"އެހެންވިއްޔާ ހިނގާ މެރީ ކުރަން." ނަދީމްގެ އަސްލު މަގްސަދު ވަރަށް ރީތިކޮށް ނަދީމް ހާމަ ކުރިއެވެ.
ނަދީމްއާ ދިމާލަށް ބަލަހައްޓައިގެން އީމާއަށް ހަމަ ހުރެވުނީއެވެ. ނަދީމްގެ ސިކުނޑިން ބައެއް އުނީބާއޭ އީމާގެ ހިތަށް އެރިއެވެ.
ނަދީމްއާ ރައްޓެހިވެގެން އުޅުނު ދުވަސްވަރަކީ އީމާ ނަފްސާނީ ބައްޔަކަށް އަމިއްލައަށް ހުށަހެޅިގެން ހުރެވުނު ދުވަސްތަކެކެވެ. ނަދީމަށް ގަބޫލުކުރަން ކިތަންމެ ދަތިވި ނަމަވެސް އެއީ ހަގީގަތެކެވެ. އެ ގުޅުމާ ދުރަށް ދާން ކުރިން އޭނައަށް ނުކެރި ހުރިނަމަވެސް މިހާރު އީމާއަށް ކެރެއެވެ. ދަނޑިވަޅު ބަލާފައި އީމާ އެހެރީ ނަދީމްއާ ގުޅުން ކަނޑާލާފައެވެ. ހިފެހެއްޓުމާއި ގަދަކަމުން ކަންކަން ކުރުވުމުގެ އުޞޫލު ގެންގުޅޭ ނަދީމް އާއި އީމާ ވަކިވީ އެކަހަލަ އެތައް އެތައް ސަބަބަކާހެދިއެވެ.
ނަދީމްގެ އެއިން އެއްވެސް ކަމަކަށް ބަދަލެއް ނައުމުގެ އިތުރުން ޚުދު އީމާގެ ހިތް ނަދީމްއާ ދޭތެރޭ އަދި ބަދަލެއް ނުވެއެވެ. ދެނެއް ދެގޮތެއް ނުވެސް ވާނެއެވެ. އެކަމަކު ނަދީމް އެހެރީ އިއާންގެ ވާހަކަ އަޑުއިވުމާއެކު އަލުން އަނބުރާ އޭނަގެ ޙަޔާތަށް އައުމަށް އަތުކުރި އޮޅާލާފައެވެ. އެކަމަކު އެއީ މިހާރު ދެން އަމުދުން ވާނެ ކަމެއް ނޫނެވެ.
"ވިއްސާރަވެސް ވާން ކަންނޭނގެ އެ އުޅެނީ، އަހަރެން ދެން ދަނީ އިނގޭ." ނަދީމްއާ ދޭތެރޭ ކުޑަކޮށް ވިސްނާލަން ހުރެފައި އީމާ ގަސްތުކުރީ އަވަހަށް ދިއުމަށެވެ. ބަހަނާއެއް އަތްމަތި ކުރުމަކީ ފަސޭހަ ކަމެއްކަމަށް ނުވިނަމަވެސް ހިތްވަރު ކޮށްފައި އީމާ ނެގީ ވިއްސާރައިގެ ވާހަކައެވެ.
"އަދި ދެންމެ ނު އަހަރެން މިއައީ. މަޑުކޮށްލަބަލަ އަދި ކުޑަކޮށް." ކޮންމެ ކަމެއްގައިވެސް، ކޮންމެ ވާހަކައެއް ދެއްކިނަމަވެސް ނަދީމަށް އަބަދުވެސް އިސްކުރެވޭނީ ޚުދު ތިމާއެވެ. ނަދީމްގެ އެންމެ ބޮޑު މައްސަލައަކީ އެއީ ކަން އީމާގެ ހަނދާނަށް އައެވެ.
"އެއީ ދެން ނަދީމް ލަސްކުރީނު، އަހަރެން ކައިރީ ބުނި ގަޑިއަށް އަހަރެން ހުރީ އައިސް." ގަދަކަމުން އީމާ ހީލިއެވެ.
