އިއާންއަކީ ދުވަހަކުވެސް މަންމަގެ އަޑުލުމެއް ނަފުރަތެއް ނުލިބި ބޮޑުވި ރަންދަރިއެކެވެ. މިރޭ މަންމަ ކޮޓަރިން ނުކުމެގެން ދިޔައީ އިސްޖެހި ކަރުނަ ފައިބާފައިބާ ހުރި ލޮލަކާއެކުގައެވެ. މަޖަލާއި އުފަލުގައި ހޭދަކުރި ޒުވާން ޢުމުރުގެ ދިފާޢުގައި ދައްކާނެ އެއްވެސް ވާހަކައެއް އިއާންގެ ނެތެވެ. ފިކުރެއްނެތި ހޭދަކުރި މަޖާ ދުވަސްތައް އިއާންގެ ކަރުބުޑުގައި ހިތިރަހަ ލައްވައިފިއެވެ.
ހުރިހާ މަގެއް ބެދި ލޮލުކޮޅަށް ވެސް އަލިކަމެއް ނުފެނި، ހިތާމަ އާއި މާޔޫސީގައި އެނދުމައްޗަށް ވެއްޓިގެން އޮތް އިއާންގެ ލޮލަށް ނިދީގެ އަސަރު ވެރިވާން ނެގީ ސާޅީސްވަރަކަށް މިނެޓެވެ. ދޮރުގައި މީހަކު ތަޅައިގަތީ ލޯމެރުނު ވަގުތުއެވެ.
އެއީ ކާކުކަން އިއާންއަށް އެނގުނެވެ. ދޮރުހުޅުވަން ދާނެ ހިތްވަރު ނުލިބުނީ އެހެންވެއެވެ.
އިއާންގެ ޚަބަރެއް ނުވިނަމަވެސް ބޭރުން ދޮރުގައި ތަޅައިގަތްމީހާ ދޮރު ހުޅުވިއެވެ. އިއާން ހީކުރިހެން ދޮރުން އެތެރެއަށްވަނީ ރިޒްވީއެވެ. ބައްޕައެވެ.
"އަހަރެން އެންމެ ނަފްރަތު ކުރާ މީހާގެ ދަރިޔާ ގުޅުމެއް އޮތީކީ އެކަންޏެއް ނޫން، އަހަންނަށް ކާފަ ކިޔަނީވެސް އޭނައަށް ލިބޭ ދަރިއެއް؟ އެވެސް ނަހަލާލަށް؟" ސުވާލެއް ގޮތަށް ރިޒްވީ އޭނަގެ ދަރިފުޅު ކުރިމައްޗަށް ހުއްޓިހުރެ އަހާލިއެވެ. އިރުއޮއްސުނުއިރު އޭނައަށް އެނގުނީ ޝިއުނާ އާއި އިއާންގެ ކޮންމެވެސް ކަހަލަ ލޯބީގެ ގުޅުމެއް އޮތްކަން އެކަންޏެވެ. ޝިއުނާ ބަނޑުބޮޑުކަމުގެ ވާހަކަ އެނގުނީ ދެންމެއަކު ގެއަށް އައިއިރު އަޑުން އަޑުނަގާ ރޯން ކޮޓަރީގައި އިން އޭނަގެ އަންހެނުންގެ ފަރާތުންނެވެ.
އިއާން އިސްވެސް ނުއުފުލައެވެ. ދެއަތް އެނދުގައި ވިއްދައިގެން ދެކޮނޑު އުފުލައިގެން ބިންމައްޗަށް ބަލަން އިންއިރު އިއާންއަށް އޭނަގެ ބައްޕަގެ ފައިތިލަ ފެނެއެވެ. މަޢާފަށް އެދި އެ ފައިތިލަދަށަށް ވެއްޓެން އިއާންގެ ހިތް ކިތަންމެހާވެސް ބޭނުންވިއެވެ. އެކަމަކު އެފަދަ ހަރަކާތެއް ކޮށްލާނެ ހިތްވަރުވެސް އިއާންގެ ކިބައަކު ނެތެވެ. މަޢާފަކީ ދެން އޭނަގެ ޢާއިލާއިން އޭނައަށް ދުވަހަކުވެސް ދީފާނެ އެއްޗެއްހެން އިއާންއަށް ހީނުވަނީއެވެ.
