ޝިއުނާ ބަލަން ހުރީސީދާ އީމާމެނާއި ދިމާލަށެވެ.
ޝިއުނާ ފެނުމުން ސިހުން ލިބިގެން އިއާން ފުންމައިގެން ކޮޅަށް ތެދުވި ނަމަވެސް އީމާ އޭރުވެސް އިނީ އިށީނދެލައިގެންނެވެ. ޝިއުނާއާ ދިމާލަށް ބަލަނީއެވެ. ކޮޅަށް ތެދުވި އިއާންއަކަށް ހަދަންވީ ގޮތެއް ނޭނގުނެވެ. މަންމަމެން ކުރިމަތީގައި ޝިއުނާ ކައިރިއަކަށް ދާކަށް އިއާންއަށް ނުކެރުނެވެ. އެކަމަކު އެތާ ޝިއުނާ އެހުރި ގޮތުން ނުބައެއް ހިނގާފާނެކަމުގެ ބިރު އެބައޮތެވެ.
"އިއާންމެން ދަނީތަ؟" އިއާން ތެދުވިތަން ފެނިފައި ޢިލްމާއަށް ނީދެވިގެން އަހާލިއެވެ.
މިއަޑަށް އީމާގެ ސަމާލުކަން އިއާންއާ ދިމާލަށް އެނބުރުނެވެ. އިންގޮތަށް އިނދެފައި މައްޗަށް ބެލިއިރު އިއާންގެ ލޯ އަދިވެސް ޝިއުނާއަށް ހުއްޓިފައި ހުރިތަން ފެނި އީމާވެސް ކޮޅަށް ތެދުވެއްޖެއެވެ. އެދެމީހުންވެސް އިށީނދެތިބީ ވެލިގަނޑުމަތީގައި އަޅާކަހަލަ ބޯ ރަޖައެއްގެ މަތީގައި ކަމަށްވިޔަސް އީމާ ތެދުވިއިރު ހެދުމުގައި ކޮންމެވެސް ވަރަކަށް ވެލި ހުއްޓެވެ. ކުޑަގޮތަކަށް ހެދުމުގެ ފަސްބައި ފޮޅާލާފައި ހެދުމުގެ އެއް އަރިމަތިން ހިފަހައްޓާލައިގެން ބޫޓާ ދިމާލަށް ދާން އެނބުރުނެވެ. ނަމަވެސް އަނެއްކާވެސް އިއާންގެ މޫނު ފެނުމުން އީމާއަށް ހުއްޓެވުނެވެ. ޝިއުނާ ފެނުނު ފަހުން އީމާ އެތަނުގައި ހުރިހެންވެސް އިއާންއަށް ހީނުވަނީބާވައޭ އީމާގެ ހިތަށް އެރިއެވެ.
އެއްޗެއް ބުނަން ބޭނުންވި ނަމަވެސް އިއާންގެ އާއިލާ އެންމެން ތިބި ތަނެއްގައި ހެދޭނެ މާ ބޮޑުގޮތެއް ނެތެވެ. ދެއްކޭނެ ވާހަކައެއްވެސް ނެތެވެ. އެކި މީހުންގެ މޫނަށް ވަކިވަކިން ބަލާލާފައި އަނެއްކާވެސް ބެލުނީ އިއާން އާއި ދިމާލަށެވެ.
"ސީރިއަސްލީ؟ މިތަނަށްވެސް؟" އެހެން މީހަކަށް އަޑު ނީވޭ ވަރަށް އީމާ އެހިއެވެ. އީމާގެ މި ސުވާލުން ލިބުނު ހައިރާންކަމުގައި އިއާންއަށް ބަލާލެވުނުއިރު އީމާގެ މޫނުން ފެންނަން ހުރި އަސަރަކީ ދުވަހަކުވެސް އީމާގެ މޫނުން އިއާން ފެނުނު ކަހަލަ ކުލަވަރެއް ނޫނެވެ.
"އައި ޑިޑް ނޮޓް...!!!" ގޮތްހުސްވެފައި ހުރި އިއާން ދަތްކުނޑި ވިކާލާފައި ޖަވާބު ދިނެވެ.
އިއާންގެ މޫނުމަތިން އާދަޔާ ޚިލާފު ހާސްކަމެއް އީމާއަށް ފާހަގަކުރެވުނެވެ. ލޮލުކޮޅަށް ޝިއުނާ ފެނިލިޔަސް އިއާންއަށް ހާދަވަރެއް ވެއޭ އީމާ ހިތަށް އެރިއެވެ.
"ހާދަވަރެކޭ ދޯ ތިވަނީ، އެހާ ދުރުގަހުރިއިރު ވެސް އޭނަގެ ބާރު ހާދަގަދައޭ ދޯ" ހިތަށް އައި އެތި ދުލުން ބުނެ އިއާންއަށް އީމާ މަލާމާތްކޮށްލިއެވެ. އިއާން ދައްކާ ވާހަކަ އީމާ ގަބޫލުނުކުރާތީ އިއާންއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.
"ޔޫ އާ ރޯންގް...އެކަން އަހަރެން ހަމަޖައްސާލާނަން، ވެއިޓް" މިހެން ބުނެފައި އިއާން ނެގީ އޭނަގެ ޖީންސްގެ ޖީބުގައި އޮތް ފޯނެވެ.