"އާނ ދޯ، އެހެންވީ ގެއަށް އެއްޗެއް ގަނެދީފައި އަންނަން ޖެހުނީމަ، ލަހުން ވިޔަސް އާދެވިއްޖެތާ ދޯ؟ ދެން ބުނެބަލަ، އަހަރެން މި ދެއްކި ވާހަކައަށް ކީކޭ ބުނަނީ، ހިނގާ މެރީކުރަން." ހުރިހާ ވާހަކައެއް އެއްފަރާތް ކޮށްފައިވެސް ނަދީމް ދެއްކީ ނަދީމްގެ އަމިއްލަ ވާހަކައެވެ. އީމާއަށް ނަދީމް ދެކެ ނުރުހުން ވެވުނެވެ.
"ހަގީގަތް އެއްވެސް މީހަކަށް ގަބޫލުކުރަން ފަސޭހަ ނުވާނެ، އަހަންނަށްވެސް އެނގޭ ނަދީމަށް ވެސް ވާނީ އެހެންކަން، އެކަމަކު ނަދީމްއަށް އެނގޭތަ، ވީ ޑޯންޓް ހޭވް އެނީތިންގ ކޮމަން، އަހަރެމެން ދެމީހުންނަކީ އުޑާބިމާހާ ތަފާތު ވިސްނުމެއް ގެންގުޅޭ ދެމީހުން، ދެން ކިހިިނެއް އަހަރެމެން ދެމީހުން ގުޅިގެން އުޅޭނީ، ކުރިންވެސް އަބަދު ޖެހޭ މައްސަލަތައް ދެން ޖެހޭނީ މާ ބޮޑު މައްސަލަތަކެއް ގޮތަށް، އަހަންނަކަށް އެހާ ކުދި ކުދި ކަންތައްތަކާ ހިފީމަ ކަމަކު ނުދޭ، ލާ ހެދުން، ޖައްސާ ލިޕްސްޓިކް، އަރާ ފައިވާން، އިސްތަށިގަނޑު ބަހައްޓާގޮތް، މިކަހަލަ ކަންތައްތަކާ ބޮޑު ޒުވާބަކަށް ކޮންމެ ފަހަރަކު ދާން އަހަންނަކަށް ކަމަކު ނުދޭ، މިވާހަކަ އަހަރެމެން ދައްކައިފީމު، ދެމީހުން މިތިބީ ވާހަކަ ދައްކައިގެން ވަކިވެފަ، މިހާރު މި ދެމެދަކު ނެތް އެފަދަ އެއްވެސް ގުޅުމެއް، ތިއީ ހަމަ އެކަނި ރައްޓެއްސެއް އަހަރެންގެ، އެކަން އެގޮތަށް އޮތަދިނުންހެން އަހަންނަށް ހީވަނީ ބުއްދިވެރިވާނީ." ނަދީމްގެ ހުރި އަމިއްލަ އެދުންބޮޑުކަމާހެދި ނުރުހެވުނުލެއް ބޮޑުކަމުން އީމާ ފަތިވަރެއްހެން އެ ވާހަކަތައް ދެއްކީ ނަދީމަށް ހަނދާން ކޮށްދިނުމަށެވެ. އެދެމީހުންނަކީ ގުޅުމަށްވުރެ ވަކިވުން ރަނގަޅު ދެމީހެއްކަމަށް ހަނދާން ކޮށްދިނެވެ.
އީމާގެ މޫނަށް ބަލަހައްޓައިގެން ނަދީމް އިރުގަނޑަކު ހުއްޓެވެ. ދެން އެއްވެސް އެއްޗެއް ނުބުނެ މޫދާ ދިމާލަށް އެނބުރި ހުރެއްޖެއެވެ. ނަދީމް ވިސްނަނީއެވެ. ދެވަނަ ފަހަރަށްވެސް އެ ވާހަކަ ފަށާނެ ގޮތަކާ ދޭތެރޭ ވިސްނަނީއެވެ. އެކަމަކު އީމާ އެ ވާހަކަތައް ދެނެއް އަޑުއަހާކަށް ބޭނުމެއް ނުވިއެވެ.