"ކިހިނެއް އިއާންއަށް މަންމައާއި ބައްޕައަށް މިވަރުގެ އަނިޔާއެއް ދޭން ކެރުނީ؟ ތިއީ އެއް އަތުން ބޭނުންކުރަން ނޭނގޭ، އެއްފައިން ރަނގަޅަށް ހިނގަން ނޭނގި ބޮޑުވި ކުއްޖެއް، މިއަދު އިއާންގެ ކަންތައް ތިހިރަ ގޮތަކުން އެ ދުވަހު އެ އަތާ އެ ފައި ބޭނުންކުރަން އެތައް އަހަރެއްގެ ތެރަޕީ ނުދެވުނު ނަމައޭ ހިތަށް އަރާ." މަންމަ ފަދައިން ބައްޕަ ނުރުއިނަމަވެސް، ބައްޕަގެ އަނގައިން ބޭރުވާ ޖުމްލަ ދިޔައީ އިއާންގެ ހިތް ކަތިލާފައެވެ. އަމިއްލަ ނަފްސުގެ އަގުވެސް ޚުދު ތިމާ ކުރިމަތީގައި ވެއްޓިގެން ދިޔައެވެ.
"އިއާން ކުރިކަންތަކުގެ ޒިންމާ ނަގަންޖެހޭނީ އިއާން އެކަނި، މި ފެމިލީ އެއްވެސް މީހަކު އެކަމުގައި ޝާމިލް ނުވާނެކަން އިއާން ދަންނާތި، ލޯލާރިއެއްވެސް އިއާންގެ އެއްވެސް ކަމަކަށް މި ޢާއިލާއިން ޚަރަދު ނުކުރާނެ، އިއާން ދޭ އެގެއަށް، މިރެއިން މިރެއަށްވެސް އެ ކައިވެނި ކުރޭ، އިއާން ބޭނުން ނުވިޔަސް އަހަރެމެންނަށް ލިބެން މި އުޅޭ ބަދުނާމުން އަހަރެމެން ސަލާމަތްކޮށްދޭން އިއާން ޖެހޭނެ، އޭނައާއި އިނުމަކުން ހައިރާންވާނެ ބަޔަކު ނުތިބޭނެއެއްނު، މި އޮތްހުރިހާ ދުވަހުވެސް އިއާން އުޅުނީ އޭނައާއެކު، އިއާން ނިކަން ވިސްނާލަބަލަ، ސައިފްކަހަލަ ނިކަމެތި ހާލެއް ޖެހިފައި އިން އިންސާނެއްގެ ދަރިއަކާއެކު އިއާން ތި ކުޅެނީ ކޮންފަދަ ނުބައި ކުޅިގަނޑެއްތަ؟ ކިހިނެއް އެމީހުންނާ ކުރިމަތިލާނީ އަހަރެމެން؟ ކިހިނެއް މި ދުނިޔެއަށް ދެން މޫނު ދައްކާލާނީ އަހަރެމެން؟" އިއާންގެ ބައްޕަ ދައްކަމުން ދިޔައީ ހަގީގަތާ މުޅިން އެއްގޮތް ވާހަކަތަކެކެވެ. އެއިން ކޮންމެ ޖުމްލައަކުން އިއާންއަށް އޭނަގެ ކުޑަކަން އިހްސާސްވަމުން ދިޔައެވެ. ނިކަމެތިކަން ލިބެމުން ދިޔައެވެ.
ބުނާނެ އެއްޗެއް ނޭނގިފައި އިންދާ، އިތުރު އެއްޗެއް ބުނުމަކާ ނުލާ ރިޒްވީ އައިކޮޅަށް ހިނގައިގަތެވެ.