"ޔޫ އާ ސިކް، އަސްލުވެސް، މިކުޑަވަގުތުކޮޅަށްވެސް ނުހުރެވުނު ދޯ އޭނަ ނުފެނި، އަސްލު ބުނަން، ދިސް އިޒް އިޓް، އަހަންނަކަށް ނުވާނެ ދެން މިކަން، އިނަފް..." އީމާގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ.
މޫދު ލޮނުގަނޑުގެ އަޑާއި ވައިގެ އަޑާއެކުވެފައިވާތީ، އީމާ އެހާ ސިއްރުސިއްރުން އެ ދައްކާ ވާހަކައެއް އެކަކަށްވެސް ސާފެއް ނުވިއެވެ. އެންމެންވެސް ހީކުރީ އެދެލޯބިވެރިން އާދައިގެ މަތިން ކޮންމެވެސް ވާހަކައެއް ދައްކާލަނީ ކަމަށެވެ. ނަމަވެސް ވެގެން އެދިޔައީ އެއަށްވުރެ ބޮޑު ކަމެކެވެ. ދޮގުތަކެއްގެ މައްޗަށް ބިނާކޮށްވިޔަސް ފެށުނު ގުޅުމެއްގައި ޙަޤީޤީ ކުލަޖެހެން ފެށީ އިއްޔެ ހަވީރުއެވެ. މިއަދު އިރުއޮއްސެންވީއިރު އެ ގުޅުން އެ ދިޔައީ ކޫރު އެޅި ތަޅައިގެންނެވެ. ދެން ބާކީ ލިބޭނީ އެ ގުޅުމުން ފުނޑުފުނޑު ނުވެ އެއްޗެއް އޮތިއްޔާއެވެ. އީމާގެ އަޑާ ރާގާއި މޫނުމަތިން އެވަރު އިއާންއަށް ކަށަވަރުވިއެވެ.
އީމާ ބުނި އެއްޗެއް ބުނެފައި ދާން ހިނގައިގަތީ އެއްގަމާ ދިމާލަށެވެ.
"އީމާ، ޕްލީޒް..." އިއާންއަކަށް މީހުންގެ މޫނަކަށް ކަނދުރާއަކަށް ބަލާކަށް މުހިއްމެއް ނުވިއެވެ. އާދޭހުން ފޯވެފައި ހުރި އަޑަކުން މިހެން ބުނެވުނީ ގަސްތަކު ނޫން ކަހަލައެވެ. ކުރިޔަށް ނެގުނު ދެތިންފިޔަވަޅަކާއެކު އީމާގެ އުޅަނބޮށްޓާއި ދިމާލުން އަތުގައި ހިފުނެވެ. މިމަންޒަރާއި އަޑު އިވިފައި އެންމެންމެ އެ ދިމާލަށް އެނބުރުނެވެ. އެއްބަޔަކު ކޮޅަށްވެސް ތެދުވެއްޖެއެވެ.
"އަހަންނަކަށް ދެން ނުވާނެ...ޕްލީޒް ލެޓް މީ ގޯ." އީމާވެސް ކުރީ އާދޭހެވެ. ދިޔަދިނުމަށް އެދި އާދޭހެވެ. އިއާންއާއި ދިމާލަށް އީމާ އެނބުރުނުއިރު، ލޮލުން ކަރުނަ ނިރާލައިފިއެވެ. އަޑުން ގިސްލެވިއްޖެއެވެ.
އިއާންގެ އަތުތެރޭން އީމާ އޭނަގެ އަތް ދަމައިގެންފިއެވެ. ރުޅިއަކުން ނަފްރަތަކުން އަދި ގަދަ ބާރަކުންވެސް ނޫނެވެ. ހިތްކަތިލެވިގެން ދާ ހަގީގީ ލޯބިވެރިޔެއް ފަދައިންނެވެ. އީމާ ހިނގައިގަތީ އެއްގަމާ ދިމާލަށެވެ. ލައިގެން ހުރި ރަތްކުލައިގެ ހެދުން ކަނައަތްފަރާތުން ކޮށި ކޮށް، ހިފަހައްޓާލައިގެން، އަނެއް އަތުގެ ނުފުށުން ކޯފަތްމަތި ފޮހެމުންނެވެ. މާބޮޑު ރުއިމެއް ނުރޮވުނު ނަމަވެސް އެންމެ ކަރުނަތިއްކެއްވެސް އިއާންއަށްޓަކައި އެ ލޮލުން ފޭބިޔަދޭކަށް އީމާ ބޭނުމެއް ނުވިއެވެ.
އަތުން ދޫވެގެން ދިޔަ ރީތި އަންހެންކުއްޖާއާ ދިމާލަށް ބަލަހައްޓައިގެން ހުރި އިއާންއަށް އީމާގެ ފައިތިލަ ފެނުނީ އެވަގުތުއެވެ. ހުސް ފައިގައި އަކިރިތަކާއި ވިނަތައް ތެރޭގައި އިނާގެ ފައިތިލަ އަޅަމުންދާތަން ފެނުމުން އިއާންގެ ހިތަށް ތަދުވިއެވެ. ބަލާލިއިރު އީމާގެ ބޫޓް އެމީހުން ތިބި ދިމާލުން އެއްފަރާތުގައި ބަހައްޓާފައި ހުއްޓެވެ. ދެއުކުޅުގައި އަތްވިދި ގޮތްހުސްވެފައި ހުރި އިއާންއަށް އަނެއްކާވެސް ބަލާލެވުނީ އީމާއާ ދިމާލަށެވެ. އީމާގެ ރީތި މަޑު ދެފައިތިލައިން އެ ގާތަކާއި ވިނަތަކުގެ ތެރެއިން ހިނގާފައި އެއްގަމަށް އެދަނީ ފައިތިލައަށް ވާ ތަދަކަށްވެސް ސަމާލުކަމެއް ނުދީއެވެ.