"ދަނީ އިނގޭ އަހަރެން." މިހެން ބުނެފައި އީމާ ހިނގައިގަތީ ދިއުމަށެވެ.
އެތަނުގެ ފުޅާމިން ހުރަސްކޮށް ގޮސް ސިޑިންފައިބަން ފެށުމުގެ ކުރިން އީމާ ބަލާލިއިރުވެސް ކުރިން ހަމަ ހުރި ގޮތަށް ނަދީމް އެތަނުގައި ހުއްޓެވެ. އީމާ ފަހަތަކުން ނާދެއެވެ. ކުރާނެ ކަމެއް ނެތޭ ހިތަށް އަރުވާލާފައި އީމާ ހިނގައިގަތީއެވެ. ރަސްފަންނު ފަސްދީ ގޮސް ސޯޝަލް ސެންޓަރާ އަރާ ހަމަވެވިއްޖެއެވެ. ޓެކްސީއެއް ފެނޭތޯ އަތްނަގަމުން އީމާ ދިޔައެވެ.
"ހިނގާ އަހަރެން ގެންގޮސްދޭނަން." ޓެކްސީއަކަށް އަތްނަގައިގެން ހުރި އީމާގެ އަތުގައި ހިފާފައި ހުއްޓުވީ ނަދީމްއެވެ. ނަދީމް އޭނަ ފަހަތުން އަތުވެދާނެއޭ ހީނުކުރެވިހުއްޓާ ފެނުމުން ހައިރާން ވިއެވެ.
"އަންނާނަން ސައިކަލް ނަގައިގެން، މަޑުކޮށްލާ" މިހެން ބުނެފައި، އީމާ ބުނާނެ އެއްޗަކަށް ބަލާވެސް ނުލާ ނަދީމް ދުއްވައިގަތީ ސައިކަލް ނެގުމަށެވެ.
ނަދީމް ބަދަލެއް ނުވާނެޔޭ އީމާ ހިތަށް އެވަގުތުވެސް އެރިއެވެ. ނަދީމްއާ ދޭތެރޭ ވިސްނާލަން ހުއްޓާ ސައިކަލް ހިފައިގެން އަތުވެއްޖެއެވެ.
"އަހަރެން ދާނީ ޓެކްސީއެއްގަ." ނަދީމްގެ ފަހަތަށް އީމާ އަރަން ބޭނުން ނުވާނެ ކަމަކަށް ނަދީމަށް ހަމަ ގަބޫލުވެސް ނުކުރެވުނެވެ.
"ކީއްކުރަން ދެން ރުފިޔާ ބޭކާރު ކުރަނީ، އަރާ، އަހަރެން ގެންގޮސްދޭނަން." ނަދީމް ވާހަކަ ދެއްކީ ހިނިތުންވުމާއި އެކުގައެވެ.
"ނޫނެކޭ." އީމާއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ. ނަދީމްގެ ކަންތައް ހުންނަ ގޮތުން ނުރުހެވުނުވަރުން މޫނު އަނބުރާލެވުނެވެ.
ގަސްތަކާނުލާ ކޮށްލެވުނު އެ ހަރަކާތުން އީމާއަށް ހީވީ ފެންއެއްޗެއް މެއަށް އޮއްސާލިހެންނެވެ. ދެތިންފޫޓް ކައިރީގައި، ސައިކަލެއްގެ މަތީގައި އިއާން އިނެވެ. އެދެމީހުންނަށް ބަލަހައްޓައިގެންނެވެ. އެމީހުން ދެއްކި ވާހަކަވެސް އިއާންއަށް އަޑުއިވޭ ހިސާބުގައެވެ.
"ނަދީމް ދޭ އަވަހަށް." އިއާންގެ ނަޒަރަށް ނަދީމް އާއި އޭނަގެ ހަގީގަތް އެނގިދާނެތީ އީމާ ބޭނުންވީ އެތަނުން ނަދީމް އަވަހަށް ފޮނުވާލުމަށެވެ. އިއާންއަށް ނޭނގޭނެހެން އީމާ އެހެން ބުނީ އެހެންވެއެވެ.