"މާދަމައިން ފެށިގެން މިގޭތެރެއިން އިއާން ފެނިގެން ނުވާނެ." ދޮރާ ހަމައަށް ގޮސްފައި ބައްޕަ ބުނި މި ޖުމްލަ ބުނެލިގޮތުން، އިއާންގެ ބައްޕަ ހަމަ ހަގީގަތުގައިވެސް އެގެއިން އިއާން ބޭރުކޮށްލީކަން އިއާންއަށް ގަބޫލުކުރެވުނެވެ. ޚަރަދާއި އެހީތެރިކަމާއެކު ޢާއިލީ ގުޅުންވެސް ކަނޑާލީއެވެ. މަންމަ ރޮއިރޮއިފައި އެއްޗެހި ކީނަމަވެސް ބައްޕަގެ ނިންމުންތައް އަންނާނީ އެ ދަރަޖައިންކަން ކުރިންވެސް އިއާންއަށް އޮތީ ވިސްނިފައެވެ.
އެނދުގައި އަތްވިދެލައިގެން އެއިން ގޮތުން ގުޑާލެވުނީ ކުޑަ މޭޒުމަތީ އޮތް ފޯން ވައިބްރޭޓް ވާން ފެށުމުންނެވެ.
***
އަނެއް ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޝިއުނާގެ ރައްޓެއްސެއްގެ ގެއިން އިއާން ޝިއުނާއާ ބައްދަލުކުރިއެވެ.
"ކާކުގެ ކުއްޖެއް އަސްލުވެސް ތިއީ.؟" ޝިއުނާގެ އެކުވެރިޔާގެ ކޮޓަރީގައި ޝިއުނާގެ އިންތިޒާރުގައި އިން އިއާންއަށް ޝިއުނާ ފެނުމާއެކު ކުރީ މި ސުވާލެވެ. އިތުރު ވާހަކައެއްވެސް ދެއްކުމެއް ނެތެވެ.
ޝިއުނާގެ ފައިތިލަ ބިންމަތީގައި ތަތްލެވިކަހަލައެވެ. ހުއްޓެވުނީއެވެ.
"އަދިވެސް އިއާން ކުރަނީ ތި ސުވާލުތަ؟ އިއާން ނޫން މީހަކާ އަހަންނަކާ އެއްވެސް ގުޅުމެއް ނެތްކަން އިއާންއަށް ހަމަ ރަނގަޅަށް އެނގޭނެ." އިއާންގެ ސުވާލަށް ޝިއުނާ ޖަވާބު ދިނެވެ.
"އެހެންނަމަ ކީއްވެ މިހުރިހާ ދުވަހު ނުބުނެ ހުރީ، ކީއްވެގެން ތިކަމަށް ހައްލެއް ނުހޯދީ؟" އިއާންއަށް އެ ސަބަބެއް އަސްލުވެސް ނުވިސްނެއެވެ. އިއާން ހަނދާނުގައި ނެތީ ޝިއުނާ އިއާންއަށް ގުޅި އަދަދެވެ. މެއިލްތައް ކުރި އަދަދެވެ. ޗެޓުންވެސް ވާހަކަ ދައްކަން ޝިއުނާ ކުރި ހިތްވަރެވެ. އެ ހުރިހާ ކަމަކީވެސް އޭނަ މޫނު އަނބރާލާފައި ހުރި ކަންތައްތަކެވެ.
"ބުނެވޭނީ އިއާން އަހަރެން ދައްކާވާހަކަ އަޑުއަހައިގެން ދޯ؟" ޝިއުނާ އެކަމަށް ކުރި މަސައްކަތް އެނގޭނީ ޝިއުނާއަށެވެ.
"ދެން ނުބުނެވުނު އިރު ކީއްވެހޭ ހައްލު ނުހޯދީ؟ ހައްލު އޮތެއްނު؟" އިއާން އޭނަގެ ސުވާލު ތަކުރާރުކޮށްލިއެވެ.