އިއާންއާ އެކު މިމަންޒަރުބަލަން އެންމެންކަހަލަ ގޮތަކަށް ކޮޅަށް ތެދުވެ ތިއްބެވެ. ލިބުނު ހައިރާންކަމުގައި ތިބެވުނީ އެއްޗެއް ބުނަންވެސް ނޭނގިފައެވެ. ވީކީއްކަމެއް ނޭނގޭތީ އެކަކަށް އެއްވެސް ކަމެއްވެސް ނުކުރެވުނެވެ.
"ކިހިނެއްވީ އިއާން؟ ކީއްވެ އީމާ އެ ދިޔައީ...؟" އެންމެންގެ ތެރެއިން އައިސް އިއާންކައިރިއަށް ހުއްޓިފައި މިހެން އެހީ އިއާންގެ މަންމަ އާލިޔާއެވެ.
އިއާން ދޭނީވެސް ކޮން ޖަވާބެއް ހެއްޔެވެ. ޖަވާބެއް ނުދެވުނެވެ. މަންމަގެ މޫނަށް އެއްފަހަރު، އެއްގަމާއި ދިމާލަށް އެއްފަހަރު ބަލާލާފައި އަނެއްކާވެސް މަންމައާއި ދިމާލަށް ބަލާލެވުމުން އިއާންއަށް އިސް ޖެހުނެވެ.
"ތެދެއް އިއާން، ކިހިނެއްވީތަ؟ ޢިލްމާވެސް އިއާން ކައިރިޔަށް ދިޔައެވެ. އިލްމާގެ ފަހަތުން ހައްވައެވެ. ހައްވަގެ ފަހަތުން ރައުނާއެވެ. ހިނދުކޮޅަކުން އިއާންއަށް ހުރެވުނީ އެ އެންމެންގެ ކުރިމަތީގައެވެ. ތަންކޮޅެއް ދުރުގައި އިއާންގެ ބައްޕަ ރިޒްވީވެސް ބަލަހައްޓައިގެން ހުއްޓެވެ. ވީ ކިއްކަމެއް ރިޒްވީއަކަށްވެސް ނުވިސްނުނެވެ. ބަލަހައްޓައިގެން ހުރެވުނީ ވަމުން ދާ ގޮތަށެވެ.
"މޮމް ފަހުން...." ދެވަނަ ފަހަރަކު ޝިއުނާހުރި ދިމާލަށް އެނބުރިވެސް ނުލާ، އީމާގެ ބޫޓް ނަގައިގެން އެއްގަމާއި ދިމާލަށް ދުއްވައިގަންނަމުން އިއާން ބުނެލިއެވެ. ކޮސްވެފައި ތިބި މީހުން ހަމަ އެހެން ތިބީއެވެ. އިއާންއަކަށް އެވަގުތު ހެދޭނެ އެހެން ގޮތެއް ނެތެވެ. އެހެން ހުރިހާކަމަކަށްވުރެ އިއާންއަށް މުހިއްމުވީ އީމާ ހުއްޓުވުމެވެ.
އީމާ ދިޔަ މަގުން އިއާން ދިޔައީ ދުވެފައެވެ. ހަމަ މަގަށް ނުކުމެވުމުން ދެކޮޅު ބަލާލިއިރު އެއްވެސް ކޮޅަކުން އީމާ ފެންނާކަށް ނެތެވެ. އިއާން ދުއްވައިގަތީ އެންމެ އަވަހަށް ފެރީއަށް ދެވޭނެ ކޮޅަށެވެ. ދެކޮޅުބަލަމުން ގޯޅިތައް ބަލަމުންނެވެ. ރަތްކުލައިގެ ހެދުމެއްގައި އީމާ ހުރުމުން ފަސޭހައިން ފާހަގަވާނެކަން އެނގޭތީ އެ ކުލައަށް ސަމާލުކަން ދެމުންނެވެ. މާ ދުރަކަށްވެސް ނުދެވުނެވެ. އިއާންއަށް ހުއްޓެވިއްޖެއެވެ. އީމާ ފެނިގެންނެވެ. އެކަމަކު އީމާ ހުރީކީ މަގަކު ނޫނެވެ. ގޯޅިއަކުވެސް ނޫނެވެ. އީމާ ހުރީ ޝިއުނާއާއި ވާހަކަ ދައްކަން ގަސްތަކުގެ ތެރޭގައެވެ. ޝިއުނާ ކައިރިއަށް އީމާ ދިޔައީހެއްޔެވެ؟ އީމާ ދަނިކޮށް ޝިއުނާ ހުއްޓުވީ ހެއްޔެވެ؟ އެދެމީހުން ވާހަކަދައްކަން ތިބޭތާ ވީ ކިހާ އިރެއްހެއްޔެވެ؟ ޚުދު އޭނައަށް އީމާ ފަހަތުން ދުއްވައިގަނެވުނުތާ ވީ ކިހާއިރެއްބާވައެވެ. އިއާންއަކަށް ނޭނގެއެވެ. ދުވެފައި ގޮސް އީމާމެންކައިރިއަށް އިއާން ހުއްޓުނެވެ.