"އޯކޭ، މިރޭ ގުޅާނަމޭ އިނގޭ، ބައި." އީމާ ކިތަންމެ ވާހަކައެއް ދެއްކިނަމަވެސް ނަދީމްގެ ކިބައިން ފެންނަނީ ހަމަ އެއްގޮތެކެވެ. އީމާ ދެއްކި އެއްވެސް ވާހަކައަކީ ވާހަކައަކަށް ނުވެއެވެ. މަންޒަރު ފެނުނު ކޮންމެ މީހަކަށްވެސް ހީވާނީ ނަދީމް އަކީ އީމާގެ ވަރަށް ގާތް މީހެއް ކަމަށެވެ. ނަދީމް ސައިކަލް ދުއްވާލީ އެގޮތް ދައްކަމުންނެވެ.
މި މަންޒަރު ބަލަން އިން އިއާންއަށް އީމާ އެކަނިވިތަން ފެނިފައި ސައިކަލް ސްޓާޓްކޮށް، އީމާކައިރިއަށް ދިޔައެވެ. އަދި ދިމާ ކުރިމަތީގައި ކަހަލަ ގޮތަކަށް ސައިކަލް މަޑުޖައްސާލާފައި އީމާ އާއި ހަތަރުކަޅި ހަމަ ކުރިއެވެ.
"ނަދީމް ދޯ؟" އެނގެން ބޭނުންވެގެން އަހާލާ ކަހަލަ ގޮތެއް އިއާންގެ އަޑާއި ރާގުގައިވެސް ހުއްޓެވެ. ފާޑެއްގެ ހަސަދަވެރިކަމެއް ވެސް އެ މޫނުމަތިން އީމާއަށް ފެނުނެވެ. އެހެންނަމަވެސް އިއާންގެ އެ ސުވާލަށް ޖަވާބުދޭންވެސް އީމާ ހިތަށް ނޭރިއެވެ.
"މި ދުވަހަށް އީމާ ވަރަށް ތައްޔާރުވެގެން ހުރިހެން ހީވޭ." އިއާންގެ އެ ޖުމްލައިގެ މާނައެއް އީމާއަށް ނުވިސްނުނެވެ. ނަމަވެސް އިއާންއާ ވާހަކަ ދައްކާހިތް ނެތުމުން އެ ބުނީ ކީކޭތޯ ވެސް އީމާ ނޭހިއެވެ.
"އަހަންނަކަށް ހިއެއް ނުވޭ ތިއީ އަހަރެންގެ އެއްވެސް ކަމަކާ ބެހެން ޖެހޭނެ މީހެއް ހެނެއް." އީމާ ބުނެލިއެވެ.
"އޯވހ..." އިއާން އަށް ހަގީގަތުގައިވެސް ކަމެއް ހަނދާންވި ކަހަލައެވެ.
"މިހާރު މަގު އަމާންވީނު، ދެން އޭނައާ އެކު ބޭނުންކަމެއް ކުރެވޭނެ އީމާއަށް، ކައިވެންޏަށް ދަޢުވަތު ލިބޭނެ ކަމަށް ހީކުރަން." އިރުގަނޑަކު އަނގައިން ނުބުނެ އިނދެފައި އިއާން ބުނެލީ މިހެންނެވެ.
އީމާ ހައިރާންވިއެވެ. ކައިވެންޏޭ ކިޔައިގެން އަނގަ ހުޅުވަން ވެސް އިއާންއަށް ކެރޭތީއެވެ. އޭނަގެ ހަޔާތާ އެކު ނުބައި ކުޅިގަނޑެއް ކުޅެފައި އަދިވެސް މަލާމާތް އެކުރަނީ އޭނައަށެވެ.
"ހަމަ އެގޮތަށް، ޝިއުނާއާ އެކު ވެސް އޮތް ރޮމޭންޓިކް ގުޅުން ދެން ނުޖެހޭނެނު ސިއްރު ކުރާކަށް، ބައްޕައަކަށް ވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް މިހާރު ހުރަހެއް ނެތި އިއާންއަށް ވެސް ކުރެވޭނެ، އާ ޙަޔާތަށް މަރުޙަބާ." އީމާ ކޮށްލީ މަލާމާތެވެ. ކުރީ ޖެއްސުމެވެ.