"ހައްލު؟ ކޮންތާކު އޮތް ހައްލެއްތަ؟" މަލާމާތުގެ ގޮތަކަށް ޝިއުނާ އަހާލިއެވެ.
އިރުގަނޑެއްވަންދެން ޝިއުނާގެ މޫނަށް ބަލަން އިއާން އިނެވެ. ދެން ކުއްލިއަކަށް ތެދުވެގެން ގޮސް ކުރިމަތީގައި ހުރި ޝިއުނާގެ ދެކޮނޑުގައި ހިފައި ވާހަކަ ދައްކާން އިއާން ފެށިއެވެ.
"މިވަރު ބޮޑު މަޅިއެއްގައި އަހަންނަކަށް ނެތް ބަނދެވޭކަށް، ފެމިލީއާއި މުޅި ދުނިޔޭގެ ނަފްރަތު އަހަންނަށް ލިބުނަސް ތިވަރުގެ ބޮޑު ކަމަކަށް އަހަރެން އަދިއެއް ރެޑީއެއް ނޫން...އަހަރެންގެ ކޯސް ނުނިމޭ އަދި، އަހަރެންނަށް އަހަރެންގެ ފެމިލީއާއި ވަކިންނެއް ނޫޅެވޭނެ، ހިނގާ، ހެޔޮ ނުވާނެ ހިނގާ ހޮސްޕިޓަލަށް، އަހަރެމެން އަމިއްލައަށް ގޮސް ބުނެގެން ގައިމުވެސް އެބޯޓް ކުރެވޭނެނު. " ޝިއުނާގެ ދެކޮނޑުގައި ހިފައިގެން ހުރެގެން އއާން ވިސްނައިދިނީ ހަމައެކަނި އޭނައަށް ރަނގަޅުވާނެ ގޮތެވެ. ރޭ ހަތަރުދަމު ވިސްނީމަވެސް އެކަމަށް ލިބުނު އެންމެ މޮޅު ހައްލަކީ ހަމަ އެއީއެވެ.
އިއާން ދެއްކި ވާހަކަ އަޑުއިވިފައި ޝިއުނާގެ މޫނު ރަތްވެގެން ދިޔައީ ރުޅިންނެވެ. ހަމަ ވަގުތުން އޭނަގެ ދެކޮނޑުގައި ހިފަހައްޓާފައި ހުރި ދެއަތް ފޮޅުވާލިއެވެ.
"އަހަރެން ކިތަންމެ ގޮތްކުޑަވިޔަސް އަހަންނެއް ނުކުރާނަން އެބޯޝަނެއް. ދުވަހަކުވެސް ނުކުރާނަން. އަހަންނާ ނީނަސް ނުކުރާނަން، ކިތަންމެ ބޮޑު ބަދުނާމެއް ވިޔަސް ނުކުރާނަން." ގަދަ އަޑުން ޝިއުނާބުނެލިއެވެ.
"އިއާން ހީކުރީ ހަމަ ކޮންމެވެސް މީހެއްގެ ބޮލުގައި މަޅިއެއް އަޅުވަންވެގެން އަހަރެން މީހަކު ބޭނުންވަނީ ކަމަށްތަ؟ އެހެންނަމަ އަހަރެން ކީއްކުރަން އިއާންގެ ފަހަތުން އަންނަންވީ؟ އިއާން ދިޔައީ އަހަރެން ދޫކޮށްލާފައި، ދެން ކީއްކުރަން އަހަރެން އިއާންގެ ފަހަތުން ދާންވީކީ؟ އިއާންގެ ދަރިއެއް ވީމަ އަހަރެން އިއާން ގާތަށް އައީ. އެހެން ނޫންނަމަ ދުވަހަކުވެސް އަހަރެންވެސް ބޭނުމެއް ނޫން ތިމީހާއާއި ގާތްކަމެއް ބާއްވާކަށް." ކަރުނައިގެ އަސަރު ހުރި އަޑަކުން ޝިއުނާ ބުނެލިއެވެ.