"ވަޓް ދަ..." އިއާންއަށް ޖުމްލަ ނުވެސް ނިންމުނެވެ. ޝިއުނާ ރޯތަން ފެނިފައި އިއާން ވިރުނު ކަހަލައެވެ.
"ކިހިނެއްވެގެން ތިއުޅެނީ؟ ކީއްކުރަން މިތަނަށް ތިއައީ؟" އިއާންގެ ހިތަށް އެތައް ސުވާލެއް އެރިނަމަވެސް ކުރެވުނީ އެންމެ ދެ ސުވާލެވެ.
އީމާގެ މޫނަށް ބަލާލާފައި ޝިއުނާ އެމީހުންނަށް ފުރަގަސްދިނެވެ.
"އީމާ، ލިސްން، އަހަންނާ ޝިއުނާއާއި ނޯންނާނެ އެއްވެސް ގުޅުމެއް، އީމާކައިރީ އަހަރެން ނުބުންޏަސް އެކަން ޝިއުނާއަށް އެނގޭނެ، އަހަރެން ފުރުމުގެ ދެ ދުވަސްކުރިން ޝިއުނާއާއި އަހަންނާ ގުޅުންކެނޑިއްޖެ، އަހަރެމެން ކިތަންމެ ދުވަހަކު ރައްޓެހިވެގެން އުޅުނަސް ވީ ކާންޓް މެރީ، އެކަމެއް ދުވަހަކުވެސް ނުވާނެ، އެކަން އެނގޭތީ އަހަރެމެން ދެމީހުން ވާހަކަ ދައްކާފަ އެގޮތަށް ނިންމީ، އެކަން ވަރަށް ސާފުކޮށް ޝިއުނާއަށް އެނގޭނެ. އޮޅިގެން މީހަކު އުޅޭކަށް ނުޖެހޭނެ، ބޯސަކަރާތް ނޫނިއްޔާ މިގޮތަށް އަހަރެންގެ ޕޭރެންޓުން ކުރިމައްޗަށް ޝިއުނާ އައިސްގެންވެސް ނުވާނެ." ނުލާހިކު ރީތިކޮށް ވާހަކަ ދައްކައިގެން ހައްލުކޮށްފައި އޮތް މައްސަލައެއް ހިފައިގެން އިއާންގެ ޢާއިލާ މީހުންނަށް ފެންނަ ހިސާބަށް ޝިއުނާ އައީތީ އިއާން ރުޅިއައެވެ. އިއާން ނިންމައިގެން ހުރި ގޮތް ޚުދު އޭނައަށް އެނގޭތީ އިއާން ހުރީ ހަމަޖެހިފައެވެ. އޭނައާއި ޝިއުނާއާއި އެއްވެސް ގުޅުމެއް މިހާރު ނެތްކަން އޭނައަށާއި ޝިއުނާއަށް އެނގޭނެއެވެ. ނޭނގެނީ އީމާއަށް އެކަންޏެވެ.
"ޝިއުނާ ޕްރެގް، އެންޑް އިޓްސް ޔޯރ ބޭބީ." ޝިއުނާ އިނީ އިއާންގެ ދަރިއަކަށް ބަލިވެކަން ވަރަށް ކުރު ޢިބާރާތަކުން އީމާ ބުނެލަދިނެވެ. ވަރަށް މަޑުމައިތިރި އަޑަކުންނެވެ. އަދި އެހެން ބުނެފައި، އިއާންގެ މޫނުގެ އަސަރުތައް ދެކެން ބޭނުންވެގެން އެ މޫނަށް ބަލަހައްޓައިގެން ހުރެއްޖެއެވެ.
"ވަޓް... ؟؟ ކީކޭ ދެންމެ ތިބުނީ؟" އިއާންއަށް ހަގީގަތުގަ ވެސް އަޑުއިވުނީ ގޯސްކަމަށް އިއާންއަށް ޔަގީނެވެ. އެފަދަ ވާހަކައެއް ހަގީގަތަކަށް ވާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.
"އިއާން އަމިއްލައަށް އަހާ." ހަމަ ކުރީގެ ރާގުގައި މިހެން ބުނެލުމާއެކު އިއާން އަތުގައި އޮތް އޭނަގެ ބޫޓް ޖަހައިގަނެގެން އެއްގަމާއި ދިމާލަށް އީމާ ހިނގައިގަތެވެ. ބޫޓަށް އެރީވެސް ހަމަ މަގަށް ނުކުމެވުމުންނެވެ.
ޓާމިނަލްއާއި ވީކޮޅަށް ހިނގައިގަތް އީމާ ހުއްޓުވަން ދާން އިއާން ކޮންމެހެންވެސް ބޭނުންވިއެވެ. އެކަމަކު ކައިރީގައި ފުރަގަސްދީގެން ހުރި ޝިއުނާއަށް ވެގެން އުޅޭ އެއްޗެއްވެސް އޭނަ އަހަން އެބަޖެހެއެވެ. އީމާ އެބުނީ ކީކޭތޯ ބަލަން ކޮންމެހެންވެސް ޖެހެއެވެ. މިއަށްވުރެ މުނާސަބު ވަގުތެއް އެކަމަކަށް ނުލިބޭނެއެވެ. އީމާ ފެރީއަށް އެރުމުގެ ކުރިން އީމާ ހުއްޓުވަން ދާން ޢަޒުމް ކަނޑައަޅައިގެން ޝިއުނާއާއި ކުރިމަތިލިއެވެ.