އީމާގެ މޫނުން ފެންނަ ވިހަ ހިނިތުންވުމަށް ބަލަހއްޓައިގެން އިއާން އިރުކޮޅަކު އިނެވެ. ދެން ކުއްލިއަކަށް ސައިކަލް ސްޓާޓް ކޮށްލައިގެން ދުއްވާލިއެވެ. އެ ބޮޑު ސައިކަލާއި އެ ސައިކަލް މަތީ އިން ރީތި އިންސާނާ ލޯކުރިމަތިން ގެއްލެންދެން ބަލަހައްޓައިގެން އީމާއަށް ހުރެވުނެވެ. ތަދުވާ ހިތަކާއި ދިލައަރާ ލޮލަކާ އެކުގައެވެ.
***
އީމާއާ ދިމާވުމުން ލިބުނު ހިތްދަތިކަމުގައި އިއާން ސައިކަލް ދުއްވާލީ ގެއާ ދިމާލަށެވެ. ކޮޓަރިއަށް ވަދެވުނު ކަމެއް ނޭނގެއެވެ. ތަޅުދަނޑިފަތި އެނދުމައްޗަށް ހޫރާލެވުނެވެ. ކޮޅު ކޮޅަށް ކޮޓަރިތެރޭ ހިނގެނީއެވެ. ހާސްވެގެން ރުޅިގަދަވެގެންނެވެ. އަމިއްލަ ނަފްސުގެ ކުށުންނެވެ.
ހާސްވަނީ ނަދީމްއާ އެކު އީމާ ފެނުމުންނެވެ. ނަދީމްއާ ގުޅުން އޮތްކަން އެނގޭތީއެވެ. އެގޮތަށް އޭނައަށް މަލާމާތްކޮށް ޖެއްސުން ކުރީތީއެވެ. ދެން ދުވަހަކުވެސް އީމާއާ ހަމައަށް ވާޞިލުވުމުގެ ހައްގު އޭނައަށް ނެތްކަން އެނގޭތީއެވެ. ގަދަކަމުން ވިޔަސް އީމާގެ ޙަޔާތުން އޭނަ ހޯދި މަގާމްގައި ދެން ހުންނާނީ ނަދީމްކަން އެނގޭތީއެވެ.
އީމާ އާއި ނަދީމަކީ އެއްވެސް ގުޅުމެއް ނެތް ދެމީހުންކަމެއް ނޭނގޭ އިއާންއަށް ދިޔައީ ކުށްހީ ކުރެވެމުންނެވެ. އެދެމީހުންގެ ގުޅުމާ މެދު ހަސަދަވެރިވެވެމުންނެވެ. އެ ހަސަދައިގައި ކެތްކުރަން ދަތި މިންވަރަކަށް ހިތް އަނދަމުން ދިޔައެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ. މުޅި އުމުރަށް ވެސް ދެން އީމާ ގެއްލުނީކަން އެނގޭތީ ރުޅިއާދެވުނެވެ.
ހަދާނެ ނަހަދާނެ ގޮތެއް ނޭނގިފައި ހުރެގެން ގޮސް ސޯފާގައި އިށީނދެވުނެވެ. ފޯން ނަގައި މެސެޖެއް ލިޔަން ފެށިއެވެ.
***
އެރޭގެ ކެއުމުގެ ވަގުތެވެ. އިއާންގެ ގޭގައި އަށްގަޑިފަނަރަވީއިރު ހުރީ ރެއަށް ކާން ތައްޔާރު ކުރެވިފައެވެ. ރިޒްވީ އާއި އާލިޔާ ކާކޮޓަރިޔަށް ދިޔައިރު އެތަނުގައި އުޅެނީ ޢިލްމާ އެކަންޏެވެ.
"އިއާންއަށް ގޮވައިފިންތަ؟" ރިޒްވީއަށް ހުއްޓެވުނީ މި ސުވާލު އޭނަގެ އަމިއްލަ އަނގައިން ނުކުތް ފަހުންނެވެ. އެ އަޑަށް އާލިޔާއަށްވެސް ހުއްޓުން އެރިއެވެ.