"އޯކޭ، ނުކުރަންޏާ ނުކުރޭ، އެކަމަކު އަހަންނެއް ތިކަމުގައި ނުހިމެނޭނެކަން ހަނދާން ކުރާތި، އަހަރެން ދަންނަ މީހެއްވެސް ނޫން ތިއީކީ މީގެ ފަހުން، އަހަންނަށް އެނގޭނެ މީހުންގެ ސުވާލުތަކަށް ޖަވާބުދޭން ވެސް." އިއާންގެ ހުށަހެޅުމަށް ޝިއުނާގެ ނަފްރަތުން ޖަވާބު ލިބުމުން ދުރަށް ޖެހި ހުރި އިއާން ޢަޒުމާއެކު ބުނެލިއެވެ. އަދި އަނބުރާލާފައި ކުރިންވެސް އިށީނދެ އިން ގޮނޑިއާ ދިމާލަށް ހިނގައިގަތެވެ. ނަމަވެސް ނީށީނދެވެނީސް އިއާންގެ އަތުގައި ޝިއުނާ ހިފިއެވެ.
"ޕްލީޒް އެހެން ނަހަދާ، މިދަނޑިވަޅުގަ އަހަރެން އެކަނި ނުކޮށްލާ، އަހަރެންވެސް އެބޯޝަން ހަދަން ވިސްނިން، އެކަމަކު އަހަންނަކަށް ނުކެރުނު، ނުކެރި ނުކެރި ހުރެފަ ކެރުނުއިރު މާ ލަސްވެއްޖެ، ހަތަރުމަހުގެ ފަހަތުން އެބޯޝަން ކޮށްނުދޭނެ، ޕްލީޒް މެރީ މީ، އަހަރެން ވިހެއީމަ އެއްވެސް ޝަކުވާއެއް ނުކުރާނަން އަހަރެން، އިއާންއަށް އަހަރެން ޑިވޯސް ކޮށްލާފަ ދެވޭނެ، ޕްލީޒް، އައިއެމް ބެގިން ޔޫ، ޕްލީޒް." އިއާންގެ އަތުގައި އޮޅުލައިގެން ހުރެ ކަހަލަ ގޮތަކަށް ޝިއުނާ ރޮއިގަތެވެ.
"އަހަރެން ފަހަކުން ނުދާނަން އިއާންގެ ފެމިލީއަށް އުނދަގޫކުރާކަށް ވެސް، އެންމެ ދުވަހަކުވެސް ނުދާނަން. ޕްލީޒް، ޕްލީޒް، ޕްލީޒް.......މެރީ މީ" ޝިއުނާގެ އާދޭހަކީ އެއީއެވެ. އެދެމީހުންގެ ވެސް ސަލާމަތްއޮތީ އެގޮތުގަކަން ޚުދު އިއާންއަށް ވެސް ގަބޫލުކުރެވެއެވެ. އެކަމަކު އެ ކައިވެނި އޭނަ ކުރާނީ ކިހިނެއް ހެއްޔެވެ؟ ޝިއުނާއަށް ނުވިސްނޭތީ އިއާން ކަންބޮޑުވިއެވެ.
***
ހަމަ އެ ދުވަހުގެ އެ ހަވީރެވެ. ރަސްފަންނުގައި ހަދާފައިވާ މަސްބާނާ ތަނުގައި، ހަވީރުގެ އެ ހިތްގައިމު ވަގުތުކޮޅުގެ އުފާ ލިބިގަންނަން ގޮސް ތިބި އެތައް ބަޔަކަށް ފުރަގަސް ދީގެން މާ ދުރުގައި ހުރީ އީމާއެވެ. އެކަނި މާ އެކަންޏެވެ. ނޫޖީންސަކާއި އަތްދިގު ރަތްކުލައިގެ ގަޔަށް ދޫ ކުރުތާއެއް ލައިގެންނެވެ. ބޮލުގެ އިސްތަށިގަނޑު އެއްވެސް ކަހަލަ ހިފެހެއްޓުމެއް ނެތި ވައިގެ ތެރެއަށް ދޫކޮށްލެވިފައެވެ.