"ކިހިނެއްވެގެން ޝިއުނާ ތިއުޅެނީ؟ ވީ އާރ ޑަން، އެންޑް ޔޫ ނޯ ދެޓް، ސޯ މިތަނަށް އައީ ކީއްކުރަން، ދެމީހުން އެއްބަސްވީ އެގޮތަށް، ރިމެމްބަރ..؟" އިއާންއަށް ހީކުރެވުނީ އޭނަ ހާސިލުކުރުމަށްޓަކައި ޝިއުނާ ފާޑުފާޑުގެ ވާހަކަ ދައްކަނީކަމަށެވެ.
"ޝިއު...؟ އެއީ ތެދެއްތަ އީމާ އެބުނީ، އާރ ޔޫ...ޕްރެގްނަންޓް؟" ޝިއުނާގެ އެ ހަމަހިމޭންކަމުގެ ސަބަބަކީ ކޮބާހޭ އަހާލާ ކަހަލަ ގޮތަކަށް އިއާން ގޮވާލިއެވެ. ބަލިވެއިނީތޯ އިއާންއަށް އެހުނީވެސް އަޅައަޅައިގެންފައެވެ. ގަސްތުގަ ނޫންވިޔަސް ޝިއުނާގެ ކުޑަކޮށް ބޮޑުވެފައިވާ ބަނޑަށާއި ވަރަށްބޮޑަށް ދުޅަވެފައިވާ ފައިތިލައަށް އިއާންއަށް ބަލާލެވުނެވެ. ފަރުވާތެރިކަމާއެކުގައެވެ. ޝިއުނާ ޖަވާބު ނުދިންނަމަވެސް ޝިއުނާގެ ބަނޑަށާއި ފައިތިލައަށް ބަލާލުމުން ބަނޑުބޮނޑުކަން ޔަގީންވުމުން އިތުރަށް އެކަމާ ސުވާލުނުކޮށް އިއާން ކުރީ އޭނައަށް ނޭނގިއޮތް ވަރަށް ބޮޑު ކަމެއްގެ ސުވާލެވެ.
"މެރީކުރީތަ؟ ކާކާ؟ " އަވަސްގޮތަށް އިއާންއަށް އަހާލެވުނެވެ. އޭނައާއި ގުޅުމެއް ނެތްނަމަވެސް މެރީކުރަންޏާ އޭނައަށް ނައަންގާނެއެކޭ އިއާން ހިއެއް ނުކުރެއެވެ.
ޝިއުނާ އިސް އުފުލާފައި އިއާންއާއި ހަތަރުކަޅި ހަމަކުރީ އެވަގުތުއެވެ. އެ ސުވާލު އިއާން ކުރުމުންނެވެ. ނުރުހުމާއެކުގައެވެ.
"ނުކުރަން..." ހިތިގޮތަކަށް ޝިއުނާގެ ޖަވާބު ލިބުނެވެ.
"ނުކުރަން؟ ދެން؟ ކާކުގެ؟ އޯމައިގޯޑް، ވަޓްއިޒް ދިސް..؟" މީހެއްގެ ބުނުމަކާނުލާ އިއާންއަށް ހުރިހާ އެއްޗެއްވެސް ކުއްލިއަކަށް ވިސްނިއްޖެއެވެ. ޖުމްލަ ފުރިހަމަކުރަންވެސް އުނދަގޫވާކަހަލަ ތުރުތުރެއް ހަށިގަނޑުގައި ހިނގައިގަތެވެ. ބިރުން ރޫރޫ އަޅައިގަތެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި އިއާންއަށް ހުރިހާ އެއްޗެއް ސާފުވެއްޖެއެވެ. ޝިއުނާ އެ ކިޔަނީ ކީކޭ ކަމާއި ވެގެން މި އުޅެނީ ކިހިނެއްކަން އިއާންއަށް ވިސްނިއްޖެއެވެ.
"ރަނގަޅަށް ތިހީވީ." ޝިއުނާ މަޑުމަޑުން ބުނެލި މި ޖުމްލައިން އިއާންގެ ދުނިޔެ ފުނޑުފުނޑު ވެގެންދިޔަހެން އިއާންއަށް ހީވިއެވެ. އެހެންނަމަވެސް ވީ ހިނދުކޮޅެކެވެ. ގަދައަޑުން އިއާން ހީގަތެވެ.
"ތިނޫން ޓްރިކެއް ހަމަ ނުޖެއްސުނީތަ؟ ސީރިއަސްލީ؟" އިއާން ހެނީއެވެ. ދެކަކުލުގައި އަތްއަޅައިގެން ގުދަށް އޮވެ ހީހީފައި ކޮޅަށްތެދުވިއިރުވެސް ޝިއުނާ ހަމަ އެހުރިގޮތަށް ހުއްޓެވެ.