"އިއާން، އިއާން ހިނގައްޖެ." މަޑުމައިތިރި އަޑަކުން އިލްމާ ބުނެދިނެވެ.
ރިޒްވީ އާއި އާލިޔާއަށް ވެސް ލިބުނު ސިހުން ޢިލްމާއަށް ފެނުނެވެ. ގަދަކަން ދައްކަން މަސައްކަތް ކުރަމުން އިށީނީ ރިޒްވީއެވެ. އިތުރު ސުވާލެއް ވެސް ނުކޮށް އާލިޔާ ހިނގައިގަތީ އިއާންގެ ކޮޓަރިއާއި ދިމާލަށެވެ. ޓަކިޖެހުމެއް ނެތި ދޮރު ހުޅުވާލިއެވެ.
ކޮޓަރިއަށް ބަލާލުމުން އިއާން ދިޔަހެނެއް ހިއެއް ނުވެއެވެ. އެއްވެސް އެއްޗެއް އެތަނުން މަދުހެނެއް ހިއެއް ނުވެއެވެ. އާލިޔާ ގޮސް ބަލައިލީ ހެދުންތަކާއި އެފަދަ އެހެން ސާމާނުތައް ބަހައްޓާފައި ހުރި ތަނެވެ.
ރަނގަޅެވެ. ޢިލްމާ ބުނީ ރަނގަޅަށެވެ. އިއާން އެންމެ ޢާއްމުކޮށް ލާން ގެންގުޅޭ ގަމީސް، ޓީޝާޓް، ޖީންސް، ބޫޓްފަދަ ތަކެތި އެތަނުގައި ނެތެވެ. އެހެން ހުރިހާ އެއްޗެއް އެބަހުއްޓެވެ.
އަލަމާރީގައި އަޅުވާފައި ހުރި ޓީޝާޓްތަކުގެ ތެރެއިން ޓީޝާޓެއްގައި ހިފަހައްޓައިގެން ހުރި އާލިޔާއަށް ހަގީގަތް ތަސައްވަރު ކުރެވެން ފެށިއެވެ. އޭނަގެ ދަރިފުޅު އެ ގެ ދޫކޮށް ހަމަ ހަގީގަތުގައިވެސް ދިޔައީހެއްޔޭ އަމިއްލަ ހިތާ ހިތާ ސުވާލު ކުރެވުނެވެ.
އިއާންގެ އެ ޓީޝާޓް ގެނެސް ނޭފަތުގައި އާލިޔާއަށް ޖައްސާލެވުނެވެ. އެއާއެކު ދެލޯމެރިގެން ދިޔައެވެ. އިންތިހާ ލޯބިން ގެންގުޅެ ބޮޑުކުރި ދަރިފުޅު ގެއިން ނެރެ އެއްލާލެވިއްޖެކަމުގެ ހިތްދަތި އަސަރުން ދެލޯ ބަރުވެއްޖެއެވެ. އިއާންގެ ޓީޝާޓުގައި ލޯތްބާއެކު އާލިޔާއަށް ބޮސްދެވުނެވެ. ކިތަންމެ ނުރުހިފައި ހުރިނަމަވެސް މަންމަ ކައިރީ ބުނެވެސް ނުލާ އިއާން ދިޔައީތީ ހިތުގައި ޝަކުވާ އުފެދުނެވެ. ހަމަ އެންމެ ފަހަރަކު ބުނެލާއިރަށް، އެހާފަސޭހައިން އެގެއާއި މަންމައާއި ބައްޕައާ ވަކިވެގެން ދާން އިއާން އަށް އެހާ ފަސޭހަވީތީ އާލިޔާގެ ހިތަށް ތަދުވިއެވެ.