ކުއްލިއަކަށް އީމާ މޫދާއި ދިމާލަށް ގުދުވިއެވެ. އަތުން އެއްޗެއް ދޫވެގެން ވެއްޓުމުން އެ ނަގަން ގުދުވި ކަހަލައެވެ.
"ވެއްޓިދާނެ...!" އީމާގެ އުނަގަނޑުގައި ދެއަތުން ހިފަހައްޓާފައި މިހެން ބުނެލީ ނަދީމްއެވެ.
އީމާއަށް ތެޅިގަނެވުނެވެ. އަވަހަށް ހަށިގަނޑު ސީދާކޮށްލެވުނެވެ. ދެން ވެސް ނަދީމް އޭނަގެ އުނަގަނޑުން އަތް ނުނެއްޓުމުން އަމިއްލައަކަށް އީމާ ދުރަށް ޖެހިލިއެވެ. ބަލަން ތިބި އެތައް ބަޔެއްގެ މޫނުމަތިން އެކިކަހަލަ ނުރުންތެރިކަން އީމާއަށް ފެނުނެވެ.
"ވަރަށް ލަސްވެއްޖެ ދޯ އަހަންނަށް؟" ނަދީމް ވެސް ހަމަޖެހިލާފައި އަހާލިއެވެ.
ތެދެކެވެ. ނަދީމް ވަރަށް ލަސްކޮށްފިއެވެ. ނަދީމް އައިސް އެހެރީ އޭނަ ކައިރީ އަންނަން ބުނި ގަޑިއަށްވުރެ ސާޅީސްފަސްމިނެޓް ފަހުންނެވެ. އަނބުރާ ގެއަށް ދާން ހިތަށް އަރައަރާ ހުއްޓައެވެ.
"ނޫނޭ، އެހާ ލަހެއްނުވޭ." ހަގީގަތަކީ އެހެން އެއްޗެއްކަމަށްވިޔަސް، ނަދީމްގެގޮތް އެނގޭތީ، އާނއެކޭ ވަރަށް ލަސްވެއްޖެއޭ ބުނާކަށް އީމާއަކަށް ނުކެރުނެވެ.
"އެހެންވެއްޖިއްޔާ ހެޕީ،" މޫދާއި ދިމާލަށް ނަދީމްވެސް އެނބުރުނެވެ. އީމާވެސް ނަދީމް އާއި ދިމާލަށް ބަލާލާފައި އަނެއްކާވެސް މޫދާއި ދިމާލަށް އެނބުރުނެވެ.
"މީގެ ކުރިން މިކަހަލަ ތަންތަނުން އަހަރެމެން މީޓް ކުރިޔަސް މިހާރަކު ނުޖެހޭނެ އަސްލު މިހެން ބޭރުތެރެއިން ބައްދަލުކުރާކަށް ވެސް، އީމާ އުޅެނީ ބޮޑު ގެއެއްގަ އެކަނިމާއެކަނި، މާ ފަސޭހަވީހެއްނު ތިގެއިން މީޓްކޮށްލި ނަމަވެސް." ނަދީމް ބުނެލިއެވެ.
ނަދީމްއާ ދިމާލަށް އީމާއަށް ބަލާލެވުނެވެ.
މިހާރަކު އޭނަ އާއި ނަދީމްއާ ދެމެދު "ލޯބީގެ" ގުޅުމެއް ނެތެވެ. އެކިއެކި ބަހަނާގައި އޭނައާ ބައްދަލުކުރަން ނަދީމް އެދެނީ ކީއްވެގެންކަމެއް އީމާއަކަށް ނުވިސްނެއެވެ. އަދި އެއިން ކޮންމެ ފަހަރަކު ގެއިން ބައްދަލުކުރުމަށް ނަދީމް އެހާ ބާރުއަޅާތީ އީމާއަށް އުނދަގޫ ވެއެވެ. އެކަމަކު އަނެއްކާވެސް، މިފަދަ އެއްޗެއް ނަދީމްއާ ދިމާލަށް ބުނެވޭކަށް ނެތެވެ.