"އިއާންއަށް ހީވަނީ ކޮންމެ މީހަކީވެސް އިއާންކަހަލަ މީހެއްކަމަށްދޯ؟ ޓްރިކް ޖައްސަން އިއާން ފަރިތަވިޔަސް އަހަރެން ނުޖައްސަން ޓްރިކެއް. އަހަރެންގެ ބަނޑަށް ފަސްމަސްވެއްޖެ، އިއާންއަށް ހަމަ ރަނގަޅަށް އެނގޭނެ އިއާން ފުރުމުގެ ހަތަރު ދުވަސްކުރިންވެސް ، އެއްހަފްތާ ކުރިންވެސް އަދި ދެހަފްތާކުރިންވެސް އިއާން އަހަންނާއެކު ނިދިކަން، އަދި އޭގެ ކުރިންވެސް ނިދިކަން، ދެން ކޯޗެއް ނޭނގިގެން ތި އުޅެނީ؟" މިހުރިހާ ދުވަހު ހިނިއައިސްފައި ލޯތްބާއެކު އިއާންއާއި ވާހަކަ ދައްކާ ޝިއުނާގެ އަޑާރާގުގައިވެސް ވަނީ އިންތިހާ ހިތާމައެވެ.
އިއާންގެ ބަސްމަދުވިއެވެ. ވިސްނުންތެރިކަމާއެކު ބަލަހައްޓައިގެން ހުރެވުނީއެވެ. ޝިއުނާ އެ ބުނީ ތެދެކެވެ. އެކަމާ އިއާންއަށް އިންކާރު ކުރެވެން ނެތެވެ. ޝިއުނާއާއި ރުޅިވުމާއި ހަމައަށްވެސް އެދެމީހުން ބައްދަލުކުރިއެވެ. އެކުގައި "އެކަނިވެރި" ވަގުތުތައް ހޭދަކުރިއެވެ.
އަހަރެން ބަނޑުބޮޑުކަން އަހަރެންގެ ޢާއިލާގެ އެއްވެސް މީހަކަށް އަދި ނޭނގެ، އެނގުމުގެ ކުރިން އިއާންކައިރިއަށް މިއައީ...އަހަރެންގެ އެއްވެސް ކޯލެއް ނުނަގާތީ، އެއްވެސް މެސެޖަކަށް ޖަވާބު ނުދޭތީ މަޖްބޫރުވެގެން މިތަނަށް މި އަންނަން ޖެހުނީ" އަނދިރިކަމުގެ ތެރެއިން އަލިކަމަށް އެދިގެން އައިސްހުރި ޝިއުނާ އޭނަގެ ހާލަތު ބަޔާންކުރަމުން ދިޔައެވެ.
"އައި ރިއަލީ ހޭވް ނޯ އައިޑިއާ" ޝިއުނާގެ އެވާހަކަތައް އަޑުއަހާފައި އަވަހަކަށް އިއާންއަށް ބުނެވުނެވެ.
"އަހަންނާ މެރީކުރަންވީނު، ޕްލީޒް. މެރީކޮށްފަ ކުޑަދުވަސްކޮޅަކުން ޑިވޯސްކުރިޔަސް އެއްވެސް ޝަކުވާއެއް ނުކުރާނަން، ޕްލީޒް" ޝިއުނާގެ ލޮލުން ކަރުނައިގެ ދެތިކި ފައިބައިގެން ދިޔައެވެ.
ޝިއުނާ އެކަމަށް އެދުނު ނަމަވެސް އެދެމިހުންގެ ކައިވެނި ކީއްކުރަންހެއްޔެވެ، ވާހަކަ ދައްކާކަން އިއާންގެ ޢާއިލާއަށް އެނގުނަސް އެތައް ގޮވުމެއް ގޮވައި ރޯވުންހާ ނުރައްކާވާނެކަން ޚުދު ޝިއުނާއަށް އެނގެއެވެ. އެ އެދެވުނު ކަމުގެ ބޮޑުކަމުން ޝީއުނާއަށް ހުރެވުނީ އެއް އަތުން އަނެއް އަތުގެ ޝަހާދަތް އިނގިލީގައި ބާރަށް ހިފަހައްޓައިގެންނެވެ. އަމިއްލަ ނަފްސަށް ހިތްވަރު ހޯދަން މަސައްކަތް ކުރާ ކަހަލަ ގޮތަކަށެވެ.
ހަށަން ބަނދެލައިގެން ހުރި އިއާންއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ގަސްތަކުތެރޭން މޫދާ ދިމާލަށް ބަލަން ހިމޭންކަމާއެކު ހުރިއިރު އީމާ މަތިން އިއާންގެ ހަނދާނެއްވެސް ނެތެވެ. އެހެން ހުރިއިރު ބީޗްގައި ތިބި މީހުންތައް ތިބީ ޕާޓީ ނިންމާލާފައި އަންނަންވެފައި ކަމާއި، އެތަނުގައި ޝިއުނާއާއި ވާހަކަ ދައްކަން އެ ހޭދަވި ފަނަރަ ވަރަކަށް މިނެޓް ތެރޭގައި އެ އެންމެންކަހަލަ ގޮތަކަށް އެއްގަމަށް އަރައިގެން އަންނަކަމެއްވެސް އިއާންއަކަށް ހިލަން ނުވެއެވެ. ޝިއުނާވެސް ހުރީ އިއާންގެ ޖަވާބެއްގެ އިންތިޒާރުގައެވެ. ދެމީހުންގެ ދުނިޔެވެސް ފުނޑުފުނޑުވެފައެވެ. ދެމީހުންވެސް ތިބީ ގޮތް ހުސްވެފައެވެ.
