަލަން ފަށައިފިއެވެ. އިއާންކައިރީ ވެލިގަނޑުމަތީގައި އިށީނދެލައިގެން އިން އީމާވެސް މައްޗަށް، އެކި ދިމަދިމާލަށް ބަލާލިއެވެ. ވައަތްފަރާތަށް ބަލާލެވުމާއެކު އީމާއަށް ހުއްޓުމެއް އައެވެ. އިއާންއަށް އެކަން ފާހަގަ ކުރެވުނެވެ. ހަމަ ގައިމުވެސް އީމާ ބަލަން އިނީކީ އުޑުމައްޗަކަށް ނޫނެވެ. އިއާންވެސް އީމާ އެ ބަލާ ދިމާލަށް ބަލާލިއެވެ.
"ޝިޓް..." އީމާ އެ ބަލަނީ ކޮން ދިމާލަކަށް ކިހިނެއްވެގެންކަން އެނގުމުން އިއާންއަށް ބުނެވުނީ މިހެންނެވެ.
އީމާގެ ނަޒަރު ގޮސް ހަރުލާފައި ހުރީ އެމީހުންގެ ވައަތްފަރާތުން، ވިއްސަކަށްފޫޓް ދުރުގައި، މޫދުގެ ލޮނުގަނޑު ފެށުނު ހިސާބުގައި ހުރި ޝިއުނާ ފެނިގެންނެވެ.
ލޮނުގަނޑުން ފައިދޮންނަ ގޮތް ދައްކައިގެން ހުރިނަމަވެސް ޝިއުނާ ބަލަން ހުރީ އީމާމެންނާއި ދިމާލަށެވެ. ސީދާ އީމާއާއި އިއާންއަށެވެ. --ނުނިމޭ --