"އަސްލު ކޮންކަމަކު ބައްދަލުކޮށްލަން ބޭނުމޭ ބުނީ؟" އީމާ އެތަނަށް އައީ ނަދީމް ބުނެގެންނެވެ. އެހެންވީމަ އެ ސަބަބެއް އަވަހަށް އެނގޭހިތް އީމާ ވިއެވެ.
"ވާހަކައެއް އަޑުއަހައިފިން، އެހެންވެ...." ނަދީމް އީމާއާއި ދިމާލަކަށް ނުބަލައެވެ. ބަލަމުންދިޔައީ މޫދާއި ދިމާލަށެވެ. ތަނަވަސްކަމާ އެކު ފެތުރިފައި އޮތް އުޑާ ދިމާލަށެވެ.
"ކޮން ވާހަކައެއް؟" އީމާގެ ހިތް ބިރުން ތެޅިގަތެވެ.
"އިއާންގެ ކުރީގެ ގާރލްފްރެންޑް ޕްރެގްޔޯ އެބަކިޔާ، އީމާއަށް އެނގޭތަ އެކަން؟" ހިނިތުންވުމާ ފަތަޙައާ އެކު މިހެން ބުނެލާފައި އީމާއަށް ނަދީމް ބަލާލިއެވެ. އީމާ ބިރުގަތް ކަންތައް ވީއެވެ. އެހާ އަވަހަށް ނަދީމްގެ ކަންފަތަށް އެވާހަކަ އެރީވެސް ކިހިނެއް ހެއްޔެވެ.
"އޮފްކޯޒް، އީމާއަށް އެނގޭނެ، ނޭގިއެއް ނުހުންނާނެ،" ނަދީމް ހީގަތެވެ. އީމާއަކަށް އެއްޗެއް ނުބުނެވުނެވެ.
"އެހެންވީމަ، ކޮންމެ ގޮތެއްވިޔަސް އިއާންވެސް ދާނީ އެކޮޅަށްތާ ދޯ؟ އެ ފެމިލީ މީހުންނަށް އެކަން އެނގުނީމަ ދެނެއް އިއާންއަކަށް ވެސް ހެދޭނެ ގޮތެއް ނޯންނާނެނު؟ އެކަމަކާ ދެކޮޅެއް ނެހެދޭނެ ގައިމުވެސް އިއާންއަކަށް، ނޫންތަ؟ ސޯ ، އީމާ ފްރީވީނު؟ ހެޕީއެއް ނޫންތަ؟" ނަދީމްގެ މޫނުމަތިން ވެސް އަދި އަޑުން ވެސް އީމާއަށް ފާހަގަ ކުރެވުނީ މަލާމާތެވެ.
"ކީކޭ ބުނަން ތިއުޅެނީ؟" ނަދީމްއަކީ ކޮން ކަހަލަ މީހެއްކަން އެންމެ ރަނގަޅަށް އެނގޭނީ އޭނައަށް ކަމުގައިއީމާ ގަބޫލުކުރެއެވެ. އެގޮތަށް އެ ވާހަކަ ދެއްކުމުގައި ނަދީމްގެ ނުބައި ރޭވުމެއް އޮންނާނެކަން އީމާއަށް ޔަގީންވަމުން ދިޔައެވެ.
"މިހާރު އަހަރެމެން މެރީކުރަން ނެތެއްނު އެއްވެސް ހުރަހެއް؟" ނަދީމް ބުނެލީ ދިމާލަށެވެ. ސާފުބަހުންނެވެ. ކުރު އިބާރާތަކުންނެވެ.