"އަހަރެން....." އެތައް ވިސްނުމަށްފަހު ކޮންމެވެސް އެއްޗެއް ބުނަން އެނބުރިލި އިއާންއަށް ފެނުނީ ހައެއްކަ ފޫޓް ދުރުގައި އިއާންގެ އާއިލާ މީހުން ހުއްޓިލައިގެން ތިއްބައެވެ. އެންމެ ކުރީގައި ހުރީ މަންމަ އާއި ބައްޕައެވެ.
"ޔޫ ނީޑް ޓު ގޯ..." ކުރިން ބުނަން އުޅުނު އެއްޗެއް އެހިސާބުން ހުއްޓާލާފައި، އިއާން ބުނީ ޝިއުނާ އެތަނުން ވީހާވެސް އަވަހަކަށް ދިއުމަށެވެ. އެއާއެކު ޝިއުނާއަށް ބަލާލެވުނީ އިއާންގެ ލޯ ހުއްޓިފައި ހުރީ ކޮން ދިމާލަކަށްތޯއެވެ.
ނުވާންވީ ހުރިހާ ގޮތެއްވެސް ވީ އެ ވަގުތުއެވެ. އެތައް އަހަރުތަކެއްވަންދެން ޝިއުނާއާއި ރައްޓެހިވެގެން އުޅުނުއިރުވެސް އިއާންގެ ހިތުގައި އޮތް ބިރަކީ އެ ވަގުތެވެ. އެވަގުތު އައިސް ޖެހިދާނެތީ އޭނަ ހުރީ އަބަދުވެސް ސަމާލުވެގެންނެވެ. އެކަމަކު އަޅާނުލެވުނު އެންމެ ފަހަރަކުން ހުރިހާ ކަމެއް ހަލާކުވީއެވެ. މަންމައާއި ބައްޕައަށް ޝިއުނާ ފެނުނީއެވެ.
"ގޯ....މިވަގުތު ދޭ، އަހަރެން ފަހުން ގުޅާނަން." އަނގަމައްޗަށް އަތްތިލަ ހުރަސްކޮށްލައި، ބަލަން ތިބި މީހުންނަށް ނޭނގޭނެހެން އިއާން އެދުނެވެ. ހަމަ އެއާއެކު ޝިއުނާވެސް ހިނގައިގަތެވެ. އެއްގަމަކަށް ނޫނެވެ. އީމާއާއި ދިމާކުރަން މޫދުން އަރައިގެން އައި ދިމާލުން އަނެއްކާވެސް އެ ދިމާލަށް ޝިއުނާ ފޭބިއެވެ. ޝީއުނާގެ ހިތް ބިރުން ވިރެއެވެ.
ނޭނގޭ ކަމަށް ހަދާފައި ދެވެންނެތުމުން އިއާން އައިސް ޢާއިލާ މީހުން ކައިރިއަށް ހުއްޓުނެވެ.
"ޒަރީރުގެ ޝިއުނާތަ އެއީ؟" އިއާންގެ ބައްޕަ ރިޒްވީގެ އަޑުގައި ހުރީ ހަރުކަށި ގޮތެކެވެ. މަންމައާއި ބައްޕަގެ މޫނަށް ވަކިވަކިން ބަލާފައިވެސް އިއާންއަށް ޖަވާބުދޭން ދަތިވިއެވެ. އަޑެއް ނުނިކުތެވެ.
"އިއާން، ޒަރީރުގެ ކުއްޖާތަ އެއީ؟" ދެވަނަ ފަހަރަށްވެސް ރިޒްވީ ސުވާލު ކުރިއެވެ.
ބިންމަތީގައި ދެފަހަރަކު ބޫޓުކުރި ކާއްތާލާފައިމެ އިއާން އިސްއުފުލިއެވެ. އެކަމަކު ޖަވާބެއް ނުދެވުނެވެ. ހަމަ އެކަނި ބޯ ހަލުވާލެވުނީއެވެ.
ރިޒްވީ އެނބުރުނީ އާލިޔާ އާއި ދިމާލަށެވެ. އާލިޔާއަށް ދުރަށް ބަލާލެވުނެވެ. އެތަނުގައި ތިބި އެހެން އެންމެންގެ ހިތުގައިވެސް ހިނގައިގަތީ އާލިޔާގެ ހިތުގައިވެސް ހިނގައިގަތް ބިރުވެރިކަމެވެ.
ދަނޑިވަޅާއި ވަގުތުގެ ނާޒުކު ކަމަށް ވިސްނާފައި އިއާން ވިސްނީ އެތަނުން ދިއުމަށެވެ. ފޯނުން އީމާއަށް ގުޅަމުން ފެރީއަށް ދާމަގުން ކުރިއަށް ހިނގައިގަތީއެވެ. ޝިއުނާ ފެރީއަށް އެރުމުގެ ކުރިން ހުއްޓުވުމަށެވެ.
ރިޒްވީ އާއި ދެންވެސް އެ އާއިލާގެ ތިބިހާ ބަޔަކު ހައިރާންކަންމަތީގައި އިއާން އާއި ދިމާލަށް ބަލަހައްޓައިގެން ތިބީއެވެ. އެއްބަޔަކު ފަހަތަށް ޖެހި މަޑުމަޑުން ކުޗުކުޗު ލައްވަމުން ދިޔައެވެ.