***
"ތެންކްސް އިނގޭ ވަރަށް ބޮޑަށް." އިއާން އަލަށް އައި ގޭގެ ކޮޓަރިތެރެއަށް ދަބަސްތައް ވައްދާ ނިންމާފައި ހިންދެމިލަމުން އިއާން ޝުކުރު އަދާކުރީ އިއާންގެ ވަރަށް ގާތް އެކުވެރިއެއް ކަމަށްވާ ރަވީއަށެވެ. އިއްތިފާގަކުން ރަވީގެ ބޮޑު ގޭގެ އެޕާޓްމަންޓަކުން އެއްކޮޓަރި ހުސްވީއެވެ. މަހަކު ނުވަހާހަށް ކުއްޔަށްދޭ އެ ކޮޓަރި ރަވީ އިއާން އަށް ދިނީ ހިލޭ ސާބަހަށެވެ.
"އޯކޭ އޯކޭ، ފޯރ ދަ މިލިއަންތް ޓައިމް" ރަވީ ހިނިގަނޑެއް ޖަހާލިއެވެ. އަދި ތަޅުދަނޑިފަތި ދީފައި ހިނގައިގަތެވެ.
ރަވީ ދިއުމުން އިއާން އެ އަގުބޮޑު ކޮޓަރީގެ އެނދުގައި އިށީނދެފައި ފޯން ނެގިއެވެ. އަދި ނަންބަރަކަށް ގުޅަން ފެށިއެވެ. އެ ގުޅި ނަންބަރަކުން ފޯން ނުނަގައެވެ.
ދެން ލިޔުނީ މެސެޖެކެވެ.
"މާދަން ހެނދުނު ނުވައަކަށް އޭޑީކޭއަށް އަންނާތި، އަހަރެން އެތަނުގައި ހުންނާނަން، އޭގެ ކުރިން އަހަރެން ދައްކަން ބޭނުން އެއްވެސް ވާހަކައެއް ނެތް. ސީޔޫ ދެއަރ." މެސެޖް ފޮނުވާލިއެވެ.
އަނެއްކާ އަނެއް މެސެޖް ވެސް ލިޔަންފެށިއެވެ.
"އަހަރެން ވަރަށް އަވަހަށް ފުރަން ޖެހޭނެ، ކޯޓްގައި މެރި ކުރެވޭގޮތަށް ވިޔަސް މައްސަލައެއް ނެތް، އެންމެ އަވަހަށް ލިބެން އިން ދުވަހެއް ބަލާފަ މަށަށް އަންގާލަދީބަލަ." ދެވަނަ މެސެޖް ވެސް އޭގެ ރައްދުވާފަރާތަށް ފޮނުވާލިއެވެ.
"މޮމް، އައި ލެފްޓް، ބައްޕަ ބުނިހެން އަހަރެން ނުކުމެއްޖައިން ގެއިން، އަހަންނަކަށް އަދި ނޭނގެ އަހަރެން ހަދާނީ ކިހިނެއްކަމެއް، އެކަމަކު އަހަރެންގެ ސަބަބުން ދިމާވި ކަންތަކުގެ ޒިންމާ އަހަރެން ނަގާނަން، ސޯ ސޮރީ ފޯރ އެވްރީތިންގ މޮމް، ހޯޕް ޔޫ ވިލް ފޮރގިވް މީ މޮމް. މިސް ޔޫ." ތިންވަނަ މެސެޖްވެސް އޭގެ ވެރިފަރާތަށް އިއާން ފޮނުވާލިއެވެ.
ހިމޭންކަމާއެކު ފޯނަށް ބަލަހައްޓައިގެން އިރުކޮޅަކު އިއާން އިނެވެ. ދެން ކުއްލިއަކަށް ހަށިގަނޑު ސީދާ ކޮށްލާފައި ހަމަޖެހިލިއެވެ. އަދި ނަންބަރަކަށް ޑައިލްކުރަން ފެށިއެވެ.
"ހަލޯވ، އީމާ؟ އައި ނީޑް ޓު ސީ ޔޫ ޓުނައިޓް، ދިހައެއްޖަހާއިރު ދާނަން ތިގޭދޮށަށް، ދިމާވާނެތަ؟ " އީމާ ފޯން ނެގުމުން އިއާން އޭނަގެ މަގްޞަދަށް އެދުނެވެ. -- ނުނިމޭ --