އީމާއަށް ލިބުނީ ހައިރާން ކަމެކެވެ. އަދިވެސް އަދިވެސް ނަދީމްއަށް އޭނަގެ ޖަވާބު ގަބޫލު ނުކުރެވޭތީ އީމާ ހަމަ އަންތަރީސް ވެއެވެ. ނަދީމްއަކީ އަޅެ ފަހެ ކޮންކަހަލަ މީހެއްބާއޭ އީމާގެ ހިތަށް އަރަމުން ދިޔައެވެ. ނަދީމއާ އޭނަ ވަކިވީ އެދެމެދަށް "ހުރަހެއް" އައިސްގެނެއް ނޫނެވެ. ނަދީމްއާއި އޭނައާ ދެމީހުންގެ މިޒާޖު ތަފާތުކަމުން މަސްލަހަތު ހުރިގޮތަކީ ވަކިވުން ކަމަށް ބުނެފައެވެ. އެކަމަކު އަދިވެސް އެތަންކޮޅު ނަދީމްގެ ހަނދާނަކު ނުހުރެއެވެ. އެންމެ ދުވަހަކުވެސް އެ ވާހަކައެއް ނަދީމް ނުދައްކައެވެ.
ނަދީމްއާއި ވަކިވިއިރު ވަރަށް ސާފުކޮށް ވެގެން އުޅޭގޮތް ނަދީމްއަށް އީމާ ކިޔައިދިނެވެ. އެކަމަކު ނަދީމް އެކަން ނެގީ މުޅިން އެހެން ގޮތަކަށެވެ. ހުރިހާ އިލްޒާމެއް ނަދީމް އެޅުވީ އިއާން ބޮލުގައެވެ. އިއާން ވެގެން ދިޔައީ ނަދީމްގެ ނަފްރަތު ލިބުނު މީހަކަށެވެ.
"ނަދީމް، އެއްވެސް އިރެއްގަ ހުރަހެއް އޮވެގެނެއް ނޫނެއްނު އަހަރެމެން ވަކިވީ، އަހަރެމެން މި ވާހަކަ ދެއްކީމެއްނު ވަރަށް ގިނައިންވެސް، މަސްލަހަތަށްނު އަހަރެމެން ވިސްނީ؟" އީމާ މަސައްކަތްކުރީ އޯގާތެރި އަޑަކުން ނަދީމްއަށް އެދެމީހުންގެ ނިންމުމުގެ ހަނދާން އާކޮށްދެވޭތޯއެވެ.
"އޯކޭ، މަސްލަހަތު، ރަނގަޅު ވާހަކައެއް، އެކަންކަން އަހަރެމެންނަށް މަޑުމަޑުން ބަދަލުކޮށްލެވިދާނެ، އެކަމަކު މިހާރަކު ނެތެއްނޫންހޭ ޖެހޭނެ މައްސަލައެއް، އޭރު މައްސަލައަކަށްވީ މީހާ އެ ދިޔައީނު ދެން." ނަދީމްއަށް އަބަދުވެސް ވިސްނޭނީ އެހެން އިންސާނުން ވިސްނާގޮތާ ތަފާތުކޮށެވެ. އެދެމެދުގައި އޮންނަ އެންމެ ބޮޑު މައްސަލަ އެއީއެވެ.
"އެއް އިރެއްގައިވެސް ހުރި މީހެއް ނޫނޭ އެއީ، އަހަރެން ބުނީމެއްނު؟" އީމާ އަނެއްކާވެސް ހަނދާން އާކޮށްދިނެވެ.
"އެހެންވިއްޔާ ހިނގާ މެރީ ކުރަން." ނަދީމްގެ އަސްލު މަގްސަދު ވަރަށް ރީތިކޮށް ނަދީމް ހާމަ ކުރިއެވެ.
ނަދީމްއާ ދިމާލަށް ބަލަހައްޓައިގެން އީމާއަށް ހަމަ ހުރެވުނީއެވެ. ނަދީމްގެ ސިކުނޑިން ބައެއް އުނީބާއޭ އީމާގެ ހިތަށް އެރިއެވެ. -- ނުނިމޭ --