"ދޮންތަބެ ނުހުންނާނެ މަޑަކުން، ބަލައްޗޭ." އާލިޔާގެ ކޮއްކޮ ޢިލްމާއަށް ކަމުގެ ހަގީގަތް އެނގޭތީ ޔަގީންކަމާއެކު ބުންޏެވެ.
"ހަތްއަހަރުވީއިރުވެސް އިއްޔެވީ ކަމެއްހެން އަހަރެމެން އެ ހަނދާން އެބަހުރި، ކިހިނެއް ދެން ރިޒްވީ ހަނދާން ނެތޭނީ." ރައުނާގެ މަންމަވެސް ބުނެލިއެވެ.
"ކިހިނެއްވީތަ...ކޮން އަންހެންކުއްޖެއްތަ؟" ކަމުގެ އެއްވެސް މިންވަރެއް ނޭނގޭ މީހަކު އެތަނުން ސުވާލު ކުރިއެވެ.
"އިއާން ހުއްޓެއްނު އަންހެންކުއްޖަކާ ވާހަކަ ދައްކަން، އެއީ ދޮންތަބެގެ ކޮއްކޮ ރައިހާނާއާ އެކްސިޑެންޓްވި މީހާ، އޭނަގެ ސައިކަލުން ޖެހިފައި ރައިހާނާ މަރުވީ، ރައިހާނާއަކީ އެގޭ ދެކުދިންގެ ތެރެއިން ހަގު ކުއްޖާ، ދޮންތަބެއަކީ ދޮށީ، ދެން ކަލޭމެން ވިސްނާލާ ވާނެގޮތް" ޢިލްމާ ވަރަށް ތަފްޞީލުކޮށް ކިޔައިދިނެވެ.
އެވާހަކަ ބުނުމުން އެތަނުގައި ތިބި އެންމެންނަށްވެސް އެ އެކްސިޑެންޓް ހަނދާންވިއެވެ. އެއީ އެ ޢާއިލާ އެންމެންވެސް ދަންނަ ވާހަކައެކެވެ.
ރައިހާނާގެ މަރުގެ ފަހުން ޒަރީރު އާއި ރިޒްވީ އާއި ދެމެދުގައި ބޮޑެތި މައްސަލަތަކެއް ޖެހި ނަފްރަތު އުފެދުނެވެ. އެ މައްސަލަ ޕޮލިހުން ތަހްގީގު ކުރިއެވެ. އޭގައި ޒަރީރުގެ އެއްވެސް ކުށެއް އޮތްކަމަކަށް ނުފެނުނެވެ. ނަމަވެސް އެދެމީހުން ދަންނަ އެންމެންވެސް ގަބޫލު ކުރާ ގޮތުގައި އެއީ ޒަރީރު ގަސްތުގަ ކުރި ކަމެކެވެ. ހަރުދަނާކަމެއް ނެތް ދިރިއުޅުމެއް އުޅެމުން އައި ޒަރީރު ރައިހާނާގެ ފަރާތުން ލޯތްބަށް އެދި އާދޭސްކުރަން ފެށީ ސްކޫލް ދައުރުއްސުރެންނެވެ. އެކިކަހަލަ ޖެއްސުމާއި ދުއްތުރާ ކުރުމުގައި ޒަރީރު ދެމިހުއްޓެވެ. އެންމެ ފަހުން ކައިވެންޏެއް ކުރިފަހުންވެސް ޒަރީރު އުޅުނީ ރައިހާނާގެ ފަރާތުން ދެވަނަ އަންބަކަށް ވާން އެދެމުންނެވެ. ޒަރީރުއަށް ދަރިއަކު ލިބުނުފަހުންވެސް ޒަރީރުގެ އެ އަމަލަށް ބަދަލެއް ނާދެއެވެ. އެ ސައިކަލުން ޖެހި ރައިހާނާ ފަހު ނޭވާލަންދެންވެސް ޒަރީރު އުޅުނީ ރައިހާނާ ހާސިލް ކުރެވޭތޯއެވެ. ކުށަށް އިޢުތިރާފް ނުވުން އެއީ ރިޒްވީ ޢުމުރު ދުވަހަށްވެސް ޒަރީރުއަށް މަޢާފް ނުކުރި ކަމެކެވެ. ރައިހާނާއަށްޓަކައި ލޮލުން ކަރުނަތިއްކެއްވެސް ޒަރީރު ވައްޓާނުލުން އެއީ ޒަރީރު ދެކެ ރިޒްވީ އިންތިހާއަށް ނަފްރަތު ކުރި ސަބަބެވެ.
***
އިއާންފެރީއަށް ދިޔައިރު އީމާއެއް ނެތެވެ. މާލެ ދާން ފެރީއަކަށް އެރުމުގެ ކުރިން އެންމެ ފުރަތަމަވެސް އެއްވެސް ދިމާލަކުން އީމާ ފެނޭތޯ ހޯދިއެވެ. ހޯދާހޯދާ ނެތްކަން ކަށަވަރުވުމުން އެންމެ އަވަހަށް ފުރަން އޮތް ފެރީއަށް އިއާންވެސް އަރައިފިއެވެ. -- ނުނިމޭ --